Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން އިސްލާމީ ނަޒަރަކުން.... ދޭތެރެ ދުރުކުރުމާއި ދަރިން ނުލިބޭގޮތް ހެދުން.

އިސްލާމީ ނަޒަރަކުން.... ދޭތެރެ ދުރުކުރުމާއި ދަރިން ނުލިބޭގޮތް ހެދުން.

islamee-dheythere-dhurukurun-13* ދޭތެރެ ދުރުކުރުމަކީ ކޮބާ؟
* އިސްލާމީ ޝަރީޢަތުގައި ދޭތެރެ ދުރުކުރުމުގެ ހުކުމަކީ ކޮބާ؟
* ދަރިން ނުލިބޭގޮތް ހެދުމަކީ ކޮބާ؟
* އިސްލާމީ ޝަރީޢަތުގައި ދަރިން ނުލިބޭގޮތް ހެދުމުގެ ހުކުމަކީ ކޮބާ؟

އިސްލާމްދީން ދެކޭގޮތުގައި ނަސްލު ނުވަތަ ދަރިފަސްކޮޅަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ވަރަށްބޮޑު ނިއުމަތެކެވެ. ކަހަފު ސޫރަތުގެ 46 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا

މާނައަކީ: ''މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.''

ހަމައެފަދައިން އިސްލާމް ދީން ވަނީ ނަސްލު ނުވަތަ ދަރިފަސްކޮޅު ރައްކާތެރި ކުރުމަކީ އިސްލާމް ދީނުގައި ރައްކާތެރިކޮށް ހިމާޔަތް ކުރަން ޖެހޭ 5 ކަންތަކުގެ ތެރޭގައި ހިމާނާފައެވެ. އެއީ ދީނާއި، ނަފުސާއި، ބުއްދިއާއި، މުދާ އަދި ނަސްލު ނުވަތަ ދަރިފަސްކޮޅެވެ.

ދަރިފަސްކޮޅު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މިކަމަށްޓަކައި ކުޑަދަރިފުޅަށް މަންމައާއި ބައްޕަގެ ހިމާޔަތްތެރިކަން ލިބެންޖެހެއެވެ. މިކަމަށްޓަކައި ރަނގަޅު މަންމައަކު ނުވަތަ ބައްޕަޔަކު ޝަރީއަތާއި އެއްގޮތްވާ ގޮތުގެ މަތިން ވަކި އިންތިޒާމަކުން ވަކި އުސޫލަކުން ހޯދަން ޖެހެއެވެ. ނޫރު ސޫރަތުގެ 32 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވަނީ: وَأَنكِحُوا الأَيَامَى مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ إِنْ يَكُونُوا فُقَرَاءَ يُغْنِهِمْ اللَّهُ مِنْ فَضْلِهِ

މާނައަކީ: "ތިޔަބައިމީހުންގެ ތެރޭން މީހުންނާއި ނުއިދެ ތިބޭމީހުންނާއި ތިޔަބައިމީހުން ކައިވެނި ވާށެވެ. އަތި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި އަންހެން އަޅުންގެ ތެރެއިން ހަޔޮލަފާ ޞާލިޙު މީހުންނާއިއެވެ. އަބައިމީހުންނީ ފަގީރުން ކަމުގައިވާނަމަ އަކަލާނގެ ދީލަތްތެރި ވަންތަ ކަމުގެ ތެރޭން އެކަލާނގެ އެބައިމީހުން މުއްސަދި ކުރައްވާފާނެތެވެ.''

ދަރިފަސްކޮޅު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ދަރިންމަރުމާއި ބަނޑުގައިވާ ދަރިފުޅު ވައްޓާލުމަކީ އިސްލާމް ދީނުގައި ކަދައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެކެވެ. ސޫރަތުއް ތަކުވީރުގެ 8-9 އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: وَإِذَا الْمَوْءُودَةُ سُئِلَتْ * بِأَيِّ ذَنْبٍ قُتِلَتْ

މާނައަކީ: "އަދި ދިރިތިއްބާ ވަޅުލެވުނު އަންހެން ދަރިންނާ ސުވާލު ކުރެއްވުނު ހިނދެވެ. އެކުދިން ޤަތުލު ކުރެވުނީ ކޮންކުށެއްގެ ސަބަބުން ހެއްޔެވެ؟''

އަދިވެސް ސޫރަތުލް އިސްރާއުގެ 31 ވަނަ އާޔަތުގައި ވަނީ: وَلا تَقْتُلُوا أَوْلادَكُمْ خَشْيَةَ إِمْلاقٍ نَحْنُ نَرْزُقُهُمْ وَإِيَّاكُمْ إِنَّ قَتْلَهُمْ كَانَ خِطْئاً كَبِيراً

މާނައަކީ: "ފަޤީރުވެދާނެ ކަމުގެ ބިރައްޓަކައި ތިޔަބައިމީހުން ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ. ތިޔަބައިމީހުންނާއެކު އެދަރީންނަށް ތިމަން ރަސްކަލާނގެ ރިޒުޤު ދެއްވަމެވެ. ހަމަކަށަވަރުން އެދަރީން މެރުން ބޮޑުވެގެންވާ ކުށެއް ކަމުގައި (އެބަހީ: ފާފައެއްކަމުގައި) ވެއެވެ.''

އަދިވެސް އަންޢާމް ސޫރަތުގެ 151 ވަނަ އާޔަތުގައި ވަނީ:وَلا تَقْتُلُوا أَوْلادَكُمْ مِنْ إِمْلاقٍ نَحْنُ نَرْزُقُكُمْ وَإِيَّاهُمْ

މާނައަކީ: ''ފަޤީރުވެދާނެ ކަކަށް ބިރުން ތިޔަބައިމީހުންގެ ދަރީން ނުމަރާށެވެ. ތިޔަބައިމީހުންނަށާއި އެދަރީންނަށް ރިޒުޤު ދެއްވަނީ ތިމަން ރަސްކަލާނގެއެވެ."

ވުމާއެކު ފަގީރުވެދާނެ ކަމަށް ބިރުން ނުވަތަ ލިބޭ މުސާރައިން ދެކޮޅު ނުޖެހެޔޭ ކިޔާފާ ދަރިން މެރުމަކީ ނުވަތަ ދަރި ވައްޓާލުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް ދެކޮޅުހަދާ ކަމެކެވެ. އަދި ލިބޭ ލާރިކޮޅު މަދުވެގެން ދަރިން ނުހޯދައި ތިބުމަކީވެސް އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ.

ދަރިންގިނަވެ އާބާދީ އިތުރު ވުމަކީ ފަގީރުކަމާއި ޖާހިލުކަން ބޮޑުވާ ކަމެއް ކަމުގައި އިސްލާމްދީން ގަބޫލެއް ނުކުރެއެވެ. އަދި މިއަދު އިސްލާމީ ގިނަ ގައުމުތަކަށް ވެރިވެފައިވާ ފަގީރުކަމަކީ އެއްގޮތަކަށްވެސް މިކަމާ ގުޅުން ހުރި ކަމެއް ކަމަށް އިސްލާމް ދީން ގަބޫލެއް ނުކުރެއެވެ. އަދި ކިއެއްތަ މިއަދު މިފަދައިން ދިމާވެފައިވާ ގިނަ ގައުމުތަކަށް މިހެން ދިމާވެފައިވަނީ މީސްތަކުންގެ ކައްނެތްކަމާއި ގައުމުގެ އާއްމުދަނީ ރަނގަޅުގޮތުގައި ބެހިގެން ނުދިއުމާއި ފަސާދަ ގިނަވުމާއި ނުފޫޒު ގަދަމީހުން ގައުމުގެ އާއްމުދަނީ އިން ބޮޑުބައެއް ވަގަށް ނަގާތީއެވެ.

ދޭތެރެ ދުރުކުރުމަކީ ކޮބާ؟

ދޭތެރެ ދުރުކުރުމަކީ ވަކި ވަސީލަތެއް ނުވަތަ ވަސީލަތްތަކެއް ބޭނުންކޮށްގެން ވަގުތީގޮތުން ދަރިން ނުލިބޭގޮތް ހެދުމެވެ. އެއީ ދެމަފިރިން ބޭނުންވާ ގޮތެއްގެ މަތިން ނުވަތަ ޞިއްހީ ހާލަތު ތަންދޭ ގޮތެއްގެ މައްޗަށް ބިނާކޮށް ބަލިވެއިންނަ އިނުމުގައި ދެކުދިން ވިހެއުމުގެ ނުވަތަ ދެފަހަރަށް ބަލިވެއިނުމުގެ ދޭތެރެ ދުރުކުރުމެވެ. މިގޮތުން ދޭތެރެ ދުރުކުރުމަށް ބޭނުން ކުރާ ވަސީލަތްތަކަކީ:-

1- ޠަބީޢީ ވަސީލަތްތައް:

ހ- ގާތުން ދިނުން: ގާތުން ދިނުމަކީ ގާތުންދާ ދުވަސްވަރު ބަލިވެއިނުމުގެ ފުރުޞަތު ކުޑަކުރާ ކަމެކެވެ. މިއީ އިސްލާމްދީން ވަރަށް ބާރުއަޅާކަމެކެވެ. ބަޤަރާ ސޫރަތުގެ 233 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ: وَالْوَالِدَاتُ يُرْضِعْنَ أَوْلادَهُنَّ حَوْلَيْنِ كَامِلَيْنِ

މާނައަކީ: "އަދި ކިރުދިނުމުގެ މުއްދަތު ހަމަކުޅައުމަށް އެދޭ މައިން ދެއަހަރު ދުވަސް ހަމަވާންދެން ދަރިފުޅަށް ކިރުދޭހުއްޓެވެ.''

ށ- ޖިންސީ ގުޅުން ނުހިންގުން: މިގޮތުން ދަރިން ލިބުމުގެ ފުރުޞަތު ބޮޑުވާ ދުވަސްވަރު (މައްސަރު ކަންތަކަށްފަހު ގާތްގަޑަކަށް ފަސް ހަދުވަސް ފަހުން) ޖިންސީ ގުޅުން ނުހިންގުން، ކައިވެނި ލަސްކުރުން ނުވަތަ އެއްގޮތަކަށްވެސް ޖިންސީ ގުޅުން ނުހިންގުން ހިމެނެއެވެ. މީގެތެރެއިން ކައިވެނި ލަސް ކުރުމާއި އެއްގޮތަކަށްވެސް ޖިންސީ ގުޅުން ނުހިންގުމަކީ އިސްލާމް ދީން ރުހޭ ކަމެއްނޫނެވެ. އަދި މިއީ ނަހީ ކުރައްވާފައިވާ ކަމެކެވެ.

2- ޠަބީޢީ ނޫން ވަސީލަތްތައް. (ޞިއްހީ ލަފާ ހޯދަންޖެހޭ ވަސީލަތްތައް)

ހ- ދޭތެރެ ދުރުކުރާ ގުޅަބޭސް ބޭނުން ކުރުން: ދޭތެރެ ދުރުކުރުމަށްޓަކައި ދެވައްތަރެއްގެ ގުޅަބޭހެއް ބޭނުން ކުރެވެއެވެ. އެއްވައްތަރަކީ ދެހޯމޯނެއްކަމުގައިވާ އެސްޓްރޯޖިން އާއި ޕްރޮޖެސްޓްރޯން ހިމެނޭ ގުޅަބޭހެކެވެ. މިބޭސް ބޭނުން ކުރަނީ މައްސަރު ކަންތައް ނިމޭދުވަހުން ފެށިގެން 3 ހަފުތާ ވަންދެނެވެ. ދެވަނަ ވައްތަރަކީ ހަމައެކެނި ޕްރޮޖެސްޓިރޯން ހޯމޯން ހިމެނޭ ގުޅަބޭހެކެވެ.

ށ- ދޭތެރެދުރުކުރާ އިންޖެކުޝަން ޖެހުން: މިފަދަ އިންޖެކުޝަނެއް ޖެހުމުން 3 މަސްވަންދެން ބަލިވެއިނުމުން ދުރު ކުރެއެވެ.

ނ- ހުރަސް ބޭނުންކުރުން: މީގެތެރޭގައި ސުއްނީއުރަޔާއި ފަރުޖައްލައްވާ ހުރަސް ހިމެނެއެވެ. މިއީ ބޭނުން ޖެހުމުން ބޭނުން ކުރާ ވަސީލަތެކެވެ. އެއީ ދަރިފަނި ބިހާހަމަޔަށް ދިޔަ ނުދިނުމަށްޓަކައި ބޭނުން ކުރާ ވަސީލަތެކެވެ.

އިސްލާމީ ޝަރީޢަތުގައި ދޭތެރެ ދުރުކުރުމުގެ ހުކުމަކީ ކޮބާ؟

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ގިނަދަރީން ހޯދުމަކީ ފަގީރުކަން އާއްމުވެ ގުދުރަތީ ވަސީލަތްތަކުން ނުފުއްދޭނެ ކަމެއްކަމުގައި ދެކުމަކީ ނުވަތަ ހީކުރުމަކީ ކުށްހީއެކެވެ. އަދި ރަނގަޅު ހިޔާލެއް ފުރެއްވެސް ނުމެނޫންމެއެވެ. އަދި ކިއެއްތަ މިއީ އިސްލާމީ ފިކުރާއި އުސޫލުތަކާއި ޚިލާފު ކަމެކެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔޭގައި ލައވާފައިވާ ހުރިހާ ދިރޭއްއެއްޗެއް ލައްވާފައި ވަނީ މަސައްކަތް ކުރުމުން އެއެއްޗަކަށް ބޭނުންވާނެ ރިޒުގު ލިބޭނެގޮތް މެދުވެރި ކުރައްވާފައެވެ. ހޫދު ސޫރަތުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: وَمَا مِنْ دَابَّةٍ فِي الأَرْضِ إِلاَّ عَلَى اللَّهِ رِزْقُهَا

މާނައަކީ: "އަދި މާތް ﷲ ރިޒުގު ނުދެއްވާ އެއްވެސް ދިރޭ އެއްޗެއް ދުނިޔެމަތީގައި ނުވެއެވެ.''

ދޭތެރެ ދުރުކުރުމަކީ ޖުމުހޫރުލް ފުޤަހާއު (ގިނަޢިލްމުވެރިން) ޝަރުތު ތަކަކާއި އެކު ހުއްދަ ކުރާ ކަމެކެވެ. މިގޮތުން ދޭތެރެ ދުރުކުރުން ހުއްދަ ކުރާ ޝަރުތު ތަކުގެ ތެރޭގައި ނުރުރުހުމުގައި ކުރާ ކަމަކަށް ނުވުމާއި އެވަސީލަތެއް ބޭނުން ކުރުންމުން ގެއްލުމެއް ނުވޭ ކަމެއްކަމުގައި ވުން ހިމެނެއެވެ. މީގެ އިތުރުން ދޭތެރެ ދުރު ކުރުމަކީ ދެމަފިރީން ރުހިގެން ބޭނުން ވެގެން ކުރާ ކަމެއް ކަމުގައި ވުމާއި ދަރިން ހޯދުން ލަސް ކުރަން ޖެހޭ ފަދަ ބޮޑު ސަބަބެއް އޮތުމަކީވެސް ވަރަށް ގިނަ އިލްމުވެރިން ކުރާ ޝަރުތު ތަކެކެވެ. މިކަން ހުއްދަކަމެއްކަމުގައި އިލްމުވެރިން ވިދާޅުވަނީ ކީރިރަސޫލާގެ އެކަން ސާބިތުވާފަދަ ހެކިތައް ނުވަތަ ދަލީލުތައް ލިބިފައިވާތީއެވެ. މާތް ﷲ ރުއްސުން ލެއްވި ޖާބިރުގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ: كُنَّا نَعْزِلُ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  وَالْقُرْآنُ يَنْزِلُ، وَلَمْ يَنْهَنَا

މާނައަކީ '' ﷲގެ ރަސޫލާ ދުނިޔާގައި ހުންނަވަނިކޮށް އަދި ކީރިތި ޤުރުއާން ބާވައި ލައްވަމުން ދިޔައިރު އަޅުގަނޑުމެން ޢަޒުލު ކުރަމުން ގެންދިޔައީމުއެވެ. (އެބަހީ: މަނިބޭރުވުމުގެކުރިން ޒަކަރު ނެރުން) އަދި އެކަން މަނައެއްނުކުރައްވައެވެ.'' އަދި ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ: ''މިނިވަން އަންހެނަކު އެކުބުލޭގެ ހުއްދައާއި ނުލައި ޢަޒުލުކުރުން ސަލާމާއި ޞަލަވާތް ލެއްވި ﷲގެ ރަސޫލާ ނަހީ ކުރައްވާފައި ވެއެވެ.''

ދަރިން ނުލިބޭގޮތް ހެދުމަކީ ކޮބާ؟

ދަރިން ނުލިބޭގޮތް ހެދުމަކީ ޖިންސީ ގުނަވަނަށް ވަކިގޮތެއް ހަދައިގެން ދަރިން ލިބުމުގެ ބާރު ކަޑުވައި އެއްގޮތަކަށްވެސް ދަރިން ނުލިބޭގޮތް ހެދުމެވެ. މިގޮތުން ކުރެވޭ ކަންތައް ތަކަކީ ފިރމީހާގެނަމަ މަނިދަތުރު ކުރާ ހޮޅި ބުރިކޮށްލުން ނުވަތަ ގޮށްޖެހުމެވެ. އަދި އަންހެނުންގެ ނަމަ ފެލޯޕިއަން ޓިއުބު ބުރިކޮށްލުން ނުވަތަ ގޮށްޖެހުމެވެ.

ފިރިހެނުންނަށް ދަރިން ނުލިބޭނެހެން ހެދުމަކީ ޖާހިލިއްޔަ ޒަމާނުގައިވެސް ކުރެވެމުން އައިކަމެކެވެ. މިގޮތުން އަޅު ފިރިހެނުންގެ ދެއޮށް ކަޑާލުން ހިމެނެއެވެ. އިސްލާމްދީން އައުމަށް ފަހު މިއީ ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެކެވެ.

ދަރިން ނުލިބޭ ގޮތް ހެދުމަށްޓަކައި ކުރެވޭ ކަންތަކަކީ އެފަދަ ކަމެއް ކުރުމުން ދެން ފަހުން އެއްގޮތަކަށްވެސް ދަރިން ނުލިބޭނެ ކަމެކެވެ. އެއީ ފެލޯޕިއަންޓިއުމުގައި ޖަހާފައިވާ ގޮށް މޮހެލިނަމަވެސް ދެން ފަހުން ބަލިވެއިނުމަކީ ވަރަށް ވަރަށް ނާދިރު ކަމެކެވެ.

އިސްލާމީ ޝަރީޢަތުގައި ދަރިން ނުލިބޭގޮތް ހެދުމުގެ ހުކުމަކީ ކޮބާ؟

ވަރުގަދަ ސިއްހީ ސަބަބަކާއި ނުލައި ދަރިން ނުލިބޭގޮތް ހެދުމަކީ ކަޑައެލިގެން ހަރާމް ކަމެއްކަމުގައި ހުރިހާ ދީނީ ފިޤުހު އިލްމުވެރިން އެއްބަސްވެލައްވައެވެ. އެއި ދަރިން ލިބިފައިވިޔަސް އަދި ލިބިފައި ނުވިޔަސް ވެހެވެ. މިކަން ހަރާމް ވުމުގައި ތިބީ ކިތަން ދަރިންތޯ ބެލުން އެއީ މުހިއްމު ކަމެއްނޫނެވެ. ކިތައްމެ ބައިވަރު ދަރިން ތިއްބަސް އަދި ދަރިން ބޮޑެތިވެފައި ތިއްބަސް ދަރިން ނުލިބޭގޮތް ހެދުމަކީ ކަޑައެޅިގެން ހަރާމް ކަމެކެވެ.

ނަމަވެސް އަންހެނުންނަށް ވަރުގަދަ ސިއްހީ ސަބަބަކާއެކު ދަރިން ނުލިބޭގޮތް ހެދުމަކީ ހުއްދަ ކަމެކެވެ. ވަރުގަދަ ސިއްހީ ސަބަބެއްކަމުގައި ބެލެވެނީ އަނބިމީހާ ބަލިވެއިނުމަކީ ނުވަތަ ވިހެއުމަކީ މައިމީހާގެ ފުރާނައަށް ނުރައްކާ ހުރިކަމެއްކަމުގައި އިތުބާރު ހުރި މުސްލިމު ޑޮކުޓަރަކު ލަފާދެއްވައިފި ކަމުގައިވާނަމައެވެ.

ފިރިހެނުންނަށް ދަރިންނުލިބޭގޮތް ހެދުން ހުއްދަވާފަދަ އެއްވެސް ސިއްހީ ސަބަބެއް ނޯވެއެވެ. އިޖުތިމާޢި އެއްވެސް ސަބަބަކީ ދަރިން ނުލިބޭގޮސް ހެދުން ހުއްދަ ކުރާ ކަމެއްނޫނެވެ. ވުމާއެކު އެއްވެސް ފިރިހެނަކު ދަރިން ނުލިބޭގޮތް ހެދުމަކީ ހަރާމް ކަމެކެވެ.

 

Comments