ހޮނިހިރު20201114

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ތުއްތުދަރިފުޅު އާއްމުގޮތެއްގައި ކުޑަދަރިފުޅު ރޯ ސަބަބުތައް

އާއްމުގޮތެއްގައި ކުޑަދަރިފުޅު ރޯ ސަބަބުތައް

roa-sababu-93* އާއްމުކޮށް ކުޑަދަރިފުޅު ރޯ ސަބަބުތައް.

* ދަރިފުޅު ރޮނީ ކީއްވެގެންކަން ނޭގޭނަމަ ކަންތަށް ކުރަން އެންމެ ރަނގަޅުގޮތަކީ ކޮބާ؟

ކުޑަކުދިން ރުއިމަކީ ކަންބޮޑުވާން ޖެހޭކަމެއްނޫނެވެ. މިއީ އެކުދިންނަށް ދިމާވާ ތަފާތު އުދަނގޫތައް މަންމައަށް ބުނެދެވޭ ހަމައެކަނި ގޮތެވެ. ނަމަވެސް ސުވާލަކީ ދަރިފުޅު އެރޮނީ ކޮންކަމެއް ބޭނުން ވެގެންކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟

ކުރީކޮޅުގައި މިކަން ދެނެގަތުމަކީ ފަސޭހަކަމެއްނޫނެވެ. ނަމަވެސް ދުވަސްތަކާއިއެކު ދަރިފުޅުގެ އެދުންތައް މައިމީހާ ދެނެގަތުމުގައި އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވާނެއެވެ. ދަރިފުޅުގެ ކަރުނަތަކުގެ މާނަ މައިމީހާއަށް ރަނގަޅަށް އެނގޭނެއެވެ. އަދި މިކަމުގައި އުދަގޫވާނަމަ ދަރިފުޅު އާއްމުގޮތެއްގައި ރޯސަބަބުތައް ފާހަގަކޮށް ބަލާށެވެ. ތިރީގައި އެވަނީ ދަރިފުޅު އާއްމުގޮތެއްގައި ރޯ ސަބަބުތަކެވެ.

އާއްމުކޮށް ކުޑަދަރިފުޅު ރޯ ސަބަބުތައް.

1- ބަނޑުހައިވުން.

ބަނޑުހައިވުމަކީ ކުޑަދަރިފުޅު ރޯ ސަބަބުތަކުގެ ތެރެއިން އެންމެ އާއްމު ސަބަބެވެ. މިފަދަ ހާލަތުގައި އަޑުގަދަކޮށް ރުއިމުގެ އިތުރުން އުރާލުމުން އުރަމައްޗާއި ދިމާލަށް ދަރިފުޅުގެ ބޯ އާއްމުގޮތެއްގައި ގެންދާނެއެވެ. ވުމާއެކު ދަރިފުޅު ރޯނަމަ އެންމެ ފުރަތަމަ ދަރިފުޅު ބަނޑުހައިވެފައިތޯ ނުވަތަ ނޫންތޯ ބެލުން ރަނގަޅުވާނެއެވެ. ފަހަރުގައި ދަރިފުޅަށް ބުއްދޭން ފަށާއިރަށް ދަރިފުޅު ހުއްޓައި ނުލުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ބަނޑުހައިވެގެން ރޯނަމަ ބަނޑު ފުރުމުން ރުއިން ހުއްޓާލާނެއެވެ.

2- ނެޕީ ހަޑިވުން.

ނެޕީ ބަދަލުނުކޮށް ގިނައިރުވުމުން ނެޕީތެމި ދަރިފުޅުގެ ހަންގަޑަށް އުދަގޫވާނެއެވެ. ވުމާއެކު މިފަދަ އުދަގޫވާ ހާލަތުގައި ވަރަށް ގިނަ ކުޑަކުދިން ރޯނެއެވެ. ނަމަވެސް ބައެއް ކުދިން ހީސްލެވި ގިނައިރު ވިޔަސް ނުރުއިމަކީވެސް ވެދާނެ ކަމެކެވެ. ހާއްސަކޮށް ފިނި ދުވަސްވަރުއެވެ. އެއީ ހީސްލުމުން ވާ ހޫނުގައި ދަރިފުޅަށް ފަސޭހަވާތީއެވެ.

3- މާބޮޑަށް ހޫނުވުން ނުވަތަ ފިނިވުން.

ކުޑަދަރިފުޅު ރަހިމުގައި އޮންނައިރު ރަހިމުގައި ފިނިހޫނު މިން ހުންނަނީ ދަރިފުޅުގެ ހަށިގަނޑަށް އެންމެ ބޭނުންތެރިވަރަށެވެ. ދުނިޔެއަށް އައުމަށްފަހުވެސް ދަރިފުޅު މިގޮތުގައި ފިނިހޫނުމިން ހުންނާށެވެ. ވުމާއެކު ފިނިހޫނު މިނަށް އަންނަ ބަދަލާއެކު ދަރިފުޅު ގިނައިން ރުއިމަކީ ވެދާނެ ކަމެކެވެ. ފެންވަރުވަން ދަރިފުޅުގެ ހެނދުން ބޭލުމުން ރޮނީ މިހެންވީމައެވެ. ފިނިވާތީއެވެ. އަދި ގިނަފަހަރު ރުއިން ގިނަވާނީ ހޫނުވުމަސްވުރެ ބޮޑަށް ފިނިވުމުންނެވެ.

4- އުރާލަން ބޭނުންވުން.

ކުޑަކުދިންނަށް ލޯތްބާ އަޅާލުން ވަރަށްބޮޑަށް ބޭނުންވެއެވެ. މައިންބަފައިންގެ މޫނު ފެންނަން އަބަދުވެސް ބޭނުންވެއެވެ. މަންމައާއި ބައްޕަގެ އަޑު އަހާލަން ބޭނުންވެއެވެ. އަދި މަންމައާއި ބައްޕަގެ ހިތުގެ ހިގުން އަޑުއަހަންވެސް ދަރިފުޅު ބޭނުންވެއެވެ. ހާއްސަކޮށް މައިމީހާގެ މޫނާއި އަޑާއި ހިތުގެ ހިގުމެވެ.

5- މާބޮޑަށް އުދަގޫވުން.

ކުޑަކުދިން ވަރަށްބޮޑަށް އެހެންމީހުންގެ ސަމާލުކަން ބޭނުން ވެއެވެ. ނަމަވެސް ބައެއްފަހަރު ދަރިފުޅަށްދޭ ސަމާލުކަން މާ ބޮޑުވުމަކީ ދަރިފުޅަށް އުދަގޫވާކަމެކެވެ. ވުމާއެކު ބައެއްފަހަރު މާގިނައިރު ދަރިފުޅު އުރައިގެން އުޅޭނަމަ ދަރިފުޅު ރުއިމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް މަންމަ ނުވަތަ ބައްޕަނޫން ބޭރުމީހަކު ގިނައިރު އުރައިގެން ހުންނަނަމައެވެ. އަދި ގެއިންބޭރުގައި ގިނައިރު ވުމަކީވެސް ދަރިފުޅަށް އުދަގޫވެދާނެ ކަމެކެވެ. މިނޫނަސް އާކަންތައްތައް މާގިނައިން ދަރިފުޅަށް ކުރިމަތި ވުމަކީ ދަރިފުޅަށް އުދަގޫވާ ކަމެކެވެ. ވުމާއެކު ރުއިމަކީ ކުޑަދަރިފުޅު ދެން ތިވަރުން ފުދިއްޖެއޭ ބުނުމަށްޓަކައި ދޭ މެސެޖަކަށް ވެދާނެއެވެ.

6- ބަލިވުން.

ގާތުން ދިނުމަށްފަހުވެސް ދަރިފުޅުގެ ރުއިން ނުހުއްޓުނުނަމަ ދަރިފުޅު ރޮނީ އިތުރު އުދަގުލެއް ވެގެންތޯ ބަލާށެވެ. އެކަހަލަ ކަމެއް ފެންނަން ނެތްނަމަ ދަރިފުޅުގެ ފިނިހޫނުމިން ބަލާށެވެ. ފަހަރުގައި ދަރިފުޅު ރޮނީ ހުންއައިސްގެން ނުވަތަ ބަލިވެގެންކަމަށް ވެދަނެއެވެ. އަދި ހޫނުމިން މަތިނަމަ ލަސްނުކޮށް ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ.

7- އެހެނިހެން ކަންތައްތައް.

ބައެއްފަހަރު ދަރިފުޅު ރޯސަބަބު ހޯދަން ވަރަށް އުދަގޫވެއެވެ. ހުރިހާކަމެއް ބަރާބަރަށް ރަނގަޅަށް ހުއްޓަސް ދަރިފުޅޮ ރޯތަން އާދެއެވެ. ގިނަފަހަރު މިހެންވަނީ ދަރިފުޅު ދުނިއެއަށް އައުމަށްފަހު އާ މަހައުލަށް ހޭނެން އުދަގޫވުމުގެ ސަބަބުންނެވެ. އެންމެ ފަސޭހަ ހުރިހާގޮތަކުން އެންމެ ރަނގަޅު މާހައުލު ކަމުގައިވާ ރަހިމުން އުދަގޫބޮޑު ދުނުޔެއަށް އައުމުގެ ސަބަބުންނެވެ. މިފަދަ ހާލަތުގައި ދަރިފުޅު ރޯއިރު ހިނދުކޮޅަކު ރޮއިފާނެއެވެ. އަދި އެތައްއިރެއްވަންދެން ކޮންމެ ދުވަހަކުވެސް ރޮއިފާނެއެވެ.

ދަރިފުޅު ރޮނީ ކީއްވެގެންކަން ނޭގޭނަމަ ކަންތަށް ކުރަން އެންމެ ރަނގަޅުގޮތަކީ ކޮބާ؟

1- ދަރިފުޅު އުރާލައި ގާތްކޮށްލާށެވެ.

ކުޑަކުދިން އަބަދުވެސް މައިމީހާގެ ހޫނާއި އަމާންކަން ބޭނުންވެއެވެ. މަންމަގެ އުގުން ލިބޭ އަރާމާއި އަމާންކަމެވެ. ވީމާ ކުޑަދަރިފުޅު ފޮތިގަނޑަކުން އޮޅާލައި އުރާލައި ގަޔާއި ގާތްކޮށްލުމުން ވަރަށްގިނަ ފަހަރު ހުއްޓާލާނެއެވެ. ނަމަވެސް ބައެްފަހަރު ތަންކޮޅެއް ބާރަށް ފޮތިގަނޑު އޮޅާލެވިއްޖެނަމަ ނަދިރުފުޅަށް ނުތަނަވަސްކަން އިހުސާސް ކުރެވުމަކީ ވެދާނެ ކަމެކެވެ. ކުޑަކޮށް ދޫކޮށް ފޮތިގަނޑު އޮޅާލުމަށްފަހު ދަރިފުޅު ނަގާ ކުޑަކޮށް ތަޅުވާލުމުން ހަމަޖެހިދާނެއެވެ.

2- ހިތާއި ގާތްކޮށްލާށެވެ. އަދި ނާނާ ކިޔާށެވެ.

މައިމީހާއާއި ވީހާވެސް ގާތްވުމާއި މައިމީހާގެ ހިތުގެ އަޑު އެހުމަކީ ދަރިފުޅު ވަރަށް ބޭނުންވާ ކަމެކެވެ. އަދި މައިމީހާގެ ނާނާގެ އަޑަކީ ދަރިފުޅަށް ހަމަޖެހުން ލިބޭ ކަމެކެވެ. ދރިފުޅު ރޯނަމަ މިގޮތަށް ކަންތައް ކުރުމުން ވަރަށް ގިނަފަހަރު ރުއިން ހުއްޓާލާނެއެވެ.

3- ދަރިފުޅު ތަޅުވާލާށެވެ.

ބައެއްފަހަރު ހަމައެކަނި ދަރިފުޅު އުރާލައި ކުޑަކޮށް ތަޅުވާލުމަކީ ދަރިފުޅަށް ހިތްހަމަޖެހުން ލިބި ރުއިން ހުއްޓާލާނެ ކަމެކެވެ. އަދި ބައެއްފަހަރު ދަރިފުލުގެ ކުޑައެނދު ނުވަތަ ބާއްވާފައި އޮންނަ އެއްޗެއް ލުއިލަިކޮށް ގުޑުވުމަކީވެސް ދަރިފުޅު ރުއިން ހުއްޓާލާނެ ކަމެކެވެ.

4- ދަރިފުޅުގެ ގައިގައި ފިރުމާށެވެ.

ގިނަކުދިންގެ ގައިގާ ފިރުމާ މަސާޖު ކުރުމުން ވަރަށް އުފާވެއެވެ. ވުމާއެކު މިއީ ދަރިފުޅު ރޯނަމަ ހިތްހަމަޖައްސާ ދިނުމަށް ކުރެވިދާނެ ކަމެކެވެ. ފިރުމާއިރު ކޮންމެހެން ވަކިގޮތަކަށް ފިރުމާކަށް ނުޖެހެއެވެ. ލުއިލުއިކޮށް ކޮންމެ ގޮތަކަށް ފިރުމިޔަސް ނޭގެއެވެ. ނަމަވެސް ދަރިފުޅުގެ ބަނޑާއި ބުރިކަށި ފިރުމުން ބޮޑަށް ރަނގަޅުވާނެއެވެ. އެއީ ބަނޑުގައި ގޭސްހެދިފައި ހުންނައިރު މިކަމުން ލުއިކަން ގެނެސްދޭނެތީއެވެ.

5- ދަރިފުޅު އަނގަޔަށް ލާނެ ނުވަތަ ބޯނެއެއްޗެއް ދޭށެވެ.

ދަރިފުޅު ބަނޑުހައި ނުވިޔަސް އަގަޔަށް ލާނެ އެއްޗެއް ނުވަތަ ހަފާނެ އެއްޗެއް ދިނުމަކީ ވަރަށް ގިނަފަހަރު ކުޑަދަރިފުޅު ރުއިން ހުއްޓާލާނެ ކަމެކެވެ. އަދި މިއީ ދަރިފުޅުގެ ހިތުގެ ހިނގުން ރަނގަޅުކޮށް ބަނޑަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ދަރިފުޅު ގިނައިން ރޯނަމަ ބޮޑުވާއިނގިލި ނުވަތަ އަނގަޔަށްލާނެ އެއްޗެއް ދޭށެވެ.

6- އަރާމުކޮށްލާށެވެ.

ކުޑަދރިފުޅު ގިނައިން ރުއިމަކީ މައިންނަށް ހާއްސަކޮށް އަލަތުމައިންނަށް ވަރަށް ނުތަނަވަސްކަން ލިބޭ ކަމެކެވެ. އާއްމުގޮތެއްގައި ވިހެއުމަށްފަހު ގިނަވަގުތު ނުނިދައި ހުރުމަކީ ގިނަމައިންނަށް ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ. އަދި މިއީ ދަރިފުޅުގެ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ކޮށްދިނުމަށް ދަތިވާ ކަމެއްވެސް މެއެވެ. އަދި މައިމީހާގެ ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ އަވަސް ބޮޑުބަދަލާއި އެކު މައިމީހާގެ ޠަބީއަތަށްވެސް ބޮޑެތި ބަދަލުތައް އާދެއެވެ. ރުޅިގަދަވުމާއި ރުންކުރުވުމަކީ މިފަދަ މައިންނަށް ދިމާވުން ވަރަށް ގާތް ކަމެކެވެ. މިފަދަ ދަޑިވަޅުގައި ދަރިފުޅުގެ ރުއިން ގިނަވުމުން ފިރިމީހާ ނުވަތަ ދަރިފުޅުގެ ބައްޕަވެސް ހުންނަނީ ގޮތް ހުސްވެފައެވެ. ހަދާނެގޮތެއް ނޭނގިފައެވެ.

ހާސްނުވާށެވެ. ދަރިފުޅު ހުއްޓާލެއްވުމަށް މަސައްކަތް ކުރުމަށްފަހު ދެމަފިރިން ވަރުބަލިވެއްޖެނަމަ ދަރިފުޅުގެ ރުއިން ހުއްޓުވުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމެއްނެތެވެ. މިއި މައިމީހާ އަރާމު ކުރަންވީ ވަގުތު ޖެހުނު ކަމުގެ އަލާމާތެވެ. މައިމީހާ ނުތަނަސްވެ ވަރުބަލިވެފައި ހުރެ ދަރިފުޅު ހުއްޓުވަން އުޅުނަސް ވަރަށް ގިނަފަހަރު ދަރިފުޅަށް ހިތްހަމަޖެހުން ނުލިބުމަކީ ވެދާނެ ކަމެކެވެ. ވީމާ:-

- ދަރިފުޅު ނުވެއްޓޭނެހެން ރަނގަޅު ތަނެއްގައި ބޭއްވުމަށްފަހު ރޯން ދޫކޮށްލާށެވެ.

- ތިމާގެ މީހަކަށް ނުވަތަ ރައްޓަސަކަށް ގުޅައިގެން ލަފާހޯދާށެވެ.

- ދަރިފުޅު އެހެން މީހަކާއި ހަވާލު ކުރުމަށްފަހު މައިމީހާ އިރުކޮޅަކު އަރާމު ކުރަން މަޑުކޮށްލާށެވެ.

- ދަރިފުޅަށް ނާނާއެއް ކިޔައިދޭށެވެ. ނުވަތަ މަޑުމައިތިރި ލަވައެއް ޖަހައިދޭށެވެ.

- ފުންކޮށް ނޭވައެއްލާށެވެ.

- ދަރިފުޅަށް އެއްވެސް ދެރަގޮތެއް މެދުވެރި ނުވަކަން އަމިއްލަނަފުސައް ގަބޫލު ކުރާށެވެ. ދަރިފުޅު ބޭނުންވަނީ ހަމައެކަނި ރުއިލަންކަމުގައި ވެދާނެއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.