Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ކުޑަދަރިފުޅު ކުޑަ ދަރިފުޅުގެ ބޮލުގައި އުކުނު އުޅޭތަ؟

ކުޑަ ދަރިފުޅުގެ ބޮލުގައި އުކުނު އުޅޭތަ؟

ukunuއުކުނު އެޅުމަކީ ކުއްލިއަކަށް ކުރިމަތިވެދާނެ ކަމެކެވެ. ތިމާގެ ދަރިފުޅުގެ ބޯއޮމާންކުރަމުން ދަނިކޮށް އުކުނެއް ބޮލުން ފެނުމަކީ އެކަށީގެންވާ ކަމެކެކެވެ. މިގޮތަށް އުކުނެއް ދަރިފުޅުގެ ބޮލުން ފެންނަހިދު އުކުނު ދަރިފުޅުގެ ބޮލަށް ވާސިލްވީ ކިހެނެއްކަމާއިމެދު ސުއާލު އުފެދިދާނެއެވެ.

 

އުކުނަކީ ކޮބާ؟

އުކުނަކީ ބޮލުގެ އިސްތަށިގަނޑާއި ހަންގަނޑުގެ ތެރޭގައި ކާނާހޯދައިގެން ދިރިއުޅޭ ކުޑަކުޑަ ސޫތްޕެކެވެ. އުކުނު ބޮޑުވެ ފުރިހަމަވުމުގައި 3މަރުހަލާއެއް ކަނޑަތުކުރެއެވެ. އެއީ އަންނަނިވި މަރުހަލާތަކެވެ.

(ހ) ބިސް: އުކުނު އަޅާފައި ހުންނަ ބިސްތައް ހުންނަނީ ހުދުކުލައިގައި އިސްތަށިތަކުގައި ތަތްވެފައެވެ. ބޮލުގެ ކޮންމެ ހިސާބަކަށް ވެސް އުކުނު ބިސްއެޅުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އާންމުގޮތެއްގައި އެންމެ ގިނައިން ބިސްއަޅަނީ ކަންފަތުގެ ފަހަތުން ބޮލުގައިވާ ބަޔާއި، ކަރުގެ ފަހަތުން ބޮލުގައިވާ ބަޔަށެވެ. ބިސްތައް ލީ ތަކަށް ބަދަލުވުމަށް ފަހު ވެސް ހުންނަނީ ހުދުކުލައިގައި ކުރިން ބުނެވުނުހެން އިސްތަށީގައި ހަރުލާފައެވެ. އާންމުގޮތެއްގައި މިގޮތަށް ހުންނަ ބިސްތަކުގެ ތެރެއިން މަރުވެފައި ހުންނަ ބިސްތައް ނުވަތަ ދިރުމެއް ނުވާ ބިސްތައް ހުންނަނީ އިސްތަށީގެ ނިމޭކޮޅު ނުވަތަ ބޮލުގެ ހަންގަނޑާއި ބައި ސެންޓިމީޓަރ ދުރުގައެވެ. ދިރުންހުންނަ ބިސްތައް ހުންނަނީ ބޮލުގައި ހަންގަޑާއި ކައިރީގައި ނުވަތަ އިސްތަށީގެ ބުޑުގައެވެ.

(ށ) ލީ: ކުރިން ބުނިހެން ބިސްތައް ކޮއްޓުމަށްފަހު ބަދަލުވަނީ ލީތަކަށެވެ. ލީތައް ވެސް ހުންނަނީ ހުދުކުލައިގައެވެ. ލީތަކުގެ ތެރެއިން ދިރުން ހުންނަ ލީތައް ބޮލުން ނެގުމަށްފަހު ފިތާލުމުން ނުވަތަ ކޮއްޓާލުމުން ފަޅައިގެން ދެއެވެ. މަރުވެފައިވާ ލީތައް ހުންނަނީ ކުދިކުދި ތޮށިކޮޅުތަކުގެ ސިފައިގައެވެ.

(ނ) އުކުނު : ލީތައް އުކުނަށް ބަދަލުވުމަށް އާންމުގޮތެއްގައި 2ހަފްތާއާއި 3ހަފްތާގެ މުއްދަތެއް ނަގައެވެ. ބޮޑުވެ ފުރިހަމަވެފައިވާ އުކުނުތައް ހުންނަނީ މުށި ނުވަތަ އަޅި ކުލައިގައެވެ. އުކުނުތައް ބޮލާއި އިސްތަށިގަނޑުގެ ތެރޭގައި އަވަސްއަވަހަށް ހަރަކާތްކުރާތީ އުކުނު ނެގުން ނުވަތަ ބޮލުން އުކުނު ސާފުކުރުން އުދަގޫކަމަކަށް ވެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރޭގައި 30ދުވަހުގެ މުއްދަތަށް އުކުނު ދިރިއުޅެއެވެ. ބޯ ނޫން އެހެންތަނެއްގައި ނަމަ 2 ނުވަތަ 3ދުވަހުގެ މުއްދަތަށް ދިރިދެމި ހުރެއެވެ.

އުކުނު އަޅަނީ ކޮންބަޔެއްގެ ބޮލުގައި ؟

އުކުނު އެޅުމަކީ ވަކި ބަޔަކަށް ޚާއްސަ ވެގެންވާ ކަމެއްނޫނެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން އުކުނު އަޅަނީ ނުތާހިރު ނުވަތަ އާންމު ސިއްހަތާއި މެދު ފަރުވާ ކުޑަމީހުންގެ ބޮލުގައެވެ. ނަމަވެސް ސިއްހަތަށް ބަލައިގެން އުޅޭ ސާފުތާހިރު ވެށިތަކުގައި އުޅޭމީހުންނަށް އުކުނު އެޅުމުގެ މައްސަލަ ކުރިމަތިވެއެވެ. އާންމުގޮތެއްގައި ބޮޑެތި މީހުންނަށް ވުރެ ކުޑަކުދިންގެ ބޮލުގައި އުކުނުއަޅާ މިންވަރު އިތުރެވެ.

އުކުނުތައް އެކެއްގެ ބޮލުން އަނެކެއްގެ ބޮލަށް ވާސިލްވަނީ ކިހިނެއް؟

އެންމެ މައިގަނޑު ސަބަބެއް ކަމުގައި ބެލެވެނީ އުކުނުއަޅާފައިވާ މީހަކާއި ގައިގޯޅިވެ އުޅުމެވެ. ޚާއްސަކޮށް އުކުނު ހުރި ކުއްޖެއްގެ އިސްތަށިގަނޑު ރަގަޅަށް ހުރި ކުއްޖެއްގެ އިސްތަށިގަނޑުގައި ޖެހުމަކީ އުކުނު ފޯރުކޮށްދިނުމަށް ހުޅުވޭ މަގެކެވެ. ސްކޫލާއި ނާސަރީ ކްލާސްތަކުގައި ތިބޭ ކުޑަކުދިންގެ ތެރޭގައި އެއްކުއްޖެބޮލުން އަނެއްކުއްޖެއްގެ ބޮލަށް އުކުނު ވާސިލްވުމުގެ ފުރުސަތުބޮޑުވެއެވެ. އެއީ މިފަދަ ތަންތާގައި އެއްކުއްޖަކު އަނެއްކުއްޖަކާއި ގައިގޯޅިކޮށް އުޅުމުގެ ފުރުސަތު ބޮޑުވާތީއެވެ.

އުކުނުއަޅާފައިވާ މީހަކު ނުވަތަ ކުއްޖަކު ބޭނުންކުރާ ބާލީސް، ތުވާލި، ބޮލުގައި އަޅާބުރުސް ،ދަތި، ފުނާ، ތޮފި ނުވަތަ ހެދުން ފަދަތަކެތި އެހެންމީހަކު ބޭނުންކުރުމަކީ ވެސް އުކުނު އެއްކުއްޖެއްގެ ބޮލުން އަނެއްކުއްޖެއްގެ ބޮލަށް ވާސިލްވުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

އުކުނުތައް ހުސްކުރާނީ ކިހިނެއް؟

- އުކުނު ފިލުވުމަށް ޚާއްސަކޮށްގެން ނެރެފައި ހުންނަ ޝޭމްޕޫއެއް ހޯދާށެވެ. އެއަށްފަހު އޭގައި ބުނެދީފައިވާގޮތަށް އެބޭނުންކުރާށެވެ. ހަމައެއާއެކު އާއިލާގެ ނުވަތަ ގޭގެ އެހެން އެއްވެސް މީހެއްގެ ބޮލުގައި އުކުނު އަޅާފައިވޭތޯ ބަލާށެވެ. އުކުނުއަޅާފައިވާ ކުޑަކުދިންގެ ތެރެއިން 50އިންސައްތަ ކުދިންނަކީ އެމީހުންގެ އާއިލާގައި ނުވަތަ ގޭގެ އެހެން މީހެއްގެ ބޮލުގައި އުކުނުއަޅާފައިވާ ކުދިންނެވެ.

- އާއިލާގައި ނުވަތަ ގޭގައި އުޅޭމީހުންގެ ތެރެއިން އުކުނުއަޅާފައިވާ މީހުންގެ ބޮލުން އުކުނު ސާފުކުރުމަށް ލަސްނުކޮށް ނަސޭހަތްތެރިވާށެވެ.

- އުކުނު ފުނައެއްގެ އެހީގައި ލީތަކާއި ބިސްތައް ނައްތާލާށެވެ. ބިސްތަކާއި ލީތައް ނައްތާލުމަށް އެންމެ ފަސޭހަ ގޮތަކީ މިއެވެ. ހަފްތާއަކު 3ފަހަރު އުކުނު ފުނައަކުން ބޯ ރަގަޅަށް ސާފުކުރާށެވެ. މިގޮތަށް ސާފުކުރުމަކީ އުކުނު އެޅުމުން ރައްކާތެރިވުމަށް ވަރަށް ފައިދާހުރި ގޮތެކެވެ. އެހެނީ ގިނަފަހަރު ޝޭމްޕޫ ފަދަ ތަކެތި ބޭނުންކުރުމުން ވެސް ބިސްތަކާއި ލީތައް ފިލައިގެން ނުގޮސް ދެމި ހުރެއެވެ.

- އުކުނު އަޅާފައިވާ ކުޑަކުއްޖާ ބޭނުންކުރާ ހެދުންތަކާއި، ނިދާއެދުގައި އެޅުމަށް ބޭނުންކުރާ ބެޑްޝީޓް، ބާލީސް ފަދަ ތަކެތި ވެސް ރަގަޅަށް ދޮވެ ސާފުކުރާށެވެ.

- އުކުނު އަޅާފައިވާ ކުޑަކުއްޖާ ބޭނުންކުރާ ބުރުސް، ފުނާފަދަ ތަކެތި ހޫނު ފެނަށް ލާފައި ނަގާށެވެ. އެއަށް ފަހު 10މިނިޓް ވަންދެން ސާބޯނި ފެނަށް އަޅާފައި ބަހައްޓާށެވެ.

- ކޮޓަރިއާއި ގޭތެރޭގެ ތަޅުންގަނޑާއި ފަރުނީޗަރތައް ރަގަޅަށް ސާފުކުރާށެވެ.

- ދެވަނަ ފަހަރަށް ކުޑަދަރިފުޅުގެ ބޮލަށް އުކުނު ވާސިލްވިޔަ ނުދިނުމަށްޓަކައި އެހެން ކުދިންގެ ތޮފި، ބުރުސް ، ފުނާ ފަދަ ތަކެތި ބޭނުން ނުކުރުމަށް އިރުޝާދު ދޭށެވެ.

Comments