Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ހިރުގަނޑުން ލޭއައުން

ހިރުގަނޑުން ލޭއައުން

hirugadun-ley-aun-25* މާބަނޑު ދުވަސްވަރު ދަތްއުނގުލާއިރު ހިރގަނޑުން ލޭއައުމަކީ ޠަބީޢީ ކަމެއްތަ؟

* ހިރުގަނޑުން ލޭއަންނަނަމަ މާބަނޑަށް އަސަރު ކޮށްފާނެތަ؟

* ހިރުގަނޑުން ލޭއަޔަނުދިނުމަށް ކުރެވިދާނެ ކަންތަކަކީ ކޮބާ؟

* ހިރުގަނޑުން ލޭއަންނަނަމަ ދަތުގެ ޑޮކުޓަރަކަށް ދަށްކަން ޖެހޭނެތަ؟

މާބަނޑު ދުވަސްވަރު ދަތްއުނގުލާއިރު ހިރގަނޑުން ލޭއައުމަކީ ޠަބީޢީ ކަމެއްތަ؟

ހިރުގަނޑު ދުޅަވުމާއިއެކު ދަތްއުނގުޅާއިރު ލޭއައިސް ތަދުވުމަކީ ވަރަށްގިނަ މާބަނޑު މީހުންގެ ޝަކުވާއެކެވެ. މިއީ ބަލިވެއިނުމުން އިތުރުވެގެންދާ އަންހެން ހޯމޯނެއް ކަމުގައިވާ ޕްރޮޖެސްތްރޯން ހޯމޯންގެ ސަބަބުންވާ ކަމެކެވެ. މިހޯމޯން އިތުރުވުމުން ހިރުގަނޑުގައި ތަފާތު ވައްތަރުގެ ބެކުޓީރިޔާތައް އަށަލުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ. އަދި މިއާއި އެކު ބަލިވެއިނުމުގެ ހަށިގަނޑަށް އިތުރުވެގެންދާ ލެޔަކީ މިކަމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރާ ކަމެކެވެ.

ބަލިވެއިނުމަކީ ހިރުގަނޑުގައި ބިހިނެގުންވެސް އިތުރުވާ ކަމެކެވެ. ދަތްއުގުޅާއިރު މި ބިހިތަކުން ލޭއައުމަކީވެސް ވަރަށް ގިނަމައިންނަށް ދިމާވާ ކަމެކެވެ. ބަލިވެއިނުމުން ބިނަގަނީ ހަމައެކަނި ހިރުގަނޑުގައެކަންޏެއް ނޫނެވެ. ހަށިގަނޑުގެ ކޮންމެ ތަނެއްގައިވެސް ބިހިތައް ނަގައިފާނެއެވެ. ނަމަވެސް އެންމެގިނައިން ބިހިނެގުން އެކަށީގެންވަނީ އަނގައިގައެވެ. މިގޮތަށް ނަގާ ބިހި ބައެއްފަހަރު ވަރަށް ބޮޑުވުމަކީވެސް ވެދާނެ ކަމެކެވެ. ބައެއްފަހަރު 3 ސެންޓިމީޓަރ ވަރަށް ވެސް މިފަދަ ބިހި ބޮޑުވެއެވެ. މިފަދަ ބިހި އާއްމުގޮތެއްގައި ވިހެއުމަށްފަހު ފަރުވާއަކާ ނުލައި ފަސޭހަވެގެންދާނެއެވެ. ނަމަވެސް ވިހެއުމަށްފަހު ފަސޭހަ ނުވެއްޖެނަމަ މިކަމަށް ބޭސް ކުރަންޖެހޭނެއެވެ. އަދި ވިހެއުމުގެ ކުރިންވެސް ގިނައިން ލޭއައިސް ތަދުވާނަމ ނުވަތަ ހަފަން އުދަގޫވާނަމަ މިކަމަށް ފަރުވާ ކުރަން ޖެހޭނެއެވެ.

ހިރުގަނޑުން ލޭއަންނަނަމަ މާބަނޑަށް އަސަރު ކޮށްފާނެތަ؟

ބަލާބެލުމަށް އެއީ ކުޑަކަމެއްކަމުގައި ހީވިނމަވެސް ދަތްޕިލައާއި ހިރުގަނޑަށް ރައްކާތެރި ނުވެވިއްޖެ ނަމަ މިއީ މާބަނޑަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމެކެވެ. އެއީ މިއީ ފަރުވާތެރި ނުވެވިއްޖެނަމަ ހިރުގަނޑާއި ދަތްޕިލައިގެ އިތުރުން އެހިސާބުގެ ކަށިތަކާއި އެހެނިހެން ތަންތަނަށްވެސް ގެއްލުން ވެދާނެ ކަމެކެވެ. އަދި ދިރާސާތަކުން ދަށްކާގޮތުގައި ހިރުގަނޑަށް ފަރުވާތެރި ނުވާ ވަރަށް ގިނަ މައިން ދުވަސް ނުފުރައި ވިހައެވެ. އަދިވެސް ބައެއް ދިރާސާތަކުން ދަށްކާގޮތުގައި މިއީ ޕްރީއެކްލަމްސިއާ ޖެހުމުގެ ފުރުޞަތުވެސް އިތުރުވާ ކަމެކެވެ. ވުމާއެކު މިސަބަބުތަކަށްޓަކައި ދަތްޕިލައާއި ހިރުގަނޑަށް ފަރުވާތެރއި ވުމަކީ މާބަނޑު ދުވަސްވަރު ކުރުން ވަރަށް މުހިންމު ކަމެކެވެ.

ހިރުގަނޑުން ލޭއަޔަނުދިނުމަށް ކުރެވިދާނެ ކަންތަކަކީ ކޮބާ؟

އަނގައިގެ ސާފުތާހިރު ކަމަށް ރައްކާތެރި ވުމަކީ މިކަމުގައި ކުރެވިދާނެ ކުރަންޖެހޭ ވަރަށް މުހިންމު ކަމެކެވެ. ތިރީގައި އެވަނީ ހިރުގަނޑުން ލާއައުން މަދު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

- ދުވާލަކު މަދުވެގެން ދެފަހަރު ދަތް އުނގުޅާށެވެ. ރަނގަޅީ ކާ ކޮންމެ ފަހަރަކު ކެއުމަށްފަހު ދަތް އުނގުޅުމެވެ.

- ދަތްއުނގުޅައިރު ނަރުގަނޑު މަޑު ބުރުސް ބޭނުން ކުރާށެވެ.

- ފްލޮރައިޑު ހުންނަ ދަތްއުނގުޅާ ބޭސް ބޭނުން ކުރާށެވެ.

- ކޮންމެދުވަހަކުވެސް ފްލޮސް ނުވަތަ ރޮދި ދަތް އުނގުޅާއިރު ބޭނުން ކުރާށެވެ.

- ދަތުގެ ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ.

ހިރުގަނޑުން ލޭއަންނަނަމަ ދަތުގެ ޑޮކުޓަރަކަށް ދަށްކަން ޖެހޭނެތަ؟

ހިރުގަޑން ލޭއައުމަކީ މާބަނޑު ދުވަސްވަރުވާ އުދަގޫތައް އިތުރު ކުރާ ކަމެކެވެ. ވުމާއެކު ލޭއަންނަނަމަ ދަތުގެ ޑޮކުޓަރަކަށް ދެއްކުމަކީ ބޭނުންތެރި ކަމެކެވެ. އާއްމުގޮތެއްގައި ދަތުގަ ފަރުވާގެ ގޮތުގައި ބޭނުންކުރާ އެންޓިބަޔޮޓިކު އާއި އައްސިކުރުމަށް ބޭނުންކުރާ ނޮވޯކައިން އަކީ މާބަނޑު ދުވަސްވަރު ބޭނުން ކުރުން ރައްކާތެރި ބޭސްތަކެކެވެ. ވުމާއެކު ގަވާއިދުން ދަތުގެ ލަފާ ހޯދަމުން ގެންދަން ޖެހޭނެއެވެ. ހާއްސަކޮށް ތިރީގައި އެވާ ކަންތަކުން ކަމެއް ދިމާވެއްޖެ ނަމައެވެ.

- ދަތްޕިލާގައި ނުވަތަ ހިރުގަނޑުގައި ރިއްސުން ނުވަތަ ތަދުވުން.

- ގިނަ ގިނައިން ހިރުގަނޑުން ލޭއައުން.

- މީގެއިތުރުން ހިރުގަނޑު ދުޅަވުން، ދަތެއް ވެއްޓުން އަދި އަގައިން ނުބައިވަސް ދުވުން.

 

Comments