މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... ނިދީގައި ނޭވާލާން އުދަގޫވުން ނުވަތަ ނޭވާ ނުލެވުމުގެ ބަލި (Obstructive Sleep Apnea)
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މިހެން ދިމާވަނީ ކީއްވެ؟
މިހެން އާއްމުކޮށް ދިމާވަނީ ނިދީގައި ގުގުރިދަމާ މީހުންނަށެވެ. މިހެންދިމާވަނީ ނިދީގައި ނޭވާހޮޅި ބެދޭތީއެވެ. ވުމާއެކު ގަސްދަކާއި ނުލާ ނޭވާލާ ނޭވުލުން ހިދުކޮޅަކަށް ހުއްޓެނީއެވެ. މިގޮތަށް ނޭވާނުލެވި ދާނީ ވަރަށް ކުޑައިރުކޮޅަކަށެވެ. އަދިމިހެންވުމުން ނިދިން ހޭލެވި އަލުން ނޭވާލަވޭން ފަށައެވެ. ނިދީގައި މިގޮތަށް 100ވަރަކަށް ފަހަރުވެސް މިހެން ވެދާނެއެވެ.
ނިދީގައި މިގޮތަށް ދިމާވާ ގިނަމީހުން ހެނދުނު ހޭލާއިރު މިކަމެއް ހަނދާނެއް ނުހުރެއެވެ. ނަމަވެސް ހެނދުނު ހޭލާއިރު ނިދިނުފިލައި ވަރުބަލިވެފާ ހުރުމަކީ ވަރަށް ގިނަ މާބަނޑު މީހުންނަށް ދިމާވާ ކަމެކެވެ.
ފަލަވުމަކީ މިހެންދިމާވާ މައިގަޑު ސަބަބެވެ. ހަމައެއާއިއެކު ބަލިވެއިނުމަކީވެސް މިކަމުގެ ފުރުޞަތު އިތުރު ކުރާ ކަމެކެވެ. ހާއްސަކޮށް ބަނޑަށް 6 މަސް ވުމަށް ފަހުގައެވެ. ހަށިގަނޑުން ފަލަމީހަކު ބަލިވެއިދެ އިތުރަށް ބަރުވާ ބަރުވުމަކީ މިކަމުގެ ތއޖުރިބާ ކުރަންޖެހުމުގެ ފުރުޞާތު ބޮޑުކުރާކަމެކެވެ. އެއީ މިހެންވުމުން ކަރާއި ނޭވާހޮޅީގެ ހަތާތަކާއި މަސްތައް އިތުރުވުމުން ނޭވާހޮޅީގެ އެތެރެ ހިމަވާތީއެވެ.
މިހެންދިމާވާ އިތުރު ސަބަބުތަކުގެ ތެރޭގައި ބަލިވެއިނުމުން ނޭފަތުގެ އެތެރޭގެ ހަންގަޑު ފޮއްސިވެ ބޯވުން ހިމެނެއެވެ. މިގޮތަށް ނޭފަތުގެ ހަންގަޑުބޯވެ ފޮއްސިވަނީ ބަލިވެއިނުމުން ހަށިގަނޑުގައި އިތުރުވާ އެސްޓްރޯޖަން ހޯމޯންގެ ސަބަބުންނެވެ. އަދި ބަލިވެއިނުމުން ހަށިގަނޑަށް އިތުރުވާ ލޭގެސަބަބުންވެސް މިކަންތައް އިތުރަށް ބޮޑުވެއެވެ.
މިކަން ހައްލު ކުރާނީ ކިހިނެއް؟
ފިރިމިހާއަށް އަނބިމީހާ އާދަޔާ ޚިލާފަށް އަޑުގަދަ ކޮށް ގުގުރިދަމާ ކަމުގެ އިހުސާސް ވާނަމަ ނުވަތަ ނޭވާދޭތެރެ ދޭތެރެ އިން ހުއްޓޭކަމުގެ އިހުސާސް ކުރެވޭނަމަ ޑޮކުޓަރެއްގެ ލަފަޔާއިއެކު މިކަމަށް ފަރުވާ ކުރާށެވެ.
ނިދީގައި އިރުއިރުކޮޅާ ނޭވާ ނުލެވި ނޭވާ ހުއްޓުމަކީ ވަގުތީގޮތުން ލޭގައި ހުންނަ އޮކުސިޖަންގެ މިންވަރު މަދު ކުރާ ކަމެކެވެ. ވުމާއެކު ގިނަދުވަސްތަކެއް ވަންދެން މިހެންވުމަކީ މައިމީހާގެ ސިއްހަތަށް ގެއްލުންހުރި ކަމެކެވެ. އަދި ދިރާސާތަކުން ދައްކާގޮތުގައި މިއީ ބަނޑުގައިވާ ދަރިފުޅު ބޮޑުވަންޖެހޭވަރަށް ބޮޑުވުމުގައިވެސް ހުރަސްއަޅާ ކަމެކެވެ. މީގެއިތުރުން މިއީ ލާމައްޗަށްދިއުމާއި ލޭދައުރުކުރާ ނިޒާމުގެ ތަފާތު ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރު ކުރާ ކަމެކެވެ. އަދި ދުވާލުގަޑީގައި ވަރުބަލިވެ ނިދިބަރުވެފައި ހުރުމަކީވެސް މިހެންދިމާވާ މީހުންނަށްވާ ކަމެކެވެ.
މިބަލީގެމީހުން ނިދާއިރު އަގަޔަށްލައްވާ ހާއްސަވައްތަރެއްގެ އެއްޗެއް ހުރެއެވެ. މިމާސްކު ލެއްވުމުން ނިދާއިރު ނޭވާހޮޅި ނުބެދި ހުރެއެވެ. ނިދީގައި ނޭވައިނުލެވުމުގެ އުދަގޫ މާބޮޑުނަމަ މިފަދަ އެއްޗެއްގެ ބޭނުން ކުރަން ޖެހިދާނެއެވެ. ތިރީގައި އެވަނީ މިވައްތަރު އެއްޗެއްގެ ކުރެހުމެކެވެ.