އާދީއްތަ20180909

އާކުރެވުނީ: 08:43:52

ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލު

viheumafahu-anna-badhalu-26* ވިހެއުމަށްފަހު ކިތައްކިލޯ ލުއިވާނެތަ؟

* ކުޑަކަމުދިއުމަށް އަންނަ ބަދަލުތަކަކީ ކޮބާ؟

* ރަހިމު ކުޑަވުމަށް ކިހާދުވަހެއް ނަގާނެތަ؟

* ވިހެއުމަށްފަހު ކުރިމަތިފަރާތުން ލޭއަންނަނީ ކީއްވެ؟

* ވިހެއުމަށްފަހު އުރަމައްޗަށް އަންނަ ބަދަލުތަކަކީ ކޮބާ؟

* ވިހެއުމަށްފަހު އިސްތަށިފޭބުން ގިނަވަނީ ކީއްވެ؟

* ވިހެއުމުން ހަންގަޑަށް އަންނަ ބަދަލުތަކަކީ ކޮބާ؟

* ވިހެއުމަށްފަހު ކުރިންހުރި ގޮތަށް ފަރުޖާއި ކުރިމަތިފަރާތް ބަދަލުވެދާނެތަ؟

* ވިހެއުމަށްފަހު މާއަވަހަށް ކަންކަމާއިމެދު ރުންކުރުވާގޮތްވަނީ ކީއްވެ؟

ވިހެއުމަށްފަހު ކިތައްކިލޯ ލުއިވާނެތަ؟

ބަލިވެއިނުމުގެ ކުރިން ހުރިވަރަށް ވިހާތަނުން ލުޔެއް ނުވާނެއެވެ. މިކަމަށް ވަގުތު ނަގާނެއެވެ. ނަމަވެސް ވިހާތަނުން ވަރަށް ބޮޑުތަން ލުއިވެގެން ދާނެއެވެ. ދަރިފުޅުގެ 3- 3.5 ކިލޯއާއި މަހުގެ 0.5- 1 ކިލޯއާއި ބޭރުވެގެންދާ ފެނާއި ލެއިން ގާތްގަޑަކަށް ކިލޯއަކާއިއެކު ޖުމުލަ ވިހާތަނުން ގާތްގަޑަކަށް 5- 5.5 ކިލޯ ލުއިވެގެންދާނެއެވެ.

ވިހާތަނުން ލުއިވެގެންދާ ގާތްގަނޑަކަށް 5 ކިލޯގެ އިތުރުން ކުރިއަށްއޮތް ދުވަސްތަކުގައިވެސް ހަށިގަނޑު ދާނީ ލުއިވަމުންނެވެ. ބަލިވެއިނުމުން ހަށިގަނޑަށް އިތުރުވެގެންދިޔަ ލެޔާއި ފެން ކުރިއަށް އޮތް ދުވަސްތަކުގައި ދާނީ މަދުވަމުންނެވެ. ވުމާއެކު ކުޑަކަމުދާއެއްޗެތި އުފައްދާވަރު އާދަޔާއި ހިލާފަށް އިތުރުވެގެންދާނެއެވެ. ގާތްގަޑަކަށް ދުވާލަކު %75 އިތުރަށް ކުޑަކަމުދާއެއްޗެތި އުފައްދާނެއެވެ. ހަށިގަނޑަށް އިތުރުވެފައިވާ ފެންމަދު ކުރުމަށެވެ. ވިހެއުމަށްފަހު ގިނަގިނައިން ކުޑަކަމުދާން ޖެހެނީ މިހެން ވުމުގެ ސަބަބުންނެވެ. ވުމާއެކު ވިހެއުމަށްފަހު ފުރަތަމަ ހަފުތާގެ ތެރޭގައި ގާތްގަޑަކަށް އިތުރު ގާތްގަޑަކަށް 1.5-2  ކިލޯ ލުއިވެގެންދާނެއެވެ. ނަމަވެސް މިމިންވަރު އެކިމީހުންގެ ވަރަށް ބޮޑަށް ތަފާތުވެދާނެއެވެ. މިކަން ބިނާވެގެންވަނީ ބަލިވެއިނުމުން ހަށިގަނޑަށް އިތުރުވި ދިޔާއެއްޗެތީގެ މިންވަރަށެވެ.

ކުޑަކަމުދިއުމަށް އަންނަ ބަދަލުތަކަކީ ކޮބާ؟

ވިހެއުމަށްފަހު ފުރަތަމަ ދެތިން ދުވަހަކު ކުޑަކަމުދާން ޖެހޭ ކަމުގެ އިހުސާސް ނުކުރެވުމަކީ ނުވަތަ އިހުސާސް ކުޑަވުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް ތަފާތު އާލަތްތައް ބޭނުންކޮށްގެން ވިހެއިނަމައެވެ. އެއީ މިފަދަ ހާލަތުގައި މަސާނާގެ އިހުސާސްތައް ކުޑަވާނެއެވެ. މަސާނާގެ ނާރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުންނެވެ. ނަމަވެސް ބަލިވެއިނުމުން ހަށިގަނޑަށް އިތުރުވެފައިވާ ފެންތަށް ގުރުދާއިން ވަރަށް އަވަހަށް މަސާނާއަށް ބޭރުކުރަމުން ދާނެއެވެ. ވުމާއެކު ކުޑަކަމުދާން ޖެހިއްޖެކަމުގެ އިހުސާސް ނުކުރެވުނަސް އަވަސްއަވަހަށް ކުޑަކަމު ދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ގިނަގިނައިން ކުޑަކަމު ނުދާނަމަ ވަރަށް އަވަހަށް މަސާނާ ކުޑަކަމުދާ އެއްޗެތިން ފުރޭނެއެވެ. އަދި ފުރިބާރުވުމގެ ސަބަބުން މަސާނާ ހުންނާނީ ވަރަށް ވާންވެ ދެމިފައެވެ. މިފަދަ ހާލަތުގައި ކުޑަކަމުދާން އުޅުނަސް ކުޑަކަމުދާއެއްޗެތި ބޭރުކުރަން އުދަގޫވެ ގިނަވަގުތު ނެގުމަކީ ވަރަށް ގާތް ކަމެކެވެ. އަދި ކުޑަކަމުދާ ނިޒާމުގެ ތަފާތު މައްސަލަތައް ކުރިމަތި ވުމަކީ ދުރު ކަމެއް ނޫނެވެ. އަދި މިއީ ރަހިމަށްވެސް ބާރުބޮޑުވާ ކަމެކެވެ. އެއީ ރަހިމު އިންނަނީ މަސާނާއާއި ޖެހިގެން ކަމަށް ވާތީއެވެ. ނަތީޖާއެއްގެ ގޮތުން ރަހިމަށްވާ ތަދު ކެޑުން ލަސްވެ ގިނައިން ލޭ ފައިބާން މެދުވެރިވެއެވެ.

ވިހެއުމަށްފަހު ތިންހަތަރު ގަޑިއިރު ތެރޭ ކުޑަކަމު ނުދެވިއްޖެނަމަ މަސާނާއަށް ހޮޅި ލައްވަިގެން ނަމަވެސް ކުޑަކަމުދާ އެއްޗެތި ބޭރުކުރަން ޖެހޭނެއެވެ. ވުމާއެކު ކުޑަކަމު ނުދެވޭނަމަ ނުވަތަ ކުޑަކަމުދާން އުދަގޫނަމަ ނަރުހުންގާތު ބުނެގެން ހޮޅިލައްވައިގެން ކުޑަކަމުދާއެއްޗެތި ބޭރުކުރުން ބުއްދިވެރިއެވެ. އެއީ މަސާނާ ފުރިބާރުވެއްޖެނަމަ ކުޑަކަމުދާން ވަރަށް އުދަގޫވާނެއެވެ. އަދި ބައެއްފަހަރު އެއްގޮތަކަށްވެސް ނުދެވޭނެއެވެ.

ރަހިމު ކުޑަވުމަށް ކިހާދުވަހެއް ނަގާނެތަ؟

ވިހާއިރު ރަހިމުގެ ބަރުދަން(މަހާއި ދަރިފުޅާއި ފެނާއި ނުލައި) ބަލިވެއިނުމުގެ ކުރިން ހުރިވަރަށްވުރެ 15 ގުނަ އިތުރުވާނެއެވެ. އަދި ބަލިވެއިނުމުގެ ކުރިއަށްވިރެ 500 ގުނަ އިތުރަށް އުފުލައެވެ. ވިހެއުމާއިއެކު މަދުވަގުތުކޮޅެއްގެ ތެރޭގައި މިއިން ބޮޑުބައެއް ބޭރުވެގެންދެއެވެ. އަދި ރަހިމުގެ މަސްތަކުގެ ފައިބަރތަކުން ރަހިމު ފެލައިލައި ނުވަތ ފިއްތައިލައި ރަހިމުގެ ވަރަށް ބޮޑުތަން ކުޑަކޮށްލައެވެ. މިގޮތަށް ފިއްތާ ފިއްތުމުގެ ސަބަބުން ދަށްބަޑުގައު ރިހުމެއް އުފެދިފައި ހުރެއެވެ. ވިހެއުމަށްފަހު ދަށްބަދުގައި ދުވަސްކޮޅެއްވަންދެން ރިއްސައިފައި ހުންނަ ރިއްސުމަކީ މިކަމުގެ ސަބަބުންވާ ކަމެކެވެ.

ވިހެއުމަށްފަހު ކުރީކޮޅުގައި ރަހިމުގެ މަތި ދަށްބަނދުގައި އަތްޖައްސައިގެން ފާހަގަ ކުރެވޭނެއެވެ. ނަމަވެސް ވިހާއިރު ރަހިމުގެ ބަރުދަނުގައި ގާތްގަޑަކަށް އެއްކިލޯހުނައިރު ހަފުތާއެއްގެ ތެރޭގައި ބަރުދަން ބައިކިލޯއަށް ލުއިވެގެންދާނެއެވެ. އަދި ދެހަފުތާވާއިރު ގާތްގަޑަކަށް 300 ގުރާމަށް ލުއިވެގެންދެއެވެ. 4-6 ހަފިތާގެ ތެރޭގައި ބަލިވެއިނުމުގެ ކުރިން ހުންނަވަރު ގާތްގަޑަކަށް 70 ގުރާމަށް ލުއިވެގެންދެއެވެ.

ވިހެއުމަށްފަހު ކުރިމަތިފަރާތުން ލޭއަންނަނީ ކީއްވެ؟

ވިހެއުމަށްފަހު ރަހިމުގެ އެތެރެފާރުގައި އުފެދިފައި ހުންނަ ހަތާތައް ފައިބައިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ރަހިމުގެ އެތެރެ އޮންނަނީ ރޯފާރު އުފެދިފައެވެ. އަދި މިތަނުން ލެޔާއި ދިޔާއެއްޗެތި ފައިބައެވެ. މިގޮތުނވ ފައިބާ ލެޔާއި ދިޔާ އެއްޗިއްސަށް ކިޔަނީ ލޮކިއާ (Lochia)އެވެ. ފުރަތަމަ ހަތަރުވަރަކަށް ފުވަހު ލޮކިއާގެ ގޮތުގައި ތަންކޮޅެއް ގިނައިން ލެއިފައިބާނެއެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ލެއިފައިބާ މިންވަރު ދާނީ މަދުވަމުންނެވެ. ވުމާއެކު ލޮކިއާގެ ކުލަވެސް ރަތްކުލައިން ފަޑުވަމުންގޮސް ހުދުކުލައަށް ނުވަތަ ރީދޫ ކުލައަށް ބަދަލުވެގެން ދާނެއެވެ. އަދި ލޮކިއާ ފައިބާ މިންވަރުވެސް މަދުވަމުންގޮސް އެއްކޮށް ފެއިބުން ހުއްޓޭނެއެވެ.

ވިހެއުމަށްފަހު އުރަމައްޗަށް އަންނަ ބަދަލުތަކަކީ ކޮބާ؟

ވިހެއުމަށްފަހު ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލާއިއެކު އުރަމަތިން ކިރު އުފައްދަން ފަށައެވެ. މިގޮތުން ފުރަތަމަ ހަތަރު ފަސްދުވަސް ނުވަތަ ހަފުތާއެއް ވަންދެން ބޭރުވަނީ އޮލަކަން ގަދަ ރީދޫ ކިރެކެވެ. މިއީ ވިހެއުމުގެ ކުރިން މާބަނޑު ދުވަސްވަރު އުފެދިފައިހުންނަ ކިރެކެވެ. ހަފުތާއަކަށްފަހު ދެން އުފެދޭ ކިރުގެ ކުލަ ހުދުކުލައަށް ބަދަލުވެއެވެ. ކިރުއުފެދެނީ ހަށިގަނޑުގައި ހުންނަ ހޯމޯނެއްކަމުގައިވާ ޕްރޮލެކްޓިންގެ ސަބަބުންނެވެ. ކިރުބޭރުކުރަނީ އޮކްސިޓޯސިން ކިޔާ ހޯމޯނެއްގެ ސަބަބުންނެވެ. ދަރިފުޅުގެ ތުންފަތް މައިމީހާގެ ވަށްގަނޑުގައި ޖެހުމާއެކު މިދެހޯމޯން ހަށިގަނޑުގައި އުފައްދާ މިންވަރު އިތުރުވެގެން ދެއެވެ. ވުމާއެކު ގިނައިން ގާތުން ޖައްސާވަރަކަށް ކިރު އުފެދޭމިންވަރު އިތުރުވާނެއެވެ.

ބައެއްފަހަރު ކުރީކޮޅުގައި ގާތުން ޖައްސާއިރު ބަނޑުގައި ކޮއްމެސްވަރަކަށް ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އޮކްސިޓޯސިން ހޯމޯންގެ ސަބަބުންނެވެ. ވިހެއުމަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި އުރަމަތި ވަރަށްބޮޑަށް ބޮޑުވާނެއެވެ. އުރަމަތީގައި ކިރު އުފެދެން ފެށުމުގެ ސަބަބުންނެވެ. އަދި ތަންތަންކޮޅުގައި ހަރުވެ ރިއްސުމަކީވެސް ވެދާނެ ކަމެކެވެ. ގިނަފަހަރު އުރަމަތި ފުއްޕައި ރިއްސާން މެދުވެރިވަނީ ކިރު އުފެދޭވަރަށް ބޭރު ނުކުރެވުމުގެ ސަބަބުން އުރަމަތި ފުރި ބާރުވެގެންނެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ގިނަގިނައިން ގާތުން ދިނުމެވެ. މިކަމުންވެސް ރަނގަޅު ނުވާނަމަ ކިރުފެލައި އުރަމަތީގައި ގިނަވެފައި ހުންނަ ކިރު މަދު ކުރަން ޖެހޭނެއެވެ.

ގާތުން ނުޖެއްސިނަމަވެސް އުރަމަތީގައި ކިރު އުފެދޭނެއެވެ. އަދި ކިރު ނުފެލާނަމަ އުރަމަތީގައި ކިރުއުފެދި ބާރުވެ ދުޅަވާނެއެވެ. މިގޮތަށް ދުވަސްކޮޅެއްވަންދެން ހުންނާނެއެވެ. އެއަށްފަހު ގާތުން ނުޖައްސާނަމަ ކިރުއުފެދުން މަޑުމަޑުން މަދުވަމުންގސް ކިރު އުފެދުން ހުއްޓޭނެއެވެ. ނަމަވެސް ކިރުފެލާނަމަ އަދި ވަށްގަޑުގައި ބީހޭނަމަ ކިރުއުފެދުން ދިގުދެމިގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ. އެއީ މިފަދަ ހާލަތުގައި ހަށީގަނޑުގައި ޕްރޮލެކްޓިން ހޯމޯން އުފައްދާމިންވަރު އިތުރު ވާނެއެވެ.

ވިހެއުމަށްފަހު އިސްތަށިފޭބުން ގިނަވަނީ ކީއްވެ؟

މާބަނޑުދުވަސްވަރު އިސްތަށިގަނޑު ވަރުގަދަވާ ބައެއް މައިން ވިހެއުމަށް އިސްތަށިފައިބާ މިންވަރު އިތުރުވުމަކީ ވެދާނެ ކެމެކެވެ. އާއްމުގޮތެއްގައި ގިނައިން މިހެން ދިމާވަނީ ފުރަތަމަ ދަރިފުޅު ވިހެއުމަށްފަހު ފުރަތަމަ 4 މަހުގެ ތެރޭގައެވެ. ހާސް ނުވާށެވެ. ތަލައެއް ނުވާނެއެވެ. މިހެންވަނީ މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް އިތުރުވެގެންދާ އެސްޓްރޯޖިން ހޯމޯންގެ ސަބަބުން އެދުވަސްވަރު ފައިބާ އިސްތަށި މަދުވުމުގެ ސަބަބުންނެވެ. އަދި ވިހެއުމަށްފަހު މިހޯމޯން ކުއްލިއަކަށް ހަށިގަނޑުން ވަރަށް ބޮޑަށް މަދުވުމުން ވިހެއުމަށްފަހު ފައިބާ އިސްތަށި ގިނަވަނީއެވެ. މިހެން ފައިބާ އިސްތަށީގެ ބަދަލުގައި އަލުން އިސްތަށި ފަޅާނެއެވެ. އަދި އަހަރެއްހައި ދުވަހުގެ ތެރޭގައި މިކަންތައް މުޅިން ހަމައަކަށް އެޅޭނެއެވެ.

މިއާއި އިދިކޮޅަށް މާބަނޑު ދުވަސްވަރު މޫނާއި ހަށިގަނޑުގައި އިސްތަށި ގިނައިން ފަޅާމީހުންގެ މިކަންތައް ވިހެއުމުށްފަހު ރަނގަޅުވާނެއެވެ. ބައެއްމައިންނަށް މާބަނޑު ދުވަސްވަރު މިހެންދިމާވަނީ ހަށިގަނޑުގައި އިތުރުވާ އެންޑްރޯޖިން ހޯމޯންގެ ސަބަބުންނެވެ.

ވިހެއުމުން ހަންގަޑަށް އަންނަ ބަދަލުތަކަކީ ކޮބާ؟

ހަށިގަނޑުގެ ހޯމޯންތަކަށް އަންނަބަދަލާއި ނުތަނަވަސްކަމާއި ވަރުބަލިކަމުގެ ސަބަބުން މައިމީހާގެ ހަނަގަޑަށްވެސް ތަފާތު ބަދަލުތައް އައުމަކީ ވެދާނެކަމެކެވެ. ހަނގަނޑު ދޮންވެ އަލިވާ ބައެއް މައިންގެ ހަންގަނޑު ވިހެއުމަށްފަހު ހިސާބަކަށް އަދިރި ވުމަކީ ވެދާނެ ކަމެކެވެ. ހަމައެފަދައިން މާބަނޑު ދުވަސްވަރު ބައެއް އަންހެނުންގެ ހަށިގަނޑުގައި ގިނައިން ބިހި އޮށާޅަ ނެގުމަކީ ދިމާވާ ކަމެކެވެ. ވިހެއުމަށްފަހު މިކަން ވަރަށް ބޮޑަށް ރަނގަޅުވާނެއެވެ. ހާއްސަކޮށް މިކަން ފުރަތަމަ ފަހަރަށް ދިމާވާ މައިންނަށެވެ.

މާބަނޑު ދުވަސްވަރު ތުންފަތާއި، ނޭފަތާއި، ކޮލާއި އަދި ނިއްކުރީގައި ކަޅު ނުވަތަ އަދިރި ލަފު އުފެދޭ މައިން ވިހެއުމަށްފަހު މިކަން މަޑުމަޑުން ތިންހަތަރު މަހުގެ ތެރޭގައި ފޭދި އެއްކޮށް ރަނގަޅު ވާނެއެވެ. ހާއްސަކޮށް އަވިން ދުރުވިވަރަކަށް މިކަން ރަނގަޅުވުން އަވަސްވާނެއެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ހަންގަނޑަށް ބާރުވުމުގެ ސަބަބުން ހަންގަޑު ދެމި އުފެދިފައި ހުންނަ ތަންތަން ވިހެއުމަށްފަހު އެއްކޮށް ރަނގަޅެއް ނުވާނެއެވެ.

ވިހެއުމަށްފަހު ކުރިންހުރި ގޮތަށް ފަރުޖާއި ކުރިމަތިފަރާތް ބަދަލުވެދާނެތަ؟

ވިހެއުމަށްފަހު ފަރުޖުގެ އެތެރެ ކުރިން ހުރިވަރަށް ވުރެ އަބަދުވެސް ބޮޑުވާނެއެވެ. ތެދެކެވެ. ވިހެއުމަށްފަހު ފަރުޖު ހުންނާނީ ދުޅަވެ ނޫފައިގެންފައެވެ. މިކަންތައް މަޑުމަޑުންދާނީ ރަނގަޅުވަމުންނެވެ. އަދި ފަރުޖުގެ ވަށައިގެންވާ މަސްތަކުގެ ބާރުވެސް ހުންނާނީ ކުޑަވެފައެވެ. މިކަންތައްތައް މަދު ހަފުތާތަކެއްގެ ތެރޭގައި ރަނގަޅުވާނެއެވެ.

ވިހެއުމުގެތެރޭގައި ކުރިމަތިފަރާތް ވީދައިގެންދިޔަނަމަ ނުވަތަ ކަފައިލަން ޖެހުނުނަމަ އުފެދިފައި ހުންނަ ފާރުގަނޑު ރަނގަޅުވާން ދުވަސް ނަގާނެއެވެ. ވުމާއެކު ވިހެއުމަށްފަހު މަދުވެގެން 6 ހަފުތާނުވަނީސް ޖިންސީ ގުޅުން ހިންގުމަކީ މިފަދަ ހާލަތުގައި ރަނގަޅު ކަމެއް ނޫނެވެ. އަދި ޖިންސީ ގުޅުންހިންގާއިރު ކުރިމަތިފަރާތަށް ތަދުވުމަކީ ވަރަށް ގާތް ކަމެކެވެ.

ޖިންސީގުޅުން ހިންގާއިރު ފަރުޖުގައި ތެތްކަން އުފެދުންވެސް ކުރިއާއި އަޅާބަލާއިރު ވިހެއުމަށްފަހު ކުޑަވާނެއެވެ. މިހެންވަނީ އެސްޓްރޯޖިން ހޯމޯން ހަށިގަނދުން މަދުވުމުގެ ސަބަބުންނެވެ. އަދި ހާއްސަކޮށް ގާތުންދޭ މައިންނަށް މިކަންދިމާވާލެއް ބޮޑުވާނެއެވެ. އެއީ ގާތުންދޭއިރު ގިނައިން އުފެދޭ ހޯމޯނެއްކަމުގައިވާ ޕްރޮލެކްޓިން ހޯމޯނަކީ އެސްޓްރޯޖިން ހޯމޯން އިތުރަށް ހަށިގަނޑުން މަދުކުރާ ހޯމޯނެކެވެ. ވުމާއެކު ޖިންސީ ގުޅުން ހިންގާއިރު މިކަމަށް ހާއްސަ ކްރީމެއް ނުވަތަ ޖެލްއެއް ބޭނުން ކުރެވިދާނެއެވެ.

ވިހެއުމަށްފަހު މާއަވަހަށް ކަންކަމާއިމެދު ރުންކުރުވާގޮތްވަނީ ކީއްވެ؟

މިއީ އާއްމުގޮތެއްގައި ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ކުއްލި ބަދަލާއި ގުޅިގެން ދިމާވާ ކަމެކެވެ. އަދި ވިހެހުމުގައި އަޅަންޖެހޭވޭނާއި ވިހެއުމަށްފަހު އިތުރުވެގެންދާ މަސްއޫލިއްޔަތު ތަކަކީވެސް މިހެން ދިމާވުމަށް މެދުވެރިވާ ސަބަބުތަކެކެވެ. ކޮންމަ ސަބަބަކާއި ހުރެނަމަވެސް ވިހެއުމަށްފަހު އަވަހަށް ރުންކުރު ވުމަކީ މަދުނޫން މައިންނަށް ދިމާވާ ކަމެކެވެ. އަދި މިއީ އިތުރަށް ގޯސްވަމުންދާ ކަމެއްނަމަ ފަރުވާން ކުރަން ޖެހިދާނެ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.