ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މައިމީހާގެ ބަނޑުގައި ކުޑަދަރިފުޅު ބޮޑުވަމުން އަންނަނީ ކިހިނެއް ؟

މައިމީހާގެ ބަނޑުގައި ކުޑަދަރިފުޅު ބޮޑުވަމުން އަންނަނީ ކިހިނެއް ؟

maimeehage-baduga-dharifulhu-aފުރަތަމަ މަސް

ފިރިހެނާގެ ދަރިފަނި(Sperm) އަންހެނާގެ ބިހުގައި މުޑުވަށްވުމަށްފަހު 7-5ދުވަހުގެ ތެރޭގައި ރަހިމުގެ އެތެރޭ ކައިރިފަށުގައި މިބިސް ހަރުލައެވެ. މިގޮތަށް ހަރުލުމަށް ކިޔަނީ ''އިމްޕްލާންޓޭޝަން''(Implantation)އެވެ. މިބިސް އާދައިގެ ގޮތެއްގައި ހަރުލަނީ ރަހިމުގެ ފަހަތު ފާރު(Posterior wall)ގެ މަތީބައިގައި ''ފަންޑަސް'' (Fundus)ގެ ކައިރީގައެވެ. އެއަށްފަހު މުޑުވަށްވެފައިވާ ބިސް މަޑުމަޑުން ބޮޑުވަމުން އާދެއެވެ. މިދުވަސްވަރު ރަހިމުގައި އަށަގަންނަމުން އަންނަ ކުޑަދަރިފުޅަށް ކިޔަނީ ''އެމްބްރިއޯ''(Embry)އެވެ.

އިމްޕްލާންޓޭޝަން އަށް ފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަސް(Placenta)އަދި ފޫޅު(Umbilical cord)އުފެދެންފަށައެވެ. މިއީ އަށަގަންނަމުން އަންނަ ދަރިފުޅަށް ކާނާއާއި، އޮކްސިޖަން ފޯރުކޮށްދިނުމުގެ މައިގަނޑު ވަސީލަތެވެ.

m1މައިމީހާގެ ހަށިގަނޑުގައި ކުޑަދަރިފުޅު އޮންނަނީ ދިޔާތަކެތި އެކުލެވޭ ކޮތަޅެއްގެ ތެރޭގައި ރައްކާކުރެވިފައެވެ. މިކޮތަޅަށް ''އެމްނިއޮޓިކް ސެކް''(Amniotic sac) ނުވަތަ ''ފެންކޮތަޅު''އޭ ކިޔައެވެ. މިކޮތަޅުގައި ހުންނަ ދިޔާ މާއްދާއަށް ''އެމްނިއޮޓިކް ދިޔަ'' (Amniotic fluid) އޭ ކިޔައެވެ. މިކޮތަޅުގެ ބޭނުމަކީ ކުޑަދަރިފުޅު ޕްރެޝަރުގެ ސަބަބުން އަރާ ލޮޅުންތަކުން ހިމާޔަތްކުރުމެވެ.

މިމަހުގެ ތެރޭގައި އެމްބްރިއޯ ވަށައިގެން 3ފަށަލަ އުފެދެއެވެ. އެންމެ ބޭރުފަށަލަ ''އެކްޓޯޑާރމް''(Ectoderm)ގައި ހިމެނެނީ ސިކުނޑިއާއި، ނާރުތަކާއި، ކަންފަތް، ލޯ އަދި ހަންގަނޑު އެވެ. މެދުގައިވާ ފަށަލަ ''މީސޯޑާރމް''(Mesoderm)ގެ ތެރޭގައި ހިމެނެނީ ކަށިތަކާއި، މަސްތަކާއި، ލޭހޮޅިތަކާއި، ހިތް އަދި ޖިންސީ ގުނަވަން އެވެ. އެންމެ އެތެރޭގައިވާ ފަށަލަ ''އިންޑޯޑާރމް''(Endoderm)ގެ ތެރޭގައި ހިމެނެނީ މައިދާ، ފުއްޕާމޭ ކުޑަގޮހޮރު ފުރަމޭ  އަދި ކުޑަކަމުދާތަކެތި އުފައްދައި ބޭރުކުރާ ނިޒާމްގެ ބައިތަކެވެ. ފުރަތަމަ މަސް ނިމޭއިރު ކުޑަދަރިފުޅުގެ ދިގުމިނުގައި ހުންނާނީ 4/1 އިންޗި އެވެ.

ދެވަނަ މަސް

m2ކުޑަދަރިފުޅު ހެދިބޮޑުވުމުގައި މިއީ ވަރަށް ނާޒުކު ދުވަސްވަރެކެވެ. އެހެނީ މިދުވަސްވަރު މައިމީހާ ބޭނުންކުރާ ބޭހެއްގެ ސަބަބުން، ނުވަތަ މައިމީހާގެ ހަށިގަނޑަށް ހުށަހެޅޭ ވައިރަސްއެއްގެ ސަބަބުން، ނުވަތަ މައިމީހާ ދިރިއުޅޭ މާހައުލަށް އަންނަ ބަދަލަކާއި ގުޅިގެން ކުރިމަތިވާ ކަމެއްގެ ސަބަބުން ކުޑަދަރިފުޅުގެ ހަށިގަނޑުގައި އުފަންވާ އިރު އައިބު ނުވަތަ އުނިސިފައެއް އުފެދިފައި ހުރުމަކީ ވެދާނެކަމެކެވެ.

ދެވަނަ މަހުގެ ތެރޭގައި ކުޑަދަރިފުޅު އުފެދިގެން އަންނަ މިންވަރު އަވަސްވެގެންދެއެވެ. މިމަސްނިމޭކޮޅު އުފެދެމުން އަންނަ ދަރިފުޅުގެ އަސާސީ ބައެއް ގުނަވަންތަކާއި، ނިޒާމްތައް އުފެދެންފަށައެވެ. މީގެ ތެރޭގައި ސިކުނޑި، ފުއްޕާމޭ، ފުރަމޭ އަދި މައިދާ ހިމެނެއެވެ. ލޮލުފިޔައާއި، ކަންފަތުގެ އެތެރެބައި އުފެދެއެވެ. ހަމަމިހެން ތަބިކައްޓާއި، ފައިގެއިގިލިތައް، ކުޑަހުޅާއި، އަތުގެއިގިލިތައް، އަދި ޖިންސީ ގުނަވަން އުފެދެން ފަށައެވެ. ކަށީގެ ފުރަތަމަ ސެލް ފާޅުވަނީ ވެސް މިމަހުގެ ތެރޭގައެވެ.

ދެވަނަ މަސް ނިމޭއިރު ކުޑަދަރިފުޅުގެ ދިގުމިނުގައި ހުންނާނީ 1އިންޗި އެވެ. ބަރުދަނުގައި 1އައުންސް ވެސް ހަމަ ނުވެއެވެ. ދެވަނަ މަސް ނިމޭ ހިސާބުން ފެށިގެން އުފެދެމުން އަންނަ ކުޑަދަރިފުޅަށް ކިޔަނީ ''ފީޓަސް'' (Fetus)އެވެ. ކުޑަކުއްޖެއްގެ ސިފަ ''ފީޓަސް''ގައި ޖެހެން ފަށައެވެ. ފިރިހެން ކުއްޖެއް ނަމަ ފިރިހެންހަށި ފާޅުވާން ފަށައެވެ.

ތިންވަނަ މަސް

m3ތިންވަނަ މަހުގެ ތެރޭގައި އަތްފައިގެ އިގިލިތައް ރަގަޅަށް ފާޅުވާން ފަށައެވެ. އަދި އިގިލިތަކުގައި މަޑު ނިޔަފަތި ތަކެއް ލެވެއެވެ. ފައިތިލައަށްވުރެ އަތްތިލަ އިތުރަށް ބޮޑުވެ، ފަޔަށްވުރެ އަތް ދިގުވެއެވެ. ހަށިގަނޑާއި، އަޅާ ބަލާއިރު ކުއްޖާގެ ބޯ ކުޑަތަންކޮޅެއް ބޮޑުވާނެއެވެ. ބޮލުގައި އިސްތަށި ފަޅަންފަށައެވެ. ހިރުގަނޑުގެ ދަށުގައި ދަތުގެ ބުޑު އުފެދެން ފަށައެވެ.

ހިތުގެ ބައިތައް އުފެދި މިނިޓަކު 160-120އާއި ދެމެދުގެ އަދަދަކަށް ވިންދު ޖަހައެވެ. ގުރުދާ (Kidney) އުފެދި ކުޑަކަމުދާ ތަކެތި މަސާނާއަށް ފޮނުވަން ފަށައެވެ. ފޫޅު ނުވަތަ ''އަމްބިލައިކަލް ކޯޑް'' އުފެދި ފުރިހަމަވެއެވެ. މިދުވަސްވަރުގެ ތެރޭގައި ކުޑަގޮހޮރު ކުއްޖާގެ ހަށިގަނޑުން ބޭރުގައި(އަމްބިލައިކަލް ކޯޑް) ގައި އުފެދެއެވެ. އެއީ މިދުވަސްވަރު ހަށިގަނޑުގެ އެތެރެއަށް ކުޑަގޮހޮރު ނުފެތޭތީއެވެ.

ތިންވަނަ މަސް ނިމޭ ހިސާބުގައި ބޮލާއި އަތްފައި ހަރަކާތްކުރުވަން ފަށައެވެ. އަގަހުޅުވާ ލައްޕަން ފަށައެވެ. މިހަރަކާތްތައް ކުޑަދަރިފުޅު ކުރަން ފެށިޔަސް މައިމީހާއަށް އެކަމުގެ އިހްސާސެއް ނުވާނެއެވެ. ތިންވަނަ މަސް ނިމޭއިރު ކުޑަދަރިފުޅުގެ ދިގުމިނުގައި ހުންނާނީ 3 ނުވަތަ 4 އިންޗި އެވެ. ބަރުދަނުގައި 1އައުންސް އަށްވުރެ އިތުރަށް ހުރެއެވެ.

ހަތަރުވަނަ މަސް

m4މިދުވަސްވަރު ކުޑަދަރިފުޅުގެ ހަށިގަނޑު ހުންނަނީ ސާފު ފިޔާތޮށި ކުލައަށެވެ. ބުމަޔާއި އެސްފިޔަތައް ފާޅުވާން ފަށައެވެ. ކުއްޖާގެ މޫނު ބޮޑުވަމުން އާދެއެވެ. ކުއްޖާގެ ބޮޑުމިނުގެ(ސައިޒުގެ) ދެބައިކޮށްފައި އެއްބައި ހިއްސާ ކުރަނީ ބޮލެވެ. ކަރު އާދަޔާޚިލާފަށް ދިގެވެ.

ކުޑަކުއްޖާ ގުޑުން، ހެލިފެލިވެ އުޅުން، ނިދުން، ހޭލުން، ދިރުވުން، ފަދަ ކަންތައް ކުރަން ފަށައެވެ. މިކަމުގެ ސަބަބުން މައިމީހާ އަށް ދަށްބަނޑުގެ ތިރިން ލުއި އިހްސާސެއް ކުރެވޭނެއެވެ. މިއިހްސާސް އަށް ކިޔަނީ ''ކްއިކްނިންގ''(Quickening)އެވެ. މިއީ މައިމީހާއަށް ކުޑަދަރިފުޅުގެ އިހްސާސް ފުރަތަމަ ކުރެވޭ ދުވަސްވަރެވެ. ހަތަރުވަނަ މަސް ނިމޭ ހިސާބު ކުއްޖާ 10-8އިންޗި އާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 6އައުންސް ހުރެއެވެ.

ފަސްވަނަ މަސް

m5މިއީ ކުޑަދަރިފުޅު އާދަޔާ ޚިލާފަށް ބޮޑުވާ ދުވަސްވަރެވެ. އެތެރެހަށީގެ ގުނަވަންތައް ފުރިހަމަވެ ބޮޑުވަމުން ދެއެވެ. ނިޔަފަތިތައް އިގިލިތަކުގެ ކޮޅާއި ހަމައަށް ބޮޑުވެއެވެ. ކުޑަދަރިފުޅުގެ ހަންގަނޑުގެ ދަށުގައި ފެޓް ޖަމާވެއެވެ. މަސްތައް ބޮޑުވެ ކުޑަދަރިފުޅުގެ ހަށިގަނޑު ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އާދެއެވެ. ލޭގެ ސެލްތައް ފުރަމޭއަށް ވާސިލްވެ، ލޭ އުފަންދަން ފަށައެވެ. ޗިސްމޭ(Gall  bladder)އިން ހަޖަމުކުރުމަށް އެހީވެދޭ މާއްދާއެއް ކަމުގައިވާ ''ބައިލް''(Bile)އުފައްދަން ފަށައެވެ. ހިރުގަނޑުގެ ދަށުގައި ކިރުބޯދަތް)މިލކ ތެެތހ(ތައް އުފެދެން ފަށައެވެ. އެސްފިޔައާއި، ބުމައިގެ އިސްތަށިތައް ބޮޑުވާން ފަށައެވެ.

އާދައިގެ ގޮތެއްގައި ކުޑަކުއްޖާ ނިދާ ހޭލާ ހަދައެވެ. ކުއްޖާގެ ހަރަކާތްތައް އިތުރުކަން ފާހަގަވާނެއެވެ. ކުޑަކުއްޖާ އެއްފަރާތުން އަނެއް ފަރާތަށް ޖެހުން، ބޯކޮޅުމައްޗަށް ޖެހުން ފަދަ ހަރަކާތްތައް ކޮށް ހަދައެވެ. ހަމަމިހެން ކުޑަދަރިފުޅު އިގިލި ބުއިމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފަސްވަނަ މަސް ނިމޭ ހިސާބު ކުއްޖާ 12-10އިންޗި އާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 1ޕައުންޑް ހުރެއެވެ.

ހަވަނަ މަސް

m6މިމަހުގައި ވެސް ކުއްޖާ އިތުރަށް ބޮޑުވަމުން އާދެއެވެ. ހަންގަނޑު ހުންނަނީ ރަތްކުލަ އަށެވެ. ހަންގަނޑު ނިވާކުރެވިފައިވަނީ ''ލެނޫގޯ'' އާއި، ''ވާރނިކްސް'' އިންނެވެ. ލެނޫގޯއަކީ ހަންގަނޑުގައި ހުންނަ ކުދި، މަޑު،ލޯލި ކެހެރިތަކެވެ. ވާރނިކްސް އަކީ ލެނޫގޯއާއި، ހަމުގެ ސެލްތަކާއި، އަދި ތެޔޮއެކުލެވޭ މާއްދާއެކެވެ. މިއަށް ދިވެހިބަހުން ކިޔަނީ ''ކިދު'' އެވެ. އިސްތަށިތަކާއި، ފައިގެ އިގިލިތަކުގެ ނިޔަފަތިތައް އުފެދެން ފަށައެވެ. ކުޑަދަރިފުޅުގެ ސިކުނޑި އަވަސްކަމާއި އެކު ބޮޑުވަމުން އާދެއެވެ. ނާރުތަކުގައި ކަރަންޓް ސިގްނަލްތައް ދައުރުކުރުވާ ފެޓީ ޝީޓް ނުވަތަ ފަށަލަ އުފެދެން ފަށައެވެ.

މެކޯނިއަމް(Meconium)އުފެދެމުން އާދެއެވެ. މެކޯނިއަމް އަކީ ކުޑަދަރިފުޅުގެ ހަށިގަނޑުން ފުރަތަމަ ބޭރުކުރާ ''ބޮޑުކަމުދާ ތަކެތި'' އެވެ. ކުޑަދަރިފުޅުގެ ހަށިގަނޑުގައި ހޫނުމިން ހިފެހެއްޓުމުގައި އެހީވެދޭ މުށި ފެޓް(Brown fat)އުފެދެން ފަށައެވެ. އަންހެންކުއްޖެއް ނަމަ މިމަހުގެ ތެރޭގައި އޯވަރީގައި ބިސްތައް އުފެދެން ފަށައެވެ. ކުޑަދަރިފުޅުގެ ކަށިތައް ހަރުވެއެވެ. ކުއްޖާއެއްކޮށް އުފެދި ''ކުޑަމީހެއް''ގެ ސިފަ ޖެހެއެވެ. ނަމަވެސް ފުއްޕާމޭ އުފެދިފައި ނުވާތީ ކުއްޖާ އަދި ވެސް ވަރަށް ކުޑަވާނެއެވެ. އެހެން ކަމުން މިމަރުހަލާގައި ޚާއްޞަ ފަރުވާއަކާއި ނުލައި ރަހިމުން ބޭރުގައި ކުއްޖާ ދިރިއެއް ނޯންނާނެއެވެ.

ހަވަނަ މަސް ނިމޭ ހިސާބު ކުއްޖާ 14-11އިންޗި އާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 1ބައި ޕައުންޑް ހުރެއެވެ.

ހަތްވަނަ މަސް

m7ކުއްޖާ އުފެދި ބޮޑުވުން މިމަހުގެ ތެރޭގައި ވެސް ހުއްޓުމެއް ނެތި ކުރިއަށް ދެއެވެ. ކުޑަދަރިފުޅުގެ ލޯހުޅުވި، ލެއްޕި، އައްޔަށް އަންނަ ބަދަލުތައް އިހްސާސް ކުރެވޭނެއެވެ. މޫނުމަތީގައި ވާ ކުދިލޯލި ކެހެރިތަކުގެ އަސަރު ފިލަންފަށައެވެ. އަޑުއިވުމުގެ ހިއްސުތަރައްގީވެ، ބޭރު މާހައުލުގެ އަޑުތައް ކޮންމެވެސް ވަރަކަށް ކުޑަދަރިފުޅު ދެނެގަންނާނެއެވެ. ފައިން ޖެހުން، ނުވަތަ ކޮޅުފައިން ޖެހުމާއި، ދެމި ލެބުން ފަދަ ހަރަކާތްތަކުން ކުޑަދަރިފުޅު ކަސްރަތު ލިބިގަނެއެވެ. އެއްޗެތީގައި ހިފުންފަދަ ހަރަކާތްތަކާއި، އިގިލިބުއިން ފަދަ ކަންތައް ކުރުމަށް ކުޑަދަރިފުޅު ގަޔާވެއެވެ.

ހަތްވަނަ މަސް ނިމޭހިސާބު ކުޑަކުއްޖާގެ ދިގުމިނުގައި ގާތްގަނޑަކަށް 15 އިންޗި ހުރެއެވެ. ބަރުދަނުގައި 2 ނުވަތަ ދޭއްބައި ޕައުންޑް ހުރެއެވެ.

އަށްވަނަ މަސް

m8ކުޑަދަރިފުޅުގެ ހަށިގަނޑު ކުރިއަށް ވުރެ އަވަހަށް ބޮޑުވަމުން އާދެއެވެ. ކަށިތައް ވަރުގަދަވެ، އަތްފައި ފަލަވެއެވެ. ހަންގަނޑުގައި ރަތްކަމެއް ހުރެއެވެ. ސިކުނޑީގެ ތަފާތު މަރުކަޒުތައް އުފެދެމުން ދެއެވެ. ސިކުނޑިއާއި ނާރުތައް ހަށިގަނޑުގެ މަސައްކަތްތަކަށް ބާރުފޯރުވައެވެ. ރަހަ ގެނެސްދޭ ބުޑުތައް ބޮޑުވަމުން ނުވަތަ އުފެދެމުން އާދެއެވެ. ކުޑަދަރިފުޅު އުކުޑިކޮއްޓުން، ރުއިން، ކިބިހިއެޅުން ފަދަ ކަންތައްތައް ކުރެއެވެ. އަދި ތަދާއި، އައްޔާއި، އަޑަށް އިޖާބަދީ ހަދައެވެ. ފިރިހެންކުއްޖެއް ނަމަ ޓެސްޓިސް ދަށްބަނޑުން ތިރިއަށް އުރަވަޅިއަށް ފައިބައެވެ.

އަށްވަނަ މަސް ނިމޭ ހިސާބު ކުއްޖާ 18-16އިންޗި އާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 4 ޕައުންޑް ހުރެއެވެ.

ނުވަވަނަ މަސް

m9މިމަހުގެ ތެރޭގައި ކުއްޖާގެ ބަރުދަން ހަފްތާއަކު ބައި ޕައުންޑް އިތުރުވެއެވެ. ހަށިގަނޑު ފަލަވެ، ހަންގަނޑަށް އޮމާންކަން އާދެއެވެ. އުފަންވަން ކައިރިވުމުން ކުއްޖާ ބަނޑުގައި އޮންނަ ގޮތް ބަދަލުވެއެވެ. މިހާލަތުގައި ކުއްޖާ އޮންނަނީ ދެފައި މެޔާއި ހަމައަށް ނެގުމަށް ފަހު ބޯކޮޅުވަތަށް ''ބާރތް ކެނަލް''(Birth canal)އާއި ދިމާ ތިރިއަށެވެ. މައިމާގެ ހަށިގަނޑުން ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރާ ހަށިދަމަނަތައް ކުޑަދަރިފުޅުގެ ހަށިގަނޑަށް މަހުގެ ޒަރީއާއިން ވާސިލްވެއެވެ. އަމްބިލައިކަލް ކޯޑް ނުވަތަ ފޫޅުގައި ލޭދައުރުވާ މިންވަރު އަވަސްވެ، މަތިވުމުން، އެއަށް ދެމި، ވާންވެ، އޮޅިގެން ދިޔަ ނުދީ ހިފަހައްޓައެވެ.

ނިދުމުގެ އުސްލޫބުތައް ކުޑަދަރިފުޅު ދެނެގަންނަށް ފަށައެވެ. ޅިދުކަށިގަނޑާއި ދިމާލުން ދަށްބަނޑުގައި ފައިންޖެހުން، ޕަންޗުކުރުން ފަދަ ހަރަކާތްތައް ކުޑަދަރިފުޅު ކުރެއެވެ. މިހަރަކާތްތަކަށް ނުވަތަ މިމަސައްކަތަށް ''ލައިޓްނިންގ''އޭ ކިޔައެވެ. ކުޑަދަރިފުޅު ކުރާ މިހަރަކާތްތައް ނުވަތަ ތޮޅުންތައް މައިމީހާއަށް އިހްސާސް ކުރެވެއެވެ. ފުއްޕާމޭ ހެދި ފުރިހަމަވެ، އޭގެ މަސައްކަތް ފުރިހަމަ ގޮތުގައި ކުރަން ފަށައެވެ. ކުޑަދަރިފުޅުގެ ބޮލުގެ ކަށިތައް މަޑުވެ، އެކިގޮތްގޮތަށް ލެއްބެއެވެ. މިކަމުގެ ސަބަބުން ''ބާރތް ކެނަލް'' ގެތެރެއިން ކުޑަދަރިފުޅު ބޭރުވުމަށް މަގުފަހިކޮށް ދެއެވެ.

ކުޑަދަރިފުޅުގެ ދިގުމިނުގައި 20އިންޗި ހުރެއެވެ. ބަރުދަން ހުންނަނީ 9-6ޕައުންޑްއާއި ދެމެދުގެ މިންވަރަކަށެވެ. 38ވަނަ ހަފްތާއާއި، 42ވަނަ ހަފްތާއާއި ދޭތެރޭގެ ކޮންމެ ދުވަސްވަރެއްގައި ވެސް ވިހެއުމަކީ އެކަށީގެންވާ ކަމެކެވެ. ޑޮކްޓަރުން ވިހާނެކަމަށް ބުނާ ތާރީޚްގައި ވިހަނީ އެންމެ %5ގެ މީހުންނެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.