ބުރާސްފަތި20201119

އާކުރެވުނީ: 08:43:52

ވިހެއުމުގެ އަލާމާތްތައް

viheumuge-alaamatha-97* ވިހާނީ ކޮންއިރަކުންކަން އެނގޭނެ އެއްވެސް އަލާމާތެއް ހުރޭތަ؟

* ވިހެއުމުގެ މަރުހަލާތައް ފެށިއްޖެކަން އެނގޭނީ ކިހިނެއް؟

* ވިހަން ހޮސްޕިޓަލަށް ދާނީ ނުވަތަ ފޫޅުމަޔަށް ގުޅާނީ ކޮންއިރަކުން؟

ވިހާނީ ކޮންއިރަކުންކަން އެނގޭނެ އެއްވެސް އަލާމާތެއް ހުރޭތަ؟

ނޫނެކެވެ. ކަޑައެޅިގެން މިވެނިއަލާމާތަކާއި ގުޅިގެން ވިހަންފަށާނެއެކޭ ބުނާކަށް ނޭގެއެވެ.

އަދި މިވެނި ގަދިއަކު ވިހާނެއޭ ބުނާކަށްވެސް ނޭގޭނެއެވެ. އާއްމުގޮތެއްގައި ވިހެއުމުގެ މަހެއްހާ ދުވަސްކުރިން ދަރިފުޅު ދާނީ ދުނިޔެއަށް އައުމަށް ތައްޔާރު ވަމުންނެވެ. ގިނަފަހަރު މީގެ އެއްވެސް ހިލަމެއް މައިމީހާއަކަށް ނުވާނެއެވެ. ނަމަވެސް ބައެއްމައިންނަށް ކުރިންދިމާނުވާ ބައެއް އަލާމާތްތައް ފެނުމަކީ ވެދާނެ ކަމެކެވެ. ތިރީގައި އެވަނީ ވިހަން ގާތްވުމުން ފެންނަ ބައެއް އަލާމާތްތަކެވެ.

- ދަރިފުޅު ތިރިއަށް ޖެހެމުން ދިއުން.

ވިހެއުން ގާތްވަމުންދާ ވަރަކަށް ދަރިފުޅުދާނީ ތިރިއަށް ޖެހެމުންނެވެ. ހާއްސަކޮށް އަލަށް ބަލިވެއިންނަ މައިންގެއެވެ. ވުމާއެކު ދަށްބަނޑަށް ބަރުވާ ކަމުގެ އިހުސާސް ބޮޑުވާނެއެވެ. އަދި މޭކަށިގަނޑަށް ކުރާ ބާރުވެސް ދާނީ ކުޑަވަމުންނެވެ. އަދި ނޭވާލާވެސް ދާނީ ފަސޭހަވަމުންނެވެ.

- އަވަސްއަވަހަށް ރަހިމަށް ބާރުވެ ދޫވާމުން ދާކަމުގެ އިހުސާސް ކުރެވުން.

ވިހެއުމަށް ގާތްވެފައި ނުވިޔަސް ރަހިމަށް ދޭތެރެދޭތެރެއިން ވާންވެ ދޫވުމަކީ ފަހު ތިން މަހަށް އެޅުމަށްފަހު ވާ ކަމެކެވެ. ނަމަވެސް ވިހަން ގާތްވުމުން މިކަންދާނީ ކުރިއަށްވުރަ އަވަސްއަވަހަށް ވަމުންނެވެ. އަދި ދުވަސް ނުފުރޭނަމަ މިއީ ދުވަސް ނުފުރައި ވިހެއުމުގެ އަލާމާތަކަށްވެސް ވެދާނެއެވެ.

ވިހަން ގާތްވުމުން ވަރަށް މައިންނަށް މިކަން ވަރަށް އަވަސް އަވަހަށް ދިމާވެއެވެ. މިގޮތުން ކޮންމެ 10-20 މިނެޓަކުން މިހެން ވެދާނެއެވެ. އަދި ނިސްބަތުން ތަދުވާ ވަރުވެއް ދާނީ ބޮޑުވަމުންނެވެ. ނަމަވެސް މިހެންވާވަރު އަވަސްނުވެ އަދި ތަދުވެސް ބޮޑު ނުވެ އަދި ވާވަގުތުވެސް ދިގުދެމިގެން ނުދާނަމަ މިއަލާމާތަށް ކިޔަނީ ދޮގުވިހެއުމުގެ އަލާމާތެވެ.

- ރަހިމުގެ ކަރު ފުޅާވާން ފެށުން.

އަވަސްއަވަހަށް ރަހިމު ވާންވެ ދޫވުމަކީ ރަހިމުގެ ކަރު ދެމި، ތުނިވެ އަދި ފުޅާވާ ކަމެކެވެ. އަދި ބޮޑަށް ހުޅުވާ ކަމެއްވެސް މެއެވެ. ކުރިން ވިހައިފައިވާނަމަ މިފަދަ ހާލަތުގައި ރަހިމުގެ ކަރު ވިހެއުމުގެ ކުރިން 1-2 ސެންޓިމީޓަރ ވަރަށް ހުޅުވިގެންދާނެއެވެ. ނަމަވެސް ބަނޑަށް 40 ހަފުތާވެ އަދި އަލަތު ކުއްޖާއަށް ބަލިވެއިދެ ރަހިމުގެ ކަރު ސެންޓިމީތަރަކަށް ހުޅުވުނަސް އެއީ ވަގުތުން ވިހާފާނެ ކަމުގެ އަލާމާތެއް ނޫނެވެ. ދުވަސް ފުރިފައިވާނަމަ ނުވަތަ ދުވަސްފުރެން ކައިރި ވެފައިވާނަމަ ޑޮކުޓަރަށް ދެއްކުމުން ރަހިމުގެ ކަރު ހުރީ ކިހާވަރަކަށް ހުޅުވިފައިތޯ ޑޮކުޓަރު އާއްމުގޮތެއްގައި ބަލާނެއެވެ.

- ހުނދު ލޮދިގަޑެއް ނުވަތަ ލޭ ކުރިމަތި ފަރާތުން ފެއިބުން.

މާބަނޑު ދުވަސްވަރު ރަހިމުގެ ކަރު ބެދިފައި އިންނަނީ ހުނދު ލޮނދިގަޑަކުން (Mucus plug) ނެވެ. ވިހަންގާތް ވުމުން ނުވަތަ ދުވަސް ފުރުމުން މި ހުނދު ލޮނދިގަޑު ފެއިބުމަކީ ވެދާނެ ކަމެކެވެ. އެއްފަހަރާ ނުވަތަ އެކިފަހަރު މަތިން ފެއިބުމަކީވެސް ވެދާނެ ކަމެކެވެ. ރަހިމުގެ ކަރު ފުޅާވަމުންދާނަމަ އާއްމުގޮތެއްގައި ފައިބާނީ އެއްފަހަރުންނެވެ. މިލޮނިގަޑާއެކު ލޭ ފެއިބުމަކީވެސް ވެދާނެކަމެކެވެ. ވުމާއެކު މީގެ ކުލަ މުށިކުލައަށް ނުވަތަ ފިޔާތޮށިކުލަ އަދި ރަތްކުލައިގައިވެސް ހުރެދާނެއެވެ. މިއިންއަލާމާތެއް ފެނިއްޖެ ނަމަ ޑޮކުޓަރަށް ދައްކަން ޖެހޭނެއެވެ. އެއީ ފަހަރުގައި މިއީ އިތުރު އެހެން ސަބަބަކާ ހުރެ ދިމާވާ ކަމަކަށްވެސް ވެދާނެއެވެ.

- ފެންދުލި ފަޅައިގެންދިއުން.

ފެންދުލި ފަޅައިގެން ދިއުމުން ކުރިމަތިފަރާތުން ފެން ފައިބާން ފަށައެވެ. ބައެއްފަހަރު އެއްފަހަރާއި ވަރަށް ގިނައިންނެވެ. އަދި ބައެއް ފަހަރު މަދުމަދުންނެވެ. ކޮންމެ ގޮތަކަށް ފެން ފެއިބި ނަމަވެސް އަވަހަށް ޑޮކުޓަރަށް ދާން ޖެހޭނެއެވެ.

އާއްމުގޮތެއްގައި ފެންދުލި ފަޅައިގެން ދިއުމުގެ ކުރިން ރަހިމު ވާންވެ ދޫވުމަކީ ވަރަށް ގިނަ މައިންނަށް ދިމާވާ ކަމެކެވެ. ނަމަވެސް ބައެއްފަހަރު މިހެން ދިމާވުމުގެ ކުރިން ފެންދުލި ފަޅައިގެންދިއުމަކީވެސް ވެދާނެކަމެކެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް ދާދި އަވަހަށް ވިހަން ފަށާނެއެވެ.

ވިހެއުމުގެ މަރުހަލާތައް ފެށިއްޖެކަން އެނގޭނީ ކިހިނެއް؟

މިއީ ފަސޭހަކަމެއް ނޫނެވެ. އެއީ ވަރަށްގިނަ ފަހަރު ވިހަން ފެށުމުގެ މާކުރިއްސުރެ ރަހިމު ވާންވެ ދޫވުމާއި ތަދުވުމާއި އަދި މިނޫން ބައެއް އަލާމާތްތައްވެސް ފެންނަން ފަށައެވެ. ނަމަވެސް ރަހިމަށް ވާންވެ ދޫވުން ހިގަމުންދާވަރު އަވަސްވެ އެހެންވެފައި ހުންނަ ވަގުތު ދިގުލަމުންދާނަމަ އަދި ރިހުން ފަހަރެއް ފަހަރަކަށްވުރެ ބޮޑުވަމުންދާނަމަ އާއްމުގޮތެއްގައި އެއީ ވިހަން ވަރަށް ގާތްވީއެވެ. ނަމަވެސް އެކިމައިންނަށް މިކަންދިމާވާ ގޮތާއި މިންވަރުވެސް ތަފާތެވެ.

ވިހަން ހޮސްޕިޓަލަށް ދާނީ ނުވަތަ ފޫޅުމަޔަށް ގުޅާނީ ކޮންއިރަކުން؟

ދުވަސްފުރެން ކައިރިވުމުން ރަހިމަށް އަންނަ ބަދަލުތަކާއި ރިއްސާ ރިއްސުމާ ބެހޭ މައުލޫމާތު ޑޮކުޓަރަށް ދެމުން ގެންދަން ޖެހޭނެއެވެ. އެއީ އެކިމީހުންގެ ރިއްސާ ރިއްސުމާއި ރަހިމަށް އަންނަ ބަދަލު ތަފާތުވާތީ ކޮންމެ މީހަކުވެސް ގަވައިދުން ދައްކަމުންދާ ޑޮކުޓަރަކަށް އެއީ ވިހަން ކައިރި ވުމުން އަންނަ ބަދަލެއްކަން ނުވަތަ ނޫން ކަން ފާހަގަ ކުރަން ފަސޭހަވާނެއެވެ. އެންމެންގެ އެއްގޮތަކަށް ދިމާނުވާތީއެވެ.

ނުރައްކަލެއް ނެތްނަމަ ނުވަތަ އިތުރު އުދަގުލެއް ނުވާ މައިން ވަރަށް އަވަސް އަވަހަށް ރަހިމު ވާންވެ ދޫވުން ނުއުފެދެނިސް ނުވަތަ ވަރަށް ބޮޑަށް ނުރިއްސަނިސް ކޮންމެހެން ދާކަށް ނުޖެހެއެވެ. މިސާލަކަށް ގަޑިއެއްގެ އިރުވަންދެން ކޮންމެ ފަސް މިނެޓަކުން ފަސްމިނެޓަކުން މިހެން ވަމުންދާނަމ އަވަހަށް ހޮސްޕިތަލަށް ދާންވީއެވެ.

ފެންނަ އަލާމާތްތަށް ރަނގަޅަށް ބުނެދޭން ނޭގޭނަމަ އެކަން ޑޮކުޓަރަށް ބަޔާންކުރަން ޖެހިލުން ނުވާށެވެ. މިފަދަ ހާލަތުގައި ކަންތައް ކުރަންވީގޮތް ޑޮކުޓަރު ކިޔާދޭނެއެވެ. އަދި ޑޮކުޓަރުގެ އެހީއާއިއެކު ވަމުންދާގޮތް ރަނގަޅަށް ދެނެގަންނަން ވެސް ފަސޭހަވާނެއެވެ. އެއްގޮތަކަށްވެސް ލަދުން ބުނަން ނުކެރިގެން ނުހުންނާށެވެ. މިއީ ޑޮކުޓަރުންގެ ވަޒީފާއެވެ.

ކޮންމެފަދަ ހާލަތެއްގައި ނަމަވެސް ތިރީގައިއެވާ އަލާމާތްތަކުން އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ހޮސްޕިޓަލަށް ދާށެވެ.

- ފެންދުލި ފަޅައިގެން ދިއުން ނުވަތަ ނުވަތަ ފައިބާ ފެނަކީ ރަހިމުން ފައިބާ ފެންކަމަށް ޝައްކު ކުރެވުން.

- ދަރިފުޅުގެ ހަރަކާތްތައް މަދުކަމަށް ފާހަގަ ކުރެވުން.

- ކުރިމަތިފަރާތުން ލޭ ފެއިބުން، ހުންއައުން، ވަރަށް ބޮޑަށް ބޮލުގައި ރިއްސުން، ލޮލުގެ ފެނުން ދަށްވުން ނުވަތަ ބަނޑުގައި ރިއްސުން.

- ބަނޑަށް 37 ހަފުތާނުވަނީ ގިނަގިނައިން ރަހިމަށްވާންވެ ދޫވަން ފެށުން ނުވަތަ ދުވަސް ނުފުރައި ވިހެއުމުގެ އަލާމާތެއް ފެނުން.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.