އާދީއްތަ20201018

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ވާންއުޅޭބައްޕަ.... ދަރިޔަކު ހޯދަން އުޅުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންތައްތައް

ވާންއުޅޭބައްޕަ.... ދަރިޔަކު ހޯދަން އުޅުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންތައްތައް

vaan-ulhey-bappa-kuranjehey-113ދަރިޔަކުހޯދަން ބޭނުންވާއިރު ހުރިހާ ދެމަފިރިން ކަހަލަ ގޮތަކަށް ބޮޑަށް އަމާޒު ކުރަނީ އަނބިމީހާގެ ފަރާތަށެވެ. ނަމަވެސް ވިސްނާށެވެ. މިކަމުގައި ފިރިމީހާގެ ދައުރު އަނބިމީހާއަށް ވުރެ ކުޑައެއް ނޫނެވެ. އަނބިމީހާ ވަރަށް ގިނަ ކަންތައް ކުރަން ޖެހޭ ފަދައިން ފިރިމީހާވެސް ވަރަށް ގިނަ ކަންތައް ކުރަން ޖެހެއެވެ.

* އަނބިމީހާއާއި އެކު ޑޮކުޓަރަށް ދިއުން.

* ތިމާގެ މީހުންގެ ހާލުއަހުވާލު ބެލުން.

* ރަނގަޅު ކާނާ ކެއުން.

* ދުންފަތާއި އަދި މަސްތުވާ ތަކެއްޗާއި ދުރުހެލިވުން.

* މަސައްކަތް ކުރާ މާހައުލުން ދިމާވާ ސިއްހީ މައްސަލަތަކާއި ބެހޭ މައުލޫމާތު ހޯދުން.

* ލިބެން އުޅޭ ދަރިފުޅަށްޓަކައި މިހާރުއްސުރެ ކޮންމެ މަހަކު ވަކިވަރަކަށް ފައިސާ ރައްކާ ކުރަން ފެށުން.

* ބައިސްކަލް ދުއްވުން މަދުކުރުން.

* އެކަށީގެންވާވަރަށް ހަށިގަނޑާއި ނަފުސަށް އަރާމު ހޯދައިދިނުން.

* ދީނީ އަޅުކަންތަކަށް ފަރުވާތެރިވުން.

އަނބިމީހާއާއި އެކު ޑޮކުޓަރަށް ދިއުން.

ހުންއައުމުގެ ކުރިން ރަޖާލާން ޖެހޭ ފަދައިން ބައްޕައަކަށްވާން ބޭނުންވާ ފިރިޔަކު ޑޮކުޓަރަށް ދެއްކުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ހާއްސަކޮށް ދުވަސްވީ ބައްޔެއް ހުންނަ ނަމައެވެ. ނުވަތަ ބޭހެއް ބޭނުން ކުރަމުން ދަނީނަމައެވެ. ބައެއް ބޭސްތަކަކީ ދަރިއަކު ހޯދަން ބޭނުންވާ ފިރިހެނަކަށް އެންމެ ރަނގަޅު ބޭހަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ލޭމައްޗަށްދާ މީހންނަށް ދެވޭ ބައެއްބޭސް ތަކެވެ. ބައެއް އެންޓިބަޔޮޓިކެވެ. ހުޅުހުޅުގެ ރިއްސުމަށް ދެވޭ ބައެއް ބޭހެވެ. އަދިވެސް މިނޫންވެސް ބައެއް ބޭސް ތަކެވެ. މިފަދަ ބޭސް ތަކުން ދަރިފަނި އެފައްދާ މިންވަރަށް ނުވަތަ ފެންވަރަށް ބަދަލުގެނެއެވެ. ނަމަވެސް މިފަދަ ގިނަ ބޭސް ތަކަކީ އެބޭހެއް ހުއްޓާލުމުން މިކަންތައްތައް ރަނގަޅުވާ ބޭސް ތަކެކެވެ. ވުމާއެކު މިކަންތައްތަކަށް ޑޮކުޓަރާއިއެކު މަޝްވަރާ ކުރުމަކީ ވަރަށް ފައިދާހުރި ކަމެކެވެ.

އަދި މިނޫނަސް ބައްޕައަކަށް ވުމަށް ހުރަސްއަޅާ ބައެއް ކަންތައްތައް ހުރެއެވެ. އާއިލާއާއި ގުޅުން ހުރި ކަންތަކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުން ހުރި ކަންތަކެވެ. ޖިންސީ ގުޅުން ހިންގުމާއި ގުޅުން ހުރި ކަންތަކެވެ. ވަޒީފާ ނުވަތަ މަސައްކަތް ކުރާ މާހައުލާ ގުޅުން ހުރި ކަންތަކެވެ. ވީމާ ދަރިޔަކު ހޯދަންބޭނުންވާ ދެމަފިރިން އެކީގައި ޑޮކުޓަރަށް ދައްކާށެވެ.

ތިމާގެ މީހުންގެ ހާލުއަހުވާލު ބެލުން.

ދަރިޔަކު ހޯދަންބޭނުންވާ ކޮންމެ ދެމަފިރިޔަކު އެމީހުންގެ ތިމާގެ މީހުންގެ ހާލު އަހުވާލު ބެލުމަކީ މުހިންމުކަން ކުޑަ ކަމެއް ނޫނެވެ. އެއިން އެއްވެސް މީހަކަށް މީގެ ކުރިންވެސް އަދި މިހާރުވެސް ސިއްހީ ގޮތުން އެއްވެސް އުދަކާއި ކުރިމަތި ލާން ޖެހިފައި ވޭތޯ ބަލާށެވެ. ފަހަރުގައި އެއީ ވިރާސީ ކަމަކާއި ގުޅުން ހުރި ބައްޔަކަށް ވެދާނެއެވެ. މިފަދަ ބަލިތަކަކީ އެންމެންގެ ހަށިގަނޑުން ފެންނަން ނެތަސް އާއިލާގެ ގިނަމީހުން ހިއްސާ ކުރާ ނުވަތަ ފުރުސަތު އޮތް ބަލިތަކެކެވެ. ހާއްސަކޮށް ޑައުން ސިނޑްރޯމް ބައެއްވައްތަރުގެ އެނީމިޔާ ފަދަ ބައެއް ބަލިތަކެވެ.

ހަމައެފަދައިން އާއިލާގެ އެއްވެސް މީހަކަށް ސިކުޑީގެ ބައްޔެއް ނުވަތަ ބޮޑުވުން ލަސްވުން ކަހަލަ ބައްޔެއް ޖެހިފައިވޭތޯ ބަލާށެވެ. މިގޮތުން ބަލާއިރު ޅަފަތުގައި ކުއްޖަކު މަރުވެފައި ވޭތޯއާއި ސޭކުވުން ފަދަ ކަމެއް ދިމާވެފައި ވޭތޯ ބެލުންވެސް ވަރަށް މުހިންމެވެ. މިގޮތުން ބަލާއިރު ދެމަފިރިންގެ އާއިލާގެ ހާލު އަހުވާލުވެސް ބަލަންޖެހޭނެއެވެ. އެއީ ދެމަފިރިންވެސް ފެންނަންނެތް ވިރާސީ ބަލިތަކެއް އުފުލާ ދެމީހުންނަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކަމަކަށް ޝައްކު ކުރެވޭނަމަ އިތުރު ޓެސްޓު ތަކެއް ހަދަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ރަނގަޅު ކާނާ ކެއުން.

އަނބިމީހާއާއި އެއްފަދައިން ފިރިމީހާވެއް ރަނގަޅު ކާނާ ކަން ޖެހެއެވެ. އެއީ ދަރިފަނި ފުރިހަމަކަން ގެނެސް ދިނުމަށް ރަނގަޅު ކާނާއަކީ ވަރަށް މުހިންމު އެއްޗެކެވެ. ރަނގަޅަށް ނުކެއުމާއި މަސްތުވާ ތަކެތި ބޭނުންކުރުމަކީ ދަރިފަނި އުފައްދާ މިންވަރު މަދުވެ އަދި އޭގެ ފެންވަރު ނުވަތަ ކޮލިޓީވެސް ދަށްކުރާ ކަމެކެވެ. ދަރިން ލިބުން ލަސްވުމުގައި އަނބިމީހާގެ ދައުރު ވާފަދައިން ފިރިމީހާގެ ދައުރަކީވެސް ކުޑަ ދައުރެއް ނޫނެވެ. ބަލިވެއިނުން ލަސްވާ ހާލަތް ތަކުގައި %40 އަކީ ފިރިމީހާއަށް ފަރުވާ ކުރުމުން ރަނގަޅުވާ ހާލަތް ތަކެވެ. ވުމާއެކު ފިރިމީހާ ރަނގަޅު ކާނާ ކެއުމަކީ އަނބިމީހާ ބަލިވެ އިނުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ.

ފިރިމީހާ ރަނގަޅު ކާނާ ކާންޖެހެނީ ހަމައެކަނި އަނބިމީހާ ބަލިވެ އިނުމަށްޓަކައެއް ނޫނެވެ. އަދިކިޔެއްތަ ކުޑަދަރިފުޅުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައިވެސް ފިރިމީހާ ރަނގަޅު ކާނާ ކާންޖެހެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަނބިމީހާ ބަލިވެ އިނުުގެ މަދުވެގެން އެއްމަސް ކުރީން ފެށިގެން ފިރިމިހާ ރަނގަޅު ކާނާ ނުކާނަމަ އަނބިމީހާ ބަލިވެ އިދެ ވިހާ ދަރިފުޅު އެހެން ކުދިންނަށް ވުރެ އާއްމުގޮތެއްގައި ލުއިވާނެއެވެ. ކުޑަ ދަރިފުޅު ލުއިވުމަކީ ދަރިފުޅުގެ ސިއްހަތަށާއި ސުލޫކަށް ވަރަށް ބޮޑެތި ގެއްލުން ވާކަމެކެވެ. މުޅިއުމުރަށް ކުޑަދަރިފުޅު ނިކަމެތި ކުއްޖަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އިތުރު މައުލޫމާތު ހޯދުމަށް ފިރިމީހާ ..... ރަނގަޅު ކާނާ ކެއުން ކިޔުއްވާށެވެ.

ދުންފަތާއި އަދި މަސްތުވާ ތަކެއްޗާއި ދުރުހެލިވުން.

ދުންފަތުގެ އިސްތިއުމާލް ކުރާމީހަކަށް ދަރިޔަކު ނުލިބޭނެޔޭ ބުނުން ތެދަކަށް ނުވާނެއެވެ. ނަމަވެސް މިއީ ފިރިމީހާގެ ހަށިގަނޑުގައި ފިރިހެން ހޯމޯން އުފައްދާ މިންވަރު މަދުކުރާ ސަބަބެކެވެ. އަދި މިކަމިގެ ސަބަބުން ދަރިފަނި އުފައްދާ މިންވަރުވެސް މަދުވެއެވެ. ހަމައެފަދައިން މިއީ އަނބިމީހަގެ އޯވަރީގައި ބިސް އުފެދުމުގެ ފުރުޞަތުވެސް ކުޑަ ކުރާކަމެކެވެ. ވުމާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދަރީން ލިބުމުގު ފުރުޞަތު ކުޑަކުރާކަމެކެވެ. ދަރީން ނުލިބޭނެ ކަމެއް ނޫނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ ދެމަފިރިޔަކަށް ދަރިން ލިބުނު ކަމުގައި ވީނަމަވެސް މިއީ ދަރީންގެ ސިއްހަތަށް ވަރަށް ނެދެވޭ އަސަރު ކުރާ ކަމެކެވެ. އެއީ މިކަމުގެ ސަބަބުން އުފެދުމުގެ ބައެއް ބަލިތައް ޖެހުމާއި އެކަށީގެންވާ ވަރަށް ބަރުނުވުން ފަދަ ދެރަ ކަންތައްތައް ކުޑަ ދަރިފުޅަށް ދިމާ ވުމަކީ ވަރަށް ގާތް ކަމެކެވެ. ވީމާ ދުންފަތުގެ އިސްތިއުމާލު ކުރާ ދެމަފިރިޔަކު ދަރީން ބޭނުން ނަމަ މަދުވެގެން އެއްމަސް ކުރީން މިކަމާއި ދުރުހެލިވާން ޖެހޭނެއެވެ.

މަސްތުވާ ތަކެއްޗަކީ ދުންފަތަށްވުރެވެސް މިކަމުގައި ނުރައްކާތެރި އެއްޗެކެވެ. ވިމާ ދަރިޔަކު ބޭނުންވާ މީހަކު ކޮކެއިން، ބަނގުރާ، ބިއަރު އަދި ވައން ފަދަ ހުރިހާ މަސްތުވާ ތަކެއްޗަކާއި މުޅިން ދުރުހެލިވާން ޖެހެއެވެ.

މަސައްކަތް ކުރާ މާހައުލުން ދިމާވާ ސިއްހީ މައްސަލަތަކާއި ބެހޭ މައުލޫމާތު ހޯދުން.

ދިވެހިރާއްޖޭގެ މަސައްކަތު މާހައުލަކީ ޖުމުލަ ގޮތެއްގައި ބުނާނަމަ މާބޮޑު ސިއްހީ ނުރައްކަލަކާއި ކުރިމަތިލާން ޖެހޭ މާހައުލެއްނޫނެވެ. ނަމަވެސް ކެމިކަލް މާއްދާ ތަކާއި ގުޅުން ހުރި ނުވަތަ ސިއްހީދާއިރާގައި މަސައްކަތް ކުރާ މީހުން ފަރުވާތެރިވާން ޖެހޭނެއެވެ. އެއީ ބައެއް ކެމިކަލް މާއްދާތަކަކީ އޭގެ އަސަރު ހަށިގަނޑަށް ކޮށްފިނަމަ ދަރިފަނި އުފެދުމަށް ގެއްލުންވާ އެއްޗެކެވެ. ހަމައެފަދައިން ސިއްހީދާއިރާގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަދި ލެބޯޓްރީ ތަކުގައި މަސައްކަތް ކުރާ މީހުންނަށް ގައިންގަޔަށް އަރާ ބަލިތައް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ލިބެން އުޅޭ ދަރިފުޅަށްޓަކައި މިހާރުއްސުރެ ކޮންމެ މަހަކު ވަކިވަރަކަށް ފައިސާ ރައްކާ ކުރަން ފެށުން.

އަނބިމީހާ ބަލިވެއިނުމާއި ވިހެއުމާއި އަދި ދަރިފުޅަށް ބޭނުންވާ ތަފާތު އެއްޗެތި ގަތުމަށް ވަރަށް ގިނަ ހަރަދު ތަކެއް ހިގާނެއެވެ. އަދި އޭގެފަހުން ކިޔަވައި ދިނުމާއި އެހެނިހެން ކަންތަކަށްވެސް ވަރަށް ގިނަ ހަރަދު ހިނގާނެއެވެ. ވީމާ ރަނގަޅަށް ދަރިފުޅަށް ކިޔަވައިދީ ތަރިބިއްޔަތު ކުރުމަށް ދުރާލާ ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ބަލިވެ އިންނަ ދުވަހުން ފެށިގެން ވިހެއުމަށްދާންދެން އަދި އޭގެ ފހުން ދަރިފުޅަށްވެސް ކުއްލި ނުރައްކަލަކާއި ދިމާ ވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި ކުރިން ދުރާލާއި ފައިސާ ރައްކާކޮށްފައި ހުރިނަމަ ވަރަށްބޮޑު ހަމަޖެހުމެއް ލިބިގެންދާނެއެވެ.

ބައިސްކަލް ދުއްވުން މަދުކުރުން.

ދިވެހިރާއްޖޭގައި ދަތުރުފަތުރު ކުރުމަށް ބޭނުން ކުރެވޭ އެންމެ އާންމު ވަސީލަތަކީ ބައިސްކަލެވެ. ގިނައިރު ބައިސްކަލް ދުއްވުމަކީ ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދަށް ބާރުބޮޑުވެ ހޫނުގަދަވެ ދާހިއްލާ ކަމެކެވެ. ވިސްނާށެވެ. އެތެރެ ހަށިން ބޭރުގައި ވަކިން ދެ އޮށް ހުންނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ދަރިފަނި އުފެއްދުމަށްޓަކައި ދެއޮށުގެ ހޫނުމިން ހުންނަން ޖެހެނީ ގާތްގަނޑަކަށް 35 ޑިގުރީގައެވެ. އެތެރެ ހަށީގެ ހޫނުމިން ހުންނަނީ 37 ޑިގުރީގައެވެ. ދެ އޯށުގެ ހޫނުމިން މައްޗަސް ދިއުމަކީ ދަރިފަނި އުފެދޭ މިންވަރު މަދުވެ ފެންވަރު ދައްވާ ކަމެކެވެ. ވީމާ ގިނައިރު ބައިސްކަލް ދުއްވުން އާދަޔަކަށް ނުހަދާށެވެ.

އެކަށީގެންވާވަރަށް ހަށިގަނޑާއި ނަފުސަށް އަރާމު ހޯދައިދިނުން.

ދަރިޔަކު ލިބުމަކީ ހިތަށް ވަރަށް ބޮޑު ފިނިކަމެއް ލިބިގެންދާ ކަމެކެވެ. ނަމަވެސް ބައެއްފަހަރު ދަރިޔަކު ބޭނުން ވެގެން އުޅޭއިރު ނުތަނަވަސްވެ ކަންބޮޑު ވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މޫދަށް އެރި ފަތާލައި ހިތަށް ފިނިކަން ގެނެސްދޭށެވެ. ރައްޓެހިންނާ ކުޑަކޮށް އަގަތަޅައި މަޖާކޮށްލާށެވެ. ކޮންމެވެސް ކުޅިވަރެއް ކުޅެ ފޫހި ފިލުވާލާށެވެ.

ދީނީ އަޅުކަންތަކަށް ފަރުވާތެރިވުން.

އެއްވެސް ސަބަބެސް ނެތި ދަރިން ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ކިތަންމެ ވަރަކަށް ކޮންމެފެދަ ފަރުވާއެއް ކުރިނަމަވެސް ކާމިޔާބު ނަތީޖާއެއް ނުލިބުމަކީ ވެދާނެކަމެކެވެ. އެއީ މާތްﷲ އިރާދަ ކުރެއްވި ގޮތެއްގެ މައްޗަށް ބިނާވެގެންވާ ކަމެކެވެ. ﷲ އިރާދަ ކުރައްވައިފިނަމަ އަންހެންކުއްޖަކު ދެއްވައެވެ. އިރާދަ ކުރައްވައިފިނަމަ ފިރިހެން ކުއްޖަކު ދެއްވައެވެ. އަދި އިރާދަ ކުރައްވައިފިނަމަ އެއް ގޮތަކަށްވެސް ކުއްޖަކު ނުދެއްވައެވެ. ޝޫރާ ސޫރަތުގެ 49-50 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ:

"އުޑުތަކާއި ބިން މިލްކުވެ ވޮޑިގެންވަނީ މާތް ﷲ އަށެވެ. އެކަލާންގެ އިރާދަ ކުރައްވާ އެއްޗެއް އުފައްދަވައެވެ. އަދި އެކަލާންގެ އިރާދަ ކުރައްވާ ބަޔަކަށް އަންހެންދަރީން ދެއްވަތެވެ. އަދި އެކަލާންގެ އިރާދަ ކުރައްވާ ބަޔަކަށް ފިރިހެން ދަރިން ދެއްވަތެވެ. ނުވަތަ އަނހެނުންނާއި ފިރިހެނުން ކައވެނި ކުރައްވަވައި އެބައިމީހުން ދަރިން ނުލިބޭ ބަޔެއްކަމުގައި ލައްވަތެވެ."

ވުމާއިއެކު ދީނީ އަޅުކަންތައް ކުރުމާއި އެކު ދަރިއަކު ދެއްވުން އެދި ﷲ އަށް ގިނަގިނައިން ދުޢާ ކުރާށެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.