އަންގާރަ20181113

އާކުރެވުނީ: 08:43:52

ބަލިވެއިނުން ވިހަވުން

balive-inun-vihavunބަލިވެއިނުން ވިހަވުމަކީ ކޮބާ؟

ބަލިވެއިނުން ވިހަވުން ނިސްބަތް ކުރެވެނީ ބަލިވެއިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށެވެ. ބަލިވެއިނުން ވިހަވުން(Preeclampsia)ކަމުގައި ބެލެވެނީ ބަލިވެއިނުމަށް ފަހު 20 ހަފްތާ ފަހުން ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި ފެންޖަމާވެ، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރިކަން ފާހަގަ ވާނެ އެވެ.

ހަށިގަނޑުގައި ފެންޖަމާވުމުން އަތްފައި އަދި މޫނު ދުޅަވެ، ފޮއްސިވާ ގޮތް ވެއެވެ. ބަލިވެއިނުން ވިހަވުމުގެ ނުރައްކާތެރި ހާލަތްތަކުގައި މައިމީހާގެ ލޭ، ގުރުދާމ ސިކުނޑި، އަދި އެހެނިހެން ގުނަވަންތަކަށް އެކަމުގެ އަސަރު ފޯރައެވެ. އޭގެ ސަބަބުން ފިޓްޖެހުން ފަދަ ނުރައްކާތެރި ކަމެއް މެދުވެރި ވުމަކީ ވެދާނެ ގޮތެކެވެ.

ބަލިވެއިނުން ވިހަވުން ކުރިމަތިވަނީ ކިހެނެއް؟

ބަލިވެއިނުން ވިހަވުން ކުރިމަތިވަނީ ކަނޑައެޅިގެން ވަކި ސަބަބެއް މެދުވެރިވެގެން ކަމެއް އަދި ހޯދިފައެއް ނުވެއެވެ. ކޮންމެ 80އިންސައްތަ މާބަނޑު އަންހެނުންނަށް މިމައްސަލަ ކުރިމަތިވާކަން ފާހަގަކުރެވިފައި ވެއެވެ. އާންމުގޮތެއްގައި މިމައްސަލަ ކުރިމަތި ވަނީ އަލަށް ބަލިވެ އިންނަ ފަހަރު އެވެ. ލޭގެ ޕްރެޝަރ މައްޗަށް ދިއުން، ހަކުރުބަލި، ގުރުދާގެ ބަލިތައް ހުންނަމީހުން، އަދި އެއްކުއްޖަކަށްވުރެ ގިނަކުދިން ބަނޑުގައިވާ މީހުންނަށް ބަލިވެއިނުން ވިހަވުން ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

ބަލިވެއިނުން ވިހަވުމުން ކުރިމަތިވާނެ އުދަގޫތަކަކީ ކޮބާ؟

ބަލިވެއިނުން ވިހަވުން އާދައިގެ ވަރެއްގައި ހުރިނަމަ އެއްވެސް އަލާމާތެއް ނުފެނިދިއުމަކީ އެކަށީގެންވާ ކަމެކެވެ. ބަލިވެ އިނުމަށްފަހު ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ހަށިގަނޑު ރަގަޅަށް ޓެސްޓްކޮށް ޗެކް ކުރާށެވެ. ބަލިވެއިނުން ވިހަވުން ފަދަ ކަމެއް ހުރިނަމަ އެކަން ޑޮކްޓަރުން ބުނެދެއްވާނެ އެވެ.

ބަލިވެއިނުން ވިހަވުން އާދައިގެ ވަރެއްގައި ހުރިނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރ މައްޗަށް ދިއުން، ފަޔާއި، ފައިތިލަ، އަތާއި، މޫނު ފޮއްސިވެ، ދުޅަވުން، އަދި ކުޑަކަމުދާތަކެތީގައި ޕްރޮޓީން ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ބަލިވެއިނުން ވިހަވުން ނުރައްކާތެރި ހާލަތަކަށް ވާސިލްވެފައިވާ ނަމަ ކުރިން ބުނި އަލާމާތްތަކުގެ އިތުރުން ބޮލުގައި ރިހުން، މޭނުބައިކުރުމާއި ހޮނޑުލެވުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ނޭވާކުރުވުން، ބަނޑުމަތިން ކަނާތްފަރާތުގައި ރިއްސުން، ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ.

ބަލިވެއިނުން ވިހަވުން ދެނެގަންނާނީ ކިހެނެއް؟

ބަލިވެއިނުމަށްފަހު ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ލޭގެ ޕްރެޝަރ ޗެކްކޮށް ކުޑަކަމުދާ ތަކެތި ތަހްލީލްކުރުމަށް ޑޮކްޓަރު ލަފާދެއްވާނެ އެވެ. ބަލިވެއިނުން ވިހަވުން ހުރިތޯ ޔަގީންކުރުމަށް ލޭގެ ޓެސްޓެއް ވެސް ހަދަން ޖެހެއެވެ. ފުރަތަމަ ހަދާ ޓެސްޓްތަކުން ބަލިވެއިނުން ވިހަވުން ހުރިކަމަށް ޝައްކުކުރެވޭނަމަ އަދި އިތުރު ޓެސްޓްތައް ހަދަން ޖެހެއެވެ.

ފަރުވާ އަކީ ކޮބާ؟

ބަލިވެއިނުން ވިހަވުން ކުރިމަތިވެފައިވާނަމަ ވީވަރަކުން އަރާމުކުރުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. ތަނެއްގައި އޮށޯވެ އޮންނަ އިރު ވާތްފަރާތަށް ބުރަވެ އޮތުމަކީ ރަގަޅުކަމެކެވެ. ބަރާބަރަށް ޑޮކްޓަރަށް ދައްކައިގެން ލޭގެ ޕްރެޝަރ ޗެކްކުރަން ހަދާންކުރާށެވެ. ނުރައްކާތެރި ހާލަތްތަކުގައި ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާދެއެވެ. ބައެއް ފަހަރު ލޭގެ ޕްރެޝަރ ދަށްކުރުމަށް ބޭސްދީ އުޅެއެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި ރަގަޅުވާނީ ލޭގެ ޕްރެޝަރ މަތިވުމުން ފެންނަ އުދަގޫ ތަކެވެ.

ބަލިވެއިނުން ވިހަވުމުގެ އަސަރު ދެމިހުންނަނީ ކިހާދުވަހަކަށް ؟

ބަލިވެއިނުން ވިހަވުމުން ދިމާވާ އުދަގޫތައް ވިހެއުމަށް ފަހު ދުވަސްކޮޅެއްގެ ތެރޭގައި ފިލައިދެއެވެ.

ވަގުތުން ޑޮކްޓަރަށް ދައްކަން ޖެހެނީ ކޮންހާލަތްތަކެއްގައި؟

އަންނަނިވި ހާލަތްތަކުގައި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސަމާލުވާށެވެ.

1- އާދަޔާއި ޚިލާފަށް ބޮލުގައި ރިހުން

2- ލޮލުގެ ފެނުމަށް ބަދަލުއައުން

3- ބަނޑުގައި ރިހުން

4- ކުއްލިއަކަށް ބަރުދަން އިތުރުވެގެން ދިއުން

ބަލިވެއިނުން ވިހަވުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

ޔަގީންކަމާއި އެކު ބަލިވެއިނުން ވިހަވުމުގެ މައްސަލައިން ރައްކާތެރިވެވޭނޭ ގޮތެއް އަދި ހޯދިފައެއް ނުވެއެވެ. ބަލިވެ އިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށް އެހީވެދޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. މީގެ ތެރެއިން ބައެއް ކަންތައްތަކަކީ ކޮންޓްރޯލްކުރެވިދާނެ ކަންތައްތަކެވެ. އަނެއްބައި ކަންތައްތަކަކީ ކޮންޓްރޯލް ނުކުރެވޭނެ ކަންތައްތަކެވެ. ޑޮކްޓަރާއި މަޝްވަރާކުރުމަށްފަހު ދެއްވާ ލަފަޔާއި އެއްގޮތަށް ކެއުން ބަދަލުކުރާށެވެ.

ބަލިވެއިނުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށްދިއުން ކުޑަކުރުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަށް ހަދާންކުރާށެވެ.

1- ކާނާގައި ވީވަރަކުން ލޮނު ބޭނުންކުރުން މަދުކުރުން

2- ދުވާލަކު މަދުވެގެން 6 ނުވަތަ 8 ތަށި ފެންބުއިން

3- ވީވަރަކުން އަރާމުކުރުން

4- ބަރާބަރަށް ކަސްރަތުކުރުން

5- ތަނެއްގައި އޮށޯވެ އޮންނަ އިރު ވާތްފަރާތަށް ބުރަވެއޮތުން

6- ކޮފީ ފަދަ ކެފޭއިން އެކުލެވޭ ބުއިންތަކާއި ދުރުހެލިވުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.