ހޮނިހިރު20201121

އާކުރެވުނީ: 08:43:52

މިސްރާބު

misraabޤާނޫނަކީ ދުނިޔޭގައި ކަންތައްތައް ވަކި ތަރުތީބަކުން ޤަވާޢިދަކުން ހިގަމުންދާ ގޮތުގެ ނިޒަމަށް ކިޔާނަމެކެވެ. މިގޮތުން ރޭދުވާ ތަކުރާރުވުމާއި އުފަންވެ މަރުވެދާ ދިއުމަކީ މި މާނާގައި ޤާނޫނޭ ކިޔޭ ކަންތަކެވެ. މިކަންތައްތަކަކީ ތަކުރާރު ވަމުންދާ ދިއުމުގައި ބަދަލުވުމެއް ދެގޮތްވުމެއް ނެތި ހިގަމުންދާ ކަންތަކެވެ. އެއީ ދުނިޔޭގެ ތަބީޢަތެވެ. އިލާހީޤާނޫނެވެ. ﷲގެ އަމުރުފުޅެވެ. ދުނިޔެ ދެކެމުންދާ ހަޤީޤަތެވެ. މިދުނިޔެއަކީވެސް ނިމި ފަނާވަނިވި ތަނެކެވެ. މިކަންކަން (ރޭދުވާ) މި ނޫން ގޮތަކަށް ބަދަލުވުމަކީ ދުނިޔެވެސް ނިމިދިއުމެވެ. މިއީ އުފަންވުމާއި ނިމުމުގެ ޤާނޫނުގެ ދަށުން ހިގާދަނިވި ނިމުމެކެވެ. މިއީވެސް ޤާނޫނެއްކަން ޔަޤީނެވެ.

ހަމަ މިގޮތަށް ވިސްނާއިރުގައި އިހުސާސީ އަދި ޠަބީޢީޤާނޫނު ތަކެއްވެސް ވެއެވެ. އެކަކު އަނެކަކު ދެކެ ލޯބިވެތިވުމާއި މައިންބަފައިންނަށް ލޯބިކުރުމާއި ދަރިންދެކެ ލޯބިވުމީވެސް ޤާނޫނެކެވެ. އެއީ ޖާޒުބިއްޔަތުގެ ޤާނޫނުއެވެ. އެކަތި އަނެކައްޗަށް ދެމުން ލައްވާފައި ވަނީ މިޖާޒުބިއްޔަތުގެ ޤާނޫނުގެ ދަށުންނެވެ. މިކަން މިގޮތަށް ނުވާނަމަ ގުޅުމެއް ނުވީސްކަން ކަށަވަރެވެ. އެއްވެސް އެއްޗެއް ނުވަތަ މީހެއްވިއަސް ގުޅުމެއް ނޯވެދާންކަން ޔަޤީނެވެ.

މިހެންވުމުން އެގެނީ ޖާޒުބިއްޔަތުއަކީވެސް ޤާނުނެއްކަމެވެ. މިކަމުގެ ހަޤީޤަތްތަކަކީ ދުނިޔަވީ މިއާލަމުން ފެންނަން މިހުރި ކަންތަކެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް ވަންހަނާ ވުމެއްނެތް ކަންތައްތަކެވެ. އާއިލާތައް އުފެދުމާއި އުސް ޢިމާރާތްތައް އުފުލިގެން ދިއުމާއި ބިންމަތީގައި އިންސާނުންތައް ކޮޅަށް ހިގާބިގާވެ އުޅުމާއި މަތިން ބިމަށް (ތިރިއަށް) އަންނަ އައުމާއި މިކަންކަމުގައި ޖާޒުބިއްޔަތުގެ ޤާނޫނުގެ ބާރު ހުރިމިންވަރު ކަށަވަރު ވާނެއެވެ.

މިކަން މިގޮތަށް ހުރުމާއެކުގައިވެސް ޤާނޫނީ އިލްމުވެރިންގެ ކައިރީގައި ޤާނޫނަކީ އަދި މިއެއްނޫނެވެ. އެބޭފުޅުންގެ ގާތުގައި ޤާނޫނަކީ އަމުރެވެ. އަމުރަކީ މީހަކު އަނެކަކުގެ ކިބައިން ކަމެއްކުރުމަށް ނުވަތަ ނުކުރުމަށް އެދުމާއި އެކު އެއާއި އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ ޖަޒާ (އަދަބު) ދޭނޭ ކަމުގެ އިންޒާރު އޮތުމެވެ.

އަމުރު ހުރީ ޚާއްޞައަމުރާއި އާންމު އަމުރެވެ. އަމުރުގެ މި ދެބާވަތުންކުރެ ޚާއްޞަ އަމުރުގެ ބާވަތަކީ މައިންބަފައިން އެމީހުންގެ ދަރިންނަށާއި އެދުރުން އެމީހުންގެ ދަރިވަރުންނަށް ކުރާ އަމުރެވެ. މިއަމުރަކީ ޚާއްޞައަމުރެވެ. މިއަމުރު ޚާއްޞަވާ ގޮތަކީ މައިންބަފައިންނޫން މީހަކަށް ދަރިންގެ ގޮތުގައި އެދަރިންނަށް އަމުރު ނުފޯރުވޭނެތީއާއި، އެދުރަކުނޫނީ ދަރިވަރުންގެ ގޮތުން ކިޔަވާ ކުއްޖާއަށް އަމުރު ނުކުރެވޭނެތީއެވެ. އަދި މިގޮތަށް މިހައިސިއްޔަތު ލިބޭގޮތުގައިވާ އެންމެހައި ތަޢުރީފް ތަކުގައި ވާކަންތައްތައް ޚާއްޞަ އަމުރުގެ ދަށަށް ވަންނާނެއެވެ. މިގޮތުން ފިރިމީހާ އަނބި މީހާއަށްކުރާ އަމުރުވެސް ހިމެނޭނީ ޚާއްޞައަމުރުގެ ދަށުގައެވެ.

ޢާންމު އަމުރަކީ އެންމެންގެ މައްޗަށް ކުރެވިގެންވާ އަމުރެވެ. ޢާންމު އަމުރުގެ ތެރޭގައި އިލާހީ އަމުރުތަކާއި ޤާނޫނާއި ސިޔާސީ ހާކިމެއްގެ ފަރާތުންނެރޭ އަމުރުތައް ހިމެނިގެން ވެއެވެ. ޤާނޫނުގެ ދާއިރާގައި ހިމެނެނީ ޢާއްމު އަމުރެވެ. މިގޮތުން ޤާނުނަކީ ވެރިއެއްގެ އެމުރެވެ. ޤާނޫނީ ޢިލްމުވެރިންގާތު ގައި ވަޟަޢީ ޤާނޫނަކީ ސިޔާސީ ހާކިމެއްގެ ފަރާތުން ނެރޭއަމުރެވެ.

ޤާނޫނެއްގައި ނަމަ ކަމެއްކުރުމަށް ނުވަތަ ނުކުރުމަށް އަމުރެއް ކޮށްފައި އޮންނަންވާނެއެވެ. އަދި އެއާއި އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ ކަޑައެޅިފައިވާ ޖަޒާ (އަދަބު) އެއްވެސް އޮންނަންވާނެއެވެ. ޖަޒާއެއް (އަދަބު) އެއްނެތްނަމަ އެ ޤާނޫނަކަށް ނުވާނެއެވެ. އެވާނީ ނަސައިހަތަކަށެވެ.

ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ކަމެއް ކުރުން މަނާކުރުމުގެ ގޮތުން "މަނާ" މިލަފުޒު ލިޔެވިފައިވީ ނަމަވެސް އެޤާނޫނަކަށް ނުވަތަ ޤަވާޢިދަކަށް ޢަމަލު ނުކޮށްފިނަމަ އެގޮތަށް ޢަމަލު ނުކުރި މީހަކަށް ނުވަތަ ފަރާތަކަށް ދޭނޭ ޖަޒާއެއް ނުވަތަ އަދަބެއް އެޤާނޫނެއްގައި ނުވަތަ އެ ޤަވާޢިދެއްގައި ނުވަތަ އެހެން ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ވިއަސް ބަޔާންވެފައި ނުވާނަމަ އެއީ ޤާނޫނުގެ ދާއިރާގެ ތެރޭގައި ހިމެނޭ ޤާނޫނެއް ނުވަތަ ޤަވާޢިދަކަށް ނުވެ ހިގައިދާނެއެވެ.

ޤާނޫނަކަށް ނުވަތަ ޤަވާޢިދަކަށް ޢަމަލު ނުކޮށްފިނަމަ ދެވޭޖަޒާއަކީ ވަކިމިވެނި ވައްތަރެއްގެ ޖަޒާއެއް ކަމުގައިވާކަށް ނުވަތަ ކަޑައަޅާފައި ވުމަކަށް ލާޒިމެއް ނޫނެވެ. ލާޒިމުވެގެން ވަނީ އެއާއި ޚިލާފް ގޮތަކަށް ނެތުމެވެ. އެންމެންނާއި މެދުގައި އެއްގޮަތަކަށް ޢަމަލު ކުރެވޭނެ ގޮތެއް ކަޑައެޅިފައި އޮތުމެވެ. މިގޮތް ވާންޖެހޭނީ އެމީހަކަށް އިޙްސާސް ކުރެވޭ އަދަބެއް ކަމުގަޔާއި އެނޫން މީހުންނަށްވާ އިބުރަތެއް ކަމުގައެވެ. އެއްގޮތްވުން ކަމުގައި ބެލެވޭނީ މަސްހޫރު ބޮޑު މަހުޖަނަކާއި ނިކަމެތި ފަޤީރަކާއި ވަރުގަދަ ގަދަފަދަ މީހަކާއި އަނަރޫފަ ބަލިކަށި މީހެއްގެ މެދުގައިވެސް އަދަބުގެ ޒަޖްރު އިހުސާސް ކުރުވަނިވިގޮތް އެއްވަރަކަށް ދެވޭނެ ގޮތެއްގެ މައްޗަށް އޮންނައޮތުން ކަމުގައެވެ.

ޖަޒާދެވޭ ގޮތަށް ބަލާއިރުގައި ޤާނޫނީ ގޮތުން އެޤާނޫނެއް ނުވަތަ ޤަވާޢިދެއް އުފެއްދިފަރާތަކުން އެ ޤާނޫނެއް ނުވަތަ ޤަވާޢިދަކަށް ޢަމަލުނުކުރާ ފަރާތަކަށް ޖަޒާ ނުވަތަ އަދަބު ދެއެވެ. އަދި މިކަން ކުރުމަށް މިގޮތުން އެހެން ފަރާތަކާއި ޙަވާލުވެސް ކުރެވިގެން އެފަރާތަކުންވެސް ދެމުން ގެންދެއެވެ.

ސިޔާސީ ހާކިމެއްގެ ފަރާތުން ނުވަތަ ސަރުކާރުގެ ފަރާތުން ހަދާވަޟަޢީ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޢަމަލު ނުކޮށްފިނަމަ ޖަޒާދޭނީ ސަރުކާރުގެ ފަރާތުންނެވެ. އިސްލާމީ ދަވްލަތްތަކާއި ސަރުކާރު ތަކުގައި އިސްލާމީ ޝަރީޢަތުގެ އެންމެހައި ޙުކުމްތައް ހިންގާ ތަންފީޒު ކުރުމީވެސް ހާކިމާއާއި ޙަވާލު ކުރެވިގެންވާ ކަންތަކެވެ. މިކަން މިގޮތަށް ކުރުމުގައި އެފަދަ މީހުނަށް (ކުށްކުރާމީހުންނަށް) އަދަބު ނުވަތަ ޖަޒާ ދިނުމަށް ހުށަހަޅަނީ ނިޔާކަޑައެޅުމާއި ހަވާލުކުރެވިފައިވާ ފަރާތަށެވެ. ކޯޓުތަކަށެވެ. ދޭނެ އަދަބެއް ނުވަތަ ޖަޒާއެއް ކަޑައަޅަނީ އެކަމެއްބަލާ ކުޑަބޮޑުމިން މިންވަރު ކުރުމަށްފަހު ފަޑިޔާރުންނެވެ. މިކަން މުޅިންވެސް ދޫކޮށްފައިވަނީ ޝަރީޢަތަށެވެ. މިއަށް އަދުލުއިންސާފު ކިއިގެންވެއެވެ.

ޤާނޫނުތައް ނުވަތަ ޤަވާޢިދުތައް އުފަންވާ މަންބަޢު ނުވަތަ އަޞްލު ތަކުގެ ތެރެއިން އަލްޢުރުފް ކަސްޓަމް (އާދަކާދަ) އަކީވެސް ޤާނޫނު އުފެދޭ މަންބަޢު ނުވަތަ އަޞްލެކެވެ.

މިގޮތުން ކަސްޓަމް (ޢަލްޢުރުފް) އާދަކާދައިގެ ގޮތުން މުޖްތަމަޢުގައި އުފެދޭ ޤާނޫނުތަކާއި ޤަވާޢިދުތަކެއް ހުރެއެވެ. މިއިން ޤަވާޢިދަކާއި ޚިލާފްވާ ފަރާތްތަކަށް އަދަބު ނުވަތަ ޖަޒާ ދޭނީއަކީ ކޮންމެހެން ހަމައެކަނި ވެރިކަމުގެ ފަރާތަކުންނެއް ނޫނެވެ. ބައެއްފަހަރު މިބާވަތުގެ ޤާނޫނާއި ޤަވާޢިދު ތަކަށް އަމަލުނުކުރާ މީހުންނަށް ޖަމާޢަތުގެ ފަރާތުންވެސް އަދަބު ދެއެވެ.

އާދަކާދައަކީ މީހަކު ގަސްދުގައި އުފެއްދުމަށް މަސައްކަތް ކުރުމަކާ ނުލައި ޖަމާއަތުގެ ތެރެއިން އުފެދިގެން އަންނަ އެއްޗެކެވެ. އާދަކާދަ އުފެދެނީ ކޮންމެވެސް ކަމެއްގައި މީހަކު ވަކިގޮތަކަށް ޢަމަލު ކުރީމާ އެގޮތް އެއީ އެކަމުގައި ޢަމަލު ކުރަންއޮތްގޮތް ކަމަށްބަލައިގެން އެހެން މީހަކަު އެކަމެއް ކުރުމުން މިގޮތަކީ އެކަމުގައި ޢަމަލު ކުރާގޮތަކަށް ގިނަމީހުން ޤަބޫލުކުރަމުން އައިސް އާދަވެގެން ޢަމަލުކުރާ ގޮތެވެ. މިގޮތްތަކަށް ބަލާއިރުގައި ވިނަހެދިފައިވާ ދަނޑެއް ހުރަސްކުރުމުގައި ފުރަތަމަ މީހާ އެދަޑުން ކޮންމެވެސް ގޮތަކަށް (ގުދުލަމުންވިއަސް) ހުރަސްކޮށް ހިގައިދާނެއެވެ. އަދި ދެވަނަ މީހާވެސް އެގޮތަށް ހިގައިދާނެއެވެ. މިގޮތަށް ދިއުމުގެ ފަސޭހައަށްޓަކައި އެތައްބައަކު ހިގައިދާނެއެވެ. އަދި މިދިޔަގޮތް ވިނަގަނޑުން ތިރިވެ ފެންނަން އޮވެދާނެއެވެ. އަދި މިއީ މިދަޑުހުރަސްކުރާ މީހުން ހިގާމަގުކަމަށް އެންމެން ޤަބޫލުކޮށް ބަލައި އެގޮތަށް ހިގުން ފަހުން އާދަވެދާނެއެވެ. މިއީ އާދަކާދައިގެ ގޮތުން ކަންތައް އުފެދިގެން އަންނަގޮތްތަކުން ގޮތެކެވެ.

ދިވެހި މުޖްތަމަޢުއަށް ބަލާއިރުގައިވެސް އާދަކާދައިގެ ގޮތުން އުފެދި އެންމެންހެން އެއާއި އެއްގޮތަށް ޢަމަލު ކުރަމުން އަންނަ އާދަކާދައިގެ ކަންތަކުގެ ތެރޭގައި ޤާނޫނެއްގެ ސިފަ (ދަރަޖަ) ލިބިފައިވާ ކަންތަކަކީ ފިރިހެން ބޭފުޅުން ގަމީހުގެ ޖީބު ވައަތްފަރާތުގައި ހަރުކުރުމާއި ފިރިހެނުން މަހާނައިގެ ގަލުގައި ބޯބެހެއްޓެމާއި އަނބި މީހާގެ ކައިވެނިމަތީގެ ތިންގަޑެތި ދިނުމާއި، އަންހެންވެރިން ފެންވަރާގިފިލި ހުންނަ ހިސާބުގަޑުގައި ރުއްގަހަށް ނުވަތަ އެފަދަ ގިފިލިތައް ފެންނައުސްތަނަކަށް އަރަނީނަމަ ހޯއްގޮވުމާއި ފިރިހެނުން މަހަށް ދިއުން ފަދަ ކަންތައް ވަނި އެއަށް ޤާނޫނީ ސިފަ ލިބިފައިވާ އާދަކާދައިގެ ޤަވާޢިދަކަށް ވެފައެވެ.

މީގެތެރެއިން ބައެއް ކަންތަކަކީ އެގޮތާއި ޚިލާފުވާ މީހުންނަށް ޝަރީޢަތުގެ ފަރާތުން އެއާއި އެއްގޮތަށް ޢަމަލު ކުރުވާފައިވާ އަދި އަދަބުވެސް ދެމުން އައިސްފައިވާކަން ތަކެވެ. މީގެ ތެރޭގައި ގިފިލީގައި އަންހެނަކު ފެންވަރަން ހުއްޓައި ހޯއްނުގޮވާ ގަހަށް ނުވަތަ އެފަދަ އުސްތަނަކަށް އަރައިފިނަމަ އެފަދަމީހުން (ފިރިހެނުން) ނަށް އަދަބު ދީފައިވެއެވެ. އަދި ކައިވެނިމަތީގެ ތިންގަޑެތި ނުދޭފިރިހެނުން (ފިރިން) ގެ އަތުން ތިންގަޑެތި ހޯދުމަށް ދަޢުވާކުރާ އަންހެނުން (އަނބިން) ނަށް ޝަރީޢަތުގެ ފަރާތުން ތިންގަޑެތި ލިބިދީފައިވެސް ވެއެވެ.

މީގެ ތެރޭގައި ހިމެނޭ އަނެއްބައި ކަންތަކަކީ އާދަކާދައިގެ ގޮތުން ހިގަމުން އަންނަ ކަމަކާއި ޚިލާފުވުމުން ޖަމާޢަތުގެ ފަރާތުން އަދަބުދޭ ކަންތަކެވެ. މީގެތެރޭގައި ގަމީހުގެ ޖީބު ކަނާތްފަރާތުގައި ހަރުކޮށްގެން ގަމީސް ލައިފިނަމަ ޖަމާޢަތުގެ ފަރާތުން މީހުން، އެމީހަކު ފާހަގަކޮށް މަލާމާތްކޮށް ލަދުގަންނަވަރަށް ބަލައި ރަކިވާވަރު ކުރެއެވެ. އަދި މިކަމަކީ ސަރުކާރުން ކޮންމެހެން ޤަވާޢިދެއް ހަދާފައިވާ ކަމަކަށް ނުވިއަސް ފަހާތަނަކަށް ގަމީސް ފަހަން މީހަކު ހަވާލުކޮށްފައި ޖީބު ހަރުކުރަންވީ ފަރާތް ނުބުންޏަސް ޖީބު ހަރުކުރަން ޖެހޭނީ ވާތްފަރާތުގައި ކަން ފަހާމީހާވެސް ޤަބޫލުކޮށް މިގޮތުގައި ހިގަމުން އަންނަކަމެކެވެ. ފަހާތަނަކުން ފަހާދިން ގަމީހުގެ ޖީބު ކަނާތްފަރާތުގައި ހަރުކޮށްފައި ގަމީސް ފަހާދިނުމުން ޖީބުވައަތް ފަރާތަށް ބަދަލުކުރުމަށް ގަމީހުގެ ވެރިޔާ އެދުމުން އެކަން ނުކޮށްދީގެން ގަމީސްފެހިމީހާގެ މައްޗަށް ގަމީހުގެ ވެރިޔާ ދަޢުވާކުރުމުން ޖީބުހަރުކުރަންވީ ފަރާތެއް ގަމީހުގެ ވެރިޔާ ނުބުނެއޭ ބުނިކަމުގައި ވިޔަސް އެކަމުގެ ބަދަލު ފެހިމީހާގެ ކިބައިން ގަމީހުގެ ވެރިޔާއަށް ޝަރީޢަތުގެ ފަރާތުން އަތުލައި ދޭނެއެވެ. ހަމަ މިގޮތަށް ފިރިހެނެއްގެ މަހާނައިގެ ގަލެއް ހަދައިދޭށޭ ބުނެ ގާ ހަދަންމީހަކާއި ތަކެތި ހަވާލުކޮށްފައި މަހާނައިގެ ގަލުގެ ބޯ ބަހަށްޓަންވާނޭ ނުބުންޏަސް ގާހެދިމީހާ މަހާނައިގެ ގަލުގައި ބޯނުލައި ގާ ހަދައިދިނުމުން ގަލުގެ ވެރިޔާ ބޯބަހަށްޓަން ނުބުނެއޭ ބުންޏަސް ދަޢުވާކޮށްފި ހިނދެއްގައި ގާހެދި މީހާގެ ކިބައިން ގާ ހަދަން ތަކެތި ދިންމީހާއަށް ޝަރީޢަތުގެ ފަރާތުން ބަދަލު އަތުލައި ދެވޭނެއެވެ.

މިހެނީ މިއީ އާދަކާދައިގެ ގޮތުން އެކަން އެގޮތުގައި ހިގަމުން އައިސް އެގޮތް އެންމެނަށް އެގި އާދަވުމުގެ ސަބަބުން އާދަކާދައިގެ ގޮތުން އުފެދި ޤާނޫނެއްގެ ސިފަލިބިފައިވާ ކަންތަކެވެ.

އާދަކާދައިގެ ގޮތުން ކުރާކަމެއް އާދަވުމުގެ ސަބަބުން ޤާނޫނަކަށް ވާނީ އެއާދައަކީ މީސްތަކުންގެ ކިބައިގައި އަށަގެން ހަރުލާފައިވާ އާންމު އެއްޗަކަށް ވުމާއި، އެއާދައެއް ގިނަދުވަސް ވެފައި ވުމާއިއެކު އެއްގޮތެއްގައި ސާބިތުކަމާއި އެކުގައި ތަބައަވަމުން އަންނަ އެއްޗަކަށް ވުމާއި، ޝަރީޢަތުގެ (ޢަދާލަތު) އާއި އާންމު ނިޡާމާއި ރިވެތި އަޚުލާގާއި ޚިލާފް އެއްޗަކަށް ނުވުމާއި އެކު އެއާދައާއި އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ އަދަބު ދިނުމުގެ ޝުޢޫރު އުފެދިފައި ވާނަމައެވެ.

މިގޮތުން އަންހެނުން މަހަށް ނުދަނީ އާދަކާދައިގެ ގޮތުން އަންހެނުންނީ މަހަށްދާންޖެހޭ ބައެއް ނޫންކަމަށް ޤަބޫލު ކުރެވި އެއާ އެއްގޮތަށް މީހުން ސާބިތުކަމާއި އެކު ޢަމަލު ކުރަމުން އައިސް ގިނަދުވަސް ވުމުގެ ސަބަބުން އާދަވެފައި ވާކަމަކަށް ވާތީއެވެ. އަދި މިގޮތުން އަންހެނަކު މަހަށްގޮސްފިނަމަ ނުވަތަ މަސްބާނަން ގޮޑުދޮށަށް ގޮސްދޮށި އެއްލާ މިޒާތު މަސްވެރި ކަމުގެ ކަންތައް ކޮށްފިނަމަ މުޖުތަމަޢުގައި އެމީހަކު ފާހަގަކޮށް އެމީހަކާއި މެދު ތަފާތުކޮށް ދެކުމުގެ ޝުޢޫރު އުފެދިގެން ގޮސްފައިވެއެވެ. މިގޮތުން އެމީހެއްގެ ނަމުގެ ކުރިއަށް ފިރިހެން ނުވަތަ އަންހެން ފިރިހެން މިނަން އިތުރުކޮށް ކިޔާހަދައެވެ.

އެއްވެސް ބައަކު މިގޮތުން ކުރާކަމެއް ޝަރުޢީ އަދަބުތަކާއި އުޞޫލުތަކާއި، އާންމު ނިޡާމާއި ޚިލާފު ކަމެއް ކަމުގައިވާނަމަ އެކަމެއް ކިތަންމެ ގިނަ ދުވަހެއްވީ ކަމުގައި ވީނަމަވެސް އެއާދަކާދަ އަކަށް ނުވާނެއެވެ. އަދި އެއަކަށް ޤާނޫނީ ސިފައެއް ނުވެސް ލިބޭނެއެވެ.

ޤާނޫނެއް އޮންނަން ޖެހެނީ މީސްތަކުންނީ ޖަމާޢަތެއްގައި އެކަކު އަނެކަކާއި ގުޅިގެން އުޅެންޖެހިފައި ވުމާއި ރަށްވެހިކަން ތަބީއަތުގައި އަށަގެންފައިވާ ބައަކަށްވާތީއެވެ. މީސްތަކުން އެއްވެ ޖަމާއަތެއްގައި އުޅެވޭނީ އެމީހެއްގެ މިނިވަންކަމުގެ ސަރަހައްދު ވަކިވެ އެގޭނެ ގޮތުން މިންތައް ޖެހެވި އިންވަކިވެފައިވާގޮތް ބަޔާންވެފައިވާ ގޮތަކާއި އެގޮތް ހިފަހައްޓާދޭނެ ގޮތެއް އޮވެގެންނެވެ. އެއަށް މިކިޔަނީ ޤާނޫނުއެވެ. ނުވަތަ ޤަވާޢިދު އެކެވެ.

ޤާނޫނެއް އޮންނާނީ ޖަމާޢަތެއް އޮވެގެންނެވެ. ޖަމާޢަތެއް ނެތްނަމަ ޤާނޫނެއް އޮންނާކަށް ވެރިއަކު ހުންނާކަށް ނުޖެހޭނެއެވެ. މީހަކު އެކަނި މީހުންނޫޅޭ ޖަންގައްޔެއްގައި ނުވަތަ ފަޅު ރަށެއްގައި އެއްވެސް މީހަކާއި ބައްދަލުނުވާނޭ ގޮތުން އެކަހެރިވެގެން އުޅޭނަމަ ކޮންމެހެން އެމީހަކަށް ވަޞަޢީ ޤާނޫނެއް އޮންނާކަށް ނުޖެހެއެވެ. ޖަމާޢަތަކީވެސް އަދި ވެރިއަކީވެސް ހަމައެމީހެކެވެ. އެމީހަކު ބޭނުންނަމަ (ދީނާއި ޚިލާފްނުވާގޮތުން) ބޭނުން ގޮތަކަށް އުޅެވިދާނެއެވެ.

އެމީހަކު އެރަށުގައި ދުއްވާ އެއްޗެއް ދުއްވާ ހެދުމަކަށް ވަކި މަނާމަގެއް ދުއްވާކަށް ވަކިކޮޅެއް ވަކިފަރާތެއް ނުއޮންނާނެއެވެ. އެމީހަކު ބޭނުންނަމަ މަގުމެދުގައި ހުރަހަށްވެސް ދުއްވާއެތި ބޭއްވިދާނެއެވެ. ނަމަވެސް ޖަމާޢަތެއްގައިނަމަ މިކަމަށްޓަކައި ދުއްވާމީހާ ދުއްވާނެ ގޮތަކާއި ފަރާތަކާއި، ހިގާމީހާ ހިގާނެ ފަރާތެއް ކަޑައެޅި ޤަވާޢިދު ތަކަކާއި އުޞޫލުތަކެއް ހެދިފައި އޮންނަން ޖެހިދެއެވެ. ދުއްވާ އެއްޗިއްސާ ހިގާމީހުން އުޅޭއިރުގައި މަގުގައި ހިގާމީހުން ހިގަންވީ ތަނަކާއި މަގުހުރަސް ކުރަންވީ ގޮތަކާއި ފަރާތަކާއި އަދި ހަމަ މިގޮތަށް ދުއްވާމީހުންނަށް އެއްޗެތި ދުއްވަންވީ ފަރާތަކާއި ގޮތްތަކެއް ކަޑައެޅިފައި އޮންނަން ޖެހެނީ މީސްތަކުންނާއި ދުއްވާ ތަކެތި މުޑިއެރުމާރި ފުށުއެރުން ފަދަ ކަންތަކުން ސަލާމަތްވެ ރައްކާތެރިކަން މަތީގައި އުޅުމަށްޓަކައެވެ. މިއީ ޖަމާޢަތުގައި އުޅެންޖެހޭތި ޖަމާޢަތަށްޓަކައި ކުރަންޖެހޭ އަދި ހަދަންޖެހޭ ޤަވާޢިދު ތަކެކެވެ. މިފަދަ ޤަވާޢިދުތަކަށް ބޯލަބައި ކިޔަމަން ކުރުމަށްޓަކައި އެއާއި އެއްގޮތަށް ޢަމަލު ނުކުރާ މީހުންނަށް ނުވަތަ މީހަކަށް ޖަޒާދިނުމަށް އެފަދަ ޤަވާޢިދު ތަކުގައި ކަޑާއަޅާފައި އޮންނަންޖެހިދެއެވެ. އެއި މީސްތަކުންނާއި މުދާ ރައްކާތެރިކޮށް ސަލާމަތް ކުރުމަށްޓަކައި އެންމެންގެ މައްޗަށް އެއްގޮތެއްގައި ޢަމަލު ކުރެވޭނެ ގޮތެއް އޮތުމަށްޓަކައެވެ.

މިނިވަންކަމަކީ އިންސާނާ އުފަންވާއިރު ލިބިފައިވާ ޙައްޤެކެވެ. ނަމަވެސް މިނިވަންކަމަކީ މަހްދޫދު އެއްޗެކެވެ. އިންސާނާ އުފަންވާނީ ފުރިހަމަ މިނިވަނެއްގެ ގޮތުގައެވެ. ޚޮދުމުޚުތާރު މިނިވަންކަން ލިބިގެންވާ މީހެއްގެ ގޮތުގައެވެ. އެކަމަކު އޭނާއަކީވެސް ޖަމާޢަތެއްގައި އެހެން މީހުންނާއި އެކުގައި ދިރިއުޅެން ޖެހިފައިވާ މީހަކަށްވާތީ ޖަމާޢަތެއްގައި އުޅުމަށްޓަކައި ޖަމާޢަތެއް އުފެއްދުމަށް ބޭނުންވާ މިންވަރަށް އޭނާގެ މިނިވަންކަމުން ބައެއް ދޫކޮށްލަން ޖެހިދެއެވެ. އެމިނިވަންކަމަކީ ހަމައެކަނި ޖަމާއަތެއް ޤާއިމު ކުރުމަށްޓަކައި ބޭނުންވާ މިންވަރެވެ.

މިހެންކަމުން ޖަމާޢަތުގައި ދިރިއުޅޭ ކޮންމެ މީހަކަށްވެސް އޮންނާނީ ދާއިރާ ކަޑައެޅިގެންވާ މަހުދޫދު މިނިވަން ކަމެކެވެ. ކޮންމެ މީހެއްގެވެސް މިނިވަންކަން ނިމޭހިސާބަކީ އަނެކެއްގެ މިނިވަންކަންފެށޭ ހިސާބެވެ. މިގޮތް ވިސްނައި ގަތުމަށްޓަކައި ދެނެގަންނަންވީ ތިމާއަށް ލިބިފައިވާ މިނިވަންކަމުގެ ޙައްޤު ބޭނުން ކުރަމުންދާއިރު އެފަދަމިނިވަންކަން އޮތް އަނެކެއްގެ މިނިވަންކަމުގެ ޙައްޤުގެ ދާއިރާއަށް ވަދެ އަރައިނުގަނެ ވާނެ މިންވަރަކީ ކޮބައި ކަމުގެ މައްޗަށެވެ.

މީހަކު ކުރާކަމަކުން އަނެކަކަށް އޭގެ ސަބަބުން އުދަގޫތަކެއް ތަހައްމަލް ކުރަންޖެހޭނަމަ އެމީހަކު އެދެވުނީ ތިމާގެ މިނިވަންކަމުގެ ދާއިރާއިން ބޭރަށެވެ. ތިމާގެ މިނިވަންކަމުގެ ދާއިރާއަކީ އަނެކުންނަށް އުދަގޫނުވާ މިންވަރެވެ. މިކަން ދެނެގަތުން ދޫކުރެވިފައިވަނީ ޖަމާޢަތުގެ މަޞްލަޙަތާއި އަމުނުގެ އަމާންކަން ހެޔޮގޮތުގައި ހިފެހެއްޓުމަށްޓަކައި އެޖަމާޢަތެއްގައި ދިރިއުޅޭ ބައެއްގެ ވިސްނުންހުރި ގޮތެއްގެ މައްޗަށް މީސްތަކުންގެ ބުއްދިއަށެވެ. މިކަންފެންނަން ހުންނާނީ އެޖަމާޢަތުގައި ދިރިއުޅޭ ބައެއްގެ ހެވާ ލާބައަށްޓަކައި އެބައެއްގެ މެދުގައި ޢަމަލުތައް އިންތިޒާމްކޮށް އެކަށައެޅިފައިވާ ޤާނޫނުތަކާއި ޤަވާޢިދު ތަކެއްގައި ހުންނަ ދުޅަހެޔޮކަމަކާއި އޮށްޓަރެއްގެ މައްޗަށެވެ. އަދި އެއަށް ކިޔަމަންވެ ބޯލަބާ މިންވަރެއްގެ މައްޗަށެވެ.

މިހެނީ އެއްޖަމާ އަތެއްގައި ދިރިއުޅޭ ބަޔަކު ބޭނުންވެގެން އުޅޭ ފަސޭހަގޮތް އަނެއް ޖަމާޢަތެއްގެ ބަޔަކަށް ފަސޭހަގޮތަކަށް ނުވެހިގައި ދާނެއެވެ. ދިވެހިރާއްޖޭގެ މަދުރަށެއް ފިޔަވައި ހުރިހާ ރަށެއްގައިވެސް މީހުން ދިރިއުޅެން ފެށި އުޅެމުން އައިސްފައި އޮތީ އެރަށެއްގެ އުތުރު ފަރާތުގައެވެ. މަދުގެއެއްނޫނީ ގެދޮަރުއަޅާ ހިޔާކޮށް އެޒަމާނުގައި ހަދާފައިވަނީ އިރާއި ހުޅަގަށެވެ.

ނަމަވެސް އެޖަމާއަތުގެ މީހަކުނޫން މީހަކުކަމުގައި ވިއަސް އެމީހަކު އުޅެންވާނީ މިހާރު އެޖަމާއަތެއްގައި އެމީހާ އުޅެމުންދާ ޖަމާޢަތުގެ ބައަކުގެ ތެރޭގައި އޮތް ޤަވާޢިދަކާއި އެއްގޮތަށެވެ. އެމިހަކީ ކޮންމެ ޖަމާއަތެއްގެ މީހަކު ކަމުގައި ވިއަސް އެމީހާ ނިސްބަތްވާ ޖަމާޢަތުގައި އެކަމެއް އޮތްގޮތެއް ބަލާކަށް ނުޖެހޭނެއެވެ. އެމީހަކު ބަލައި ޢަމަލު ކުރަންޖެހޭނީ އެމީހަކު މިހާރު އުޅެމުންދާ ޖަމާޢަތުގައި އެކަން އޮތް ގޮތަށެވެ. މިގޮތަށް ރަށުވަންތަ ކަމުގެ ގޮތެވެ ކިއިގެންވެއެވެ.

ރަށުވަންތަ ކަމުގެ ގޮތާއި ޚިލާފަށް މީސްވަންތަކަމުގެ ގޮތުންނާއި އަހުވާލުއްސަޙްޞިއްޔާގެ ގޮތުން ހިގާ ކަންތައްތަކެއްވެސް ހުރެއެވެ. މިގޮތުން އެމީހަކު ނިސްބަތްވާ ދީނުގައި އެމީހަކު އެކަމެއް ކުރަން ޖެހޭގޮތަށް އޮންނަ ކަންތަކުގައި އާއި އަދި މިފަހަށް އައިސް ހިގަމުން މިދާ ބައިނަލްއަގުވާމީ ޤާނޫނީ އުޞޫލުގެ މައްޗަށް ވިޔަފާރި (ކޮމާސަލް) ގެ ޢަމަލު ތަކުގައިވާ އަގުދު ތަކުގައި ހިތްހެޔޮކަމުގެ (ކާޓްސީ)ގެ ގޮތުން ކޮށްދޭ ކަމެއްގެ ގޮތުން މީސްވަންތަކަމުގެ އުޞޫލުން ދަނީ ޢަމަލު ކުރަމުންނެވެ.

ހެޔޮނުބައި ކަންތައްވެސް ވަނީ ޖަމާޢަތުގެ މީސްތަކުންގެ ބުއްދިން ދެނެގަތުމަށް ފަސޭހަވަނިވި ގޮތަކަށް ކަޑައެޅި ވީއްލިފައެވެ. ހެޔޮކަންތަކާއި ނުބައިކަންތައް ދެނެގަތުންވެސްވަނީ މިގޮތުގައެވެ. ނުބައިކަންތައްތަކަކީ މީސްތަކުންކުރެ އެމީހެއްގެ އަމިއްލަ ނަފުސަށާއި އަދި އެހެންމީހުންނަށްވެސް ލިބުމާއި ކުރުމުގައި މީސްތަކުން އެކަމަކާއި ނުރުހޭ އަދި ދެކޮޅުހަދާ އިންކާރުކުރާ ކަންތަކެވެ. މިއަށް މުންކަރާތޭ ކިޔައެވެ. ދޮގުހެދުމާއި މީހުން މެރުމާއި ވައްކަންކުރުމާއި އާޑަ މަލާމާތްކުރުމާއި ފުރައްސާރަ ކުރުމާއި ހަޑިހުތުރު މުޑުދާރު ކަންތައް ކުރުމާއި އޮރިޔާމުން އުޅުމީ އެންމެންވެސް ހުރިހާ ޒަމާނެއްގައިވެސް ނުރުހޭ އަދި ކިއެއްތަ ދެކޮޅުހަދާ އިންކާރު ކޮށްފައިވާ ކަންތަކެވެ. އެއްވެސް އިރެއްގައި އެއްވެސް ޒަމާނެއްގައި މިކަންތައް އެއީ ރަގަޅު ކަންތައް ކަމަށް ބަލާފައެއް ނުވެއެވެ. މިއަށް މުންކަރާތޭ ކިޔެއެވެ.

ހަމަ މިގޮތުން ގާތްތިމާގެ މީހުންނަށް ހެޔޮކޮންހިތުމާއި މައިންބަފައިންނަށް ކިޔަމަން ގަތުމާއި ދަރިންނަށް ލޯބިކުރުމާއި އަނބިންނަށް އަޅާލުމާއި ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމާއި މުސްކުޅިންނަށް ކަމޭހިތުމާއި މުދައްރިސުންނަށް އަދަބު އަދާކުރުމާއި ތެދުބުނުމާއި މިކަންކަމަކީ ހުރިހާ މީސްތަކުންވެސް ރަގަޅު ކަންތައް ކަމަށް ހުރިހާ ޒަމާނެއްގައިވެސް ދެކިފައިވާ އަދި ލިބުމަށް އެދި ޤަބޫލުކޮށްފައިވާ ރަގަޅު ހެޔޮކަންތަކެވެ. މިއަށް މަޢުރޫފް އެވެކިއިފައި ވެއެވެ. އަދި އެއްވެސް ޒަމާނެއް މިކަންގޯސްކޮށް ނުބައި ކަންތައްކަމަށް ބަލާފައެއް ނުވެއެވެ.

މިގޮތުން ޤާނޫނާއި ޤަވާޢިދު ތަކަކީ މީސްތަކުންގެ ހެވާއި ލާބައަށްޓަކައި އުފެދިފައިވާ އެއްޗެކެވެ. މީސްތަކުންކުރެ އެންމެން އެއާއި އެއްގޮތަށް ޢަމަލުކޮށް ބޯލަބައި ކިޔަމަންވެ ގަންނަންޖެހޭ އެއްޗެކެވެ. ޖަމާޢަތުގެ މީސްތަކުންގެ ޢާއްމު މަޞްލަޙަތު ހިފެހެއްޓުމަށާއި ހާއުފާވެރި އަމާންކަމެއްގައި ދިރިއުޅުމަށްޓަކައި ޖަމާޢަތަށްޓަކައި ހެދިފައި އޮންނަންޖެހޭ އެއްޗެކެވެ.

ޖަމާޢަތުގެ މައްޗަށް ވެރިއަކު ހުންނަންޖެހެނީވެސް މިދެންނެވި ގޮތުގެ މައްޗަށް ޤާނޫނީ ދާއިރާގައި މީސްތަކުން އުޅުމުގެ ހަމަހަމަކަން (ތަވާޒަން) ހިފެހެއްޓުމަށް ޓަކައެވެ. އެމީހެއްގެ ދާއިރާގައި އެމީހަކު ހުރިނަމަ ޤާނޫނު އެމީހަކާ ނުބެހޭނެއެވެ. އަދި އެފަދަ މީހަކާއިމެދު ވެރިއަކަށް އަޅާނެ ފިޔަވަޅެއްވެސް ނުއޮންނާނެއެވެ.

ވެރިމީހާގެ ޤާނޫނީ މަސްޢޫލިއްޔަތަކީ މީސްތަކުން ޖަމާޢަތުގައި އުޅެމުންދާއިރު އެމީހެއްގެ ދާއިރާއިން ބޭރުނުވެ އުޅޭތޯ ބެލުމެވެ. ވެރިމީހާއަކީ އަމުރުވެރިއާއެވެ. މިހެންވީމާ އަމުރުއޮންނަންވާނީ ވެރިމީހާއަތުގައެވެ. ވެރިމީހާގެ އަތުން އަމުރުވީއްލި ގޮސްގެންނުވާނެއެވެ. އަމުރު ވީތަނެއް ވެރިމީހާއަށް ނުއެގިއޮވެ ގޮސްގެން ނުވާނެއެވެ.

ވެރިންގެ އަތުން އަމުރު ވީއްލިއްޖެނަމަ ޖަމާޢަތެއް ޤާއިމްވެ ދެމިއެއް ނުއޮންނާނެއެވެ. އެއްވެސް މީހެއްގެ ފުރާނައާއި މުދަލާއި ގެދޮރާއި އަބުރާއި ކަރާމާތާއި މިލްކަކަށް އަނެކެއްގެ ފަރާތުން ރައްކާތެރި ކަމެއް ލިބިގެންނެއް ނުވާނެއެވެ.

ރައްކާތެރިކަން ލިބިއޮންނާނީ އެތަނެއްގައި ޤާނޫނެއް އޮވެގެންނެވެ. ވެރިއަކު ހުންނާނީވެސް ޤާނޫނުއޮވެ ޤާނޫނުހިގާ ތަނެއްގައެވެ. ޤާނޫނެއް ޤަވާޢިދެއް އެތަނެއްގައި ނެތްނަމަ ބިނާވާނީ ކަނޑުގެ އުޞޫލެވެ. ކަނޑުގައި އޮންނަނީ ބޮޑުމަސް ބޭނުންނަމަ ކުޑަމަސް ކައިލުމުގެ އުޞޫލެވެ. ގަދަބާރު ލިބިފައިވާނަމަ އޭގެ ގެއަކީ ބޭނުން ގަލަކާއި ބޭނުންތަނެކެވެ. އެއްވެސް މަހަކަށް އެގަލެއް ބަލަހައްޓައިގެން ހުރުމަކުން އެގަލުގެ ވެރިކަމެއް އަދި މިލްކުވެރި ކަމެއް ލިބިގެންނެއް ނުވެއެވެ.

ވެރިއަކީ އަދި މިލްކުވެރިއަކީ ގަދައެއްޗެކެވެ. މިކަން ވުމަށްޓަކައި ބޭނުންވަނީ ބޮޑުކަމާއި ގަދަފަދަ ބާރެވެ. ބާރުނެތްނަމަ ކިތަންމެ ބޮޑަސް ކަނޑުގައި ކުޑަވެގެން ހިގައި ދާނެއެވެ. މިއީ ކަނޑުގެ އުޞޫލެވެ. މިއުޞޫލު މީސްތަކުންގެ މެދުގައި އެއްގަމުގައި އޮވެއްޖެނަމަ ފުރާނައާއި މުދަލާއި ގެދޮރާއި އަނބިދަރިންގެ ޙުރުމަތްކެނޑި ހިގައިދާނެއެވެ. އަދި ހޯދުމާއި ބެލުންތެރިކަންނެތި އަގެއްނެތިވެ ހިގައިދާނެއެވެ. އޭރުން ދިރިހުރެވޭނީވެސް ގަދަފަދަ މީހަކަށެވެ. ގެދޮރާއި މުދަލަކީވެސް ބާރުހރި ގަދަމީހެއްގެ އެއްޗެކެވެ. އަނބިދަރިންނަކީ ފަކީރު އެކަނިވެރިކަން ލިބިގެންވާ ނިކަމެތި އަޅާލުމެއްނެތް ބައަކަށް ވެގެން ހިގައިދާނެއެވެ.

ޤާނޫނުތަކާއި ޤަވާޢިދުތައް އުފެދެނީވެސް މީސްތަކުންގެ ޢަމަލުތައް އެއްގޮތެއްގައި ތަންޒީމުވެގެން ވުމަށްޓަކައެވެ. ޤާނޫނާއި ޤަވާޢިދުތައް އުފެދެނީވެސް މިބޭނުމަށްޓަކައި ޖަމާޢަތުގެ ޡުރޫފްއާއި ޙާލަތު ނިޔާކުރާ ގޮތެއްގެ މައްޗަށް ޤާނޫނަކަށް ނުވަތަ ޤަވާޢިދަކަށް އެޖަމާޢަތަކަށް ބޭނުންވުމުން ޖަމާޢަތުގެ ތެރެއިންނެވެ. އަބަދުވެސް މާޒީއާއި ޙާލަތުގެ މައްޗަށް ސަލާމަތް ބުއްދިހުރި ބައަކު މުސްތަޤުބަލް ބިނާކުރުމުގައި ބަލާނެއެވެ.

މީސްތަކުންގެ ޙުރުމަތާއި ކަރާމަތަށްޓަކައި އިންސާނީ ތަހުޒީބާއި ތަރައްޤީއަށް މަސައްކަތް ކުރާނެއެވެ. އިންސާނަކު ތަރައްޤީވެ ކުރިއަރާނީ އެމީހެއްގެ ޢަޤުލީ ތަރުބިއްޔަތު އާއި ޚުލްޤީ ތަރުބިއްޔަތު ލިބިފައިހުރި މިންވަރެއްގެ މައްޗަށެވެ. އަޤުލީ ތަރުބިއްޔަތަކީ އެމީހާގެ އަޤީދާގެ ވަރުގަދަކަމާއި ފުރިހަމަކަމެވެ. ޚުލްޤީ ތަރުބިއްޔަތަކީ އެމީހާގެ ޙަރަކާތާއި ޢަމަލުގައިވާ އަޚުލާޤުގެ މާތް ފުރިހަމަ ސިފައެވެ. މިކަން މިގޮތުގައި ލިބިގަތުމުގައި ފިކުރު ހިންގާ ތަދުބީރުތައް ކޮށްހެދުމާއި ތަހުލީލުތައް ކޮށް ހަދަން ޖެހެއެވެ. އަދި ކިޔެވުމާއި ކިޔަވާދިނުމާއި އުގެނުމާއި އުގަންނާދިނުން ވެއެވެ. މިކަމަށްޓަކައި އެދުރުންނާއި މުދައްރިސުން މަސައްކަތް ކުރަން ޖެހިދެއެވެ. އެއީ މާދަމާއަށް ޓަކައެވެ. ކުރިމަގުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ. މިގޮތުގައި ވެރިންނާއި މައިންބަފައިންނާއި ބެލެނިވެރިން މަސައްކަތް ކުރަންޖެހޭނެއެވެ. ވެރިކަމާއި އަމުރުވެރިކަން އޮތުމުގައި މި މީހުން ޚާއްޞަވެގެން ވެއެވެ.

(ނުނިމޭ)

* ޢަބްދުﷲ ޢަލީ
މާތިލަ، ބ. ކުޑަރިކިލު

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.