ހޮނިހިރު20180922

އާކުރެވުނީ: 08:43:52

އޯވަރީގައި ފެންބިހި އުފެދުން (Polycystic ovarian syndrome)

ovary-ga-fenbihi-ufedhun-80* އޯވަރީގައި ފެންބިހި އުފެދެނީ ކީއްވެ؟

* މިބަލީގެ އަލާމާތް ތަކަކީ ކޮބާ؟

* މިބަލި ހުރިތޯ ބަލައި ދެނެގަންނާނީ ކިހިނެއް؟

* މިބަލި ހުންނަމީހަކު ބަލިވެ އިންނަން ބޭނުން ވެއްޖެނަމަ ފަރުވާ ކުރާނީ ކިހިނެއް؟

* ބަލިވެ އިންނަން ބޭނުން ނުވާނަމަ ފަރުވާ ކުރާނީ ކިހިނެއް؟

* މިބަލި ހުންނަ މީހަކު އަމިއްލައަށް ފަރުވާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތަކަކީ ކޮބާ؟

* މިބަލި ޖެހުނަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅު ތަކަކީ ކޮބާ؟

އޯވަރީގައި ފެންބިހި އުފެދެނީ ކީއްވެ؟

އޯވަރީގައި ފެންބަޑި އުފެދެނީ އަންހެނުންގެ ހަށިގަނޑުގައި ފިރިހެން ހޯމޯން އިތުރުވުމުގެ ސަބަބުންނެވެ. އަދި އަންހެން ހޯމޯން މަދު ވުމުގެ ސަބަބުންނެވެ. ވުމާއެކު އޯވަރީގައި ބިސް އުފެދުން މަދުވެއެވެ. ބިސް އުފެދުމުގެ އިންތިޒާމު ގެއްލިގެން ދެއެވެ.

އޯވަރީގައި ބިސް އުފެދި ބޮޑުވާން ފަށާއިރު ފުރަތަމަ ބިސް އިންނަނީ ކޮތަޅެއްގެ ތެރޭގައެވެ. ބިސް ބޮޑުވެ ފުރިހަމަ ވުމާއެކު މިކޮތަލު ފަޅައިގެން ގޮސް ބިސް އޯވަރީން ބޭރުވެއެވެ. އޯވަރީގައި ފެންބަޑި އުފެދެނީ ބިސް ބޮޑުވާއިރު މިކޮތަޅު ފަޅައިގެން ނުދިއުމުންނެވެ. މިހެން ދިމާވަނީ ފިރިހެން ހޯމޯނާއި އަންހެން ހޯމޯން އެކުވުމުގެ ސަބަބުންނެވެ.

ބަލިވެއިންނަ އުމުރުގެ %5- %10 މީހންނަކީ މިބަލި ޖެހިފައި ތިބޭ މީހުންނެވެ.

މިބަލީގެ އަލާމާތް ތަކަކީ ކޮބާ؟

މިބަލި ހުންނަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ފަލަ މީހުންނެވެ. އަދި މޫނާއި، މޭމަތި އަދި ދަށްބަނޑުގައި އިސްތަށި ގިނަ މީހުންނެވެ. މީގެ އިތުރުން ހުންނަ އަލާމާތް ތަކަކީ:-

- މައްސަރު ކަންތައް އިންތިޒާމު ނުވުން. އާއްމުގޮތެއް ގައި މިހެން ވާން ފަށަނީ ފުރާ އުމުރަށް އަރާތާ ތިން ހަތަރު އަހަރު ފަހުންނެވެ.

- މައްސަރު ކަންތައް ދިމާވާއިރު ވަރަށް މަދުން ނޫނީ ވަރަށް ގިނައިް ލޭއައުން.

- ބިހިނެގުން.

- ބަލިވެ ނުއިނުން ނުވަތަ ބަލިވެ އިނުން ލަސްވުން.

މިބަލި ހުރިތޯ ބަލައި ދެނެގަންނަނީ ކިހިނެއް؟

އިސްވެދިޔަ އަލާމާތްތައް ހުންނަމީހަކު ޑޮކުޓަރަށް ދެއްކުމުން ޑޮކުޓަރު ބެލުމަށްފަހު މިބަލި ހުރިކަމަށް ޝައްކު ކުރެވޭނަމަ ހޯމޯންތައް ހުރިވަރު ބެލުމަށްތަކައި ލޭ ޓެސްޓު ކުރާނެއެވެ. މީގެ އިތުރުން ޔަގީން ކުރުމަށްޓަކައި ސްކޭން ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިބަލި ހުންނަމީހަކު ބަލިވެ އިންނަން ބޭނުން ވެއްޖެނަމަ ފަރުވާ ކުރާނީ ކިހިނެއް؟

ބަލިވެއިންނަން ބޭނުންނަމަ ހަށިގަނޑު ލުއިކުރަން މަސައްކަތް ކުރާށެވެ. އެއީ ބިސް އުފެދު ބޮޑުވެ ކޮތަޅު ފަޅައިގެން ދިޔުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ދަރިމައިވުން ލަސްވާ މިހުންނަށް ދެވޭ ބައެއް ބޭސް ބޭނުން ކުރެވިދާނެއެވެ. ހަށިގަނޑު ލުއި ކުރުމާއެކު މިބޭސް ބޭނުން ކުރުމުން %70 އާއި %90 ދެމެދުގެ މީހުން ބަލިވެއިދެއެވެ. މިބޭސް ބޭނުން ކޮށްގެންވެސް ނަތީޖާއެއް ނައިނަމަ އިންސިއުލިން ހޯމޯން އިތުރުކުރުމަށް އެހީތެރިވެދޭ ބޭހެއް ކަމުގައިވާ (metformin) ވެސް ބޭނުން ކުރެވިދާނެއެވެ. މިބޭސް ބޭނުން ކުރުމުން ދަރިމައިވުން ލަސްވާމީހުންނަށް ދެވޭ ބޭހުގެ ވަޒީފާ އިތުރުކޮށް ދިނުމުގެ އިތުރުން ބިސް އުފައްދައި ބޭރުކުރުމަށްވެސް އެހީތެރިވެދޭނެއެވެ. ނަމަވެސް މިފަދަ ފަރުވާ ކޮސްގެން ބަލިވެ އިންނަ މީހުންގެ ތެރެއިން %20 މީހުން ބައިގެންދެއެވެ.

ވަރަށްމަދު ބައެއް ހާލަތަތަކުގައި އޯވަރީގައި ހުންނަ މި ފެންބަޑިތައް އޮޕަރޭޝަން ކޮށްގެން ނެގުމަކީވެސް ދެވޭ ފަރުވާއެކެވެ. މި ފެންބަޑިތައް މިގޮތަށް ނެގުމުން ހަށިގަނޑުގެ ހޯމޯންތައް ޠަބީޢީ ގޮތުން ހުންނަން ޖެހޭ މިންވަރަށް ބެހެއްޓުމަށް އެހީތެރި ވެދެއެވެ. ނަމަވެސް ގިނަފަހަރު މިގޮތަށް ހުންނަނީ ދުވަސްކޮޅަކުއެވެ. ފަހުން އަނެއްކާވެސް މިފެންބަޑިތައް އުފެދޭގޮތްވެއެވެ.

ބަލިވެ އިންނަން ބޭނުން ނުވާނަމަ ފަރުވާ ކުރާނީ ކިހިނެއް؟

ބަލިވެއިންނަން ބޭނުން ނުވާނަމަ ދޭތެރެދުރުކުރާ ބޭސް ބޭނުން ކުރެވިދާނެއެވެ. މިބޭސް ބޭނުން ކުރުމުން ހޯމޯންތަށް ހަށިގަނޑުގައި ހުންނަން ޖެހޭ ޠަބީޢި މިންވަރަށް ގެނެސް ދިނުމުގައި އެހީތެރިވެދެއެވެ. ވުމާއެކު މޫނާއި މޭމަތި އަދި ދައްބަނޑުގައި ފަޅައިފައި ހުންނަ އިސްތަށިތައް ފައިބާ ހަންގަޑު ރީތިވާނެއެވެ.

މިބަލި ހުންނަ މީހަކު އަމިއްލައަށް ފަރުވާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތަކަކީ ކޮބާ؟

ހަށިގަނޑުން ފަލަ ނަމަ ރަނގަޅު ކާނާ ކެއުމާއިއެކު ހިކެން މަސައްކަތް ކުރާށެވެ. އަދި ގަވައިދުން ޑޮކުޓަރަށް ދަކައިގެން އޯވަރީއަށް އަންނަ ބަދަލުތައް ބަލަމުން ގެންދާށެވެ.

މިބަލި ޖެހުނަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅު ތަކަކީ ކޮބާ؟

މިބަލި ޖެހުނަ ނުދިނުމަށްޓަކައި އެޅޭނެ ފިޔަވަޅެއް ނޯވެއެވެ. އެންމެ ރަނގަލު ގޮތަކީ ކުރީކޮޅު ބަލި ބަލައި ދެނެގަނެ ފަރުވާ ކުރުމެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.