ހުކުރު20201120

އާކުރެވުނީ: 08:43:52

ދީނާއި ސިޔާސަތު ވަކިކުރުން

dheen siyaasaa

ސިޔާސަތުގައި ދީނެއް ނުއޮންނާނޭ ބުނާ ބުނުމަށް ރައްދު:
ދީނުގެ ތެރޭގައި ސިޔާސަތެއް ނޯންނާނެއޭ ބުނާ ބުނުން:
ސިޔާސަތުން ދީން ވަކިކުރުމަކީ މަގުފުރެދުމެއް:
ދީނަކީ ހަމައެކަނި ރޫޙާނިއްޔަތެއް ނޫން:
ދީނުގައި ސިޔާސަތެއް ނޯވެޔޭ މިތަނުގައި ބުނާނީ ކިހިނެއް؟

 

ދީނާއި ސިޔާސަތާ ދެމެދު އޮންނަ ގުޅުމާމެދު ޢަލްމާނީން ދެކޭ ގޮތުގެ މައްޗަށް ބިނާކުރާ ފުރަތަމަ ކަމަކީ، ދީނުގެ ތެރެއިން ސިޔާސަތު، އަދި ސިޔާސަތުގެ ތެރެއިން ދީން އެއްކޮށް ވަކިކޮށްލުމެވެ. އަދި އެމީހުންގެ މަޝްހޫރު ޝިޢާރަކީ: "ސިޔާސަތުގައި ދީނެއް ނޯންނާނެއެވެ. އަދި ދީނުގައި ސިޔާސަތެއް ނޯންނާނެއެވެ." ނަމަވެސް މި ޝިޢާރަކީ ފާޑުކިޔައި ބަހުސްކޮށްފިނަމަ ސާބިތުވެ ހުރެވޭނެވަރުގެ ޝިޢާރެއް ނޫނެވެ.

އަދިކިއެއްތަ! ބައެއް މީހުން ގޮވާލަނީ މުޅި ޙަޔާތުގެ ތެރެއިންވެސް ދީން ވަކިކުރާށެވެ. ވީމާ އަމިއްލަ ފަރުދުންގެ ޟަމީރުގައި ނޫނީ ދީނަށް، އެއްވެސް ޖާގައެއް ނުއޮންނާނެއެވެ. އެއަށްވުރެ އިތުރަށް ޖާގައެއް ދެންޏާ ދޭންޖެހޭނީ މިސްކިތް ނުވަތަ ފައްޅީގެ ތެރޭގައި އެކަންޏެވެ. އިސްލާމީ މުފައްކިރެއް ކަމުގައިވާ ޑރ. ޢަބްދުލް ވައްހާބު އަލްމަސީރީ، މިއަށް ދެއްވާފައިވާ ނަމަކީ 'ޝާމިލު ޢަލްމާނިއްޔާ' އެވެ.

ސިޔާސަތުގައި ދީނެއް ނުއޮންނާނޭ ބުނާ ބުނުމަށް ރައްދު:

ސިޔާސަތުގައި ދީނެއް ނުއޮންނާނޭ ބުނުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އޭގެ މާނައަކީ ސީޔާސަތަކީ ދީނެއް ނުއޮންނަ އެއްޗަކަށްވީމާ، ދީނީ ޙުކުމްތަކާއި ދީނީ އަޚްލާޤީ ސިފަތަކުގައި ނުހިފުންހެއްޔެވެ؟ އޭގެ މާނައަކީ، މާއްދީ މަންފާތަކާއި، ޕާޓީގެ ނުވަތަ ޤައުމީ މަންފާތަކާއި ދުނިޔެއިން ލިބެން އޮތް އަވަސް މަންފާތައް، ލިބެން އޮތް ގޮތަކަށް ހޯދާ، 'ޕްރެގްމެޓިކް' ސިޔާސަތެއް އޮތުންހެއްޔެވެ؟ އޭގެ މާނައަކީ، ދީނާއި ދީނުގެ އުޞޫލުތަކަށް ވުރެ އިސްކަން، ވަގުތީ މާއްދީ މަންފާތަކަށް ދިނުންހެއްޔެވެ؟ އޭގެ މާނައަކީ ސިޔާސީ ދުނިޔޭގައި، މާތް އަށާއި އެކަލާނގެ އަމުރުފުޅުތަކާއި ނަހީފުޅުތަކާއި ޙިސާބުކުރެއްވުމަށް، އެއްވެސް ދައުރެއް ނެތުންހެއްޔެވެ؟

ސިޔާސަތުގައި ދީނެއް ނުއޮންނާނޭ ބުނާ ބަހުގެ މާނައަކީ މިއީ ކަމަށްވަންޏާ، އެ ސިޔާސަތް ޙަޤީޤަތުގައި އެ ތަބާވަނީ، ސިޔާސަތާއި އަޚްލާޤު ވަކިކުރުމަށް ގޮވާލާ 'މެކިއަވެލީ ނަޒަރިއްޔާ' އަށެވެ. މި ނަޒަރިއްޔާ ދެކޭގޮތުގައި ރަނގަޅު ލަނޑުދަނޑިއެއް ވިއްޔާ އެއާ ހަމައަށް ވާސިލުވާން ކޮންމެ ވަސީލަތެއްވެސް ހުއްދަވާނެއެވެ. އަދި މިއީ އަނިޔާވެރި ވެރިންނާއި ޑިކްޓޭޓަރުން ރައްޔިތުންނާ މެދު ހިންގާ ޖަރީމާތަކުގެ ނިވާފަތްގަނޑަކަށް ބޭނުންކުރާ ނަޒަރިއްޔާއެކެވެ. މިފަދަ ވެރިން ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ކަނދުރާ ބުރިކޮށް، ރިޒުޤު ދަތިކޮށް، ނޭވާބަންދުކުރަނީ، ދައުލަތުގެ މަޞްލަޙަތާއި ދައުލަތުގެ ހަމަޖެހުމާއި އަމަންއަމާންކަމުގެ ނަމުގައެވެ. ނުވަތަ އެބަހަނާގައެވެ.

ނަމަވެސް މިފަދަ ސިޔާސަތަކީ އެއީ، އިންސާނުން އެދޭ، އިންސާނުންނަށް މަޞްލަހަތު ހުރި ސިޔާސަތެއް ހެއްޔެވެ؟

ދީނީ އަގުތަކާއި އަޚްލާޤީ ޤަވާޢިދުތަކުން އިން ކަނޑައެޅިފައިވާ، ހެވާއި ނުބައިގެ މިންގަނޑުތަކަށް ބަލާ، ޙައްޤާއި ބާޠިލު ކިރައި ވަޒަންކުރާ ސިޔާސަތަކުން ނޫނީ، އިންސާނުންނަށް މަސަލަހަތެއް ނުލިބޭނެއެވެ.

ސިތާސަތު ދީނާ ގުޅުވާލެވޭ ހިނދު އޭގެ މާނައަކީ: ރައްޔިތުންނާ މެދު ޢަދުލުވެރިވުމާއި، ހަމަހަމައަށް ބެހުމާއި، އަނިޔާލިބިފައިވާ މީހާއަށް ނަޞްރުދިނުމާއި، ގަދަފަދަ މީހާގެ އަތުން ބަލިކަށިމީހާގެ ޙައްޤު ހޯދައިދިނުމާއި، އެންމެންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް އޮތުމާއި، ޔަތީމުންނާއި މިސްކީނުންނާއި ދަތުރުވެރިން ފަދަ މުޖްތަމަޢުގެ ހަވާސާގައިވާ ފަރާތްތަކަށް އަޅާލުމާއި، ޢާއްމުގޮތެއްގައި އިންސާނީ ޙައްޤުތަކަށް ރިޢާޔަތްކުރުމެވެ.

ސިޔާސަތުގެ ތެރެއަށް ދީން ވަނުމަކީ –މާއްދީ ޢަލްމާނީން ހީކުރާހެން- ސިޔާސަތަށް ލިބޭނެ ގެއްލުމެއް ނޫނެވެ. އަދި ދީނަށްވެސް ލިބޭނެ ގެއްލުމެއް ނޫނެވެ.

ޙައްޤު ދީން ސިޔާސަތުގެ ތެރެއަށް ވަނިއްޔާ ވަންނާނީ، ހެޔޮކަންތަކަށް މަގުދައްކައިދޭށެވެ. ލަފާ ސިޔާސަތު ބުނެދޭށެވެ. ޙައްޤު ބަޔާންކޮށްދޭށެވެ. މަގުފުރެދުމާއި އަނިޔާވެރިކަމުން ރައްކާތެރިކޮށްދޭށެވެ.

ޙައްޤު ދީން އަނިޔާއަކަށް ނުރުހޭނެއެވެ. އޮޅުވާލުންތަކަށް ކަނުލޮލެއް ނުދޭނެއެވެ. އަދި ބާރުގަދަ ފަރާތްތަކުން ނިކަމެތިންގެ މައްޗަށް ގަދަވެގަނެގެން ތިބުމާ އެއްބަހެއް ނުވާނެއެވެ. ކުޑަ ވަގަށް އަދަބުދީފައި ބޮޑު ވަގަށް ލަޤަބުދޭކަށް ޤަބޫލެއް ނުވާނެއެވެ.

ސިޔާސަތުގެ ތެރެއަށް ދީން ވަދެއްޖެއްޔާ، އިންސާނާއާއި ޙަޔާތުގެ މަތިވެރި ލަނޑުދަނޑިތައް ކަމުގައިވާ، އެއްކައުވަންތަ އިލާހާއި، ނަފްސު ޠާހިރުކުރުމާއި، ރޫޙާނީ ކުރިއެރުމާއި، ޚުލްޤު ސީދާވުމާއި، އިންސާނާ ޚަލްޤުކުރެއްމުގެ ފަހަތުގައި މަޤްޞަދުތައް ފުރިހަމަވުމާއި، ބިމުގައި ޚަލީފާވެރިވުމާއި، އަދި ބިމުގައި ޙައްޤާއި ޢަދުލުވެރިކަން ޤާއިމުކުރުމާއި، އަދި މީގެ އިތުރުން ޢާއިލާ ބަދަހިވުމާއި، މުޖްތަމަޢުގެ އެއްބައިވަންތަކާއި، އުއްމަތުގެ އެއްބައެއްވަންތަކަމާއި، ދައުލަތުގެ ޢަދުލުވެރިކަމާއި، އިންސާނުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމާއި، މިފަދަ ހުރިހާ ލަނޑުދަނޑިތަކަށް މަގުދައްކައިދޭނެއެވެ.

އެންމެ މަތިވެރި ލަނޑުދަނޑިތަކާއި އެންމެ ޝަރަފުވެރި މަޤްޞަދުތަކަށް މަގުދެއްކުމާއެކު، އެންމެ ސީދާ މަގަށްވެސް، ދީން މަގުދައްކައިދެއެވެ. މީގެ ނަތީޖާއަކަށް ވާނީ، ލަނޑުދަނޑިތަކަކީ ހަމައެކަނި ފިކުރީ ނަޒަރިއްޔާތަކެއްގެ ބަދަލުގައި ޙަޤީޤީ ދުނިޔޭގައި ތަންފީޒުވަމުންދާ އެއްޗަކަށް ވުމެވެ.

ހަމައެހެންމެ ސިޔާސަތުގެ ތެރެއަށް ދީން ވަނީމާ، ދީން ވެގެންދާނީ ސިޔާސީ މީހުން ރަނގަޅު މަގުގައި ދެމިތިބުމަށް ބާރުއަޅައިދޭ، ޙައްޤާ ހަމައިން އެމީހުން ހުއްޓުވައިދޭ، ހެޔޮކަންތަކަށް އެމީހުން ވާގިވެރިކުރުވާ، ހާލުގައިޖެހިފައިވާ މީހުންނަށް އަތްފޯރުވަން ހިތްވަރުދޭ، އަނިޔާވެރިޔާގެ އަނިޔާ ހުއްޓުވަން ހިތްވަރުދޭ، އެއްޗަކަށެވެ. މިގޮތުން ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވަނީ: "އަނިޔާވެރިވާ އަދި އަނިޔާ ލިބޭ، ކަލޭގެ އަޚާއަށް ނަޞްރުދޭށެވެ!" އެހިނދު ޞަޙާބީން ދެންނެވީ، އަނިޔާ ލިބޭ އަޚާއަށް އަޅުގަނޑުމެން ނަޞްރުދެމެވެ. އެކަމަކު އަނިޔާވެރިވާ އަޚާއަށް ނަޞްރުދޭނީ ކިހިނެއްތޯއެވެ؟ އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އޭނާ އަނިޔާވެރިވިޔަ ނުދީ ހުއްޓުވާނީއެވެ. އޭނާއަށް ނަޞްރުދިނުމަކީ އެއީއެވެ."

އަދި މީގެ އިތުރުން ދީނަކީ ސިޔާސީ މީހާއަށް، ހޭލެވިފައިވާ ޟަމީރެއް، - ކުށްފާފައެއް ކުރެވުނީމާ އެއީ ނުބައިކަމެއްކަން އަމިއްލައަށް ޤަބޫލުކުރެވި އެކަމާ މެދު ދެރަވާ ޟަމީރެއް- ލިއްބައިދޭ އެއްޗެކެވެ. އޭރަށް އޭނާ ޙަރާމް ފައިސާއެއް ކެއުމުން ނުވަތަ ޙަރާމްކަމަކަށް އަރައިގަތުމުން، ނުވަތަ ބާޠިލުގޮތުގައި ރައްޔިތުންގެ މުދަލުން ކެއުން، ނުވަތަ ހަދިޔާ އާއި ކަމިޝަނުގެ ނަމުގައި ރިޝްވަތު އަތުލުން ފަދަ، ކަންކަމުން ދުރުހެލިކޮށްދޭނެއެވެ. އަދި އޭރުން ވެރިމީހާއަށް ފާޑުކިއުމުން ރައްޔިތުން ޖަލަށްލުމުގެ ބަދަލުގައި، ފާޑުކިޔައި ނަސޭހަތްދީ ސީދާމަގަށް އަޅުވަން، ރައްޔިތުންގެ ކިބައިން އެދޭނީ އެ ވެރިމީހާއެވެ. އަބޫބަކުރުގެފާނު ޚަލީފާއަކަށް އިސްކުރެވުނީމާ ވިދާޅުވީ: "އަހަރެން ނުބައިކޮށް ކަމެއްކޮށްފިއްޔާ ރަނގަޅުކުރުވާދޭށެވެ!" ޢުމަރުގެފާނު ވިދާޅުވީ: "އަހަރެންގެ ކިބައިން ކަތިކަމެއް ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، ސީދާކޮށްދޭށެވެ!"

ދީނަކީ، މުއުމިން ރައްޔިތުން ޙައްޤުގެ ބަސް ބުނުމަށާއި، އަދި ވެރިމީހާއަށް ނަސޭހަތްތެރިވެ، އޭނާކުރާ ކަންކަން ހިސާބުކޮށް، ކަތިވެއްޖެނަމަ ސީދާކުރަންޖެހޭ ވަގުތު، މީހެއްދެކެ ބިރުގަނެ ޖެހިލުންވުން ކަނޑުވައިދޭ އެއްޗެކެވެ. ސަބަބަކީ މުއުމިނުން މިކަންކަން ކުރާނީ، މި އާޔަތުގައި މިވާފަދަ މީހުންގެ ތެރެއިން ނުވުމަށް، މާތް ﷲ ކުރައްވާފައިވާ އަމުރުފުޅަށް ތަބާވުމުގެ ގޮތުންނެވެ:  {وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً ۖ وَاعْلَمُوا أَنَّ اللَّـهَ شَدِيدُ الْعِقَابِ} "އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނައައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއްނޫނެވެ. އަދި ހަމަކަށަވަރުން، ﷲ އީ، ޢުޤޫބާތް ގަދަފަދަވެގެންވާ ކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! " (އަލްއަންފާލް:25)

އަދި އެމީހުން އެކަންކުރަނީ ކީރިތި ރަސޫލާގެ މިޙަދީޘްފުޅަށް ޢަމަލުކުރުމުގެ ގޮތުންނެވެ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ބަޔަކުމީހުން އަނިޔާވެރިޔާއާ ދިމާއަށް، ކަލެއަކީ އަނިޔާވެރިއެކޭ ބުނަން، ބިރުގަނެ ޖެހިލުންވާނަމަ، ފަހެ އެމީހުން އެ ތިބީ ވަދާޢު ކީފައިވާ ބައެއްކަމުގައެވެ." (އެބަހީ އެއީ އެއްވެސް ހެޔޮކަމެއް ނެތް، ތިބުމާއި ނެތުން އެއްފަދަ މާޒީވެގޮސްފައިވާ ބައެކެވެ.)

ސިޔާސީމީހާ ދީނުގައި ހިފަހައްޓައިގެން ހުރުމުން، އޭނާ ރައްކާތެރިކަން ލިބިގެން އެހުރީ ވަރުގަދަ ބާރެއްގެ ކިބައިންނެވެ. އަދި ނުބައި އަޚްލާޤާއި، މުނާފިޤުކަމުގެ ހުތުރު ސިފައިން އޭނާ ދުރުހެލިވާނެއެވެ. ވީމާ އޭނާ ވާހަކަދައްކާއިރު ދޮގެއް ނުހަދާނެއެވެ. އަދި ވަޢްދެއްކޮށްފިއްޔާ ފުއްދާނެއެވެ. އަމާނާތަކަށް ޚިޔާނަތްތެރިއެއް ނުވާނެއެވެ. އަޙުދެއް ކޮށްފިއްޔާ ޣައްދާރެއް ނުވާނެއެވެ. މީހަކާ ދެބަސްވިޔަސް ހުތުރުބަހެއް ނުބުނާނެވެ. ވީމާ އަބަދުވެސް އޭނާ ހުންނާނީ، މިސާލީ އަގުތަކާއި ރީތި އަޚްލާޤުގެ އިމުގެ ތެރޭގައެވެ.

މިސާލަކަށް ހަނގުރާމައިގެ ހާލަތުގައި، ދީންވެރި ސިޔާސީ މީހާ ޢަމަލުކުރާނީ، ހަނގުރާމައެއްގެ ތެރޭގައި އަންހެނަކު މަރާފަފައި އޮއްވާ ފެނިވަޑައިގެން ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ގޮތަށެވެ: "މި އަންހެންމީހާއަކީ ހަނގުރާމަކުރާނެ މީހެއް ނޫނެވެ." އަދި އެކަލޭގެފާނުވަނީ  ހަނގުރާމައިގެ ހާލަތުގައިވެސް، އަންހެނުންނާ ކުޑަކުދިން (ހަނގުރާމަނުކުރާ މީހުން) މެރުން ނަހީކުރައްވާފައެވެ.

ޤައުމަކާ ނުވަތަ މީހަކާއެކު ކޮށްފައިވާ ޢަހުދުތަކުގައި އޭނާ ޢަމަލުކުރާނީ، ބަދުރު ހަނގުރާމައިގެ ތެރޭގައި މުޝްރިކުންނާ ދެކޮޅަށް ހަނގުރާމަކުރުމުގައި ބައިވެރިވެ އެހީތެރިވާން ޙުޛައިފާ ބިން އަލްޔަމާން ހުށައެޅުއްވީމާ ވެސް، ޙުޛައިފާ މުޝްރިކުންނަށް ވެފައިވާ ޢަޙުދެއް އޮތުމުގެ ސަބަބުން، އެ އެހީ އިތުރު އެކަލޭގެފާނު ޤަބޫލު ނުކުރައްވާ "އަހަރެމެން އެމީހުންނާ ވެފައިވާ ޢަހުދު ފުއްދާހުށީމެވެ. އަދި އެމީހުންގެ މައްޗަށް މަދަދު އެދޭނީ ﷲގެ ޙަޟްރަތުންނޭ" ޙަދީޘްކުރެއްވި ހާދިސާއިން، އިރުޝާދު ހޯދައިގެން އެ މަންހަޖުންނެވެ.

ދެން ބުނަންއޮތް ވާހަކައަކީ، މަކަރުހެދުމާއި އޮޅުވާލުމާއި ޣައްދާރުވުމާއި ދޮގުހެދުމާއި މުނާފިޤުކަމަކީ އެއީ 'ސިޔާސަތް' ކަމަށް ބުނެ ނަންދިނުމަކީ، އިސްލާމްދީން ޤަބޫލުކުރާ ކަމެއް ނޫނެވެ. އަދި އެއީ އަހަރެމެން މުސްލިމުން އެއްބަސްވާނެ ކަމެއްވެސްނޫނެވެ. އެހެނީ މިކަހަލަ ސިޔާސަތަކީ އެއީ ނުބައި ނުލަފާ މީހުންގެ ސިޔާސަތެވެ. މިހެންވެ އެފަދަ ސިޔާސަތާ ދެކޮޅުހަދައި، އެއީ ސިޔާސަތުކަން ޤަބޫލުނުކުރުމަކީ، ހެޔޮލަފާ އެންމެންގެ މައްޗަށް އޮތް ވާޖިބެކެވެ.

ސިޔާސަތުގެ ތެރެއިން ދީން ބޭރުކޮށް ވަކިކުރުމުގެ މާނައަކީ، ހެޔޮކަމަށް ބާރުއަޅައި އަދި ނުބައިކަމުން ދުރުކޮށްދީ، އަދި ރަނގަޅާއި ތަޤުވާވެރިކަމާ ގާތްކޮށްދޭނެ މުހިއްމު ސަބަބަބެއް  ސިޔާސަތުގެ ތެރެއިން ނައްތާލައި، ނުބައިކަމާއި އަނިޔާވެރިކަމަށް ދެވޭ ހުސް ޖާގައެއް ސިޔާސަތުގެ ތެރޭގައި އުފެއްދުމެވެ.  

ސިޔާސަތާއި ދީން ގުޅިފައި އޮތުމަކީ، މުޖްތަމަޢުގެ ޚިދުމަތުގައި ވަރަށް ބޮޑު 'ރޫޙީ ހަކަތައެއް' އަދި 'އީމާންތެރި ހަކަތައެއް' ނެރެ އޭގެ ބޭނުން ހިފުމަށް ދައުލަތަށް ލިބޭ އަގުހުރި ފުރުސަތެކެވެ. އަދި އެއީ އެތެރޭގެ ސިޔާސަތު އަނިޔާވެރިކަމުގެ ބަދަލުގައި ޢަދުލުވެރިކަމަށް، ކަތިކަމުގެ ބަދަލުގައި ސީދާކަމަށް، ޙަރާމްކަމުން ހަޑިވުމުގެ ބަދަލުގައ ޠާހިރުކަމަށް، ގެންގޮސްދޭ ބާރެކެވެ.

ހަމައެހެންމެ، ދީނަކީ އެއީ ޤައުމާއި ވަޠަނުގެ ދިފާޢުގައި ޚާރިޖީ ސިޔާސަތުގައި ބޭނުންކުރެވޭނެ، އަދި ބަލަބަލާ ތިބޭ ޢަދުއްވުންނާ ކުރިމަތިލައި، ޤައުމަށް ޢުދުވާނެއް އަތުވެއްޖެނަމަ ޤައުމު ދިފާޢުކޮށް މިނިވަންކުރަން ހަނގުރާމަކުރުމަށާއި، ޤައުމުގެ ކަރާމަތާއި ޙައްޤުތައް ރައްކާތެރިކުރުމަށް ލިބޭ ބޮޑު ބާރެކެވެ.

މުސްލިމުންގެ ސިޔާސަތާއި ދީން ގުޅިފައި އޮތް ޒަމާނަކީ މުސްލިމުންގެ ރަންޒަމާނެވެ. އެ ޒަމާނުގައި މުސްލިމުންވަނީ ގައުމުތައް ފަތަޙަކޮށް، ބޮޑެތި ބާރުތަކުގެ މައްޗަށް ނަޞްރުހޯދައި، ޢަދުލުވެރިކަމާއި ހެޔޮވެރިކަންކުރާ ދައުލަތެއް ބިނާކުރުމަށްފަހު، ޤުރުއާނުގެ ދިދައިގެ ހިޔަލުގައި ތިބެގެން އީމާނާއި ޢިލްމުވެރި ޙަޟާރަތެއް ޤާއިމުކޮށްފައެވެ.

ދީނުގެ ތެރޭގައި ސިޔާސަތެއް ނޯންނާނެއޭ ބުނާ ބުނުން:

ދީނުގެ ތެރޭގައި ސިޔާސަތެއް ނޯންނާނޭ ބުނުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އޭގެ މާނައަކީ މީސްތަކުންގެ ކަންކަން ރާވައި ހިންގުމާއި، އެމީހުންގެ ޙަޔާތުގައި ދިމާވާ މައްސަލަތަކާއި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި، އެއްބަޔަކު އަނެއްބަޔަކާ އޮންނަ ގުޅުމާ މެދު، ދީނަށް އެއްވެސް ދައުރެއް ނެތުންހެއްޔެވެ؟ ނެތޭ ބުނެފިއްޔާ އެއީ ރަނގަޅު ވާހަކައެއް ނޫނެވެ. އެހެނީ ހުރިހާ ދީންތަކެއްގައިވެސް މިދާއިރާތަކުގައި، އެކި ދީންތަކުގައި އެކިމިންވަރަށް، އިރުޝާދުދީފައިވެއެވެ. ނަމަވެސް އެންމެ ބޮޑަށް ވާހަކަދައްކާފައިވަނީ، އިސްލާމްދީނުގައެވެ. މިކަންކަމާމެދު ޤުރުއާނާއި ސުންނަތުގައި ވަރަށް ގިނަ ނައްޞުތައް އެބަހުއްޓެވެ. އަދި ޝަރީޢާގެ ފިޤުހުގެ ތަފާތު މަޛްހަބުތަކުގެ ފޮތްތަކާއި އެފޮތްތަކުގެ ޝަރަޙަތަކުގައި ވެސް، މިކަންކަމާ ބެހޭގޮތުން ވަރަށް ފަޚްރުވެރި ތަރިކައެއް، އެބައޮތެވެ.

ޝައިޚް ޢަލީ ޢަބްދުއްރާޒިޤު ލިޔުއްވި ''އަލްއިސްލާމް ވަ އުޞޫލުލް ޙުކުމި" (އިސްލާމްދީނާއި ވެރިކަމުގެ އުސޫލުތައް) މި ފޮތުގައި ވިދާޅުވެފައިވަނީ: "ދުނިޔޭގެ ކަންކަން ރާވައި ހިންގުމާމެދު، މާތް ﷲ ގެ ވަޙީ ބަސްފުޅު ބާވައިލައްވާ ވަރަށް ވުރެ، ދުނިޔެއަކީ އެކަލާނގެ ޙަޟްރަތުގައި އަގެއް ނެތް އެއްޗެކެވެ."!!

އެކަމަކު ޝައިޚް ހަނދުމަފުޅުނެތުނީ ނުވަތަ ހަނދުމަފުޅުނެތިކޮށްލެއްވި ކަމަކީ، މާތް ﷲ ބާވައިލެއްވި ޤުރުއާނުގައި އޮތް އެންމެ ދިގު އާޔަތަކީ، ދުނިޔަވީ ކަމަކާ ބެހޭގޮތުން ބާވައިލެއްވި އާޔަތެކެވެ. އެއީ ދަރަނި ލިޔުމާއި ހެކިވެރިކުރުމާ ބެހޭގޮތުން އޮތް ބަޤަރާ ސޫރަތުގެ، ދަރަނީގެ އާޔަތުގެ ނަމުން މަޝްހޫރުވެފައިވާ، 282 ވަނަ އާޔަތެވެ. އަދި މުފައްސިރުންނާއި ފިޤުހުވެރިން ޤުރުއާނުން ހޯދާފައިވާ، 'ޙުކުމްތަކުގެ އާޔަތް' ތަކުގެ ޢަދަދު އެތައް ސަތޭކައަކަށް އަރައެވެ.

ސިޔާސީ ޙަޔާތަށް މަގުދެއްކުމުގައި ހުރިހާ ދީންތަކެއް ވެސް އެކިމިންވަރަށް ހިއްސާ ވެފައިވެއެވެ. ''ޤައިޞަރަށް ޤައިސަރުގެ އެއްޗެހި އަދި ﷲ އަށް ﷲ ގެ އެއްޗެހި ދޫކޮށްލާށޭ" އިންޖީލުގައި ބުނާ މަސީޙީ ފައްޅި ވެސް، މި ބަހުގައި އެއްކޮށް ހިފާފައި ނެތްކަން ހާމަވާކަމަކީ، ޤައިޞަރުގެ ކަންކަމުގެ ތެރެއަށް ވަދެ، ޤައިޞަރު ދާންވީ މަގު ބުނެދޭން، ފައްޅިން މަސައްކަތްތަކެއް ކޮށްފައި އެބަހުއްޓެވެ. އަދި ޤައިޞަރު އަތުން ވެރިކަން އަތުލާންވެސް މަސައްކަތްކޮށްފައިވެއެވެ..

ސިޔާސަތުން ދީން ވަކިކުރުމަކީ މަގުފުރެދުމެއް

އަހަރެމެންގެ ޝައިޚު، ޝައިޚުލް އަޒްހަރު އަލްޢައްލަމާ މުޙައްމަދު އަލްޚަޟިރު ޙުސައިން،  ސިޔާސަތުން ދީން ވަކިކުރަން ގޮވާލާފައިވާ ލިޔުމެއް ސިފަކުރައްވަން ބޭނުންކުރެއްވި ލަފްޒަކީ ''މަގުފުރެދުމެއް' އެވެ. މިއީ ދީނީގޮތުން ބަލާއިރު ޞައްޙަ ބުނުމެކެވެ. އެހެނީ އެ ވާހަކައަކީ އުއްމަތުގައި އަލަށް އުފެދުނު، ބިދުޢަވެރި ވާހަކައެކެވެ. ޙަދީޘުގައިވާ ފަދައިން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.

'ނޫރުލް އިސްލާމް' މަޖައްލާގައި ޝައިޚް ޙަޟިރު އެކަމާބެހޭގޮތުން ވަރަށް ދިގުކޮށް ލިޔުއްވާފައި، އަދި ފަހުން ''ރަސާއިލުލް އިޞްލާޙު'' މި ފޮތުގައި އެ ލިޔުން ޝާއިޢުކުރެއްވިއެވެ. ޝައިޚްގެ މި ފުރިހަމަ އަދި ޢިލްމީ ލިޔުމުގައި ވިދާޅުވެފައިވަނީ:

"އަހަރެމެންނަށް އެނގޭ ކަމަކީ، ސިޔާސަތުގެ ތެރެއިން ދީން ވަކިކުރަން ގޮވާލަނީ ދެ ބައެކެވެ. އެއީ:

1-  ފުރަތަމަ ބަޔަކީ، ސިޔާސަތާއި ޤަޟާއާއި ގުޅިފައިވާ އުޞޫލުތަކަކާއި ޙުކުމްތަކެއް ދީނުގައިވާ ކަމަށް އިޢްތިރާފުވާ، ނަމަވެސް އެ ޙުކުމްތަކާއި އުޞޫލުތަކަކީ މީސްތަކުންނަށް މަޞްލަހަތެއް ހުރި، ރަނގަޅު ސިޔާސަތަކަށް ގެންގޮސްދޭނެ އެއްޗެއްކަމަށް ޤަބޫލުނުކުރާ މީހުންނެވެ. މިމީހުން ދީނުގެ ޙުކުމްތަކާއި އުޞޫލުތަކަށް ފާޅުގައި ފާޑުކިޔައި އެއާ ދެކޮޅު ހަދާކަށްވެސް ފަސްނުޖެހެއެވެ. ޤުރުއާނަކަށް އަދި ޤުރުއާން ބާވައިލެއްވުނު ރަސޫލަކަށް އީމާންވާ ބައެއް ނޫންވީމާ، އެއީ ދީން ޤަބޫލުނުކުރާ މުލްޙިދުންނޭ މުސްލިމުން ބުންޏަސް، އެ ބަހާ އެމީހުން ޤަބޫލެވެ.

2-  ދެވަނަ ބަޔަށް ފެނުނީ، ދީނުގައި ސިޔާސަތާއި ޤަޟާއާއި ގުޅިފައިވާ އުޞޫލުތަކާއި ޙުކުމްތަކެއް ހުރިކަމަށް އިޢްތިރާފުވުމަށްފަހު، އެއީ އިންސާނުންގެ މަސްލަހަތު ހުރި އެއްޗެއްކަމަށް ޤަބޫލުނުކޮށް  ދެކޮޅުހަދައި ފާޑުކިޔަންޏާ އެއީ ދީނުން ބޭރުވެ ވަކިވީކަން ހާމަވާނެ ކަމެކެވެ. ދީނުން ވަކިވެގެންހުރި މީހަކު ދީނުން ސިޔާސަތް ވަކިކުރަން ގޮވާލީމާ އޭނާގެ މަޤްސަދު ފަޟީހަތްވާނެތީވެ، އަދި އެ މަސައްކަތް ނާކާމިޔާބުވާނެތީވެ، ކާމިޔާބުވާނެހެން ހީވާ އެހެން މަގެއް އެމީހުންވަނީ އިޚްތިޔާރުކޮށްފައެވެ. އެއީ އިސްލާމްދީނަކީ ހަމައެކަނި އެއްކައުވަންތަކުރުމާއި އަޅުކަންތަކެއް ކަމަށް ދަޢްވާކޮށް، އަދި ދީނުގެ ތެރޭގައި ސިޔާސަތާއި ޤަޟާއާ ގުޅުންހުރި އެއްޗެއް އޮވެދާނެކަމަށް އިންކާރުކޮށް، މިކަން ސާބިތުކުރަން އެމީހުންނަށް ޖަމާކުރެވުނުހާ ޝުބުހާތަކެއް ޖަމާކޮށްގެން އެ ފެތުރުމެވެ. ދީން ރަނގަޅަށް ނޭނގޭ މޮޔަ ބަޔަކަށް އެވާހަކަ އަޑުއިވިގެން، ފަހަރަކުން ވިޔަސް، އެ ޤަބޫލުކޮށްފާނެކަމުގެ އުއްމީދުގައެވެ.

ސިޔާސަތާއި ދީން ވަކިކުރަން ގޮވާލާ ދެބައި މިހުންނަކީ މިއީއެވެ. އަދި މިދެބައި މީހުންވެސް ވެރިންގެ ކިބައިން އެދެނީ، އިސްލާމީ އުއްމަތުގެ ޝަރީޢަތާ އިދިކޮޅު ޤާނޫނުތަކެއް ހަދައި، އުއްމަތް އިޞްލާޙުކުރަން މާތް ﷲ ރުހިވޮޑިގަތް މަގު ނޫން މަގުތަކުން، އަދި އެ ނޫން ގޮތްތަކެއް އިޚްތިޔާރުކުރާށެވެ. މި ދެބައިމީހުންނަކީ ވެސް ޝަހުވަތްތެރިކަމުގެ ސިޔާސަތަށް ހެއްލުމާއި، އިސްލާމީ ޝަރީޢަތުގައިވާ ފުރިހަމަ ޙިކުމަތްފުޅުތަކާ ހަމައަށް އެމީހުންގެ ނަޒަރު ނުފޯރުމުގެ ސަބަބުން އުފެދުނު ބައެކެވެ.

ވެރިކަންކުރުމުގެ ޙުކުމްތަކާއި ޢަދުލުއިންސާފު ޤާއިމުކުރުމުގެ އުޞޫލުތަކެއް އިސްލާމްދީނުގައި ގެނެސްދީފައިވާ ކަމާއި، އަދި ސިޔާސަތުގައި ޙިކުމަތްތެރިކަމުގެ ލަގަން އަޅުވާފައިވާ ކަން، އިންކާރުކޮށް ޤަބޫލުނުކުރާނީ  ޤުރުއާނާއި ސުންނަތް ނުދަންނަ ނުވަތަ ދެނެނުގަންނަ މީހެކެވެ. އަދި ޝަރީޢަތުގެ ތިލަފަތުން ހުރިހާ ކަމެއް ކިރައި، ޚިލާފު އުފެދޭއިރު ޤުރުއާނާ ސުންނަތަށް ރުޖޫޢަވެވަޑައިގަތް ޚުލާފާއުއް ރާޝިދީން ގެ ސިޔަރަތުވެސް އޭނާ ނުދަނެއެވެ.

ދީނުގެ ދަޢްވަތަކީ މަދަނީ މުޢާމަލާތުގެ ތެރެއަށް ވަންނަ، އަދި ސިޔާސަތު ހިންގަންޖެހޭ މަގުދައްކައިދޭ އެއްޗެއްކަމަށް ހެކިވާ ވަރަށް ގިނަ އާޔަތްތަކެއް ޤުރުއާނުގައި އެބަހުރިކަން، ޝައިޚް އެ ފޮތުގައި ބަޔާންކޮށްދެއްވިއެވެ: {أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ} "ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟ " (މާއިދާ:50)

ވީމާ ﷲ ގެ ޝަރީޢަތުގެ ޙުކުމަކާ ޚިލާފުވާ ކޮންމެ ޙުކުމަކީ ޖާހިލީ ޙުކުމެކެވެ.  އަދި މިއާޔަތުގައި '' ޔަޤީންކުރާ ބަޔަކަށް" މިހެން އޮތުމުން، ޔަޤީންކަން ނެތް ބަޔަކު މީހުން، ޢާލަމްތަކުގެ ވެރި ﷲ ގެ ޙުކުމްފުޅުތަކަކީ ރަނގަޅު އެއްޗެއްކަމާމެދު ދެކޮޅުހަދާނެކަމުގެ އިޝާރާތެއް އެބަލިބެއެވެ. މިގޮތަށް ގޮވާލާ މީހުން ވަނީ، ހެވާއި ނުބައި ވަކިކުރުމުގެ ކުޅަދާނަކަމެއްވެސް ނެތީސް، އެމީހުންގެ ނަޒަރުގައި ބޮޑު ބަޔަކަށްވީ ބަޔަކު މީހުންގެ ކިބައިން ހުރިހާ އެއްޗެއް ނަކަލުކޮށްފައެވެ. މާތް ﷲ ވަޙީކުރައްވަނީ {وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ ۖ} "އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! " (އަލްމާއިދާ:49)

މިއާޔަތުން ފަރުޟުކުރައްވާފައި މިވަނީ، މާތް ﷲ ބާވައިލައްވާފައިވާ ގޮތަށް މައްސަލަތަކުގެ ނިޔާކަނޑައަޅާށެވެ. އަދި އީމާންކަން ހިތަށް ނުވަންނަ މީހުން، އެމީހުންގެ ހަވާނަފްސު ބޭނުންވާ ގޮތަށް ޙުކުމްތައް ބަދަލުކުރަން، ވެރިއަކަށްހުންނަ މީހާގެ ކިބައިން އެދޭނެކަންވެސް މިއާޔަތުގައި އެބައޮތެވެ. އަދި އާޔަތް ނިންމަވާފައިވަނީ، ޝަހުވަތްތަކުގެ އަސީރުންނަށްވެފައި ތިބޭމީހުން، ﷲ ބާވައިލެއްވި ބައެއް ޙުކުމްތަކުން ވެރިއަކަށް ހުންނަ މީހާ އެއްކިބާކުރުވާފާނެކަމަށް، ރައްކާތެރިވެ ސަމާލުވެ ހުރުމަށް އިންޒާރުދީފައެވެ. އެއްކިބާކުރުމަކީ އެމީހުން ދައްކާވާހަކަ އަޑުއަހައި، ﷲ  ބާވައިލެއްވި ޙުކުމުގެ ބަދަލުގައި އެމީހުން ބޭނުންވާ ޙުކުމްތައް ހެދުމެވެ.  

{أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ} "ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟ " (މާއިދާ:50)

{ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْفَاسِقُونَ}"އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ فاسق ންނެވެ. "(މާއިދާ:45)

{وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْكَافِرُونَ} "اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ كافر ންނެވެ. "(މާއިދާ:44)

ތައުޙީދުގެ ތެރެއަށް ވެސް އަދި އަޅުކަންތަކުގެ ތެރެއަށްވެސް ނުވަންނަ ވަރަށް ގިނަ ޙުކުމްތައް، ކީރިތި ޤުރުއާނުގައި އެބަހުއްޓެވެ. މިސާލަކަށް ވިޔަފާރި، ރިބާ، ރަހުނު، ހެކިވެރިވުން، ކައިވެންޏާއި ވަރިއާއި ލިޢާނާއި ޡިހާރާއި، ޙަޖުރުކުރުމާއި ވަޞިއްޔަތާއި ތަރިކައާއި، ޤިޞާޞްގެ ޙުކުމްތަކާއި ދިޔައާއި ވައްކަންކުރާމީހާގެ އަތް ކެނޑުމާއި، ޒިނޭކުރުމާއި ޤަޛުފުކުރުމުގެ އަދަބަކަށް ހައްދުޖެހުމާއި، މަގުފޭރުމާއި ބިމުގައި ފަސާދައާއި ބިރުވެރިކަން ފަތުރާ މީހުންގެ ޙުކުމްތައް، ޤުރުއާނުގައި އެބަހުއްޓެވެ. އަދި ބައިނަލް އަޤްވާމީ ގުޅުންތަކާއި މުޢާޙަދާތަކާއި ސުލްޙައާއި ހަނގުރާމައާ ގުޅުންހުރި އާޔަތްތަކެއް ވެސް ޤުރުއާނުގައި ވެއެވެ."

އަދި ސުންނަތުގެ، މުޢާމަލާތާއި ޖިނާޔަތާ އަދި މިނުންވެސް މިފަދަ ބާބުތަކުގައި، ތަފްޞީލުކޮށް ބަޔާންވެފައިވާ ޙުކުމްތައް އެބަހުއްޓެވެ. ވީމާ މިއިން ދަލީލުކޮށްދެނީ، ދީނާ ސިޔާސަތު ވަކިކުރަން ގޮވާލާ މީހުންނަށް ފެނިފައިވަނީ، އިސްލާމްދީން ނޫން އެހެން ދީނެއްކަމެވެ.

ޝަރީޢަތުގެ މަޤްޞަދުތައް އެންމެ މޮޅަށް އެނގިވަޑައިގަންނަވާނެ، ކީރިތި ރަސޫލާގެ ޞަޙާބީންގެ ސިޔަރަތުގައިވެސް، ސިޔާސަތުގައި ދީނަށް ބާރުތަކެއް ލިބިގެންވާ ކަށަވަރުވާ ދަލީލުތަކެއް ފެންނަން އެބަހުއްޓެވެ. މިސާލަކަށް ބަލަންޏާ، ޚަލީފާއަށް ބައިޢަތުހިފާއިރު، ޤުރުއާނާއި ސުންނަތަށް ޢަމަލުކުރުން، އެބޭކަލުން ޝަރުޠުކުރައްވައެވެ. ސިޔާސަތަކީ ދީނާ ވަކިނުކުރެވޭނެ އެއްޗެއްކަން، އެބޭކަލުންނަށް އެނގިވަޑައިނުގަންނަވާނަމަ، ޚަލީފާއަށް ފެންނަގޮތަކަށް ނުވަތަ މަޝްވަރާ މަޖްލިހަށް ފެންނަށް ގޮތަކަށް ވެރިކަންކުރަން، ބައިޢަތު ހިއްޕެވީހެވެ. ބުޚާރީގައިވާ ޙަދީޘެއްގައިވަނީ: "ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ފަހު އެކަލޭގެފާނުގެ ޚަލީފާއިން، އެންމެ ފަސޭހަގޮތަކަށް ކަންކަން ކުރެއްވުމަށްޓަކައި، ހުއްދަ ކަންކަމުގައި (މުބާޙު) އަމާނާތްތެރި ޢިލްމުވެރިންނާ މަޝްވަރާކުރައްވައެވެ. އަދި ޤުރުއާނާއި ސުންނަތުގައި ހާމަވެ ބަޔާންވެފައިވާ ކަމެއްގައި، އެދޭތި ފަހަނައަޅާ ނުދެއެވެ."

ޒަކާތްދިނުމާ ދެކޮޅުހެދި މީހުންނާ ހަނގުރާމަކުރައްވަން އަބޫބަކުރުގެފާނު މަޝްވަރާ ހޯއްދެވީމާ، ޝަހާދަތް ކިޔައިފި ބައެއްގެ ފުރާނައާ މުދަލަކީ ރައްކާތެރިވެގެންވާ އެއްޗެއްކަމަށް، ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި އޮތީމާ، އެކަމަށް ރިޢާޔަތްކުރައްވައި ޢުމުރުގެނު ފުރަތަމަ މަޝްވަރާ ދެއްވީ ހަނގުރާމަނުކުރުމަށެވެ. ނަމަވެސް އަބޫބަކުރުގެފާނު ހަނގުރާމަކުރައްވަން ހުއްޖަތަކަށް، ރަސޫލާގެ އެ ޙަދީޘްފުޅުގައިވާ "ޙައްޤުގޮތުގައި މެނުވީ ނުނަގާށެވެ." މި ބަސްފުޅުގައި ހިއްޕަވައި، ޒަކާތަކީ ޙައްޤުގޮތުގައި ނެގޭ އެއްޗެއްކަމަށް ވިދާޅުވީމާ، ޢުމަރުގެފާނު އަބޫބަކުރުގެފާނުގެ ރައުޔާ އެއްބަސްވެވަޑައިގަތެވެ.

ސިޔާސަތަކީ ދީނާ ގުޅުންހުރި އެއްޗެއްކަމާއި، ދީނުން އިޒުނަ ލިބިގެން މެނުވީ ސިޔާސަތަށް އެންމެ ފިޔަވަޅެއްވެސް އެޅިގެން ނުވާނެކަން، އެބޭކަލުންނަށް ޔަޤީންނުވާނަމަ، ޢުމަރުގެފާނު އެ ޙަދީޘްފުޅެއް ފުރަތަމަ ނުވެސް ނެންގެވީހެވެ. އަދި އަބޫބަކުރުގެފާނުވެސް ވިދާޅުވީހީ، އެއީ ރަސޫލާގެ ޙަދީޘުގައި އޮތްގޮތެއް ކަމަށާއި ޒަކާތްނުދޭ މީހުންނާ ހަނގުރާމަކުރުމަކީ ސިޔާސީކަމެއް ކަމަށެވެ!

ސިޔާސަތަކީ ދީނާ ގުޅުންހުރި އެއްޗެއްކަން، ޚާއްޞަ ޞަޙާބީންނާއި ޢާއްމު ޞަޙާބީންވެސް ދެނެވަޑައިގަންނަވާ ކަމުގެ އަނެއް ދަލީލަކީ، ކައިވެނީގެ ރަނަށް ވަކި ހައްދެއް ކަނޑައަޅުއްވަން ޢުމަރުގެފާނު ނިންމެވީމާ، އެކަމާ ދެކޮޅުހަދައި އަންހެނަކު އެތާ ހުރެފައި ކީ މިއާޔަތެވެ: {وَآتَيْتُمْ إِحْدَاهُنَّ قِنطَارًا فَلَا تَأْخُذُوا مِنْهُ شَيْئًا} " އަދި، އެ އަނތްބަށް (ރަނުގެ ގޮތުން) ކިތަންމެ ގިނަ މުދާތަކެއް ދީފައިވިޔަސް އޭގެތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުނުލާ ހުށިކަމެވެ. " (އައްނިސާ: 20) ޖަވާބުގައި ޢުމަރުގެފާނު ވިދާޅުވީހާވެސް އެއްޗަކީ: "ފިރިހެނަކު ބުނީ ނުބައިކޮށެވެ. އެކަމަކު އަންހެނަކު އެބުނީ ރަނގަޅަށެވެ!" އަދި ކުރިން ޢުމަރުގެފާނު ވިސްނެވި ގޮތަށް ޢަމަލެއް ނުކުރެއްވިއެވެ. ތިޔައީ ދީނޭ، މިއީ ސިޔާސަތޭ ވިދާޅެއް ނުވެއެވެ!"

ސުންނަތާއި ޞަޙާބީބޭކަލުންގެ ސިޔަރަތު ފޮތްތަކުގައި މިފަދަ އެތަކެއް ދަލީލެއް އެބަހުއްޓެވެ. އަދި ކުރީގެ އެއްވެސް ވެރިއެއް -ނުބައި ވެރިންކަމަށް މީސްތަކުންގެ ތެރޭގައި މަޝްހޫރުވެފައިވާ ވެރިންވެސް- ﷲ ހުއްދަނުކުރައްވާ އެތައް ކަމެއް، އެނގިގެން ވިޔަސް އަދި ނޭނގިވިޔަސް ކުރިއެއްކަމަކު، ދީނާއި ސިޔާސަތާ ދެމެދު އޮންނަ ގުޅުން ޢަމަލީގޮތުން ކަނޑާލަން މަސައްކަތްކޮށްފައި ނެތެވެ.

އެއްފަހަރަކު ޙައްޖާޖު ބިން ޔޫސުފް، މީހެއްގެ ތިމާގެ މީހަކު ކުރިކުށަކަށް، އޭނާއަށް އަދަބުދޭން އުޅުނީމާ މިއާޔަތް ކިޔައިދިނީމާ، { وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ} " އަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ." (އަލްއަންޢާމް:164)، އޭނާ ދޫކޮށްލިއެވެ. ކަލޭ ތިބުނީ ދީނުގައި އޮތްގޮތޭ، ނަމަވެސް އަހަރެން ކަންކުރާނީ ސިޔާސަތަށް ފެންނަގޮތަކަށޭ، ޙައްޖާޖަކީ އަނިޔާވެރިއެއްކަމަކު ނުބުނެއެވެ.

"ދީނާއި ސިޔާސަތު ވަކިކުރުމަކީ ދީނުގެ ބޮޑު ބައެއް މުގުރާލުމެވެ. އަދި މުސްލިމުން ޣައިރު މުސްލިމުންނަށް ވެގެން ނޫނީ، އެފަދަ ކަމެއް ނުކުރާނެއެވެ. އަދި މިއީ ބޭރު ބަޔަކު މުސްލިމުންގެ ބިމަށް ވެރިވެގަނެ އެ ބިމަށް ދޭ އަނިޔާވެރި ހަމަލާއަކަށްވުރެ ކުޑަ ކަމެއް ނޫނެވެ. ފާޅުގައި ދީނާ ސިޔާސަތު ވަކިކުރި މީހުން، އޭގެ ފަހުން ޤުރުއާނުގެ ހިދާޔަތާ ވެސް އެންމެ ޢަދާވާތްތެރި މީހުންކަމުގައި ވެފައިވާ ތަން އަހަރެމެންނަށް ވަނީ ފެނިފައެވެ. އަދި ޢަލީ ޢަބްދުއްރާޒިޤުގެ ވިސްނުމަށް ތާއީދުކުރާ މީހުންނަށް ބާރެއް ލިބިއްޖެއްޔާ، އިސްލާމްދީނުގެ އަސްލުތަކަށް ޙުކުމްކުރާ ޝަރުޢީ ކޯޓުތައްވެސް އުވާލާނެކަމާއި، އަދި މާތްވި ޝަރީޢަތުގެ ޢިލްމު އުނގަންނައިދޭ މަދަރުސާތައް ކުޅިވަރާއި މަޖާކުރުން އުނގަންނައިދޭ މަދަރުސާތަކަކަށް ހަދާލާނެކަން، އަހަރެމެންނަށް ޔަޤީނެވެ. ކިއެއްތަ މާތް ﷲ ގެ އިސްމުފުޅު އުފުލޭ މިސްކިތްތަކަށް ވެސް އެމީހުން ހެދީ، އެކަލާނގެއަށް ކުޑަވެސް ޙުރުމަތެއް ނުބަހައްޓާ،ބަޔަކު ކަންކުރާނެ އުސޫލުންނެވެ."

ދީނަކީ ހަމައެކަނި ރޫޙާނިއްޔަތެއް ނޫން

ދީނުގައި ސިޔާސަތެއް ނޯވެޔޭ އަދި ސިޔާސަތުގައި ދީނެއް ނޯވެޔޭ ބުނާ ވާހަކައަށް އަލުން ބަލާލާއިރު،  ފެންނަ އަނެއްކަަކީ އެއީ ހުރިހާ ދީނަކަށް ފެތޭނެ ވާހަކައެއް ނޫންކަމެވެ. ހުރިހާ ދީނަކީ ސިޔާސަތާ ދުރު އެއްޗެކޭ އަދި ހުރިހާ ސިޔާސަތަކީ ދީނާ ދުރު އެއްޗެކޭ ބުނުމަކީ، ވަރަށް ތިލަ ވިސްނުމެކެވެ. ނުވަތަ ބޮޑު ދޮގެކެވެ.

އެހެނީ ހުރިހާ ދީނަކީ ހަމައެކަނި ރޫޙާނީ ނުވަތަ ލާހޫތީ އަޅުކަންތަކެއްގެ މައްޗަށް އެކުލެވިގެންވާ، އަދި ޙަޔާތުގެ އެއްވެސް ކަމަކާ ގުޅުމެއް ނެތް، ދީންތަކެއް ނޫނެވެ. ބައެއް ދީންތަކަކީ އެބުނާ ކަހަލަ ދީންތަކެވެ. ނަމަވެސް އަނެއްބައި ދީންތަކަކީ އެފަދަ ދީންތަކެއް ނޫނެވެ.

ބައެއް ދީންތަކަކީ ޙަޔާތާ ވަރަށް ބޮޑަށް ގުޅިފައިވާ، ޙަޔާތުގެ އެކިއެކި ކަންކަމަށް ޙުކުމް ކަނޑައަޅާފައިވާ ދީންތަކެވެ. މިސާލަކަށް މޫސާގެފާނުގެ ދީން، ނުވަތަ ޔަހޫދީ ދީނުގެ ތައުރާތަށް ބަލާލީމާ ފެންނާނީ 'ނާމޫސް' އެއްގެ ވާހަކައެވެ. ނާމޫސް އަކީ ތައުރާތުގައިވާ ޙުކުމްތަކެވެ.

މިގޮތުން ތައުރާތުގައި ޝަރީޢަތުގެ ތަފާތު ޙުކުމްތަކައް އެބަހުއްޓެވެ. އޭގެ ތެރޭގައި އާއިލާއާއި ގުޅޭ ޙުކުމްތަކާއި، މުޖްތަމަޢާ ގުޅޭ ޙުކުމްތަކާއި، ޢުޤޫބާތްތަކާ ގުޅޭ ޙުކުމްތައް، އަދި ދޭދޭ ޤައުމުތަކުގެ ގުޅުންތައް ވެސް ވެއެވެ.

އިސްލާމްދީނަށް ބަލާލާ ކަމަށްވަންޏާ، އިސްލާމްދީން އައިސްފައިވަނީ އަޚްލާޤީ ސުލޫކުތަކަކާއި، އަދި ދުނިޔެއާއި ޙަޔާތުގެ ކަންކަމާ ގުޅުންހުރި ޤާނޫނީ ޝަރީޢަތަކާއިގެންނެވެ. ޤުރުއާނުގެ އާޔަތްތަކާއި ރަސޫލާގެ ޙަދީޘްފުޅުތަކުގެ ތެރޭގައި މި ޝަރީޢަތުގެ ޙުކުމްތައް ވަރަށް ގިނަ ޢަދަދަކަށް ހުރުމުން، އެ ޙުކުމްތައް ތަފްސީރުކޮށް،  ތަފްސީލުކޮށް ޢިލްމުވެރިންވަނީ 'އާޔާތުލް އަޙްކާމި' އަދި 'އަޙާދީޘުލް އަޙްކާމި' ގެ ނަން ދީފައެވެ. އަދި އިސްލާމީ ފިޤުހުވެރިން ލިޔެފައިވާ ފޮތްތަކުގައި، ޢާއިލާއާއި މުޖްތަމަޢާއި ދައުލަތާ ގުޅޭ ޙުކުމްތަކުން ފެށިގެން ގޮސް އިސްތިންޖާކުރާނެ ގޮތާއި ކާނެ ގޮތާއި ދައުލަތް ބިނާކުރާނެ ގޮތާއި އެހެން އުއްމަތްތަކާ އޮންނަ ގުޅުން ފަދަ، އިންސާނާގެ ހުރިހާ ދާއިރާއެއް ޝާމިލުވެފައިވެއެވެ.

ދީނުގައި ސިޔާސަތެއް ނޯވެޔޭ މިތަނުގައި ބުނާނީ ކިހިނެއް

ޒަކާތަކީ އިސްލާމްދީނުގެ އެއް ރުކުނެވެ. އެއީ މާލީ އިޖްތިމާޢީ ސިޔާސީ ރުކުނެވެ. ސަބަބަކީ މި ރުކުނަކީ އޭގެ އަސްލުގައި ދައުލަތުން ބަލަހައްޓަންޖެހޭ ދައުލުން ތަންފީޒުކުރާ، މުއްސަނދިން އަތުން އަތުލާފައި ފަޤީރުންނަށް ބަހާ، ފަރާތަކީ ދައުލަތެވެ. ޒަކާތް ނަގަނީ ދައުލަތުންވެ. އަދި ދައުލަތުގެ އިދާރީ އަދި މާލީ މުއައްސަސާތައް މެދުވެރިކޮށް ޒަކާތް ބަހަނީ ދައުލަތުންނެވެ. ޤުރުއާނުގައި އެކަންކުރާ މީހުންނަށް ދީފައިވާ ނަމަކީ "ޢާމިލީން ޢަލައިހާ" އެވެ.

ޒަކާތުގެ އެއް ބެހެނިވެރިންނަކީ ''މުއައްލަފަތު ޤުލޫބުހުމް' އެވެ. އެއީވެސް އަސްލުގައި ސިޔާސީ ފަރާތެކެވެ. އެމީހުންނަށް ޒަކާތް ދެނީ ދައުލަތުގެ އިމާމަށް ފެނިއްޖެ ހާލަތްތަކުގައި، ޣައިރު މުސްލިމުންގެ ތެރެއިން އިޖްތިމާޢީ ގޮތުންނާއި ސިޔާސީގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން މުހިއްމު ފަރާތްތަކުގެ ތާއީދު ހޯދުމަށާއި، ދުޝްމަންކަމުން ދުރުކުރުމަށާއި އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި، މުސްލިމުންނާ ޢަދާވާތްތެރި މީސްމީހުންގެ ގެއްލުމުން ސަލާމަތްވުމަށެވެ. ޝައްކެއްވެސް ނެތްގޮތުގައި މިއީ ސިޔާސީ ބޭނުންތަކެކެވެ.

އަނެއްކާ، ﷲ އަށް އަޅުކަންކުރަން ނަމާދުތެރޭގައި ހުރެވެސް މުސްލިމަކަށް ސިޔާސަތުގެ ތެރެއަށް ވަދެވިދާނެއެވެ. މިސާލަކަށް ޤުރުއާނުގައިވާ ސިޔާސަތާ ސީދާ ގުޅުންހުރި ބައެއް އާޔަތްތައް ނަމާދުގައި ކިއުންވާނީ ސިޔާސީ ކަމަކަށެވެ. ނުވަތަ އިސްތިޢުމާރުކޮށްގެން ތިބޭ ބޭރު މީހުންނާއި އަނިޔާވެރި ވެރިންގެ މައްޗަށް، ޤުނޫތުގައި ބަދުދުޢާކުރުންވެސް ވާނީ ސިޔާސީ ކަމަކަށެވެ. މިފަދަ ޤުނޫތަށް ފިޤުހުވެރިން ދީފައިވާ ނަމަކީ "ޤުނޫތުއް ނަވާޒިލި" އެވެ. ނަވާޒިލަކީ، ޤައުމު ހިފުމާއި، ބިންހެލުންފަދަ ކާރިޘާތައް ފަދަ އުއްމަތަށް ދިމާވާ ބޮޑެތި ކަންކަމެވެ.

 

*ނުނިމޭ

** މިއީ ޑރ. ޔޫސުފުލް ޤަރަޟާވީގެ ލިިޔުއްވުމެއްގެ ތަރުޖަމާއެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.