އާދީއްތަ20180610

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ބަލިވެއިނުމާއި ވިދިގެން އަންހެނުންގެ ހަށިގަޑަށް އަންނަ ބަދަލުތައް

ބަލިވެއިނުމާއި ވިދިގެން އަންހެނުންގެ ހަށިގަޑަށް އަންނަ ބަދަލުތައް

1maabadu-anna-badhalu- ބުރަކަށީގައި ރިއްސުން
2- ބޮލުގައި ރިހުން
3- މަޢިދާ ނުވަތަ ދަށްބަނޑުގައި ރިހުން
4- އާދަޔާ ޚިލާފަށް ވަރުބަލިވުން
5- އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން
6- ހެދުނުގެ ބަލި ނުވަތަ މޭނުބައިކުރުމާއި ހޮނޑުލެވުން (ހެދުނުގެ ބަލި )
7- ބޯއެބުރުމާއި ހޭނެތުން
8- ބަނޑުގައި ވައިހެދުން
9- ބަނޑުހިކުން
10- ފުރަގަސްފަރާތު ބަލި
11- ފައިގެ ލޭނާރުތައް ފުއްޕުން
12- ފައި ވާޅުވުމާއި އަކުނިވަޔަށް ދެމުން
13- މޫނާއި، ފަޔާއި، ފައިތިލަ ފޮއްސިވެ ދުޅަވުން
14- ނިދި ނައުން
15- ނޭވާ ކުރުވުން
16- ނޭފަތުން ލޭއައުން
17- ހިރުގަނޑުން ލޭއައުން
18- މެއިން ދިލަނެގުން
19- އައްސިވުން
20- ހޫނުވުން
21- ވެޖައިނާ ނުވަތަ އަންހެނާގެ ޖިންސީ ގުނަވަނުން ދިޔަބޭރުވުން
22- އުރަމައްޗަށް އަންނަ ބަދަލުތައް
23- ހަންގަނޑަށް އަންނަ ބަދަލުތައް

1- ބުރަކަށީގައި ރިއްސުން

ބުރަކަށީގައި ރިއްސުމަކީ ބަލިވެ އިނުމަށް ފަހު ވިހެއުމާއި، ދޭތެރޭގެ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތި ވެދާނެ ކަމެކެވެ. ވަރަށް ގިނަ އަންހެނުންނަށް ބަލިވެއިނުމާއި، ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. ބުރަކަށީގައި ރިހުން ކުޑަކުރުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.

(ހ) ފުންނާބު އުސް ފައިވާން ނުވަތަ ބޫޓަށް ނޭރުން

(ށ) ބަރުތަކެތި އުފުލާ ނެހެދުން

(ނ) އެއްޗެއް އުފުލުމަށް ނުވަތަ ނެގުމަށް އުނަގަނޑު ނުލެއްބުން : މިގޮތަށް ލައްބާނަމަ ބުރަކަށި ސީދަލަށް ބެހެއްޓުމަށް ފަހު ދެކަކޫ ލެއްބުން

(ރ) މާގިނައިރު ކޮޅަށް ނުހުރުން : މިގޮތަށް ހުންނަ ނަމަ އެއްފައި މައްޗަށް ނަގައި ފައިދަށަށް ގޮނޑިއެއް ނުވަތަ ފޮށިގަނޑެއް ފަދަ އެއްޗެއް ލައިގެން ހުރުން

(ބ) ގޮނޑިއެއް ފަދަ އެއްޗެއްގައި އިށީދެ އިންނަނަމަ ފަހަތަށް ބާލީހެއްލައި އޭގައި ލެގިލައިގެން އިނުން

(ޅ) ނިދާއިރު ވާތް ފަރާތަށް ބުރަވެއޮވެ ނިދުމާއި، ދެފައިދޭތެރަށް ބާލީހެއް ލައިގެން އޮތުން

(ކ) ގޭތެރޭގައި މަސައްކަތް ކުރާ އިރު ވީވަރަކުން ގުދުނުވެ އުޅުން

(އ) ރިއްސާ ހިސާބު ހޫނު ނުވަތަ ތެތް ފޮތިގަނޑަކުން މަސާޖު ކުރުން

(ވ) ތާފަނާ ފެނުން ދުވާލަކު 2 ފަހަރު ފެންވެރުން

(މ) ހަރުގޮދަނޑިއެއް ގައި ނިދަން އާދަކުރުން

(ފ) މަދުވެގެން ހަފްތާއަކު 3 ފަހަރު ކަސްރަތު ކުރުން

2- ބޮލުގައި ރިހުން

ބޮލުގައި ރިއްސުމަކީ ބަލިވެއިނުމަށް ފަހު ވިހެއުމާއި ދޭތެރޭގައި ކޮންމެ ދުވަސްވަރެއްގައިވެސް ކުރިމަތިވެދާނެ ކަމެކެވެ. އާންމު ގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިއީ ބަލިވެ އިނުމާއި ގުޅިގެން ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ. ވަރުބަލިވުން، ބަލިވެއިނުމާއި ގުޅިގެން ލޭމައްޗަށް ދިއުން (Preeclampsi)ފަދަ ކަންކަމަކީ ވެސް ބޮލުގައި ރިހުމަށް މެދުވެރިކުރުވާ ސަބަބުތަކެކެވެ.

އެކިމީހުންނަށް ބޮލުގައި ރިހުން ކުރިމަތިވާ މިންވަރާއި، ގިނަމަދުމިން ތަފާތެވެ. އެކަށޭނަ ވަރަކަށް އަރާމު ކުރުން، ބަރާބަރަށް ކެއުމާއި، ފެންބުއިން ބޮލުގައި ރިހުން ކުޑަކޮށްދެއެވެ. ހަމަމިހެން އެސްޕިރިން ފަދަ ތަދުކެޑުވުމަށް އުފައްދާފައި ހުންނަ ބޭސްތައް ބޭނުންކޮށްގެން ނުވާނެއެވެ. ބޮލުގައި ރިއްސަން ފެށުމުން ފޮތިގަނޑެއް ތެންމާލުމަށް ފަހު ނިއްކުރިމަތީގައި ބާއްވާށެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިހުމަށް ލުއިކަމެއް ގެނެސްދޭނެއެވެ. ތާފަނާ ފެނުން ފެންވެރުމާއި، ކަރާއި، ކަދުރާ އަދި ބޯ މަސާޖުކުރުމަކީ ވެސް ބޮލުގައި ރިހުން ކުޑަކޮށްދޭނޭ ކަންކަމެވެ.

ބޮލުގައި ރިއްސުން ހުރުމާއި އެކު މޭނުބައިކުރުން، ލޮލުގެ ކުރިމަތީގައި އެތިކޮޅުތަކެއް އުޅޭހެން ހީވުން، ލޮލުގެ ފެނުން ކޮށިވުން ، މިއިން ކަމެއް ދިމާވެއްޖެނަމަ ޑޮކްޓަރަކާ މަޝްވަރާކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބޮލުގައި ރިހުމަށް ބޭހެއް ނެގުމުގެ ކުރިން ޑޮކްޓަރަކާއި މަޝްވަރާކޮށް ލަފާ ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

3- މަޢިދާ ނުވަތަ ދަށްބަނޑުގައި ރިހުން

ބަލިވެއިނުމާއި ގުޅިގެން ރަހިމު ބޮޑުވަމުން އަންނަ އިރު ރަހިމު ހިފެހެއްޓުމަށްޓަކައި އޭގެ ވަށައިގެންލެވިފައިވާ ލިގަމެންޓްތައް ދެމި، ވާންވެ، ބާރުވާގޮތް ވެއެވެ. މިކަމުގެ ސަބަބުން މައިމީހާއަށް ދަށްބަނޑުގައި ރިހުން އިހްސާސް ކުރެވެއެވެ. އާންމު ގޮތެއްގައި ރިހުން ހުންނަނީ ބަނޑުގެ އެއްފަރާތެއްގައެވެ. ގިނަ މީހުންނަށް މިމައްސަލަ ކުރިމަތިވަނީ 24-18ވަނަ ހަފްތާއާއި، ދޭތެރޭގެ ދުވަސްވަރެއްގައެވެ. މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ބަނޑުގައި ރިއްސަން ފެށުމުން ކުރިއަށް ލެބިލުން

(ށ) ވީވަރަކުން އަރާމު ކުރުން

(ނ) ތަނެއްގައި އޮށޯވެ އޮންނަ އިރު އެއްގޮތަކަށް އަބަދު ނޯވެ އޮންނަގޮތް ބަދަލުކުރުން

4- އާދަޔާ ޚިލާފަށް ވަރުބަލިވުން

މިއީ އެންމެ އާއްމުކޮށް ދިމާވާ އެއް މައްސަލައެވެ. ޚާއްޞަ ގޮތެއްގައި ފުރަތަމަ 3މަހާއި ފަހު 3މަހުގައި ވަރުބަލިކަން މާބޮޑަށް އިހްސާސް ވެއެވެ.މިކަން ދިމާވަނީ ހަށިގަނޑުގައި ޕްރޯޖެސްޓީރޯން ގެ މިންވަރު މަތިވުމާއި،އަދި އުފެދެމުން އަންނަ ދަރިފުޅަށް މައިމީހާގެ ހަށިގަނޑު ތައްޔާރުމަވުން އަންނައިރު އިތުރު ހަކަތަ މައިމީހާގެ ހަށިގަނޑަށް ބޭނުންވާތީއެވެ.

ރޭގަނޑުގެ ނިދި ބަރާބަރަށް ލިބުނަސް ދުވާލު ވުމުން ވަރުބަލިކަން އިހްސާސް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އާދައިގެ ކަމެކެވެ.ރަގަޅަށް ނިދާލާ އަރާމުކޮށްލުމުން ހިތްހަމަޖެހުމާއި،ބާރު ހަށިގަޑަށް ގެނުވައިދެއެވެ. ވަރުބަލިކަން އިހްސާސް ވާނަމަ އަބަދުވެސް އަރާމުކުރަން ހަދާންކުރާށެވެ.ރޭގަނޑު މަދުވެގެން 8ގަޑި އިރު ނިދިހަމަކުރުމާއި،ދުވާލުވެސް 2ގަޑިއެއް ހާއިރު ނިދާލުމަކީ ރަގަޅުކަމެކެވެ. ހާސްވެ ހިތް ނުތަނަވަސްވެ ފިކުރުބޮޑު ވާގޮތް ދިމާވާނަމަ ހިތްހަމަޖެހޭ ފަދަ ކަމެއް ކުރެވިދާނެއެވެ. ހަމަމިހެން ކަސްރަތު ކުރުމާއި، ފައިދާ ހުރި ކާނާ ބޭނުން ކުރުމަކީ ވެސް ވަރުބަލިކަން ކުޑަކޮށްދޭނޭ ކަންކަމެވެ.

ލޭމަދުވުމުގެ މައްސަލަ ކުރިމަތިވުމަކީ ވެސް ވަރުބަލިކަން މެދުވެރިވުމަށް އެހީވެދޭ ކަމެކެވެ. އެހެން ކަމުން ފުރަތަމަ 3މަހާއި، ފަހު3މަހުގެ ތެރޭގައި ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެފައިވޭތޯ ބެލިދާނެ އެވެ. އަދި މިގޮތަށް ލޭމަދުވެފައިވާނަމަ ދަގަނޑު ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ.

ނިދާއިރު ނުވަތަ އޮށޯވެ އޮންނައިރު ވަާތްފަރާތަށް ބުރަވެ އޮތުމަކީ މިދުވަސްވަރު ރަގަޅުކަމެކެވެ.އެއީ މިކަމުގެ ސަބަބުން އުފެދެމުން އަންނަ ދަރިފުޅަށް ބޭނުންވާ ކާނާއާއި،އޮކްސިޖަން ގެންގޮސްދޭ ލޭހޮޅިތަކުގެ ޕްރެޝަރ ދަށްކޮށްދޭތީއެވެ. ހަމައެހެންމެ ބަލިވެއިނުމަށްފަހު ލޭގެ ޕްރެޝަރ މަތިނަމަ މިގޮތަށް އަމަލުކުރުމަކީ މުހިއްމު ކަމެކެވެ.

5- އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން

ބަލިވެއިނުމާގުޅިގެން މާގިނައިން ކުޑަކަމުދާން ޖެހުމަކީ ވަރަށް އާންމުކަމެކެވެ.ބަލިވެއިނުމާއި ގުޅިގެން ގުރުދާގައި ލޭދައުރުކުރާ މިންވަރު %35ން %60 އަށް މަތިވެއެވެ. މިއާއި ގުޅިގެން ކުޑަކަމުދާތަކެތި އުފައްދާ މިންވަރުވެސް %25 އިތުރުވެގެން ދެއެވެ. ގިނަގިނައިން ނުވަތަ އިރުއިރުކޮޅާ ކުޑަކަމުދާންޖެހުމުގެ އަސްލަކީ މިއީއެވެ.

ބަލިވެއިންނަތާ ކުރީކޮޅު މިގޮތަށް ކުޑަކަމުދާން ޖެހުމުގެ ސިއްރަކީ މައިމީހާގެ ރަހިމު ބޮޑުވަމުން އަންނަ އިރު އުފެދޭ ޕްރެޝަރގެ ސަބަބުން މަސާނާފިތޭގޮތް މެދުވެރިވެ، ކުޑަކަމުދާ ތަކެތި އުފެދޭ މިންވަރު އިތުރުވުމެވެ. މަސާނާ ހުސްކޮށް ހުރިނަމަވެސް ކުޑަކަމުދާން ޖެހޭ ކަހަލަ އިހްސާސެއް ކުރެވެއެވެ. އެއީ ބޮޑުވަމުންދާ ރަހިމުގެ ސަބަބުން މަސާނާ ފިތި، ފުރިފައިވާ ކަމުގެ އިހްސާސެއް ގެނެސްދޭތީއެވެ. ރަހިމު ބޮޑުވެ، މައްޗަށް އުފުލި ބަނޑުގައިވާ ހުސްތަނަށް ވާސިލްވާއިރު، މަސާނާއަށް ފިތޭ މިންވަރު ދަށްވެ، މިކަމަށް ލުއިކަމެއް ލިބެއެވެ. ނަމަވެސް ވިހަން ކައިރިވެގެން އަންނަ އިރު މިކަމުގެ އުދަގޫ އަނެއްކާ ވެސް ފެންނަށް ފަށައެވެ. އެއީ ކުޑަދަރިފުޅުގެ ބޯ މަސާނާގައި ޖެހި މަސާނާ ފިތޭގޮތްވާތީ އެވެ. ޚާއްޞަކޮށް ފަހުކޮޅުގައި ރޭގަނޑު އެތައް ފަހަރަކު ކުޑަކަމުދާން ބޭނުންވެގެން ހޭލެވުމަކީ ވެދާނެ ކަމެކެވެ.

ވިހަންކައިރި ވެގެން އަންނަ އިރު ފަހު މަސްތަކުގައި ކެއްސުން، ހުނުން، ކިބިހިއެޅުން، ބަރުތަކެތި އުފުލުން، ޖޮގިންހެދުން މިފަދަ ހާލަތްތަކުގައި ބައެއް މީހުންނަށް ނުހިފެހެއްޓިގެން ކުޑަކަމުދެވޭގޮތް ވެއެވެ. މިގޮތަށް ކުޑަކަމުދާން ޖެހޭ ނަމަ ''ކީޖެލް އެކްސަސައިޒް''(Kegel exercise)އޭ ކިޔޭ ކަސްރަތެއް ކުރެވިދާނެ އެވެ. މިކަސްރަތުގެ ސަބަބުން ޕެލްވިސްއާއި، ކުޑަކަމުދާތަކެތި ބޭރުވާމަގުގެ ވަށައިގެންވާ މަސްތަކުގެ ބާރު ގަދަވެ، ކުޑަކަމުދާ ތަކެތި ބޭރުކުރުމަށް އެހީތެރިވެދެއެވެ. ކޮފީ، ކަޅުސައި ފަދަ ތަކެތި ބުއިން ވީވަރަކުން މަދު ކުރާށެވެ. ދުވާލު ގިނައިން ދިޔާތަކެތި ބޯށެވެ. ނަމަވެސް ހަވީރު 4ގެ ފަހުން މިގޮތަށް ދިޔާ ތަކެތި މާގިނައިން ނުބޯށެވެ. އޭރުން ރޭގަނޑުގެ ގަޑިތަކުގައި ކުޑަކަމުދާންޖެހޭ މިންވަރު ކުޑަކޮށްދެއެވެ.

ކުޑަކަމުދިއުމުގެ ތެރޭގައި ރިއްސުން، ދިލަނެގުން، ކުޑަކަމުދާތަކެތީގެ ތެރޭގައި ދޮސް ނުވަތަ ލޭހުރުން، މިއިން ކަމަކުންކުރެ ކަމެއް ފާހަގަވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާހޯދާށެވެ. އެހެނީ އިސްވެ ބަޔާން ްކުރެވުނު ކަންތައްތަކަކީ ކުޑަކަމުދާތަކެތި އުފައްދާ، ބޭރުކުރާ ނިޒާމްގައި ބައްޔެއް ހުރުމުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެވެ. މިގޮތަށް ބައްޔެއް ހުރިކަން ފާހަގަވެއްޖެ ނަމަ ލަސްނުކޮށް ފަރުވާކުރަން ހަދާން ކުރާށެވެ. އެހެނީ މިފަދަ ހާލަތުގައި ފަރުވާނުކޮށް ދޫކޮށްލައިފިނަމަ ދުވަސްނުފުރާ ވިހެއުން ފަދަ ކަމެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

6- ހެދުނުގެ ބަލި ނުވަތަ މޭނުބައިކުރުމާއި ހޮނޑުލެވުން (ހެދުނުގެ ބަލި )

ބަލިވެއިންނަތާ ކުރީކޮޅު މޭނުބައިކުރުމާއެކު ހޮޑުލެވުމަކީ އާންމުކަމެކެވެ ބަލިވެ އިންނަ %90 އަންހެނުންނަށް މިކަމުގެ އުދަގޫ ފޯރައެވެ. ގިނަމީހުނަށް މިކަން ކުރިމަތިވަނީ ހެދުނުކޮޅުއެވެ. ހެދުނުގެ ބައްޔޭ ކިޔެނީ މިސަބަބާއި ހުރެއެވެ. ނަމަވެސް ހައިބަނޑާއި ހުރިކަމުގައި ވާނަމަ ދުވާލުގެ ކޮންމެ ވަގުތަކުވެސް މިއުދަގޫތައް ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ. ހެދުނުގެ ބަލީގެ އެންމެ ނުރައްކާތެރި ހާލަތަށް ''ހައިރެމީސިސް ގްރެވިޑޭރަމް'' (Hyperemesis gravidarum)އޭ ކިޔައެވެ. ބުނެވޭގޮތުގައި މިއީ ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑުގައި އެކުލެވޭ ހޯރމޯންތަކަށް އަންނަ ބަދަލަކާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ. އާންމުގޮތެއްގައި މޭނުބައިކުރުމާއި، ހޮނޑުލެވުން ނުވަތަ ހެދުނުގެ ބަލި ފުރަތަމަ 3މަސް ފާއިތުވެދިއުމުން ރަގަޅުވެއެވެ.

މޭނުބައި ކުރުމާއި ހޮނޑުލެވުން ކުޑަކުރުމަށް އަންނަނިވި ކަންތައްތައް އެހީތެރިވެދެއެވެ.

(ހ) ލުއިކޮށް ގިނަގިނައިން ކެއުން ( ދުވާލަކު 6 ނުވަތަ 8 ފަހަރު )

(ށ) ތެޔޮ އަދި ހަވާދު އެކުލެވޭ ( ކުޅި ) ކާނާ އާ ދުރުހެލިވުން

(ނ) އެއްފަހަރު ކެއުމާއި އަނެއްފަހަރު ކެއުމާއި ދޭތެރޭ ގިނަގިނައިން ދިޔާތަކެތި ބުއިން

މިގޮތުން އިގުރުސައި އަދި ކުދީނާފަތުގެ ސައި ބޭނުންކުރެވިދާނެއެވެ.

(ރ) ކޮފީ އަދި ކަޅުސައި ފަދަ ބުއިން ތަކާ ދުރުހެލިވުން

(ބ) ޕްރޮޓީންސް އެކުލެވޭ ކާނާ ގިނައިން ބޭނުން ކުރުން

މިގޮތުން ބަދަން، ޕީނަޓް ބަޓަރ ފަދަ އެއްޗެތި ބޭނުން ކުރެވިދާނެއެވެ.

(ޅ) އިގުރު އެކުލެވޭ ކާނާ ބޭނުންކުރުން

(ކ) މޭނުބައިކުރުވާ ކާނާއާއި، ވަސްތަކާއި ވީވަރަކުން ދުރުހެލިވުން

(އ) ޕާން ،ބަނަސް،،ފާރޮށި، އަދި ޗީޒް ފަދަ ސްޓާޗް އެކުލެވޭ ކާނާ ބޭނުން ކުރުން

މިފަދަ ކާނާ އެދުކައިރީ އަތުޖެހޭ ހިސާބުގައި ބެހެއްޓިދާނެއެވެ.ހެދުނު ހޭލާ އެދުން ތެދުވުމުގެ ކުރިންނާއި، މެންދަމު ހޭލެވިއްޖެނަމަ މިފަދަ ކާނާ ބޭނުންކުރުމަކީ ފައިދާހުރިކަމެކެވެ.ހަމައެހެންމެ މޭނުބައިކުރަން އުޅޭހެން ހީވާނަމަ މިކާނާ ބޭނުން ކުރެވިދާނެއެވެ.

(ވ) މަތީގައި ބަޔާން ކުރެވުނު ކަމަކުން މޭނުބައިކުރުމާއި،ހޮޑުލުމަށް ބަދަލެއް ނާންނަނަމަ ވިޓަމިން ބީ

(B6 ) ބޭނުންކުރުމަށް ޑޮކްޓަރެއްގެ ކިބައިން ލަފާހޯދިދާނެއެވެ.

މާގިނައިން ހޮޑުލެވޭނަމަ ހަށިގަނޑުން ފެން ހުސްވާގޮތް ( ފެންމަދުވުން ) މެދުވެރިވުމަކީ އެކަށީގެން ވާކަމެކެވެ.މިފަދަ ހާލަތުގައި ލަސްނުކޮށް ޑޮކްޓަރަކާ މަޝްވަރާކޮށް އެކަމުގެ އިރުޝާދު ހޯދިދާނެއެވެ. މޭނުބައިކުރުމާއި،ހޮޑުލުން ކުޑަވެ،އެކަމުގެ އަސަރު ފިލަން ފެށުމުން ގަވާއިދުން ކާތަކެތި ބޭނުންކުރަން ފެށިދާނެއެވެ. އަދި ބަލިވެ އިންނަ ދުވަސްވަރު ނަގަންޖެހޭ ވިޓަމިންސް(Prenatal vitamins)ވެސް ނެގިދާނެ އެވެ.

7- ބޯއެބުރުމާއި ހޭނެތުން

ބޯއެބުރުމާއި، އަދި ހޭނެތުން ފަދަ ކަންކަމަކީ މާބަނޑު ދުވަސްވަރު ކުރިމަތިވެދާނެ ކަންކަމެވެ.މިކަން ދިމާވަނީ މައިމީހާގެ ރަހިމާއި،ފަޔާއި ދިމާތިރިއަށް މާގިނައިން ލޭދައުރުވާން ފެށުމުންނެވެ. މިގޮތަށް ލޭ ދައުރުވަނީ ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑުގައި އިތުރުވަމުންދާ ޕްރޯޖެސްޓީރޯން ހޯރމޯންގެ ސަބަބުން ލޭހޮޅިތައް ފުޅާވުމުންނެވެ.

ލޭމަދުވުން، ލޭގައި ހުންނަންޖެހޭ ހަކުރުގެ މިންވަރުދަށްވުން، ސިކުނޑިއަށް ބޭނުންވާވަރަށް އޮކްސިޖަން ނުލިބުން،ލޭގެ ޕްރެޝަރ ދަށްވުން، ރަގަޅުކާނާ ނުކެއުން ފަދަ ކަންކަމަކީ ބޯއެބުރުމާއި،ހޭނެތުން ފަދަ ކަންކަން ކުރިމަތިވުމަށް މަގުފަހިކޮށްދޭ ކަންކަމެވެ. .މިކަންކަމުން ސަލާމަތްވުމަށް ނުވަތަ މިކަންކަން ކުޑަ ކުރުމަށް ތަނެއްގައި އޮށޯވެއޮންނައިރު ވާތްފަރާތަށް ބުރަވެއޮވެވިދާނެއެވެ.މިގޮތަށް އޮތުމުން ހިތާއި، ސިކުނޑިއަށް ލޭ ފޮނުވާދޭ މިންވަރު އިތުރުވެ، ބޯއެބުރުން ކުޑަކޮށް ދެއެވެ. ހަމަމިއާއެކު ގިނައިރުތަކެއް ވަންދެން އެއްތަނެއްގައި އިށީދެ ނުވަތަ ކޮޅަށް ހުރުމުގެ ބަދަލުގައި ކޮޅުކޮޅަށް ހިގާލާ ހަރަކާތްތެރިވުމުން ކުރިން މިބުނެވުނު ކަންތަންތަކާ ދުރުހެލިކޮށްދެއެވެ. ހަށިގަނޑަށް ފައިދާހުރި ރަގަޅުކާނާ އަބަދުވެސް ކެއުމަށް ހަދާންކުރާށެވެ.

8- ބަނޑުގައި ވައިހެދުން

މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދި ވައިބޭރުކުރެވޭ މިންވަރު އިތުރުވުމަކީ ވެދާނެ ކަމެކެވެ. މިގޮތަށް ވައިހެދެނީ ޕްރޯޖެސްޓީރޯން ހޯރމޯންގެ ސަބަބުން ގޮހޮރުގެ މަސްތައް ދޫވުމުންނެވެ. ބައެއް މީހުންނަށް ވައިބޭރުކުރެވޭ ވަގުތު ކޮންމެވެސް ވަރަކަށް ތަދު އިހްސާސް ކުރެވެއެވެ.

މިކަމުން ސަލާމަތްވުމަށް ކުދީނާ ފަތު ސައި ނުވަތަ ފެނަކީ ވަރަށް ފައިދާހުރި އެއްޗެކެވެ. ހަމަމިހެން ވައި އުފެއްދުމަށް އެހީވެދޭ ކާނާގެ ބާވަތްތައް ބޭނުން ނުކުރާށެވެ. މިގޮތުން ބަނބުކެޔޮ، ތޮޅި، ބްރޯކްލީ، ކެބެޖް، ކޮލިފްލާވަރ، ފަދަ ކާނާ ބޭނުން ކުރުން މަދުކުރާށެވެ. ހަމަމިހެން ކޯލާ ޕެޕްސީ ފަދަ ގޭސް އެކުލެވޭ ބުއިންތަކާއި ދުރުހެލިވާށެވެ.

9- ބަނޑުހިކުން

މިއީ ބަލިވެ އިންނަ %50 އަންހެނުންނަށް ކުރިމަތިވާ މައްސަލައެކެވެ. ބަނޑު ހިކޭގޮތް މެދުވެރިވަނީ ބަލިވެއިނުމާވިދިގެން މައިމީހާގެ ރަހިމު ބޮޑުވެ، ފުޅާވުމުން ''ރެކްޓަމް''ފިތޭގޮތްވުން، ޕްރޯޖެސްޓީރޯން ހޯރމޯންގެ ސަބަބުން ކާތަކެތި ހަޖަމުކުރާ ނިޒާމްގައި ކާތަކެތި ހަރަކާތްކުރުން ދަށްކޮށްލުން ، މިއީ ބަނޑުހިކުން މެދުވެރިކުރުވާ ބައެއް ސަބަބުތަކެވެ. އިސްވެބުނެވުނު ގޮތަށް ހަޖަމުކުރާ ނިޒާމްގައި ކާތަކެތި ހިގުން ދަށްވުން ނުވަތަ ހަރަކާތްކުރުން ދަށްވުމުން ކާތަކެތި ގޮހޮރުގައި ހުންނަ މިންވަރު އިތުރުވެ، ފެން ހަށިގަނޑަށް ދަމާ މިންވަރު މަތިވެއެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރުގައި ހުރި ތަކެތި ހަރުވެ، ބޭރުވާން އުދަގޫވެއެވެ. ބަނޑުހިކުމުގެ މައިގަނޑު ސިއްރަކީ މިއީ އެވެ.

އަންނަނިވި ކަންތައްތައް ކުރުމުން ބަނޑުހިކުމުގެ މައްސަލައިން ސަލާމަތްކޮށްދެއެވެ.

(ހ) ރޯމޭވާ، ތަރުކާރީ، ގްރެއިން ސެރެލްސް، ޕާން ފަދަ ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުން

މިކާތަކެތި ބޭނުން ކުރާ އިރު މޭވާ ނުވަތަ ތަރުކާރީ އެކުލެވޭ ޖޫސް ބޭނުންކުރެވިދާނެ އެވެ. މިގޮތުން ދުވާލަކު 1 ނުވަތަ 2ތަށި ޖޫސް ބޯށެވެ. ''ޕްރޫން'' ޖޫހަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ.

(ށ) ކޮންމެ ދުވަހަކު މަދުވެގެން 8ނުވަތަ 10ތަށި ފެންބޯން އާދަކުރުން

(ނ) ކަސްރަތުކުރުން، ފެތުން، ކުޅިވަރު ކުޅުން،

(ރ) މާމުއި ފަދަ ތަކެތި ކޮންމެ ދުވަހެއްގެ ކާނާގައި ހިމެނުން

(ބ) ކޮންމެ ދުވަހަކު މަދުވެގެން ބައިގަޑިއެއް ހާއިރު ހިގާލުން

10- ފުރަގަސްފަރާތު ބަލި

މިކަން ކުރިމަތިވަނީ ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވާ ލޭނާރުތައް ދުޅަވެ، ފުއްޕުމުގެ ސަބަބުންނެވެ. މިގޮތަށް ދުޅަވެ، ފުއްޕަނީ ބޮޑުވަމުން އަންނަ ރަހިމުން މިލޭނާރުތަކަށް ފިއްތާތީ އެވެ. ބަނޑުހިކުމުގެ މައްސަލަ ހުންނަ ނަމަ ފުރަގަސްފަރާތު ބަލި އިތުރަށް ގޯސްވެ ފުރަގަސް ފަރާތް ފައިބާގޮތް މެދުވެރިވެއެވެ. މީގެ އިތުރުން ފުރަގަސްފަރާތު ދޮރުގައި ކަހާ ހިރުވުމާއި، ބޮޑުކަމުދާއިރު ލޭއައުމަކީ ފުރަގަސްފަރާތު ބަލި ހުންނަނަމަ ކުރިމަތިވެދާނެ ކަންކަމެވެ. މިކަމުން ސަލާމަތް ވުމަށް ތިރީގައި މިބަޔާންކުރާ ކަންތަންތަކަށް ސަމާލުކަން ދިނުމަކީ އެދެވިގެންވާ ކަމެކެވެ.

(ހ) ގިނަގިނައިން ދިޔާ އެއްޗެތި ބުއިމާއި، ފައިބަރު އެކުލެވޭ ކާނާ ބޭނުން ކުރުން.

(ށ) ގިނައިރުތަކެއް ވަންދެން ކޮޅަށްނުހުރުން ނުވަތަ އިށީދެ ނުއިނުން

(ނ) ތާފަނާ ފެނުން ވީވަރަކުން ފެންވެރުން

(ރ) ކަސްރަތު ކުރުން

(ބ) ފުރަގަސްފަރާތު ބައްޔަށް ޚާއްސަކޮށްގެން އުފައްދައިފައި ހުންނަ ކްރީމްއެއް ބޭނުންކުރެވިދާނެއެވެ.

11- ފައިގެ ލޭނާރުތައް ފުއްޕުން

ބަލިވެ އިންނަ ދުވަސްވަރު މައިމީހާގެ ރަހިމުގެ ފަހަތުގައިވާ ބޮޑެތި ''ވެއިން''Vein ހަށިގަނޑުގެ އެކިއެކި ޓިޝޫތަކުން ހިތަށް ލޭ ގެންގޮސްދޭ ލޭނާރުތައް ) ތަކުގައި ޕްރެޝަރ އިތުރުވުމުން އެލޭނާރުތަކުން ހިތަށް ލޭގެންގޮސް ދިނުން ކުޑަވާގޮތް ވެއެވެ. މިހެން ދިމާވަނީ ބޮޑުވަމުން އަންނަ ރަހިމުން މިނާރުތަކަށް ފިއްތާތީއެވެ.މިއާގުޅިގެން ފައިގެ ހަމުގެ ދަށުގަޔާއި،ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވާ ލޭނާރުތައް ފުޅާވެ ފުއްޕާގޮތް ވެއެވެ. ދުޅަވެ ފުއްޕާފައި ހުންނަ ލޭނާރުތައް ހަންގަނޑުން ބޭރަށް އެގެން ހުރެއެވެ. ބައެއްފަހަރު މިފަދަ ލޭނާރުތައް ހުންނަނީ ބޮޑިވަރެއްހެން އޮޅިފައެވެ.މިފަދަ ލޭނާރުތައް ހުންނަނީ ގަދަ ދަނބު ނުވަތަ ނޫކުލައަށެވެ. ލޭނާރުތައް އާންމުކޮށް ފުއްޕަނީ ކުޑަކަޅުވާ ހިމެނޭ ހިސާބުގައެވެ. ނަމަވެސް އުކުޅުވަޅުން ފެށިގެން ތަބިކައްޓާއި ދެމެދު ފައިގެ ކޮންމެ ހިސާބެއްގައިވެސް ލޭނާރުތައް ފުއްޕާފައި ހުރެދާނެއެވެ.އާންމު ގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. ނަމަވެސް ކެހުމާއި އެކު ފާރު އުފެދޭގޮތް ބައެއް ފަހަރު ދިމާވެއެވެ.

ބަލިވެ އިންނަ ދުވަސްވަރު ކުރިމަތިވާ މިމައްސަލައިން ސަލާމަތް ވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

(ހ) ފަޔަށް ބާރު އިސްޓާކީން ، ސްޓޮކިން ފަދަ ތަކެތި ބޭނުން ނުކުރުން

(ށ) ތަނެއްގައި އިށީދެ އިންނައިރު ދެފަޔާއި،ފައިތިލަ މައްޗަށް ނަގައިގެން އިންނަށް އާދަކުރާށެވެ. އޮފީހެއްގައި މަސައްކަތް ކުރާނަމަ މޭޒުދަށުގައި ކުޑަގޮނޑިއެއް ނުވަތަ ފޮށިގަނޑެއް،ބެހެއްޓުމަށްފަހު އެފަދަ އެއްޗެއްގެ މަތީގައި ފައިބަހައްޓައިގެން އިންނާށެވެ. ގޭތެރޭގައި އުޅޭއިރުވެސް ތަނެއްގައި އިށީދެ އިންނައިރު ކުޑަގޮނޑިއެއް ނުވަތަ ބާލީހެއް ފަދަ އެއްޗެއް ފައިދަށަށް ލެވިދާނެއެވެ.

(ނ) އެއްތަނެއްގައި މާގިނަ އިރުތަކެއްވަންދެން ކޮޅަށް ނުހުރުން

(ރ) ހިގާލުން ފަދަ ކަމަކުން ކަސްރަތު ލިބިގަތުން

(ބ) އަރާމުކުރުމަށް އެދުގައި އޮންނަ އިރު އެއްއަރިއަކަށް ވާތްފަރާތަށް ބުރަވާގޮތަށް އޮތުން

12- ފައި ވާޅުވުމާއި އަކުނިވަޔަށް ދެމުން

ގިނަމީހުންނަށް މިކަން ދިމާވަނީ މާބަނޑު ދުވަސްވަރު ޚާއްސަކޮށް ފަހު 3މަހުގެ ތެރޭގައެވެ. ނަމަވެސް ބައެއް މީހުންނަށް ބަލިވެ އިންނަތާ ކުރީކޮޅުވެސް މިކަމުގެ އުދަގޫ ފޯރައެވެ. ބެލެވޭގޮތުގައި މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ހަށިގަނޑުގައި ކެލްސިއަމް ހުންނަންޖެހޭ މިންގަޑަށް އަންނަ ބަދަލެއްގެ ސަބަބުން ( ކެލްސިއަމް މަދުވުން ) ކުރިމަތިވާ ކަމެކެވެ.ހަށިގަނޑަށް ކެލްސިއަމް ބޭނުންވާވަރަށް ހޯދުމަށްޓަކައި ކެލްސިއަމް ގިނަކާނާ އާއި،ފެޓް ނުހުންނަ ކިރު ފަދަ އެއްޗެތި ބޭނުން ކުރެވިދާނެއެވެ.ހަމަމިހެން ބަލިވެ އިންނަ ދުވަސްވަރު ނަގަންޖެހޭ ވިޓަމިންސް(Prenatal vitamin)އިން ވެސް ހަށިގަނޑަށް ބޭނުންވާ ކެލްސިއަމް ލިބެއެވެ. މާބަނޑު އަންހެނާގެ ކާނާއިން އެކަށޭނަވަރަށް ކެލްސިއަމް ނުލިބޭނަމަ ޑޮކްޓަރަކާ މަޝްވަރާކޮށް ކެލްސިއަމް ބޭހެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. ގިނަގިނައިން ފެންބުއިމަކީ ވެސް މިފަދަ ހާލަތުގައި ވަރަށް ފައިދާ ހުރިކަމެކެވެ.

ފައިގެ މަސްތައް ބާރަށް ދެމުން ނުވަތަ ވާންކުރުމާއި، މަސާޖުކުރުމަކީ ފައިތިލައާއި،ފައިވާޅުވުން ކުޑަކޮށްދޭ ކަމެކެވެ. ހޫނު ނުވަތަ ތެތް ފޮތިގަނޑެއް،ތުވާއްޔެއް ފަދަ އެއްޗެއް މަސްތަކުގެ ވަށައިގެން އޮޅާލާފައި ބޭއްވުމަކީ ވެސް ކުރުގެޅިފައިވާ މަސްތައް ހަމައަކަށް އެޅުމަށް އެހީވެދޭކަމެކެވެ.

13- މޫނާއި، ފަޔާއި، ފައިތިލަ ފޮއްސިވެ ދުޅަވުން

8 މަހަށް ފަހު ވިހެއުމާއި ދޭތެރޭގައި މޫނާއި، ފަޔާއިފައިތިލަ ފޮއްސިވެ ދުޅަވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. މިކަން ގިނައިން ކުރިމަތިވަނީ ހޫނު ދުވަސްތަކުގަޔާއި، އިރު އޮއްސޭ ވަގުތުގައެވެ. އާދައިގެ ގޮތެއްގައި ބަލިވެއިނުމުން ހަށިގަނޑުގައި ދިޔާތަކެތި ރައްކާ ކުރާ މިންވަރު އިތުރުވެގެން އާދެއެވެ. އެހެން ކަމުން މިގޮތަށް ފޮއްސިވާނަމަ ގިނަގިނައިން ފެންބުއިމަކީ ވަރަށް ފައިދާ ހުރިކަމެކެވެ. ވީވަރަކުން އަރާމުކުރެވޭތޯ ބަލާށެވެ. ތަނެއްގައި އިށީދެ ނުވަތަ އޮށޯވެ އޮންނަ ނަމަ ފައިދަށަށް ބާލީހެއް ފަދަ އެއްޗެއްލުމަށްފަހު އޭގެ މަތީގައި ފައިބާއްވައިގެން އޮންނާށެވެ. އިސްވެ ދެންނެވުނު ހިސާބެއްގައި ކުއްލިއަކަށް އާދާޔާ ޚިލާފަށް ދުޅައުފެދިފައި ހުރިނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދަން ހަދާންކުރާށެވެ. އެއީ ފަހަރެއްގައި މިގޮތަށް ދުޅަވެފައިވަނީ ބަލިވެ އިނުމާއި ގުޅިގެން މައްޗަށްދާ ލޭގެ ޕްރެޝަރ (Pregnancy-indcued hypertension)ގެ ސަބަބުން ކަމަށް ވެދާނެތީއެވެ.

14- ނިދި ނައުން

ބަލިވެއިނުމަށް ފަހު ފުރަތަމަ 3 މަހާއި ފަހު 3 މަހުގެ ތެރޭގައި ނިދިނައުމުގެ މައްސަލަ ވަރަށް ގިނަ އަންހެނުންނަށް ކުރިމަތިވެއެވެ. ބަލިވެއިންނަތާ ކުރީކޮޅު ކުރިމަތިވާ މޭނުބައިކުރުމާއި ހޮޑުލެވުން، އަދި ވަރުބަލިވުން ފަދަ ކަންކަމަކީ ނިދި ފުރިހަމައަށް ލިބުމަށް ހުރަސް އަޅާ ކަންކަމެވެ.. ފަހުކޮޅު ނިދިނައުމަށް މެދުވެރިކުރުވާ ސަބަބުތަކުގެ ތެރޭގައި ވިހެއުމަށް ނަފްސާނީގޮތުން ބިރުގަތުން، ވަރުބަލިވުން، ރަހިމުގެ ސައިޒު ބޮޑުވުމުން ލިބޭ ހާސްކަން، ފަދަ ކަންތައްތައް ހިމެނެއެވެ. މިކަމުން ސަލާމަތް ވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ

(ހ) ރޭގަނޑު ނިދުމުގެކުރިން ތާފަނާ ފެނުން ފެންވެރުން

(ށ) ރޭގަނޑު ނިދުމުގެ ކުރިން ކޮންމެވެސް ވަރަކަށް ހޫނު ކިރުތައްޓެއްބުއިން

(ނ) ކަސްރަތު ކުރުން

(ރ) ސައި، ކޮފީ ފަދަ ބުއިންތަކާއި ދުރުހެލިވުން

(ބ) ނިދަން އޮންނަ އިރު ދެފައިދޭތެރަށް ބާލީހެއްލުމަށް ފަހު ވާތްފަރާތަށް ބުރަވެއޮވެ، ނިދުން

15- ނޭވާ ކުރުވުން

ކުޑަދަރިފުޅު މައިމީހާގެ ހަށިގަނޑުގައި އުފެދި ބޮޑުވަމުން އަންނައިރު އެތެރޭގެ ހުރިހާ ގުނަވަނެއްގެ ޕްރެޝަރ މައްޗަށް ދާގޮތްވެއެވެ. ފުއްޕާމޭގެ ޕްރެޝަރ އިތުރުވުމުން ނޭވާކުރުވެ ނޭވާ ހިފަހައްޓަން އުދަގޫވާ ގޮތް މެދުވެރިވެއެވެ. މިއީ ރަހިމުބޮޑުވުމުން ބަނޑުގައިވާ ގުނަވަންތައް ފިތުމާއި، ޑައިފްރަމް ފުއްޕާމެޔާއި ދިމާލަށް ގޮސް ފުއްޕާމެޔަށް ފިއްތުމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. މިހެން ދިމާވާނަމަ ފުންކޮށް ދިގުކޮށް ނޭވާލާށެވެ. ރޭގަނޑު މިމައްސަލަ ކުރިމަތިވާނަމަ ވާތްފަރާތަށް ބުރަވެ އޮވެ ނިދުމަކީ ރަގަޅުކަމެކެވެ. އެހެނީ މިގޮތަށް އޮވެ ނިދުމުން ނޭވާލަން ފަސޭހަވުމުގެ އިތުރުން މައިމީހާގެ ބަނޑުގައިވާ ކުޑަދަރިފުޅަށް ކާނާއާއި، އޮކްސިޖަން ގެންގޮސްދޭ ލޭހޮޅިތަކުގެ ޕްރެޝަރ ދަށްކޮށްދެއެވެ.

ނޭވަޔަށް އުދަގޫކުރުން، ނުވަތަ ނޭވާހިއްލުމުގެ މައްސަލަ ހުންނަނަމަ މާބަނޑުވުމުން ނޭވާ ހިއްލުން ބޮޑަށް ގޯސްވެއެވެ. ވިހަންކައިރިވާ ވަރަކަށް ފުއްޕާމޭގެ ޕްރެޝަރ ދަށްވެ، ފަސޭހަ ކަމާއި އެކު ނޭވާލުމަށް މަގު ފަހިވެގެން ދެއެވެ.

16- ނޭފަތުން ލޭއައުން

ނޭފަތުން ލޭއައުން، ނޭފަތު އެތެރެހިކުން، ނޭފަތް ބެދުން، މިފަދަ ކުދިކުދި އުދަގޫތައް ކުރިމަތިވަނީ ނޭފަތާއި،އަގަޔާއި،އަދި ކަރުގައިވާ ޓިޝޫތަކަށް ހޯރމޯންގެ އަސަރު ކުރުމާއި ވިދިގެންނެވެ. ލޭއަންނަގޮތް ދިމާވަނީ ހޯރމޯންގެސަބަބުން ނޭފަތުގެ އެތެރޭގައިވާ ލޭހޮޅިތައް ފުޅާވުމުންނެވެ. އާންމު ގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލަ ތަކެއްނޫނެވެ.މިކަންކަން ބައެއްފަހަރު ފާހަގަ ނުވެވެސް ހިގައިދާނެއެވެ.

ޓިޝޫ ނުވަތަ ރުމާ ފަދަ އެއްޗަކުން ނޭފަތް ފޮޅާލާއިރު ނޭފަތުން ލޭ އައުމަކީ އެކަށީގެންވާކަމެކެވެ. މިގޮތަށް ދިމާވެއްޖެނަމަ ޝަހާދަތް އިގިއްޔާއި،ބޮޑުވާއިގިލިން ނޭފަތުގެ ދެފަރާތުގައި ހިފަހައްޓާ ބާރަށް ފިއްތާލާށެވެ. އިރުކޮޅަކު މިގޮތަށް ހުރުމުން ލޭއައުން ހުއްޓެއެވެ. ނަމަވެސް މިބީދައިން އަމަލުކުރުމަށް ފަހު ވެސް ލޭއައުން ނުހުއްޓޭނަމަ ޑޮކްޓަރަކަށް ދެއްކުމަކީ އެދެވިގެންވާ ކަމެކެވެ.

މާބަނޑު ދުވަސްވަރު ނޭފަތު އެތެރެ ފުރި ބެދޭގޮތްވުމަކީ ދިމާވެދާނެކަމެކެވެ. ގިނަގިނައިން ފެންބުއިމާއި، ނިދާކޮޓަރީގައި ހިއުމިޑިފަޔަރ އެއް ބެހެއްޓުން (ފިނިހޫނުމިން ނުވަތަ ވައިގެ ތެތްކަން އެކަށޭނަ ވަރެއްގައި ބެހެއްޓުމަށް) މިފަދަ ކަންކަމުން ސަލާމަތްވުމަށް އެހީއަކަށް ވާނެއެވެ.މީގެ އިތުރުން ނޭފަތުގެ ހިދުރީގެ އެތެރޭ ކައިރީގައި ޕެޓްރޯލިއަމް ޖެލް ފަދަ ތެޔޮކޮށްދޭއެއްޗެއް (Lubricant ) އުގުޅުމަކީ ވެސް ރަގަޅު ކަމެކެވެ. މިއިން ކަމަކަށް ބޭހެއް ބޭނުންކުރަން ފެށުމުގެ ކުރިން ޑޮކްޓަރަކާ މަޝްވަރާކުރުން ރަގަޅެވެ.

17- ހިރުގަނޑުން ލޭއައުން

ބަލިވެއިނުމާއި ގުޅިގެން %50 އަންހެނުންނަށް ހިރުގަނޑުން ލޭއައުމުގެ މައްސަލަ ކުރިމަތިވެއެވެ. މާބަނޑުދުވަސްވަރު ހަށިގަނޑުގައި ޕްރޯޖެސްޓީރޯންއާއި އެސްޓްރޯޖެން އިތުރުވުމުގެ ސަބަބުން ހިރުގަނޑު ދުޅަވެ، ދަތްއުގުޅާއިރު ލޭއަންނަ ގޮތްވެއެވެ. ހަމަމިހެން ހަށިގަނޑުގައި އެކުލެވޭ ވިޓަމިން ސީ ގެ މިންވަރު ދަށްވުމަކީ ވެސް ހިރުގަނޑުގައި ރިހި، ފަސޭހައިން ލޭއައުމަށް މަގުފަހި ކޮށްދޭ ކަމެކެވެ.

ބަލިވެ އިނުމަށް ފަހު ދަތާއި ހިރުގަނޑުގައި ބައްޔެއް ހުރިކަން ފާހަގަވެއްޖެނަމަ ލަސްނުކޮށް ފަރުވާކުރުމަކީ އެދެވިގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި ފަރުވާ ކުޑަކޮށްފިނަމަ ހިރުގަނޑުގައި އުފެދިފައި ހުރި ބަލީގެ އަސަރު އޭގެ ވަށައިގެންވާ ޓިޝޫތަކަށް ފޯރާގޮތްވެއެވެ. ނަތީޖާއެއްގެ ގޮތުން ދުވަސްނުފުރާ ވިހެއުން ފަދަ ކަމެއް ކުރިމަތިވުމަކީ ގާތްކަމެކެވެ. ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި މިފަދަ ބަލިތައް ހުރިކަން އެގި، ފަރުވާ ނުކޮށް ދޫކޮށްލާމީހުންނަށް ދުވަސްނުފުރާ ވިހެއުމުގެ ފުރުސަތު 7ގުނަ އިތުރެވެ.

ހިރުގަނޑުން ލޭ އަންނަކަމުގައިވާނަމަ މަޑުބުރުހަކުން ދަތްއުގުޅުމަށް އާދަކުރާށެވެ.ދުވާލަކު ދެފަހަރު 5 މިނިޓް ވަންދެން ދަތްއުގުޅުމާއި،ދަތްތަކުގެ ދޭތެރޭގައި ހަރުލާފައި ހުންނަ ހަނޑިކޮޅު ( ކާއެތި ކޮޅު ) ރަގަޅަށް ސާފު ކުރުމާއި،އަދި ''މައުތުވޮޝް'' އެއް ބޭނުންކުރުމަކީ އަގަޔާއި ހިރުގަނޑުގެ ބަލިތަކުން ދުރުކޮށްދޭނެ ކަންކަމެވެ. ކޮންމެ ދުވަހަކުވެސް ސާފުފެނުން އަގަ ދޮންނާށެވެ. ދަތެއްގައި ރިހުން، ދަތެއް ހެލުން، ހިރުގަނޑުން ގިނަ އަދަދަކަށް ލޭއައުން، މިއިން ކަމެއް ކުރިމަތިވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކުރުމަކީ އެދެވިގެންވާ ކަމެކެވެ.

ނޭފަތާއި ހިރުގަނޑުން ލޭ އަންނަ ނަމަ ގިނަގިނައިން ފެންބުއިމާއި، އޮރެންޖް ޖޫސް އަދި ވިޓަމިންސް-ސީ އެކުލެވޭ ކާނާ ބޭނުންކުރުމަށް އާދަކުރާށެވެ. އެހެނީ މިފަދަ ކާނާގެ ސަބަބުން ކުދިކުދި ލޭހޮޅިތަކުގެ ބާރު ގަދަކޮށް ލޭއައުން ކުޑަކޮށްދެއެވެ.

18- މެއިން ދިލަނެގުން

މާބަނޑު ދުވަސްވަރު ވަރަށް ގިނަމީހުންނަށް މެއިން ދިލަނެގުމުގެ މައްސަލައާއި ކުރިމަތިލާން ޖެހެއެވެ. މިއީ ބަލިވެއިނުމާއި ގުޅިގެން އުފައްދާ ހޯރމޯންތަކުގެ ސަބަބުން ( ޚާއްޞަކޮށް ޕްރޯޖެސްޓީރޯން ) ކާތަކެތި ހިގާހޮޅި (Esophagus) އާއި، މައިދާގެ މަސްތައްދޫވުމުން ބަނޑުގައިވާ ކާތަކެތި އެސިޑާއި އެކު އަބުރާ ކާތަކެތި ހިގާހޮޅިއަށް ދިއުމުން ކުރިމަތިވާ ކަމެކެވެ. ދިލަނަގާހެން ހީވާކަހަލަ އިހްސާސެއް ކުރެވެނީ އެސިޑްތައް ކާތަކެތި ހިގާހޮޅީގެ އެތެރޭ ކައިރިފަށުގައި ބީހި އޭގެ އަސަރުކުރުމުންނެވެ. މެއިން ދިލަނެގުމުގެ އިހްސާސް ބޮޑަށް ހުންނަނީ މޭމަތިން ''ހިތް'' އޮންނަ ހިސާބުގައެވެ. އިގިރޭސި ބަހުން މެއިން ދިލަނެގުމަށް ''ހާރޓް ބާން'' (Heart burn)އޭ ކިޔަނީ މިސަބަބާއި ހުރެއެވެ. މޭއެންދުން ނުވަތަ މެއިން ދިލަނެގުމުގެ ފަރުވާއަށް ''އެންޓަސިޑް'' ފަދަ ބޭހެއް ބޭނުން ކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާހޯދުން ރަގަޅެވެ.

މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) ހަށިގަނޑު ބަރުދަން މާބޮޑަށް އިތުރުވިޔަނުދީ ވަކިވަރެއްގައި ހިފެހެއްޓޭތޯ ބެލުން

(ށ) ލުއިކޮށް ގިނަގިނައިން ކެއުން ( ދުވާލަކު 6 ނުވަތަ 8 ފަހަރު )

(ނ) ނިދަން އޮންނައިރު ބޯދަށަށް އިތުރު ބާލީހެއްލައި ކުޑަކޮށް ބޯ އުފުލައިގެން އޮތުން

(ރ) ހަވާދު އަދި ފެޓް އެކުލެވޭ ކާނާ ބޭނުންކުރުމާއި ދުރުހެލިވުން

(ބ) ކާން އިށީދެއިންނައިރު ހަށިގަނޑު ތެދަށް ބަހައްޓައިގެން އިނުން

(ޅ) ކަޅުސައި، ކޮފީ، ފަދަ ބުއިންތަކާއި ޗޮކްލެޓްފަދަ ތަކެތި މާގިނައިންބޭނުން ނުކުރުން

(ކ) ކައި ނިމޭގޮތަށް އޮށޯތުމަކީ ރަގަޅު ކަމެއް ނޫނެވެ.

19- އައްސިވުން

ބަލިވެއިނުމަށް ފަހު ރަހިމު ބޮޑުވަމުން އަންނަ އިރު ފަޔަށް ގޮސްފައި ހުންނަ ނާރވް(Nerve)ނުވަތަ ނާރު ތަކުގައި ޖެހި، އެނާރުތައް ފިތޭގޮތްވެއެވެ. މިކަމުގެ ސަބަބުން ފަޔާއި، ފައިތިލަ އަދި އިގިލިތައް އައްސިވާގޮތް ވެއެވެ. މިގޮތަށް އުފެދޭ އައްސިވުން ވިހެއުމަށްފަހު މަޑުމަޑުން ފިލައިދެއެވެ. ކަސްރަތު ކުރުމަކީ އައްސިވުން ކުޑަކޮށްދޭ ކަމެކެވެ.

ބައެއް އަންހެނުންނަށް ''ކާރޕަލް ޓަނެލް ސިންޑްރޯމް''(Carpal tunnel syndrome)އޭ ކިޔާ ބައްޔެއްގެ ސަބަބުން ދެއަތްތިލައާއި، އިގިލިތައް އައްސިވާގޮތް ވެއެވެ. ''ކާރޕަލް ޓަނެލް'' އަކީ އަތުކުރި ނުވަތަ ކުޑަހުޅު ހިމެނޭ ހިސާބުގައި އިންނަ ''ޓަނެލް'' އެކެވެ. ބޮޑުވާ އިގިއްޔާއި، ޝަހާދަތް އިގިއްޔާއި، މެދުއިގިއްޔާއި، ކަށި އިގިލީގެ އެއްބައިގެ ހަރަކާތްތައް ކޮންޓްރޯލްކުރާ ނާރު(Median nerve)ދަނީ މި''ޓަނެލް''ގެ ތެރެއިންނެވެ. ''ކާރޕަލް ޓަނެލް ސިންޑްރޯމް'' ޖެހުމުން މި''ޓަނެލް'' ދުޅަވެ، ކުރިން ބުނެވުނު ނާރު ފިތި، އަތްތިލައާއި، އިގިލިތައް އައްސިވާގޮތް ވެއެވެ. ''ކާރޕަލް ޓަނެލް ސިންޑްރޯމް''ގެ މައްސަލަ ހުންނަ ނަމަ ރޭގަނޑު ނިދާއިރު އަތްމަތީގައި ބޯއަޅާލައިގެން ނިދުމަކީ ރަގަޅު ކަމެއް ނޫނެވެ. މިގޮތަށް އޮވެ ނިދުމުން ''ޓަނެލް''އަށް ޕްރެޝަރ އިތުރުވެ، އައްސިވުން ގަދަވެއެވެ.

20- ހޫނުވުން

މާބަނޑުވުމަށްފަހު ހަށިގަނޑުގައި ހިގާ ''މެޓަބޮލިޒަމް''ގެ މަސައްކަތް އިތުރުވުމުން ހަށިގަނޑުގައި ހޫނު އުފައްދާ މިންވަރު އިތުރުވެއެވެ. މިކަމުގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ހޫނުމިން މައްޗަށް ދެއެވެ. ހޫނު ދުވަސްވަރެއް ނަމަ މިގޮތަށް ހަށިގަނޑު އުފެދޭ ހޫނުގެ މިންވަރު ވެސް އިތުރުވެއެވެ. މިގޮތަށް ހޫނުވުމުގެ މައްސަލައިން މުޅިން މިންޖުވުމަކީ ނާދިރު ކަމެކެވެ. ނަމަވެސް ގިނަގިނައިން ފެންވެރުމާއި، ގަޔަށްދޫ ހެދުން ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ.

21- ވެޖައިނާ ނުވަތަ އަންހެނާގެ ޖިންސީ ގުނަވަނުން ދިޔަބޭރުވުން

ވެޖައިނާ އިން ދިޔަ ބޭރުވާ މިންވަރު އިތުރުވުމަކީ މާބަނޑު ދުވަސްވަރު ވެދާނެ ކަމެކެވެ. މިއީ އަންހެނާގެ ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ހަމާއި، މަސްތަކުގައި ލޭދައުރުވުން އިތުރުވުމުން ކުރިމަތިވާ ކަމެކެވެ. މިގޮތަށް ދިޔަބޭރުވުމަށް ''ލިއުކޯރިއާ''(Leukorrhea)އޭ ކިޔެއެވެ. މިދިޔަތައް ހުންނަނީ ހުދުކޮށް ނުވަތަ ސާފުކޮށް ބޯކޮށެވެ. މިދިޔަތައް ކޮންމެ ދުވަހަކުވެސް ފެނުން ރަގަޅަށް ސާފު ކުރާށެވެ. އަންހެނާގެ ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ރިއްސުން، ކެހުން ފާރުވުން، ބޭރުވާ ދިޔައިގައި ލޭހުރުން، ނުބައި ވަސްދުވުން، މިއިން ކަމެއް ފާހަގަވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާހޯދުމަކީ އެދެވިގެންވާ ކަމެކެވެ. މިގޮތަށް ދިޔަ ބޭރުވާ ދުވަސްވަރު ކަފަ ޖަގިޔާ ފަދަ ތަކެތި ބޭނުން ނުކުރާށެވެ. ދިޔަތައް ސާފުކުރުމަށް ޕެޑް ނުވަތަ ޓެމްޕަން ބޭނުންކުރުން ރަގަޅެއް ނޫނެވެ.

22- އުރަމައްޗަށް އަންނަ ބަދަލުތައް

ބަލިވެ އިންނަތާ 6 ނުވަތަ 8 ވަނަ ހަފްތާހާ ހިސާބު އުރަމަތި ބޮޑުވާން ފަށައެވެ.އުރަމަތީގައި އެކުލެވޭ ފެޓް އިތުރުވެ، ކިރުބޭރުކުރާ ގޮށްތައް ގިނަވެއެވެ.ބަލިވެއިނުމަށް ފަހު އުރަމަތީގެ ސައިޒާއި ބަރުދަން މަޑުމަޑުން އިތުރުވަމުން އާދެއެވެ. އުރަމަތި ބޮޑުވުމުގެ މައިގަނޑު ސަބަބަކީ އެސްޓްރޯޖެން އަދި ޕްރޯޖެސްޓީރޯންހޯރމޯން ހަށިގަނޑުގައި އިތުރުވުމެވެ.

ބަލިވެއިނުމާއިގުޅިގެން އުރަމަތި ބޮޑުވެ ފުރިފައި ހުންނަހެން ހީވާނެއެވެ. ހަމަމިއާއެކު އުރަމަތީގައި ބީހުމުން ރިއްސާގޮތް މެދުވެރިވެއެވެ. އާންމުގޮތެއްގައި މިގޮތަށް ރިއްސަށް ފަށަނީ 6-4ހަފްތާއާއި ދޭތެރޭގައެވެ. މިރިއްސުން ފުރަތަމަ 3 މަސް ނިމެންދެން ދެމި ހުރެއެވެ. އުރަމަތީގައި ލޭދައުރުވުން އިތުރުވެ، ހަންގަނޑުގެ ދަށުގައިވާ ލޭނާރުތައް(ވެއިންސް) ފާހަގަވާން ހުރެއެވެ. މިގޮތަށް ރިހުން ހުންނަ ނަމަ މާބަނޑު ދުވަސްވަރު އެޅުމަށް ޚާއްޞަކޮށް ހަދާފައި ހުންނަ ބުރާ ބޭނުންކުރެވިދާނެ އެވެ. ނައިލޯނުން ހަދާފައި ހުންނަ ބްރާ އަށްވުރެ ކަފަ ބްރާ ބޭނުންކުރުން ރަގަޅެވެ.

ވައްގަނޑާއި އޭގެ ވަށައިގެން ވާ އަދިރި ހަންގަޑު (Areola) ގެ ކުލަ އިތުރަށް ގަދަވެއެވެ. ވައްގަނޑު އާންމުކޮށް ހުންނަވަރަށްވުރެ ބޮޑަށް ބޭރަށް ނިކުމެއެވެ. ކުރިން ބުނެވުނު އަދިރި ހަންގަނޑުގައި '' މޮންޓްގޯމެރީ ޓިއުބާކްލްސް''(Montgomery tubercles)އޭ ކިޔޭ ކުދިކުދި ތެޔޮ މާއްދާއެއް ބޭރުކުރާ ގޮށްތަކެއް އުފެދެއެވެ. މިމާއްދާގެ ސަބަބުން ގާތުން ކިރުދޭ ދުވަސްވަރު ''އޭރިއޯލާ''ގައި އިންފެކްޝަން އުފެދުމުން ހިމާޔަތް ކޮށްދެއެވެ.

12 ވަނަ ހަފްތާއާއި، 14 ވަނަ ހަފްތާއާ ދޭތެރޭ ގައި އުރަމަތިން ''ކޮލަސްޓްރަމް'')( Colustrum) ބޭރުކުރަން ފަށައެވެ. މިއީ އުރަމަތިން އެންމެ ފުރަތަމަ ބޭރުވާ ''ކިރު''އެވެ. ބައެއް އަންހެނުންނަށް ''ކޮލަސްޓްރަމް'' ބޭރު ކުރަން ފަށާ މުއްދަތު ތަންކޮޅެއް ލަސްވެއެވެ. ފުރަތަމަ ކޮޅު ބޭރުވާ ''ކޮލަސްޓްރަމް'' ހުންނަނީ ބޯކޮށް ރީދޫ ކުލައަށެވެ. ވިހަން ގާތްވުމުން ނިކުންނަ ''ކޮލަސްޓްރަމް'' ހުންނަނީ ސާފުކޮށް މަޑުހުދު ކުލައިގައެވެ. އުރަމައްޗަށް ފިތާލުމުން ވެސް މިދުވަސްވަރު ''ކޮލަސްޓްރަމް'' ބޭރުވެއެވެ. ''ކޮލަސްޓްރަމް'' ބޭރުވާނަމަ ''ބްރެސްޓް ޕެޑް'' ފަދަ އެއްޗެއް ބޭނުން ކުރާށެވެ.

ވައްގަޑާއި އުރަމަތި ސާފުކުރުމަށް ހަމައެކަނި ފެން ބޭނުން ކުރާށެވެ، އެހެނީ ސާބޯނި ފަދަ އެއްޗެތި ބޭނުންކޮށްގެން ސާފުކުރުމުން ވައްގަނޑާއި އޭގެ ވަށައިގެންވާ ހަންގަނޑުހިކި، ކުރަކިވާގޮތް ވެއެވެ. މިގޮތަށް ކުރަކިވެ، ފާރު އުފެދި ރިއްސާނަމަ ''ލެނޯލިން'' އެކުލެވޭ މޮއިސްޗަރައިޒިންގ ކްރީމެއް އުގުޅާށެވެ.

23- ހަންގަނޑަށް އަންނަ ބަދަލުތައް

މާބަނޑުދުވަސްވަރު ހަންގަނޑުގައި ރަތް،ފިޔާތޮށި،ނުވަތަ ދަނބު ކުލައިގެ ރޮގުތަކެއް ފާޅުވެއެވެ. މިރޮގުތައް އާންމުގޮތެއްގައި ހުންނަނީ އުރަމައްޗާއި، ދަށްބަނޑާއި، ފިދުމަސްގަނޑާއި، ފައިގެ ފަލަމަސްގަނޑު ގައެވެ. މިފަދަ ރޮގުތައް ފާޅުވަނީ ހަންގަނޑު ދެމި ވާންވުމުން ހަމުގެ އެތެރޭ ފަށަލަ(Dermis)ގައި ހުންނަ ''ކޮލެޖަން ފައިބަރު''(Collagen fiber)ތައް ވަކިވެ، ހަންގަނޑުދަށުގައި ހުންނަ ލޭ އެކުލެވޭ ޓިޝޫ ނުވަތަ ލޭނާރުތައް ފެންނަށް ހުރުމުންނެވެ. މިރޮގޮތަކަށް ކިޔަނީ ''ސްޓްރިއާ ގްރެވިޑޭރަމް''(Striae gravidarum) އެވެ.

މިރޮގުތަކުގެ ކުލަ ފަހުން ހުދުކުލަ އަށް ބަދަލުވެއެވެ. ހުދުކުލައަށް ބަދަލުވުމުން މިރޮގުތަކަށް ކިޔަނީ ''ސްޓްރިއާ އަލްބިކަންސް''(Striae albicans) އެވެ. ނަމަވެސް މިގޮތަށް ރޮގުތައް ފާޅުވާން ފަށާއިރު އޭގެ ކުލަ ބިނާވެފައި އޮންނަނީ އެމީހެއްގެ ހަންގަނޑުގެ ކުލައެއްގެ މައްޗަށެވެ.

ބަލިވެއިންނަ %50 އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ.ގިނަ މީހުންނަށް މިމައްސަލަ ކުރިމަތިވަނީ ބަލިއިނުމަށް ފަހު ފަހު މަސްތަކުގެ ތެރޭގައެވެ. މިކަމުން ސަލާމަތްވުމަށް ޑޮކްޓަރެއްގެ އެހީއާއެކު ޚާއްޞަ ކްރީމެއް ނުވަތަ ލޯޝަނެއް ބޭނުންކުރެވިދާނެއެވެ. މިފަދަ ރޮގުތައް ނުވަތަ ފާހަގަތައް ވިހެއުމަށްފަހު މަޑުމަޑުން ފަނޑުވާން ފަށައެވެ.

މޫނުގެ ގެ ކުލަ ބަދަލުވުމަކީ ވަރަށް އާންމުކަމެކެވެ. މިގޮތަށް ބަދަލުވާއިރު ނިތްކުރިއާއި، ނޭފަތާއި، ކޯތާފަތްމަތީގައި މުށިކުލައިގެ ތިކިތަކެއް ފާޅުވެއެވެ. މޫނުގެ ހަންގަޑަށް އަންނަ މިބަދަލުތަކަށް ''ކްލޯސްމާ''

(Chloasma) އޭ ކިޔައެވެ. ހަންގަނޑުން ކަޅުމީހުންނަށް ކްލޯސްމާގެމައްސަލަ ކުރިމަތިވުގެ ފުރުސަތުބޮޑެވެ. ގައިގެ ހަންގަނޑަށް އަންނަ މިބަދަލުތަކަކީ ބަލިވެއިނުމާގުޅިގެން ބޭރުކުރާ ހޯރމޯންތަކުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެކެވެ.އަވީގައި ގިނަ ވަގުތު ހޭދަކުރުމަކީ މިފަދަ ރޮގުތައް ނުވަތަ ފާހަގަތައް އިތުރުވެ ގިނަވާ ކަމެކެވެ. އެހެން ކަމުން ތޮއްޕާއި، އަވިއައިނު ފަދަ ތަކެތި އަވީގައި އުޅޭއިރު ބޭނުންކުރެވިދާނެ އެވެ.

ވަރަށްގިނަ އަންހެނުންގެ ހަށިގަނޑުގައި ފޫޅުން ތިރިއަށް ކުރިމަތި ފަރާތާއި ދިމާލަށް ދަށްބަނޑުގައި އަދިރި މުށިކުލައިގެ ރޮގެއް ފާޅުވެއެވެ. މިރޮގަށް ކިޔަނީ ''ލިނެއާ ނެގްރާ''(Linea negra)އެވެ. ވިހެއުމަށް ފަހު މިރޮގު ވެސް މަޑުމަޑުން ފަނޑުވެ ނެތިދެއެވެ.

މޫނުމަތީގައި އޮށާޅަ ނެގުމުގެ މައްސަލަ ވެސް ބައެއް އަންހެނުންނަށް ކުރިމަތިވެއެވެ. އޮށާޅަ ނެގުމުގެ މައްސަލަ އިން ސަލާމަތްވުމަށް އާދައިގެ މޫނުދޮންނަ އެއްޗަކުން ކޮންމެ ދުވަހަކު ދެތިން ފަހަރު މޫނު ސާފު ކުރާށެވެ. އޮށާޅައިން ސަލާމަތްވުމަށް އާންމުކޮށް ބޭނުންކޮށް އުޅޭ ''ޓެޓްރަސައިކްލިން'' ފަދަ ބޭސްތައް އެއްގޮތަކަށް ވެސް ބޭނުންކޮށްގެން ނުވާނެއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.