އަންގާރަ20180911

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ރަހިމުގައި ފެން (އެމްނިއޮޓިކު ފެން) ގިނަވުން (Polyhydraminos)

ރަހިމުގައި ފެން (އެމްނިއޮޓިކު ފެން) ގިނަވުން (Polyhydraminos)

rahimuga-fen-ginavun-50* އެމްނިއޮޓިކު ފެނަކީ ކޮބާ؟

* އެމްނިއޮޓިކު ފެން އުފެދެނީ ކޮންތާކުން؟

* ކިހާ އެމްނިއޮޓިކު ފެނެއް ހުންނަން ޖެހޭނެތަ؟

* އެމްނިއޮޓިކު ފެން ގިނަކަން އެނގޭނެ އަލާމާތް ތަކަކީ ކޮބާ؟

* އެމްނިއޮޓިކު ފެން ގިނަވަނީ ކީއްވެ؟

* އެމްނިއޮޓިކު ފެން ގިނަވެއްޖެ ނެމެ ކަންތައް ކުރަން ރަނގަޅު ގޮތަކީ ކޮބާ؟

އެމްނިއޮޓިކު ފެނަކީ ކޮބާ؟

އެމްނިއޮޓިކު ފެނަކީ ދަރިފުޅުގެ ވަށައިގެން ފުރާ ލެވިފައިވާ ފެން ދުއްޔެކެވެ. މިފެންދުލީގެ ވަޒީފާއަކީ:-

- ބަނޑަށް ލިބޭ އަނިޔާތަކުން ދަރިފުޅު ހިމާޔަތް ކުރުން

- ފޫޅުގަނޑު ފިތި ގޮށްޖެހުނަ ނުދިނުން.

- ރަހިމުގެ އެތެރޭގެ ފިނިހޫނު މިން އެއްވަރެއްގައި ބެހެއްޓުން.

- ބަލިތަކުން ދަރިފުޅު ސަލާމަތް ކުރުން.

- ދަރިފުޅުގެ މަސްތަކާއި ކަށިތައް އެކަށީގެންވާ ވަރަށް ބޮޑުވެ ވަރުގަދަ ވުމަށް ބޭނުންވާ ހަރަކާތްތަކަށް ފުރުޞަތު ހޯދައިދިނުން.

- ހަޖަމް ކުރާ ނިޒާމާއި ނޭވާލާ ނިޒާމު ފުރިހަމަ ކުރުމަށް އެހީތެރިވެދިނުން.

އެމްނިއޮޓިކު ފެން އުފެދެނީ ކޮންތާކުން؟

އެމްނިއޮޓިކު ފެން އުފެއްދުމުގެ ދައުރުގައި މައިމީހާއާއި ކުޑަދަރިފުޅުވެސް ބައިވެރިވެއެވެ. ބަލިވެއިދެ ފުރަތަމަ 14 ހަފުތާގައި މިފެން އުފައްދަނީ މައިމީހާގެ ލެއިންނެވެ. އެއަށްފަހު މައިމީހާގެ ލޭގެ އިތުރުން ކުޑަދަރިފުޅުގެ ކުޑަކަމުދާ އެއްޗެތިންނެވެ. އަދި މިފެނުގެ ބޮޑުބަޔަކީވެސް ދަރިފުޅުގެ ކުޑަކަމުދާއެއްޗިއްސެވެ. މިފެން އަބަދުވެސް ހުންނަނީ ދައުރުވެ ދައިރުވެއެވެ. އަދި ދުވާލަކު އެތައްފަހަރަކު ހުންނަނީ އާވެއާވެއެވެ. މިކަމުގައި ދަރިފުޅު ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. އެއީ ހަތަރުފަސްމަހުގައި ދަރިފުޅު މިފެން ބުއިމަށްފަހު ކުޑަކަމުދާ އެއްޗެތީގެ ގޮތުގައި ދެވަނަފަހަރަށް އެމްނިއޮޓިކު ފެނުގެތެރެއަށް ބޭރުކޮށްލައެވެ. އަދި މައިމީހާގެ ލޭގެތެރެއަށްވެސް މިފެނުން ބައެއް ފޭދިގެން ދެއެވެ. ވުމާއެކު އަބަދުވެސް މިފެން ހުންނަނީ އާވެއާވެއެވެ.

ވުމާއިއެކު މިފެން އެކަށީގެންވާ ހެއުވަރު ވަރެއްގައި ބެހެއްޓުމަށް ދެމައިންގެ ދައުރުވެސް ވަރަށް ބޮޑެވެ. ނަމަވެސް ބައެއްފަހަރު މިނިޒާމަށް އުނިކަން އާދެއެވެ. އާއްމުގޮތެއްގައި ދަރިފުޅުގެ ސަބަބުންނެވެ.އަދި ބައެއްފަހަރު މައިމީހާގެ ސަބަބުންނެވެ. ނަތީޖާއަކަށްވަނީ ފެން ހުންނަން ޖެހޭވަރަށް ވުރެ ގިނަވުމެވެ. ނުވަތަ މަދުވުމެވެ.

ކިހާ އެމްނިއޮޓިކު ފެނެއް ހުންނަން ޖެހޭނެތަ؟

ޠަބީއީ ހާލަތްތަކުގައި ބަނޑަށް ގާތްގަޑަކަށް 32-34 ހަފުތާވަންދެން މިފެންދާނީ އިތުރުވަމުންނެވެ. މިހާހިސާބުގައި ބަނޑުގެ ހަތަރުބައިކުޅައެއްބަޔަކީ މިފެނެވެ. އެއަށްފަހު ވިހަންދެން ދެންދާނީ މަޑުމަޑުން މަދުވަމުންނެވެ.

އެއްވެސް އިރެއްގައި ހިސާބަށް ވުރެ ފެން ގިނަވެއްޖެ ނަމަ ނުވަތަ މަދުވެއްޖެނަމަ ޑޮކުޓަރަކަށް ދައްކައިގެން ސްކޭންކޮށް ބަލަން ޖެހޭނެއެވެ.

އެމްނިއޮޓިކު ފެން ގިނަކަން އެނގޭނެ އަލާމާތް ތަކަކީ ކޮބާ؟

އެމްނިއޮޓިކު ފެން ގިނަވަނީ މާބަނޑު މީހުންގެ ތެރެއިން %1 މީހުންގެއެވެ. މިކަން ދެނެގަނެވޭނެ އެންމެ ފަސޭހަ އަލާމާތަކީ ހިސާބަށް ވުރެ އަވަހަށް ބަނޑު ބޮޑުވަމުން ދިޔުމެވެ. މީގެއިތުރުން ބަނޑަށް އުދަގޫވުމާއި ބުރަކަށީގައި ރިއްސުމާއި ނޭވައިލާން އުދަގޫވުމާއި ހިސާބަށްވުރެ ބޮޑަށް ފަޔާއި ފައިތިލަ ދުޅަވެ ފޮއްސިވުމަކީވެސް އެމްނިއޮޓިކު ފެން ގިނަވެއްޖެ ނަމަ ފެނިދާނެ އަލާމާތްތަކެކެވެ. މިއަލާމާތްތައް ހުރެއްޖެނަމަ ސްކޭންކޮށްގެން ބަލައި ޗެކު ކުރަން ޖެހޭނެއެވެ.

ސްކޭން ކުރާއިރު އެންމެ ބޮޑަށް ފެންހުރިދިމާލެއް ބަލައި ތަފާތު ދިމަދިމާލުން މިންއަޅާނެއެވެ. ޠަބީއީކޮށް ހުންނަން ޖެހޭނީ 5-52 ސެންޓިމީޓަރެވެ. 52 ސެންޓިމީޓަރަށްވުރެ އެއްވެސް ދިމާލެއްގައި ބޮޑުނަމަ އެހުރީ އެމްނިއޮޓިކު ފެން ހުންނަންވާ ވަރަށްވުރެ ގިނަވެފައެވެ.

އެމްނިއޮޓިކު ފެން ގިނަވަނީ ކީއްވެ؟

ވަރަށްގިނަފަހަރު މިހެންދިމާވާ މައިގަޑު ސަބަބެއް ނޭގެއެވެ. ތިރީގައިއެވަނީ އާއްމުގޮތެއްގައި އެމްނިއޮޓިކު ފެންގިނަވުމަށް މެދުވެރިވާ ސަބަބުތަކެވެ.

- މައިމީހާއަށް ހަކުރުބަލި ޖެހިފައި ހުރުން. ހަކުރުބަލި ހުރުމަކީ އެމްނިއޮޓިކު ފެން އުފެދޭމިންވަރު އިތުރުވާ ސަބަބެކެވެ. އަދި އެކަމަށް ފަރުވާ ކުރުމަށްވެސް އުދަގޫވާ ކަމެކެވެ. އާއްމުގޮތެއްގައި ބަލިވެއިންނައިރު ހަޖކުރުބަލި ހުންނަ މީހުންގެ ތެރެއިން %10 މީހުންނަށް މިހެން ދިމާވެއެވެ.

- އެއްމާބަނޑު ކުދިންނަށް ބަލިވެއިނުން. އެއްމާބަނޑު ދެކުދިންނަށް ނުވަތަ އެއަށްވުރެ ގިނަ ކުދިންނަށް ބަލިވެއިނުމަކީ އެމްނިއޮޓިކު ފެން ގިނަވުމުގެ ނުރައްކާ ވަރަށް ބޮޑުވާ ކަމެކެވެ. އަދި މިއީ އެއްކުއްޖެއްގެ އެމްނިއޮޓިކު ފެން އަނެއްކުއްޖަކަށް އެމްނިއޮޓިކު ދުއްޔަށް ދިއުންވެސް މަދުވެރިވާ ކަމެކެވެ. މިހެން ވުމުން އެއްކުއްޖެއްގެ ދުލީގައި އެމްނިއޮޓިކު ފެން އާދަޔާ ހިލާފަށް އިތުރުވާއިރު އަނެއްކުއްޖެއްގެ ދުލީގައި އެމްނިއޮޓިކު ފެން އާދަޔާ ހިލާފަށް މަދުވާގޮތް ދިމާވެއެވެ.

- ދަރިފުޅުގެ އައިބެއްހުރުން. މިއީ ވަރަށް މަދުންނަމަވެސް ދިމާވާ ކަމެކެވެ. މިހެން ދިމާވަނީ ދަރިފުޅުގެ ހަޖަމް ކުރާ ނިޒާމުގައި ހުންނަ ބައްޔެއްގެ ސަބަބުން އެމްނިއޮޓިކު ފެން ނުދިރުވޭގޮތް ވުމުންނެވެ. މިފަދަހާލަތުގައި ދަރިފުޅު މިފެން ނުބުޔަސް ކުޑަކަމުދާތީ އެމްނިއޮޓިކު ފެން ދާނީ ގިނަވަމުންނެވެ.

- ދަރިފުޅުގެ ލޭ މަދުވުން. މިހެން ދިމާވަނީ ބައެއްބަލިތަކުގެ ސަބަބުން ދަރިފުޅުގެ ލޭ ވަރަށް ބޮޑަށް ދަށް ވެއްޖެ ނަމައެވެ. މިފަދަހާލަތުގައި ބަނޑުގައިވާ ދަރިފުޅަށް ލޭއަޅަން ޖެހޭނެއެވެ.

އެމްނިއޮޓިކު ފެން ގިނަވެއްޖެ ނެމެ ކަންތައް ކުރަން ރަނގަޅު ގޮތަކީ ކޮބާ؟

އެމްނިއޮޓިކު ފެން ހިސާބަށްވުރެ ގިނަވެއްޖެނަމަ ދަރިފުޅުގެ އެއްވެސް އައިބެއް ނުވަތަ ބައްޔެއް ހުރިތާ ބެލުމަށް ސްކޭން ކުރަން ޖެހޭނެއެވެ. އަދި ފަހަރުގައި އެމްނިއޯސެންޓީސިސްވެސް ހަދަން ޖެހިދާނެއެވެ.

އަދި މެދުނުކެޑި ގަވައިދުން ސްކޭން ކުރަމުން ވާނުވާ ބަލަމުން ދާން ޖެހޭނެއެވެ. އަދި ހަކުރުބަލި ހުރިތޯ ކުރިން ޓެސްޓު ކޮށްފައި ނުވާނަމަ އަވަހަށް ޓެސްޓު ކުރަން ޖެހޭނެއެވެ. އަދި ވިހަމުންދާއިރު މައިމީހާއާއި ދަރިފުޅުގެ ހިތުގެ ހިގުމާއި ސިއްހަތު ބަލަމުން ދާން ޖެހޭނެއެވެ. އެއީ އެމްނިއޮޓިކު ފެން ގިނަވުމަކީ ވަރަށްގިނަ ފަހަރު ދަރިފުޅަށްވުރެ ކުރިން ފޫޅުގަނޑު ފައިބަންދިމާވާ ސަބަބެކެވެ. މިގޮތަށް ފޫޅުގަނޑު ކުރިން ފެއިބުމަކީ ފޫޅުގަނޑު ފިތި ދަރިފުޅަށް ލޭ ގެންގޮސްދިނުން ހުއްޓުވާ ކަމެކެވެ. އަދި ވަގުތުން ފިޔަވަޅު ނޭޅިއްޖެ ނަމަ ދަރިފުޅުގެ ފުރާނައަށް ނުރައްކާވާ ކަމެކެވެ. އަދި ފެނދުޅި ފަޅައިގެން ދިއުމާއިއެކު ދަރިފުޅު ވިހެއުމުގެ ކުރިން މަސް ރަހިމުން ވަކިވުމަކީވެސް މިފަދަ ހާލަތުގައި ވުން ވަރަށް ގާތް ކަމެކެވެ.

އިސްވެދިޔަ ސަބަބުތަކަށްޓަކައި މިފަދަ ކޮންމެ މަޔަކު ވިހަން ދާންވާނީ ހޮސްޕިޓަލަށެވެ. އެއީ މައިމީހާއާއި ދަރިފުޅަށް ލިބިދާނެ ނުރައްކަލަކުން ހިމާޔަތް ކުރުމަށްތަކައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.