އާދީއްތަ20201122

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ރަހިމުން ބޭރުގައި ގަރުބަގަތުން ނުވަތަ ދަރި އުފެދުން

ރަހިމުން ބޭރުގައި ގަރުބަގަތުން ނުވަތަ ދަރި އުފެދުން

rahumun-beyruga-garuba-gathun-48* ރަހިމުން ބޭރުގައި ދަރި އުފެދެނީ ކިހިނެއް؟

* ރަހިމުން ބޭރުގައި އާއްމުކޮށް ދަރި އުފެދޭ ތަންތަން

* ރަހިމުން ބޭރުގައި ބަލިވެ އިނުމުގެ ފުރުޞަތު ބޮޑު މީހުންނަކީ ކޮބާ؟

* ރަހިމުން ބޭރުގައި ބަލިވެ އިންކަން އެނގޭނެ އަލާމަތްތަކަކި ކޮބާ؟

* ބަލިޖެހިފައިތޯ ބަލައި ދެނެގަންނާނީ ކިހިނެއް؟

* ރަހިމުންބޭރުގައި ބަލިވެއިނުމުން ދެވޭ ފަރުވާއަކީ ކޮބާ؟

* ރަހިމުންބޭރުގައި ބަލިވެއިނުމުން ފަރުވާ ކުރުމަށްފަހު ދަރިޔަކު ހޯދިދާނެތަ؟

* ކުރިން ރަހިމުން ބޭރުގައި ބަލިވެއިދެފައިވާ މީހަކު ދެވަނަ ފަހަރަށް ރަހިމުން ބޭރުގައި ބަލިވެ އިދެދާނެތަ؟

ބަލިވެ އިންނަ ކޮންމެ 100 މީހެއްގެ ތެރެއިން 2 މީހަކަށް މިގޮތަށް ދިމާވެއެވެ.

ރަހިމުން ބޭރުގައި ދަރި އުފެދެނީ ކިހިނެއް؟

އޯވަރީގައި އުފެދޭބިސް (ދަރިފަނި) މަނަވީހައިވާނާއި ގުޅިއެކުވުމަށްފަހު އެ ރަހިމަށް ފެލޯޕިއަން ޓިއުބުގެ ތެރެއިންލާފާ ދަތުރު ކުރެއެވެ. ފެލޯޕިއަން ޓިއުބު ބަންދުވެފައިވާނަމަ ނުވަތަ ހަލަކުވެފައި ނުވަތަ ބަލިޖެހިފައިވާނަމަ އެ މަގަށް ހުރަސް އެޅެއެވެ. ވުމާއެކު އުފެދެން ފަށައިފާވާ ދަރި ރަހިމުން ބޭރުގައި ބޮޑުވާން ފަށައެވެ. މިގޮތަށް އެންމެ ގިނައިން އުފެދެނީ ފެލޯޕިއަން ޓިއުބުގެ ތެރޭގައެވެ. ނަމަވެސް އެހެން ބައެއް ތަންތަނުގައި އުފެދުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިގޮތުން ރަހިމުންބޭރުގައި ދަރި އުފެދޭ ތަންތަނަކީ:-

1- އޯވަރީ

2- ރަހިމުގެ ކަރު

3- ބަނޑު

4- ސިޒޭރިއަންގެ ލަކުނު

ރަހިމުން ބޭރުގައި އާއްމުކޮށް ދަރި އުފެދޭ ތަންތަން

ހަމައެފަދައިން ރަހިމުގެ އެތެރޭގައި ދަރިއުފެދޭއިރު އިތުރު ކުއްޖަކު ރަހިމުން ބޭރުގައި އުފެދުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ގިނަފަހަރު މިގޮތަށް ދިމާވަނީ ދަރީން ހޯދުމަށް ބޭސް ކުރާ މީހުންނަށެވެ.

ރަހިމުން ބޭރުގައި ދަރި އުފެދުމަށްފަހު އެދަރި ރަހިމަކަށް ނުގެންދެވޭނެއެވެ. ވުމާއެކު ރަހިމުން ބޭރުގައި ދަރި އުފެދިފައިވާކަން އެގުމާއެކު ދަރި ވައްޓާލުން އެއީ ހަމައެކަނި ފަރުވާއެވެ. އަދި މިކަމަށް ކުރީކޮޅު ފަރުވާ ނުހޯދިއްޖެނަމަ ދަރިފުޅު ބޮޑުވަމުންގޮސް ފެލޯޕިއަން ޓިއުބު ފަޅައިގެންދެއެވެ. އަދި ވަރަށް ބޮޑަށް ބަނޑުގައި ރިއްސައި ލޭއަންނަގޮތް ދިމާވެއެވެ. އަދި ފެލޯޕިައަން ޓިއުބު އެއްކޮށް ހަލާކު ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި ފުރިހަމައަށް ކުއްލި ފަރުވާ ނުދެވިއްޖެ ނަމަ މައިމީހާ މަރުވުމަކީ ވަރަށް ގާތް ކަމެކެވެ. މިގޮތަށް ދިމާވަނީ ގާތްގަޑަކަށް 12 ވަނަ ހަފުތާގައެވެ.

ރަހިމުން ބޭރުގައި ބަލިވެ އިނުމުގެ ފުރުޞަތު ބޮޑު މީހުންނަކީ ކޮބާ؟

ކޮންމެ އަންހެނަކުވެސް ރަހިމުން ބޭރުގައި ބަލިވެ އިދެދާނެއެވެ. ނަމަވެސް ބައެއް އަންހެނުން އެހެން މީހުންނަށްވުރެ މިގޮތަށް މިގޮތަށް ބަލިވެ އިނުމުގެ ފުރުޞަތު ބޮޑެވެ. އެއީ:-

1- ކުރިން ރަހިމުން ބޭރުގައި ބަލިވެއިނުން.

2- ފެލޯޕިއަން ޓިއުބުގެ އޮޕަރޭޝަނެއް ކުރުން. އަދި ދައްބަނޑުގެ އެހެނިހެން އޮޕަރޭޝަން ތަކަކީވެސް ރަހިމުން ބޭރުގައި ބަލިވެ އިނުމުގެ ނުރައްކާ އޮންނަ މީހުންނެވެ. ނަމަވެސް ފެލޯޕިއން ޓިއުބުގެ އޮޕަރޭޝަންތަކަށް ވުރެ ނުރައްކާ ކުޑައެވެ.

3- ދޭތެރެ ދުރުކުރުމަށްޓަކައި ފެލޯޕިއަން ޓިއުބުގައި ގޮށްޖެހުން.

4- ތިބާއަށް ތިބާގެ މަންމަ ބަލިވެއިން އިރު ޑޭށ ބޭނުން ކުރުން. މިއީ ބައިގެން ދިއުމުގެ ބިރު އޮންނަ އަންހެނުން ބައިގެން ދިޔަ ނުދިނުމަށްޓަކައި ކުރީގައި ބޭނުން ކުރެވެމުން އައިބޭހެކެވެ. ނަމަވެސް 60ގެ އަހަރުތަކުގައި މިބޭހުން ރަހިމުގެ ކަރަށް ކެންސަރު ޖެހުމާއި ދަރިމައި ނުވުން ކަހަލަ ނުރައްކާތެރި އަރިމަތީ އަސަރުތައް ކުރާކަން ވަނީ ސާބިތުވެފައެވެ.

5- ދޭތެރެ ދުރުކުރުމަށްޓަކައި ރަހިމަށް އެއްޗެއް ލައްވާފައި ހުއްޓާ ބަލިވެއިނުން. މިފަދަ ވަސީލަތެއް ބޭނުން ކުރުމަކީ މިބޭނުން ކުރާ ދުވަސްވަރު ބަލިވެ އިނުމުގެ ފުރުޞަތު ވަރަށް ކުޑަ ކުރާ ކަމެކެވެ. ގާތްގަޑަކަށް %99 މީހުން މި ބޭނުން ކުރަމުން ދާއިރު ބަލިވެ ނުއިންނާނެއެވެ. ނަމަވެސް %1 މީހުން ބަލިވެ އިނުމަކީ އެކަށީގެންވާކަމެކެވެ. އަދި މި ބަލިވެ އިންނަ މީހުންނަކީ ރަހިމުން ބޭރުގައި ބަލިވެ އިނުމުގެ ނުރައްކާ ވަރަށް ބޮޑެތި މީހުންނެވެ.

6- ދޭތެރެ ދުރުކުރުމަށްޓަކައި ޕްރޮޖެސްޓްރޯން ބެނުން ކުރުން. މިއީ ދޭތެރެ ދުރުކުރުމަށްޓަކައި ބޭނުން ކުރެވޭ ބޭހެކެވެ. މިބޭސް އެކަނި އެސްޓްރޯޖަން އާއި ނުލައި ބޭނުނ ކުރާނަމަ ރަހިމުން ބޭރުގައި ބަލިވެ އިނުމަކީ އެކަށީގެންވާ ކަމެކެވެ.

7- ގޮނޯރިއާ ފަދަ ޖިންސީ ގުޅުން ހިންގުމުގެ ޒަރީއާއިން ގައިން ގަޔަށް އަރާ ބައްޔެއްގެ ސަބަބުން ފެލޯޕިއަން ޓިއުބަށް ގެއްލުން ލިބުން.

8- ބަލިވެ އިނުމަށްޓަކައި ބޭސް ކުރުން. އެއީ ގިނަފަހަރު ބަލިވެ އިނުން ލަސްވާ އެންމެ ބޮޑު އެއް ސަބަބަކީ ފެލޯޕިއަން ޓިއުބުގައި މައްސަލައެއް ހުރުމެވެ. ވުމާއެކު މިފަދަ ހާލަތުގައި ބަލިވެ އިނުމަށް ބޭސް ބޭނުން ކުރުމުން ރަހިމުން ބޭރުގައި ބަލިވެ އިނުމަކީ އެކަށީގެންވާ ކަމެކެވެ.

9- ވަކިވަރަކަށް ވުރެ އުމުރުން ދޮށިވުމަކީވެސް ރަހިމުން ބޭރުގައި ބަލިވެ އިނުމުގެ ފުރުޞަތު ބޮޑުވާކަމެކެވެ.

ރަހިމުން ބޭރުގައި ބަލިވެ އިންކަން އެނގޭނެ އަލާމަތްތަކަކި ކޮބާ؟

އާއްމުގޮތެއްގައި ރަހިމުން ބޭރުގައި ބަލިވެ އިންކަން އެނގޭނެ އަލާމާތްތައް ފެންނަން ފަށަނީ ބަނޑަށް 6-7 ހަފުރާ ފަހުންނެވެ. ނަމަވެސް 4 ހަފުތާގައިވެސް ބައެއް އަލާމަތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އަދި 3 މަސްވަންދެން އެއްވެސް އަލާމާތެއް ނުފެނި ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިގޮތުން ފެންނަ އަލާމާތްތައް އެއްއަންހެނަކާއި އަނެއް އަންހެނަކާއި ތަފާތެވެ. މިކަން ބިނާވެގެން އޮންނަނީ ދިރިފުޅަށްވީ ދުވަހަކާއި ދަރިފުޅު ރއހިމުން ބޭރުގައި އޮތް ތަނެއްގެ މައްޗަށެވެ. ކޮނމެފަދަ ހާލަތެއްގައި ކޮންމެ ގޮތަކަށް މީގެ އަލާމާތްތައް ފެނުނު ކަމުގައިވީނަމަވެސް މިއީ މާބަނޑު މީހުންގެ ކުއްލި ހާލަތެކެވެ. ވީމާ ފުރާނައަށް ނުރައްކާ ވުމުގެ ކުރިން ޔަގީންކޮށް ފަރުވާ ހޯދަން ޖެހޭނެއެވެ.

ތިރީގައިއެވާ އަލާމާތްތަކުންކުރެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ވީއެންމެ އަވަހަކަށް ހޮސްޕިޓަލަށް ދާށެވެ.

1- ބަނޑުގައި ނުވަތަ ދަށްބަނޑުގައި ރިއްސުން.

މިގޮތުން ރިއްސާއިރު ރިއްސާނީ ކުއްލިއަކަށް މެދު ނުކެޑި ވަރަށް ބޮޑަށެވެ. ނަމަވެސް ކުރީކޮޅު އާދައިގެ ވަރަކަށް މެދުކެޑެމުން ތަދުވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ރިއްސާއިރު ރިއްސާނީ އާއްމު ގޮތެއްގައި ބަނޑުގެ އެއްފަރާތުގައެވެ. ނަމަވެސް ބަނޑުގެ އެކި ހިސާބުތަކުގައި ރިއްސުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި ބައެއްފަހަރު ހަމައެކަނި ހޮޑުލެވޭއިރު ބަނޑުގައި ތަދު ވުމަކީވެސް އެކަށީގެންވަ ކަމެކެވެ.

2- ކުރިމަތިފަރާތުން ލޭއައުން.

މިގޮތުން އަންނަ ލޭ ބަލިވެއިންކަން ނޭގެނިސް އައުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި މައްސަރުކަންތައް ދިމާވީ ކަމުގައި ހީވުމަކީ ވެދާނެ ކަމެކެވެ. ލޭގެ ކުލަ ހުންނާނީ ރަތް ކުލައަށް ނުވަތަ މުށި ކުލައަށެވެ. ލޭ މެދުކެދިގެން ނުވަތަ މެދު ނުކެޑިވެސް އަތުވެދާނެއެވެ. ގިނައިން އަދި މަދުންވެސް އަތުވެދާނެއެވެ

3- މަސައްކަތެއް ކުރުމުން ބޮޑުވާ ތަދެއް ހުރުން.

މިގޮތަށް ތަދުވާއިރު ހޮޑުލެވޭއިރު، ކެއްސާއިރު ނުވަތަ ބޮޑުކަމުދާއިރު ތަދު ބޮޑުވަމުން ދިޔުމަކީ ވަރަސް އެކަށީގެންވާ ކަމެކެވެ.

4- ކޮޑުގައި ރިއްސުން.

ބަނޑުގައި ރިއްސުމާއި ކުރިމަތި ފަރާތުން ލޭއައުމަކީ ވަރަށް ގިނަ ބަލިތަކާއި އެކު ފެނިދާނެ އަލާތް ތަކެކެވެ. ނަމަވެއް ކޮޑުގައި ރިއްސުމަކީ ރަހިމުން ބޭރުގައި ބަލިވެއިން ކަމުގެ ރަތް އަލާމާތެކެވެ. ކޮޑުގައި ރިއްސަން ދިމާވަނީ ރަހިމުންބޭރުގައި ދަރި އުފެދޭތަން ފަޅައިގެން ދިއުމުގެ ސަބަބުން އަތެރެހަށްޓަށް ލޭ ފޭދުމުގެ ސަބަބުންނެވެ. އެއީ މިލެއިން ކޮޑުން ތަދު އުފުލާ ނާރުތަކަށް ގެއްލުން ވުމުގެ ސަބަބުންނެވެ.

5- އަދި ފެލޯޕިއަން ޓިއުބު ފަޅައިގެން ގޮސްފިނަމަ ޝޮކުގެ އަލާމާތްތައް ފެންނަން ފަށާނެއެވެ. އޭގެތރޭގައި ލޭގެ ވިންދު ދަށްވުމާއި ހަންގަޑު ފިނިވުމާއި ބޯއެބުރުމާއި އަބުރައިގަތުން ހިމެނެއެވެ. މިގޮތަށް މެދުވެރިވެއްޖެ ނަމަ އެންމެ ގާތުގައި އޮތް ފޯނަކުން އަވަހަށް އެމްބިއުލާންސްއަށް ގުޅާށެވެ. އަންމެ ސިކުންތުފަޅިއެއްވެސް ލަސް ނުކުރާށެވެ. މިއީ މާބަނޑު މީހުންނަށް ދިމާވާ އެންމެ ނުރައްކާތެރި އެއް ކުއްލި ހާލަތެވެ.

ބަލިޖެހިފައިތޯ ބަލައި ދެނެގަންނާނީ ކިހިނެއް؟

އިސްވެދިޔަ އަލާމާތްތަކުގެ ތެރެއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކުޓަރަކަށް ދެއްކުމަށް ފަހު ޔަގީން ކުރުމުގެ ގޮތުން ބަލިޖެހިފައި ހުރިތޯ ބަލައި ދެނެގަންނާށެވެ.މިގޮތުން ކުރެވިދާނެ ކަންތަކަކީ:-

1- ލޭޓެސްޓުކުރުން. އެއީ ލޭގައި އެޗްސީޖީ ހޯމޯން ހުރިވަރު ބެލުމަށެވެ. މިގޮތުން ބަލާބެލުމުގައި ބަލިވެ އިންކަން ޔަގީންވާ ވަރަށް މިހޯމޯންގެ މިންވަރު މަތިކޮށް ހުރުމާއެކު ބަނޑަށްވީ ދުވަހާއި އަޅާބަލާއިރު ހޯމޯން ހުރިމިންވަރު ދަށްނަމަ އެއީ ރަހިމުން ބޭރުގައި ބަލިވެ އިނުމުގެ ސަބަބުން ދިމާވި ކަމެއްކަމުގައި ވެދާނެއެވެ. ނަމަވެސް ތަދުނުވާނަމަ އިތުރު ސުވާލު އުފެދެއެވެ. ވުމާއެކު ދެދުވަސް ނުވަތަ ތިންދުވަސް ފަހުން ދެވަނަ ޓެސްޓެއް ކުރުން ރަނގަޅުވާނެއެވެ. ދެވަނަ ޓެސްޓުގެ ނަތީޖާއަކީ ކުރީ ޓެސްޓުގެވެސް ނަތީޖާނަމަ އެއްގޮތަކީ އެއީ ރަހިމުން ބޭރުގައި ބަލިވެއިން ކަމުގައި ވުމެވެ. އަނެއްގޮތަކީ ދަރިފުޅު މަރުވެފައި އޮތުމެވެ.

2- ފަރުޖު ބެލުން. ފަރުޖު އިނގިލި ލައްވައިގެން ބަލާއިރު ފަރުޖަށާއި ވަށައިގެންވާ ހިސާބުތަކަށް ތަދުވާނަމަ ނުވަތަ ގޮށެއް ނުވަތަ ހަރުއެއްޗެއް އިހުސާސް ކުރެވޭނަމަ ނުވަތަ ފެލޯޕިއަން ޓިއުބު ފަލަވެ ބޮޑުވެފައިވާނަމަ ރަހިމުން ބޭރުގައި ބަލިވެއިނީކަން ގާތްގަޑަކަށް ޔަގިންވީއެވެ.

3- ސްކޭން ކުރުން. ސްކޭނުން ދަރިފުޅު ފެލޯޕިއަން ޓިއުބުގައި ދަރިފުޅު އޮތްތަން ފެނުނު ނަމަ ރަހިމުން ބޭރުގައި ބަލިވެ އިންކަން ޔަގީންވީއެވެ. ނަމަވެސް ގިނަފަހަރު ދަރިފުޅު އޮންނާނީ އުފެދެން ފެށާތާ ކުރީކޮޅު މަރުވެފައެވެ. ވީމާ ސްކޭނަށް ދަރިފުު ނުފެނުމަކީ އެކަށީގެންވާކެމެކެވެ. ނަމަވެސް މިފަދަ ހާލަތުގައި ދަރިފުޅު ރަހިމުން ނުފެނުމާއި އެކު ފެލޯޕިއަންޓިއުބު ދުޅަވެ ގަޑުލެއި ހުރުން ވަރަށް ގާތެވެ. ވީމާ ލޭޓެސްޓުން ރަހިމުންބޭރު ބަލިވެ އިންކަމަށް ޝައްކު ކުރެވުމަށްފަހު ސްކޭނުން އިސްވެ ދެންނެވުނު ނަތީޖާ އަންނަނަމަ އެއީ ރަހިމުން ބޭރުގައި ބަލިވެ އިން ކަމުގައި ބެލެވޭނެއެވެ. ނަމަވެސް އިތުރަށް ޔަގީން ކުރުމުގެ ގޮތުން އިސްވެ ދެންނެވުނު ކަންތައްތައް އެއްފަހަރަށްވުރެ ގިނަފަހަރު ކުރުން ބޮޑަށް ރަނގަޅުވާނެއެވެ. އަދި ތަކުރާރުކޮށް ބަލައިގެންވެސް ޔަގީން ނުކުރެވުނު ނަމަ ލެޕްރޮސްކޯޕުން ބަލައި ޔަގީން ކުރެވޭނެއެވެ.

ރަހިމުންބޭރުގައި ބަލިވެއިނުމުން ދެވޭ ފަރުވާއަކީ ކޮބާ؟

1- ރަހިމުންބޭރުގައި ބަލިވެއިންކަން ޔަގީންވުމާއި އެކު ދަރިފުޅު ވަރަށް ކުޑަނަމަ މެތހޮތރެޝއތެ ބޭނުން ކުރެވިދާނެއެވެ. އެއީ މަސްގަޑަށް ޖަހާ އިންޖެކުޝަނެކެވެ. މިބޭސް ލޭގެތެރެއިންލާފާ ގޮސް އުފެދެންފަށާފައިވާ ކުޑަ ދަރިފުޅުގެ ހަތާތައް ބޮޑުވެ އިތުރު ވަމުން ދިޔުން ހުއްޓުވާލައެވެ. އަދި ވަގުތާއި އެކު މައިމީހާގެ ހަށިގަނޑަސް އެހަތާތައް ފޭދިގެންދެއެވެ. މިބޭހުގެ އަސަރު ކުރަން ފެށުމުން ބަނޑުގައިރިއްސުމާއި ހޮޑުލެވުމާއި ބަނޑު ދިޔައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

މިބޭސް ބޭނުން ކުރަމުންދާއިރު ޖިންސީ ގުޅުން ހިންގުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަދި މަސްތުވާ ތަކެއްޗާއި މުޅިން ދުރުހެލިވާން ޖެހޭނެއެވެ. މީގެ އިތުރުން މަލްޓިވިޓަމިން ފަދަ ފޯލިކު އެސިޑު ހުންނަ އެއްވެސް ބޭހެއް ބޭނުން ކޮށްގެން ނުވާނެއެވެ. އެއީ ފޯލިކު އެސިޑަކީ މިބޭހުގެ އަސަރު ހުއްޓުވާލާ އެއްޗެކެވެ. އަދި މިބޭސް ބޭނުން ކުރަމުންދާއިރު ދަރިފުޅު އެއްކޮށް މައިމީހާގެ ހަށިގަނޑަށް ފޭދިގެން ދިޔަކަން ޔަގީން ކުރުމަށްޓަކައި ލޭޓެސްޓު ހަދަން ޖެހޭނެއވެ. އެއީ ބައެއްފަހަރު މިބޭސް ބޭނުން ކުރިޔަސް ބާހުގެ އަސަރު ހަށިގަނޑަށް ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު ބޭސް ބޭނުން ކުރަމުންދާ ދުވަސްވަރު ގިނައެިން ލޭ އައިސް ބަނޑުގައި ގަދަޔަށް ރިއްސައި އަބުރައިގަތުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ވަގުތުން ކުއްލި ހާލަތަށް އެމްބިއުލާންސް އަށް ގުޅާށެވެ.

2- އިސްވެދިޔަ ބޭސްބޭނުން ކުރެވެން ނެތް ހާލަތެއްގައި ދެން ދަރިފުޅު ވައްޓާލަން ޖެހޭނީ އޮޕަރޭޝަން ކޮށްގެންނެވެ. ބޭސް ބޭނުންކުރުން މަނާ ބައެއް ހާލަތްތަކަކީ:- މާބޮޑަށް ރިއްސުން، މާބޮޑަށް ލޭއައުން ހާއްސަކޮށް އެތެރެ ހައްޓަށް، ގާތުން ދިނުން އަދިވެސް ބައެއް ސިއްހީ ހާލަތް ތަކުގައެވެ.

3- މައިމީހާގެ ސިއްހީ ހާލަތު ގޯސް ނުވުމާއި އެކު ދަރިފުޅު ކުޑަނަމަ އެންމެ ރަނގަޅު ގޮތަކީ ލެޕްރޮސްކޮޕިކް އޮޕަރޭޝަނެއް ކުރުމެވެ. މިއީ ބަނޑުގައި ލޯވަޅެއް ތޮރުފައިގެން ކުރާ އޮޕަރޭޝަނެކެވެ.

ނޯޓް: މައިމީހާގެ ލެޔަކީ އާރްއެޗް ނެގެޓިވް ލޭނަމަ ފަރުވާ ކުރުމަށްފަހު އާރުއެޗު އިމިއުނޯގްލޮބިއުލިން މައިމީހާއަށް ދޭން ޖެހޭނެއެވެ.

ރަހިމުންބޭރުގައި ބަލިވެއިނުމުން ފަރުވާ ކުރުމަށްފަހު ދަރިޔަކު ހޯދިދާނެތަ؟

މިފަދަމީހަކަށް ދަރިޔަކު ހޯދުމުގެ ފުރުޞަތު އޮވެއެވެ. ހާއްސަކޮށް ކުރީކޮލު ފަރުވާ ކޮށްފައިވާ ނަމައެވެ. އެއީ ކުރީކޮޅު ފަރުވާ ކުރެވިއްޖެނަމަ މާބޮޑު ގެއްލުމެއް ލިބިފައެއް ނުހުންނާނެއެވެ. އަދި ފަހުކޮޅުގައި ފަރުވާ ކުރިނަމަވެސް އެއްފުރާތު ފެލޯޕިއަން ޓިއުބު އެއްކޮށް ހަލާކުވީނަމަވެސް ދަރިއަކު ލިބުމުގެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް ބަލިވެ އިންނަން ބޭނުން ނަމަ ދުރާލާ ޑޮކުޓަރަށް ދައްކާށެވެ. އަދި ބަލިވެ އިންނަހާ އަވަހަކަށް ސްކޭން ކުރާށެވެ.

ކުރިން ރަހިމުން ބޭރުގައި ބަލިވެއިދެފައިވާ މީހަކު ދެވަނަ ފަހަރަށް ރަހިމުން ބޭރުގައި ބަލިވެ އިދެދާނެތަ؟

އާއްމުގޮތެއްގައި ކުރިން ރަހިމުން ބޭރުގައި ބަލިވެ އިދެފައިވާ މީހަކު ދެވަނަ ފަހަރަށް މިގޮތަށް ބަލިވެ އިނުމުގެ ފުރުޞަތު އޮންނަ މިންވަރަކީ %10- %15 އެވެ. މާނައަކީ ޠަބީޢީ ގޮތަށް ރަހިމުގައި ބަލިވެ އިނުމުގެ ފުރުޞަތު %85- %90 ގެ މިންވަރަށް އެބަ އޮތެވެ. ނަމަވެސް ކުރިންފަހަރު ރަހިމުން ބޭރުގައި ބަލިވެ އިނީ ފެލޯޕިއަން ޓިއުބުގެ މައްސަލައެއްގެ ސަބަބުން ނަމަ ދެވަނަފަހަރުވެސް މިގޮތަށް ބަލިވެ އިނުމުގެ ފުރުޞަތު އެހެން ހާލަތްތަކަށް ވުރެ ބޮޑުވާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.