Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގައި ސަމާލުވާން ޖެހޭ ކަންތައްތައް.

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގައި ސަމާލުވާން ޖެހޭ ކަންތައްތައް.

kasrathu-kanthai-114ކަސްރަތު ކުރުމަކީ ވަރަށް ބޭނުންތެރި ފައިދާހުރި ކަމެކެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގައި ރައްކާތެރިވެ ފަރުވާތެރިވާން ޖެހޭ ކަންތައްތަކެއް ހުރެއެވެ. އެއީ ކުރިއްސުރެ ގަވައިދުން ކަސްރަތު ކުރާމީހަކު ބަލިވެއިނުމުން އެކަން ދަމަހައްޓަން ބޭނުން ނަމަވެސް ފަރުވާތެރިވެ ރައްކާތެރިވާން ޖެހެއެވެ. ތިރީގައި އެވަނީ މިގޮތުން ރައްކާތެރިވެ ފަރުވާތެރިވާން ޖެހޭ ބައެއް ކަންތައްތަކެވެ.

ކަސްރަތު ކުރުމުގެ ކުރިން ޑޮކުޓަރުގެ ލަފާ ހޯދާށެވެ.

ބަލިވެއިނުމުގެ ކުރިން ގަވައިދުން ކަސްރަތުކުރަމުން ދިޔަނަމަ އަދި ބަލިވެއިނުމަށްފަހު އިތުރު އުދަގުލެއް ދިމާނުވާނަމަ ކުރިއެކޭއެއްގޮތަށް ކަސްރަތުކުރުމަކީ އާއްމުގޮތެއްގައި މައްސަލައެއް ނޫނެވެ. ނަމަވެސް ބަލިވެއިނުމުން ކުރާ ކަސްރަތުތަކަށް ބަދަލުގެންނަން ޖެހިދާނެއެވެ. އަދި އާއްމު އުސޫލުތަކާއި ޚިލާފުވާ ބައެއް ކަންތައްތައް ވެސް ބަލިގވެއިނުމަށްފަހު ކަސްރަތުކުރުމުގައި ހުންނާނެއެވެ. ވުމާއެކު ކަސްރަތު ކުރުމުގެ ކުރިން އެކުރާ ކަސްރަތަކީ މާބަނޑު ދުވަސްވަރު ކުރުން އެންމެ ރަނގަޅު ރައްކާތެރި ކަސްރަތުތަކެއްތޯ ބަލައި ޑޮކުޓަރެއްގެ ލަފާ ހޯދައިގެން ކަސްރަތު ކުރާށެވެ.

އަދި ބަލިވެއިނުމުގެ ކުރިން ކަސްރަތު ނުކުރާނަމަ އެހެނަސް ބަލިވެއިނުމަށްފަހު ކަސްރަތު ކުރަން ބޭނުން ނަމަވެސް ޑޮކުޓަރެއްގެ ލަފާހޯދާށެވެ.

ކެއުން އިތުރު ކުރާށެވެ.

ބަލިވެއިނުމަށްފަހު ކުރިއަށްވުރެ ގިނައިން ކާންބޯން ޖެހޭނެއެވެ. މިގޮތުން ދުވާލަކު ގާތްގަޑަކަށް 300-500 ކެލޮރީގެ ކާނާ އިތުރަށް ކަންޖެހޭނެއެވެ. ހާއްސަކޮށް ކަސްރަތު ކުރާނަމަ މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ. މިގޮތުން ކެއުމުގައި ހަމައެކަނި ބަކަންވާނީ މިންވަރަކަށް ނޫނެވެ. ފެންވަރަށްވެސް ބަލަން ޖެހޭނެއެވެ. އެއީ ގިނައިން ކެޔަސް ފައިދާހުރި ކާނާ ނުކާނަމަ ކާއެއްޗަކުން މާބޮޑު މަންފާއެއް ނުކުރާނެއެވެ.

އަނިޔާލިބިދާނެ ކުޅިވަރުތަކާއި ނުވަތަ ކަސްރަތުތަކާއި ދުރުވާށެވެ.

ކަސްރަތު ކުރާއިރު ނުވަތަ ކުޅިވަރު ކުޅޭއިރު ކައްސައިލާފަދަ ނުވަތަ ވެއްޓިދާފަދަ ކަސްރަތުތަކާއި ދުރުވާށެވެ. އެއީ ކިތައްމެ ކުޅަދާނަކމާއި ގާބިލް ކަމާއެކު ކުރަމުން ދިޔަ ކަމެއްނަމަވެސް މާބަނޑު ދުވަސްވަރު މިޒާތުގެ ކުޅިވަރުތަކާއި ކަސްރަތުތަކުން ދުރުވާށެވެ. އެއީ ބަލިވެއިނުމުން ހަށިގަނޑުގައި އިތުރުވާ ހޯމޯންތަކުގެ ސަބަބުން ހުޅުތައް ހުންނާނީ ދުރުވެ ބަލިވެފައެވެ. ވުމާއެކު ހުޅުނައްޓައިގެން ދިއުމުގެ ފުރުޞަތު މާބަނޑު ދުވަސްވަރު ވަރަށް ބޮޑުވާނެއެވެ.

އެކަށީގެންވާ ހެދުމުގައި ކަސްރަތު ކުރާށެވެ.

ކަސްރަތުކުރާއިރު ހަށިގަނޑު ހިފެހެއްޓިފައި ހުންނަ އެހެނަސް ގަޔަށް ދޫ ހެދުމެއް ލުން ރަނގަޅުވާނެއެވެ. އަދި ބޮޑަށް ރަނގަޅީ ކަސްރަތު ކުރާއިރު އެއްހެދުމަށްވުރެ ގިނަ ހެދުން ލައިގެން ކަސްރަތު ކުރުމެވެ. އެއީ ހަށިގަނޑު ހޫނުވާލެއް އަވަސް ކުރުމަށްޓަކައެވެ. އަދި ބޮޑަށް ހޫނުވާނަމަ ފަސޭހައިން މަތީހެދުން ބާލައި ހަށިގަނޑަށް ފިނިކޮށްލެވޭނެތީއެވެ. ކަސްރަތު ކުރާއިރު ފަޔަށް ހެއުވަރު ހާއްސަ ބޫޓަކަށް ނުވަތަ ޓެނިހަކަށް އަރައިގެން ކަސްރަތު ކުރާށެވެ. އާއްމުގޮތެއްގައި ބަލިވެއިނުމުގެ ކުރިން ގެންގުޅުނު ބޫޓު މިހާރު ފުކެއް ބާރުވުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ ހެއުވަރު އާބޫޓެއް ހޯދާށެވެ. ކަސްރަތު ކުރާއިރު ބުރާއަޅާއިގެން ނޫނީ ކަސްރަތު ނުކުރާށެވެ. އަދި ބުރާވާންވާނީ އުރަމަތި ރަނގަޅަށް ހިފެހެއްޓިފައި ހުންނަ ބުރާއަކަށެވެ.

ކަސްރަތު ކުރުމުގެ ކުރިން ހަށިގަނޑު ހޫނުކޮށްލާށެވެ.

ކަސްރަތު ކުރަން ފަށާއިރު ފުރަތަމަ ހަށިގަނޑު ލުއިލުއި ކަސްރަތު ކޮށްގެން ހޫނުކޮށްލާށެވެ. މިގޮތުން ހުޅުތަކާއި މަސްތައް ކަސްރަތަށް ތައްޔާރު ކުރާށެވެ. އަދި ހިތުގެ ހިގުން އެއްފަހަރާ އަވަސްވިޔަ ނުދޭށެވެ. ލަސްލަހުން އަވަސްވާން ފުރުޞަތު ދޭށެވެ. ފުރަތަމަ ހަށިގަނޑު ކަސްރަތަށް ތައްޔާރު ކުރުމުގެ ގޮތުން ލުއިލުއިކޮށް ކުރާ ހަރަކާތްތަކުން މިކަން ކުރެވޭނެއެވެ. އަދި މިއީ ކަސްރަތު ކުރުމުގެ ސަބަބުން ގައިގާ ރިއްސުމާއި މަސްގުޅަކެއުންފަދަ ކަންކަމުން ދުރުކޮށްދޭނެ ކެމެކެވެ.

ގިނައިން ފެންބޯށެވެ.

ބަލިވެއިނުމުން ގިނައިން ދިޔާއެއްޗެތި ބޯން ޖެހޭނެއެވެ. ހާއްސަކޮށް ކަސްރަތު ކުރާނަމަ އިތުރަށް ފެންބޯން ޖެހޭނެއެވެ. ވުމާއެކު ކަސްރަތު ކުރަން ފެށުމުގެ ކުރިން އަދި ކަސްރަތު ކުރަމުންދާއިރު އަދި ކަސްރަތު ކޮށްނިމުމުން ގިނައިން ފެންބޯށެވެ. ގިނައިން ފެންނުބޯނަމަ ހަށިގަނޑުން ފެން މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. ފެންމަދުވުމަކީ ހަށީގަނޑުގެ މަސްތަކަށް ވާންވެ ބާރުވުމާއި ހަށިގަނޑުގެ ހޫނުމިން މައްޗަށްދާ ކަމެކެވެ. އަދި މިއީ ބައެއްފަހަރު ވަރަށް ނުރައްކާވެސްވާ ކަމެކެވެ. ރަނގަޅު ގޮތަކީ ކަސްރަތު ކރަން ފެށުމުގެކުރިން ގާތްގަޑަކަށް 250 މިލިލީޓަރުގެ ފެން ބުއިމެވެ. އަދި ކަސްރަތުގައިވާ ކޮންމެ 20 މިނެޓަކަށް އިތުރު 250 މިލިލީޓަރުގެ ފެންބުއިމެވެ. އަދި ކަސްރަތުކޮށް ނިމުމަށްފަހު މިވަރުގެ ފެންތައްޓެއް ބުއިމެވެ.

ކަސްރަތު ކުރާއިރު އުއްޑުން އޮށޯވެ ނޯންނާށެވެ.

ބަނޑަށް ފުރަތަމަ ތިންމަހަށްފަހު އުއްޑުން އޮށޯވެ އޮތުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މިގޮތަށް އޮއްޑުން އޮށޯވެ އޮތުމަކީ ރަހިމާއި ރަހިމުގެ ބަރުދަނުން ހިތަށް ލޭގެންގޮސްދޭ މައިހޮޅިއަށް ފިތިބާރުވެ ހިތަށް ލޭގެންގޮސްދޭ މިންވަރު މަދުކުރާކަމެކެވެ. ނަތީޖާއެއްގެ ގޮތުން ސިކުޑިއަށާއި ރަހިމަށް ލޭގެންގޮސްދޭ މިންވަރު މަދުވެއެވެ. އަދި މިކަމުގެ ސަބަބުން ބޯއެބުރުމާއި މޫނުމައްޗަށް އަދިރިއެޅުމާއި ނޭވާކުރުވެ ނޭވާލާން އުދަގޫވުމާއި އަދި ބައެއްފަހަރު މޭނުބައިވުން ފަދަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މީހުންނަށް މިގޮތަށް އޮށޯވެ އޮތުމަކީ ވަރަށް އަރާމު ލިބޭ ފަސޭހަ ކަމެކެވެ. މިފަދަ މީހުންނަށްވެސް މިއީ ރައްކާތެރި ގޮތެއް ނޫނެވެ. ނަމަވެސް މިގޮތަށް ނޫން ގޮތަކަށް އޮށޯވެ އޮންނަން އުދަގޫނަމަ ކަނާތްފަރާތު ބުޑުދަށަށް އިތުރު ބާލީހެއް ލައިގެން އޮންނާށެވެ. މިގޮތަށް ބާލީހެއް ކަނާތްފަރާތު ބުޑުދަށަށް ލުމަކީ ހިތަށް ލޭގެންގޮސްދޭ ހޮޅި ރަހިމުގެ ބަރުން ފިތޭ މިންވަރު ކުޑަކުރާނެ ކަމެކެވެ.

ހަރަކާތްތެރިވާށެވެ.

ގިނައިރު ކޮޅަށް ހުރުމަކީ އަދި ބަރުއެއްޗެތި އުފުލުމަކީ ހަށިގަނޑުގައި ލޭ ދައުރުވާ މިންވަރު ދަށް ކުރާކަމެކެވެ. އަދި މިފަދަ ހާލަތުގައި ދެފަޔަށް ލޭ ޖަމާ ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ރަހިމަށާއި ސިކުޑިއަށްދާ ލޭގެ މިންވަރު ނިސްބަތުން މަދުވެއެވެ. މިއީ މިއީ މައިމީހާއަށާއި އަދި ބަނޑުގައިވާ ދަރިފުޅަށް ރައްކާތެރި ކަމެއް ނޫނެވެ. ވުމާއެކު ކަސްރަތު ކުރާއިރު ގިނައިން ހަރަކާތްތެރިވެ ހަދާށެވެ. އަދި އެއްގޮތަކަށް ހުރުމުގެ ބަދަލުގައި ތަފާތު ގޮތްގޮތަށް ހުންނާށެވެ. އަބަދު ކޮޅަށް ނުހުންނާށެވެ. ބައެއްފަހަރު އިށީދެ އިންނާށެވެ. އަދި ބައެއް ފަހަރު އޮށޯވެ އޮންނާށެވެ.

މާވަރުގަދަ އަށް ކަސްރަތު ނުކުރާށެވެ.

ވަރުބަލިވެ ލޮޑުވަންދެން ކަސްރަތު ނުކުރާށެވެ. މާބޮޑަށް ވަރުބަލިވާނަމަ ނުވަތަ ހަށިގަނޑަށް ލޮޑުކަން އިހުސާސް ކުރެވޭނަމަ ކަސްރަތު ތަންކޮޅެއ ލުއި ކޮށްލާށެވެ. އަބަދުވެސް ވިސްނާށެވެ. ހަށިގަނޑަށް މާބޮޑަށް އުދަގޫވާނަމަ އޭގެ މާނައަކީ ކޮންމެވެސް ކަމެއް ދަނީ ގޯހުންނެވެ. ވީމާ ވަގުތީގޮތުންނަމަވެސް ހުއްޓާލާށެވެ. ކަސްރަތަކީ ހަށިގަނޑަށްދޭ ތަރުބިއްޔަތެކެވެ. އެހީއެކެވެ. އަނިޔާއެއް ނޫނެވެ. ވީމާ ވަރުބަލިވެ ލޮޑުވުމުން ހުއްޓާލައި އަރާމު ކުރާށެވެ. ވަރުބަލިވެ ލޮޑުވުމަކީ ނުރައްކަލުގެ އަލާމާތެކެވެ.

މާބޮޑަށް ހަށިގަނޑު ހޫނުވިޔަ ނުދޭށެވެ.

ކަސްރަތުކުރާއިރު ހަށިގަނޑު މާބޮޑަށް ހޫނުވިޔަ ނުދޭށެވެ. ހާއްސަކޮށް ބަނޑަށް ފުރަތަމަ ތިންމަހުގައެވެ. އެއީ ފުރަތަމަ ތިންމަހުގެ ތެރޭގައި ބަނޑުގައިވާ ދަރިފުޅުގެ މައިގަނޑު ގުނަވަންތައް ދާނީ އުފެދެމުން ފުރިހަމަ ވަމުންނެވެ. ހޫނުވުމުގެ ސަބަބުން ދރިފުޅަށް ގެއްލުންވޭތޯ ބެލުމަށް ދިރާސާއެއް ކުރެވިފައި ނެތަސް ބައެއް ޖަނާވާރު ބޭނުން ކޮށްގެން ހެދިފައިވާ ބައެއް ދިރާސާތަކާއި ތަޖުރިބާތަކުން ދައްކާގޮތުގައި މާބަނޑުދުވަސްވަރު މައިމީހާގެ ހަށިގަނޑު މާބޮޑަށް ހޫނުވުމަކީ ބަނޑުގައިވާ ދަރިފުޅު އުފެދުމުގައި އުނިވާކަމެކެވެ.

އާއްމުގޮތެއްގައިމާބަނޑު ދުވަސްވަރު ހަށިގަނޑުގެ ހޫނުމިން އިހުސާސް ކުރެވޭލެއް ބޮޑުވާނެއެވެ. ވުމާއެކު ކަސްރަތު ކުރުމުން ހަށިގަނޑު ހޫނުވާލެއްވެސް އަވަސްވާނެއެވެ. ނަތީޖާއެއްގެ ގޮތުން ދާހިއްލައި ލޭހިގުންއަވަސްވެ އަދި ހަކަތަ އަންދާވަރު އިތުރު ވެގެންދެއެވެ. މިއީ ރައްކާތެރި ކަމެކއް ނޫނެވެ.

ހަށިގަނޑު ބޮޑަށް ހޫނުވަމުންދާ ކަން ފާހަގަ ކުރެވޭގޮތްތައް އެކިމީހުންގެ ތެފޭތެވެ. އާއްމުކޮށް ފާހަގަ ކުރެވޭ ކަންތަކުގެ ތެރޭގައި ބޮޑަށް ދާހިއްލުމާއި، މޫނުމައްޗަށް އަދިރި އަޅާގޮތްވުމާއި އަދި ނޭވައި ލުރުވެ ނޭވާލާން އުދަގޫވުން ހިމެނެއެވެ. ރާއްޖެފަދަ އިސްތިވާއީ ގައުމުތަކުގައި އަދި ޖައްވުގެ ތެތްކަން ބޮޑުގައުމު ތަކުގައި ކަސްރަތު ކުރުން ރަނގަޅީ ފިނިވައި ޖެހޭކަހަލަ ތަނެއްގައެވެ. ނުވަތަ ކޮޓަރީގައި ފިނިކޮށްގެންނެވެ. އަދި ކަސްރަތު ކުރާއިރު ވަރަށް ގިނައިން ފެން ބުއިމަކީ ހަށިގަނޑުގެ ހޫނު ކުޑަކޮށްދޭނެ ކަމެކެވެ. އަދި ރަނގަޅީ ކަސްރަތު ކުރާއިރު ގަޔަށް ދޫ ހެދުމެއްލައިގެން ކަސްރަތު ކުރުމެވެ.

ހަށިގަނޑު މާބޮޑަށް ހޫނުވެއްޖެ ނަމަ ފިނިކުރުމަށްތަކައި ކަސްރަތު ކުރުން ވަގުތީގޮތުން ހުއްޓާލާށެވެ. އަދި ކޮޓަރީގައިނަމަ ހުރިހާހެދުމެއް ބާލައި ހުސްހަށިގަނޑާއި ހުންނާށެވެ. ފެންވަރާލުންވެސް ރަނގަޅުވާނެއެވެ. އަދި ގިނައިން ފެންބޯށެވެ.

ބިންމަތިން ތެދުވާއިރު މަޑުމަޑުން ތެދުވާށެވެ.

ބަނޑުބޮޑުވަމުންދާ ވަރަކަށް ހަށިގަނޑުގެ ބަރުދަން އުފުލާ މަރުކަޒު ބަދަލުވަމުން ދެއެވެ. ވުމާއެކު އިށީދެފާ ތެދުވާއިރު ނުވަތަ އޮށޯވެއޮވެފާ ތެދުވާއިރު އަދި ހުންނަ ގޮތް ނޫން އެހެން ގޮތަކަށް ބަދަލުވާއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. ތެދުވަން ޖެހޭނީ ނުވަތަ ހުންނަ ގޮތް ނޫން އެހެން ގޮތަކަށް ބަދަލުވާން ޖެހޭނީ ލަސްލަހުންނެވެ. މާއަވަހަށް ތެދުވަން އުޅެއްޖެ ނަމަ އުނަގަޑުގައި ރިއްސުން ނުވަތަ ހުޅެއްގައި ރިއްސުމަކީ ނުވަތަ އަނިޔާވުމަކީ ވަރަށް ފަސޭހައިން ވެދާނެ ކަމެކެވެ. އަދި މިފަދަ ހާލަތުގައި ނުހިފެހެއްޓިގެން ވެއްޓުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މަޑުމަޑުން ހުއްޓާލާށެވެ.

ކަސްރަތުކޮށް ނިންމާލާއިރު ބުރަ ކަސްރަތަކަށްފަހު ކުއްލިއަކަށް ހުއްޓާނުލާށެވެ. ކަސްރަތު ލުއިކުރަމުން ކުރަމުން ގޮސް ހުއްޓާލާށެވެ. މިގޮތުން ކުޑަކޯށް ހިގާލުންފަދަ ކަމެއް ކޮށްލުން ރަނގަޅުވާނެއެވެ. ކަސްރަތު ކުރާއިރު އަވަސްވެފައިވާ ހިތުގެ ހިގުން ހަމަޔަކަށް އެޅުމަށްޓަކައި 15 ވަރަކަށް މިނެޓުވެސް މާބަނޑު ދުވަސްވަރު ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

ކަސްރަތު ކުރުން އާދަޔަކަށް ހަދާށެވެ.

އެއްދުވަހު ކަސްރަތު ކޮށްފާ އަނެއްދުވަހު ނުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ރަނގަޅުގޮތަކީ ކަސްރަތު ކުރާނަމަ އެކުރާކަސްރަތެއް ގަވައިދުން ކޮންމެ ދުވަހަކުވެސް އެއްގަޑިއެއްގައި އެއްވަރަކަށް އެއްގޮތަކަށް ކުރުމެވެ. ކުރާކަސްރަތެއް އާދަޔަކަށް ހެދުމެވެ. އެއީ ހަށިގަނޑު ހުންނާނީ މިފަދަ ހާލަތުގައި އެކަސްރަތަކަށް ހޭނި ތައްޔާރުވެފައެވެ.

Comments