އާދީއްތަ20201018

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ބަލިވެއިނުމުން ދިމާވާ އުދަގޫތަކުގެ ތެރެއިން... މޭނުބައިކުރުމާއި ހޮޑުލެވުން ނުވަތަ ހެނދުނުގެ ބަލި (Morning sickness)

ބަލިވެއިނުމުން ދިމާވާ އުދަގޫތަކުގެ ތެރެއިން... މޭނުބައިކުރުމާއި ހޮޑުލެވުން ނުވަތަ ހެނދުނުގެ ބަލި (Morning sickness)

* މޭނުބައިކުރުމާއި ހޮޑުލެވުމަށް ހެނދުނުގެ ބައްޔޭ ކިޔަނީ ކީއްވެ؟

hodulevun-76* ބަލިވެއިނުމުން މޭނުބައިކޮށް ހޮޑުލެވެނީ ކީއްވެ؟

* މޭނުބައިކުރުމާއި ހޮޑުލެވުމުގެ ފުރުޞަތު ބޮޑީ ކޮންފަދަ މާބަނޑު މީހުންނަކަށް؟

* މޭނުބައިކޮށް ހޮޑުލެވުމުގެ ސަބަބުން ދަރިފުޅަށް ގެއްލުން ވެދާނެތަ؟

* ހެނދުނުގެ ބަލި ނުހުންނަނަމަ ބައިގެންދިއުމުގެ ފުރުޞަތު ބޮޑުވާނެތަ؟

* މޭނުބައިކުރުމާއި ހޮޑެލެވުމުގެ އުދަގޫ ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

* މާބަނޑު ދުވަސްވަރު ހޮޑުލުން މަނާކުރާ ބޭސް ބޭނުން ކުރުމަކީ ކޮންކަހަލަ ކަމެއް؟

* މޭނުބައިކޮށް ހޮޑުލެވުމުގެ ސަބަބުން ކާއެއްޗެއް ނުކެވޭނަމަ ހަދާނީ ކިހިނެއް؟

މޭނުބައިކުރުމާއި ހޮޑުލެވުމަށް ހެނދުނުގެ ބައްޔޭ ކިޔަނީ ކީއްވެ؟

ބަލިވެއިނުމުން މޭނުބައިކުރުމާއި ހޮޑުލެވުމަށް ހެނދުނުގެ ބައްޔޭކިރެނީކީ ރަނގަޅަކަށް ނޫނެވެ. ތެދެކެވެ. ބައެއް އަންހެނުންނަށް ބޮޑަށް މެއިނުބައިކޮށް ހޮޑުލެވެނީ ހެނޑުނުގައެވެ. ނަމަވެސް އެހެންވަގުތު ތަކުގައިވެސް މެއިނުބައިކޮށް ހޮޑުލަވައިހަދާނެއެވެ. އަދި މުލިދުވަހުވެސް އެކަމުގެ އުދަގޫވާނެއެވެ. ވުމާއެކު މިކަމަށް ހެނދުނުގެ ބަލީގެ ނަމުން ނަންދެވިފައިވަނީ ގޯހުންނެވެ.

ބަލިވެއިންނަ މީހުންގެ ތެރެއިން %75 މީހުންނަށް މިކަމުގެ އުދަގޫ ކުރެއެވެ. ހާއްސަކޮށް ބަނޑަށް ފުރަތަމަ ތިންމަހުގައެވެ. އާއްމުގޮތެއްގައި މޭނުބައިކުރަން ފަށަނީ ބަނޑަށް 6 ވަނަ ހަފުތާގައެވެ. ނަމަވެސް މިއަށްވުރެ ކުރިން މިކަމުގެ އުދަގޫ ވުމަކީވެސް ވެދާނެ ކަމެކެވެ. އަދި ކުރިޔަށް އޮތްތާގައި މިކަމުގެ އުދަގޫދާނީ އާއްމުގިތެއްގައި ބޮޑުވަމުންނެވެ.

ބަލިވެއިނުމުން މޭނުބައިކޮށް ހޮޑުލާމީހުންގެ ތެރެއިން %50 މީހުން ބަނޑަށް 3 މަސްވުމަށްފަހު މިކަން ރަނގަޅުވެ ލުއިވެގެންދެއެވެ. އަދި ބާކީ %50 މީހުންގެ ތެރެއިން ގިނަމީހުން 4މަސްވުމަށްފަހު ރަނގަޅުވެއެވެ. ރަނގަޅުވިނަމަވެސް ފަހުންވެސް ދޭތެރެދޭތެރެއިން މިކަމުގެ އުދަގޫ ވުމަކީވެސް ބައެއް އަންހެނުންނަށް ދިމާވާ ކަމެކެވެ. މުޅި މާބަނޑު ދުވަސްވަރު މޭނުބައިކޮށް ހޮޑުލާ މީހުންނަކީ ވަރަށް މަދު ބަޔެކެވެ.

ބަލިވެއިނުމުން މޭނުބައިކޮށް ހޮޑުލެވެނީ ކީއްވެ؟

ހަގީގަތުގައި ބަލިވެއިނުމުން މޭނުބައިކޮށް ހޮޑުލެވޭ މައިގަޑު ސަބަބަކީ ކޮބައިކަން ކަޑައެޅިގެން ބުނާކަށް ނޭގެއެވެ. އެހެންނަމަވެސް ބެލެވޭގޮތުގައި މިހެންދިމާވަނީ ހަށިގަނޑަށް އަންނަ ވަރަށް ގިނަ ބަދަލުތަކަކާއި ގުޅިގެންނެވެ. ތިރީގައި އެވަނީ ބަލިވެއިނުމން މޭނުބައިކޮށް ހޮޑުލެވިދާނެކަމަށް ބެލެވޭ ބައެއް ސަބަބުތަކެވެ.

- ބަލިވެއިންނަތާ ކުރީކޮޅު ކުއްލިގޮތަކަށް އިތުރުވެގެންދާ ހިއުމަން ކޮރިއޮނިކު ގޮނާޑޯޓްރޮޕިން ހޯމޯންގެ ސަބަބުން. ނަމަވެސް މިހޯމޯންގެ ސަބަބުން މޭނުބައިކޮށް ހޮޑުލެވެނީ ކީއްވެގެން ކަމެއް ނޭގެއެވެ. އެހެނަސް އެންމެ ބޮޑަށް މޭނުބައިކޮށް ހޮޑށުލެވެނީ ހަށިގަނޑުގައި މިހޯމޯން އެންމެ ގިނަވާ ވަގުތުއެވެ. ވުމާއިއެކު މިދެކަމުގައި ގުޅުމެއް ވުމަކީ ވަރަށް ގާތް ކަމެކެވެ.

ހަމައެފަދައިން ބަލިވެއިންނަތާ ކުރީކޮޅު އާދަޔާ ޚިލާފަށް އެސްޓްރޯޖަން ހޯމޯންގެ މިންވަރުވެސް މައްޗަށްދެއެވެ. މިއީވެސް މެއިނުބައިކޮށް ހޮޑުލެވުމުގައި ދައުރެއް އަދާ ކުރާ ހޯމޮން އެއް ކަމުގައި ބެލެވެއެވެ. މީގެ އިތުރުން އަދި އިތުރު ހޯމޯން ތައްވެސް މިކަމުގައި ތަފާތު މިންވަރަށް ހިއްސާ ކުރާކަމަށް ބެލެވެއެވެ.

- ވަހާއި ރަހައިގެ ހިއްސުވަރުގަދަވުމާއި އެކު ބައެއް އެއްޗެތީގެ ވަސް ބަދަލުވުމުގެ ސަބަބުން. އާއްމުގޮތެއްގައި ބަލިވެއިނުމުން ވަސްދުވުމުގެ ހިއްސު ވަރުގަދަވެއެވެ. ވުމާއެކު ވަރަށް ދުރުން މާބަނޑު މީހުންނަށް ވަސް ދުވާން ފަށައެވެ. ހާއްސަކޮށް އަލަށް ބަލިވެއިންނަ އަންހެނުންނަށެވެ. މިގޮތަށް މާބޮޑަށް ވަސްދުވުމުގެ ސަބަބުން މޭނުބައިކޮށް ހޮޑުލަވާގޮތް ވަނީއެވެ. މިއިހުސާސް ވަރުގަދަ ވަނީ ހަށިގަނޑުގައި އިތުރުވާ އެސްޓްރޯޖަން ހޯމޯންގެ ސަބަބުންނެވެ.

- ގޮހޮރުގެ ނާޒުކު ކަމުން. ބައެއް އަންހެނުންގެ ގޮހޮރަކީ ވަރަށް ނާޒުކު އެއްޗެކެވެ. މިކަމުގެ ސަބަބުން ބަލިވެއިނުމުގެ ސަބަބުން ހަށިގަނޑަށް އަންނަ ބޮޑެތި ބަދަލާއި އެކު ގޮހޮރަށް އޭގެ އަސަރުކޮށް މޭނުބައިވެ ހޮޑެލެވެނީއެވެ.

އަދި މިނޫނަސް ތަފާތު ތިޔަރީތައް ވެއެވެ. ނަމަވެސް މިއން އެއްވެސް ތިޔަރީއަކީ މުޅިން ފުރިހަމަ ތިޔަރީއެއް ނޫނެވެ. މިގޮތުން ފާހަގަ ވިޓަމިން ބީ6 މަދުވުމުގެ ސަބަބުން ކަމަށްވެސް މިހެން ވެދާނެ ކަމަށް ބައެއް ތިޔަރީ ތަކުގައި ވެއެވެ. ތެދެކެވެ. ބަލިވެއިދެ ހޮޑުލާމީހުންނަށް ވިތަމިން ބީ6 ދިނުމުން ލުއިކަން ލިބިދެއެވެ. އެހެނަސް މިއީ މޭނުބައިކޮށް ހޮޑުލެވޭ ސަބަބަކަށް ވުރެ ބޮޑަށް ބެލެވެނީ މޭނުބައިކޮށް ހޮޑުލެވުމުގެ ސަބަބުން ވިޓަމިން ބީ6 މަދުވަނީ ކަމުގައެވެ. އަދި ކުރެވިފައިވާ ބައެއްދިރާސާ ތަކުގައިވާގޮތުން ބަލިވެއިދެ ހޮޑުލާމީހުންނާއި ހޮޑު ނުލާމީހުންގެ ހަށިގަނޑުގައި މިހޯމޯން ހުންނަވަރުގައި މާބޮޑު ތަފާތެއް ނުހުރެއެވެ.

އެނގޭއެއްޗަކީ ވިޓަމިން ބީ6 ދިނުމުން ހޮޑުލާމީހުންނަށް ލުއިކަން ގެނެސްދޭ ކަމެކެވެ. އެހެނަސް މިހެންވަނީ ކީއްވެގެންކަމެއް ނޭގެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ގަރުބަގަންނަ އިރު އަދި ބަނޑަށް ކުރީ ކޮޅު މަލްޓިވިޓަމިން ބޭނުން ކުރުމަކީ ގިނައިން ހޮޑުލުމާއި ހެނދުނުގެ ބަލިން މާބނޑު މީހާ ސަލާމަތްކޮށްދޭ ކަމެކެވެ. އެހެން ނަމަވެސް މިހަންވަނީ ކީއްވެގެންކަން ވެސް އަދި ހޯދިފައެއް ނުވެއެވެ.

އަދިބައެއް ދިރާސާތަކުގައި ވާގޮތުގައި ބަލިވެއިދެ ހޮޑުލުމާއި ދިރިއުޅުމުގައި ދިމާވާ ދަތި އުދަގޫތަކާއި އަދި މިފަދަ ކަންތަކުގެ ސަބަބުން ކުރާ ނަފުސާނީ އަސަރުވެސް ދައުރެއް އަދާ ކުރެއެވެ. އެހެނަސް މިކަމަށް ބާރުލާނެ ހެކިތަކެއް ނުވެއެވެ.

މޭނުބައިކުރުމާއި ހޮޑުލެވުމުގެ ފުރުޞަތު ބޮޑީ ކޮންފަދަ މާބަނޑު މީހުންނަކަށް؟

ތިރީގައި އެވާ ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ މޭނުބައި ކުރުމާއި ހޮޑުލުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

- އެއްމާބަނޑު ކުދިންނަށް ބަލިވެއިނުން. މިހެންވަނީ އެއްމާބނޑު ކުދިންނަށް ބަލިވެއިނުމުން އާދަޔާ ޚިލާފަށް އިތުރުވާ ހިއުމަން ކޮރިއޮނިކު ގޮނާޑޯ ޓްރޮޕިން އާއި އެސްޓްރޯޖެން އާއި އަދިވެސް އިތުރުވާ އެހެން ހޯމޯން ތަކުގެ ސަބަބުން ކަމުގައި ބެލެވެއެވެ. އަދި ބަނޑުގައި އެއްކުއްޖަކަށް ވުރެ ގިނަ ކުދިން ތިބުމުގެ ސަބަބުން ހަށިގަނޑަށްވާ އުދަގޫ ބިޑުވުން ވެސް މިކަމުގައި ދައުރެއް އަދާ ކުރެއެވެ. ނަމަވެސް ބައެއްއަންހެނުން އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް ބަލިވެއިނަސް މިފަދަ ކަމެއް ދިމާ ނުވުމަކީ ވެދާނެކަމެކެވެ.

- ކުރިން ބަލިވެއިންއިރުވެސް މޭނުބައިކުރުން ނުވަތަ ހޮޑު ލެވުން.

- ދޭތެރެދުރުކުރާ ބޭހެއް ނެގުމުން މޭނުބިކުރުން ނުވަތަ ހޮޑު ލެވުން. މިހެންވަނީ އާއްމުގޮތެއްގައި އެސްޓްރޯޖެން ހޯމޯޏްގެ ސަބަބުން ކުރާ އަރިމަތީ އަސަރުގެ ސަބަބުންނެވެ.

- ހެނދުނުގެ ބަލި ހުންނަކަން ކުރިން ފާހަގަ ކުރެވުން.

- އާއިލާގެ އެހެން އަންހެނުންވެސް ބަލިވެއިނުމުން މޭނުބައި ކުރުން ނުވަތަ ހޮޑުލެވުން. އެއީ ވަރަށް ގިނަފަހަރު އެއްއާއިލާއެއްގެ މީހުންނަށް މިހެން ދިމާވުމުގެ ފުރުޞަތު ބޮޑެވެ. މީ ވިރާސީގޮތުން ދިމާވާ ކަމެކެވެ.

- ކުރިން ބޮލުގެ އެއްފަޅީގައި ރިއްސާކަން ފާހަގ ކުރެވިފައިވުން.

- އަންހެން ކުއްޖަކަށް ބަލިވެއިނުން. ދިރާސާތަކުން ދައްކާގޮތުގައި މާބޮޑަށް މޭނުބައިކޮށް ހޮޑުލާ މީހުންގެ ތެރެއިން ގިނަމީހުން ބަލިވެއިންނަނީ އަންހެން ކުދިންނަށެވެ.

މޭނުބައިކޮށް ހޮޑުލެވުމުގެ ސަބަބުން ދަރިފުޅަށް ގެއްލުން ވެދާނެތަ؟

ކުޑަކޮށް ނުވަތަ އާދައިގެ ގޮތަކަށް މާނުބައި ކުރުމާއި ބައެއްފަހަރު ހޮޑުލެވުމަކުން ބަނޑުގައިވާ ދަރިފުޅަކަށް ގެއްލުމެއް ނުވާނެއެވެ. އަދި މިކަމުގެ ސަބަބުން ފުރަތަމަ ތިންމަހު މާބޮޑު މިންވަރެއް ބަރުނުވިޔަސް ހަށިގަނޑުން ފެން މަދުނުވާނަމަ އެއީ މައްސަލައެއް ނޫނެވެ. ވަރަށް ގިނަ މީހުންނަށް 3 މަސްވާއިރު މިކަން ރަނގަޅުވެ ރަނގަޅަށް ކެވެން ފަށާނެއެވެ. އަދި ޠަބީޢީކޮށް ބަރުވަންވެސް ފަށާނެއެވެ.

މޭނުބައިކޮށް ހޮޑުލެވުމުގެ ސަބަބުން ހަމަހަމަ ކާނާއެއް ނުވަތަ ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާއެއް ހިމެނޭ ކާނާއެއް ކެއުމަށް ހުރަސް އަޅާނަމަ ޑޮކުޓަރެއްގެ ލަފަޔާއި އެކު ބޭހެއްގެ ގޮތުގައި ވިޓަމިން ނަގަން ފަރުވާތެރިވާށެވެ. މިގޮތުން ނަގާ ބޭހުގައި ދަނގަޑުގެ ބައިވެސް ހުންނަބޭހެއް ނެގުން ރަނގަޅުވާނެއެވެ. އެހެނަސް މިނެރަލްގގެ ބާވަތްތައް ބޭނުން ކުރުމުން ހޮޑުލެވުން އިތުރުވާނަމަ ބޭހުގައި ދަގަޑު ހިމަނާނެ ކަމެއް ނެތެވެ.

އާދަޔާ ޚިލާފަށް މޭނުބައިކޮށް ހޮޑުލެވޭނަމަ ދަރިފުޅަށް މިކަމުގެ ސަބަބުން ގެއްލުންވާނެއެވެ. މިގޮތުން ބައެއްފަހަރު ދިމާވާ ކަންތަކުގެ ތެރޭގައި ދުވަސް ނުފުރައި ވިހެއުމާއި، ވިހާއިރު ހުންނަންޖެހޭ ބަރުދަން ނުހުރުމާއި އަދި ބަނޑަށްވި މުއްދަތަށް ދަރިފުޅުގައި ހުންނަންޖެހޭ ބަރުދަން ނުހުރުންވެސް ހިމަނެއެވެ.

ފަހުގަ ދިރާސާތަކުން ދައްކާގޮތުގައި ބަލިވެއިދެ ހޮޑުލިޔަސް ބަލިވެއިދެވީ މުއްދަތުގައި 7 ކިލޯ ބަރުވެއްޖެނަމަ ދަރިފުޅަށް ގެއްލުމެއް ނުވާނެއެވެ.

ހެނދުނުގެ ބަލި ނުހުންނަނަމަ ބައިގެންދިއުމުގެ ފުރުޞަތު ބޮޑުވާނެތަ؟

މިހެންވުން ކޮންމެހެން ލާޒިމެއްނޫނެވެ. ތެދެކެވެ. ދަރިފުޅާއި ދަރިފުޅުގެ މަސް ރަނގަޅަށް ބޮޑުނުވާނަމަ މޭނުބައި ކުރުމާއި ހޮޑުލުމުގެ ފުރުޞަތު ކުޑަވެއެވެ. އެއީ މިފަދަ ހާލަތުގައި ބަލިވެއިނުމުން ހަށިގަނޑުގައި އިތުރަށް އުފައްދާ ހޯމޮންތައް އުފައްދާ މިންވަރު މަދުވާތީއެވެ. އަދި ދަރިފުޅާއި މަސް ބޮޑުނުވާނަމަ ބައިގެންދިއުމަކީ ވަރަތް ގާތް ކަމެކެވެ. ނަމަވެސް ބަލިވެއިދެ މެއިނުބައިކުރުމާއި ހޮޑުލެވުމުގެ އުދަގޫ ނުކުރުމުގެ މާނައަކީ އެއްގޮތަކަށްވެސް ބަނޑުގައި ދަރިފުޅާއި މަސް ބޮޑު ނުވުމެއް ނޫނެވެ. ދަރިފުޅައި މަސް ރަނގަޅަށް ބޮޑުވަމުން ދިޔަޔަސް މޭނުބައި ކުރުމާއި ހޮޑުލުމުގެ އުދަގޯ ނުވުމަކީ ވެދާނެ ކަމެކެވެ.

އަދި މިފަދަ އުދަގޫ ނުވާ މާބަނޑު މީހުންނަކީ މަދުބައެއްވެސް ނޫނެވެ. ވީމާ ބަލިވެއިނުމަށްފަހު މޭނުބައިކޮށް ހޮޑުލެވުމުގެ އުދަގޫ ނުކުރިޔަސް ހާސްވެ ކަންބޮޑު ނުވާށެވެ. މިއީ އެއްގޮތަކަށްވެސް ބައިގެން ދިއުމާއި ގުޅުން ހުރި ކަމެއް ނޫނެވެ.

މޭނުބައިކުރުމާއި ހޮޑެލެވުމުގެ އުދަގޫ ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

މޭނުބައިކޮށް ހޮޑުލެވި ހަދަނީ ވަރަށް ކުޑަކޮށް ނުވަތަ އާދައިގެ ވަރަކަށް ނަމަ ކެއިންބުއިމުގެ އަދި ދިރިއުޅުމުގެ ބައެއް ވައްޓަފާޅިއަށް ގެންނަ ބައެއް ބަދަލުތަކާއި އެކު މިކަމަށް ލުއިކަން ހޯދައި ދެވިދާނެއެވެ. ނަމަވެސް މާބޮޑަށް ހޮޑުލެވޭނަމަ މިކަމަށް ބޭހެއް ބޭނުން ކުރަން ޖެހިދާނެއެވެ. މިކަން ލުއި ކުރުމަށްޓަކައި މާބަނޑު ދުވަސްވަރު ބޭނުން ކުރުން ރައްކާތެރި ބޭސް ލިބެން ހުރެއެވެ. ތިރީގައި އެވަނީ އާދައިގެ ވަރަކަށް ނުވަތަ ކުޑަކޮށް ހޮޑުލެވޭ މީހުންނަށް ކުރެވިދާނެ ބައެއް ކަންތކެވެ.

- މާނުބައިކޮށް ހޮޑުލަވާ ކާނާއާއި ވަސްދުވާ ތަކެތިން ދުރުވެލާށެވެ. ހުރިހާ ކާބޯތަކެތިންވެސް މޭނުބައިކޮށް ހޮޑުލެވޭނަމަ އެންމެ ކުޑަކޮށް މިހެންވާ ކާނާ ބޭނުން ކުރާށެވެ. އެއީ ހަށިގަޑަށް ބޭނުންވާ ހުރިހާވައްތަރެއްގެ މާއްދާ ތަކެއް ހިމެނޭ މާއްދާއަކަށް ނުވިޔަް އެންމެ ރަނގަޅެވެ.

މިގޮތަށް ކެއުމުގައި ފިނިކޮށްގެން ކެއުން ރަނގަޅުވާނެއެވެ. ނުވަތަ ޖައްވުގެ ހޫނުމިނުގައި ބަހަށްޓައިގެން ކާށެވެ. އެއީ އޭރުން އެއިން ދުވާ ވަސް ކުޑަވާނެއެވެ.

- ލުއިލުއިކޮށް ކާށެވެ. އެއްފަހަރާ ގިނައިން ނުކާށެވެ. އަދި ފާރޮށި ކްރިމްކޭކަރ ބިސްކޯދުފަދަ ލުއިކާނާ ނިދުމުގެ ކުރިން ކާށެވެ. ހާއްސަކޮށް މާނުބައިވެގެން ދަންވަރު ހޭލެވޭމީހުން މިފަދަ ކާނާއެއް ކެއުމަކީ ވަރަށް ބޮޑަށް ލުއިކަން ގެނެސްދޭ ކަމެކެވެ. މިގޮތަށް ހޭލެވިއްޖެނަމަ މިފަދަ ކާނާއެއް ކައިގެން ބައިގަޑިއެއްހާއިރު އެދުގާ މަޑުކޮށްލާށެވެ. ގިނައިރެއްނުވެ ނިދިދާނެއެވެ.

- ގިނައިން ފެޓު ނުވަތަ ސަރުބީ ހުންނަ ކާނާ ނުކާށެވެ. އެއީ މިފަދަ ކާނާއަކީ ހަޖަމްކުރުމަށް ވަރަށް ގިނަ ވަގުތު ނަގާ ކާނާއެކެވެ. ހަމައެފަދައިން ހުތް ކާނާއާއި ކުޅި ކާނާއާއި ހަވާދުގެ ބާވަތްތަކުން ހަދައިފައި ހުންނަ ކާނާވެސް ކެއުން ރަނގަޅެއްނޫނެވެ.

- އަބަދުވެސް މަދުމަދުން ކައިކައި ހުންނާށެވެ. ގޮހޮރު ހުސްވިޔަ ނުދޭށެވެ. ބައެއް އަންހެނުންނަށް ކާބޯހައިޑުރޭތު ގިނަ ކާނާ ކެއުމުން މޭނުބައިކޮށް ހޮޑުލެވިހަދާއިރު ދިރާސާތަކުން ދައއްކާ ގޮތުގައި އަނެއްބައި އަންހެނުންނަށް ބޮޑަށް މިހެންވަނީ ޕްރޮޓީން ގިނަ ކާބޯތަކެތި ކެއުމުންނެވެ.

- ގިނައިން ދިޔާއެއްޗެތި ބޯށެވެ. ނަމަވެސް އެއްފަހަރާ ގިނައިން ނުބޯށެވެ. މަދުމަދުން އިރުއިރުކޮޅާބޯށެވެ. އެއްފަހރާ ގިނައިން ބުއިމުން ބަނޑު ފުރި އުދަގޫވެދާނެއެވެ. ނަމަވެސް އިރުއިރުކޮޅާ މަދުމަދުން ދިޔާތަކެތި ބޯނަމަ ބަނޑުހައިވުން ކުޑަވެ ލުއިކަން ގެނެސްދޭނެއެވެ.

ގިނައިން ހޮޑުލެވިހަދާނަމ މިގޮތަށް ބުއިމަށް ބޭނުންކުރަން އެންމެ ރަނގަޅީ ގުލްކޯޒާއި ލޮނު އަދި ޕޮޓޭސިއަމް ހުންނަ ބުއިންތަކެވެ. އެއީ ހޮޑުލުމުން ހަށިގަނޑުން މަދުވާ އިލެކްޓްރޯލައިޓުތައް ހޯދައި ދިނުމަށެވެ.

- ވީވަރަކުން އަރާމުކޮށް ހަށިގަނޑަށް ހަމަޖެހުން ގެނެސްދޭށެވެ. ދުވާލުގަޑީގައި ނިދާލެވޭނަމަ އެކަން ކުރުން ވަރަށް ރަނގަޅެވެ. އަދި ފިކުރުބޮޑުވުމާއި ހާސްކަމާއި ނުތަނަވަސްކަން ފިލުވާލުމަށްޓަކައި ރައްޓައްސަކަށް ޒިޔާރަތް ކުރުން ނުވަތަ ފިލްމެއްބަލައިލުން ފަދަ ކަމެއް ކުރެވިދާނެއެވެ. ވީވަރަކުން މޭނުބައިކުރުމާއި ހޮޑުލުމާއިމެދު ނުވިސްނައިވޭތޮ ބަލާށެވެ. މިކަން މުޅިން ހަނދާން ނައްތާލެވޭތޯ ބަލާށެވެ.

- ބަލިވެއިނުމުން ކާންޖެހޭ ބޭސްތައް ނާސްތާ ގަޑީގައި ކެވޭތޯ ބަލާށެވެ. ނުވަތަ ނިދުމުގެ ކުރިން ކެވޭތޯ ބަލާށެވެ. މާބޮޑަށް އުދަގޫވާނަމަ ޑޮކުތަރުގެ ލަފަޔާއި އެކު ކާން ބޭނުން ކުރާ ބޭސްތައް ޮންމެވެސް ވަރަކަށް މަދު ކުރެވިދާނެއެވެ. އެއީ މިގޮތަށް ބޭނުން ކުރާ ބައެއް ބޭހުގައި ހުންނަ މާއްދާ ތަކަކީ ބައެއްފަހަރު ހަޖަމް ކުރަން އުދަގޫ މާއްދާތަކެކެވެ.

މާބަނޑު ދުވަސްވަރު ހޮޑުލުން މަނާކުރާ ބޭސް ބޭނުން ކުރުމަކީ ކޮންކަހަލަ ކަމެއް؟

ބޭހަކާއި ނުލައި ކުރެވެން ހުރި ކަންތައް ކުރުމުންވެސް މޭނުބައި ކުރުމާއި ހޮޑުލުމަށް ލުއިކަމެއް ނުލިބުނު ނަމަ ނުވަތަ ދުވަހުން ދުވަހަށް މޭނުބައިކުރުމާއި ހޮޑުލުމުގެ އުދަގޫ ބޮޑުވަމުން ދާނަމަ ޑޮކުޓަރުގެ ލަފަޔާއި އެކު ލަސްނުކޮށް ބޭހެއް ނެގުން ރަނގަޅުވާނެއެވެ. އެއީ ލަސްކޮށްފިނަމަ ފަރުވާ ކުރަން އުދަގޫ ފަހަރުގައި އުދަގޫ ވުމަކީ ވަރަށް އެކަށިގެންވާ ކަމެކެވެ.

އާއްމުގޮތެއްގައި ޑޮކުޓަރާއި މަޝްވަރާ ކުރުމުން ގިނަފަހަރަށް ދޭނި ވިޓަމިން ބީ6 އެވެ. ނަމަވެސް މިބޭހުގެ ސަބަބުން މޭނުބައިކުރުމާއި ހޮޑުލުން ކުޑަކުރަނީ ކިހިނެއް ކަމެއްނޭގެއެވެ. އެގެނީ މިބޭނުން ކުރުމުން ވަރަށްގިނަ މާބަނޑު މީހުންނަށް ލުއިކަން ލިބިދޭ ކަމެކެވެ. އަދި މިބޭހަކި މާބަނޑު ދުވަސްވަރު ބޭނުން ކުރުން ރައްކާތެރެިބޭހެކެވެ.

ބަލިވެއިދެ މޭނުބައިކޮށް ހޮޑުލާ މީހންނަށް ވިޓަމިން ބީ6 ދެނީ ދުވާލަކު ތިންފަހަރު ފަހަރަކު 10-25 މިލިގުރާމެވެ. ވީމާ މިބޭސް ނެގުމުގެ ކުރިން ނަގަންވި ވަރާއި މެދު ޑޮކުޓަރެއްގެ ލަފާހޯދާށެވެ. އެއީ އެކަށީގެންވާވަރަށް ވުރެ ގިނައިން ނެގުމަކީ އައްސިވުމާއި ނާރުތައް ހަލާކުވުމަށް މަގުފަހިވެދާނެ ކަމެކެވެ. އަދި ނަގަންޖެހޭ ޑޯޒަށްވުރެ ގިނައިން ނެގުމަކީ ބޮޑުވަމުންދާ ދަރިފުޅަށްވެސް ރައްކާތެރި ކަމެކެއް ނޫނެވެ.

ވިޓަމިން ބީ6 ބޭނުން ކޮށްގެންވެސް ރަނގަޅު ނުވިނަމަ ޑޮކުޓަރެއްގެ ލަފާ ހޯދައިގެން އެހެން ބޭހެއްވެސް ބޭނުން ކުރެވިދާނެއެވެ. މިނޫނަސް މޭނުބައި ކުރުމާއި ހޮޑުލުމަށް ދެވޭ މާބނޑު ދުވަސްވަރު ބޭނުން ކުރުން ރައްކާތެރި ބޭސް ހުރެއެވެ.

މޭނުބައިކޮށް ހޮޑުލެވުމުގެ ސަބަބުން ކާއެއްޗެއް ނުކެވޭނަމަ ހަދާނީ ކިހިނެއް؟

24 ގަޑިއިރުގެ ތެރޭ އެއްވެސް ކާއެއްޗެއް ނުވެވުނުނަމަ ނުވަތަ ދިޔާއެއޗެއްވެސް ނުބޮވުނުނަމަ ނުވަތަ ކައިބޮއި ހެދި ނަމަވެސް ކައިބޯހަދާ ހުރިހާއެއްޗެއް ހޮޑަށް ބޭރުވާނަމަ ލަސްނުކޮށް އަވަހަށް ޑޮކުޓަރެއްގެ ފަރުވާ ހޯދާށެވެ. އަދި ކުއްލިހާލަތުގައި އަވަހަށް ޑޮކުޓަރަށް ދައްކާށެވެ.

ފަހަރުގާ މިއީ ބަލިވެއިދެ އާދަޔާ ޚިލާފަށް ހޮޑުލުމުގެ ބަލި (Hyperemesis Gravidarum) ގެ އަލާމާތަކަށް ވެދާނެއެވެ. މިއީ ފަރުވާކުރަން އުދަގޫ ބައްޔެކެވެ. ނަމަވެސް އަވަހަށް ބަލި ދެނެގަނެ އަވަހަށް ފަރުވާ ފެށުމަކީ ފަސޭހައިން މިބައްޔަށް ލުއިކަން ގެނެސް ދިނުމަށް ދެވޭ ވަރަށްބޮޑު އެހީތެރި ކަމެކެވެ. އަދި ބަލީގެ ނުރައްކާވެސް ކުޑަކޮށްދޭނެ ކަމެކެވެ.

ޑޮކުޓަރަށް ދެއްކުމުން އާއްމުގޮތެއްގައި އައިވީ ގުޅާނެއެވެ. އެއީ މިހާރު ހުންނާނީ ހަށިގަނޑުން ވަރަށް ބޮޑަށް ފެންމަދުވެފައެވެ. އެއަށްފަހު ބައެއް ޓެސްޓުތައް ހައްދާނެއެވެ. އެއި ހަށިގަނޑުގައި އިލެކުޓްރޯލައިޓް ހުރިމިންވަރު ބެލުމަށްޓަކައެވެ. އަދި މޭނުބައިކޮށް ހޮޑުލެވޭފަދަ އެހެންބައްޔެއް ހުރިތޯ ނުވަތަ ނެތްތޯ ބެލުމަށެވެ. ބަލިހާލަތު ހުރިގޮތެއްގެ މައްޗަށް ބަލައި ދުވަސްކޮލަކު އެދުމަތިކޮށްފައި ފަހަރުގައި ބާއްވަފާނެއެވެ. އަދި މިމުއްދަތުގައި އައިވީއާއި ބޭސް ދެމުން ގެންދާނެއެވެ.

އައިވީ ދިނުމަށްފަހު ވަރަށްގިނަ މާބަނޑު މީހުންނަށް ލުއިކަން ލިބިދެއެވެ. އެއީ ހަށިގަނޑުން މަދުވެފައިވާ ފެން ހޯދައިދިނުމުންނެވެ. އަދި ބޭހާއިއެކު ވަރަށް ގިނަ މީހުންނަށް ފަސޭހަކަން ލިބި މޭނުބައިކުރުމާއި ހޮޑުލެވުން ހުއްޓިދެއެވެ. ވަރަށްމަދު މީހުންނަށް ދޭތެރެދޭތެރެއިން ހޮސްޕިޓަލުގައި އެދުމަތިކޮށް ފަރުވާދޭން ޖެހެއެވެ. އަދި އެއަށްވުރެވެސް މަދުބަޔަކަށް ދާއިމީ ގޮތެއްގައި ހޮސްޕިޓަލުގައި އެނދުމަތި ކޮށް ފަރުވާ ދޭންޖެހެއެވެ.

މޭނުބައިކުރުމާއި ހޮޑުލުމަށް ފުރިހަމަ ގޮތުގައި ފަރުވާ ނުކުރެވިއްޖެނަމަ ބަލިވެއިދެ އާދަޔާ ޚިލާފަށް ހޮޑުލުމުގެ ބަލި (Hyperemesis Gravidarum) ޖެހމަކީ ވަރަށް ގާތްކަމެކެވެ. މިބަލިޖެހުމަކީ އާދަޔާ ޚިލާފަށް ހޮޑުލުމުގެ އިތުރުން ދާއިމީގޮތެއްގައި ހަށިގަނޑުން ފެންމަދުވުމާއި، ހަށިގަނޑު ބަރުނުވެ ލުއިވުމާއި، ހަށިގަނޑުން ކާނާ މަދުވުމާއި އަދިވެސް މިނޫން އެތައް ނުރައްކަލެއް ދިމާވާ ބައްޔެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.