ހުކުރު20201113

އާކުރެވުނީ: 08:43:52

Back ކަވާސާ ސިޔާސަތާއި ޤާނޫނު ސިޔާސަތާއި ޤާނޫނުގެ ބައިތައް ސިޔާސީ މުސްލިމުންނާއި ޣައިރުމުސްލިމުންގެ ގުޅުން... އަސްލަކީ ސަލާމްތަ ނުވަތަ ހަނގުރާމަތަ؟

މުސްލިމުންނާއި ޣައިރުމުސްލިމުންގެ ގުޅުން... އަސްލަކީ ސަލާމްތަ ނުވަތަ ހަނގުރާމަތަ؟

muslim ghair muslimun sulha haguraama

ޖިހާދުއް ޠަލަބްގެ ތެރެއިންވާ، ހުއްދަކަމާމެދު ޚިލާފެއް ނެތް ޖިހާދުތައް:
 -  ދަޢްވަތު ފޯރުކޮށްދިނުމުގެ މަގު އަމާންކޮށްދިނުމާއި، ދީނުން ފިތުނަވެވިޔަ ނުދިނުން.
 - އިސްލާމީ ދައުލަތުގެ ސަލާމަތްކަމާއި ސަރަހައްދީ އިން ސަލާމަތްކުރުން.
 - ނިކަމެތި މުސްލިމް އަސީރުންނާއި، މުސްލިމް މައިނޯރިޓީ ސަލާމަތްކުރުން.
 - ބިމުގައި ޖައްބާރުވެގެން އޮތް ހަނގުރާމަވެރި ޝިރުކު، ޢަރަބި ޖަޒީރާއިން ނައްތާލުން.

ދެބައިމީހުން ޚިލާފުވާތަން:
ހަމަލާމީހުންގެ ފިކުރުން ދުނިޔެއަށް ފޯރާނެ އަސަރު:
- އ.ދ ގެ ޗާޓަރު ޤަބޫލު ނުކުރުން:

- އަޅުވެތިކުރުން ނައްތާލާ އެއްބަސްވުމާ ދެކޮޅުހެދުން:
- އަސީރުންނާ ބެހޭ ޖެނީވާ ކޮންވެންޝަނާ ދެކޮޅުހެދުން:
- އިސްލާމްދީން ފެތުރުނީ ކަނޑިންނޭ ބުނާ ވާހަކަ ބަލައިގަތުން:
- ސަލާންކަމާއެކު އުޅޭ ކާފަރުންނާ ހަނގުރާމަކުރުން ހުއްދަތޯ:

ޖިހާދުކުރުމުގެ މައުޟޫގައި ޢިލްމުވެރިން ދެ ބަޔަކަށް ބެހުން:

ހަނގުރާމައަށް ގޮވާލާ މީހުންގެ ދަލީލުތައް:

 

މުސްލިމުންނާއި ޢަޤީދާގެ ގޮތުން ތަފާތު މީހުންނާ އޮންނަ ގުޅުމަކީ ސަލާމްހެއްޔެވެ؟ ނުވަތަ ހަނގުރާމަހެއްޔެވެ؟ އެހެން ގޮތަކަށް ބުނާނަނަމަ، އެމީހުންގެ ފަރާތުން މުސްލިމުންނަށް ނުރައްކަލެއް އަދި ގެއްލުމެއްވެސް ނެތި، މުސްލިމުންނާ ހަނގުރާމަނުކޮށް، އަދި މުސްލިމުންގެ ޢަދުއްވަކާ ބައިވެރިނުވާ ޣައިރުމުސްލިމުންނާ، ހަނގުރާމަކުރުމަކީ ވާޖިބެއްހެއްޔެވެ؟

ނުވަތަ ވާޖިބުވެގެންވަނީ، މުސްލިމުންގެ ޙުރުމަތްތަކަށް، އެބައިމީހުންގެ ނަފްސުތަކާއި އަހުލުންނާއި މުދަލާއި ބިމަށް އަރައިގަނެ، ނުވަތަ މުސްލިމުންގެ ދީނީ ދަޢްވަތަށް ހުރަސްއަޅާ، އޭގެ ކުރިމަތީގައި ހުއްޓި، އަދި އަމިއްލަ އިޚްތިޔާރުން އިސްލާމްދީނަށް ވަންނަ މީހުންނަށް އަނިޔާކޮށް ދީނުން ފިތުނަވެރިކުރުވައި، ހަނގުރާމަކުރާ މީހަކާ ނޫނީ ހަނގުރާމަނުކުރުންހެއްޔެވެ؟

މި މައްސަލަ އެހެން ގޮތަކަށް ވެސް ޢިބާރާތްކުރެވިދާނެއެވެ. އެއީ މުސްލިމުން ކާފަރުންނާ ހަނގުރާމަކުރަނީ ކީއްވެހެއްޔެވެ؟ އެއީ ހަމައެކަނި އެމީހުންގެ ކުފުރަށްޓަކައިހެއްޔެވެ؟ ނުވަތަ އެއްގޮތަކުން ނުވަތަ އެހެން ގޮތަކުންނަމަވެސް މުސްލިމުންގެ މައްޗަށް ޢުދުވާންވުމުންހެއްޔެވެ؟

މިއީ ކުރިއާއި އަދި ފަހުގެ ޢިލްމުވެރިންވެސް ޚިލާފުވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ހިތާމަކުރަންޖެހޭ ކަމަކީ، ބޮޑަށް ފެތުރި ޢާއްމުވެފައިވާ ރައުޔަކީ، މުސްލިމުންނާ ޚިލާފު އެންމެންނާ، އެއީ ބުދަށް އަޅުކަންކުރާ މުޝްރިކުން ކަމަށް ވިޔަސް، ނުވަތަ އަހުލުކިތާބީންނަށްވާ ޔަހޫދީންނާއި ނަޞާރާއިން ކަމަށް ވިޔަސް، ނުވަތަ އިންކާރުކުރާ މުލްޙިދުންނަށް ވިޔަސް، ނުވަތަ ދީނަކާ މެދު ސަލްބީކޮށްވެސް އީޖާބީކޮށްވެސް ނުވިސްނާ، ދީނަކާމެދު ޣާފިލުވެފައި ތިބޭ މީހުން ކަމަށްވިޔަސް، މި އެންމެންނާ ހަނގުރާމަކުރަން އިސްލާމްދީން އަމުރުކުރާ ކަމަށެވެ. މިމީހުން އިސްލާމްވަންދެން  ނުވަތަ ނިކަމެތިވެގެންވާ ހާލު ޖިޒުޔަދެންދެން، ހަނގުރާމަކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

މި މައްސަލައަކީ، މިޒަމާނުގެ ޢިލްމުވެރިން އަލުން ވިސްނާ ފިކުރުކުރަންޖެހިފައިވާ، ފުންކޮށް ހޯދައިބަލަންޖެހިފައިވާ، އަސްލު ނައްޞުތައް މުރާޖަޢާކުރަންޖެހޭ، އެމީހާއާއި މިމީހާ –ޚާއްޞަކޮށް ފަހުގެ މީހުން- އަތުން ނަކަލުކޮށްފައި ފުއްދާލައިގެން ނުވާނެ މައްސަލައެކެވެ. މީގައި ޖެހޭނީ، މުތަޝާބިހް އާޔަތްތައް މުޙްކަމް އާޔަތްތަކަށް، އަދި ޡައްނީއާޔަތްތައް ޤަޠްޢީ އާޔަތްތަކަށް އަދި ފުރޫޢުތައް އުޞޫލަށް ރައްދުކޮށް، އަދި ޚާއްޞަކޮށް ޤުރުއާނުގެ ނައްޞުތައް އެކަތި އަނެކައްޗާ ގުޅުވައި، ޡާހިރު މަޤާޞިދާއި ގުޅުވައި، ވަކިވަކި މައްސަލަތައް ޢާއްމު މަޤްޞަދުތަކާ ގުޅުވައި ހަދާށެވެ. އަދި ޖެހޭނީ، ވަޒަންކުރުމާއި ތަޙްލީލުގެ އަލީގައި، ޝަރީޢަތުގެ މައިގަނޑު މަޤާޞިދުތަކާއި އެންމެ ގާތް، މުޅި އިސްލާމީ އުއްމަތުގެ ޙަޤީޤީ މަޞްލަޙަތް ފުރިހަމަކޮށްދޭ، ރައުޔެއް އޭގެ ތެރެއިން ތަރްޖީޙުކުރާށެވެ.

ދެން މިތާ ހަނދާންބަހައްޓަންޖެހޭ ކަމަކީ، މި ބުނެވުނު ޚިލާފަކީ 'ޖިހާދުއް ޠަލަބް' (އިސްވެ ހަނގުރާމަކުރުން) އާމެދު އޮތް ޚިލާފެކެވެ. 'ޖިހާދުއް ދަފްޢު' (ދިފާޢީ ހަނގުރާމަ) އާ މެދަކު ނޫނެވެ.

ޖިހާދުއް ދަފްޢުއޭ ބުނެވޭ ބަހުގެ މަޤްޞަދަކީ، ޖިހާދުލް މުޤާވަމާއި (ދިފާޢީ)، ހަނގުރާމަކޮށް ޢަދުއްވުން ހިފާފައިވާ، އެއީ ކިތަންމެ ކުޑަ ތަންކޮޅެއް ކަމުގައި ވިޔަސް، މުސްލިމުންގެ ބިންތައް މިނިވަންކުރުމަށް ކުރެވޭ ޖިހާދެވެ. މިވައްތަރުގެ ޖިހާދަކީ މުސްލިމުންގެ މައްޗަށް ފަރުޟެއް ކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ. އިހުގައިވެސް ފަހުގައިވެސް ޢިލްމުވެރިއަކު މިކަމާ އަރާރުމެއް ނުވެއެވެ. މުޅި އުއްމަތް، އޭގެ ހުރިހާ މަޛްހަބުތަކާއި މަދަރުސާތަކާއި ފިރުޤާތައް ވެސް، އިޖްމާޢުވެފައިވަނީ، މުސްލިމުންގެ ބިމެއް ހިފައިގެން ތިބި ކާފަރުންގެ މީހުން ބޭލުމަށް، ހަތިޔާރާއި އަދ އެނޫންވެސް ލިބުނު ކޮންމެ ވަސީލަތެއްގެ ބޭނުން ހިފައިގެން، ހަނގުރާމަކުރުމަކީ ވާޖިބެއްކަމަށެވެ. މިވައްތަރުގެ ޖިހާދާއި މުޤާވަމާ ހުއްދަކަމަށް، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ މީހުންވެސް އިއްތިފާޤުވާ ކަމެކެވެ.

ހަމަ މިބީދައިން، އިސްލާމުންގެ ރަށަކާ ހަނގުރާމަކުރާނެ ކަމުގެ އިންޒާރުދެމުންދާ ޢަދުއްވުންނާއި، އަދި މުސްލިމް ބިމަށް ނުވަން ކަމުގައި ވިޔަސް، ސަރަހައްދީ ރޮނގުގައި ޢަދުއްވުން ޖަމާވެ ހަނގުރާމައަށް ތައްޔާރުވަމުންދާނަމަ، ހަނގުރާމަކުރުން ވާޖިބުވާނެއެވެ.

ދެން ޖިހާދުއް ޠަލަބް އޭ ބުނެވޭ ބަހުގެ މަޤްޞަދަކީ، މުސްތަޤްބަލުގައި އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމުގެ ގޮތުން ނުވަތަ، އެމީހުންގެ ނުބައިކަމުން އުއްމަތް ސަލާމަތްކުރަން، ނުވަތަ އެމިހުން މުސްލިމުންނާ ކުއްލިއަކަށް ހަނގުރާމަކުރުމުގެ ކުރިން، ތަބޫކު ހަނގުރާމަ ފަދައިން ކުއްލިއަކަށް އެމީހުންނާ ހަނގުރާމަކުރުމުގެ ގޮތުން،  ނުވަތަ އެމީހުންގެ ރައްޔިތުންނާއި އިސްލާމްދީނާ ދެމެދު އޮތް ހުރަސްތަކެއް ނައްތާލަން، ނުވަތަ ކާފަރުން އެމީހުންގެ ބިމުގައި ތިއްބާ އެތަނަށް ގޮސް، މުސްލިމުންގެ ވެރިކަމުގެ ދަށަށް އެތަން ގެނެސް، ހުރިހާކަމެއްގައި އިސްމީ ޝަރީޢަތުގެ ޢަދުލަށް ޙުކުމްކުރެވޭ، އިސްލާމީ އިރުޝާދުތަކަށް ބޯލެނބޭ، އިސްލާމީ ނިޒާމެއްގެ ސިޔާދަތުގެ ދަށަށް ގެންނަން  އެމީހުންނާ ހަނގުރާމަކުރުމެވެ.

ޖިހާދުއް ޠަލަބްގެ ތެރެއިންވާ، ހުއްދަކަމާމެދު ޚިލާފެއް ނެތް ޖިހާދުތައް:

މި މައުޟޫޢާ މެދު ވާހަކަ ދައްކާ ޢިލްމުވެރިންގެ ތެރޭގައި ތިބޭ، މެދުމިނުގެ މީހުންނާއި ހަރުކަށިމީހުންނާއި، ނުވަތަ 'ދިފާޢީމީހުން' ނާއި 'ހަމަލާމީހުން' ގެ ދެމެދުގައި ޚިލާފުއުފެދިފައިވާ ނުކުތާ ފާހަނގަކޮށްލާނަމެވެ.

'ހަމަލާމީހުން' ގެ ތެރެއިން ބައެއް މީހުން، އަނެއް  ރައުޔުގެ މީހުންނާ މެދު ކަންކޮށްފައިވަނީ އެހާ އިންސަފަކުން ނޫނެވެ. އެއީ އެމީހުން ވަނީ މެދުމިންމީހުން ނުބުނާ ވާހަކަތަކެއް 'ބުނުވާފައެވެ.' އަދި އެމީހުން ބަރީއަވެގެންވާ ކަންތައްތަކަކަށް ތުހުމަތުކޮށްފައެވެ. ހަމަލާމީހުން ބުނާގޮތުން، ދިފާޢީމީހުން އެއްވެސް ހާލެއްގައި، އެއްވެސް ގޮތަކަށް، އެއްވެސް ސަބަބަކާ ހެދި،  ޖިހާދުއް ޠަލަބް ހުއްދަ ނުކުރެއެވެ. އެމީހުން ދެކޭގޮތުން ޖިހާދުކުރުން ހުއްދައީ އެންމެ ހާލަތެއްގައެވެ. އެއީ މުސްލިމުންގެ ވަޒަނުގައި، ބިމުގައި ތިއްބާ ކާފަރުންގެ ބަޔަކު މީހުން ހަމަލާ ދިނުމުންނެވެ. މެދުމިން މީހުން ނުވަތަ ނަންކިޔޭގޮތުންނަމަ ދިފާޢީމީހުންގެ ރައުޔު ސިފަކުރެވިފައިވަނީ މިބުނި ގޮތަށެވެ.

ނަމަވެސް އަހަރެން ދެކޭގޮތުގައި، މިހެން ބުނުން ވާނީ ޚަޞްމުންނާމެދު ވެވޭ ބޭއިންސާފަކަށެވެ. އެމީހުންގެ ރައުޔު ބަރާބަރަށް ހުށައެޅުމާއި، އަމާނާތްތެރިވުމާ ދުރަށް ދިއުންކަމަށެވެ. އަހަރެން ދިފާޢުކުރަން މި އުޅެނީ މެދުމިންމީހުންގެ ތެރޭގައި ތިބޭ ޙަޤީޤީ މެދުމިން މީހުންނެވެ. އެމީހުންނަށް ނިސްބަތްވެގެން ތިބޭ، އަމާންދޭ ބަލިވެގަންނަ ފިކުރުގެ މީހުންނެއް ނޫނެވެ. މި ބުނި ޙަޤީޤީ މެދުމިން މީހުންގެ ފިކުރާއި ރައުޔު ބަލައި ކިޔައިފި މީހަކަށް، އެމީހުން ޖިހާދުއް ޠަލަބު ޤަބޫލުކުރާ ކަމާއި، ތަފާތު އެތަކެއް ސަބަބަކަށްޓަކައި ކާފަރުންގެ ބިމުގައި ކާފަރުން ތިއްބާ އަމިއްލައަށް އިސްވެ ހަނގުރާމަ ކުރެވިދާނެކަން، އެނގޭނެއެވެ. މި ސަބަބުތަކުގެ ތެރޭގައި:

އެކެއް:

 ދަޢްވަތު ފޯރުކޮށްދިނުމުގެ މަގު އަމާންކޮށްދިނުމާއި، ދީނުން ފިތުނަވެވިޔަ ނުދިނުން. އަދި ގަދަކަން ދައްކައި ދަޢްވަތު ހުއްޓުވަން އުޅޭ، ނުވަތަ ރޫމީ އެމްޕަޔާރ އަށް ތަބާވެގެންތިބި މީހުން ކަންކުރި ފަދައިން، ދަޢްވަތުދޭން ދާ މީހުން މަރައި ހަދާނަމަ، އިސްލާމްދީނާއި އެތަނުގެ ރައްޔިތުންނާ ދެމެދު ހުރަހަކަށް ވެފައިވާ ޖައްބާރު އަނިޔާވެރި ވެރިކަން ނައްތާލަން، މުސްލިމުން ޖިހާދުކުރަން ޖެހޭނެއެވެ.  މި ލަނޑުދަނޑިއަކީ މި އާޔަތްތަކުގައި މިވާ މާތް ﷲ ގެ ކަލާމްފުޅުގެ ޙަޤީޤީ މަޤްޞަދެވެ. { قَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّـهِ }  "އަދި ދީނުން ފިތުނަވެރިކުރުން ނެތިއްޖައުމަށް ދާނދެން އަދި ދީން، ﷲ އަށް ޚާލިޞް ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ! "  { وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّـهِ }"ފިތުނަވެރިކަމާއި، ކާފިރުކަން ހުއްޓި، މުޅި ދީން ވަނީ، ﷲ ށްޓަކާ ކަމުގައި ހިމެނިއްޖައުމަށްދާނދެން، ތިޔަބައިމީހުން އެ ކާފިރުންނާ ހަނގުރާމަކުރަމުން ގެންދާށެވެ! "(ބަޤަރާ: 193، އަންފާލް: 39)

ދޭއް:

އިސްލާމީ ދައުލަތުގެ ސަލާމަތްކަމާއި ސަރަހައްދީ އިން ސަލާމަތްކުރުން. އިސްލާމީ ދައުލަތަށް ޢައްދުއްވުންގެ ނުރައްކަލެއް ކުރިމަތިވާނަމަ، އަދި އެމީހުން މުސްލިމުންނާ ހަނގުރާމަކުރަން ތައްޔާރުވެ ނުބައި ރޭވުންތައް ރާވަމުންދާނަމަ، އޭގެ ކުރިން އެމީހުންނާ ހަނގުރާމަކުރަން ޖެހޭނެއެވެ.  ތަބޫކު ހަނގުރާމައަކީ މިގޮތުން ރަސޫލާކުރެއްވި ހަނގުރާމައެކެވެ. އެއީ ރޫމީން، ޢަރަބި ޤަބީލާތަކުގެ އެހީގައި މަދީނާއާ ހަނގުރާމަކުރަން ތައްޔާރުވަމުންދާކަން އެނގިވަޑައިގަތީމާ، އެމީހުންގެ އަމިއްލަ ބިމުގައި ހަނގުރާމަކުރެއްވީއެވެ. މިޒަމާނުގައި މިއަށް މިކިޔެނީ 'ރައްކާރެރިވުމުގެ ހަނގުރާމަ' ނުވަތަ (preemptive war) އެވެ. މިއީ އިސްލާމީ ވެރިކަން ރައްކާކޮށް، ދައުލަތް ޙިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ ޟަރޫރީކަމެކެވެ. އަދި ދުނިޔޭގައި ލައްވާފައިވާ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން)  اللَّه ދުރުކުރެއްވުމުގެ ކައުނީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. އިސްލާމީ ފުތޫޙާތުތަކުގެ ގިނަ ފުތޫޙާތަކީ މިގޮތަށް ކުރެވުނު 'ރައްކާރެރިވުމުގެ ހަނގުރާމަ' ތަކެކެވެ. އެއީ ވަރަށް ކުރީކޮޅުގައި، ރަސޫލާގެ ޙަޔާތްޕުޅުގައި ވެސް، އިސްލާމީ ދައުލަތް، އެ ދުވަސްވަރު ދުނިޔޭގައި އޮތް ބޮޑު ދެ ބާރުކަމުގައިވާ ފާރިސީންނާއި ރޫމީންނާ، ޖެހި މުޑިއަރާ ގޮތްވިއެވެ. މުއުތާ ހަނގުރާމައިން ފެށިގެން ރޫމީންނާ ކުރިމަތިލާންޖެހުނެވެ. އަދި އޭގެ ފަހުން ތަބޫކު ހަނގުރާމައެވެ. އަދި ކީރިތި ރަސޫލާގެ ފަތްކޮޅު، ފާރިސީ ކިސްރާ ވީދާލައި އިންޒާރުދިން ހިސާބުން ފެށިގެން، ފާރިސީންނާއި މުސްލިމުންގެ ކުރިމަތިލުން ފެށުނެވެ.

ތިނެއް:

ނިކަމެތި މުސްލިމް އަސީރުންނާއި، މުސްލިމް މައިނޯރިޓީ ސަލާމަތްކުރުން. ޙައްޤަކާއި ނުލާ އަނިޔާވެރިވެ، ބިމުގައި ކިބުރުވެރިކަމާއެކު ވެރިކަންކުރަމުންދާ އަނިޔާވެރިންގެ ވަކިދަށުން، ދަތިކުރުންތާކާއި އަނިޔާއާއި އަޒާބު ލިބެމުންދާ މުސްލިމް އަސީރުންނާއި، އަދި އެ ޤައުމުތަކުގެ ވަޒަންވެރި މުސްލިމުން ސަލާތަމްކުރަންޖެހޭނެއެވެ. {وَمَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللَّـهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَـٰذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَل لَّنَا مِن لَّدُنكَ وَلِيًّا وَاجْعَل لَّنَا مِن لَّدُنكَ نَصِيرًا } "އަދި، ﷲ ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ތެރެއިން، ނިކަމެތި ވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނަކީ، (މިފަދައިން) ދުޢާކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެރަށުގެ އަހުލުވެރިން އަނިޔާވެރިވެގެންވާ މި ރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ ޙަޟްރަތުން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ ޙަޟްރަތުން ނަޞްރު ވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! "(ނިސާ:75)

ކިއެއްތަ، އަނިޔާ ލިބެމުންދާ ބަޔަކު މީހުން، އެއީ ކާފަރުން ކަމުގައި ވިޔަސް، މުސްލިމުންގެ ކިބައިން މަދަދަކަށް އެދެފިއްޔާ، އެކަމަށް އިޖާބަދީ އެ އަނިޔާ ފިލުވަން މަސައްކަތްކުރުމަކީ، ކުޅަދާނަކަން ހުރިއްޔާ، މުސްލިމުންގެ މައްޗަށް ވާޖިބެކެވެ. އެހެނީ އަނިޔާލިބޭ މީހާއަށް ނަޞްރުދިނުމާއި ނިކަމެތިމީހާއަށް އެހީތެރިވުމާއި އަނިޔާވެރިންގެ އަނިޔާ ހުއްޓުވުމަކީ ޝަރުޢީ ވާޖިބެކެވެ. ކިއެއްތަ، އެއީ ހުރިހާ ދީންތަކެއްގައި ވެސް އަޚްލާޤީ ވާޖިބެކެވެ.

ހަތަރެއް:

 ބިމުގައި ޖައްބާރުވެގެން އޮތް ހަނގުރާމަވެރި ޝިރުކު، ޢަރަބި ޖަޒީރާއިން ނައްތާލުން. އަދި އެ އަނިޔާވެރިކަމުގެ ފޭރާ ދަތްތައް އުފުރައިލާ، ޢަރަބި ޖަޒީރާއަކީ މުސްލިމުންނަށް ޚާލިޞްވެގެންވާ މިނިވަން ވަޠަނެއް ކަމުގައި ހެދުމެވެ. އެއީ އިސްލާމްދީނަށް ވެސް އެދީނަށް ޚާއްޞަ ބިމަކާއި، އެހެން މީހުންނާއި ބައިވެރި ނުވާ އަމިއްލަ ސަރަހައްދެއް ޤާއިމުކުރުމަށްޓަކައެވެ. ޢަރަބި ޖަޒީރާއަކީ ހަމައެކަނި މުސްލިމުންނަށް ޚާލިޞްތަނަކަށް އޮތުމުގެ އިލާހީ ޙިކުމަތެއް ވެސް ވެއެވެ. އެއީ އެތަނަކީ އިސްލާމްދީނުގެ މަރުކަޒުގެ ގޮތުގައި އޮވެ، އަރިމަތީގައިވާ ރަށްތަކަށް އުނދަގޫތަކާއި ދަތިކަން ކުރިމަތިވާ ހިނދު ދާނެ ވަޒަނެއް މުސްލިމުންނަށް އޮތުމެވެ. އުއްމަތުގެ ތާރީޚުގައި ދިމާވި ބޮޑެތި ކަންތައްތަކާއި ހާދިސާތަކުގައި، މި ކަމުގެ މުހިއްމުކަން އަހަރެމެންނަށް ވަނީ ފެނިފައެވެ.

ތައުބާ ސޫރަތުގައި، ޢަހުދު  އުވާލާ، ޙައްދުތައް ފަހަނައަޅައިދިޔަ މުޝްރިކުންގެ ކިބައިން ބަރީއަވެ، ހަތަރު މަސްދުވަހުގެ މުހުލަތެއް ދީފައި، ދެން އެއަށްފަހު އިސްލާމްވުން ނުވަތަ މި ބިމުން ފައިބައިގެން އެހެން ތަނަކަށް ދިއުން ނުވަތަ ހަނގުރާމައިގެ އިޚްތިޔާރު ދެވުނީ މިސަބަބަށްޓަކައެވެ. * {فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ} "حرمة ތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް مشرك ން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން قتل ކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން حصار ކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެތަނެއްގައި އެއުރެން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައިތިބޭށެވެ! " (ތައުބާ:5)

މާތް ﷲ ގެ އިރާދަފުޅު ނިޔާކުރީ، ޢަރަބިން އެމީހުންގެ އަމިއްލަ މިނިވަން އިޚްތިޔާރުގައި، އިސްލާމްދީން ޚިޔާރުކުރުމެވެ. ހަތަރުމަސް ނިމުމުގެ ކުރިން ފައުޖު ފައުޖަށް ދީނަށް ވަނުމެވެ. ނަތީޖާއެއްގެ ގޮތުން ޢަރަބި ޖަޒީރާ އެއީ އިސްލާމްދީނަށް ޚާލިޞް ތަނަކަށް ވެގެންދިޔައެވެ. އަދި ޢަރަބިންނަކީ އިސްލާމްދީނުގެ ބުރިކަށްޓަށް ވިއެވެ. އެ ދީނުގެ ފުރަތަމަ ސިފައިންނަށްވިއެވެ. ދުނިޔެއަށް އެ ދީން ގެންގޮސްދިން 'ރަސޫލުންނަށް' ވިއެވެ.

ދެން މިހިސާބުން އެނގޭ އެއްޗަކީ، ޖިހާދުއް ޠަލަބުގެ ސަބަބުތަކުގެ ތެރެއިން މި ބުނެވުނު ސަބަބު މިއަދު ނެތް ކަމެވެ. އެއީ ތާރީޚްގެ ތެރެއިން ވެނިމިފައިވާ ސަބަބެކެވެ.

ދެބައިމީހުން ޚިލާފުވާތަން:

މެދުމިނުގެ މީހުންނާއި ހަރުކަށި މީހުން، ނުވަތަ ދިފާޢީމީހުންނާއި ހަމަލާމީހުން، ނުވަތަ ސަލާމަށް ގޮވާލަ މީހުންނާއި ހަނގުރާމައަށް ގޮވާލާ މީހުންނާއި ދެމެދުގައި، ޚިލާފު އުފެދިފައިވާ ތަނަކީ ކޮބައިހެއްޔެވެ؟

ޚިލާފު އޮތީ އެންމެ ނުކުތާއަކާ މެދުގައެވެ. އެއީ އަމާންކަމާއެކު ތިބޭ، ދީނާ މެދު މުސްލިމުންނާ ހަނގުރާމައެއް ނުކުރާ، މުސްލިމުންގެ ބިމުން ނެރެނުލާ، އަދި ނެރެލުމަށް އެހީތެރިވެސް ނުވާ، އަދި މުސްލިމުންނަށް ގެއްލުން ދޭންއުޅޭކަން ބަހުންވެސް ޢަމަލުންވެސް ފާޅުނުވާ، މުސްލިމުންނާއި ސަލާމްވާން ބޭނުން، ޣައިރު މުސްލިމުންނެވެ. މި ފަދަ ޣައިރު މުސްލިމުންނާ ހަނގުރާމަކުރާނީ ހެއްޔެވެ؟ ނުވަތަ ނުކުރާނީހެއްޔެވެ؟

މެދުމިނުގެ ނުވަތަ ސަލާމަށް ގޮވާލާ މީހުން، އަނެއް މީހުން ކިޔާގޮތުންނަމަ ދިފާޢީމީހުން ބުނަނީ،  އެމީހުންނާ ހަނގުރާމަ ނުކުރާނެ ކަމަށެވެ. ސަބަބަކީ ހަނގުރާމަކުރުން ވާޖިބު ކަމެއް އެމީހުން ނުކުރެއެވެ. ކިއެއްތަ، ޤުރުއާނުގެ ޞަރީޙަ ގިނަ އާޔަތްތަކެއް އެމީހުންނާ ހަނގުރާމަކުރުން މަނާކުރެއެވެ. މިއިން ބައެއް އާޔަތްތައް ކިޔާލަމާ ހިނގާށެވެ:

ބަޤަރާ ސޫރަތުގައި { وَقَاتِلُوا فِي سَبِيلِ اللَّـهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّـهَ لَا يُحِبُّ الْمُعْتَدِينَ } "ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުންނާ ތިޔަބައިމީހުން اللَّه ގެ މަގުގައި ހަނގުރާމަ ކުރާށެވެ! އަދި (އެކަމުގައި) ތިޔަބައިމީހުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައިދާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއްނުވެއެވެ. "(ބަޤަރާ:190)

 އަދި ހަމަ މި ސޫރަތުގައި { لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ } " دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالة ގެ އަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. "(ބަޤަރާ:256)

އާލަޢިމްރާން ސޫރަތުގައި: { قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّـهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ اللَّـهِ ۚ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ } " ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަވެ، އެއްގޮތްވެގެންވާ كلمة އަކަށް އަންނާށެވެ! (އެއީ) اللَّه އަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅައުމެވެ. އަދި، އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން شريك ނުކުޅައުމެވެ. އަދި، އަހުރެމެންގެ އެއްބަޔަކު އަނެއްބަޔަކީ اللَّه ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އެއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފިނަމަ، (އެއުރެންނަށް) ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ مسلم ން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ! "(އާލަޢިމްރާން:64)

ނިސާ ސޫރަތުގައި: { فَإِنِ اعْتَزَلُوكُمْ فَلَمْ يُقَاتِلُوكُمْ وَأَلْقَوْا إِلَيْكُمُ السَّلَمَ فَمَا جَعَلَ اللَّـهُ لَكُمْ عَلَيْهِمْ سَبِيلًا } " ފަހެ، އެއުރެން ތިޔަބައިމީހުންނާ ވަކިވެ، ތިޔަބައިމީހުންނާ ހަނގުރާމަނުކޮށް އަދި، ތިޔަބައިމީހުންނަށް އެއުރެން تسليم ކޮށްފިނަމަ، ފަހެ، އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަކަށް اللَّه މަގެއް ލައްވާފައެއް ނުވެއެވެ. "(ނިސާ:90)

ހަމަ މި ސިޔާގުން :  { فَإِن لَّمْ يَعْتَزِلُوكُمْ وَيُلْقُوا إِلَيْكُمُ السَّلَمَ وَيَكُفُّوا أَيْدِيَهُمْ فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ ۚ وَأُولَـٰئِكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطَانًا مُّبِينًا } ފަހެ އެއުރެން ތިޔަބައިމީހުންނާ އެއްކިބާ ނުވިނަމަ، އަދި، ތިޔަބައިމީހުންނަށް تسليم ނުކުރިނަމަ، އަދި، އެއުރެންގެ އަތްތައް ހަނގުރާމައިން އެއްކިބާ ނުކުރިނަމަ، ދެން އެއުރެން ފެނުނު ކޮންމެތާކުން އަތުލައި قتل ކުރާށެވެ! އަދި، بيان ވެގެންވާ ބާރުވެރިކަމެއް އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ލެއްވީމެވެ. (ނިސާ:91)

އަދި މާއިދާ ސޫރަތުގައި އަހުލުކިތާބީންނާ ބެހޭގޮތުން އައިސްފައިވާ ސިޔާގުގައި : {وَلَا تَزَالُ تَطَّلِعُ عَلَىٰ خَائِنَةٍ مِّنْهُمْ إِلَّا قَلِيلًا مِّنْهُمْ ۖ فَاعْفُ عَنْهُمْ وَاصْفَحْ ۚ إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ} " އޭގެތެރެއިން މަދުބަޔެއްގެ ކިބައިން މެނުވީ، އެއުރެންގެ ތެރެއިން خيانة ތެރިވުން ކަލޭގެފާނަށް އަބަދުވެސް ފެނިވަޑައިގަންނަވާނެތެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވައި، މާފުކުރައްވާށެވެ! ހަމަކަށަވަރުން، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. "(މާއިދާ:13)

އަދި އަންފާލު ސޫރަތުގައި: {وَإِن جَنَحُوا لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّـهِ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ * وَإِن يُرِيدُوا أَن يَخْدَعُوكَ فَإِنَّ حَسْبَكَ اللَّـهُ ۚ هُوَ الَّذِي أَيَّدَكَ بِنَصْرِهِ وَبِالْمُؤْمِنِينَ} " އަދި صلح އިގެ ފަރާތަށް އެއުރެން ލެނބިލައިފިނަމަ، ކަލޭގެފާނުވެސް (އެގޮތް قبول ކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ! އަދި اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. * އަދި ކަލޭގެފާނަށް ކެހިދިނުމަށް އެއުރެން قصد ކުރާނަމަ، ފަހެ، ހަމަކަށަވަރުން، ކަލޭގެފާނަށް اللَّه ފުދެތެވެ. އެކަލާނގެއީ، އެކަލާނގެ نصر އާއި، مؤمن ން މެދުވެރިކުރައްވައިގެން، ކަލޭގެފާނަށް ގަދަކަންދެއްވި ރަސްކަލާނގެއެވެ. "(އަންފާލް: 61،62)

އަދި ތައުބާ ސޫރަތުގައި، އެއީ ޢަހުދު އުވައިލާ ހުވަޔާ ޚިލާފުވާ މުޝްރިކުންނާއި އެމީހުންގެ ދީނާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރެވެނު ސޫރަތް، އެ ސޫރަތުގައި ވަނީ: { وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَامَ اللَّـهِ ثُمَّ أَبْلِغْهُ مَأْمَنَهُ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ } " އަދި مشرك ންގެ ތެރެއިން އެއްވެސްމީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ، ފަހެ، އެމީހަކު اللَّه ގެ كلام ފުޅު އަހައިފުމަށްދާނދެން އެމީހަކަށް ރައްކާތެރިކަން ދެއްވާށެވެ! ދެންފަހެ، އަމާންކަން ލިބިގެންވާ ތަނަކާ ހަމަޔަށް އެމީހަކު ގެންގޮސްދެއްވާށެވެ! އެއީ ހަމަކަށަވަރުންވެސް، އެއުރެންނީ ނުދަންނަ ބަޔެކެވެ. " (ތައުބާ:6)

އަދި { كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِندَ اللَّـهِ وَعِندَ رَسُولِهِ إِلَّا الَّذِينَ عَاهَدتُّمْ عِندَ الْمَسْجِدِ الْحَرَامِ ۖ فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ ۚ إِنَّ اللَّـهَ يُحِبُّ الْمُتَّقِينَ }" اللَّه ގެ حضرة ގައްޔާއި، އެކަލާނގެ رسول އާގެ އަރިހުގައި، مشرك ންނަށް عهد އެއް އޮންނާނީ، ކޮންފަދައަކުން ހެއްޔެވެ؟ حرمة ތެރި މިސްކިތުގެ ކައިރީގައި ތިޔަބައިމީހުން އެބަޔަކާ عهد ކުރި މީހުންނަށް މެނުވީއެވެ. ފަހެ، އެއުރެން ތިޔަބައިމީހުންނަށް ސީދާވެގެންތިބިހާ ހިނދަކު ތިޔަބައިމީހުންވެސް އެއުރެންނަށް ސީދާވާށެވެ! ހަމަކަށަވަރުން، تقوى ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ. " (ތައުބާ:7)

އަދި ޙިޖްރު ސޫރަތުގައި: { فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ } " ފަހެ، ކަލޭގެފާނަށް أمر ކުރައްވާގޮތަށް، ފާޅުގައި دين އަށް ގޮވައިލައްވާށެވެ! އަދި شريك ކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! " (ޙިޖްރު:94)

އަދި ނަޙްލު ސޫރަތުގައި:  { ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ } "حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! "(ނަޙްލު:125)

ހަމަ މި ސޫރަތުގައި: {وَاصْبِرْ وَمَا صَبْرُكَ إِلَّا بِاللَّـهِ ۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِي ضَيْقٍ مِّمَّا يَمْكُرُونَ} "އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި اللَّه ގެ ވާގިފުޅުން މެނުވީ، ކަލޭގެފާނު ކެތްތެރިވެވަޑައިގަތުމެއް ނުވެތެވެ. އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން ރާވާ މަކަރުވެރި ރޭވުންތަކުން ހިތްޕުޅުދަތިވުމެއްގެ ތެރޭގައި، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! " (ނަޙްލު:127)

އަދި އަޙްޤާފް ސޫރަތުގައި: {فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ} " ފަހެ، رسول ންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسول ން (އެބަހީ: أولوالعزم ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (عذاب) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! " (އަޙްޤާފް:35)

އަދި މުމްތަޙަނާ ސޫރަތުގައި: { لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ } " ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. "(މުމްތަޙަނާ: 8)

މި ހުރިހާ އާޔަތްތަކެއް ވެސް، އަދި މިނޫން އެތަކެއް އާޔަތަކުން، އިސްލާމްދީނަކީ ޞުލްޙައާއި ސަލާމުގެ ދީންކަމާއި، އެއީ ސަލާމްވާ ބަޔަކާ ސަލާމްވާ އަދި ޢަދާވާތްތެރިވާ ބަޔަކާ ޢަދާވާތްތެރިވާ ދީން ކަމަށާއި، އިސްލާމުންނާ ހަނގުރާމަ ނުކުރާ އަދި ދަޢްވަތަށް ހުރަސް ނާޅާ އަދި ދީނާހެދި މުއުމިނުން ފިތުނަވެރިނުކުރާ ބަޔަކާ، ހަނގުރާމަކުރުމެއް މިދީނުގައި ނެތްކަމަށް މެދުމިނުގެ މީހުން ދަލީލުދައްކައެވެ.

ނަމަވެސް އަނެއްކޮޅުގައި ތިބި ހަރުކަށމީހުން، މި އާޔަތްތަކުން ވަރަށް ފަސޭހަގޮތަކަށް ސަލާމަތްވެގަނެއެވެ. ނަމަވެސް އެއީ ނުލާހިކު ނުރައްކާތެރި ގޮތެކެވެ. އެއީ އެމީހުން ބުނެލަނީ މިހުރިހާ އާޔަތްތަކަކީ ވެސް މަންސޫޚުވެފައިވާ އާޔަތްތަކެއް ކަމަށެވެ. މަންސޫޚުކުރީ، ތައުބާ ސޫރަތުގެ އާޔަތެއް ނުވަތަ އާޔަތެއްގެ ބައެވެ. އެއީ އާޔަތުއް ސައިފި ނުވަތަ ކަނޑީގެ އާޔަތުގެ ނަމުން ނަންދެވިފައިވާ އާޔަތެވެ.

މިހިސާބުން އަހަރެމެންނަށް ޖެހުނީ، މި ކަނޑީގެ އާޔަތާ މެދު ތަފްޞީލުކޮށް ވާހަކަދައްކާށެވެ. އެއީ ކަންކަން އޮންނަންވާ ގޮތަށް ބާއްވާށާއި، ނުރައްކާތެރި ބޮޑެތި މައްސަލަތަކުގައި، އައިސްފައިވާ ރިވާޔަތްތަކަކީ އިތުރު ސުވާލެއް ނުކުރެވި އެއްބަސްވެވޭ އެއްޗެއް ކަމުގައި ނުހެދުމަށެވެ.

މިބުނެވުނު ހަމަލާމީހުން ބުނަނީ، ޣައިރު މުސްލިމުންނާ ހަނގުރާމަކުރުން ވާޖިބުވާ ކަމަކީ، އެހެން ގޮތަކަށް ބުނާނަމަ ކާފަރުންނާ ހަނގުރާމަކުރަންޖެހެނީ، އެއީ އެމީހުން މުސްލިމުންގެ މައްޗަށް ދިން ޢުދުވާނެއް ނޫނެވެ. އަދި ދީނުން ފިތުނަވެރިކުރުމެއްވެސް ނޫނެވެ. އަދި ދަޢްވަތުގެ މަގު މިނިވަންކުރުމެއްވެސް ނޫނެވެ. އަދި އެމީހުންގެ އަތްދަށުގައި ތިބި ނިކަމެތިން ސަލާމަތްކުރުމެއްވެސް ނޫނެވެ. އެކަމަކު އޮތީ އެންމެ ސަބަބެކެވެ. ވާޖިބުވާ އެންމެ ކަމެކެވެ. އެއީ ކާފަރުކަމެވެ. ކާފަރުން ކާފަރުންނަށް ވުމަކީ އެއީ އެމީހުންނާ ހަނގުރާމަކުރަން ސަބަބަކަށް ފުދެއެވެ. އެހެން ސަބަބެއް އޮވެއްޖެއްޔާ، އެއީ އެކަން ކަށަވަރުކޮށްދޭ ސަބަބެކެވެ. އަސާސަކަށްވާ ސަބަބެއް ނޫނެވެ.

ހަމަލާމީހުންގެ ފިކުރުން ދުނިޔެއަށް ފޯރާނެ އަސަރު:

މިތާނަގައި ޞަރީޙަކޮށް އަހަރެން ބުނެލަން ބޭނުންވާ ވާހަކައަކީ، ހަމަލާދޭ ޖިހާދުގެ ފިކުރުގެ މީހުން -އިރުމައްޗަށާއި ހުޅަނގާ ދެކޮޅަށް އުތުރާ ދެކުނާއި ދެކޮޅަށް ކަޅުމީހުންނާއި ދޮންމީހުންނާ ދެކޮޅަށް ސަލާމްވެގެންހުރި މީހާއާއި ހަނގުރާމަވެރިޔާއާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރާ މީހުން-  ގެ ރައުޔަކީ އެއިން ނުރައްކާތެރި އަސަރުތަކެއް ފާޅުވާ ރައުޔެކެވެ. ނުރައްކާތެރި ޢަމަލީ އަސަރުތަކެއް ކުރިމަތިކުރުވާ އެއްޗެކެވެ. އެއީ އޭގެ ސަބަބުން އިސްލާމީ އުއްމަތަށް އަދި ދުނިޔެއަށް އެއްވެސް އަސަރެއް ނުފޯރާ، ހަމައެކަނި އެމީހުން ބުނެލާ ނަޒަރީ ނުވަތަ ފަލްސަފީ ރައުޔެއް ނޫނެވެ. ކިއެއްތަ، އެއިން ނުކުންނަ ނުރައްކާތެރި ނަތީޖާ އަހަރެމެންނަށް ފެނި އަތުން ހިފެމުން މިދަނީއެވެ. މިނަތީޖާތަކުގެ ތެރޭގައި:

އ.ދ ގެ ޗާޓަރު ޤަބޫލު ނުކުރުން:

އެމީހުންގެ ފޮތްތަކާއި ރަސާއިލުތަކުގައި ކަނޑައަޅާފައިވާ ގޮތުން، މިސާލަކަށް، ޢުލްޔާނީގެ 'އަހައްމިއްޔަތުލް ޖިހާދި' (ޖިހާދުގެ މުހިއްމުކަން) ގައި ބުނެފައިވާ ފަދައިން،  މިބުނި ރައުޔުގެ ޢަމަލީ ފުރަތަމަ އަސަރަކީ، އ.ދ ގެ ޗާޓަރު ޤަބޫލުނުކޮށް އ.ދ އިންކާރުކުރުމެވެ. ސަބަބަކީ އެ ޗާޓަރު އޮތީ އެމީހުން ދެކޭ ގޮތްނޫން އެހެން ގޮތަކަށެވެ. އެމީހުންގެ ފަލްސަފާ ނޫން އެހެން ފަލްސަފާއެއްގެ މަތީގައެވެ. ފަހެ އ.ދ ގެ ޗާޓަރު ބިނާވެފައި ވަނީ އިންސާނުން އެންމެން އެކުއެކީގައި އުޅެވިދާނެ ކަމުގެ ފިކުރުގެ މަތީގައެވެ. ނުވަތަ ކުރިމަތިލުމެއް ހިނގިއަސް އެ ކުރިމަތިލުންތައް މަދުކޮށް އޭގެ ގެއްލުން ކުޑަކުރުމުގެ ފިކުރުގެ މަތީގައެވެ. މިބުނި ހަރުކަށި ވިސްނުމުގެ މީހުން، މި ފިކުރާ މުޅިން ދެކޮޅެވެ. މި ނަޒަރިއްޔާ ޤަބޫލެއް ނުކުރެއެވެ. އެހެންވެ އެމީހުން އ.ދ އުފެދިފައިވާ ޗާޓަރުވެސް ޤަބޫލެއް ނުކުރެއެވެ.

އ.ދ އަށް ވަނުމަކީ ބޮޑުކުށަކަށްވުން:

އަހައްމިއްޔަތުލް ޖިހާދި ލިޔުނު މީހާ، އޭނާ ކިޔާގޮތުންނަމަ 'ދިފާޢުގެ އަހުލުވެރިންނަށް' ވަރަށް ވަރުގަދައަށް ހަމަލާ ދީ، އެމީހުން ކުށްވެރިކޮށްފައި ވެއެވެ. ބުނެފައިވަނީ: "އިސްލާމްދީނަކީ ސަލާމްވާ ބަޔަކާ ސަލާމްވާ އަދި ހަނގުރާމަކުރާ ބަޔަކާ ހަނގުރާމަކުރާ، ދީނެކޭ ބުނާ ހުތުރުކަން ބޮޑު ވާހަކައިގެ ސަބަބުން، ހަތިޔާރުގެ ބޭނުންކޮށްގެން ހަމަލާއެއް ދިނުމުން ދިފާޢުވުމުގެ ހާލަތުގައި ފިޔަވާ ހަނގުރާމަކުރުން މަނާކުރާ، އ.ދ އޭ ކިޔޭ ތަނަށް ވަނުމުގެ ޝަރުޢީ ސަނަދެއް –ސަނަދެއް ބޭނުންނަމަ- އިސްލާމީ ރަށްތަކުގައި ޤާއިމުވެފައިވާ ދައުލަތްތަކާއި ސަރުކާރުތަކަށް، ދީފިއެވެ. ފަހެ އިސްވެ ޖިހާދުކުރާ ޖިހާދުއްޠަލަބަކީ އ.ދ ގެ ޝަރީޢަތުގައި ޙަރާމްކަމެކެވެ. އެތަން ގޮވާލަނީ، ބުދަށްއަޅުކަންކުރާ މީހުންނާއި މަޖޫސީންނާއި ބުޑިސްޓުންނާއި ޔަހޫދީންނާއި ނަޞާރާއިންނާއި ހިންދީން، ކިއެއްތަ ﷲ ވޮޑިގެންވާކަން ޤަބޫލުނުކުރަ މުލްޙިދުންވެސް، މިއެންމެން އެކުގައި ހަމަޖެހިގެން ސަލާމްކަން މަތީ، ލޯތްބާއި އެކުވެރިކަން މަތީ ދިރިއުޅުމަށެވެ. އަދި ބޯޑަރަކާ މެދު އެމީހުންގެ މެދުގައި އަރާރުމެއް އުފެދިއްޖެނަމަ ޙުކުމްކުރުވަންދާންޖެހޭނީ ޠާޣޫތީ ސަލާމަތީ މަޖްލީހަށެވެ. އެތަނަކީ އެސްފިޔައެއް ޖެހޭ ހިނދުކޮޅަކަށް ވެސް، ﷲ ބާވައިލެއްވި އެއްޗަކަށް ރުޖޫޢަވާނެ ތަނެއް ނޫނެވެ. ދިފާޢުގެ އަހުލުވެރިންނަށް، އެމީހުން އެ ބުނި ބަދު ވާހަކައިގެ ސަބަބުން، ޖިހާދުގެ ފަރުޟު ވައްޓައިލެވުމާއި ކުފުރު ނިޒާމްތަކަށް ޙުކުމްކުރެވޭކަން، އެނގޭނަމަ، އެމީހުންގެ ތެރޭގައި ﷲ އަށާއި އެކަލާނގެ ރަސޫލާދެކެ ލޯބިވާ އެކަލާނގެ އަމުރުކުރެއްވި ހައްދުތައް އެނގޭ މީހަކު ހުރިއްޔާ، އެވާހަކައިން ބަރީއަވާކަން އިޢްލާންކުރާނެއެވެ.

ދެން އަހަރެން މިގެނެސްދެނީ، އ.ދ ގެ ޤަރާރުތަކުގެ ތެރެއިން މުހިއްމު، ދައުލަތްތަކުގެ ގުޅުން ކަނޑައަޅައިދޭ އުޞޫލުތަކެކެވެ.

 • ބައިނަލް އަޤްވާމީ ދޭދޭ ގުޅުންތަކުގައި، އެއްވެސް ދައުލަތަކާ ދެކޮޅަށް، ބާރުގެ ބޭނުންކުރަން ބުނެ އިންޒާރުދިނުމާއި، އަދި ބާރުގެ ބޭނުންނުކުރުމާއި، ދައުލަތެއްގެ ސިޔާދަތެއް އުނިކަން ލިބޭފަދަ ކަމެއް ނުކުރުމާއި، ދުނިޔޭގެ ސަލާމަތާއި އަމާންކަން ނުރައްކަލަކަށް ހުށައެޅިދާނެފަދަ ކަމެއް ނުކުރުން.

 • ދައުލަތްތަކުގެ މެދުގައި އުފެދޭ ސަރަހައްދީ އަރައިރުންތައް ސުލްޙަވެރި ގޮތްތަކުގެ ތެރެއިން ހައްލުކުރުން

 • އ.ދ ގެ ޗާޓަރުގައި ބަޔާންވެފައިވާ ފަދަ، ދައުލަތެއްގެ ސިޔާދަތާއި ގުޅިފައިވާ ކަމެއްގެ ތެރެއަށް އެހެން ޤައުމުތަކުން ނުވަނުން.

 • ޙައްޤުތަކާއި ވާޖިބުތަކުގައި ހަމަހަމަވުމާއި، އަދި 'ބޭނުންވާގޮތް ކަނޑައެޅުމުގެ' (ސެލްފް ޑިޓާމިނޭޝަން) ގެ ޙައްޤު ލިބިގެންވުން

 • ދައުލަތްތަކުގެ މެދުގައި ޤައުމީ ސިޔާދަތު ހަމަހަމަވުން... ސިޔާދަތުގައި ހަމަހަމަވުމުގެ ތެރޭގައި މިއަންނަނިވި ކަންކަން ހިމެނެއެވެ:

 • ޤާނޫނީގޮތުން ހުރިހާ ޤައުމުތަކެއްވެސް ހަމަހަމަވުން

 • ފުރިހަމަ ސިޔާދަތެއް ލިބިފައި އޮތުމުގެ ޙައްޤު ލިބުން

 • އެހެން ޤައުމުތަކުގެ ޝަޚްޞިއްޔަތަށް ހުރުމަތްތެރިކޮށް ހިތުން

 • ދައުލަތުގެ ސިޔާސީ އިސްތިޤްލާލިއްޔަތަށއި ސަރަހައްދު ރޮގުގެ ހުރުމަތް

 • ކޮންމެ ދައުލަތަކަށް ވެސް، އެ ދައުލަތެއްގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ސަޤާފީ ނިޒާމު   މިނިވަންކަމާއެކު  އިޚްތިޔާރުކުރުމުގެ މިނިވަންކަން އޮތުން

 • ކޮންމެ ދައުލަތަކުން ވެސް އެ ދައުލަތެއްގެ ބައިނަލް އަޤްވާމީ އިލްތިޒާމުތައް ފުރިހަމައަށް ތަންފީޒުކޮށް، އެހެން ޤައުމުތަކާއެކު ރަގަޅު ނިޔަތުގައި ސުލްހަވެރިކަމާއެކު އުޅުން

އައްޝައިމީ ވިދާޅުވެފައިވަނީ: "އަދި  ޢާއްމު މަޖްލިހުން 24 ޑިސެމްބަރ 1927 ގައި، މެމްބަރުންގެ އިއްތިފާޤުން ފާސްކުރި ޤަރާރުގައި ވަނީ: ލީގުއޮފް ނޭޝަންގެ ޤައުމުތަކުގެ މެދުގައިވާ  އޮންނަން ޖެހޭނީ، ވަރުގަދަ ގުޅުމެއްކަމާއި، ދުނިޔޭގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ޢަޒުމް ކަނޑައަޅަންވާނެއެވެ. އަދި ޢުދުވާނީ ހަނގުރާމައަކީ، ދައުލަތްތަކުގެ މެދުގައި އުފެދޭ އަރައިރުންތައް ނިންމުމަށް ބޭނުންކޮށްގެންވާނެ ވަސީލަތެއް ނޫނެވެ. އަދި މިފަދަ ހަނގުރާމައެއް ކޮށްފިއްޔާ ބެލޭނީ، އެއީ ދައުލީ ޖަރީމާއަކަށެވެ. އަދި މިކަންކަން ތަންފީޒުކުރުމަށްޓަކައި މުހިއްމު ދެ ޤަވާޢިދެއް އެކަށައަޅާފައި ވެއެވެ. އެއީ:1 - ކޮންމެ ހަނގުރާމައަކީ މަނާވެގެންވާ ކަމެކެވެ. އަދި އަބަދުވެސް އެކަން އޮންނާނީ މަނާކަމެއްކަމުގައެވެ. 2- ދައުލަތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކަކީ ކޮންމެ ޠަބީޢަތެއްގެ މައްސަލައެއް ކަމުގައި ވިޔަސް، އެމައްސަލައެއް ހައްލުކުރަން ވާނީ، ސުލްޙަވެރި ވަސީލަތްތަކުންނެވެ."

މިވާހަކައަށް އިޝާރާތްކޮށް ޢުލްޔާނީ ވިދާޅުވެފައިވަނީ: "މި މީޡާޤު ތަސްދީޤުކޮށްފައިވާ ޤައުމުތައް ދެކޭގޮތުގައި، އިސްވެކުރެވޭ ޖިހާދު ނުވަތަ ޖިހާދުއްޠަލަބު - ކާފަރުންގެ ފަރާތުން އެއްވެސް ޢުދުވާނެއް ނައިކަމުގައި ވިޔަސް، އެމީހުންގެ ރަށްތަކުގައި ތިއްބާ އެމީހުންނާ ހަނގުރާމަކޮށް، އިސްލާމްދީނަށް ވަންނަން ނުވަތަ ޖިޒުޔަދޭން މަޖްބޫރުކުރުން- އަކީ ބައިނަލް އަޤްވާމީ ޤާނޫނު ދެކޭގޮތުގައި ޢުދުވާނީ ހަނގުރާމައެކެވެ. އަދި އެ ދެކޭގޮތުގައި އެއީ ޖަރީމާއެކެވެ. އިޖްމާޢާ ޚިލާފުވެ، ދީނުގައި އޮންނަނީ ހަމައެކަނި ދިފާޢީ ހަނގުރާމަކަށް ބުނެ ދަޢްވާކުރާމީހުންގެ ރައުޔު އޮތުމުން، އިސްލާމީ ޤައުމުތައް މި ޖަމްޢިއްޔާއަށް ވަނުމަށް މަގުކޮށިގެން ދިޔައެވެ. މިޖަމްޢިއްޔާއަކީ މާތް ﷲ ވާޖިބުކުރައްވާފައިވާ ކަމެއް ޙަރާމްކުރާ ބައެކެވެ. އަދި މިތަނަށް ވަންނަ ބަޔަކު، ﷲ ގެ ޝަރީޢަތް ދޫކޮށްފައި ތަބާވަނީ މިތަނުގެ ޝަރީޢަތަށެވެ. އަޅަމެންނަކީ މަގުފުރެދި، މާތް ﷲ ގެ ތައުފީޤުން މަހުރޫމުވެފައިވާ ބަޔަކުކަމުގައި ނުލައްވާނދޭވެ!"

އަޅުވެތިކުރުން ނައްތާލާ އެއްބަސްވުމާ ދެކޮޅުހެދުން:

ހަމަލާމީހުންގެ ފިޤުހުގެ ޢަމަލީ އަސަރުތަކުގެ ތެރެއިން އަނެއްކަމަކީ، ދުނިޔެއިން އަޅުވެތިކުރުން ނައްތާލަން އ.ދ ގައި ވެފައިވާ އެއްބަސްވުމާ ދެކޮޅު ހެދުމެވެ. އެ އެއްބަސްވުމުގައި ވަނީ، އެއްވެސް އެހެން މީހަކު، އެއްވެސް ސަބަބަކާ ހެދި، އަޅުވެތިކުރުން މަނާކޮށްފައެވެ. މިމީހުން ދެކޭގޮތުން މިއީ، މާތް ﷲ ޙަލާލުކުރެއްވި ކަމެއް ޙަރާމްކުރެވެނީއެވެ.

މިހިސާބުން، ހަމަލާމީހުން ވަނީ، އަޅުވެތިކަމާ ދެކޮޅުހަދާ ޢިލްމުވެރިންނަށް ހަމަލާދޭން ފަށާފައެވެ. އަޅުވެތިކަމާ ދެކޮޅު މީހުން ބުނަމުން ދިޔައީ، އިސްލާމީ ޝަރީޢަތުގައި އަޅުވެތިކުރުން ތަޢާރަފްކޮށްފައިނުވާ ކަމާއި ތަޢާރަފްކުރީ މިނިވަންކުރުން ކަމަށާއި، ޙަޤީޤީ އިސްލާމްދީން ތަންފީޒުކުރެވުނު ނަމަ، ދުނިޔެއިން އަޅުވެތިކަން މަޑުމަޑުން ނައްތާލެވުނީސް ކަމަށެވެ. އެހެނީ އިސްލާމްދީން ވަނީ ޝަރުޢީ ޙަނގުރާމައިގެ ދޮރު ފިޔަވާ، އަޅުވެތިކުރެވޭ ހުރިހާ ދޮރުތަކެއް ބަންދުކޮށްފައެވެ. އަދި އަނެއްކޮޅުން އަޅުން މިނިވަންކުރެވޭ ދޮރުތައް ތަންމިނަށް ހުޅުވާލާފައެވެ.

ކާފަރު ޤައުމުތަކުން ނިންނާފައިވާ ގޮތްތަކާއި އެއްގޮތްވުމުގެ ގޮތުން، ދީނުގެ ނައްޞުތައް ތަޙްރީފުކުރާ ކަމަށް ތުހުމަތުކޮށް، ޢުލްޔާނީ ވަނީ އަޅުންގެ މިމައްސަލައިގައި، މަޝްހޫރު ފިޤުހުވެރިޔާ ޑޮކްޓަރ ވަހުބަތުއް ޒުޙައިލީ އަށް ވަރަށް ބޮޑަށް ހަމަލާ ދީފައިވެއެވެ. އޭނާ ބުނެފައިވަނީ ހުޅަނގުގެ ޙަޟާރަތަށް އެއްބަސްވެ ތާއީދުކުރާ މީހެއްގެ ގޮތުގައި ފާޅުވުމަކީ، ޒުޙައިލީ ހިތުން އިސްލާމްދީނަށް ކޮށްދެވޭ ހެޔޮކަމެކެވެ!

ދެން ޢުލްޔާނީ ޑޮކްޓަރ ޒުޙައިލީގެ މި ބަސް ނަކަލުކޮށްފައި ވެއެވެ: "އިސްލާމްދީން އައީ ކައިރި އުއްމަތްތަކުގައި އަޅުންގެ ހާލަތު މިހެން އޮއްވައެވެ. އެހެންވެ ދުނިޔެއިން އަޅުވެތިކަން ނައްތާލެވޭގޮތް ނުވީއެވެ. އެއީ މީހުން އެދުވަސްވަރު އާދަވެފައި ތިބި ގޮތަކާ މުޑިނޭރުމަށާއި، އަދި އިޤްތިޞާދީ އިޖްތިމާޢީ ހާލަތަށް ކުއްލި ލޮޅުމެއް ނުދޭންވެގެންނެވެ. އަދި އޭރުން އޭތިމީތި ކިޔާ މީހުން ގިނަވެ، މުޖްތަމަޢުގައި ކުއްލިއަކަށް ފަޤީރުން ގިނަވެ، އެންމެ ފަހުން އަޅުންގެ ޖަރީމާތައް ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައިވެސް މެއެވެ. މިނިވަންކަމުގެ ފޮނި ރަހައިގެ މީރުކަން ވަޒަންކުރާ، އަދި އިންސާނާގެ އަސްލަކީ މިނިވަނަކަށްވުން ކަމަށް އިސްލާމްދީން ދެކެއެވެ. ނަމަވެސް އެ ހާލަތުގައި އިސްކުރީ މަރުހަލާތަކަކުން އަޅުވެތިކުރުން ނައްތާލާށެވެ. މިގޮތުން އަޅުވެތިކަން ނައްތާލެވޭނެ ސަބަބުތަކެއް މެދުވެރިކުރިއެވެ. ޢުދުވާނަކުން ދިފާޢުވާން ކުރެވޭ ހުއްދަ ހަނގުރާމައަކުން ލިބޭ އަޅުން ފިޔަވައި އެހެން ގޮތަކަށް މީހުން އަޅުވެތިކުރުން އިސްލާމްދީން ޙަރާމްކުރިއެވެ. ހަނގުރާމައިން އަޅުވެތިކުރުން ހުއްދަކޮށްފައި ބޭއްވުމަކީ، އެހެން އުއްމަތްތަކާއި އިސްލާމީ އުއްމަތާ ދެމެދު އޮންނަ ޢަސްކަރީ ބެލަންސް ހިފެހެއްޓުމަށްޓަކައި ވެސް ކުރަންޖެހޭ ކަމަކަށް ވާތީ، އެހެން އެގޮތަށް ބޭއްވީއެވެ. ...

... މިގޮތުން މުޙައްމަދީ ދަޢްވަތް އަޅުވެތިކަމާ ދެކޮޅަށް މަސައްކަތްކުރިއެވެ. އެއްފަހަރުން ޙަރާމްކުރުމަށް ވުރެ ބޮޑަށް އިންސާނުންނަށް ކަންކަން ކުރަން ފަސޭހައީ ލަސްލަހުން މަޑުމަޑުން ކަމެއް ފެއްޓުން ކަމަށްވާތީ، އިސްލާމްދީން އަޅުންގެ މައްސަލާގައިވެސް ޚިޔާރުކުރީ މިއުސްލޫބެވެ.

ދެމް ޤުރުއާނުގައިވެސް އަދި ސުންނަތުގައި ވެސް އަޅުވެތިކުރުމަކީ ހުއްދަކަމެއް ކަމުގައި ނައްޞުން އައިސްފައި ނެތީމާ، އަދި ޝަރުޢީ ގޮތަކަށް މީހުން އަޅުވެތިނުކުރެވޭތާ އެތަކެއް ޒަމާންވެފައިވާތީ، މިއަދުގެ ދުނިޔެއިން އަޅުވެތިކަން ނައްތާލާ އެކަން އުވާލުމަކީ އިސްލާމްދީން އެއްގޮތަކަށްވެސް ދެކޮޅު ހަދާ ކަމެއް ނޫނެވެ."

ޒުޙައިލީގެ މިވާހަކައަށް ރައްދުދެމުން ޢަލަޔާނީ ބުނީ: "މިއީ ކަނޑައެޅިގެން ހުރި ރޯ ދޮގެވެ. އަދި އިސްލާމްދީނުގެ މައްޗަށް ހެދޭ ބުހުތާނެކެވެ. ޤުރުއާނާއި ސުންނަތުގައި އަޅުވެތިކުރުން ހުއްދަކުރާ ނައްޞެއް ނެތޭ އޭނާ އެބުނީ ކިހިނަކުންހެއްޔެވެ! އެހެނީ، ޢިލްމުވެރިންގެ ފިޤުހުފޮތްތަކައި ޙަދީޘްފޮތްތައް ފުރެންދެން އެ ހުރީ އަޅުންގެ ޙުކުމްތަކާއި މިނިވަންކުރުމުގެ ޙުކުމްތަކާއި އެމީހުންގެ މުދަލުގެ ޙުކުމްތަކެވެ.  ކާފަރުން އަޅުވެތިކުރުމަކީ ހުއްދަކަމެއް ކަމަށް އުއްމަތްވަނީ އިޖްމާޢުވެފައެވެ. ކިއެއްހެއްޔެވެ! މުސްލިމެއްގެ ވެސް، ބައްޕައަކީ އަޅެއް ކަމުގައިވަންޏާ، މިނިވަން ނުކުރެވޭހާ ހިނދަކު، އޭނާ ވާނީ އަޅަކަށެވެ. މި ލިޔުންތެރިޔާ ހީކުރަނީ، ކީރިތި ރަސޫލާގެ ޒަމާނުން ފެށިގެން، 1842 ގައި، އަޅުވެތިކުރުން މަނާކުރާ ބައިނަލް އަޤްވާމީ މުޢާހަދާ ހެދުނު ދުވަހާ ޖެހެންދެން މުސްލިމުން ކުރަމުން އައީ، ހުއްދަ ނޫން ކަމެއްހެއްޔެވެ؟ ހުތުރުކަން ބޮޑު މި ތަޙްރީފުކުރުމުންނާއި އެންމެ ހެޔޮ ޤަރުނުގެ މީހުންނަށް ކުރި ބާޠިލު ތުހުމަތުތަކުން، އަޢޫޛު ބިއްﷲ އެވެ."

އަހަރެންނަށް ހީވާގޮތން، ޑޮކްޓަރ ޒުޙައިލީގެ ވާހަކައިގެ މަޤްޞަދަކީ، ޤުރުއާނާއި ސުންނަތުގައި އަޅުވެތިކުރުމަށް ގޮވާލާފައި ނުވާ ވާހަކައެވެ. ނުވަތަ އެކަމަށް އަމުރުނުކުރާ ވާހަކައެވެ. އަދި އިސްލާމްދީން އަޅުވެތިކުރުން އީޖާދުނުކުރާ ވާހަކައެވެ. ކިއެއްތަ، އިސްލާމްދީން އައިއިރު ވެސް، ދުނިޔޭގައި އޮތީ އެކަން ފެތުރިފައެވެ. އެހެންވެ، އެ ހާލަތާއި އެންމެ އެކަށޭނެ ގޮތަކަށް، ތަޝްރީޢީ ޙުކުމްތައް އެކަށައެޅިއެވެ. އިސްލާމްދީން އަލަށް ކުރި ކަމަކީ، އަޅުން މިނިވަންކުރުގެ ދޮރު ފުޅާ ކުރުމެވެ. މިގޮތުން މިދީނުގައި ވަނީ، އަޅުން މިނިވަންކުރުމަކީ، ޒަކާތް ހޭދަކުރެވޭ މަގެއް ކަމުގައިވެސް ހަދާފައެވެ. އެހެންވެ ބައެއް ފިޤުހު ފޮތްތަކުގައި އަޅުންގެ ޙުކުމްތައް ގެނެސްފައި ހުންނަ ބާބަށް ކިޔާފައިވަނީ 'މިނިވަންކުރުމުގެ ބާބު'  އެވެ.

އަދި އަހަރެމެން ދަންނަގޮތުން، ކީރިތި ޤުރުއާނުގައި  ހަނގުރާމައިގެ އަސީރުންނާ މެދު ކަންކުރާނެ ގޮތުގެ ވާހަކަ އައިސްފައި އޮތް އިރު، ބުނެފައިވަނީ ދެކަމެކެވެ. އެއީ، ބަދަލަކާ ނުލާ އެމީހުން ދޫކޮށްލުން ނުވަތަ ފިދުޔަ ނެގުން، މިދެކަމެވެ. { حَتَّىٰ إِذَا أَثْخَنتُمُوهُمْ فَشُدُّوا الْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَاءً} " ދެން އެޔަށްފަހު (އެބަހީ: ހަނގުރާމަ ނިމުމަށްފަހު) އޮތީ ތިޔަބައިމީހުން އެއުރެން ދޫކޮށްލުމެވެ. ނުވަތަ އެއުރެންގެ އަތުން فدية ނެގުމެވެ. " (މުޙައްމަދު: 4)

އަސީރުންނާ ބެހޭ ޖެނީވާ ކޮންވެންޝަނާ ދެކޮޅުހެދުން:

މިބުނެވުނު، މުޅިދުނިޔެއާ ދެކޮޅަށް ހަނގުރާމަކުރުމަށް ގޮވާލާ، ހަމަލާގެމީހުން، އަސީރުންނާ ބެހޭ ޖެނީވާ ކޮންވެންޝަނާ ވެސް ދެކޮޅުހަދައެވެ. މި ކޮންވެންޝަނުގައި ވަނީ އަސީރުންނަށް ހެޔޮކޮށް ހިތުމަށާއި، ކެއުމާއި ބުއިމާއި އަންނައުނާއި ބޯހިޔަވަހިކަމާއި ބޭސްފަރުވާގެ ގޮތުން، ބަނީއާދަމުންނާއި އެކަށީގެންވާ ވެއްޓެއް އަސީރުންނަށް ފަހިކޮށްދިނުމަށް ބާރުއެޅުމާއި، އަސީރުންނަށް އަނިޔާކުރުމާއި އަސީރުން މެރުން މަނާކުރުމާއި، އެމީހުންގެ އިންސާނިއްޔަތަށް އުނިކަމެއް ލިބޭ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލާފައެވެ.

12 އޮގސްޓް 1948 ގައި ސޮއިކުރެވިފައިވާ މުޢާހަދާގައި ބުނެފައިވަނީ: "ހަތިޔާރުބަހައްޓާ އަމާންދޭ ހަނގުރާމަވެރިން މެރުން ހުއްދައެއް ނޫނެވެ. އަދި އެމީހުން އަތުގައިވާ ފައިސާއާއި އެފަދަ އަގުބޮޑު ތަކެއްޗަކީ، ހަނގުރާމައިގެ ޣަނީމާއަކަށް ނުވާނެއެވެ. މިގޮތުން އެމީހުން އަސީރުކުރި ޤައުމަކުން އެތަކެތި، އަސީރުން މިނިވަންކުރާއިރު ރައްދުކޮށްދޭންވާނެއެވެ."

މީގެ އިތުރުންވެސް ޖެނީވާ ކޮންވެންޝަނުގައި ބުނެފައިވަނީ، އަސީރުންގެ ޒާތަށް ވިޔަސް، ނުވަތަ ޝަރަފަށް ވިޔަސް، އަނިޔާވެރިވުމަކީ މަނާކަމެކެވެ. އަދި އެއްވެސް ހާލަތެއްގައި އަސީރުން މަރައިގެން ނުވާނެއެވެ. އަދި އެމީހުންނަކީ ރަހީނުންގެ ގޮތުގައި ނެގޭ ބަޔަކަށް ހަދައިގެން ނުވާނެއެވެ. އަދި ސަރިއަތް ނުކޮށް އުޤޫބާތެއް ދީގެން ވެސް ނުވާނެއެވެ. އަދި ހުރިހާ އަސީރުންނަށް ޖަމާޢީ ޢުޤޫބާތެއް ދީގެންވެސް ނުވާނެއެވެ. އަދި ޞިއްޙީގޮތުން އެކަށީގެން ނުވާ ޖަލުތަކުގައި އެމީހުން ބޭތިއްބުމާއި، ބަދަލުހިފުމަށް ހުށައެޅޭ ބައެއްކަމުގައި އެމީހުން ހަދައިގެން ނުވާނެއެވެ.

ޝައިޚް ޢުލްޔާނީ މިހުރިހާ ކަމެއް އިންކާރުކުރެއެވެ. މިފަދަ ބައިނަލް އަޤްވާމީ އެއްބަސްވުންތައް ޤަބޫލުކުރާ ކޮންމެ މީހެއް ކުށްވެރިކޮށް ފާޑުކިއެވެ. އަދި އޭނާ ދެކުނީ އެފަދަ މީހަކީ ޝަރީޢަތުގެ ޙުކުމްތައް ބަދަލުކުރާ މީހެއްކަމަށެވެ. އެހެނީ އިސްލާމްދީން، އަސީރުން މެރުމާއި އަޅުވެތިކުރުން ހުއްދަކުރެއެވެ! ވީއިރު ﷲ ގެ ޙުކުމް އަހަރެމެން ބަދަލުކުރާނީ ކިހިނެއްހެއްޔޭ، ޢުލްޔާނީ ސުވާލުކުރިއެވެ!

ހަނގުރާމައިގެ އަސީރުންނާ މެދު ކަންކުރާނެ ގޮތާ ބެހޭގޮތުން އަހަރެން ވާހަކަ ދެއްކިއިރު ވާނީ، މި ދަޢްވާތަކަށާއި ވާހަކަތަކަށް، ރައްދު ދީފައެވެ. އަދި އިސްލާމްދީނުގައި އޮންނަ ރަނގަޅު ގޮތަކީ، ޖުމްލަކޮށް މި އިއްތިފާޤިއްޔާތުތަކައި އިސްލާމްދީނާ އެއްވެސް ފުށުއެރުމެއް ނެތުމެވެ. އިސްލާމްދީނަކީ އަސީރުންގެ ޙުރުމަތަށް ރައްކާތެރިވާ، އިންސާނާގެ ކަރާމަތަށް ސަމާލުވާ ދީނެކެވެ. އަސީރުން މެރުން ހުއްދަ ކަމަށް ބުނި ބަޔަކު އެހެން ބުނެފައިވަނީ، މުޠްލަޤުކޮށެއް ނޫނެވެ. ސަލަފުންގެ –ކިއެއްތަ ޞަޙާބީންނާއި ތާބިޢީންގެ ތެރޭގައިވެސް -  އަސީރުން މެރުން ހުއްދަ ނުކުރައްވާ ބޭކަލުން ތިއްބެވިއެވެ. ވީމާ މެރުމަކީ އެއީ އިޖްމާޢުވެފައިވާ ކަމެކޭ ނުބުނެވޭނެއެވެ.

އިސްލާމްދީން ފެތުރުނީ ކަނޑިންނޭ ބުނާ ވާހަކަ ބަލައިގަތުން:

އިސްލާމީ ދަޢްވަތުގެ ދެކޮޅުވެރި، ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިންވާ ހައްދުފަހަނައަޅާފައި ތިބި ތަންޞީރީ މީހުންނާއި މުސްތަޝްރިޤުން، އެއަށްވުރެ ބޮޑު ދޮގެއް ނޯންނާނެ ދޮގެއް ފަތުރާފައި އޮވެއެވެ. އެއީ އިސްލާމްދީން ފެތުރުނީ ކަނޑިއާއި ބަޑީގެ ބާރުންކަމަށް ބުނާ ވާހަކައެވެ. މީހުން މިދީނަށް ވަންނަން ކަނޑި މަޖްބޫރުކުރި ވާހަކައެވެ.

މި ފޮތުގެ ހަތަރުވަނަ ބާބުގައި، މި ދޮގަށް އަހަރެމެންވާނީ އުޖާލާ ހެކިތަކުން ހެކިދައްކައި ރައްދުދީފައެވެ. ނަމަވެސް އަޖައިބުވާވަރުގެ ކަމަކީ، އަހަރެމެންގެ ތެރެއިން، އަހަރެމެން މުސްލިމުންގެ ތެރެއިންވާ އަދި ޝަރުޢީ ޢިލްމަށް ނިސްބަތްވާ ބައެއް މީހުން، ޖިހާދުގެ އަހައްމިޔަތާ ބެހޭގޮތުން ޕީއެޗްޑީ ނަގާފައިވާ މީހުން، އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުންނޭ ބުނާ ބުނުން 'ދަރިކޮށްފައި' (އެޑޮޕްޓްކޮށްފައި) ވާތީއެވެ. އަދި އެވާހަކަ ދިފާޢުކޮށް، އެވާހަކައާމެދު ޝައްކުކޮށް ނުވަތަ ރައްދުދޭ ކޮންމެ މީހަކާ ދިމާއަށް އެއީ އިސްތިޢްމާރުގެ ދަރިވަރުންނޭ ކިޔައި ނަން ގޮވާތީއެވެ. އޭނާ މިވާހަކަ ދައްކާއިރު ބޭނުންކުރާ ލަފްޒަކީ އިސްލާމްދީން ފެތުރުނީ 'ޖިހާދު' ންނެވެ. ނަމަވެސް މި މަޤާމުގައި ޖިހާދެކޭ ކަނޑިއެކޭ ބުނުމުގައި ތަފާތެއް ނެތެވެ.  

އަދި ހުރިހާ ރޯޅިއަކާއި މުޅި ތީރު އުކަން ފެށީ، މުސްތަޝްރިޤު އަދި އެންމެންގެ ބަހުންވެސް އިންސާފުވެރި ތާރީޚި ޢިލްމުވެރިޔާ، ތޯމަސް އާނޯލްޑަށެވެ. އެއީ، ރުޅިވެރި މުސްތަޝްރިޤުންނާއި ތަންޞީރީންނަށް، އިސްލާމްދީން ފެތުރުނީ ކަނޑިން ނޫންކަމަށް ސާބިތު ދަލީލު ދައްކައި ރައްދުދިނީމައެވެ.

މިބުނާ 'ޖިހާދުގެ އަހައްމިއްޔަތު' އޭ ކިއުނު ފޮތުގައި އޭނާ ދެން ބުނެފައިވަނީ: "އިސްތިޢްމާރުގެ އުނގުގައި ބޮޑުވެފައިވާ ބައެއް މީހުން މިފަހުން ވަނީ، އިސްލާމްދީން ފެތުރުމުގައި ޖިހާދުގެ ދައުރާ އޭގެ އަސަރާ މެދު ޝައްކުކޮށްފައެވެ. މިގޮތުން އެމީހން ވަނީ ޖިހާދާއި ޢިއްޒަތުގެ މަގު ދޫކޮށް، ނިކަމެތިކަމާއި އަރާމުގެ ޙަޔާތް އިސްކޮށްފައެވެ. އެމީހުން ހީކުރާގޮތުން ކުރީގައިވެސް އިސްލާމްދީން ފެތުރުމުގެ ސަބަބަކަށްވީ، ޖިހާދުކުރުމެއް ނެތް، ސަލާމަތްތެރި ދަޢްވަތުންނެވެ. ވީމާ މިހާރުވެސް ދީން ފަތުރަން އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. އެމީހުން ގޮސްފައިވާ ހިސާބަކީ، އިސްލާމްދީން ފެތުރުނީ ޖިހާދުންނޭ ބުނުމަކީ، އެއީ ލަދުގަނެ އެއިން ބަރީއަވެ ރައްދުދީ ދިފާޢުވާންޖެހޭ ވަރުގެ ވާހަކައެއް ކަމުގައި ދުށުމެވެ.

އެމީހުންގެ މިކަތި ވިސްނުމުގެ އުސްތާޒުންނަކީ މުސްތަޝްރިޤުންނެވެ. އޭގެ ތެރެއިން މަޝްހޫރު އެކަކީ، 'އިސްލާމްދީނަށް ދަޢްވަތުދިނުން' މިނަން ކިޔާ ފޮތް ލިޔުނު، މަކަރުވެރި މުސްތަޝްރިޤު، ތޯމަސް އާނޯލްޑެވެ. އެފޮތުން އޭނާގެ މަޤްޞަދަކީ މުސްލިމުންގެ ކިބައިގައިވާ ޖިހާދުކުރުމުގެ ރޫޙު މަރާލުމެވެ. އޭނާގެ މިފޮތް ކިޔައިފި މީހަކަށް ފެންނާނީ، އިސްލާމްދީން ފެތުރުނީ ޖިހާދުކޮށްގެންނެއް ނޫންކަމަށާއި، ކިއެއްތަ،  އެއްވެސް ބާރުވެރިކަމެއް އޭގައި ނެތް ސުލްޙަވެރި ދަޢްވަތާއި، ކާފަރުންނާއި މުސްލިމުން އެއްބަޔަކު އަނެއްބަޔަކުދެކެ ލޯތްބާއި ގާތްކަން ބަދަހިކޮށްގެންނާއި، އަދި އިސްލާމީ ނިޒާމުތައް ކުފުރު ނިޒާމުތަކާއި މަސްހުނިކޮށްގެންނޭ، ބުނެ އޭނާ ކުރާ ދަޢްވާއަށް ދަލީލުދައްކަން، ބަލިކަށި ރިވާޔަތްތަކާއި ކަބަރުތައް އެތަން މިތަނުން ހޮވައިގެން ގެނެސްފައިވާތަނެވެ. މި މުސްތަޝްރިޤުގެ ފޮތް ތަރުޖަމާކުރީ މުސްލިމް ތިން ދަރިއެކެވެ. އެމީހުން މުޤައްދިމާގައި ބުނެފައިވަނީ: ''އަދި މިފޮތުގެ މުއައްލިފަކީ ޢިލްމުވެރި މުޙައްޤިޤު، ސާ ތޯމަސް އާނޯލްޑެވެ. ފަހެ އަހަރެމެންނަށް ކިތަންމެ އުޅުނަސް އޭނާގެ އަގު ފުރިހަމައަށް ވަޒަން ނުކުރެވޭނެއެވެ.!"

މި ޖުމްލައަށް ރައްދުދެމުން ޢަލްޔަނީ ބުނީ: "އޭނާގެ އަގަކީ، -އެމީހުންނަށް އެނގޭނެނަމަ- އިސްލާމްދީނަށް ނުވަންނަނަމަ ނުވަތަ ޖިޒުޔަ ނުދޭނަމަ، ކަނޑިން ބޯ ކަނޑާލުމެވެ."!!

ހުރި ހުތުރެއްގެ ބޮޑުކަމާއެވެ! ހުރި މޮޔަކަމާއެވެ! މީހަކު އޭނާގެ ޢަދުއްވުން ކުރާ ތުހުމަތުތައް އަމިއްލަ އުނގަށްލައި ބަލާ ބޮޑުކުރުމަށްވުރެ މޮޔަކަމެއް އޮންނާނެހެއްޔެވެ؟ މިލިޔުންތެރިއާއާއި އޭނާފަދަ އެހެން ލިޔުންތެރިންނަކީ، އިސްލާމްދީނުގެ ޢަދުއްވުން މިދީނަށް ނުދޭވަރުގެ ބޮޑު ގެއްލުންދޭ ބައެކެވެ. އެމީހުންނަށް ނޭނގިނަމަވެސް ޚިދުމަތްކޮށް އެދެވެނީ ދީނުގެ ޢަދުއްވުންނަށެވެ. ބިނާކުރަންކަމަށް ހިތައި އެމީހުން ތަޅާލަނީއެވެ. ހަރުބަހެއްގައިވެސް އޮންނަނީ، މޮޔަ ރަޙުމަތްތެރިއަކަށްވުރެ ބުއްދިވެރި ޢަދުއްވަކު ވެސް ރަނގަޅުވާނެއެވެ.

ސަލާންކަމާއެކު އުޅޭ ކާފަރުންނާ ހަނގުރާމަކުރުމުގެ ޙުކުމާއި، އެކަން ހުއްދަކުރި މީހުންގެ ދަލީލުތައް މުނާޤަޝާކުރުން

ސަލާންކަމާއެކު އުޅޭ ކާފަރުންނާ ހަނގުރާމަކުރުން ހުއްދަތޯ:

ހަނގުރާމައިންކުރެވޭ ޖިހާދުގެ، މިޒަމާނުގައި އެންމެ މުހިއްމު މައްސަލައަކީ، އަދި އެ ކަން އިތުރަށް ދިރާސާކޮށް ހޯދައި ރާޖިޙު ރައުޔު ރާޖިހުކޮށް، އަހަރެމެންގެ މައްޗަށް ލާޒިމުވެފައިވާ ކަމަކީ، އަދި ދެންމެ އަހަރެން ބުނި ދެ ޖަމާޢަތުގެ ދެ ފިކުރުގެ މީހުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައަކީ..

 އާދެ! އެމައްސަލައަކީ: އަހަރެމެންނާ ސަލާމްވެ، ޞުލްޙަވާން އަހަރެމެންނަށް އަތްދިއްކުރާ މީހުންނާ، އަހަރެމެންނާ ހަނގުރާމަކުރުން ހުއްޓާލާ، ދީނާހެދި ހަނގުރާމަނުކުރާ، ގެދޮރުން ނެރެނުލާ އަދި އެކަމަށް އެހީތެރިނުވާ މީހުންނާ، ހަނގުރާމަކުރުން ހުއްދަތޯ ނުވަތަ ނޫންތޯއެވެ.

ފުރުޞަތެއް ލިބޭ ކޮންމެ ފަހަރަކުވެސް، އިސްލާމުންގެ ބިން އިތުރުކޮށް ފުޅާކުރުމަކީ މުސްލިމުން ކުރަންޖެހޭ ކަމެއް ކަމަށާއި، އިސްލާމުންގެ ބާރުވެރިކަން ދެއްކުމަށާއި އިސްލާމުންގެ ކަލިމަ މަތިވެރިކޮށް ކާފަރުންގެ ކަލިމަ ދަށްކުރުމަށްޓަކައި، މުސްލިމުންނާއި ޖެހިގެން އޮންނަ ޣައިރު މުސްލިމުންގެ ބިމަކާ، މަދުވެގެން އަހަރަކު އެއްފަހަރު ހަނގުރާމަކުރަންޖެހޭނެ ކަމަށާއި، އަދި ޣައިރު މުސްލިމުންނަށް އިސްލާމީ ޝަރީޢަތުގެ ޢަދުލުވެރިކަމާއި ފުރިހަމަކަން ލޮލުން ފެނި އަތުން ހިފުމުގެ ފުރުސަތު ދިނުމަށްޓަކައި، މަޑުމަޑުން ކާފަރުންގެ ބިންތައް މުސްލިމުންގެ ބިމުގެ ތެރެއަށް ލައި އެ ތަންތަން މުސްލިމުންގެ ބާރުދަށަށް ގެންނަންޖެހޭނެ ކަމަށް ބުނާ، ފިޤުހުވެރިން އެހާރުވެސް އަދި މިހާރުވެސް ތިބެއެވެ. މި ހާލަތުގައި އަދި މި ހާލަތުގައި އެމީހުން މުސްލިމުންނަށް ކިޔަމަންވަނީ ޝަރީޢަތުގައި ކަމަށާއި ޢަޤީދާގައި ނޫންކަމަށްވެސް އެމީހުން ބުނެއެވެ. އަދި އެމީހުންނަށް އިސްލާމްދީނަށް ވަނުމުގެ ފުރިހަމަ މިނިވަންކަން ދެވި، އެއްވެސް މަޖްބޫރުކުރުމެއް ނޯންނާނެއެވެ. މާތް ﷲ ގެ މިބަސްފުޅަކީ މި މާނައިގައި ވާ ބަސްފުޅެކެވެ. { لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ}

ފިޤުހުވެރިންގެ ތެރެއިން އަނެއް ބަޔަކު ދެކެނީ، މުސްލިމުންނާއި ސަލާމްވެގެން އުޅޭ، ދީނާހެދި ހަނގުރާމަނުކުރާ، މުސްލިމުން ގެދޮރުން ނެރެނުލާ، މުސްލިމުންނަށް ގެއްލުމެއް ނުދޭ، ޣައިރު މުސްލިމުންނާ ހަނގުރާމަކުރުމަކީ ދީނުގައި ޝަރުޢުކޮށްފައިވާ ކަމެއް ނޫނެވެ. އަދި އެއީ އެމީހުނާ ހަނގުރާމަކުރުމުގެ މަގެއް  މުއުމިނުންނަށް މާތް ﷲ ލައްވާފައިވާ ބައެއް ނޫނެވެ. ކިއެއްތަ، މުސްލިމުންނަށް އަމުރުކުރެވިގެންވަނީ އެމީހުންނަށް ހެޔޮކޮށް ހޮތައި ޢަދުލުވެރިވުމަށެވެ. ފަހެ ޢަދުލުވެރިންދެކެ މާތް ﷲ ލޯބިވޮޑިގަންނަވައެވެ.

ފަހެ އިސްލާމްދީނުގައި ހަނގުރާމަކުރުން ހުއްދަކުރައްވާފައިވަނީ މުސްލިމުންނާ ހަނގުރާމަކުރާ މީހުންނާއެވެ. މުސްލިމުންގެ ޙުރުމަތްތަކަށް އަރައިގަންނަ، ދީނުން ފިތުނަވެރިކުރުވާ، ގެދޮރުން ނެރެލާ، ދަޢްވަތަށް ހުރަސްއަޅާ، ދަޢްވަތުގެ ދަލީލާ ބުރުހާނާ  ދެކޮޅަށް ހަތިޔާރު އުފުލާ، ދަޢްވަތުދޭ މީހުން ޤަތުލުކުރާ، މީހުންނާއެވެ. މިސާލަކަށް ޢަރަބިންގެ މުޝްރިކުންނާއި ރޫމީންގެ ނަޞާރާއިންނާއި ފާރިސީންގެ މަޖޫސީން ކަންކުރި ފަދައިން ކަންކުރާ މީހުންނާއެވެ.

ޖިހާދުކުރުމުގެ މައުޟޫގައި ޢިލްމުވެރިން ދެ ބަޔަކަށް ބެހުން:

ޢިލްމާއި ފިކުރުގެ އަހުލުވެރިން، ޖިހާދުކުރުމުގެ މައުޟޫގައި ވަނީ ދެބަޔަކަށް ބެހިފައެވެ.

1-  ސަލާމަށް ގޮވާލާ މީހުން: އެމީހުންދެކޭގޮތައި، މުސްލިމުންގެ ނަފްސަށް ނުވަތަ މުދަލަށް ނުވަތަ ބިމަށް ނުވަތަ ދީނަށް އަނިޔާވެރިކަމެއް ނުވާހާ ހިނދަކު، އަދި ދީނަށް ގޮވާލުމަށް ހުރަސްނާޅާހާ ހިނދަކު، ނުވަތަ ބިމުގައިވާ ބަލިކަށިމީހުންނާއި މުސްލިމުންގެ ބައިވެރިންނާ ހަނގުރާމަނުކުރާހާ ހިނދަކު، މުސްލިމުންނާއި ޣައިރުމުސްލިމުންގެ ދެމެދުގައި އޮންނަ ގުޅުމުގައި އަސްލަކީ ސަލާމެވެ. މިމީހުންނާ ދިމާއަށް ބައެއް މީހުން ކިޔައިއުޅެނީ 'ދިފާޢީމީހުން' ނެވެ. އެއީ ޖިހާދު ޝަރުޢުކުރެވުނީ އަމިއްލަ ދިފާޢުގައި ކަމަށާއި، އެއްވެސް ސަބަބެއް ނެތި އިސްވެ ހަމަލާދީ ހަނގުރާމަކޮށްގެން ނުވާނެކަމަށް އެމީހުން ބުނާތީ ދެވުނު ނަމެކެވެ.

އެމީހުން އަހަރެންވެސް ހިމަނަނީ މި ގިންތީގައެވެ. އަހަރެން އެކަމަކާ އިންކާރެއް ނުކުރަމެވެ. ކިއެއްތަ، އަހަރެން އެކަމަށް އިޢްތިރާފުވެ ފަޚުރުވެރިވެ، އަދި އެމަގަށް ތެދުމަގުދެއްކެވިކަންމައްޗަށް ﷲ އަށް ޙަމްދުކުރަމެވެ. އެހެނީ އިސްލާމްދީނުގެ ޙަޤީޤަތް ތަޢްބީރުކޮށްދެނީ މި މަންހަޖެވެ.

2- ހަނގުރާމައަށް ގޮވާލާމީހުން: މިބައިމީހުން ދެކެނީ، މުސްލިމުންނާއި ކާފަރުންނާ ދެމެދު އޮންނަ ގުޅުމުގައި އަސްލަކީ ހަނގުރާމައެވެ. އަދި ކާފަރުންނާ ހަނގުރާމަކުރެވޭ ސަބަބަކީވެސް އެމީހުންނަކީ ކާފަރުންނަށްވުމެވެ. ކޮންމެހެން އެމީހުން މުސްލިމުންނަށާއި މުސްލިމުންގެ ދަޢްވަތަށް އަނިޔާއެއްދީ ގެއްލުމެއް ދޭތީއެއް ނޫނެވެ . އެހެނީ ކުފުރާއި ޝިރުކަކީ އޭގެ ޠަބީޢަތުގައި އަނިޔާއެކެވެ. އަދި ޢުދުވާންދިނުމަކީ އެމީހުންގެ ހަމައެކެވެ. ހަމައެހެންމެ އިސްލާމްދީނުގެ ޠަބީޢަތަކީ ފެތުރި ފުޅާވުމެވެ. އަދި ކާފަރު ނިޒާމުތައް އިސްލާމުންގެ ބާރުގެދަށަށް ގެނައުމެވެ. އަދި މިމީހުން ދެކޭގޮތުގައި، ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެއްވި ގިނަ ހަނގުރާމަތަކާއި އެކަލޭގެފާނުގެ ޞަޙާބީންކުރެވި ފުތޫޙާތުތަކަކީ މިގޮތުން ކުރެވުނު އެއްޗެކެވެ.  މިމީހުންނާ ދިމާއަށް ބައެއް މީހުން ކިޔައިއުޅެނީ ހަމަލާމީހުން' ނެވެ. އެއީ ޖިހާދަކީ އަމިއްލަ ދިފާޢުގައި ކުރެވޭ ކަމެއް ކަމަށް އެމީހުން ނުދެކޭތީއެވެ. * ކާފަރުން ކާފަރުންނަށް ވީތީ އެމީހުންނާ ހަނގުރާމަކޮށް، މުސްލިމުންގެ ބާރުގެ ދަށަށް ގެނައުން ހުއްދައެވެ. އެމީހުންގެ ނަޒަރުގައި އިސްލާމްދީނަކީ ބާރު ވާގިވެރިވާ ޙައްޤެކެވެ. އަދި ކަނޑި ފާރަވެރިވާ މުޞްޙަފެކެވެ. އަދި ދުނިޔެއަށް ތިންކަމަކަށް ގޮވާލާ ރިސާލަތެކެވެ. އެއީ އިސްލާމްވުން ނުވަ ޖިޒުޔަ ނުވަތަ ހަނގުރާމައެވެ.

ހަނގުރާމައަށް ގޮވާލާ މީހުންގެ ދަލީލުތައް:

އަހަރެމެންނާ ހަނގުރާމަކުރާ މީހުންނާ ނުކުރާ މީހުންނާ، ހުރިހާ އެންމެންނާވެސް ހަނގުރާމަކުރުމަކީ ހުއްދަކަމެއްކަމަށް ބުނާ މީހުން ލެނގޭ ދަލީލުތަކެއް، ޤުރުއާނާއި ޙަދިޘުންނާއި ނަބަވީ ސީރަތުންނާއި ތާރީޚުންނާއި ފިޤުހުވެރިންގެ ބަސްތަކުންނާއި އިސްލާމްދީނުގެ ފަލްސަފާއިން، ދައްކައެވެ. މިތާ ފުރަތަމަ މިގެންނަނީ، މި ދަލީލުތައް ކުރުގޮތަކަށެވެ. އޭގެ ފަހުން ތަފްޞީލާއި އަދި އަހަރެމެންގެ ރައްދު އެބަ އާދެއެވެ.

ބަޤަރާ ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވަ މި ބަސްފުޅު : { وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّـهِ} "އަދި ދީނުން ފިތުނަވެރިކުރުން ނެތިއްޖައުމަށް ދާނދެން އަދި دين، اللَّه އަށް خالص ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ! " (ބަޤަރާ:192)

އެމީހުނެގެ ނަޒަރުގައި لَا تَكُونَ فِتْنَةٌ ގެ މާނައަކީ، ބައެއް މުފައްސިރުންގެ ކިބައިން ރިވާވެފައިވާ ފަދައިން، ޝިރުކު ނެތިއްޖައުމަށް ދާނދެނެވެ.

1-  އާޔަތުއްސައިފި (ކަނޑީގެ އާޔަތް). އެއީ ބައެއް މީހން ދެކޭގޮތުން ޤުރުއާނުގެ ސަތޭކަ ސާދަ އާޔަތް ނުވަތަ ސަތޭކަ ސާޅިސް އާޔަތް، މަންސޫޚުކުރި އާޔަތެކެވެ. ގިނަ މީހުން ބުނެފައިވަނީ އެއީ އެއީ ތައުބާ ސޫރަތުގެ ފަސްވަނަ އާޔަތްކަމަށެވެ: { فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ } " حرمة ތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް مشرك ން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން قتل ކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން حصار ކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެތަނެއްގައި އެއުރެން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައިތިބޭށެވެ! " (ތައުބާ:5)

2- ޙަދީޘް: "ޤިޔާމަތުގެ ކުރިން ތިމަންކަލޭގެފާނު ފޮނުއްވުނީ ކަނޑިއަކާއިގެންނެވެ." މި ޙަދީޘުން ހީވާ މާނައަކީ، ބާރުގެ ބޭނުންހިފައި ހުރިހާ އެންމެންނާވެސް ކުރިމަތިލުމެވެ.

3- ޙަދީޘް: "ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށް ހެކިވަންދެން، މީސްތަކުންނާ ހަނގުރާމަކުރަން ތިމަންކަލޭގެފާނަށް އަމުރުކުރެވިގެންވެއެވެ." މާނައަކި އިސްލާމްދީނަށް ވަންނަންދެނެވެ.

4- ކިރިތި ރަސޫލާ ކުރެއްވި ބައެއް ހަނގުރާމަތަކަކީ، އިސްވެ ހަމަލާދެއްވި ހަނގުރާމަތަކެވެ. މިސާލަކަށް މައްކާ ފަތަޙަކުރެއްވުމާއި ތަބޫކު ހަނގުރާމައާއި އަދި މިނޫންވެސް ހަނގުރާމަތަކެވެ.

5- އެމީހުން ހިނގިމަގުން ހިނގުމުން ތެދުމަގު ލިބޭ ޚުލަފާއުއްރާޝިދޫން އާއި ޞަޙާބީން ކުރެއްވި ފުތޫޙާތުތަކަކީ، ޖިހާދުއް ޠަލަބުގެ ތެރެއިންވާ އެއްޗެކެވެ.

6- ޖިހާދަކީ އުއްމަތުގެ މައްޗަށް އޮތް ފަރުޟު ކިފާޔަތެއްކަމަށް، ޢިލްމުވެރިން އިޖްމާޢުވެއެވެ. އޭގެމާނައަކީ، ކާފަރުންގެ ބިމާ، އަހަރަކު މަދުވެގެން އެއްފަހަރު ހަނގުރާމަކުރުން ވާޖިބުވުމެވެ.

7-  ހަނގުރާމަކުރުމުގެ ޢިއްލާއަކީ ކުފުރުކަމެވެ. ދެން ހުންނަ ޢިއްލާތަކަކީ، ކުފުރުގެ ޢިއްލާ ވަރުގަދަކޮށްދޭ އެއްޗެކެވެ.

8- އަނިޔާވެރި ވެރިކަމާއި، ޚުދުމުޚްތާރު ނިޒާމުތައް، އިސްލާމީ ނިޒާމާއި އިސްލާމީ ޙުކުމުގެ ތެރެއަށް ގެނެސް ވެއްދުމަކީ، އިސްލާމްދީން ކުރަންޖެހޭ ކަމެކެވެ. އެއީ އެ ޤައުމުތަކުގެ މީހުންނަށް، އިސްލާމްދީން ހަމަލޮލުން  ފެނި، އެދީނަށް ވަނުމުގެ މަގުފަހިކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

9- އަނިޔާޔެވެރި ވެރިކަމާއި، ޠާޢޫތީ ނިޒާމުތަށް، އިސްލާމީ ނިޒާމުގެ ދަށަށް ވައްދައި ކިޔަމަންކުރުވައި، އިސްލާމީ ޙުކުމްތައް ހިނގުމުގެ ފަލްސަފާ ޤަބޫލުކުރާ މީހުން ދެކޭ ގޮތުގައި، ބިންތަށް ފަތަޙަކޮށްފައި، އެތަނުގައި އިސްލާމީ ޝަރީޢަތުގެ ޢަމަލާއި އަޚްލާޤު ތަންފީޒުވާތަން ފެނުނީމާ، އެ ބިމުގެ ޣައިރު މުސްލިމުން އިސްލާމްދީނަށް ވަންނަން ހިތްޖެހި، އިސްލާމްވާނެއެވެ.

-          ނުނިމޭ -

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.