ހޮނިހިރު20171014

އާކުރެވުނީ: 09:46:14

Back ކަވާސާ ސިޔާސަތާއި ޤާނޫނު ސިޔާސަތާއި ޤާނޫނުގެ ބައިތައް ސިޔާސީ އިސްލާމީ ޝޫރާގައި އޮންނަނީ އަޣްލަބިއްޔަތަށް ތަބާވުން

އިސްލާމީ ޝޫރާގައި އޮންނަނީ އަޣްލަބިއްޔަތަށް ތަބާވުން

majority2

 

އަޣްލަބިއްޔަތު އޮންނަ ކޮޅުވެސް ގޯސްވެދާނެ ކަމަށް ބުނާ މީހުން
ޤުރުއާނުގައި ކުށްވެރިކޮށްފައިވާ ބައިބޯމީހުންނަކީ ކޮންބައެއް؟
ޤުރުއާނުގައި ބައިމަދު ބޮޑުންވެސް ކުށްވެރިކޮށްފައިވޭ

ޝޫރާއަކީ ލާޒިމުވާ އެއްޗެއްކަމަށް ބުނުމަކީ، ޙަޤީޤަތުގައި އެއީ އަޣްލަބިއްޔަތަށް ތަބާވާންޖެހޭނެ ކަމަށް ބުނެވެ.  އެހެނީ ޝޫރާ ލާޒިމުވުމުގެ މާނައަކީ އާޚިރުގައި  މަޝްވަރާދޭ ގިނަ މީހުންގެ ރައުޔުގައި ހިފުމެވެ. ކަމަކާމެދު އަހަރެމެން މަޝްވަރާކުރާއިރު އާއްމުގޮތެއްގައި އަހަރެމެން ތިބޭނީ ދެހާލަތުން ކުރެ އެއް ހާލަތެއްގައެވެ. ފުރަތަމަ ހާލަތަކީ އެއީ މަޝްވަރާކުރި އެންމެން އެއް ރައުޔަކަށް އިއްތިފާގުވުމެވެ. މިހާލަތުގައި ދެން ދައްކާނެ މާގިނަ ވާހަކައެއް ނެތެވެ. އެހެނީ މައްސަލަ އެއޮތީ ވަރަށް ސާފުކޮށެވެ.

ދެވަނަ ހާލަތަކީ ދެ ރައުޔަކަށް ނުވަތަ އެއަށްވުރެ ގިނަ ރައުޔުތަކަކަށް، މަޝްވަރާކުރި މީހުން ބެހިގެން ދިއުމެވެ. މިފަދަ ހާލަތެއްގައި ގިނަ މީހުން ތިބި ކޮޅެއް އެއީ އަޣްލަބިއްޔަތެވެ. މަދު އަދަދެއް ތިބި ކޮޅު އެއީ ބައިމަދުކޮޅެވެ. އަދި މަޝްވަރާދޭ އެންމެން އެއް ރައުޔަކަށް އިއްތިފާޤުވެފައި، ވެރިމީހާ އެއާ ޚިލާފު ރައުޔެއްގައި ހުއްޓަސް، އެވާނީ ހަމަ އަޣްލަބިއްޔަތު ރައުޔަކާއި ބައިމަދު ރައުޔެއް އޮތްކަމަށެވެ. ނަމަވެސް މިއީވެސް ވުން ވަރަށް ނާދިރު ގޮތެކެވެ.

ވީމާ މަޝްވަރާތަކުގައި އާއްމުގޮތެއްގައި ވާގޮކީ، އެންމެން އިޖްމާޢުވުމެވެ. މިހެންވެއްޖެނަމަ އޭގައި މައްސަލައެއް ނެތެވެ. އަނެއް ގޮތަކީ އަޣްލަބިއްޔަތާއި ބައިމަދާ ދެމެދުގައި ރައުޔު ބެހިގެން ދިއުމެވެ. މިތަނުގައި އަހަރެމެންގެ މައުޟޫޢަކީ ވެސް މިއީއެވެ.

އެއްވެސް ޖެހިލުމެއް ނެތި އަހަރެން ހިފާ، އަދި ގޮވާލާ ރައުޔަކީ، ކަންކަން ނިންމުމަކަށް މަޝްވަރާކުރާ މަޖްލިސްތަކުގައި، އަޣްލަބިއްޔަތަށް ތަބާވުން ލާޒިމުކަމަށް ބުނާ ރައުޔެވެ.

ޝޫރާ ލާޒިމުވުމާއި އަޣްލަބިއްޔަތަށް ތަބާވުމުގެ މައްސަލައަކީ، ޝޫރާ އުޞޫލު ދިރިއޮތުމާއި މަރުވުމާ ގުޅިފައިވާ ކަމަކަށް ވާހިނދު،  މި ދެކަމުގެ މައްޗަށް ތަފްސީލީ ނަޒަރަކުން ބެލުން މުހިއްމެވެ.

ޤުރުއާނަށް ނަޒަރެއް:

ޝައްކެއްވެސް ނެތް ގޮތުގައި ކީރިތި ޤުރުއާނުގައި މި މައްސަލައިގެ ނަމެއްވެސް ގަނެވިފައި، އަދި ޙުކުމެއްވެސް އައިސްފައި ނެތެވެ. ނަމަވެސް މިޒަމާނުގެ ބައެއް މީހުން، އަޣްލަބިއްޔަތަށް ޢަމަލުކުރުން ބާޠިލުކުރަންވެގެން، ގިނަމީހުންގެ ރައުޔު ގޯސްކަން ހާމަވާ ބައެއް އާޔަތްތައް ޤުރުއާނުން ނަގައި ދަލީލު ދައްކައެވެ. މީގެ ތެރެއިން އެކަކީ ޑރ. ޙަސަން ހުވައިދީއެވެ. އަޣްލަބިއްޔަތަށް ޢަމަލުކުރުމާ ދެކޮޅުހަދާ ސަބަބުތައް ދައްކަމުން އޭނާ ބުނެފައިވަނީ: "ގިނަމީހުން ތިބޭ ގޮތް ނުބައިކަން ބަޔާންކޮށް އަދި އެ ރައުޔު ކުށްވެރިކޮށް، ބައިމަދު މީހުން ތިބޭ ގޮތް ރަނގަޅުކަމާއި އަދި އެ ރައުޔަށް މަދަޙަކިޔާފައިވާ، އާޔަތްތަކެއް ޤުރުއާނުގައިވެއެވެ. މިސާލަކަށް:

{وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّـهِ} " އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން اللَّه ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. " (އަލްއަންޢާމް 116)

{وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ الْجِنِّ وَالْإِنسِ} " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކަޔަށްޓަކައި ހެއްދެވީމެވެ." (އަލްއަޢްރާފް:179)

{وَأَكْثَرُهُمْ لِلْحَقِّ كَارِهُونَ} " އަދި އެއުރެންކުރެ ގިނަމީހުންނީ، حق އަށް ނުރުހޭބަޔެކެވެ." (އަލްމުއުމިނޫން:70)

{قُل لَّا يَسْتَوِي الْخَبِيثُ وَالطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ الْخَبِيثِ} " ކަލޭގެފާނު ވިދާޅުވާށެވެ! ނުބައިކަންތަކުގެ ގިނަކަން، ތިބާ عجائب ކޮށްލިޔަސް، ނުބައިކަންތަކާއި، ރަނގަޅު ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. " (އަލްމާއިދާ:100)

{وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ} " އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ. " (ސަބައު:13)

{وَإِنَّ كَثِيرًا مِّنَ الْخُلَطَاءِ لَيَبْغِي بَعْضُهُمْ عَلَىٰ بَعْضٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَقَلِيلٌ مَّا هُمْ}

" (މުދާ އެއްކޮށްލައިގެންއުޅޭ) ބައިވެރިންގެ ގިނަމީހުން، ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރެތެވެ. إيمان ވެ، صالح عمل ތައްކުޅަ މީހުން މެނުވީއެވެ. އެއުރެންނީ ވަރަށްމަދު ބަޔެކެވެ. " (ޞާދު:24)

މިހުރިހާ އާޔަތްތަކަކުން ވެސް މިފެންނަނީ، މުއުމިނުންނާ ކާފަރުން އަޅާބެލިކަމުގައި ވިޔަސް ނުވަތަ މުއުމިނުންނާ މުއުމިނުންނާ އަޅާބެލިކަމުގައި ވިޔަސް، ހެޔޮ ލަފާ ރަނގަޅު މީހުންނަކީ އޭގެ ތެރެއިން މަދުބައެއްކަމެވެ. ވީއިރު ޢަދަދުގެ ގޮތުން ބަޔަކު ގިނަވިޔަސް، ހެޔޮކަން ގިނައީ މަދު އެހެން ބައެއްގެއެވެ."

ޑރ. އަޙްމަދު ރަޙްމާނީ ވެސް، ''ބައިބޯމީހުންނާއި ބައިމަދުމީހުންގެ މައްސަލައިގެ ފާޅު ޙަޤީޤަތް" މި ނަމުގައި ވަރަށް ބޮޑު ފޮތެއް ލިޔުއްވާފައިވެއެވެ. އެ ފޮތުގައި ބައިމަދުމީހުންނަށް ނަޞްރުދީ، ބައިގިނަމީހުންގެ ރައުޔަކީ ތާކުންތާކު ނުޖެހޭ އެއްޗެއްކަން ބަޔާންކޮށްދެއްވަން ވެގެން، ވަރަށް ގިނަ އޮޅުންތަކާއި، ޢާއްމުކުރުންތަކާއި އަދި ތިލަ ވިސްނުމުގެ ޝިކާރައަކަށް ވެފައިވާތަން ފެނެއެވެ.

އަދި ފޮތުން ވާސިލުވެވޭ ނަތީޖާއަކަށް ވިދާޅުވެފައިވަނީ: "ފުން ހޯދުންތަކަކަށް ފަހު އާދެވޭ ނަތީޖާއަކީ، ބައިބޯމީހުންނަކީ ނުވަތަ ރައްޔިތުންގެ އަޣްލަބިއްޔަތަކީ އިންސާނީ ތާރީޚު ފެށިގެން މިއަދާ ހަމައަށްވެސް، ނުބައިފަޅީގައި ތިބޭ ބައެކެވެ. އަދި ހޭލުންތެރި ބައިމަދުމީހުންނަކީ އަބަދުވެސް ރަނގަޅު ފަޅީގައި ތިބޭ މީޙުންނެވެ. އިސްލާމީ މުޞްޠަލަޙުގައި މިއީ 'ޖުމްހޫރުލް ޢުލަމާއު'' (ޖުމްހޫރު ޢިލްމުވެރިން) އާއި އެމީހުންނަށް ތަބާވާ މީހުންނެވެ.

އަދި މި މުއައްލިފު ބާރުއަޅާ ކަށަވަރުކޮށްދީފައިވަނީ: "އިސްލާމީ ދައުލަތްތަކަށް ބަލާލިޔަސް ފެންނަނީ، އިސްލާމީ ދަޢްވަތުގެ މީހުންނާ ދެކޮޅުހަދާ، ﷲ އާއި އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް ބިމުގައި ފަސާދަކޮށް، ކަތިމަގުން ހިނގަން ބޭނުންވާ މީހުން ގިނަކަމެވެ. .... "

އަދި ފޮތް ނިންމާލާމުން ބުނެފައިވަނީ: "ވީމާ، ބައިމަދު ޞާލިހު މީހުން ކަމުގައިވާ ޖުމްހޫރު ޢިލްމުވެރިންނާއި އެމީހުންނަށް ތަބާވާމީހުންގެ އަތްމައްޗަށް ޤައުމުގެ ލަގަން ދިނުމާމެދު، ފުންކޮށް ވިސްނައި، އަހަރެމެންގެ ހަމަބުއްދިއަށް ރުޖޫޢަވާކަށް އަދިވެސް ނުވޭހެއްޔެވެ؟"

ނަމަވެސް އުއްމަތުގެ ބައިބޯމީހުންނަކީ އެހާ ނުބައިބަޔަކަށް ވާއިރު، އަދި އެމީހުންނަކީ ދަޢްވަތާ ދެކޮޅު ބަޔަކަށް ވާހިނދުވެސް،  ފުންކޮށް ވިސްނައި ޞާލިޙު ބައިމަދުމީހުންނާ ވެރިކަން ހަވާލުކުރާށޭ ބުނެ، އެމީހުންނާ މުޚާޠަބުކުރަންޖެހޭ ސަބަބެއް ނުވިސްނެއެވެ!؟

ފާހަނގަކޮށްލަންޖެހޭ ޙަޤީޤަތަކީ، މަތީގައި އެވާ ގޮތަށް ވިސްނާމީހުން، ޤުރުއާނުގައި ކުށްވެރިކޮށްފައިވާ ބައިބޯމީހުންގެ ވާހަކަ ފަހުމުކުރަނީ، އެ އާޔަތްތަކުގެ މޭރުމާއި، އެ އާޔަތްތަކުގައި ވާހަކަދެކެވޭ މީހުންނަކީ ކޮބައިކަން ނުބަލައެވެ. ވީމާ ވިސްނެނީ ނުބައި ވިސްނުމެކެވެ. އެހެނީ ބައިބޯމީހުން ކުށްވެރިކޮށް ޤުރުއާނުގައި އައިސްފައިވާ އާޔަތްތަކުގައި އާދަވެގެން ވާހަކަދެކެވިފައިވަނީ ކާފިރުންނާއި މުޝްރިކުންނާއި ކިބުރުވެރިންނާއި މުނާފިޤުންނާއި އަހުލުކިތާބީންނާ ބެހޭގޮތުންނެވެ. އަދި އެފަދަ މީހުން ކުށްވެރިކޮށްފައިވަނީ އެމީހުންގެ ކިބުރުވެރިކަމާއި ޣައިބުގައިވާ ޙަޤީޤަތްތަކަށް އިންކާރުކޮށް ކުފުރުވުމާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން އާޚިރަތަށް އީމާންނުވުމާއި، އުޚްރަވީ ޙަޔާތަށް ކުރަންޖެހޭ ޢަމަލުތަކެއް ނޯންނަކަމަށް ދެކޭތީއެވެ.

މިފަދަ ހުރިހާ ކަންކަމެއްގެ މަޞްދަރަކީވެސް ވަޙީއާއި ޔަޤީން ޚަބަރެވެ. ވީމާ ވަޙީއަކީ އޭގެ މަޞްދަރަކަށް ނުބަލާ ކޮންމެ މީހަކީ އެއީ  މަގުފުރެދުމަށް ދާ މީހެކެވެ. އެއީ ބައިބޯ ޢާއްމުންގެ ތެރެއިން ވާ މީހަކަސް، ނުވަތަ ބައިމަދު ކަމުވޮށިގެންވާ މީހުންގެ ތެރެއިން ކަމަށް ވިޔަސް ވެހެވެ. ވީމާ މަގުފުރެދުމާއި ކުށްވެރިވުން ޤުރުއާނުގައި ނިސްބަތްކޮށްފައިވާ މީހުންނަކީ ޢާއްމުންނެކޭ އެއްފަދައިން ހަމަ ޚާއްޞުންވެސް މެއެވެ.

ތާރީޚުން ފެންނަން ތިބި ވަރަށް ގިނަ ފަލްސަފާވެރިންނާއި މުފައްކިރުންނާއި ބުއްދިވެރިންނަކީ، އެންމެ ބޮޑަށް މަގުފުރެދިފައިވާ އަދި މަގުފުރެދުމަށް ގޮވާލި މީހުންނެވެ. މި މީހުންނަކީ، ބައިމަދުބައެއްހެއްޔެވެ؟ ނުވަތަ ބައިގިނަބައެއްހެއްޔެވެ؟ ޔަޤީނުންވެސް އެއީ ކޮންމެ މުޖްތަމަޢެއްގައިވެސް މައިމަދު ބައެކެވެ. އެހެންނޭ ކިޔާފައި އެމީހު އެއީ ހެޔޮ ލަފާ ވިސްނުމުގެ ބަޔަކަށް ނުވެއެވެ.

ޤުރުއާނުގެ އާޔަތްތަކެއްގައި ބައިގިނަމީހުން –ނުވަތަ ބައެއް ބައިގިނަ މީހުން- ކުށްވެރިކޮށްފައި ވާއިރު، ހަމަ އެއާއެކު ވަރަށް ގިނަ އާޔަތްތަކުގައި 'އަލްމަލައު' ކުށްވެރިކޮށްފައި ވެއެވެ. އެމީހުން ސިފަކޮށްފައިވަނީ މަގުފުރެދިފައިވާ، މަގުފުރައްދާ، އަދި ނަބީބޭކަލުންގެ ދަޢްވަތާ ދެކޮޅުހެދުމުގައި އެންމެ އިސްކޮށް އުޅޭ، އަދި ނަބީބޭކަލުންނާ އެ ޤައުމުގެ މީހުންނާ ދެމެދު ހުރަހަކަށް ވެފައިވަނީވެސް މި 'އަލްމަލައު' އެވެ. އަލްމަލައު އަކީ ބޮޑުންގެ މީހުންނެވެ.

ނޫޙުގެފާނުގެ ޒަމާނުއްސުރެ މިފެންނަނީ: { قَالَ الْمَلَأُ مِن قَوْمِهِ إِنَّا لَنَرَاكَ فِي ضَلَالٍ مُّبِينٍ} " އެކަލޭގެފާނުގެ قوم ގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ. " (އަލްއަޢްރާފް:60)

{ فَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ مَا نَرَاكَ إِلَّا بَشَرًا مِّثْلَنَا وَمَا نَرَاكَ اتَّبَعَكَ إِلَّا الَّذِينَ هُمْ أَرَاذِلُنَا بَادِيَ الرَّأْيِ وَمَا نَرَىٰ لَكُمْ عَلَيْنَا مِن فَضْلٍ بَلْ نَظُنُّكُمْ كَاذِبِينَ } " ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންކުރެ، كافر ވި ބޮޑުން ބުނެފޫއެވެ. ތިމަންމެންކަހަލަ آدم ގެދަރިޔަކު ކަމުގައި މެނުވީ ތިމަންމެން، ކަލޭގެފާނު ނުދެކެމުއެވެ. އަދި ކަލޭގެފާނަށް تبع ވި މީހުންނަކީ، ތިމަންމެންގެ ތެރެއިން އެންމެ ދެރަ ނިކަމެތިން ކަމުގައި މެނުވީ ތިމަންމެން ނުދެކެމުއެވެ. (އެއުރެން تبع ވީ) މަތިމަތިން ފެންނަ ފެނުމަށެވެ. އަދި ތިމަންމެންގެ މައްޗަށް އެއްވެސް މޮޅުކަމެއް ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކަށް ތިމަންމެން ނުދެކެމުއެވެ. އަދި ކިއެއްތަ! ތިމަންމެން ހީކުރަނީ، ތިޔަބައިމީހުންނަކީ ދޮގުހަދާ ބަޔަކުކަމުގައެވެ. " (ހޫދު:27)

ދެން ގޮސް ކީރިތި ރަސޫލާގެ ޒަމާނުގައިވެސް މިފެންނަނީ ހަމަ { وَانطَلَقَ الْمَلَأُ مِنْهُمْ أَنِ امْشُوا وَاصْبِرُوا عَلَىٰ آلِهَتِكُمْ ۖ إِنَّ هَـٰذَا لَشَيْءٌ يُرَادُ } " އަދި އެއުރެންގެ (އެބަހީ: مكة ގެ كافر ންގެ) ބޮޑުން (އެ مجلس ން ވަކިވެ) ހިނގައިގެންފައި ބުނޫއެވެ. ހިނގާށެވެ! އަދި ތިޔަބައިމީހުންގެ إله ންނަށް އަޅުކަން ކުރުންމަތީ ކެތްކޮށްގެން ތިބޭށެވެ! ހަމަކަށަވަރުން، މިއީ (ތިމަންމެންނާމެދު) ރޭވި ގަސްދުކުރެވޭ ކަމެއްކަން ކަށަވަރެވެ. " (ޞާދު:6)

ހުރިހާ ނަބީންނާއި ރަސޫލުންނާއި އެބޭކަލުންގެ ޤައުމުގެ މީހުންނަށް ބަލާލާއިރު ވެސް ފެންނަނީ، 'އަލްމަލައު' ނުވަތަ ޤައުމުގެ ބަސްވިކޭ ބޮޑުންގެ މީހުން، ވެވެން އޮތް ކޮންމެ ގޮތަކަށް، ރަސޫލުންގެ ދަޢްވަތަށް ހުރަސްއަޅައި، އެ ޤައުމުތަކުގެ އާއްމުންގެ މީހުން ރަސޫލުންނަށް ތަބާވިޔަ ނުދޭން މަސައްކަތްކުރި ތަނެވެ.

{ قَالَ الْمَلَأُ الَّذِينَ اسْتَكْبَرُوا مِن قَوْمِهِ لَنُخْرِجَنَّكَ يَا شُعَيْبُ وَالَّذِينَ آمَنُوا مَعَكَ مِن قَرْيَتِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا ۚ قَالَ أَوَلَوْ كُنَّا كَارِهِينَ} " އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން كبر ވެރިވެގަތް ބޮޑުން ބުނޫއެވެ. އޭ شعيب ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބިމީހުން، ތިމަންމެންގެ ރަށުން ބޭރުކޮށްލައިފާހުށީމެވެ. ނުވަތަ ތިމަންމެންގެ دين އަށް ކަލޭގެފާނު އެނބުރި ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން (އެކަމަށް) ނުރުހޭ حال ގައި ވީނަމަވެސް ހެއްޔެވެ؟ " (އަލްއަޢްރާފް:88)

{وَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ لَئِنِ اتَّبَعْتُمْ شُعَيْبًا إِنَّكُمْ إِذًا لَّخَاسِرُونَ } "އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން، كافر ވެގަތް ބޮޑުން ބުނޫއެވެ. شعيب ގެފާނަށް ތިޔަބައިމީހުން تبع ވެއްޖެނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުން ވާހުށީ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ. " (އަލްއަޢްރާފް:90)

އިސްލާމްދީން އައުމަށްފަހުވެސް، އަދި އިސްލާމީ މުޖްތަމަޢުގައިވެސް، މުޖްތަމަޢުގެ އިސްސަފުގައި ތިބޭ ކަމުވޮށިގެންވާ މީހުން ފަސާދަވުމުގެ ނުރައްކަލާ ބެހޭގޮތުން ވަރަށް ގިނަ ޙަދީޘްވެސް އެބަ ހުއްޓެވެ. ކަމުވޮށިގެންވާ މީހުންނޭ މި ބުނީ ވެރިންނާއި ޢިލްމުވެރިންގެ ވާހަކައެވެ. އެމީހުން ފަސާދަވެއްޖެއްޔާ މުޖްތަމަޢު ފަސާދަވާނެކަމާއި، އެމީހުން އިޞްލާޙުވެއްޖެނަމަ މުޖްތަމަޢުވެސް އިޞްލާޙުވާނެ ކަން އެނގޭ އެތަކެއް ޙަދީޘް އެބަހުއްޓެވެ.

ނަބަވީ ވޮށުން ނޫރު ނެންގެވި ޢުމަރުގެފާނު ވިދާޅުވެފައިވަނީ: "ދަންނާށެވެ! މީސްތަކުންގެ ވެރިންނާއި މަގުދައްކައިދޭ މީހުން ސީދާކޮށް ތިބޭހާ ހިނދަކު މީސްތަކުން ތިބޭނީ ސީދާކޮށެވެ." މިއީ ޢާއްމުން ނުސީދާ މަގުތަކުން ދާނީ، ވެރިންނާއި ޢިލްމުވެރިން ނުސީދާވެގެންކަން އަންގައިދޭ އިންޒާރެކެވެ.

ޢުމަރުގެފާނުގެ މި ބަސްފުޅަކީ، އަބޫބަކުރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ ތަކުރާރެކެވެ. އެއްފަހަރަކު އަބޫބަކުރުގެފާނު އަޙްމުސް ވަންހައިގެ ޒައިނަބޭ ކިޔޭ އަންހެނެއްގެ ގާތަށް ވަޑައިގަތް އިރު، އެ އަންހެން މީހާ ވާހަކައެއް ނުދައްކާ ހުންނާތީ، އެއީ ކީއްވެގެންތޯ އެއްސެވީމާ، އެއީ އޭނާ ހަނުހުރެގެން ހައްޖުވަނީއޭ، ދެންނެވުނެވެ. ދެން އެއީ ދީނުގައި ހުއްދަކަމެއް ނޫންކަމަށާއި އަދި އެއީ ޖާހިލިއްޔަތުގެ ޢަމަލެއްކަމަށާއި ވީމާ ވާހަކަދައްކަން، އަބޫބަކުރުގެފާނު އެއަންހެން މީހާއަށް އެންގެވީމާ ވާހަކަދައްކަން ފަށައި، ތިޔައީ ކާކުތޯ އަބޫބަކުރުގެފާނު އަރިހު އަންހެން މީހާ ދެންނެވިއެވެ. މިއީ މުހާޖިރުންގެ މީހެކޭ އަބޫބަކުރުގެފާނު ވިދާޅުވީމާ، މުހާޖިރުންގެ ކޮންބައެއްތޯ ދެންނެވިއެވެ. އެއީ ޤުރައިޝުވަންހައޭ ވިދާޅުވީމާ ޤުރައިޝުންގެ ކޮން ބައެއް ތޯ ދެންނެވީމާ، ތިޔައީ ހާދަ ސުވާލުގިނަ މީހެކޭ ވިދާޅުވެފައި، މިއީ އަބޫބަކުގެފާނޭ ވިދާޅުވިއެވެ. ދެން އަންހެން މީހާ ދެންނެވިއެވެ: ޖާހިލިއްޔަތަށް ފަހު، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ޞާލިޙު ގޮތް (އިސްލާމްދީން) ދެމިއޮންނަނީ ކިހިނެއްހެއްޔެވެ؟ އަބޫބަކުރުގެފާނު ވިދާޅުވިއެވެ:  އެގޮތްމަތީގައި ދެމިތިބެވޭނީ ކަލޭމެންގެ ވެރިން ސީދާވެގެންނެވެ. އަންހެންމީހާ: ވެރިންނަކީ ކޮންބައެއްހެއްޔެވެ؟ އަބޫބަކުރުގެފާނު: ކަނބުލޭގެ ޤައުމުގައި، އެބަޔަކު އަމުރުކުރީމާ ކިޔަމަންވެވޭ، އަޝްރާފުންނާއި ކަމުވޮށިގެންވާ މީހުން ނުތިބޭހެއްޔެވެ؟ ވެރިންނަކީ އެއީއެވެ."

މިވާހަކައިގެ ޝަރަޙައިގައި އިބްނު ޙަޖަރު ވިދޅާވެފައިވަނީ: "ވެރިންނޭ ވިދާޅުވެފައި އެވަނީ، ސަބަބަކީ މީސްތަކުން ތިބޭނީ ރަސްގެފާނުގެ ދީންމަތީގައި ކަމަށްވާތީއެވެ. ރަނގަޅު މަގުން ވެރިއަކު ކަތިވެގެންފިނަމަ، އެހެންމީހުންވެސް ކަތިވާނެއެވެ."

ބައިބޯކޮޅަކީ އެއްވެސް ބުރަދަނެއް ހުރި، އެއްވެސް އަގެއްހުރި ބައެއް ނޫންކަން ދެއްކުމުގެ ގޮތުން ބައެއް މީހުން ވަނީ މިއާޔަތްވެސް ދައްކާފައެވެ:

{ قُل لَّا يَسْتَوِي الْخَبِيثُ وَالطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ الْخَبِيثِ ۚ فَاتَّقُوا اللَّـهَ يَا أُولِي الْأَلْبَابِ لَعَلَّكُمْ تُفْلِحُونَ} "ކަލޭގެފާނު ވިދާޅުވާށެވެ! ނުބައިކަންތަކުގެ ގިނަކަން، ތިބާ عجائب ކޮށްލިޔަސް، ނުބައިކަންތަކާއި، ރަނގަޅު ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. " (އަލްމާއިދާ:100)

ނަމަވެސް ޙަޤީޤަތުގައި މިއާޔަތުގައި ބައިބޯކޮޅުގެ ދަރަޖަ ދަށްކޮށްފައެއްވެސް، އަދި އޭގެ އަގެއް ނެތްކަމަށްވެސް ބުނަފައި ނެތެވެ. އަދި ބައިމަދު ކޮޅު ބައިގިނަކޮޅަށްވުރެ ރަނގަޅޭ ބުނެފައިވެސް ނެތެވެ. އެކަމަކު މިއާޔަތުގައި މިއޮތީ،  ނުބައިކަމަކީ ކިތަންމެ ގިނަބަޔަކު ކުރިއަސް ނުބައިކަމެއް ކަމަށާއި، ބައިމަދު ރަނގަޅު މީހުން، ބައިގިނަ ނުބައިމީހުންނަށް ވުރެ ހެޔޮކަން ބޮޑުކަމަށެވެ. ވީމާ މިތާ އަޅާކިޔާފައިވަނީ ބައިމަދާއި ބައިއިގަނަ އަކާ ނޫނެވެ. އެކަމަކު ހެޔޮކަމާއި ނުބައިކަމާ ދެމެދުގައެވެ.

 ގިނަވުމަކީ އޭގެ ޒާތުގައި ސަނާކިޔޭ ރަނގަޅު ކަމެކެވެ. މިގޮތުން މުސްލިމުން ބައިމަދު ބައެއްކަމުގައި ވަނިކޮށް، ޢަދަދު ގިނަކުރެއްވުން ސިފަކުރައްވާފައިވަނީ އެއީ ނިޢްމަތެއްކަމުގައެވެ. {وَاذْكُرُوا إِذْ كُنتُمْ قَلِيلًا فَكَثَّرَكُمْ ۖ وَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ} " އަދި ތިޔަބައިމީހުން، މަދުބަޔަކު ކަމުގައި ތިއްބައި އެކަލާނގެ، ތިޔަބައިމީހުން ގިނަކުރެއްވިކަން ހަނދުމަކުރާށެވެ! އަދި فساد ކުރާ މީހުންގެ ނިމުންހުރީ ކިހިނަކުންކަން، ތިޔަބައިމީހުން ދެކޭށެވެ! " (އަލްއަޢްރާފް:86)

ވީމާ ހެޔޮކަންތަކާއި ނުބައިކަންތަކާއި ދެމެދު އަޅާކިޔާފައިވާ އާޔަތެއްގެ ތެރެއަށް މުސްލިމުން ވައްދައި، މުސްލިމުންގެ ބައިބޯ ގިނަވުމާއި ނުބައިކަން ގިނަވުމާ އެއްފަދަކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. އެހެނީ މިއާޔަތުގައިވާ ނުބައި ބަޔަކީ ކާފަރުންނާއި މުނާފިޤުންނެވެ. އަދި އޭގެ އަނެއް މާނައަކީ ޙަރާމް ފައިސާއާއި ނަޖިސްތަކެއްޗެކެވެ.

އީމާންވެގެންތިބޭ މުސްލިމުންނަކީ އާއްމުކޮށްބަލާއިރު ރަނގަޅު ބައެކެވެ. ޝައްކެއްވެސް ނެތްގޮތުގައި، ނުބައިއެއްޗެއްގެ މަދު މިންވަރު އޭގެ ގިނަމިންވަރަށްވުރެ ރަނގަޅުވާފަދައިން، ރަނގަޅު އެއްޗެއްގެ ގިނަ މިންވަރު، އޭގެ މަދުމިންވަރަށްވުރެ ރަނގަޅުވާނެއެވެ. ރަނގަޅު ކޮންމެ އެއްޗެއްގެވެސް ޢަދަދާއި މިންވަރު ގިނަވެ އިތުރުވުމަކީ، ހެޔޮ އިތުރުވުމެކެވެ. ޢާއްމު މުސްލިމުންނަށް ބަލާއިރު މިކަން މިހެން އޮތިއްޔާ، މުސްލިމުންގެ  މަޝްވަރާދޭ ޢިލްމުވެރިންނާއި ކަމުވޮށިގެންވާ މީހުންގެ ގިނަ މީހުން ތިބޭ ކޮޅުގެ ހެޔޮކަން އިތުރުވުން މާ އައުލާއެވެ.

{ قُل لَّا يَسْتَوِي الْخَبِيثُ وَالطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ الْخَبِيثِ } "ކަލޭގެފާނު ވިދާޅުވާށެވެ! ނުބައިކަންތަކުގެ ގިނަކަން، ތިބާ عجائب ކޮށްލިޔަސް، ނުބައިކަންތަކާއި، ރަނގަޅު ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ."

 އިބްނު ޢަރަފާ އައްތޫނިސީ ވިދާޅުވެފައިވަނީ މިއާޔަތަކީ، ގިނަކޮޅަށް ބެލޭނެކަމަށާއި، ގިނަކޮޅެއް ތަރުޖީޙު (ބުރަވުން) ކުރަންޖެހޭނެކަމަށް އޮތް ދަލީލެއްކަމަށެވެ. އަދި ގިނަކޮޅަށް ނުބެލުނު ހަމައެކަނި ސަބަބަކީ އެއީ ނުބައިކަމަކަށް ވުމެވެ. ވީމާ ރަނގަޅުކަމެއްގައި ނުވަތަ ރަނގަޅާ ނުރަނގަޅު އެހާ ފަސޭހަކޮށް ވަކިނުކުރެވޭ ހާލަތުގައި، ހިފަންޖެހޭނީ ގިނަކޮޅެއްގައެވެ. އޭގެ މާނައަކީ އަޣްލަބިއްޔަތަށް ތަބާވުމެވެ.

ރަނގަޅު ގިނަމީހުން ތިބޭ ކޮޅަކަށް ބެލޭނެކަމާއި، އެ ކޮޅުގެ ބުރަދަން ބޮޑުކަން ދޭހަކޮށްދޭ ޙަދީޘްތައްވެސް ވަރަށް ގިނައެވެ. ޞަޙީޙް މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައި، އަނަސް ބިން މާލިކު ރިވާކުރައްވާފައިވަނީ: ޖަނާޒާއެއް ހުރަސްކޮށްފައި ދިޔައީމާ، މީހުން އެ މައްޔިތާއަށް ސަނާކީމާ، ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ: "ވާޖިބުވެއްޖެއެވެ. ވާޖިބުވެއްޖެއެވެ. ވާޖިބުވެއްޖެއެވެ." ދެން އޭގެ ފަހުން އެހެން ޖަނާޒާއެއް ހުރަސްކޮށްފައިދިޔައީމާ، މީހުން އެ މައްޔިތާގެ ނުބައިކަމުގެ ވާހަކަދެއްކީމާ، ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ: "ވާޖިބުވެއްޖެއެވެ. ވާޖިބުވެއްޖެއެވެ. ވާޖިބުވެއްޖެއެވެ." އަދި  ޞަޙާބީން އެކަމާ ސުވާލުދެންނެވީމާ ޙަދީޘްކުރެއްވިއެވެ: ކަލޭމެން އޭނާއަށް ސަނާކީ މީހާއަށް ސުވަރުގެ ވާޖިބުވެއްޖެއެވެ. އަދި ކަލޭމެން އޭނާ ނުބައިކަމަށް ބުނި މީހާއަށް ނަރަކަ ވާޖިބުވެއްޖެއެވެ. ކަލޭމެންނަކީ ބިމުގައިވާ ﷲ ގެ ހެކިވެރިންނެވެ."

އިމާމް ނަވަވީ ވިދާޅުވެފައިވަނީ މި ޙަދީޘުގެ ރަނގަޅު މާނައަކީ: "މުސްލިމަކު މަރުވީމާ، މީހުން ނުވަތަ ގިނަމީހުން އޭނާއަށް ސަނާކިޔައި އެއީ ހެޔޮލަފާ މީހެއްކަމަށް ބުނުމަކީ، އޭނާއަކީ ސުވަރުގެވެރިއެއްކަމުގެ ދަލީލެއްކަމެވެ."

މުއިމިނުންގެ ގިނަމީހުންގެ ހެކިބަހަކީ، މީހަކު ސުވަރުގެވަނުމާއި ނަރަކައަށް ވަނުމުގައި ބެލޭ އެއްޗަކަށް ވާހިނދު، މުސްލިމުންގެ ދުންޔަވީ މަސްލަހަތެއްގައި ނުވަތަ ޤައުމުގެ ވެރިކަމަށް ނުވަތަ މަޤާމަކަށް މީހަކު ހޮވުން ފަދަ ކަމެއްގައި، ގިނަ މީހުންގެ ބަހަށް ނުބެލެންވީ ކީއްވެހެއްޔެވެ؟

ޙަޤީޤީ ޝޫރާއަކީ އޭގައި އެންމެންގެ ރައުޔު ހިމެނިފައިވާ، އެންމެން ބައިވެރިވެގެން ނަގާ ގަރާރެއްކަމާއި، އެއީ އެކަކު އަމިއްލައަށް ނިންމާ ނިންމުމެއް ނޫންކަން ދޭހަކޮށްދޭ އާޔަތަކީ ޝޫރާގެ އާޔަތެވެ. {وَأَمْرُهُمْ شُورَىٰ بَيْنَهُمْ } "އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ."(ޝޫރާ:38)

މިއާޔަތުން އެނގޭ އެއްޗަކީ މުސްލިމުންގެ ކަންކަން މަޝްވަރާ މަތިން ކުރެވޭނީ، އެއީ ހުރިހާ މުސްލިމުންގެ ޙައްޤަކަށް ޝޫރާ ވެގެންނެވެ. އަދި ހުރިހާ އެންމެންގެ ރައުޔަށް ވެސް ބަލާފައި، އެންމެންނަށް އިއްތިފާގު ނުވެވެންޏާ އަޣްލަބިއްޔަތަށް ބަލައިގެންނެވެ. ވީމާ އިސްލާމީ ޝޫރާއަކީ ފެށިގެން ގޮސް ނިމެންދެންވެސް، ހުރިހާ މުސްލިމުން ޝާމިލުވާ، އެންމެންގެ ރައުޔު އަޑުއަހާ، އެންމެން ރުހޭ ގޮތަކަށް ކަންކުރާ، އަދި އެންމެން ރުހޭގޮތް ނުވިއްޔާ ގިނަ މީހުން ރުހޭ ގޮތަށް ކަންކުރާ، އެއްޗެކެވެ.

ޤުރުއާނުގައި ނަންގަނެވިފައިވާ ސަބައުގެ ރާނީ ގެ ވާހަކައަކީވެސް، މަޝްވަރާކުރުމުގެ މައުޟޫއަށް އަލިއަޅުވާލެވިދާނެ ވާހަކައެކެވެ. 

{ قَالَتْ يَا أَيُّهَا الْمَلَأُ أَفْتُونِي فِي أَمْرِي مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ }" އެކަމަނާ ވިދާޅުވިއެވެ. އޭ (قوم ގެ) ބޮޑުންނޭވެ! އަހުރެންގެ މިކަންތަކުގައި ތިޔަބައިމީހުންނަށް ފެންނަގޮތް އަހުރެންނަށް ބުނެދޭށެވެ! ތިޔަބައިމީހުން އަހުރެންނާއެކު حاضر ވެއްޖައުމަށްދާނދެން އަހުރެން ގޮތެއް ކަނޑައެއް ނާޅާނަމެވެ. " (އައްނަމްލު:32)

ސަބައުގެ ރާނީގެ މިވާހަކައިން ދަލީލުދެއްކުމަށްޓަކައި އަދި އެ ދަލީލާ ދެކޮޅުހަދާ އިންކާރުކުރާނެ ޖާގައެއް ނުދިނުމަށްޓަކައި، މިތާ ދެ ނުކުތާއެއް ފާހަނގަކޮށްލާނަމެވެ:

އެކެއް: ޝާޠިބީ ވިދާޅުވެފައިވަނީ: "ޤުރުއާނުގައި އައިސްފައިވާ ކޮންމެ ވާހަކައެއްގައިވެސް، އެ ވާހަކައިގެ ކުރިން ނުވަތަ ފަހުން –ގިނައީ ފަހުން-، އެވާހަކައަށް ރައްދު އައިސްފައި ނުވަތަ ރައްދެއް ނައިސް އޮންނާނީއެވެ. ރައްދު އައިސްފިއްޔާ، އެ ވާހަކަ ބާޠިލުކަމާއި އެއީ ދޮގުވާހަކައެއްކަމާ މެދު އެއްވެސް އޮޅުމެއް ނެތެވެ. ނަމަވެސް ރައްދެއް އައިސްފައި ނެތިއްޔާ، އެއީ އެ ވާހަކައިގެ ޞައްޙަކަމާއި ތެދުކަމުގެ ދަލީލެކެވެ... ފަހެ ޤުރުއާނަކީ ޙައްޤާއި ބާޠިލުކޮށްދޭ ބުރުހާނެކެވެ. އަދި ތެދުމަގުދައްކައިދޭ ހުދާއެކެވެ. ހުއްޖަތް ގާއިމުކޮށްދޭ ބުރުހާނެކެވެ. ހުރިހާ ޙުކުމެއް ބަޔާންކޮށް ތަފްސީލުކޮށްދޭ ތިބްޔާނެކެވެ. އަދި އެއީ ޖުމްލަކަންކަމާއި ތަފްސީލީ ކަންކަމުގައިވެސް، ޢާއްމު ކަންކަމާއި ޚާއްޞަކަންކަމުގައިވެސް، ޚަލްޤުތަކުންގެ މައްޗަށް އޮތް މާތް ﷲ ގެ ހުއްޖަތެވެ. ވީމާ ޙައްޤު ނޫން ވާހަކައެއް ޤުރުއާނުގައި ކިޔައިދީފައި، ނަމަވެސް އެއީ ޙައްޤު ވާހަކައެއް ނޫންކަން ސަމާލުކަމަށް ގެނެސްނުދީ، ޤުރުއާނުގައި ނޯންނާނެއެވެ."

މަތީގައި އެވާ އާޔަތުގައި ސަބައުގެ ރާނީ ވިދާޅުވެފައި އެވަނީ މަޝްވަރާކޮށްފައި، އެ ކަމަނާގެ ޤައުމުގެ ބޮޑުންގެ މީހުން އެއްބަސްވެގެން ނޫނިއްޔާ، ކަމެއް ނުކުރައްވާނެ ވާހަކައެވެ.  ދެން ޤުރުއާނުގެ އެ ވާހަކަ އޮތްތަނުގައި ވެސް އަދި އެހެން ތަނެއްގައިވެސް، އެ ވާހަކަ ރައްދުކޮށް، އަދި އެއީ ބާޠިލު ވާހަކައެއްކަމަށް ބުނަފައި ނެތެވެ.

ހަމައެހެންމެ ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތުން ވެސް ފެންނަނީ އެވާހަކައަށް ބާރުލިބިދޭ، އެ ވާހަކައަށް ތާއީދުކުރާ ޙަދީޘްތަކެވެ. ވީމާ ބަލްޤީސް ވިދާޅުވެފައިވާ، އަދި ޤިޔާމަތާ ޖެހެންދެން ދެމިއޮންނަ ޤުރުއާނުގައި މާތް ﷲ އެ ވާހަކަ ވަޙީކުރައްވާފައިވާ ހިނދު، އެ ވާހަކަ އެއީ ބާޠިލު ވާހަކައެއްކަމަށް ބެލޭނެ ޖާގައެއް ނެތެވެ.

ދޭއް: ދެވަނަ ނުކުތާއަކީ ފުރަތަމަ ނުކުތާއަށް ވުރެ މުހިއްމު ނުކުތާއެކެވެ. އެއީ ސަބައުގެ ރާނީ ބަލްޤީސުގެ ވާހަކަ ޤުރުއާނުގައި ގެނެސްފައިވަނީ، ސަނާކިޔޭ އަދި އެއީ ރަނގަޅު މީހެއްކަން ދޭހަވާފަދަ ގޮތަކަށެވެ. އެކަމަނާގެ ވިސްނުންފުޅާއި ދައުލަތް ހިންގެވިގޮތުގެ ސަބަބުން ކާމިޔާބުވި ކަމަށް ސިފަކޮށްފައި އެބައޮތެވެ. ކުރިން އެކަމަނާއަކީ ކާފިރެއް ކަމުގައި ވިޔަސް، ޙައްޤު ދަޢްވަތް އިވިވަޑައިގަތީމާ އިސްލާމްވެވަޑައިގަތެވެ. { قَالَتْ رَبِّ إِنِّي ظَلَمْتُ نَفْسِي وَأَسْلَمْتُ مَعَ سُلَيْمَانَ لِلَّـهِ رَبِّ الْعَالَمِينَ} " އެކަމަނާ ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ އަމިއްލަ نفس އަށް އަޅު އަނިޔާވެރިވެއްޖައީމެވެ. އަދި سليمان ގެފާނުގެ އަރިހުގައިވެ، عالم ތަކުގެވެރި اللَّه އަށް ބޯލަނބައި، ކިޔަމަންވެއްޖައީމެވެ. " (އައްނަމްލު:44)

ވީމާ ބަލްޤީސާ ބެހޭގޮތުން ޤުރުއާނުގައި އައިސްފައިވާ އެކަމަނާގެ ބަސްފުޅާއި ޢަމަލުފުޅުތަކުން ދޭހަވަނީ، އެއީ ބުއްދިވެރިކަމާއި ރަނގަޅު ނިންމުންތަކުގެ މިސާލެއްކަމެވެ. ޛުލް ޤަރްނައިނި އާ ބެހޭގޮތުން ވެސް ޤުރުއާނުގައި ވާހަކަ ދެކެވިފައި މިފަދަ މޭރުމަކުންނެވެ. ބައެއް މުފައްސިރުންނަށް މި މޭރުން ވިސްނިވަޑައިގެން، މަޝްވަރާކުރުމުގެ މުހިއްމުކަން ބަޔާންކުރައްވާފައިވެއެވެ. މިގޮތުން، ބަލްޤީސް އެކަމަނާގެ ޤައުމުގެ އިސް މީހުންނާ މަޝްވަރާކުރެއްވި ވާހަކައަށް އިޝާރާތްކުރައްވައި، ޤުރުޠުބީ ވިދާޅުވެފައިވަނީ:

"އެކަމަނާގެ ޤައުމުގެ މީހުންނާ މެދު ކަންތައް ކުރެއްވީ އަދަބުވެރިކޮށެވެ. އަދި ކަންކަމުގައި މަޝްވަރާކުރައްވާކަމާއި، އެކަމާނާއަށް ދިމާވެވަޑައިގަންނަވާ ކޮންމެ ކަމެއްގައިވެސް ޢަމަލުކުރައްވަނީ މަޝްވަރާގެ މަތިންކަން މި އާޔަތުން ދޭހަވެއެވެ. { مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ}

އަދި ބަލްޤީސްގެ ވާހަކަފުޅާއި ޢަމަލުފުޅުން ދޭހަވަނީ، އެކަމަނާ ކަންތައް ކުރެއްވީ މަޝްވަރާ މަޖްލިހުން ދިން މަޝްވަރާއާ އެއްގޮތަށްކަމާއި، އަދި އެކަން ކުރެއްވީ ތަޖުރިބާއާއި އެނގުމާއި ޙިކުމަތާ އެކުކަމެކެވެ. މިކަން ހާމަވާ އަނެއް މިސާލަކީ ރަސްރަސްކަލުންނާ ބެހޭގޮތުން ބަލްޤީސް ދެއްކެވި ވާހަކަފުޅެވެ: { قَالَتْ إِنَّ الْمُلُوكَ إِذَا دَخَلُوا قَرْيَةً أَفْسَدُوهَا وَجَعَلُوا أَعِزَّةَ أَهْلِهَا أَذِلَّةً } "އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސްރަސްކަލުން (ހަނގުރާމަވެރި ގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ، އެރަށެއް ސުންނާފަތިކުރައްވައި، فساد ކުރައްވައި، އަދި އެރަށެއްގެ أهل ވެރިންކުރެ عزّة ތެރިން ނިކަމެތިކުރައްވަތެވެ. " (އައްނަމްލު:34)

ދެން އެކަމާނގެ މިވާހަކައަށް ތާއީދުކުރައްވާ އާޔަތުގެ ފަހުބައިގައި، ﷲ ވަޙީކުރެއްވީ: { وَكَذَٰلِكَ يَفْعَلُونَ} " އަދި އެއުރެން (ރަސްރަސްކަލުން) ކަންތައްކުރައްވަނީ އެފަދައިންނެވެ. "

އިބްނު ޢައްބާސް ވިދާޅުވެފައިވަނީ މި ބަސްފުޅަކީ، މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް އުނގަންނަވައިދެއްވަން، މާތް ﷲ އިއްވެވި ވަޙީގެ ބަސްފުޅެއްކަމުގައެވެ.

ޢައްލާމާ މުޙައްމަދު އަލްއަމީނުއް ޝަންޤީޠީ ވިދާޅުވެފައިވަނީ: "ބަލާބަލާށެވެ! ބަލްޤީސާއި އެކަމަނާގެ ޤައުމުގެ މީހުންނަކީ، ﷲ އަށް ޝިރުކުކޮށް އިރަށް ސަޖިދަޖަހާ  ބައެކެވެ. ނަމަވެސް އެކަމަނާ  ޙައްޤު ބަސްފުޅެއް ވިދާޅުވީމާ، މާތް ﷲ އެބަސްފުޅު ތެދުކުރެއްވިއެވެ. އެކަމަނާގެ ކުފުރުވެރިކަމަކީ، އެކަމާ އެ ވިދާޅުވީ  ތެދު ޙައްޤު ބަސްފުޅެއްކަމަށް ވުމަށް، އޮތް ހުރަހެއްކަމުގައި ނުވެއެވެ.

ބަލްޤީސުގެ މި ވާހަކަފުޅު {مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ} މި އާޔަތުގައި އައިސްފައި އޮތް އިރު އެއީ ގޯސް ވާހަކައެއްކަމަށް ނެތެވެ. އެކަމަކު އައިސްފައިވަނީ އެއީ ރަނގަޅު އަދި މަދަހަކިޔޭ  ވާހަކަފުޅެއްކަން ދޭހަވާ މޭރުމަކުންނެވެ.

ވީމާ ބަލްޤީސް، ދައުލަތުގެ ކަންކަން  މީހުންނާ މަޝްވަރާކޮށް، އެމީހުންގެ އެއްބަސްވުމާ އެކު ނޫނީ  ކަމެއް ނުކުރުން، އެއީ އަހަރެމެން މުސްލިމުން އޭގައި ހިފަންޖެހޭ ނަމޫނާއެކެވެ. އެއިން ދޭހަވަނީ އުއްމަތުގެ ކަންކަމުގައި އިޖްމާޢުވެވެންޏާ އިޖްމާޢުވުމަށާއި، ރައްޔިތުން ނުވަތަ ގިނަ ރައްޔިތުން ރުހޭ ގޮތަކަށް ކަންކުރުމުގެ މުހިއްމުކަމެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.