ހޯމަ20200921

އާކުރެވުނީ: 08:43:52

ބައިގެންދިއުން

baigen-dhiun-120

* ބައިގެންދިއުމަކީ ކޮބާ؟

* ބައިގެންދަނީ ކީއްވެ؟

* ބައިގެންދިއުމުގެ ފުރުޞަތު ބޮޑީ ކޮންކަހަލަ ހާލަތްތަކެއްގައި؟

* ބައިގެންދިއުމުގެ ކުރިން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟

* ބައިގެންދާނެކަމަށް ލަފާކުރެވިއްޖެނަމަ ކަންތައްކުރާނީ ކިހިނެއް؟

* ބަނޑަށް ދަރިފުޅު މަރުވެއްޖެނަމަ ކަންތައް ކުރާނީ ކިހިނެއް؟

* ބަނޑު ދޮންނަނީ ކިހިނެއް؟

* ބައިގެންދިއުމަށްފަހު އަންނަ ބަދަލުތަކަކީ ކޮބާ؟

* އެއްފަހަރު ބައިގެންގޮސްފިނަމަ ބައިގެންދިއުމުގެ ފުރުޞަތު ބޮޑުވާނެތަ؟

* ބައިގެންދިއުމަށްފަހު ބަލިވެއިންނަން ރަނގަޅީ ކިހާ ދުވަހެއްފަހުން؟

ބައިގެންދިއުމަކީ ކޮބާ؟

ބައިގެންދިއުމަކީ މާބަނޑަށް 20 ހަފުތާވުމގެ ކުރިން ދަރިފުޅު ފެއިބުމެވެ. ނުވަތަ ވިހެއުމެވެ. އާއްމުގޮތެއްގައި 15% -20% ދެމެދުގެ މާބަނޑު ނިމިގެންދަނީ ބައިގެންދިއުމުގެ ސަބަބުންނެވެ. އަދި ބައިގެންދާ މީހުންގެ ތެރެއިން 80% މީހުން ބައިގެންދަނީ ބަނޑަށް 12 ހަފުތާ ނުވަތަ ތިންމަސް ވުމުގެ ކުރިންނެވެ. މީގެތެރޭގައި ބަލިވެއިދެ ބައލިވެއިންކަން ނޭގި ބައިގެންދާ މީހުންނެއް ނުހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ބަލިވެއިދެ އެހެނަސް ބަލިވެއިންކަން ނޭގި ބައިގެންދާ މީހުންގެ އަދަދު 30% އާއި 50% އަށް އަރައެވެ. މާނައަކީ ބަލިވެއިންނަ މީހުންގެ ތެރެއިން ދަބައިކުޅަ އެއްބައި ނިމިގެންދަނީ ބަލިވެއިންކަން ނުވެސް އެގިއެވެ. ވުމާއެކު ބައިގެން ދިޔަޔަސް ބައިގެން ދިޔަކަންވެސް މިފަދަ ހާލަތުގައި ނޭގެއެވެ. ގިނަފަހަރު ހީވަނީ މައްސަރުކަންތައް ދިމާވީ ކަމުގައެވެ. މާބަނޑަށް 20 ހަފުތާ ވުމަށްފަހު ވިހައިފިނަމަ ކިޔަނީ ދުވަސް ނުފުރާވިހެއުމެވެ.

ބައިގެންދަނީ ކީއްވެ؟

މާބަނޑަށް ފުރަތަމަ މަހުގައި ބައިގެންދާ މީހުންގެތެރެއިން 50% އާއި 70% މީހުން ބައިގެންދަނީ އުފެދުމުގައި ހުންނަ އުނިކަމެއްގެ ސަބަބުންނެވެ. މާނައަކީ ބިހުގައި ނުވަތަ ދަރިފަނީގައި ހުންނަން ޖެހޭވަރަށްވުރެ ކްރޮމޮޒޯމް ގިނަވެ ނުވަތަ މަދުވުމުގެ ސަބަބުން ޠަބީޢީކޮށް ދަރިފުޅަށް ބޮޑުވެ ފުރިހަމަ ވުމުގެ ފުރުޞަތު ނުލިބޭތީއެވެ.

މީގެއިތުރުން ބައިގެންދާ ސަބަބުތަކުގެ ތެރޭގައި ދަރިފުޅު ނުވަތަ މަސް ރަހިމުގައި ގަރުބަގަންނަން ޖެހޭތަނުގައި ގަރުބަ ނުގަތުމާއި ރަހިމުން ބޭރުގައި ގަރުބަގަތުން ފަދަ ކަންތައްތައް ހިމެނެއެވެ. އާއްމުގޮތެއްގައި އެންމެފަހރަކު ބައިގެންދިއުމުން ބައިގެންދިޔަ ސަބަބު ދެނެގަތުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ބައެއް ފަހަރު ދެތިން ފަހަރު ބައިގެންދާއިރުވެސް ސަބަބު ހޯދަން ދަތިވެދާނެއެވެ.

ކްރޮމޮޒޯމް އިތުރުވެ ނުވަތަ މަދުވުމުގެ ސަބަބުން ބައިގެންދާނަމަ އާއްމުގޮތެއްގައި ބައިގެންދާނީ މާބަނޑަށް ވަރަށް ކުރީކޮޅުގައެވެ. އާއްމުގޮތެއްގައި ފުރަތަމަ މަހުގެ ތެރޭގައެވެ. މިފަދަ ހާލަތުގައި ދަރިފުޅު ރަހިމުގައި ގަރުބަ ގަނެއެވެ. އަދި ދަރިފުޅު ބޮޑުވަންވެސް ފަށައެވެ. މަސްވެސް އުފެދެއެވެ. ނަމަވެސް ވަކިހިސާބަކުން ބޮޑުވުމަށް ނުވަތަ ފުރިހަމަވުމަށް ހުއްޓުން އަރައެވެ. ނުވަތަ ގަރުބަގަންނަ ގޮތަށް ބޮޑުބުވެ މަރުވެއެވެ. ދަރިފުޅު ބޮޑުވުން ހުއްޓުނު ކަމުގައި ވިޔަސް އަދި ދަރިފުޅު މަރުވިކަމުގައި ވިޔަސް ގަރުބަގަތުމާއި އެކު ރަހިމުން މާބަނޑު ދުވަސްވަރު އިތުރުވާ ހޯމޯންތައް އުފައްދައި ލޭގެތެރެއަށް ފޮނުވަން ފަށައެވެ. ވުމާއެކު ޓެސްޓު ކޮށްފިނަމަ ބަލިވެއިން ކަމަށް ދައްކާނެއެވެ. އަދި ބަލިވެއިންނަތާ ކުރީކޮޅު ފެންނަ މޭނުބައި ކުރުމާއި ހޮޑުލުން ފަދަ އަލާމާތްތައްވެސް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ސްކޭން ކޮށްފިނަމަ ދަރިފުޅު ބޮޑުނުވާކަން ނުވަތަ މަރުވެފައިވާކަން އެނގޭނެއެވެ. އަދި ދަރިފުޅު މަރުވެފައިވަނީ ދަރިފުޅުގެ ހިތްވެސް އުފެދުމުގެ ކުރިންކަން އެނގޭނެއެވެ.

ދަރިފުޅުގެ ހިތް އުފެދުމާއެކު ހިނހިގާ މަންޒަރު ސްކޭނުން ސާފުކޮށް ފެންނާނެއެވެ. އެއީ ގާތްގަޑަކަށް މާބަނޑަށް 6 ހަފުތާގައެވެ. ނުވަތަ ބަލިވެއިންކަން އެނގޭތާ ދެހަފުތާއެއްގެ ތެރޭގައެވެ. އެއަށްފަހު ބައިގެން ދިއުމުގެ ފުރުޞަތު ކުޑަވެގެން ދާނެއެވެ.

ބައިގެންދިއުމުގެ ފުރުޞަތު ބޮޑީ ކޮންކަހަލަ ހާލަތްތަކެއްގައި؟

ބަލިވެއިންނަ ކޮންމެ އަންހެނަކުވެސް ބައިގެން ހިގައިދާނެއެވެ. ނަމަވެސް ބައެއް އަންހެނުންނަކީ ބައިގެން ދިއުމުގެ ފުރުޞަތު ބޮޑު މީހުންނެވެ. ތިރީގައި އެވަނީ ބައިގެން ދިއުމުގެ ފުރުޞަތު ބޮޑު ބައެއް ހާލަތްތަކެވެ.

އުމުރު: މައިމީހާގެ އުމުރުން ދުވަސްވި ވަރަކަށް ބައިގެން ދިއުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އެއީ ދުވަސްވާވަރަކަށް ބިހުގައި ހުންނަ ކްރޮމޮޒޯމްތަކަށް ބަދަލު އަންނަގޮތް ދިމާވާތީއެވެ. ވުމާއެކު 40 އަހަރުގެ މާބަނޑު މީހަކު ބައިގެންދިއުމުގެ ފުރުޞަތު 20 އަހަރުގެ މާބަނޑުމީހަކު ބައިގެންދިއުމުގެ ފުރުޞަތަށްވުރެ ދެގުނަ އިތުރެވެ.

- ކުރިންފަހަރަކު ބައިގެން ދިއުން: ކުރިން ދެފަހަރު ނުވަތަ އެއަށްވުރެ ގިނަފަހރު ބައިގެންގޮސްފައިވާ އަންހެނުން ބައިގެންދިއުމުގެ ފުރުޞަތު އެހެން އަންހެނުންނަށް ވުރެ ބޮޑެވެ.

- ބައެއްކަހަލަ ދާއިމީ ނުވަތަ ގިނަދުވަހަށް ދެމިގެންދާ ބައްޔެއްޖެހިފައި ހުރުން : ރަނގަޅަށް ކޮންޓުރޯލު ކުރެވިފައި ނުވާ ހަކުރު ބައްޔާއި ލޭގަޑުކުރުމުގެ ނިޒާމަށް ޖެހޭ ބައެއް ބައްޔާއި އަމިއްލަ ދިފާއީ ނިޒާމަށް ހަމަލަދޭ ބައެއް ބަލިތަކާއި އޯވަރީގައި ފެންބަޑި އުފެދުމަކީ ބައިގެން ދިއުމުގެ ފުރުޞަތު އިތުރުވާ ސަބަބު ނުވަތަ ބަލިތަކެކެވެ.

- ރަހިމުގައި ނުވަތަ ރަހިމުގެ ކަރުގައި މައްސަލއެއް ހުރުން : ރަހިމުގެ ބައެއް ބަލިތަކާއި ރަހިމުގެ ކަރު މާބޮޑަށް ކުރުވުން ނުވަތަ ބަލިކަށި ވުމަކީ ބައިގެންދިއުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ.

- ދަރިއަކަށް އުފެދުމގައި ބައްޔެއް ޖެހިފައި ހުރުން ނުވަތަ ވިރާސީ ބައްޔެއް ޖެހިފައި ހުރުން : ކުރިން ލިބިފައިވާ ދަރިއަކަށް އެއްވެސް ޒާތެއްގެ އުފެދުމުގެ ބައްޔެއް ނުވަތަ ވާރުތަވާ ބެއްޔެއް ނުވަތަ ވިރާސީ ބައްޔެއް ޖެހިފައި ހުރުމަކީ ބައިގެން ދިއުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ.

- ބައެއް ބެޚުޓީރިއާގެ ސަބަބުން ޖެހާ ބައެއް ބަލިތައް ޖެހުން : ދިރާސާތަކުން ދައްކާ ގޮތުގައި ލިސްޓޭރިޔާ، ކޯފުއްޕި، ހިމަބިހި، ވިލާތު ހިމަބިހި، ސައިޓޯމެގާލޯވައިރަސް، ޕަރވޯވައިރަސް، ގޮނޯރިއާ، އެއިޑުސް އަދި މިޒާތުގެ ބައެއް އެހެން ބަލިތަކުގެ ސަބަބުން ބައިގެންދިއުމުގެ ފުރުޞަތު އިތުރުވެއެވެ.

- ދުންފަތުގެ އިސްތިއުމާލު ކުރުން، މަސްތުވާތަކެތި ބޭނުން ކުރުން އަދި ތަފާތު ބޭސްތައް ބޭނުން ކުރުން : މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އަދި ކޮކެއިން ފަދަ ބައެއް ބޭސްތައް ބޭނުން ކުރުމަކީ ބައިގެން ދިއުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ. އަދި ދިރާސާތަކުން ދައްކާގޮތުގައި ގިނައިން ކޮފީ ބުއިމަކީވެސް ބައިގެންދިއުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ.

- ބައެއްވައްތަރުގެ ބޭސް ބޭނުން ކުރުން : ބައެއް ބަލިތަކަށް ބޭނުން ކުރާ ބައެއް ބޭސްތަކަކީ ބައިގެންދިއުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. ވުމާއެކު މާބަނޑު ދުވަސްވަރު އެއްވެސް ބޭހެއް ބޭނުން ކުރަންވާނީ ޑޮކުޓަރެއްގެ ހުއްދަ ލިބިގެން ރައްކާތެރި ބޭހެއްކަން ޔަގީންވުމަށްފަހުގައެވެ.

- ފިރިމީހާއާއި ގުޅުން ހުރި ބައެއް ސަބަބުތައް: ދިރާސާތަކުން ދައްކާ ގޮތުގައި ބައިގެންދާ ބައެއް ސަބަބުތަކަކީ ފިރިމީހާއާއި ގުޅުން ހުރި ސަބަބު ތަކެކެވެ. މިގޮތުން ފިރިމީހާ އުމުރުން ދޮށިވުމަކީ ބައިގެން ދިއުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ. އަދިވެސް ޖއްވުގެ ބައެއް ވިހަތަކުންނާއި އަދިވެސް ބައެއް އެހެނިހެން ކަންތަކުގެ ސަބަބުން ދަރިފަންޏަށް ގެއްލުން ލިބެއެވެ. މިގޮތަށް ދަރިފަންޏަށް ގެއްލުން ލިބުނަސް ބައެއްފަހަރު ބަލިވެއިނުމުގެ ފުރުޞަތު އޮވެއެވެ. އެހެނަސް މިފަދަ ހާލަތުގައި ބައިގެން ދިއުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ.

ބައިގެންދިއުމުގެ ކުރިން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟

ކުރިމަތިފަރާތުން ލޭފެއިބުން ނުވަތަ ލޭތިކިޖެހުން އެއީ ބައިގެންދިއުމުގައި އާއްމުގޮތެއްގައި އެންމެފުރަތަމަ ފެންނަ އަލާމާތެވެ. ނަމަވެސް ކުރިމަތިފަރާތުން ލޭފައިބާ ކޮންމެ ފަހަރަކު ނުވަތަ ކޮންމެ މީހަކު ބައިގެންނެއް ނުދާނެއެވެ. އާއްމުގޮތެއްގައި ބަލިވެއިންނަ ކޮންމެ 4 މީހުންގެ ތެރެއިން އެކަކުގެ ކުރިމަތީފަރާތުން ބަލިވެއިންނަތާ ކުރީކޮޅު ލޭފައިބައެވެ. އަދި މިހެން ލޭފައިބާ ކޮންމެ ދެމީހުންގެ ތެރެއިން އެކަކު ބައިގެން ނުގޮސް މާބަނޑު ފުރިހަމަ ކުރެއެވެ. ވުމާއެކު ކުރިމަތި ފަރާތުން އަދި ލޭފެއިބި ކަމުގައިވިޔަސް ބައިގެން ނުގޮސް މާބަނޑު ފުރިހަމަ ކޮށްދާނެއެވެ. އެހެނަސް ކުރިމަތިފަރާތުން ލޭފައިބާނަމަ ލަސްނުކޮށް ޑޮކުޓަރަށް ދައްކަން ޖެހޭނެއެވެ.

ބައިގެން ދިއުމުގެ ކުރިން ދެން އެންމެ ގިނައިން ފެންނަ އެއް އަލާމާތަކީ ބަނޑުގައި ރިއްސުމެވެ. ނަމަވެސް ގިނަފަހަރު މިގޮތަށް ބަނޑުގައި ރިއްސަން ފަށަނީ ކުރިމަތިފަރާތުން މަދުން ނަމަވެސް ލޭފެއިބުމަށް ފަހުގައެވެ. މިގޮތަށް ބަނޑުގައި ރިއްސާއިރު ތަދު އިހުސާސް ކުރެވޭނީ އާއްމުގޮތެއްގައި ތޫނު އެއްޗަކުން ޒަހަމް ވީމައިވާކަހަލަ ގޮތަކަށެވެ. ނުވަތަ ދަށްބަނޑަށާއި ބުރިކަށީފަރާތުން އުނަގަޑަށް ބާރުވާކަހަލަ ގޮތަކަށެވެ. ކުރިމަތިފަރާތުން ލޭފެއިބުމާއި އެކު ބަނޑުގައި ރިއްސާނަމަ މާބަނޑު ފުރިހަމަ ކުރުމުގެ ފުރުޞަތު ވަރަށް ކުޑަވާނެއެވެ.

ކުރިމަތިފަރާތުން ލޭފެއިބުމަކީ ހަމައެކަނި ބައިގެން ދިއުމުގެ އަލާމާތެއް ނޫނެވެ. ރަހިމުން ބޭރުގައި ގަރުބަ ގަތުމުން އަދި ކޯނިމާބަނޑަށް (Molar Pregnancy) ބަލިވެއިނުމުންވެސް ކުރިމަތި ފަރާތުން ލޭ ފެއިބުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު ކުރިމަތިފަރާތުން ލޭފައިބާނަމަ ލަސްނުކޮށް ޑޮކުޓަރަށް ދައްކައިގެން ފަރުވާ ކުރާށެވެ. އަދި މައިމީހާގެ ލެޔަކީ އާރު އެޗު ނެގެޓިވު ލޭކަމުގައިވާނަމަ ލޭފައިބަން ފަށާތާ ދެތިން ދުވަހުގެ ތެރޭގައި އާރުއެޗު އިމިއުން ގުލޮބިއުލިން ޑޯޒެއްވެސް ނަގަން ޖެހޭނެއެވެ. ނަމަވެސް ފިރިމީހާގެ ލެޔަކީވެސް އަރުއެޗު ނެގެޓިވު ލޭކަމުގައިވާނަމަ މިދޯޒު ނަގާކަށް ނުޖެހޭނެއެވެ.

ބައެއްފަހަރު ބައިގެންދިޔަކަން އެނގެނީ ކޮންމެމަހަކު ޑޮކުޓަރަށް ދައްކާދެއްކުމުގައި ޑޮކުޓަރު ބަލާއިރު ރަހިމު ބޮޑުވާންޖެހޭވަރަށް ބޮޑުނުވާކަން ޑޮކުޓަރަށް ފާހަގަ ކުރެވުމުން ނުވަތަ ސްކޭން ކުރާއިރު ދަރިފުޅުގެ ހިތްނުހިގާކަން ފާހަގަ ކުރެވުމުންނެވެ. ބައެއްފަހަރު ކުރިމަތިފަރާތުން ލޭފައިބަން ފެށުމުގެ ކުރިން އަދި ބަނޑުގައި ރިއްސަން ފެށުމުގެ ކުރިން ދަރިފުޅުބޮޑުވެ ފުރިހަމަވުން ހުއްޓިދެއެވެ.

ބައިގެންދާނެކަމަށް ލަފާކުރެވިއްޖެނަމަ ކަންތައްކުރާނީ ކިހިނެއް؟

ވަގުތުން ހޮސްޕިޓަލަށްގޮސް ޑޮކުޓަރަށް ދައްކާށެވެ. ވުމާއެކު ބަލިވެއިނުމަށްފަހު ކުރިމަތިފަރާތުން ލޭއައުން ނުވަތަ ބަނޑުގައި ރިއްސުން ފަދަ ކަމެއް ދިމާވެއްޖެނަމަ ޑޮކުޓަރަށް ދެއްކުން ލަސް ނުކުރާށެވެ. ޑޮކުޓަރަށް ދެއްކުމުން ރަހިމާއި ރަހިމުގެކަރު ޗެކުކުރާނެއެވެ. އަދި ލޭގައި ހިއުމަން ކޮރިއޮނިކު ގޮނާޑޯޓްރޮޕިން ހޯމޯން ހުރިވަރު ބެލުމަށްޓަކައި ލޭޓެސްޓު ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި މިހޯމޯން އިތުރުވަމުން ދާންޖެހޭވަރަށް އިތުރުވޭތޯވެސް ބަލާނެއެވެ. އަދި ދެތިން ދުވަސް ފަހުން އަލުން މިޓެސްޓު ކުރުމަކީވެސް އެކަށިގެންވާ ކަމެކެވެ. އެއީ ބައިގެން ދިޔަނަމަ ނުވަތަ ދަރިފުޅު މަރުވިނަމަ މިހޯމޯން ހުންނަވަރު ދުވަހުން ދުވަހަށް ދާނީ މަދުވަމުންނެވެ. އަދި ދަރިފުޅު ސަލާމަތުން އޮތްނަމަ މިހޯމޯންދާނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ލޭފައިބަނީ ރަހިމުންބޭރުގައި ގަރުބަގަތުމުގެ ސަބަބުން ކަމުގައި ޝައްކު ކުރެވިއްޖެނަމަ ސްކޭން ކުރަން ޖެހޭނެއެވެ. އަދި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަ ނުކުރެވުނުނަމަވެސް ލޭ ފައިބަމުންދާނަމަ 7 ހަފުތާފަހުން އަލުން ސްކޭން ކުރަން ޖެހޭނެއެވެ.

މިހާރު ސްކޭން ކުރާއިރު ދަރިފުޅާއި ދަރިފުޅުގެ ހިތުގެ ހިގުން ފެންނަކަމުގައިވާނަމަ ބައިގެން ދިއުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަވާނެއެވެ. ނަމަވެސް ފަހުންވެސް ކުރިމަތިފަރާތުން ލޭފައިބާނަމަ އަލުން ސްކޭން ކުރަން ޖެހޭނެއެވެ. ސްކޭންކުރާއިރު ދަރިފުޅު ފެނުނުކަމުގައި ވިޔަސް ދަރިފުޅުގެ ހިތުގެ ހިގުން ނުފެންނަ ނަމަ އޭގެމާނައަކީ ދަރިފުޅު ދިރިއެއް ނުއޮންނާނެއެވެ.

ސްކޭންކުރާއިރު ދަރިފުޅާއި ދަރިފުޅުގެ އޮންނަ ދުލި މާކުޑަނަމަ އޭގެމާނައަކީ އަދި މާބަނޑަށް ހީކުރާވަރަކަށް ދުވަހެއް ނުވެއެވެ. އަދި ދަރިފުޅުގެ ބޮޑުކުޑަމިނަށް ބަލައި 2 ހަފުތާ ނުވަތަ 3 ހަފުތާފަހުން އަލުން ސްކޭން ކުރަން ޖެހޭނެއެވެ.

މާބަނޑަށް 3 މަސްވުމަށް ފަހު ލޭފައިބާތީ ސްކޭން ކުރާއިރު ރަހިމުގެ ކަރު ކުރުވެފައި ނުވަތަ ހުޅުވިފައި ހުރެއްޖެނަމަ ރަހިމުގެ ކަރުގެ ދޮރު ހިމަކުރުމަށްޓަކައި ދޮރުގެ ވަށައިގެން ކުޑަކޮށް ފަހައިލުމަކީ ކުރަން ޖެހިދާނެ ކަމެކެވެ. އެއީ ދަރިފުޅު ބައިގެންދިޔަ ނުދިނުމަށްޓަކައެވެ. ނުވަތަ ދުވަސްނުފުރައި ވިހެޔަނުދިނުމަށްޓަކައެވެ.

ބަލިގެން ހިގައިދާނެކަމަށް ޑޮކުޓަރަށް ޝައްކު ކުރެވިއްޖެނަމަ އެނދުގައި އަރާމުކުރުމަށް ޑޮކުޓަރު އިރުޝާދު ދިނުމަކީ އެކަށީގެންވާކަމެކެވެ. އެއީ މިކަމުން ބައިގެންދިއުމުގެ ފުރުޞަތު ކެޑަވާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް މިއީ ބައިގެންދިއުން ހުއްޓުވާފަދަ ޔަގީންކަމެއް އޮތް ވަސީލަތެއް ނޫނެވެ. އަދި ޖިންސީގުޅުން ހިންގުން މަނާކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ޖިންސީގުޅުން ހިންގުމަކީ ބައިގެންދާކަމެއް ނޫނެވެ. ނަމަވެސް ކުރިމަތިފަރާތުން ލޭފެއިބުމާއި ނުވަތަ ބަނޑުގައި ރިއްސުންފަދަ ކަމެއް ދިމާވާނަމަ ރަނގަޅީ ޖިންސީގުޅުން ހިންގުމާއި ދުރުވުމެވެ.

ބައިގެންދިއުމުގެ ކުރިން މަދުހަފުތާތަކެއް ވަންދެން ލުއިލުއިކޮށް ލޭފެއިބުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް ބައިގެންދާނަމަ ގިނަފަހަރު ލޭފެއިބުން ދުވަހުން ދުވަހަށް ދާނީ ގޯސްވަމުންނެވެ. އަދި ލެޔާއިއެކު ގަޑުލެޔާއި ދަރިފުޅުގެ ބައިތަކާއި މަހުގެ ބައިތަށްވެސް ފެއިބުމަކީ އެކަށީގެންވާ ކަމެކެވެ. ދަރިފުޅުގެ ބައިތަކައި މަހުގެ ބައިތަށް ހުންނާނީ އަޅިކުލަޔަކަށެވެ. އަދި މިއާއި އެކު ގަޑުލޭވެސް ފައިބާނެއެވެ.

ބަނޑަށް ދަރިފުޅު މަރުވެއްޖެނަމަ ކަންތައް ކުރާނީ ކިހިނެއް؟

މިފަދަ ހާލަތުގައި ކަންތައް ކުރެވިދާނެ ތަފާތުގޮތްތައް ހުރެއެވެ. މައިމީހާގެ ސިއްހަތު ރަނގަޅުނަމަ މަރުވެފައިވާ ދަރިފުޅު އަމިއްލައަށް ފައިބަން ދޫކޮށްލެވިދާނެއެވެ. އަމިއްލައަށް ފައިބާން ދޫކޮށްލުމުން އާއްމުގޮތެއްގައި ބަނޑަށް ދަރިފުޅު މަރުވާތާ ހަފުތާއެއްގެ ތެރޭގައި ދަރިފުޅު ފައިބާނެއެވެ. ނުވަތަ އެހެން ވަސީލަތެއް ބޭނުން ކުރުމުގެ ކުރިން ވަކިވަރަކަށް ވަގުތު ދެވިދާނެއެވެ. މިގޮތުން ދޭވަގުތުގެ ތެރޭގައި ދަރިފުޅު ފެއިބުމަކީ އެކަށީގެންވާ ކަމެކެވެ.

އަދި އަވަހަށް ދަރިފުޅު ވިއްސަން ބޭނުންނަމަ ބޭސްވެސް ދެވިދާނެއެވެ. ނަމަވެސް ބޭސްދީގެން ވިއްސާނަމަ ބައެއް އަރިމަތީ އަލާމާތްތައް ފެނުމަކީ ވެދާނެ ކަމެކެވެ. މިގޮތުން މޭނުބައި ކުރުމާއި ހޮޑުލެވުމާއި އަދި ބޭރަށް ހިންގުމަކީވެސް ވެދާނެ ކަމެކެވެ. އަދި އޮޕަރޭޝަން ކުރަން ޖެހުމަކީވެސް ވެދާނެކަމެކެވެ.

ބަނޑަށް ދަރިފުޅު މަރުވުމަށްފަހު ގިނައިރު ދަރިފުޅު އޮތުމަކީ ނަފުސާނީގޮތުން ނުވަތަ ޖިސްމާނީ ގޮތުން އިތުރު އުދަގުލެއްވާކަމެއްނަމަ ޑީއެންސީ ހަދައިގެން ބަނޑު ދޮވެލެވިދާނެއެވެ. އާއްމުގޮތެއްގައި ދަރިފުޅު މަރުވުމަށްފަހު ބަނޑުގައި ގިނައިރު ބޭއްވުމަކީ ރަނގަޅު ކަމެއްނޫނެވެ. އެއީ މިފަދަ ހާލަތުގައި ލޭމަނާނުވުމުގެ ބައްޔާއި ލޭކުނިވުމުގެ ބަލި ޖެހުމަކީ ވަރަށް ގާތްކަމެކެވެ. ވުމާއެކު ރަނގަޅީ ދަރިފުޅު މަރުވަފައިވާކަން އެނގުމުން ލަސްނުކޮށް ދަރިފުޅު ބަނޑުން ބޭރުކުރުމެވެ. މިއިން ކޮއްމެ ހާލަތެއްގައި ނަމަވެސް ދަރިފުޅުގެ މަސްކޮޅެއް ޓެސްޓު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އެއީ ބައިގެންދިޔަ ސަބަބު ނުވަތަ ދަރިފުޅު މަރުވި ސަބަބު ހޯދުމަށްޓަކައެވެ. ވަރަށް ގިނަފަހަރު މިގޮތަށް ދަރިފުޅު މަރުވަނީ ނުވަތަ ބައިގެންދަނީ އުފެދުމުގައި ހުންނަ ބައްޔެއްގެ ސަބަބުން ނުވަތަ ވިރާސީ ބައްޔެއްގެ ސަބަބުންނެވެ.

ބަނޑު ދޮންނަނީ ކިހިނެއް؟

މިއީ ވަރަށް ފަސޭހަ ކަމެކެކެވެ. ވަރަށް މަދުފަހަރަކު ނޫނީ ބަނޑު ދޮވުމަށްޓަކައި 24 ގަޑިއިރަށްވުރެ ގިނައިރު މަޑުކުރާކަށް ނުޖެހޭނެއެވެ. އެހެނިހެން އޮޕަރޭޝަންތަކަށް ތައްޔާރުވާފަދައިން ބަނޑުދޮންނައިރުވެސް މަދުވެގެން 8 ގަޑިއިރު ކުރިން ކެއިންބުއިން ހުއްޓާލަން ޖެހޭނެއެވެ. އަދި ބަނޑުދޮވުމުގެ ކުރިން ބަނޑު ހުންނާންވާނީ އެއްކޮށް ހުސްކޮށެވެ.

ބަނޑުދޮންނައިރު ދޮންނަނީ ކުރިމަތިފަރާތުން ރަހިމަށް އެއްޗެއް ލައްވައިގެންނެވެ. މިއިން ރަހިމުގެ އެތެރޭގައި ހުންނަ އެއްޗެތި ދަމައިގަނެއެވެ. އަދި މިގޮތަށް ރަހިމުގެ އެތެރޭގައި ހުންނަ އެއްޗެތި ދޮވެ ސާފުކުރާއިރު ސާފުކޮށްފައި ހުންނަ ނުވަތަ ސްޓްރެލައިޒު ކޮށްފައި ހުންނަ ހާއްސަ ފެނުން އެތެރެ ދޮންނަމުން ދާނެއެވެ. އަދި މިގޮތަށް ދޮންނައިރި ރަހިމުގެ ކަރު އެކަށީގެންވާވަރަށް ވުރެ ހިމަ ނަމަ އެއްޗެއް ކޮއްޕައިގެން ފުޅާކުރާނެއެވެ. މިހުރިހާ ކަމަކަށް ގާތްގަޑަކަށް ނަގާނި 15 ނުވަތަ ވިއްސަކަށް މިނެޓެވެ. ބަނޑުދޮވުމަށްފަހު މައިމީހާގެ ލެޔަކީ ރީސަސް ނެގެޓިވު ލޭ ކަމުގައިވާނަމަ ރީސަސް އިމިއުން ގްލޮބިއުލިން ޑޯޒެއް ނަގަން ޖެހޭނެއެވެ. ނަމަވެސް ފިރިމީހާގެ ލެޔަކީވެސް އާރުއެޗު ނެގެޓިވު ލޭކަމުގައިވާނަމަ މިޑޯޒު ނަގާކަށް ނުޖެހޭނެއެވެ.

ބައިގެންދިއުމަށްފަހު އަންނަ ބަދަލުތަކަކީ ކޮބާ؟

ބައިގެންދިއުމަށްފަހު މައްސަރުކަންތައް ދިމާވުމުން ވާކަހަލަ ތަދެއް ދުވަސްކޮޅެއް ވަންދެން ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަފުތާއެއް ދެހަފުތާއެއްވަންދެން ކުރިމަތިފަރާތުން ކޮއްމެވެސްވަރަކަށް ލޭފެއިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިދުވަސްކޮޅު ތަދު ކެޑުވުމަށްތަކައި ބުރޫފަން ނުވަތަ އެސިޓަމިނޮފެން ފަދަ ބޭހެއް ބޭނުން ކުރުން ރަނގަޅުވާނެއެވެ. އަދި މިދުވަސްކޮޅު ޖިންސީގުޅުން ހިންގުމާއި، މޫދަށް އެރުމާއި، ކުރިމަތިފަރާތުގައި ބޭނުން ކުރާއެއްވެސް ބޭހެއް ޑޮކުޓަރުގެ ލަފަޔާއި ނުލައި ބޭނުންކުރުމުން ދުރުވާން ޖެހޭނެއެވެ. މިއިން އެއްވެސް ކަމެއް ކުރަން ޖެހޭނީ ކުރިމަތިފަރާތުން ލޭފެއިބުން މުޅިން ހުއްޓުމުންނެވެ.

މާގިނައިން ލޭފައިބާނާމަ ނުވަތަ ހުންއައުމާއި ކުރިމަތިފަރާތުން ފައިބާ އެއްޗެތިން ނުބައިވަސް ދުވުމާއި މާބޮޑަށް ރިއްސައި ތަދުވާނަމަ ލަސްނުކޮށް ޑޮކުޓަރަށް ދައްކާށެވެ. އަދި އަވަސް ފަރުވާ ހޯދާށެވެ. މާގިނައިން ލޭއައިސް ބަލިކަން އިހުސާސް ކުރެހި، ބޯއަބުރައި މޫނުމައްޗަށް އަދިރި އެޅުން ފަދަ ކަމެއް ދިމާވާނަމަ އަބުރައިގެން ދިއުމާއި ހޭނެތުމަކީ އަދި ޝޮކެއް ޖެހުމަކީ ވެދާނެކަމެކެވެ. މިފަދަ ހާލަތުގައި ވަގުތުން ލަސްނުކޮށް އަވަހަށް ޑޮކުޓަރަށް ދާށެވެ. އަދި ވަގުތުން ކުއްލިފަރުވާ ހޯދާށެވެ.

އެއްފަހަރު ބައިގެންގޮސްފިނަމަ ބައިގެންދިއުމުގެ ފުރުޞަތު ބޮޑުވާނެތަ؟

ނޫނެކެވެ. އެހެނަސް މިފަދަ މީހުން ދެވަނަފަހަރަށް ބައިގެން ދިއުމަކީވެސް ވެދާނެ ކަމެކެވެ. އާއްމުގޮތެއްގައި އެންމެފަހަރަކު ބަލިވެއިންނަތާ ކުރީކޮޅު ބައިގެން ދިޔަ ކަމުގައިވިޔަސް އެއީ ދެމަފިރިންގެ މައްސަލައެއް ހުރެގެން ދިމާވިކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް އެއްފަހަރަށް ވުރެ ގިނަފަހަރު ޖެހިޖެހިގެން ބައިގެން ގޮސްފިނަމަ ލޭގެ ބައެއް ޓެސްޓުތަކާއި ޖެނެޓިކު ބައެއް ޓެސްޓު ހަދަން ޑޮކުޓަރު ލަފާދިނުމަކީ އެކަށިގެންވާ ކަމެކެވެ. ހާއްސަކޮށް މައިމީހާގެ އުމުރުން 35 އަހަރު ވެފައިވާނަމައެވެ. އަދި ބައެއްކަހަލަ ބަލިތަކުންކުރެ ބައްޔެއް ޖެހިފައިވާނަމަވެސް މިފަދަ ޓެސްޓުތަކެއް ހަދަން ލަފާދިނުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައިގެން ދިޔައީ ނުވަތަ ދުވަސް ނުފުރައި ވިހެއީ ރަހިމުގެ ކަރުގެ ބަލިކަށި ކަމުންނަމަ އެންމެފަހަރަކު މިގޮތަށް ދިމާވިޔަސް ދެން ބަލިވެއިނުމުން ހާއްސަ ފަރުވާ ހޯދަން ޖެހޭނެއެވެ.

ބައިގެންދިއުމަށްފަހު ބަލިވެއިންނަން ރަނގަޅީ ކިހާ ދުވަހެއްފަހުން؟

އާއްމުގޮތެއްގައި ބައިގެން ދިއުމަށްފަހު މައްސަރުކަންތައް ގަވައިދުން ދިމާވާން ފަށަނި 4 ހަފުތާ ނުވަތަ 6 ހަފުތާ ފަހުންނެވެ. ބައެއް ޑޮކުޓަރުން ވިދާޅުވާގޮތުގައި މިމުއްދަތަށްފަހު ބަލިވެއިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އަނެއްބައި ޑޮކުޓަރުން ވިދާޅުވަނީ މަދުވެގެން 2 ފަހަރު މައްސަރު ކަންތައް ދިމާނުވަނީސް ބަލިވެއިނުން ރަނގަޅެއް ނޫނެވެ. އެއީ މިމުއްދަތުގެ ތެރޭގައި ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން މައިމީހާ ބަލިވެއިނުމަށް ތައްޔާރު ވާނެއެވެ. ވުމާއެކު މިދުވަސްވަރު ދޭތެރެ ދުރުކުރާ ވަސީލަތެއް ބޭނުންކުރުމަކީ ރަނގަޅުކަމެކެވެ. އެއީ ބައިގެން ދިއުމަށްފަހު ދެހަފުތާގެ ތެރޭގައި އޯވަރީން ބިސްބޭރުކުރަން ފެށުމަކީ އެކަށިގެންވާ ކަމަކަށްވާތީއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.