ބުރާސްފަތި20201119

އާކުރެވުނީ: 08:43:52

ސާބިތުކޮށްދިނުމުގެ މުހިންމުކަން

saabithu-kodhinunސާބިތުކޮށްދިނުމުގެ ތަޢްރީފު :

ޤާނޫނީ ފިޤްހުގައި ސާބިތުކޮށްދިނުމުގެ ތަޢްރީފަކީ، ދަޢްވާކުރެވޭ ޙައްޤެއްގެ އަސާސެއްކަމަށްބެލެވޭ ޤާނޫނީ ވާޤިޢާއެއް ވުޖޫދުވެފައިވާކަމުގެ މައްޗަށް، ޤާނޫނުގައި ކަނޑައަޅައިދީފައިވާ މަގުތަކުން، ޝަރީޢަތުގެ ކުރިމަތީގައި ދަލީލު ޤާއިމުކޮށްދިނުމެވެ.

ތަޢްރީފުގެ ޝަރަޙަ :

ހ- ޝަރީޢަތުގެ ކުރިމަތީގައި ދަލީލު ޤާއިމުކޮށްދިނުން

މިތަނުގައި ދަލީލު ޤާއިމުކޮށްދިނުމޭ ބުނެވޭ ބަހުގެ ޤަޞްދަކީ، ދަލީ އުފެއްދުމެއްނޫނެވެ. އެހެންނަމަވެސް، އޭގެ މުރާދަކީ، އެކަމެއް ސާބިތުކޮށްދިނުމާ ގުޅޭގޮތުން ދަލީލު ހުށަހެޅޭ ކަން، އެ ފަރާތަކަށް އިޤްނާޢު ކޮށްދެވޭ ފަރާތަށް ދަލީލު ހުށަހަޅައިދިނުމެވެ. މިތަނުގައި މިވަނީ ޤަޟާއީ ސާބިތުކޮށްދިނުމެއްކަމުގައިވާތީ، މި ދަލީލު ފޯރުކޮށްދެވޭ ފަރާތެއްކަމުގައިވާން ޖެހޭނީ، ޤަޟާއު ނުވަތަ ޝަރީޢަތެވެ. އެހެންކަމުން، މި ޤައިދުގެ ސަބަބުން، ސާބިތުކޮށްދިނުން އޭގެ ޢާންމު މާނައިގައި، މި ތަޢްރީފުން ބޭރުވެގެންދެއެވެ. އެއީ، ޝަރީޢަތުގެ މައިދާނުން ބޭރުގައި، ސާބިތުކޮށްދެވޭ ކަންކަމެވެ. މިސާލަކަށް ޢިލްމީ، ނުވަތަ ތާރީޚީ ސާބިތުކޮށްދިނުންތަކެވެ. އެއީ، މި ދެކަމުގައިވެސް ސާބިތުކޮށްދިނުމުން ބޭނުންވާ ކަމަކީ، ކޮންމެ ގޮތަކުންކަމުގައިވިޔަސް ޢިލްމީ ޙަޤީޤަތް ބަޙްޘްކޮށް ހޯދުމެވެ. އަދި، އެއީ ޝަރީޢަތުގެ މަޖިލިހުގައި ކުރިއަށްދާކަމެއްނޫނެވެ. ހަމައެފަދައިން، އެއީ، އެއަށް ވާސިލުވުމަށްޓަކައި، ކަނޑައެޅިފައިވާ ވަކި ވަސީލަތެއް ބޭނުންކޮށްގެން ކުރެވޭ ކަމެއްވެސްނޫންމެއެވެ.

ށ- ޤާނޫނުގައި ކަނޑައަޅައިދީފައިވާ މަގުތަކުން ސާބިތުކޮށްދިނުން

މިހެން އޮތުމުގެ ބޭނުމަކީ، ޝަރީޢަތުގެ ކުރިމަތީގައި ހޯދުމަށް ދަޢްވާކުރެވިފައިވާ ޙައްޤަށް ތާއީދުދޭ ސާބިތުކޮށްދިނުމުގެ މަގުތައް ކަނޑައަޅައިދީ، އަދި، އެކަމުގެ ދަލީލުތައް ހުށަހަޅަންވީގޮތް ކަނޑައަޅައިދޭ އެއްޗަކީ ޤާނޫނުކަމުގައިވުމެވެ. މި ޤައިދަކީ، ޤާޟީންނާއި ޚަޞްމުންވެސް އޭގައި ބަނދެވެންޖެހޭނެ ޤައިދެކެވެ. މިއީ ޤަޟާޢީ ޙުކުމުން ތަޢުބީރުކޮށްދޭ ޤަޟާއީ ޙަޤީޤަތާ، ވާޤިޢްޢާ ( ކަމުގެ އަޞްލު ޙަޤީޤަތާ ) ފަހަރެއްގައި ދިމާނުވެދާނެގޮތަކަށް ނަތީޖާގެނުވަފާނެކަމެކެވެ. އެހެނީ، ޤަޟާއީ ސާބިތުކޮށްދިނުމަކީ، ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ މަގުތަކެއްގައި ޤައިދުވެފައިވާކަމެކެވެ. އެހެންކަމުން، ޤާނޫނުގައި، ޤަޟާއީ ސާބިތުކޮށްދިނުމަށް ކަނޑައަޅައިދީފައިވާ މި މަގުތަކުން، ޤާޟީއަށް،ފަހަރެއްގައި މުޅިން އެއްކޮށް ޙަޤީޤަތަށް ވާޞިލުނުވެވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، މި ދަލީލުތައް ބަލައި ވަޒަންކުރުމުގައި ނުވަތަ ތަޤްދީރުކުރުމުގައިވެސް، އޭނާއަށް ފަހަރެއްގައި ގޯހެއް ހެދިދާނެއެވެ. އެހެންކަމުން، މި ޙާލަތުގައި، އޭނާގެ ޙުކުމަކީ ޙަޤީޤަތާއި ވާޤިޢްޢާ ތަފާތު ޙުކުމެއްކަމުގައިވެދާނެއެވެ. އެހެންނަމަވެސް، ޤާޟީގެ ޙުކުމްވާނީ އެއަށް ޢަމަލުކުރުން ލާޒިމު، އަދި އިޙްތިރާމުކުރުން ވާޖިބު ޙުކުމަކަށެވެ. އެއީ، ޤާނޫނުގައި މި ޙުކުމަށް ދީފައިވާ ޚާއްޞަ ޙުއްޖިއްޔަތަކަށްޓަކައެވެ. މިއީ ޙުއްޖިއްޔަތުލް އަމްރިލް މަޤްޟިއްޔިއެވެ. އާދެ! ބަލައި ނިމިފައިވާކަމުގެ ޙުއްޖިއްޔަތެވެ. ޤަޟާއީ ޙުކުމް ތަޢުބީރުކޮށްދީފައިވާ ޤަޟާއީ ޙަޤީޤަތާ ޚިލާފުކަމެއް ސާބިތުކޮށްދެވުމަށް ހުރަސްއަޅާކަމަކީ މިއީއެވެ. ހަމައެފަދައިން، ޤަޟާއީ ސާބިތުކޮށްދިނުމާއި ޢިލްމީ ސާބިތުކޮށްދިނުމާ ދެމެދުގައިވާ ފަރަޤު ހާމަކޮށްދޭ ކަމަކީ މިއީއެވެ. ޤަޟާއީ ސާބިތުކޮށްދިނުމަކީ، ކުރިންވެސް ބަޔާންކުރެވުނު ފަދައިން، ޤާނޫނުގައި ކަނޑައަޅައިދީފައިވާ ވަކި ޚާއްޞަ މަގުތަކަކުންމެނުވީ ކުރެވޭނެކަމެއްކަމުގައި ނުވާއިރު، ޢިލްމީ ސާބިތުކޮށްދިނުމަކީ، މުޅިން މުޠުލަޤު މިނިވަންކަމެއް އެއަށް ލިބިފައިވާ ކަމެކެވެ. އެއީ، ސާބިތުކޮށްދިނުމުގެ މަގުތަކުގެގޮތުންބެލިކަމުގައިވިޔަސް، ނުވަތަ އެކަން ކުރާ މީހުންގެ ގޮތުން ބެލިކަމުގައިވިޔަސްމެއެވެ. އެހެނީ، މިކަމުގައި ބޭނުންވާ ކަމަކީ، އޭގެ ޒާތުގައި، ޢިލްމީ ޙަޤީޤަތް ސާބިތުކޮށްދިނުމެވެ. އެއީ ކޮންމެ މީހެއްގެ ފުށުންކަމުގައިވިޔަސްމެއެވެ. މީގެ އިތުރުން، ޢިލްމީ ބަޙްޘްތަކުގެ ނަތީޖާތަކަކީ، ކުރިއެރުންތައް އަންނަ މިންވަރަކުން، ބަދަލުތަކަށް އަބަދުވެސް ހުށަހެޅެމުންދާ އެއްޗެކެވެ.

ނ- ޤަޟާއީ ސާބިތުކޮށްދިނުން ޤާނޫނީ ވާޤިޢާއެއް ވުޖޫދުވެފައިވުމުގެ މައްޗަށް އައުން ވާޖިބުވުން.

މިގޮތުން ބަލާއިރު، މިއީ އެއާމެދު ކޯޅުން އުފެދިފައިވާ ޙައްޤުގެ ޒާތުގެ މައްޗަށް އަންނަ ސާބިތުކޮށްދިނުމެއްނޫނެވެ. އެހެންނަމަވެސް، މިކަން އަންނަނީ، މި ޙައްޤުގެ މަޞްދަރެއްކަމުގައިވާ ޤާނޫނީ ވާޤިޢާގެ މައްޗަށެވެ. މި ޤާނޫނީ ވާޤިޢާއަކީ ފަހަރެއްގައި، ވިއްކުމުގެ ޢަޤްދުފަދަ ޤާނޫނީ ތަޞައްރުފެއްކަމުގައިވެސް ވެދާނެއެވެ. ހަމައެފަދައިން އެއީ، އެކަމުން އުފެދުނު ގެއްލުމުގެ ބަދަލުދިނުން، އެކަންކުރި ފަރާތުގެ މައްޗަށް ލާޒިމުކުރުވާ ހުއްދަނޫން ޢަމަލުފަދަ މާއްދީ ވާޤިޢާއެއްކަމުގައިވެސް ވެދާނެއެވެ.

ސާބިތުކޮށްދިނުމުގެ މުހިންމުކަން

ސާބިތުކޮށްދިނުމުގެ މުހިންމުކަން، ޙައްޤުތައް ހޯދުމަށްޓަކައި ޝަރީޢަތަށް ދާންޖެހޭ ދިޔުމާ ވަރަށްބޮޑަށް ވަނީ ގުޅިފައެވެ. އެހެނީ، ޢާންމު ޤާޢިދާއެއްގެގޮތުން، ޝަރީޢަތްމެދުވެރިނުކޮށް، އެއްވެސް މީހަކަށް އޭނާގެ ޙައްޤެއް، އަމިއްލައަށް ހޯދައިގަތުމަކީ ހުއްދަކަމެއްނޫނެވެ.

ޝަރީޢަތަށްދާކަމުގައިވާނަމަ، ދަޢްވާކުރެވޭ ޙައްޤު ވުޖޫދުވެފައިވާކަން ޤާޟީއަށް ޤަބޫލުކުރެވޭފަދަ ކަމެއްކޮށްދޭންޖެހޭނެކަމީ، އެންމެންނަށްވެސް އެނގެންއޮތްކަމެކެވެ. އެގޮތުން، މިކަމާމެދު ޤާޟީ ރުއްސުމަށްޓަކައި، ދަޢްވާކުރެވޭ ޙައްޤު އެއިން އުފެދުނު މަޞްދަރުގެ މައްޗަށް ދަލީލު ޤާއިމުކޮށްދިނުން ފިޔަވައި އެހެން މަގެއް ނޯންނާއެވެ.

މި ދަލީލު ނެތްކަމުގައިވާނަމަ، ދަޢްވާކުރެވޭ ޙައްޤުން އޭގެ ހުރިހާ ޢަމަލީ އަގެއް ގެއްލިގެންދާނެކަމީ ކަށަވަރުކަމެކެވެ. އެހެނީ، ޙައްޤެއް އަދި އޮތްކަމަށް ބެލެވުނު ކަމުގައިވިޔަސް، އޭގެ މަޞްދަރު ވުޖޫދުވެފައިވާކަން ސާބިތުކޮށްދެވުން ނެތްކަމުގައިވާނަމަ، އޭގެ އެއްވެސް އަގެއް ނޯންނާނެއެވެ.

އެހެންކަމުން، ޙައްޤުގެ މައްޗަށްވާ ދަލީލަކީ، އެ ޙައްޤުގެ ފުރާނައެވެ. އަދި އެއިން ފައިދާލިބިގަތުމުގެ އަޞްލެވެ. އެހެނީ ޝަރީޢަތުގެ ކުރިމަތީގައި ޙައްޤުގެ މަޞްދަރު ސާބިތުކޮށްދީ، އެންމެ ފަހުން، އެ، އޭގެ ވެރިފަރާތަށް ލިބިދިނުމުގެ ވަސީލަތަކީ، ދަލީލެވެ. އާދެ! ސާބިތުކޮށްދިނުމެވެ.

ސާބިތުކޮށްދިނުމަކީ، ޙައްޤުގެ ފުރާނަކަމުގައިވުމުގެ އިތުރުން، އެއީ ޙައްޤާއި ބާޠިލު ވަކިކޮށްދިނުމުގެ އެންމެ ކަށަވަރު ވަސީލަތްވެސްމެއެވެ. ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ.
لو يعطى الناس بدعواهم لادعى رجال أموال قوم ودماءهم، لكن البينة على المدعي، واليمين على من أنكر 

މާނައަކީ : " އެބައި މީހުންގެ ދަޢްވާއިން މީސްތަކުންނަށް ދެވޭ ކަމުގައިވާނަމަ، އެއްބަޔަކު އަނެއް ބަޔެއްގެ ލެޔަށާއި މުދަލަށް ދަޢްވާކޮށްފީހެވެ. އެހެނެއްކަމަކު ބައްޔިނާ (ސާބިތުކޮށްދިނުން) ވަނީ ދަޢްވާކުރާ ފަރާތަށެވެ. އަދި (ދަޢްވާކުރާ ފަރާތުގެ އަތުގައި އެއްވެސް ހެއްކެއް ނެތްކަމުގައިވާނަމަ) ހުވާ ވަނީ އިންކާރުކުރާ ފަރާތަށެވެ. "

ސާބިތުކޮށްދިނުން އިންތިޒާމުކޮށްދިނުން

ކުރިން ބަޔާންކުރެވުނު ފަދައިން، ސާބިތުކޮށްދިނުމަކީ އެހާ މުހިންމުކަމެއްކަމުގައިވުމުން، ޤާޟީގެ ކުރިމައްޗަށް ހުށަހެޅޭ ހުރިހާ މައްސަލަތަކަކަށް ޢަދާލަތު ޤާއިމުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އިންތިޒާމުކޮށްދިނުމަށް ހުރިހާ ތަޝްރީޢުތަކެއްގައިވެސްވަނީ ވަރަށްބޮޑު ސަމާލުކަމެއްދީފައެވެ. މިގޮތުން، މި ލަނޑުދަނޑިއަށް ވާޞިލުވުމަށްޓަކައި، ޤާނޫނީ އިންތިޒާމުތަކުގައި ގެންގުޅެވެނީ އަންނަނިވި ތިން ނިޒާމުންކުރެ ނިޒާމެކެވެ. ފުރަތަމަ ނިޒާމަކީ، ޙަޤީޤަތް ހޯދައި ދެނެގަތުމަށްޓަކައި، ބޭނުން ވަސީލަތެއްގައި ހިފުމަށް، ޤާޟީއަށް މަގު މުޅިން މިނިވަންކޮށްލާފައިބޭއްވުމެވެ. މިއީ މިނިވަން ސާބިތުކޮށްދިނުމުގެ ނިޒާމުގެ ގޮތުގައި މަޝްހޫރުވެފައިވާ ނިޒާމެވެ. އަނެއް ނިޒާމަކީ، ޤާނޫނުގައި ޙަޞްރީގޮތެއްގައި ކަނޑައަޅާފައިވާ، އަދި އެއިން ނޫނީ ޚަޞްމުންނަށް އެމީހުންގެ ޙައްޤުތައް ސާބިތުކޮށްނުދެވޭނެ، އަދި އެއިން ކޮންމެ އެއްޗަކަށްވެސް ވަކި މިންވަރެއްގެ ބާރެއް ދެވިފައިވާ ދަލީލުތަކަކުން މިކަމުގައި ޤާޟީގެ މަގު މުޅިން ބަންދުކޮށްލެވިފައިއޮތުމެވެ. މިއީ ޤައިދުކުރެވިފައިވާ ސާބިތުކޮށްދިނުމުގެ ނިޒާމެވެ. ތިންވަނަ ނިޒާމަކީ، ކުރިން ބަޔާންކުރެވުނު ދެ ނިޒާމުގެ ދެމެދަށް ފެތޭ މެދުމިނުގެ މަގެއް އިޚްތިޔާރުކުރުމެވެ. މިއީ މަސްހުނި ސާބިތުކޮށްދިނުމުގެ ނިޒާމެވެ. ތިރީގައި މި ބަލާލަނީ، މި ތިން ނިޒާމަށެވެ.

ފުރަތަމަ : މިނިވަން ސާބިތުކޮށްދިނުމުގެ ނިޒާމު

މި ނިޒާމު ޤާއިމުވެފައިވަނީ، ދަލީލުތަކުގެތެރެއިން އެމީހުންގެ ދަޢްވާގެ ސަނަދެއްކަމުގައި ޚަޞްމުންނަށް ފެންނަ ސަނަދެއް ހުށަހަޅައި، އަދި، ޤާޟީއަށް އޭނާއަށް ހުށަހެޅޭ ދަލީލުތަކުތެރެއިން، އޭނާގެ ޢަޤީދާ އެކުލަވާލުމުގައި، އޭނާއަށް ފެންނަ ދަލީލެއްގައި ހިފުމުގެ އަސާސްގެ މައްޗަށެވެ. މީގެ އިތުރުން، އެއީ ޚަޞްމުން އެމައްޗަށް ބިނާވެފައިވާ ދަލީލެއްކަމުގައިނުވިޔަސް، ޙަޤީޤަތަށް ވާޞިލުވުމަށްޓަކައި، މި ޙާލަތުގައި، ޤާޟީއަށް ކޮންމެ މަގެއްވެސް އިޚްތިޔާރުކުރުމުގެ މިނިވަންކަން އޮވެއެވެ.

މިގޮތުން ބަލާއިރު، ޚަޞްމުންގެ ކިބައިން ޙަޤީޤަތް ނެރުމަށްޓަކައި، ޤާޟީއަށް އެމީހުންނާ ތަފާތު ސުވާލުތައްކޮށް، އެކި އެކި ޙީލަތްތަކުގެ ބޭނުންކުރުމުގެ ޙައްޤު އޮންނާނެއެވެ. އަދި ކިޔެއްހެއްޔެވެ! ޢަދާލަތުގެ މަޞްލަޙަތު އެކަން ނިޔާކުރާކަމުގައިވާނަމަ، ޚަޞްމުން ފިޔަވައި އެހެން ފަރާތްތަކާވެސް ޤާޟީއަށް މި ނިޒާމުގައި ސުވާލުކުރެވިދާނެއެވެ. މީގެ އިތުރުން، ހަމައެކަނި އޭނާގެ ޝަޚްޞީ ޢިލްމު ނުވަތަ އެނގުމުގެ މައްޗަށް ބިނާކޮށްގެންވެސް  ޚަޞްމުންގެ މައްޗަށް މި ޙާލަތުގައި ޤާޟީއަށް ޙުކުމްކުރުމުގެ މިނިވަންކަން އޮވެއެވެ. މިއީ ސާބިތުކޮށްދިނުމުގައި، މި ނިޒާމުގައި، ޤާޟީއަށް ލިބިގެންވާ އީޖާބީ ދައުރު ވަރަށް ރަނގަޅަށް ހާމަކޮށްދޭ ކަމެކެވެ.

އެއްވެސް ޝައްކެތްނެތްގޮތުގައި، މި ނިޒާމުގެ ހިޔަލުގައި، ޙަޤީޤަތް ހޯދައި ދެނެގަތުމުގައި ޤާޟީގެ ކުރިމަތީގައި މިހާ ފުޅާގޮތެއްގައި މަގު ތަނަވަސްވެފައި އޮތުމަކީ، އޭނާގެ ޙުކުމަކީ، ޙަޤީޤަތާއި ވާޤިޢްޢާ ބޮޑަށް ގާތްވެގެންދިޔުމަށް ވަރަށްބޮޑު ފުރުޞަތެއް އޮންނާނެކަމެކެވެ. އެހެންނަމަވެސް، މި ނިޒާމަށް އަންނަނިވި ފާޑުކިޔުންތަކާއި ޢައިބުތައްވަނީ ކުރިމަތިކުރެވިފައެވެ.

ހ- މި ނިޒާމުގައި، އެމީހުން ހުށަހަޅާ ދަލީލުތަކަކީ، އެއަށް ޤާޟީގެ ރުހުން ލިބޭނެ ދަލީލުތަކެއްކަމެއް ނުވަތަ ނޫންކަމެއް ޚަޞްމުންނަކަށް ދެނެއެއްނުގަނެވެއެވެ. މީގެ އިތުރުން، މި ދަލީލުތައް ތަޤުދީރުކުރުން، ނުވަތަ ބަލައި ވަޒަންކުރުމުގައި، އެއް ޤާޟީ އަނެއް ޤާޟީއާ ތަފާތުވެސްވެއެވެ. އެހެންކަމުގައިވާނަމަ، މިކަންވެގެންދާނީ، ތަޢާމުލުކުރުމުގައި، އިސްތިޤުރާރުކަން ނެތިގެންދާނެކަމެކެވެ.

ށ- ޤާޟީއަކީވެސް އިންސާނެއްކަމުގައިވާތީ، އޭނާއަށް ހުށަހެޅޭ ދަލީލުތައް އިޚްތިޔާރުކުރުމާއި އެ ތަޤުދީރުކުރުމުގައި ދެވިފައިވާ ތަނަވަސް މިނިވަންކަމުގެ ސަބަބުން، އޭނާގެ ޙުކުމުގައި، އަމިއްލަ ހަވާނަފުސަށް ލެނބެވުމުގެ ބައެއް ހިމެނުމަކީ އެކަށީގެންވާކަމެކެވެ. މިކަމުގެ ސަބަބުން، އެކަމަށް ޤާނޫނުގައި އެއްވެސް ރިޤާބާކުރުމެއްނުވާ ޙާލު، އޭނާގެ ބާރުތައް ނުބައިގޮތުގައި ބޭނުންކުރުމަށް މަގުފަހިވުމަކީ ގާތްކަމެކެވެ.

ކޮންމެގޮތެއްގައިވިޔަސް، ކޮންމެ ޤާނޫނީ ނިޒާމެއްގައިވެސް، ޖިނާއީ މައިދާނުގައި، މިނިވަން ސާބިތުކޮށްދިނުމުގެ ނިޒާމުގައި ހިފައެވެ. އެހެނީ، ޖިނާއީ މާއްދާތަކުގެ ޠަބީޢަތަކީ، ސާބިތުކޮށްދިނުމުގައި ވަކި މަގުތަކެއް ކަނޑައެޅިފައިވުމާ ފުށުއަރާ ޠަބީޢަތެކެވެ. ނަމަވެސް، މަދަނީއާއި ތިޖާރީ މައިދާނުގައި، ޖަރުމަނާއި، ސްވިޓްޒަރލޭންޑާއި، އިނގިރޭސިވިލާތާއި އެމެރިކާގެ ޤާނޫނުގައި މެނުވީ މި ނިޒާމުގައި ހިފެވިފައެއްނުވެއެވެ.

ދެވަނައަށް : ޤައިދުކުރެވިފައިވާ ސާބިތުކޮށްދިނުމުގެ ނިޒާމު

މިނިވަން ސާބިތުކޮށްދިނުމުގެ ނިޒާމާ ޚިލާފަށް، ޤައިދުކުރެވިފައިވާ ސާބިތުކޮށްދިނުމުގެ ނިޒާމު ބިނާވެފައިވަނީ، ޙައްޤުތައް އެއިން ސާބިތުކޮށްދެވޭ ސާބިތުކޮށްދިނުމުގެ ދަލީލުތައް ޤާނޫނުގައި ކަނޑައަޅައިދީފައިވުމުގެ އަސާސްގެ މައްޗަށެވެ. ހަމައެފަދައިން، މި ދަލީލުތަކުންކުރެ ކޮންމެ ދަލީލަކަށްވެސް، ސާބިތުކޮށްދިނުމުގައި ލިބިފައިވާ ބާރުގެ މިންވަރުވެސް މި ނިޒާމުގައި އޮންނާނީ ބަޔާންކުރެވިފައެވެ. އެހެންކަމުން، ޙައްޤުތައް ސާބިތުކޮށްދިނުމަށް، ޤާނޫނުގައި ކުރިން ކަނޑައަޅައިދީ ބަޔާންކޮށްދެވިފައި މިވާ ދަލީލުތަކުގައި، ޚަޞްމުންނާއި ޤާޟީންވެސް ތިބެންޖެހޭނީ ޤައިދުވެ، ބަނދެވިފައެވެ. ހަމައެފަދައިން، މިއިން ކޮންމެ ދަލީލަކަށް ދެވިފައިވާ ބާރުގެ މިންވަރުންވެސް، އެއިން އެއްވެސް ފަރާތަކަށް ބޭރަކަށް ނުދެވޭނެއެވެ.

އެހެންކަމުން، މިނިޒާމުގައި، ޤާނޫނުގައި ކަނޑައަޅައިދީފައި މިވާ ދަލީލުތަކުން މެނުވީ، ޚަޞްމުންނަށް އެމީހުންގެ ޙައްޤުތަކެއް ސާބިތުކޮށެއްނުދެވޭނެއެވެ. ހަމައެފަދައިން، އެނޫން ދަލީލެއް ޤަބޫލުކުރުމާއި، ޤާނޫނުގައި އެއިން ކޮންމެ ދަލީލަކަށް ދީފައިވާ އަގަށްވުރެ އިތުރު އަގެއް ދިނުމަކީ، ޤާޟީއަށްވެސް ކުރެވޭނެކަމެއްނޫނެވެ. މިކަމުގެ ނަތީޖާއަކީ، މި ނިޒާމުގައި ޤާޟީގެ ދައުރަކީ، މުޅިން ސަލްބީ ދައުރެއްކަމުގައިވުމެވެ. އެހެނީ، މި ނިޒާމުގައި ޤާނޫނުގައި ބަޔާންކޮށްދީފައިވާ ދަލީލަކުން މެނުވީ، އޭނާއަކަށް ޙައްޤެއް ސާބިތުކޮށެއްނުދެވޭނެއެވެ. ހަމައެފަދައިން، އޭނާގެ އަމިއްލަ ޢިލްމުގެ މައްޗަށް ބިނާކޮށްގެނެއްވެސް، މި ޙާލަތުގައި އޭނާއަކަށް ޙުކުމެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި، މި ނިޒާމުގައި އޭނާގެ ހަމައެކަނި ދައުރެއްކަމުގައިވާނީ، ޤާނޫނުގައި ކަނޑައަޅާފައިވާ ދަލީލުތަކުންކުރެ ޚަޞްމުން ހުށަހަޅާ ދަލީލުތަކެއް، ތަޤުދީރުކުރުމެވެ. އަދި، ޤާނޫނުގައި، މިއިން ކޮންމެ ދަލީލަކަށްވެސް ކުރިން ދެވިފައިވާ ބާރު ނުވަތަ އަގު އިޢްމާލުކުރުމެވެ.

މިއީ ތަޢާމުލުކުރުމުގައި އިސްތިޤުރާރުކަން ގެނެސްދޭ ނިޒާމަކަށްވުމުގެ އިތުރުން، ޝަރީޢަތަށްދާ މީހުންގެ ނަފުސުތަކުގައި ހިތްހަމަޖެހުމާއި އިތުބާރު އުފައްދައިދޭ ނިޒާމެކެވެ. އެހެންނަމަވެސް، އަމާޒުކުރެވިފައިވާ ފާޑުކިޔުންތަކަށްބަލާއިރު، ޤާނޫނުގައި ޢައްޔަންކޮށްފައިވާ ދަލީލެއް ފިޔަވައި އެހެން ދަލީލެއްގައި ހިފުމުގެ އިޚްތިޔާރު ޤާޟީގެ ކިބައިން މުޅިން ނިގުޅައިގަނެވިފައިވުން ފާހަގަކޮށްލެވެއެވެ. އެއީ، އެ ދަލީލެއް އިޚްތިޔާރުކުރުމަކީ، ޙަޤީޤަތަށާއި ވާޤިޢަށް ވާޞިލުވުމަށް ބޭނުންވާ މަގެއްކަމުގައިވީނަމަވެސްމެއެވެ.

ތިންވަނައަށް : މަސްހުނި ސާބިތުކޮށްދިނުމުގެ ނިޒާމު

މަސްހުނި ސާބިތުކޮށްދިނުމުގެ ނިޒާމަކީ، ކުރިން ބަޔާންކުރެވުނު ދެ ނިޒާމާ އަޅާބަލާއިރު، މެދުމިނުގެ ނިޒާމެކެވެ. އެގޮތުން، އެ ދެ ނިޒާމުގައިވާ ރަނގަޅު ކަންތައްތަކުގައި ހިފާފައި، އޭގައިވާ ޢައިބުތަކުން ދުރުވުމަށް، މި ނިޒާމުގައިވަނީ މަސައްކަތްކުރެވިފައެވެ.

ތަޢާމުލުކުރުމުގައި ހަމަޖެހުމާއި އިސްތިޤުރާރުކަން ދެމެހެއްޓުމާއި، ޙުކުމަށް ވާޞިލުވުމުގައި ޤާޟީގެ އަމިއްލަ އެދުން ދުރުކުރެވުމަށް މަގުފަހިވެފައިވުމަކީ، ޤައިދުކުރެވިފައިވާ ސާބިތުކުރުމުގެ ނިޒާމުގެ ރަނގަޅު ކަންކަމުގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަންކަންކަމުގައިވާއިރު، މަސްހުނި ނިޒާމުގައި ހިފާފައިވަނީ ޤާޟީ ވަކި ފަރާތަކަށް ނުޖެހުމުގެ މަބްދައާއި، އޭނާއަށް ބައެއް ދަލީލުތައް ކަނޑައަޅައި، އަދި ބައެއް ދަލީލުތަކުގެ ބާރު ކަނޑައެޅުމުގެ މިނިވަންކަން ދެވުމުގައެވެ. އެހެންކަމުން، ޙުކުމުގެ މައްޗަށް އަމިއްލަ ބާރު ހިންގުން ނުވަތަ ހަވާ ނަފުސު އޭގައި ޙިއްޞާވުން މިކަމުން ދުރުކޮށްދެއެވެ. އަދި ހަމައެފަދައިން، ހެކިބަހާއި، ޤަޟާއީ ޤަރީނާތަކާއި، މުތައްމިމު ހުވާފަދަ، ސާބިތުކޮށްދިނުމުގައި ޤާނޫނުގައި އެއަށް ކަނޑައެޅިފައިވާ ވަކި ޙުއްޖިއްޔަތެއް ދެވިފައިނުވާ ދަލީލުތައް ތަޤްދީރުކުރުމުގައި ޤާޟީއަށް ފުޅާ މިނިވަންކަމެއް ދިނުމުގެ މަގުން، ޤައިދުކުރެވިފައިވާ ނިޒާމުގެ ޢައިބުތަކުން ދުރުވުމަށް މި ނިޒާމުގައިވަނީ މަސައްކަތްކުރެވިފައެވެ.

ފަހެ، މި ނިޒާމުގައި، ހެކިވެރިންގެ ހެކިބަސް ތަޤްދީރުކުރުމަކީ، ޤާޟީގެ ބާރުގެ ދަށުގައި ކިޔަމަންކުރެވިފައިވާ ކަމެކެވެ. މިގޮތުން، އޭނާއަށް ޤަބޫލުކުރެވޭ ހެކިބަހެއްގައި ހިފާފައި، ބޭރުފުށުން ބަލާއިރު، އެއީ އައުލާ ހެކިބަހެއްކަމުގައި ފެންނަ ބަހެއް ދުރުކުރިކަމުގައިވިޔަސް، އެކަމުގައި އޭނާއާ ދެކޮޅަށް ބުނެވޭނެ އެއްޗެއް ނޯންނާނެއެވެ. ހަމައެފަދައިން، ހެކިވެރިންގެ ޢަދަދު ގިނަވުމަކީ، ނުވަތަ ހެކިވެރިންގެތެރެއިން ގިނަމީހުން ކަމެއްގެ މައްޗަށްވާ އިއްތިފާޤަކީ، މައްސަލައިގައި ޤާޟީގެ ރުހުން އެގޮތުގައިވުމަށް ވާޞިލުވުމަށްވާ މަގެއްކަމުގައިވުމަކަށްވެސް މި ނިޒާމެއް ލާޒިމެއްނުކުރެއެވެ. އެގޮތުން، މަދު ބަޔެއްގެ ހެކިބަސް، ގިނަ ބަޔެއްގެ ހެކިބަހުގެ މައްޗަށް އޭނާއަށް ގަދަކުރެވިދާނެއެވެ. ހަމައެފަދައިން، ޤަޟާއީ ޤަރީނާތަކަކީވެސް، މި ނިޒާމުގައި، ހެކިވެރިންގެ ހެކިބަހުގެ މަޤާމުގައިވާ އެއްޗެކެވެ. އެހެންކަމުން، އޭގައި ހިފުމާއި ނުހިފުމަކީ، އެކަމުގެ މައްޗަށް އެއްވެސް ރިޤާބާއެއްނުވާގޮތުގެ މަތިން، މުޅިން ޤާޟީގެ މިނިވަންކަމަށް ދޫކޮށްލެވިފައިވާކަމެކެވެ. މުތައްމިމު ހުވާގެ ޙާލަތުގައިވެސް ކަންތައް އޮތީ ހަމަ މިފަދައިންނެވެ. އެގޮތުން، މި ހުވާ އަމާޒުކުރުމާ ނުކުރުމަކީ، ޤާނޫނުގައި ޤާޟީގެ އިޚްތިޔާރަށް ދޫކޮށްލެވިފައިވާ ކަމެކެވެ.

ބަޔާންކުރެވުނު ކަންކަމުގެ އިތުރުން، މަސްހުނި ނިޒާމުގައިވާ މެދުމިންކަމުގެ މަޡްހަރުތައް އެންމެބޮޑަށް ފާޅުކޮށްދޭ އެއްކަމަކީ، މާލީ މުޢާމަލާތްތަކުގައި ޢަމަލީ ވާޤިޢްޢަށް ރިޢާޔަތްކުރާ ރިޢާޔަތްކުރުމެވެ. އެގޮތުން، އޭގެ ޠަބީޢަތު ނިޔާކުރާގޮތުން، އެއީ، އެ، ފުރިހަމަކުރުމަށްޓަކައި އަވަސްކަމާއި ހަލުވިކަން ބޭނުންވާ މުޢާމަލާތެއްކަމުގައިވި މިންވަރަކަށް، މި މުޢާމަލާތްތަކުން އުފެދޭ ޙައްޤުތައް ސާބިތުކޮށްދިނުމުގެ ވަސީލަތްތައް މި ނިޒާމުގައި ލުއިކޮށްދީފައިވާތަން ފާހަގަކުރެވިގެންދެއެވެ. މިސާލަކަށް، މި ނިޒާމުގައި، ތިޖާރީ ނުވަތަ ވިޔަފާރީގެ މުޢާމަލާތްތަކަށް ބަލާއިރު، އަޞްލުގައިވާ ގޮތަކީ، ސާބިތުކޮށްދިނުމުގައި ވީހާވެސް ބޮޑަށް މިނިވަންކަންދެވިފައިވުމެވެ. މަދަނީ މުޢާމަލާތްތަކަށްބަލާއިރު، އެއީ ފުރިހަމަކުރުމަށް ގިނަވަގުތު ބޭނުންވާ، ލަސް މުޢާމަލާތްތަކެއްކަމުގައިވާތީ، މި ނިޒާމުގައި ހިފާފައިވާ ޤާނޫނުތަކުގައި، މި މުޢާމަލާތްތައް ސާބިތުކޮށްދިނުމަށް ވަކި ޚާއްޞަ މަގުތަކެއްވަނީ ކަނޑައަޅާފައެވެ. މިގޮތުންބަލާއިރު، ތިޖާރީ މައްސަލަތައް ސާބިތުކޮށްދިނުމުގައި އަޞްލަކީ، ސާބިތުކޮށްދިނުމުގެ މަގުތައް އިޚްތިޔާރުކުރުމުގައި މިނިވަންކަންއޮތުމެވެ. އެހެންކަމުން، ތިޖާރީ ކަންކަމުގައި ސާބިތުކޮށްދިނުމަށްބަލާއިރު، ނަސަބު ގޮސްގުޅެނީ، މިނިވަން ސާބިތުކޮށްދިނުމުގެ ނިޒާމާއެވެ. މަދަނީ މުޢާމަލާތްތަކަށްބަލާއިރު، އަޞްލަކީ، ސާބިތުކޮށްދިނުމުގެ މަގުތައް ވަކި މަގުތަކެއްގައި ޤައިދުކުރެވިފައިއޮތުމެވެ. އެހެންކަމުން، މަދަނީ ކަންކަމުގައި ސާބިތުކޮށްދިނުމުގެ ކަންތައް ބޮޑަށް ކައިރިވަނީ، ޤައިދުކުރެވިފައިވާ ސާބިތުކޮށްދިނުމުގެ ނިޒާމާއެވެ.

މަސްހުނި ސާބިތުކޮށްދިނުމުގެ ނިޒާމުގައި ޢާންމުގޮތެއްގައި ހިފާފައިވަނީ، ފުރާންސާއި އިޓަލީގެ ޤާނޫނުތައް ފަދަ ލެޓިން ތަޝްރީޢުތަކުގައެވެ. ކުރިއަށްއޮތްތަނުގައި އަޅުގަނޑުމެންނަށް ފެނިގެންދާނެފަދައިން، މިޞްރުގެ ޤާނޫނުގައިވެސް ބަލައިގެންފައިވާ ނިޒާމަކީ މިއީއެވެ.

ސާބިތުކޮށްދިނުމުގެ ޤަވާޢިދުތަކުގެ ޠަބީޢަތު ތަފާތުވުން

ސާބިތުކޮށްދިނުމުގެ ޤަވާޢިދުތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ، މައުޟޫޢީޤަވާޢިދުތަކަކަށާއި، ޝަކްލީ ނުވަތަ އިޖްރާއީ ޤަވާޢިދުތަކަކަށެވެ. މައުޟޫޢީ ޤަވާޢިދުތަކަކީ، ދަލީލުތަކާއި، އެ ދަލީލުތައް ބޭނުންކުރަންޖެހޭ ޙާލަތްތައް ކަނޑައަޅައިދޭ ވައްތަރެވެ. ހަމައެފަދައިން، ސާބިތުކޮށްދިނުމުގެ މަޙައްލާއި، ޚަޞްމުންގެތެރެއިން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ ކޮބައިކަންވެސް ބަޔާންކޮށްދެނީ މި ޤަވާޢިދުތަކެވެ.

ޝަކްލީ ޤަވާޢިދުތަކަކީ، ކޯޅުން ނުވަތަ މައްސަލައިގައި، ދަލީލު ހުށަހަޅާހިނދުގައި ތަބާވާންޖެހޭ އިޖްރާއުތައް ބަޔާންކޮށްދޭ ޤަވާޢިދުތަކެވެ.

ލެޓިން ތަޝްރީޢުތަކުގައި، ސާބިތުކޮށްދިނުމުގެ ޤަވާޢިދުތަކުގެ ޠަބީޢަތުގައިވާ މި ތަފާތަށް ރިޢާޔަތްކޮށް، މައުޟޫޢީ ޤަވާޢިދުތައް ހިމަނާފައިވަނީ މަދަނީ ޤާނޫނުގެތެރޭގައެވެ. ޝަކްލީ ނުވަތަ އިޖްރާއީ ޤަވާޢިދުތައް ގެނެސްފައިވަނީ، މުރާފަޢާތުގެ ޤާނޫނުގައެވެ. މިޞްރުގައިވެސް ކުރިން ޢަމަލުކުރެވުމުންދިޔައީ މިގޮތަށެވެ. އެހެންނަމަވެސް، މި ދެވައްތަރުގެ ޤަވާޢިދުތައްވެސް، އެއް ޤާނޫނެއްގައި ހިމެނުން، މާ އައުލާކަމަށް ބަލައި، ފަހުން، މި ދެވައްތަރުވަނީ، އެއް ޤާނޫނެއްގައި ޖަމާކުރެވިފައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.