ބަނޑުގައި ރިއްސުން ނުވަތަ ތަދުވުން
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
* މާބަނޑު ދުވަސްވަރު ބައެއްފަހަރު ބަނޑުގައި ރިއްސުމަކީ ޠަބީޢީ ކަމެއްތަ؟
* ނުރައްކަލެއްނެތި ބަނޑުގައި ރިއްސަން ދިމާވާ އެންމަ އާއްމު ސަބަބުތަކަކީ ކޮބާ؟
* މާބަނޑު ދުވަސްވަރު ބަނޑުގައި ރިއްސުމަށް މެދުވެރިވާ ނުރައްކާތެރި ސަބަބުތަކަކީ ކޮބާ؟
މާބަނޑު ދުވަސްވަރު ބައެއްފަހަރު ބަނޑުގައި ރިއްސުމަކީ ޠަބީޢީ ކަމެއްތަ؟
މާބަނޑު ދުވަސްވަރު ބަނޑުގައި ރިއްސުމަކީ ނުވަތަ ބަނޑަށް އުދަނގޫ ވުމަކީ ވަރަށްގިނައިން ދިމާވާ ކަމެކެވެ. އަދި ވަރަށް ގިނަފަހަރު މިއީ އެއްވެސް ނުރައްކަލެއްނެތް އާދައިގެ ޠަބީޢީ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު މިގޮތަށް ރިއްސާ ރިއްސުމަކީ ނުރައްކާތެރި ކަމެއްގެ ސަބަބުން ރިއްސާ ރިއްސުމަކަށް ވުމަކީ ވެދާނެ ކަމެކެވެ. ބަނޑުގައި ރިއްސާ ނުރައްކާތެރި ސަބަބަ ތަކާއި ނުރައްކާތެރި ނޫން ސަބަބުތައް އެވަނީއެވެ. ނަމަވެސް އަމިއްލައަށް ބަނޑުގައި އެރިއްސަނީ ކީޢްވެގެންކަން ދެނެގަންނަން މަސައްކަތް ނުކުރާށެވެ. އަބަދުވެސް ޑޮކުޓަރެއްގެ ލަފަޔާއި އެކު ސަބަބު ހޯދައި ފަރުވަ ކުރާށެވެ. ބަނޑުގައި ރިއްސުމާއި އެކު ކުރިމަތިފާރާތުން ލޭ ފެއިބުން، ހުންއައުން، ކުރިމަތިފަރަތުން ދިޔާއެއްޗެތި ފެއިބުން، އަނބުރައިގަތުން، ކުޑަކަމުދާން އުދަގޫވުން، މެއިނުބައިކުރުން، ހޮޑުލެވުން ނުވަތަ ތަދު ނުކެޑި ގިނައިރުވުން ފަދަ ކަމެއް މެދުވެރި ވެއްޖެނަމަ ލަސް ނުކޮށް ޑޮކުތަރެއްގެ ލަފާ ހޯއްދަވާށެވެ.
ނުރައްކަލެއްނެތި ބަނޑުގައި ރިއްސަން ދިމާވާ އެންމަ އާއްމު ސަބަބުތަކަކީ ކޮބާ؟
މާބަނޑު ދުވަސްވަރު ބަނޑުގައި ރިއްސާ ކޮންމެ ފަހަރަކު ރިއްސަނީކީ ނުރައްކާތެރި ކަމެއްގެ ސަބަބުންނެއް ނޫނެވެ. މިސާލަކަށް ޖިންސީ ގުޅުން ހިންގާއިރު ނުވަތަ ހިންގުމަށްފަހު ކޮންމެވެސް ވަރަކަށް ބަނޑުގައި ރިއްސުމަކީ ވެދާނެ ވަރަށް ޔަބީޢީ ކަމެކެވެ. އަދި މިއީ ނުރައްކާތެރިަމުގެ އެއްވެސް ސުގުނަލެއް ދޭ ކަމެއް ނޫނެވެ.
ތިރީގައި އެވަނީ މިނޫނަސް މާބަނޑު ދުވަސް ވަރު ރިއްސާ އެހެނަސް ނުރައް ކަލެއް ނެތް ބައެއް ސަބަބު ތަކެވެ.
1- ބަނޑުގައި ގޭސް އުފެދުން
ބަލިވެއިނުމުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުގެ ސަބަބުން ކާއެއްޗެތި ހަޖަމް ކުރުން ލަސްވެއެވެ. ނަތީޖާއެއްގެ ގޮތުން މާބަނޑު ދުވަސްވަރު ބަނޑުގައި ގޭސް އުފެދުމަކީ ވަރަށް އާއްމު ކަމެކެވެ. އަދި މިއީ ބަނޑުގައި ރިއްސާ ނުވަތަ ބަނޑަށް އުދަގޫވެފައި ހުންނަ ވަރަށް އާއްމު ސަބަބެކެވެ.
2- ބަނޑު ހިކުން ނުވަތަ ބޮޑުކަމުދާން އުދަގޫވުން
މިއީވެސް މާބަނޑު ދުވަސްވަރު ބަނޑުގައި ރިއްސަން ދިމާވާ ވަރަށް އާއްމު ސަބަބެކެވެ. މިހެން ދިމާވަނީވެސް ބަލިވެއިނުމުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުގެ ސަބަބުން ހަޖަމް ކުރުން ލަސްވާތީއެވެ. އަދި ބޮޑުވަމުންދާ ރަހިމުގެ ސަބަބުން ގޮހޮރަށް ބާރު ބޮޑުވުމަކީވެސް މިހެންދިމާވާ ސަބަބެކެވެ.
3- ރައުންޑު ލިގަމެންޓަށް ތަދުވުން.
ރައުންޑު ލިގަމެންޓަކީ ރަހިމުގެ ދެފަރާތުން ފެށިގެން ކުރިމަތިފަރާތަށް ގޮސްފައި އިންނަ ފައިބަރުގަޑެއް ކަހަލަ އެއްޗެކެވެ. މީގއި ރިއްސާއިރު ރިއްސާނީ ދަށް ބަޑުގެ އެއްފަރާތު އަރިމަތިން ނުވަތަ ދެފަރާތު އަރިމަތިން ތޫނު އެއްޗެއް ކޮށްޕައިލީމާ ވާކަހަލަ ތަދެކެވެ. އާއްމުގޮތެއްގައި މިތަނަށް ނުވަތަ މިއަށް ތަދުވާން ފަށަނީ ބަނޑަށް 4 ވަނަ މަހުން ފެށިގެންނެވެ. މިތަދު ކެއްސާއިރު ނުވަތަ އެނދުގެ ދެފަރާތުންކުރެ ފަރާތަކަށް އެނބުރިލާއިރު ބޮދުވުމަކީ ގާތް ކަމެކެވެ.
4- ރަހިމަށް ވާންވުމާއި ދޫވުމުގެ ސަބަބުންވާ ތަދު
ގާތްގަޑަކަށް ބަނޑަށް 4 މަސް ނުވަތ 5 ވަނަ މަހުން ފެށިގެން ރަހިމަށް ވާންވެ ދޫވާ ކަމުގެ އިހުސާސް ބައެއް ވަގުތު ކުރެވޭނެއެވެ. ބަނޑަށް 37 ހަފުތާ ވުމުގެ ކުރިން މިގޮތަށް ވާނީ އެކިފަހަރު އެކިވަރަށް އެކި ވަގުތު އެވެ. އަދި އާއްމިގޮތެއްގައި ބަނޑަށް ކޮންމެވެސް ވަރަކަށް އުދަގޫވިޔަސް ތަދު ވަރަށް ނުވާނެއެވެ. މިއިހުސާސާއި އެކު ދަށްބަނޑުގައި ރިއްސސާ ނަމަ އަވަހަށް ޑޮކުޓަރަށް ދާށެވެ. ފަހަރުގައި މިއީ ދުވަސް ނުފުރައި ވިހެއުމުގެ އަލާމާތަކަށް ވުމަކީ ވެދާނެ ކަމެކކެވެ.
މާބަނޑު ދުވަސްވަރު ބަނޑުގައި ރިއްސުމަށް މެދުވެރިވާ ނުރައްކާތެރި ސަބަބުތަކަކީ ކޮބާ؟
ތިރީގައި އެވަނީ ބަނޑުގައި ރިއްސާ ނުރައްކާތެރި ބައެއް ސަބަބު ތަކެވެ.
1- ރަހިމުން ބޭރުގައި ގަރުބަގަތުން.
އާއްމުގޮތެއްގައި ރަހިމުންބޭރުގައި އެންމެ ގިނައިން ގަރުބަ ގަންނަނީ ފެލޯޕިއަން ޓިއުބު ގައެވެ. މިތަނުގައި ގަރުބަ ގަނެއްޖެ ނަމަ ބަނޑަށް ފުރަތަމަ ތިންމަހުގައި އުދަގޫވާން ފަށާނެއެވެ. އަދި ގިނަފަހަރު ބަލިވެ އިންކަން އެނގުމުގެ ކުރިން ބަނޑުގައި ރިއްސަން ފަށާނެއެވެ. ފެލޯޕިއަން ޓިއުބުގައި ގަރުބަގަނެ އަވަހަށް ފަރުވާ ނުކުރެވިއޖެ ނަމަ ފެލޯޕިއަން ޓިއުބު ފަޅައިގެންގޮސް ފުރާނައަށް ނުރައްކާ ވުމަކީ ވަރަށް ގަޓް ކަމެކެވެ. ވީމާ ދަށްބަނޑުގައި ރިއްސުމާއި އެކު ކުރިމަތި ފަރާތުން ލެއިފައިބައިފިނަމަ ނުވަތަ ކެއްސާއިރު، މަސައްކަތެއް ނުވަތަ ކަސްރަތެއް ކުރާއިރު ނުވަތަ ބޮޑުކަމުދާއިރު ތަދު ބޮޑުވާނަމަ ލަސް ނުކޮށް ޑޯކުޓަރެއްގެ ލަފާ ހޯދާށެވެ. އަދި ކޮޑުހުޅުގައި ރިއްސުމާއި އަބުރައިގަތުން ފަދަ ކަމެއް ދިމާވެއްޖަ ނަމަ ވަގުތުން ހޮސްޕިޓަލަށް ދާށެވެ.
2- ބައިގެންދިއުން.
ބައިގެންދާނަމަ ތަދަށްވުރެ ކުރިން އާއްމުގޮތެއްގައި ކުރިމަތި ފަރާތުން ލޭ ފައިބަން ފަށާނެއެވެ. ބަނޑުގައި ރިއްސާނީ ނުވަތަ ތަދުވާނި އޭގެ ފަހުންނެވެ. ލޭ ވަރަށް ގިނައިންވެސް އަތުވެދާނެއެވެ. އަދި މަދުން އައުމަކީވެސް ވެދާނެ ކަމެކެވެ. ވަރަށް ބޮޑަށް ބަނޑުގައި ރިއްސާނަމަ ނުވަތަ ލޭ އަންނަނަމަ އަވަހަށް ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ.
3- ދުވަސް ނުފުރައި ވިހެއުން.
ދުވަސް ނުފުރައި ވިހާ ކަމަށް ބަލަނީ ބަނޑަށް 37 ހަފުތާ ނުވަނީސް ވިހައިފިނަމަ އެވެ. ތިރީގައި އެވާ އަލާމާތުން ކުރެ އަލާމާތެއް ފެނިއްޖެ ނަމަ ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ.
- ކުރިމަތި ފަރަތުން ދިޔާއެއްޗެތި ފެއިބުން ގިނަވުން.
- ކުރިމަތި ފަރާތުން ފައިބާ ދިޔާއެއްޗެތީގެ ސިފަ ބަދަލުވުން.
- ކުރިމަތިފަރާތުން ލޭ ފެއިބުން.
- ބަނޑުގައި ރިއްސުން.
- ގަޑިއެއްގެ އިރުތެރޭ 4 ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ރަހިމު ވާންވާ ކަމުގެ އިހުސާށް ކުރެވުން.
- ދަށްބަނޑަށް ބާރު ބޮޑުވަމުން ދިއުން.
- އުނަގަޑުގައި ރިއްސުން
4- މަހުންބައެއް ރަހިމުން ވަކިވުން.
ދަރިފުލު ބަނޑުގައި އޮންނަ އިރު ދަރިފުޅުގެ މަސް އުފެދިފައި އިންނަނީ ރަހިމާއި ގުޅިގެން ރަހިމުން ބައެއް ހިއްސާވާ ގޮތަށެވެ. މަހުންބައެއް ނުވަތަ މަސް ރަހިމުން ވަކިވުމަކީ މަހުންބައެއް ރަހިމުގެ އެތެރޭގެ ފާރާއި ވަކިވެ ދުރު ވުމެވެ. މިހެންވުމުން ފެންނަ އަލާމާތްތައް އެކިމީހުންގެ ވަރަށް ބޮޑަށް ތަފާތެވެ. ބައެއްފަހަރު މިގޮތަށް ވުމުން ކުއްލިއަކަށް ކުރިމަތިފަރާތުން ވަރަށް ބައިވަރު ލޭ ފެއިބުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު ކުރީކޮޅުގައި އެއްގޮތަކަށްވެސް ލޭ ފައިބާ ކަމުގެ އިހުސާސް ނުކުރެ ވުމަކީ ނުވަތަ ލާ ނުފެއިބުމަކީވެސް ވެދާނެ ކަމެކެވެ. އަދި ބައެއްފަހަރު ބަނޑުގައާއި، ބުރިކަށީގައި ރިއްސުމާއިއެކު ބަނޑު ނުވަތަ ރަހިމު ހަރުވެ ކުރިމަތިފަރާތުން ކޮންމެވެސް ވަރަކަށް ލޭ ފެއިބުމަކީ ވެދާނެ ކަމެކެވެ.
5- ޕްރީއެކްލަމްޕްސިއާ
މިއީ ހަމައެކަނި މާބަނޑު މީހނުްނަށް ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ލޭހޮޅިތަކަށް ބާރުވެ އަދިވެސް އެހެނިހެން ބަދަލުތައް ލޭހޮލިތަކަށް އާދެއެވެ. ނަތީޖާއެއްގެ ގޮތުން ޗަސްމޭ، ގުރުދާ އަދި ސިކުޑިފަދަ މުހިއްމު ގުނަވަންތަކަށް އަސަރު ކުރެއެވެ. މިބަލި ހުރިކަމަށް ބަލަނީ ބަނޑަށް 20 ހަފުތާ ވުމަށްފަހު ލޭ މައްޗަށް ދިއުމާއިއެކު ކުޑަކަމުދާ އެއްޗެތީގައި ޕްރޮޓީން ހުންނަވަރު މައްޗަށް ގޮސްފިނަމައެވެ. މިބަލި ޖެހުމުން ފެންނަ އަލާމާތް ތަކުގެ ތެރޭގައި މޫނައި ލޮލިފިޔަ ދުޅަވުން، އަތްފައި ދުޅަވުން، ބަނޑުގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގެ ފެނުމަށް ބަދަލު އައުން، މެއިނުބައި ކުރުން އަދި ހޮޑުލެވުން ހިމެނެއެވެ. މިއިން އަލާމާތެއް ފެނިއްޖެނަމަ ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ.
6- ކުޑަކަމުދާ ނިޒާމަށް ބައްޔެއް ޖެހުން
ބަލިވެއިނުމަކީ ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވާ ކަމެކެވެ. ނުވަތަ ބަލިޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. ތިރީގައި އެވަނީ ކުޑަކަމުދާ ނިޒާމުގެ އެކި ހިސާބަށް ބަލިޖެހުމުން ފެންނަ ބައެއް އަލާމާތްތަކެވެ.
-މަސާނާ: ދަށްބަނޑުގައި ރިއްސުން، ކުޑަކަމުދާން އުދަގޫވުން ނުވަތަ ކުޑަކަމުދާއިރު ގިނި ތަދެއްވުން، އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން، ކުޑަކަމުދާ އެއްޗެތި ފުސްވެފައި ހުރުން އަދި ވަސް ނުބައިވުން. މިއިން އަލާމާތެއް ފެނިއްޖެ ނަމަ ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ. އެއީ މިކަމަށް އަވަހަށް ފަރުވާ ނުހޯދިއްޖެނަމަ ގރުދާ ބަލިވުމާއިއެކު ދުވަސް ނުފުރައުި ވިހެއެމަކީ ވެދާނެ ކަމެކެވެ.
-ގުރުދާ (ކިޑުނީ): ވަރަށް ބޮޑަށް ހުންއައުން، ދަށްބަނޑުގެ ދެފަރާތުގައި ރިއްސުން، މޭނުބައިވުން، ހޮޑުލެވުން އަދި ކުޑަކަމުދާ އެއްޗެތީގައި ލޭ ހުރުން. މިއިން އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ފަރުވާ ހޯދަން ޖެހޭނެއެވެ.
7- ބައެއް އެހެނިހެން ކަންތައްތައް
އިސްވެދިޔަ ކަންތައްތަކުއިތުރުންވެސް ވަރަށް ގިނަ ކަންތައްތަކުގެ ސަބަބުން ބަނޑުގައި ރިއްސައެވެ. އޭގެތެރޭގައި ކާއެއްޗަކަށް ވިހަވުން، އެޕެންޑިކްސް ހަލާކުވުން، ގުރުދާގައި ހިލަ އުފެދުން، ފިތުގައި ހިލައުފެދުން އަދި ގޮހޮރު ބެދުން ފަދަ ކަންތައްތައް ހިމެނެއެވެ.