އާދީއްތަ20180909

އާކުރެވުނީ: 08:43:52

ދަރިފުޅު އުފަންވުމަށްފަހު

dharifulhu-ufanvumaffahu-129* ދަރިފުޅު އުފަންވާ ވަގުތު

* ދަރިފުޅަށް ގާތުންދޭން ފެށޭނީ ކޮންއިރަކުން ؟

* އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގައިފިނަމަ ހަދާނީ ކިހިނެއް؟

* އުފެންވުމަށްފަހު ފުރަތަމަ ގަޑީއިރުގެ ތެރޭގައި ދަރިފުޅަށް ދެވޭ ފަރުވާތަކަކީ ކޮބާ؟

* ހޮސްޕިޓަލުން ގެއަށް ދިއުމުގެ ކުރިން ދަރިފުޅަށް ކުރަންޖެހޭ އިތުރުކަންތައްތަކަކީ ކޮބާ؟

* ދަރިފުޅުގެ އެއްވެސް ޓެސްޓެއް ކުރަން ޖެހޭނެތަ؟

* ހެޕަޓައިޓިސް ބީ ވެކުސިން ދަރިފުޅަށް ދޭން ޖެހޭނެތަ؟

* ހިތާނުކުރާނީ ކޮންއިރަކުން؟

ދަރިފުޅު އުފަންވާ ވަގުތު

ދަރިފުޅު އުފަންވާއިރު ދަރިފުޅުގެ ހަށިގަނޑުގައި ފިނިހޫނުމިން ހެއުވަރަކަށް ބެހެއްޓުމުގެ ގާބިލްކަމެއް ނުހުރެއެވެ. ވުމާއެކު ދަރިފުޅު ހޫނު ހިކި ތަނެއްގައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިތުރު އުދަގުލަލާއި ނުލައި ދަރިފުޅު ވިހެއިނަމަ އަދި ދެމައިންގެ ހާލުރަނގަޅުނަމަ ވިހެއުމަށްފަހު ވަގުތުން މައިމީހާގެ ބަނޑުމައްޗަށް ދަރިފުޅު ލުމަކީ ވަރަށް ރަނގަލު ކަމެކެވެ. އަދި ބަނޑުމަތީގައި ބާއްވައިގެން ދަރިފުޅު ސާފު ކުރާށެވެ. ދަރިފުޅު ސާފުކޮށް ނިމުމަށްފަހު ތުވާއްޔަކުން ނުވަތަ ރަޖާގަނޑަކުން ދަރިފުޅު ނިވާ ކުރާށެވެ. އަދި ދަރިފުޅުގެ ބޯވެސް ނިވާކުރުން ރަނގަޅުވާނެއެވެ. އެއީ މިގޮތަށް ނުހަދައިފިނަމަ ދަރިފުޅު ވަރަށް އަވަހަށް ފިނި ވުމަކީ އެކަށިގެންވާ ކަމެކެވެ.

ދަރިފުޅާއި މައިމީހާގެ ހަންގަނޑު ޖެހޭގޮތަށް ދަރިފުޅު ބޭއްވުމަކީ ދަރިފުޅަށް ޙުނު ލިބޭނެ ކަމެކެވެ. އަދި މިއީ މައިކުލުނު އިތުރުވާ ކަމެކެވެ. ދަރިފުޅު ރަނގަޅަށް އުރަން ނޭގުނަސް ދެރަނުވާށެވެ. އަދި ދަސްވާނެއެވެ. އަދި މިވަގުތަށް ހަމައެކަނީ ދަރިފުޅު ގައިގާ ޖައްސާލައި ގާތްކޮށްލުމުން ފުދޭނެއެވެ. ދަރިފުޅު އުރަން ދަސްކުރަން އެކަށީގެންވާ ވަރަށް ފަހުން ވަގުތު ލިބޭނެއެވެ.

ދަރިފުޅު އުފަންވުމުން ޑޮކުޓަރު ދަރިފުޅުގެ ފޫލު ދެތަނުން ބަދެލާނެއެވެ. އަދި ބަދެލި ދެތަނުގެ މެދުން ފޫލު ބުރިކޮށްލާނެއެވެ. އަދި ފޫލުން ލޭނެގުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ ދަރިފުލުގެ ލޭގެ ވައްތަރު ބެލުމަށާއި އަދި އިތުރު ޓެސްޓެއް ކުރަން ޖެހިއްޖެނަމަ އެޓެސްޓެއް ކުރުމަށެވެ.

އާއްމުގޮތެއްގައި ވިހަމުންދާއިރު ނުވަތަ ވިހެއުމަށްފަހު ވީއެންމެ އަވަހަކަށް ދަރިފުޅުގެ އަނގަޔާއި ނޭފަތުން އަދި ނޭވާލާ ނިޒާމުގެ ތެރޭގައި ހުރި ފެންތައް ހޮޅިއެއް ލައްވައިގެން ސާފު ކުރާނެއެވެ. އަދި އެއްފަހަރުން ސާފުކުރުމަށްފަހުވެސް ފެން ގިނަކަމަށް އިހުސާސް ކުރެވިއްޖެނަމަ އިތުރަށްވެސް ފެން ސާފު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ދަރިފުޅު އުފަންވުމަށްފަހު ފުރަތަމަ މިނެޓުގައި އަދި ފަސްވަނަ މިނެޓުގައި ދަރިފުޅުގެ ސިއްހަތު ރަނގަޅުތޯ ބެލުމަށްޓަކައި ހިތްހިގާ ވަރާއި، ނޭވައިލާވަރާއި، މަސްތަކުގެ ބާރުމިނާއި، ރައްދުހަރަކާތް ހުންނަ ގޮތާއި އަދި ކުލަ ބަލާނެއެވެ. މިގޮތަށް ބަލާއިރު މިއިން ކޮންމެ ކަމެއް ހުންނަން ޖެހޭ މިންވަރަށް ބަލައި 0 ، 1 ނުވަތަ 2 ޕޮއިންޓު ދޭނެއެވެ. 8-10 ޕޮއިންޓު ލިބޭނަމަ އެކުއްޖަކީ ސިއްހީގޮތުން އެއްވެސް މައްސަލައެއް ނެތް ކުއްޖެކެވެ. އަދި 5-7 ޕޮއިންޓު ލިބިއްޖެނަމަ ކުއްޖާއަށް އިތުރު އެހީ ބޭނުންވާނެއެވެ. މިއަށްވުރެ ދަށްކޮށް ޕޮއިންޓު ލިބިއްޖެނަމަ ނާސަރީއަށް ލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އިސްވެދިޔަ ޕޮއިންޓު ދިނުމުގެ އުސޫލަށް ކިޔަނީ އަޕްގާރ ސްކޯރ އެވެ.

ދަރިފުޅަށް ގާތުންދޭން ފެށޭނީ ކޮންއިރަކުން ؟

ދަރިފުޅު އުފަންވާއިރު ދރިފުޅު އޮންނާނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ދަރިފޫލު އޮތް ވެށި ބަދަލުވުމުގެ ސަބަބުންނެވެ. އަމިއްލައަށް އެއްވެސް ކަމެއް ކުރަން ނުޖެހި އަރާމުގައި ބަނޑުގައި އޮވެފައި ދުނިޔެއަށް ނޭވާލުމާއި އެކު އަމިއްލައަށް ހަށިގަނޑުގެ ހުރިހާކަމެއް ކުރަން ޖެހުމުންނެވެ. ވުމާއެކު ބޭނުންނަމަ ގާތުން ވީހާވެއް އަވަހަށް ދޭން ފެށުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ގާތުން ޖައްސާއިރު ދަރިފުޅު ރަނގަޅަށް ނުބޮޔަސް އަދި ވަށްގަޑު މާއަވަހަށް ދޫކޮށްލިޔަސް އަދި ކިއެއްތަ ރަނގަޅަށް ބުއް ޖައްސަން ނޭގުނަސް ދެރަނުވާށެވެ. ހާސް ނުވާށެވެ. ދަރިފުޅު ފުރަތަމަ ފަހަރު ވަށްގަޑު އަވަހަށް ދޫކޮށްލުމަކީ ޠަބީޢީ ކަމަކަވެ. ނަމަވެސް އާއްމުގޮތެއްގައި ގިނަކުދިން ފުރަތަމަ ގަޑިއިރުގެ ތެރޭގައި ބުއް ބޯންފަށާނެއެވެ.

ދަރިފުލު އުފަންވުމަށްފަހު މައިމީހާއަށް ރަނގަޅަށް ބުއްޖައްސަން ނޭގޭނަމަ ޑޮކުޓަރު ނުވަތަ ނަރުހުންގެ އެހީ ހޯދުމަށް ލަދު ނުގަންނާށެވެ. ވިހާކޮޓަރީގައި ބުއްޖެއްސޭވަރަށް މައިމީހާގެ ހާލު ރަނގަޅުނަމަ ޖައްސާނެ ގޮތް ޑޮކުޓަރު ނުވަތަ ނަރުހުންގެ ގާތު އަހައިގެން އޮޅުންފިލުވާށެވެ. ރަނގަޅަށް ޖައްސަން ނޭގުމަކީ އަލަށް ވިހާ ވަރަށް ގިނަމައިން ދިމާވާ ކަމެކެވެ.

އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގައިފިނަމަ ހަދާނީ ކިހިނެއް؟

އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގާނަމަ ރަހިމުން ދަރިފުޅު ނަގާގޮތަށް ނަރުހުންނާއި ނުވަތަ ކުޑަކުދިންގެ ހާއްސަ ޑޮކުޓަރަކާއި ހަވާލުކުރާނެއެވެ. ދރިފުޅު ހިއްކައި ސާފުކޮށް އަދި އަޕްގާރ ސްކޯރ ހަދާނީ ކުޑަކުދިންގެ ހާއްސަ ޑޮކުޓަރު ނުވަތަ ނަރުހުންނެވެ. އަދި ދަރިފުޅަށް އިތުރު އެހީބޭނުންނަމަ އިތުރު އެހީ ދޭނެއެވެ.

އާއްމުގޮތެއްގައި ދަރިފުޅުގެ ހާލު ރަނގަޅުނަމަ ދަރިފުޅު ސާފުކޮށް ތުވާއްޔަކަށް ނުވަތަ ރަޖާގަޑަކަށް ލުމަށްފަހު ބައްޕައަތަށް ދަރިފުޅު ދޭނެއެވެ. އަދި މައިމީހާ އޮޕަރޭޝަން ކުރިތަން ފަހައި ނިމުމުން މައިމީހާގެ ހޭހުރިނަމަ މައިމީހާއަތަށް ދަރިފުޅު ގެނެސްދޭނެއެވެ. ވުމާއެކު އޮޕަރޭޝަން ތިއޭޓަރުގައިވެސް މައިމީހާއަށް ދަރިފުޅަށް ބުއްޖެއްސިދާނެއެވެ.

އުފަންވުމަށްފަހު ފުރަތަމަ ގަޑީއިރުގެ ތެރޭގައި ދަރިފުޅަށް ދެވޭފަރުވާތަކަކީ ކޮބާ؟

އުފަންވުމަށްފަހު ފުރަތަމަ ގަޑީއިރުގެ ތެރޭގައި ދަރިފުޅުގެ ލޮލަށް އެންޓިބަޔޮޓިކު އޮއިންޓުމެންޓު ނުވަތަ ތިކި ޖައްސާނެއެވެ. މިއީ ދަރިފުޅުގެ ލޯ ގޮނޯރިއާ، ކަލަމީޑިއާ ފަދަ ބަލިތަކުން ހިމާޔަތް ކުރުމަށް ދެވޭ ފަރުވާއެކެވެ. މިފަދަ ބައެއް ބަލިތަކަކީ ދަރިފުޅުގެ ލޯ މުޅިއުމުރަށް ކަނުކޮށްފާނެ ބަލިތަކެކެވެ. ވުމާއެކު މިއީ ވަރަށް މުހިއްމު ފަރުވާއެކެވެ.

ފުރަތަމަ ގަޑީއިރުގެ ތެރޭގައި ދަރިފުޅު ކިރައި ބަރުދަންވެސް ބަލާނެއެވެ. މީގެއިތުރުން ވިޓަމިން ކޭ އިންޖެކުޝަނެއްވެސް ޖަހާނެއެވެ. މިއީ ދަރިފުޅުގެ ލޭ ގަޑުކުރުމަށް އެހީތެރިވެ ދިނުމަށް ޓަކައެވެ. އެއީ އުފަންވާއިރު ވަރަށް ގިނަ ކުދިންގެ ލޭގަޑުކުރުމުގެ ނިޒާމު މުޅިން ފުރިހަމައެއް ނުވާނެއެވެ. ވުމާއެކު މިއިންޖެކުޝަން ނުޖަހައިފިނަމަ ގިނައިން ލޭއައިސް ލޭމަނާނުވެ ދަރިފުޅުގެ ފުރާނައަށް ނުރައްކާ ވުމަކީ ވެދާނެ ކަމެކެވެ. މީގެ އިތުރުން ދަރިފުޅުގެ ބޮލުގެ ފުޅާމިނާއި ދިގުމިންވެސް ބަލާނެއެވެ.

ހޮސްޕިޓަލުން ގެއަށް ދިއުމުގެ ކުރިން ދަރިފުޅަށް ކުރަންޖެހޭ އިތުރުކަންތައްތަކަކީ ކޮބާ؟

ދަރިފުޅުގެ ހަށިގަނޑުގެ ފިނިހޫނުމިން ހެއުވަރެއްގައި ހަމަޖެހިލުމަށްފަހު ނަރުހުން ދރިފުޅު ފެންވަރުވާނެއެވެ. އާއްމުގޮތެއްގައި މިކަން ކުރަން ޖެހެނީ ހޮސްޕިޓަލުގައެވެ. އެއީ ދަރިފުޅުގެ ހޫނުމިން ދަށަށް ގޮސްފިނަމަ ވަގުތުން ފަރުވާ ދިނުމަށްޓަކައެވެ.

ދަރިފުޅު ފެންވަރުވައި ހެދުމަށްފަހު ގެއަށް ދިއުމުގެ ކުރިން ޑޮކުޓަރު ދަރިފުޅު ބަލައި ފުރިހަމައަށް ޗެކު ކުރާނެއެވެ. ޑޮކުޓަރު ބަލައި ޗެކުކުރުމަށްފަހު މައްސަލައެއް ނެތްނަމަ ނުވަތަ އިތުރު އެހީއެއް ދަރިފުޅަށް ބޭނުން ނުވާނަމަ ގެއަށް ދިއުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް ގެއަށް ދިއުމުގެ ކުރިން ދަރިފުޅަށް ގާތުން ދޭން ފެށުން ވަރަށް ރަނގަޅުވާނެއެވެ. ފުރަތަމަ ދެހަފުތާއެއްހައި ދުވަހު އާއްމުގޮތެއްގައި ވަރަށް އަވަސްއަވަހަށް ދަރިފުޅަށް ބުއްދޭން ޖެހޭނެއެވެ.

ދަރިފުޅުގެ އެއްވެސް ޓެސްޓެއް ކުރަން ޖެހޭނެތަ؟

ދަރިފުޅަށް 48 ގަޑިއިރުވުމަށްފަހު ކުރެވެން ހުރިނަމަ ދަރިފުޅުގެ ފުންނާބުން ލޭފޮދެއް ނަގައިގެން ފީނައިލްކިޓޮނޫރިއާ، ހައިޕޮތައިރޮޑިޒްމް އަދި މިނޫންވެސް ބައްޔެއް ހުރިތޯ ބެލުމަށް ޓެސްޓު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރާއްޖެތެރޭގައި ފަހަރުގައި މިޓެސްޓުތައް ކުރެވެން ނުހުރުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު ޑޮކުޓަރާއި މަޝްވަރާކޮށްގެން ކުރެވެން ހުރިނަމަ މިޓެސްޓުތައް ކުރާށެވެ. އަދި ރަށުގައި ކުރެވެން ނެތްނަމަ ރަނގަޅި ހަފުތާއެއް ވުމުގެ ކުރިން ކުރެވެން ހުރި ހިސާބަކަށް ގެންގޮސްގެން ނަމަވެސް މިޓެސްޓުތައް ކުރުމެވެ.

ހެޕަޓައިޓިސް ބީ ވެކުސިން ދަރިފުޅަށް ދޭން ޖެހޭނެތަ؟

އާއްމުގޮތެއްގައި ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން މިވެކުސިން ޖަހާނެއެވެ. ބޮޑަށް ރަނގަޅީ ދަރިފުޅު އުފަންވެފައި 12 ގަޑިއިރުތެރޭ މިވެކުސިންގެ ފުރަތަމަ ޑޯޒު ދިނުމެވެ. ހާއްސަކޮށް މައިމީހާއަކީ ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހަކުނަމައެވެ. ނަމަވެސް މައިމީހާއަށް އަދި އާއިލާގެ އެއްވެސް މީހަކަށް މިބަލި ޖެހިފައި ނުވާކަން ޔަގީންނަމަ ތަންކޮޅެއް ފަހުން މިވެކުސިންޖެހިޔަސް ރަނގަޅުވާނެއެވެ. މިފަދަ ހާލަތުގައިވެސް ދަރިފުޅަށް 2 މަސްވުމުގެ ކުރިން ފުރަތަމަ ޑޯޒު ޖަހަން ޖެހޭނެއެވެ.

މައިމީހާއަށް ހެޕަޓައިޓިސް ބީ ޖެހިފައިވާނަމަ ވިހާތާ 12 ގަޑިއިރުގެ ތެރޭގައި ހެޕަޓައިޓިސް ބީ ވެކުސިންގެ އިތުރުން ހެޕަޓައިޓިސް ބީ އިމިއުން ގުލޮބިއުލިން ޑޯޒެއްވެސް ދޭން ޖެހޭނެއެވެ. ވުމާއެކު ރަނގަލު ގޮތަކީ މައިމީހާވެސް މިބަލި ޖެހިފައިވޭތޯ ބެލުމަށް ޓެސްޓު ކުރުމެވެ. އަދި ޓެސްޓުކޮށްގެން ޖެހިފައިވާކަމަށް ދައްކާނަމަ ވީއެންމެ އަވަހަކަށް ދަރިފުޅަށް ހެޕަޓައިޓިސް ބީ ވެކުސިން އާއި އިމުއުން ގުލޮބިއުލިން ދޭށެވެ.

ޚިތާނުކުރާނީ ކޮންއިރަކުން؟

ރާއްޖޭގައި އާއްމުގޮތެއްގައި ޚިތާނު ކުރަނި ދަރިފުޅުގެ އުމުރުން 6 އަހަރުވަރު ވުމުންނެވެ. އެހެންނަމަވެސް ސިއްހީގޮތުން ރަނގަޅީ އަދި ބޮޑަށް އެދެވިގެން ވަނީ ދަރިފުޅުގެ އުމުރުން ދެދުވަހުގެ ތެރޭގައި ޚިތާނު ކުރުމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.