ބުދަ20201125

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ރަހިމުން ބޭރުގައި ރަހިމުގެ ހަތާހުރުން ނުވަތަ އެންޑޯމެޓްރިއޯސިސް

ރަހިމުން ބޭރުގައި ރަހިމުގެ ހަތާހުރުން ނުވަތަ އެންޑޯމެޓްރިއޯސިސް

rahimuge-hathaa-hurun-a-49* އެންޑޯމެޓްރިއޯސިސް އަކީ ކޮބާ؟

* ކީއްވެ އަންހެނުންނަށް މިހެން ދިމާވަނީ؟

* މިބަލީގެ އަލާމާތްތަކަކީ ކޮބާ؟

* މިބަލި ހުރިކަން ބަލައި ދެނެގަންނާނީ ކިހިނެއް؟

* ފަރުވާ ކުރާނީ ކިހިނެއް؟

* ބަލިވެއިންނަން ބޭނުން މީހަކަށް ކުރެވިދާނެ ފަރުވާތަކަކީ ކޮބާ؟

* ބަލިވެއިންނަން ބޭނުންނުވާ މީހަކަށް ކުރެވިދާނެ ފަރުވާތަކަކީ ކޮބާ؟

* ފަރުވާ ކުރުމަށްފަހު ކިހާ ދުވަހެއް ވަންދެން ބަލީގެ އުދަގޫ ނުވެ ހުންނާނެތަ؟

* މިބަލީގެ އުދަގޫތަކަށް ލުއިކަން ގެނެވޭނެ ގޮތްތަކަކީ ކޮބާ؟

* މިބަލި ޖެހުނަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

އެންޑޯމެޓްރިއޯސިސް އަކީ ކޮބާ؟

ހަށިގަނޑުގެ އެތެރޭގެ އެކި ގުނަވަންތަކުގައި ހުންނަ ހަތާތަކަކީ ތަފާތު ހަތާތަކެކެވެ. އެއީ އެގުނަވަނެއްގެ ވަޒީފާއާއި ގުޅޭގޮތުގެ މަތިންނެވެ. ރަހިމުގެ އެތެރޭގައި ހުންނަ ހަތާތަކަށް ކިޔަނީ އެންޑޯމެޓްރިއަމްއެވެ. އެންޑޯމެޓްރިއޯސިސް ކިޔަނީ މިހަތާތައް ރަހިމު ނޫން ތަނެއްގައި ހުރުމަށެވެ. މިގޮތުން މިހަތާތަށް ރަހިމުން ބޭރުގައި ހުންނަ ގުނަވަން ތަކަކީ އޯވަރީ، ފެލޯޕިއަން ޓިއުބު، ހިމަ ގޮހޮރު އަދި މަސާނާއެވެ.

rahimuge-hathaa-hurun-b-49ރަތްކުލައިން ތިކި ޖައްސާފައި އެވަނީ އާއްމުގޮތެއްގައި އެންޑޯމެޓްރިއޯސިސް ހަތާތަށް ހުންނަ ތަންތަނެވެ.

އަންހެނުންނަށް މައްސަރުކަންތައް ދިމާވަނީ ރަހިމުގައި ހުންނަ އެންޑޯމެޓްރިއަމް ހަތާތަކުގެ ސަބަބުންނެވެ. މިވައްތަރު ހަތާ ރަހިމުން ބޭރު ގުނަވަނެއްގައި ހުރިނަމަ މައްސަރު ކަންތަކުގެ ދުވަސް ވަރު އެހުރި ގުނަވަނަކުންވެސް ރަހިމުން ލޭފައިބާފަދައިން ލޭ ފައިބައެވެ. ނަމަވެއް ރަހިމު ފިޔަވައި އެހެން ގުނަވަން ތަކުން ބޭރުވާ ލޭ ހަށިގަނޑުން ބޭރު ކޮށެއް ނުދެވެއެވެ. ވުމާއެކު މިގޮތުން ލޭ އަންނަ ގުނަވަންތަކުގައި ލޭބަޑި (Cyst) އުފެދުން، ހަލާކުވުން އަދި ލަކުނު ލާގޮތް މެދުވެރި ވެއެވެ. އަދި އެގުނަވަނެއްގެ ވަށައިގެންވާ ހިސާބުގައި ބޯވާގޮތްވެއެވެ. މިހެން ދިމާވާ ބައެއް އަންހެނުންނަށް އެއްވެސް އުދަގުލެއް ދިމާނުދާނެއެވެ. ނަމަވެސް ބައެއް އަންހެނުންނަށް މައްސަރު ކަންތަކުގެ ދުވަސްވަރު ވަރަށް ވޭންއެޅުމަކީ ވެދާނެކަމެކެވެ. އާއްމުގޮތެއްގައި އެކަން ބިނާވެގެންވަނީ އެންޑޯމަޓްރިއަމް ހަތާތަށް ރަހިމުން ބޭރުގައި ހުރި މިންވަރަކާއި އެހުރި ގުނަވަނަކާއި އެކަމުގެ ސަބަބުން ބޭރުވާ ލޭގެ މިންވަރާއި ލިބޭ ގެއްލުމުގެ މައްޗަށެވެ.

ވީމާ އެންޑޯމެޓްރިއޯސިސް ޖެހިފާ ތިބޭ މީހުންގެ މިބަލި 4 މިންގަޑަކަށް ބަހާލެވެއެވެ. އެއީ ކުޑަކޮށް ޖެހިފައިވާ މީހުންނާއި އާދައިގެ ވަރަކަށް ޖެހިފައިވާ މީހުންނާއި ބޮޑަށް ޖެހިފައިވާ މީހުންނާއި ވަރަށް ބޮޑަށް ޖެހިފައިވާ މީހުންނެވެ. މިގޮތަށް ޖެހިފައިވާވަރު ބަލަނީ ލެޕްރޮސްކޮޕީ ކިޔާ ބަނޑުގައި ކުޑަ ލޯވަޅެއް ތޮރުފައިގެން ކުރާ އޮޕަރޭޝަނަކުންނެވެ.

ކީއްވެ އަންހެނުންނަށް މިހެން ދިމާވަނީ؟

ބަލިވެއިނުން ލަސްވާ މިހުންގެ ތެރެއިން %25-%35 މީހުންނަކީ މިބަލި ޖެހިފައިވާ މީހުންނެވެ. ނަމަވެސް ޔަގީންކަމާއެކު މިބަލި ޖެހެނީ ކިހިނެއްވެގެންކަން އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. ބައެއް ޑޮކުޓަރުން ވިދާޅުވަނީ މިބަލި ޖެހެނީ މައްސަރުކަންތައް ޖެހޭ ދުވަސްވަރު ރަހިމުން ފައިބާ ލޭ ފަހަތަށް ނުވަތަ މައްޗަށްގޮސް ފެލޯޕިއަން ޓިއުބުގެ ތެރެއިންލާފާ ބަނޑުގެ އެތެރެއަށް ދިއުމުގެ ސަބަބުންނެވެ.

އަނެއްބައި ޑޮކުޓަރުން ގަބޫލު ކުރާގޮތުގައި ހުރިހާ އަންހެނުންގެ ރަހިމުން ފައިބާ ލެއިން ބައެއް ބަނޑުގެ އެތެރެއަށް ދެއެވެ. ނަމަވެސް މިބަލި ޖެހެނީ މިގޮތަށް ދާ ލޭއިން އެތެރެ ހަށީގެ ގުނަވަންތައް ހަށިގަނޑުގެ ދިފާއީ ނިޒާމަށް ރައްކާތެރި ކޮށް ނުދެވުމުގެ ސަބަބުންނެވެ. ދިފާއީ ނިޒާމަށް އެތެރެ ހަށީގެ ގުނަވަންތައް މި ލެއިން ރައްކާތެރި ކޮށް ދެވިއްޖެ ނަމަ މިބަލި ނުޖެހޭނެއެވެ.

އެހެން ބައެއް ޑޮކުޓަރުން ވިދާޅުވަނީ މިބަލި ޖެހެނީ ކުޑަދަރިފުޅު ރަހިމުގައި އުފެދެމުންދާ ދުވަސްވަރު މައިމީހާގެ ރަހިމުގައި ހުންނަ މިހަތާތަށް ކުޑަދަރިފުޅުގެ ބައެއް ގުނަވަންތަކާއި ގުޅުމުގެ ސަބަބުންނެވެ. ވުމާއެކު އެކުއްޖާ އުފަންވެ ބޮޑުވާއިރު މިބަލީގެ އުދަގޫތަކާއި ދިމާވަނީއެވެ.

މިބަލީގެ އަލާމާތްތަކަކީ ކޮބާ؟

މިބަލި ހުންނަ ބައެއް އަންހެނުންނަށް އެއްވެސް އަލާމާތެއް ނުފެނި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަނެއްބައި އަންހެނުންނަށް ތިރީގައި އެވާ ތިރީގައި އެވާ އަލާމާތް ތަކުން އަލާމާތެއް ނުވަތަ އަލާމާތް ތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

- މައްސަރުކަންތައް ދިމާވައިރު ވަރަށް ބޮޑަށް ރިއްސުން.

- ޖިންސީ ގުޅުން ހިންގާއިރު ތަދުވުން.- ބަލިވެއިންނައް އުދަގޫވުން.

- ދައްބަނޑާ، ބުރަކަށި ނުވަތަ އަރިކައްޓަށް މައްސަރުކަންތައް ދިމާވުމުގެ ތިންހަތަރު ދުވަސް ކުރިން ނުވަތަ ދިމާވާއިރު ރިއްސުން.

- ކުޑަކަމުދާއިރު ރިއްސުން އަދި ގިނަގިނައިން ކުޑަ ދާންޖެހިފައިވާ ކަމުގެ އިހުސާސް ކުރެވުން.

މިބަލި ހުރިކަން ބަލައި ދެނެގަންނާނީ ކިހިނެއް؟

އިސްވެދިޔަ އަލާމާތްތަކުން އަލާމާތެއް ނުވަތަ އަލާމަތް ތަކެއް ދިމާވެގެން ޑޮކުޓަރަށް ދެއްކުމުން ޑޮކުޓަރު ބަލިމީހާގެ ދައްބަނޑު ބަލައި ޗެކު ކުރާނެއެވެ. މިގޮތުން ބަލާއިރު ބަލަނީ ޠަބީޢީ ނޫން ތަދެއް ހުރިތޯއާއި އެހިސާބުގައި އެއްވެސް ގުނަވަނެއްގައި ލޭބަޑިއެއް(Cyst) އަދި ބޯވެފައި ހުރިތޯއެވެ. މިގޮތަށް ބެލުމަށްފަހު ސްކޭން ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ ލޭބަޑިއެއް ފަދަ ކަމެއް ހުރިތޯ ޔަގީން ކުރުމަށެވެ. މިގޮތަށް ބެލުމަށްފަހު އެންޑޮމެޓްރިއޯސިސް ހުރިކަމަށް ޝައްކު ކުރެވޭނަމަ ފަރުވާ ކުރުމުގެ ކުރިން ލެޕްރޮސްކޮޕީ ހަދައި ޔަގީން ކުރަންޖެހޭނެއެވެ.

ފަރުވާ ކުރާނީ ކިހިނެއް؟

މިބައްޔަށް ފަރުވާކުރެވޭ ވަރަސް ގިނަ ގޮތްތައް ހުރައެވެ. އެކަން ބިނާވެގެންވަނީ ފެންނަ އަލާމާތްތަކާއި، އުދަގޫވާ މިންވަރާއި މިހަތާތައް ހުންނަ ތަނަކާއި ހުންނަމިންވަރެއްގެ މައްޗަށެވެ. އަދި ބަލިވެއިންނަން ބޭނުންވާނަމަ ނުވަތަ ބޭނުން ނުވާނަމަ އެކަމުގެ މައްޗަށެވެ. ހަމައެގޮތަށް އުމުރަކީވެސް ފަރުވާ ކަޑައެޅުމުގައި ބަލާ ކަމެކެވެ. އެއީ ބާލިޣު ވުމަށްފަހު އުމުރުން މަތިވަމުންދާ ވަރަކަށް މިބަލި ޖެހިފައި ތިބޭ މީހުންނަށް ބަލީގެ ސަބަބުންވާ އުދަގޫ ދާނީ އިތުރު ވަމުންނެވެ. ނަމަވެއް އިއްދައިން ކެޑުމަށްފަހު ފަރުވާކުރުމަކާއި ނުލައި ބަލިން އެއްކޮށް ފަސޭހަވާނެއެވެ.

ބަލިވެއިންނަން ބޭނުން މީހަކަށް ކުރެވިދާނެ ފަރުވާތަކަކީ ކޮބާ؟

ބަލިޖެހިފައި ވަނީ ކުޑަކޮށް ނުވަތަ އާދައިގެ ވަރަކަށް ނަމަ ދެއަހަރުދުވަހުގެ ފަރުވާއަށް ފަހު ބަލިވެ އިނުމުގެ ފުރުޞަތު %30- %60 ދެމެދުގެ އަދަދެއްގެ މީހުންނަށް އޮވެއެވެ. އަދި ބޮޑަށް ޖެހިފައިވާ މީހުންނަށްވެސް މިއާއި ގާތް ކުރާ މިންވަރަކަށް ބަލިވެ އިނުމުގެ ފުރުޞަތު އޮވެއެވެ. ވަރަށް ބޮޑަށް ޖެހިފައިވާ ނަމަ ބަލިވެ އިނުމުގެ ފުރުޞަތު %30 އަށްވުރެ ތިރިވެގެންދެއެވެ.

ފަރުވާކުރެވޭ އެންމެ ރަނގަޅު ގޮތަކީ ލެޕްރޮސްކޮޕީ ހައްދާއިރު ލޭޒަރ ބޭނުން ކޮށްގެން އެނޑޯމެޓްރިއޯސިސް ހަތާތަށް ވިރުވާލުމެވެ. ނުވަތަ އޮޕަރޭޝަން ކުރުމަށް ބޭނުން ކުރާ ބައެއް ހަތިޔާރު ބޭނުން ކޮށްގެން އެ ހަތާތައް ނެގުމެވެ. މިގޮތަށް ފަރުވާ ކުރުމުން ބަލިވެ އިނުމުގެ ފުރުޞަތު %40 އަށް އޮވެއެވެ. އަދި މިފަރުވާއާއި އެކު ބޭސް ބޭނުން ކުރުމުން ބަލިވެ އިނުމުގެ ފުރުޞަތު ވަރަށް ބޮޑުވެއެވެ. މިގޮތުން ބޭސް ބޭނުން ކުރާއިރު 6 މަސްދުވަހާއި 12 މަސް ދުވަހާއިދެމެދު ބޭނުން ކުރަން ޖެހެއެވެ.

ބަލިވެއިންނަން ބޭނުންނުވާ މީހަކަށް ކުރެވިދާނެ ފަރުވާތަކަކީ ކޮބާ؟

ބަލިވެއިންނަން ބޭނުންނުވާނަމަ މިބަލީގެ އުދަގޫ ވަރަށް ބޮޑު ނުވާނަމަ ފަރުވާ ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫނެވެ. ނަމަވެސް ޗެކުކުރަމުން ދިއުން ބުއްދިވެރިއެވެ. ކިތައްމެ ބޮޑަކަށް ބަލި ޖެހިފައި ހުއްޓަސް އިއްދައިން ކެޑުމަށްފަހު ފަރުވާ ކުރުމަކާއި ނުލައި ރަނގަޅުވެއެވެ. އަދި އޯވަރީގައި ބިސް އުފެދުން ހުޓުވާލުމުންވެސް މިބަލިން ފަސޭހަވެއެވެ.

ބަލިޖެހިފައިވަނީ އާދައިގެ ވަރަކަށް ނުވަތަ ކުޑަކޮށް ނަމަ އަދި މައްސަރުކަންތަށް ފެށުމުގެ ކުރިންނާއި މައްސަރު ކަންތައް ޖެހޭ ދުވަސްވަރު ރިއްސާ ރިއްސުން ބޮޑު ނޫންނަމަ ހަމައެކަނި ތަދު ކަޑުވާ ބޭހަކުން ފުދޭނެއެވެ.

ދޭތެރެ ދުރުކުރުމަށްޓަކައި ބޭނުން ކުރާ ބޭސް ބޭނުން ކޮށްގެން އޯވަރީން ބިސް އުފެދުން ހުއްޓުވާ ލުމަކީވެސް ބަލިން ފަސޭހަވާ ކަމެކެވެ. އެއީ ބިސް އުފެދުން ހުއްޓުވާލުމުން އެނޑޯމެޓްރިއޯސިސްގެ ހަތާތަކުން ލޭ ބޭރެއް ނުވާނެއެވެ.

އަދި މީގެ އިތުރުން ބޭނުްނ ކުރެވޭ ބައެއް ބޭސް ވެސް ހުރެއެވެ. އަދި ލެޕްރޮސްކޮޕީ ވެސް ފަރުވާ ކުރުމަށްޓަކައި ބޭނުން ކުރެވިދާނެއެވެ.

ބަލީގެ އުދަގޫ ވަރަށް ބޮޑުނަމަ އަދި ވަރަށް ބޮޑަށް ބަިޖެހިފައިވާ ނަމަ އޮޕަރޭޝަން ކޮށްގެން ފެލޯޕިއަން ޓިއުބު، އޯވަރީ ނުވަތަ ރަހިމުވެސް ނަގަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ފަރުވާ ކުރުމަށްފަހު ކިހާ ދުވަހެއް ވަންދެން ބަލީގެ އުދަގޫ ނުވެ ހުންނާނެތަ؟

މިހާތަނަށް ކުރެވެމުން އަންނަ ހުރިހާ ފަރުވާ ތަކަކީވެސް އެފަރުވާއެއް ހުރުމަށްފަހު މިބަލިން އެއްކޮށް ފަސޭހަވާ ފަރުވާއެއްނޫނެވެ. އެއީ ލޭޒަރ ބޭނުންކޮށްގެން އެންޑޯމެތްރިއޯސިސް ހަތާތަށް ވިރުވިޔަސް އަދި އޮޕަރޭޝަން ކޮށްގެން ނެގިޔަސް އަލުން އެތަންތަނުގައި މި ހަތާތަށް އުފެދުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް މިބަލީގެ އުދަގޫ ބާލިޣު ވުމުގެ ކުރިން އެއްގޮތަކަށްވެސް ކުރާކަށް ނުޖެހޭނެއެވެ. އަދި އިއްދައިން ކެޑުމަށްފަހުވެސް ކުރާކަށް ނުޖެހޭނެއެވެ. އިއްދައިން ކެޑުމަށްފަހު ފަރުވާ ނުކުރިޔަސް އަމިއްލައަށް ރަނގަޅުވާނެއެވެ.

މިބަލީގެ އުދަގޫތަކަށް ލުއިކަން ގެނެވޭނެ ގޮތްތަކަކީ ކޮބާ؟

ތިރީގައި އެވަނީ މިބަލީގެ އުދަގޫތައް ކުރަން ޖެހިފައިވާ މީހަކު އެ އުދަގޫތައް ކުޑަ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެވެ.

- ތަދުވަންފެށުމުން އެދުމަތީގައި އޮށޯވެ އޮވެ އަރާމު ކުރާށެވެ.

- ހޫނުފެނުން ފެންވަރާލާށެވެ.

- ބަނޑު ހޫނުފެނުން ބޮޑިތާން ކުރާށެވެ.

- މޭވާ ތަރުކާރީ ފަދަ ފައިބަރ ގިނައިން ހުންނަ ކާނާ ކައިގެން ބަނޑު ހިކުން ކުޑަ ކުރާށެވެ.

- ތަޑުކަޑުވާ ބޭހެއް ބޭނުން ކުރާށެވެ.

މިބަލި ޖެހުނަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

މިބަލީގެ އުދަގޫތަށް ކުޑަ ކުރުމަށްޓަކައި ވަރަށް ގިނަ ފަރުވާ ކުރެވިދާނެއެވެ. ނަމަވެސް އެއްކޮށް ފަސޭހަވާ ފަރުވާއެއް ނުހުރެއެވެ. އަދި މިބަލި ޖެހުނަ ނުދިނުމަށްޓަކައި ކުރެވޭނެ ފަރުވާއެއްވެސް ނޯވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.