އާދީއްތަ20201122

އާކުރެވުނީ: 08:43:52

ނުބައިތަނެއްގައި މަސް އުފެދުން (Placenta previa )

nubai-thaniegga-mas-ufedhun-79* މަސްއުފެދެންޖެހެނީ ރަހިމުގެ ވަކި ތަނެއްގައިތަ؟

* ނުބައިތަނެއްގައި މަސް އުފެދިއްޖެނަމަ ވާނީ ކިހިނެއް؟

* ރަހިމުގެ އަނގަކައިރީގައި މަސް އުފެދި ރަނގަޅު ނުވެ ހުރެއްޖެނަމަ ވާނީ ކިހިނެއް؟

* ނުބައިތަނެއްގައި މަސް އުފެދިއްޖެނަމަ ފެންނާނެ އަލާމާތް ތަކަކީ ކޮބާ؟

* ނުބައިތަނެއްގައި މަސް އުފެދުމުން ނުރައްކާވަނީ ކޮންބަޔަކަށް؟

މަސްއުފެދެންޖެހެނީ ރަހިމުގެ ވަކި ތަނެއްގައިތަ؟

ދަރިފުޅުގެ މަސް އުފެދެންޖެހޭ ޠަބީޢީ ތަނަކީ ރަހިމުގެ އެތެރޭގެ ބިއްދޮށު ފާރުގެ މަތީބައެވެ. ނުވަތަ މަތީފާރުގެ ބިއްދޮށު ބަރާތުގައެވެ. މިނޫން ތަނެއްގައި މަސް އުފެދުމަކީ ނުބައި ތަނެއްގައި މަސް އުފެދުމެވެ. ފޫޅުގަނޑުގެ ތެރެއިންލާފާއި ދަރިފުޅަށް ބޭނުންވާ ހުރިހާ ކާނާއައް ގެންގޮސްދެނީ މަހުންނެވެ. އަދި މަސް އުފެދިފައި ހުންނަނީ ދަރިފުޅުގެ ބަޔަކުންނާއި މަންމަގެ ބަޔަކުންނެވެ.

ނުބައިތަނެއްގައި މަސް އުފެދުމަކީ ކުރީކޮޅުގައި އެއްވެސް މައްސަލައެއް ދިމާވާ ކަމެއް ނޫނެވެ. ނަމަވެސް ފަހުކޮޅުގައި މިހެން ހުރެއްޖެނަމަ މަހުން ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއީ ދުވަސް ނުފުރެނިސް ވިއްސަން ޖެހިދާނެ ކަމެކެވެ. އަދި ނުވިއްސައިފިނަމަ އިތުރު މައްސަލަތައް ދިމާވުމަކީ ވެދާނެ ކަމެކެވެ. އަދި ދުވަސްފުރެއިރު މަސް ނުބައި ތަނެއްގައި ހުރި ނަމަ އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މަސް އުފެދޭ ބައެން ނުބައި ތަންތަނުގެ ތެރޭގައި ރަހިމުގެ އެތެރޭ ކުރިމަތީ ފާރު، އަރިމަތީފާރު، އަދި ރަހިމުގެ ކަރުގެ އަނގަމަތި ހިމެނެއެވެ. އަދި އަރިމަތީފާރުގައި އެހެނަސް ކަރުގެ އަނގައިން ބައެއް ހިމެނޭގޮތަށްވެސް މަސް އުފެދިދާނެއެވެ. މިއިން ނުރައްކާތެރީ ރަހިމުގެ ކަރު ހުރި ހިސާބުގައި މަސް އުފެދިފައިވާ ނަމައެވެ. މަސް ހުރީ ރަނގަޅު ތަނުގައި އުފެދިފައިތޯ ބެލުމަށް މާބނޑު މީހުން ސްކޭން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނުބައިތަނެއްގައި މަސް އުފެދިއްޖެނަމަ ވާނީ ކިހިނެއް؟

މިކަންބިނާވެގެން ވަނީ މަސްއުފެދިފައި ހުރިތަނަކާއި ބަނޑަށް ވީ ދުވަހެއްގެ މައްޗަށެވެ. ބަނޑަށް ކުރީކޮޅު ސްކޭން ކުރާއިރު މަސް ނުބައިތަނެއްގައި އުފެދިފައި ހުއްޓަސް ކަންބޮޑު ނުވާށެވެ. ބަނޑަށް ދުވަސް ވަމުންދާ ވަރަކަށް މަޑުމަޑުން މަސް ރަނގަޅު ދިމާލަށްދާނެއެވެ. އެއީ ރަހިމު ބޮޑުވާވަރަކަށް މަސް ރަހިމުގެ ކަރާއި ދުރަށް ދާނެއެވެ. އަދި މަހަކީ ބޮޑުވަމުންދާ އެއްޗަކަށް ވެފައި ބޮޑުވާއިރު ބޮޑުވަނީ ގިނައިން ލޭ ލިބޭ ދިމާލަކުން ކަމަށް ވާއިރު މަސް ބޮޑުވަމުން ބޮޑަށް ދާނީ ރަހިމުގެ ކަރާއި ދުރުފަރާތުންނެވެ. ވުމާއެކު އާއްމު ގޮތެއްގައި ބަނޑަށް ދުވަސްވާ ވަރަކަށް މަސްދާނީ ނުރައްކާ ދިމާލާއި ދުރުވަމުންނެވެ.

ކުރީކޮޅު ނުރައްކާތެރި ދިމާލުގައި މަސް އުފެދިފައި ހުންނަ މީހުންގެ ތެރެއިން %90 މީހުންގެ މަސް މާބަނޑުގެ ފަހުކޮޅަށް ދާއިރު އެދިމާލުން ދުރަށް ދެއެވެ. އާއްމުގޮތެއްގައި ރަނގަޅު ނުވަނީ ރަހިމުގެ ކަރުގެ އަނގަމަތީގައި މަސް އުފެދިފައި ހުންނަ ނަމައެވެ. ނަމަވެސް އަނގަމަތީ ކައިރީގައިނަމަ ގިނަފަހަރު އަމިއްލައަށް ރަނގަޅުވާނެއެވެ.

ރަހިމު ނުބައިތަނެއްގައި އުފެދިފައިވާ މީހަކު ކުރިމަތި ފަރާތުން ލޭފައިބާނަމަ ލަސްނުކޮށް ޑޮކުޓަރަށް ދައްކައި ސްކޭން ކުރަންވާނެއެވެ. އަދި ދެން ކަންތައް ކުރާނެ ގޮތެއް ކަޑައަޅަންވާނި ސްކޭނުގެ ނަތީޖާގެ މައްޗަށް ބަލަފައެވެ.

ރަހިމުގެ އަނގަކައިރީގައި މަސް އުފެދި ރަނގަޅު ނުވެ ހުރެއްޖެނަމަ ވާނީ ކިހިނެއް؟

ތަކުރާރުކޮށް ސްކޭން ކުރާއިރުވެސް ރަހިމުގެ ކަރާއި މަސް ދުރުނުވެ ހުރެއްޖެ ނަމަ ވަރަށް ފަރުވާތެރި ވަން ޖެހޭނެއެވެ. މިފަދަ ހާލަތުގައި ގަވާއިދުން ސްކޭން ކުރަމުން ވާނުވާ ބަލަމުން ދަން ޖެހޭނެއެވެ. އަދި ކުރިމަތި ފަރާތުން ކިތައްމެ ކުޑަކޮށް ނަމަވެސް ލޭފައިބައިފިނަމަ ލަސް ނުކޮށް ޑޮކުޓަރަށް ދައްކަން ޖެހޭނެއެވެ. ހަމައެއާއިއެކު އެއްގޮތަކަށް ވެސް ޖިންސީ ގުޅުން ހިންގައިގެން ނުވާނެއެވެ. ފަރުޖަށް އެއްވެސް އެއްޗެއް ލައްވައިގެން ކުރާ ޓެސްޓެއް ކޮށްގެން ނުވާނެއެވެ. އަދި ވީހާވެސް ގިނައިން އަރާމު ކުރަން ޖެހޭނެއެވެ. އެއްވެސް ކަހަލަ ބުރަކަމެއް އިހުސާސް ކުރެވޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެއީ މިއިން ކޮންމެ ކަމަކީވެސް އަނގަކައިރީގައި ނުވަތަ އަނގަ މަތީގައި އުފެދިފައިވާ މަހުން ވަރަށް ފަސޭހައިން ލޭ އަތުވެދާނެ ކަމެކެވެ. އަދި މިފަދަ ކަމަކާއި ހުރެ ލޭ އަންނައިރު ކޮންޓުރޯލު ނުކުރެވޭވަރަށް ލޭއައުމަކީ ވަރަށް ގާތް ކަމެކެވެ.

މަހުން އާއްމުގޮތެއްގައި ލޭ އަންނަނީ ބަނޑަށް ދުވަސް ވަމުންދާ ވަރަކަށް ރަހިމާއި ރަހިމުގެކަރު ތުނިވުމާއި އެކު ރަހިމުގެ ކަރު ފޭވާގޮތް ވުމުންނެވެ. އެއީ ލޭހޮޅިތައް ހުންނާނީ ވަރަށް ތުނިވެފައެވެ. ވަރަށް އާދައިގެ ކަމަކާއި ހުރެވެސް މިފަދަ ހާލަތުގައި ރަހިމުގެ ކަރުގައި ހުންނަ ލޭ ހޮޅިތައް ފަލައިގެން ހިގައިދާނެއެވެ. އަދި މިގޮތަށް ފަޅައިގެންދާއިރު އެއްގޮތަކަށްވެސް ތަދު އިހުސާސް ނުކުރެވުމަކީ ވެދާނެ ކަމެކެވެ. ލޭގިނައިން އަތުވެއްޖެނަމަ ބަނޑަށް ވީދުވަހެއް ބެލުމެއްނެތި ވިއްސަން ޖެހިދާނެއެވެ. އެއީ ދަރިފުޅު ރަނގަޅަށް ފުރިހަމަ ނުވިޔަސްވެހެވެ. އަދި ލޭއަޅަން ޖެހުމަކީ ވަރަށް ގާތް ކަމެކެވެ.

ބަލައިގެން އުޅޭނަމަ 7 މަސްވުމުގެ ކުރިން ލޭ ިގޮތަށް ފާބުމަކީ ވަރަށް ނުވާނެ ކަމެކެވެ. އަދި މީގެ ކުރިން ލޭއަންނައިރު ގިނަފަހަރަށް އަމިއްލައަށް ލޭމަނާވާނެއެވެ. ނަމަވެސް ނުރައްކަލަކީ ލޭއަތުވެއްޖެނަމަ ލޭމަނާވިޔަސް ދެވަނަފަހަރަށް ލޭއައުމަކީ ވަރަށް ގާތް ކަމެކެވެ. އަދި އެއްވެސް ވަރަކަށް ލޭފައިބައިފިނަމަ މަންމަގެ ލެޔަކީ އާރްއެޗް ނެގެޓިވް ލޭ ކަމަށްވާނަމަ މަންމައަށް އާރްއެޗް އިމިއުން ގުލޮބިއުލިން ދޭން ޖެހޭނެއެވެ.

ރަހިމުގެ ކަރުކައިރީގައި މަސް އުފެދިފައި ހުރެ ކުރިމަތިފަރާތުން ލޭއަތުވެއްޖެނަމަ މައިމީހާ ހޮސްޕިޓަލުގައި އެޑުމިޓު ކުރަން ޖެހޭނެއެވެ. ދެންއެއަށް ފަހު ކަންތައް ކުރާނެ ގޮތެއް ކަޑައަޅާނީ ބަނޑަށްވީ ދުވަހެއްގެ މައްޗަށް ބިނާ ކޮށެވެ. ބަނޑުގައިވާ ދަރިފުޅު ފުރިހަމަ ވެފައިވާ ނަމަ އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގަން ޖެހޭނެއެވެ. އަދި ދަރިފުޅު ފުރިހަމަ ވެފައި ނެތަސް މައިމީހާގެ ފުރާނައަށް ނުރައްކާވާނަމަ ނުވަތަ ލޭމަނާ ނުކުރެވުނު ނަމަ އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގަން ޖެހޭނެއެވެ.

ބަނޑަށް 34 ހަފުތާ ނުވާނަމަ ލޭމަނާ ކުރެވޭތޯ ބެލުމާއިއެކު މައިމީހާއަށް ކޯޓިކޯސްޓިރޮއިޑް ދޭން ޖެހޭނެއެވެ. އެއީ ކުޑަދަރިފުލުގެ ފުއްޕާމެއި އަވަހަށް ފުރިހަމަ ކުރުމަށްޓަކައެވެ. އަވަހަށް ވިއްސަން ޖެހިއްޖެ ހާލަތެއްގައި ވިއްސިއަސް ދަރިފުޅަށް އަމިއްލައަށް ނޭވާ ލެވޭވަރު ހެދުމަށްޓަކައެވެ.

ލާމަނާ ވުމާއިއެކު މައިމީހާއާއި ދަރިފުޅުގެ ސިއްހަތަށް އެއްވެސް ނުރައްކަލެއް ނެތްނަމަ ގެއަށް ދިއުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް ދެވަނަ ފަހަރަށް ލޭއަންނަން ފަށައިފިނަމަ ކުއްލި ހާލަތެއްގެ ގޮތުގައި ވަގުތުން ހޮސްޕިޓަލަށް ދާން ޖެހޭނެއެވެ. މައިމީހާއާއި ދަރިފުޅު ނުރައްކަލެއް ނެތި ރަނގަޅަށް ބޮޑުވަމުންދާނަމަ 37 ހަފުތާވުމުން ލޭނަޔަސް އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގަން ޖެހޭނެއެވެ.

ރަހިމުގެ ކަރުމަތީގައި މަސް އުފެދުފައިވާނަމަ ޠަބީގޮތަކުން ނުވިހޭނެއެވެ. އެއީ މަހުގެ ސަބަބުން ދަރިފުޅު ވިހެއުމުގެ މަގު އިންނާނީ ބެދިފައެވެ. އަދި ކަރުން ބައެއް ހިމަނޭގޮތަށް މަސް އުފެދިފައިވީ ނަމަވެސް ބޮޑަށް ރަނގަޅު ގޮތަކީ އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނެގުމެވެ. އެއީ މިފަދަ ހާލަތުގައިވެސް ވިއްސަން އުޅެއްޖެނަމަ ކޮންޓުރޯލް ނުވާވަރަށް ލޭފެއިބުމަކީ ވަރަށް ގާތް ކަމެކެވެ. އަދި މައިމީހާގެ ފުރާނައަށް ނުރައްކާ ވުމަކީ ވަރަށް ގާތް ކަމެކެވެ.

ނުބައިތަނެއްގައި މަސް އުފެދިއްޖެނަމަ ފެންނާނެ އަލާމާތް ތަކަކީ ކޮބާ؟

މަސް ނުބައި ތަނެއްގައި އުފެދުމަކީ ހާއްސަކޮށް ރަހިމުގެ ކަރުމަތީގައި ނުވަތަ ކަރާއި ކައިރީގައި އުފެދުމަކީ ލޭފެއިބުމުގެ ފުރުޞަތު ވަރަށް ބޮޑު ކުރާ ކަމެކެވެ. ހަމައެކަނި މާބަނޑު ދުވަސްވަރު އެކަންޏެއް ނޫނެވެ. މާބަނޑު ދުވަސް ވަރުގެ އިތުރުން ވިހެއުމަށްފަހު ގައިވެސްއެވެ.

އެއީ:-

1- އޮޕަރޭޝަންކޮށްގެނ ދަރިފުޅު ނަގާއިރު ދަރިފުޅު ނެގުމަށްފަހު ރަހިމުން މަސް ވަކިކޮށް ނަގައެވެ. އަދި އެއަށްފަހު ޕިޓޯސިން ފަދަ ބޭހެއްދެއެވެ. މިބޭހުގެ ސަބަބުން ރަހިމުގެ މަސްތައް ފިތި ރަހިމުން މަސް ނެގިހިސާމުން އަންނަ ލޭބޭރުވުން ކުޑަކޮށްދެއެވެ. ނަމަވެސް ރަހިމުގެ ކަރުކައިރީގައި ކަރުމަތީގައި މަސް އުފެދިފައިވާނަމަ އޮޕަރޭޝަން ކޮށްގެން މަސް ނެގިޔަސް މިތަނުގެ މަސްތައް އެކަށީގެންވާ ވަރަކަށް ފިތޭގޮތެއް ނުވެއެވެ. އަދި ކޮއްމެވެސް ވަރަކަށް ފިތުނު ނަމަވެސް މިއީ ލޭއައުން ހުއްޓުވޭވަރަށް ފިތޭ ފިތުމަކަށް ނުވެއެވެ.

2- ނުބައިތަނެއްގައި މަސް އުފެދުމަކީ ވަރަށް ގިނަފަހަރު ވަރަށް ފުންކޮށް ރަހިމުގެ މަސްގަޑުގެ ތެރެއަށް މަސް ވަދެފައި ހުންނަން ދިމާވާ ސަބަބެކެވެ. ވުމާއެކު ރަހިމުން މަސް ވަކިކުރަން ވަރަށް އުދަގޫ ވެއެވެ. އަދި ވަކިކުރާއިރު ބައެއްފަހަރު މަހުން ބައެއް ރަނގަޅަށް ވަކި ނުކުރެވި ހުރެއެވެ. މަހުން ބައެއް ވަކި ނުކުރެވުމަކީ ކޮންޓުރޯލު ނުކުރެވޭ ވަރަށް ލޭއައުން މެދުވެރި ވާ ސަބަބެކެވެ. އަދި ރަހިމު އެއްކޮށްވެސް ނަގަން ޖެހިދާ ސަބަބެކެވެ. މަހުން ބައެއް ވަކިނުވެ ހުރުން ދިމާވަނީ ރަނގަޅުތަނުގައި މަސް އުފެދޭ 2500 މީހުންގެ ތެރެއިން އެންމެ މީހެއްގެ އެވެ. ނަމަވެސް ރަނގަޅު ނޫން ތަނުގައި މަސް އުފެދޭ ކޮންމެ 10 މީހުންގެ ތެރެއިން މީހަކަށް މިހެން ދިމާވެއެވެ.

ރަނގަޅު ނޫން ތަނުގައި މަސް އުފެދުމަކީ ލިބޭ ދަރިފުޅު ވިހާއިރު ހުންނަން ޖެހޭ ބަރުދަން ނުހުރުމަށް ވެސް ދިމާވާ ސަބަބެކެވެ. ގިނަފަހަރަށް މިހެންވަނީ ދުވަސް ނުފުރެނީސް ދަރިފުޅު ނަގަން ޖެހޭތީއެވެ. ނަމަވެސް ބަނޑުގައި ދަރިފުލު ބޮޑުވާ މިންވަރު ދައްވުމަކީވެސް މިހެން ދިމާވާ ސަބަބެކެވެ. އެއީ ރަނގަޅު ނޫންތަނުގައި ދަރިފުޅު އުފެދުމުން ދަރިފުޅަށް ބޭނުންވާ ވަރަށް ކާނާ ގެންގޮސް ދިނުމުގައި ބައެއް ކަހަލަ އުދަގޫތައް ދިމާވެއެވެ.

ނުބައިތަނެއްގައި މަސް އުފެދުމުން ނުރައްކާވަނީ ކޮންބަޔަކަށް؟

ވަރަށް މަދުފަހަރަކު ނޫނީ ރަނގަޅު ނޫންތަނުގައި މަސް އުފެދުނަސް އެއްވެސް ނުރައްކަލެއް މައިމީހާއާއި ދަރިފުޅަކަށް ދިމާލެއް ނުވެއެވެ. ނަމަވެސް ތިރީގައި ބަޔާން ކުރެވިފައި އެވާފަދަ ހާލަތެއްގެ މީހެއްނަމަ ދެމައިންނަށް ނުރައްކާ ވުމަކީ އެކަށީގެންވާ ކެމެކެވެ.

- ކުރިން ބަލިވެއިންފަހަރަކު ނުބައިތަނެއްގައި މަސްއުފެދިފައި ހުރުން.

- އެއްމާބަނޑުކުދިންނަށް ބަލިވެއިނުން.

- ކުރިން އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގައިފައިވުން.

- ކުރިން ރަހިމުގެ އޮޕަރޭޝަނެއް ކުރުން.

- ދުންފަތުގެ އިސްތިއުމާލް ކުރުން.

- މަސްތުވާތަކެތި ބޭނުންކުރުން.

މީގެއިތުރުން ގިނަކުދިން ވިހައިފައިވުމަކީވެސް ނުރައްކާ ބޮޑުވާ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.