ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

Back ކަވާސާ ސިޔާސަތާއި ޤާނޫނު ސިޔާސަތާއި ޤާނޫނުގެ ބައިތައް ސިޔާސީ ކީރިތި ރަސޫލާ ޢަމަލުކުރެއްވީ އަޣްލަބިއްޔަތަށް

ކީރިތި ރަސޫލާ ޢަމަލުކުރެއްވީ އަޣްލަބިއްޔަތަށް

majority

އެކެއް: ބަދުރު ހަނގުރާމަ
ދޭއް: އުޙުދު ހަނގުރާމަ
ތިނެއް: ޚަންދަޤު ހަނގުރާމަ
ނަބީކަމުގެ މަޤާމާއި އޭގެ ޚާއްޞަކަން
ޢިލްމުވެރިން ގިނަމީހުންގެ ކޮޅު ބުރަކުރެއްވުން

ޤުރުއާނެކޭ އެއްފަދައިން ސުންނަތުގައި ވެސް އަދި ކީރިތި ރަސޫލާގެ ސިޔަރަތުގައިވެސް، އަޣްލަބިއްޔަތަށް ބަލަންޖެހޭނެކަމަށް ނުވަތަ އަޣްލަބިއްޔަތުގެ ރައުޔުގައި ހިފައި އެމީހުންގެ ބަހަށް ތަބާވާންޖެހޭނެ ކަމަށް، ޞަރީޙަކޮށް އައިސްފައި ނެތެވެ. ހަމައެހެން، އަޣްލަބިއްޔަތަށް ބަލައިގެން ނުވާނެކަމަށް ވެސް ޞަރީޙަކޮށް ނެތެވެ. ނަމަވެސް ކީރިތި ރަސޫލާ މަޝްވަރާގެ އުސޫލު ތަންފީޒުކުރައްވާފައިވާ ގޮތަށް ބެލީމާ ފެންނަނީ، މަޝްވަރާއަކީ މަޝްވަރާދޭ ގިނަ މީހުންގެ ރައުޔަށް ތަބާވާންޖެހޭ އެއްޗެއްކަމެވެ. ތިރީގައި މިވަނީ އޭގެ ބައެއް މިސާލުތަކެވެ:

އެކެއް: ބަދުރު ހަނގުރާމަ

މުސްލިމުންނާ ހަނގުރާމަކުރަން ޤުރައިޝުން ތައްޔާރުވެއްޖެކަން ކިރިތި ރަސޫލާއަށް އެނގިވަޑައިގަތީމާ، ދިފާޢުގައި ޤުރުއިޝުންނާ ހަނގުރާމަކުރައްވަން ތައްޔާރުވެވަޑައިގަނެ، އެމީހުންނާ ހަނގުރާމަކުރެއްވުމާ ބެހޭގޮތުން ޞަޙާބީންނާ، ކީރިތި ރަސޫލާ މަޝްވަރާކުރެއްވިއެވެ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި މިޤްދާދު ބިން ޢަމްރުގެފާނު ވެސް މަޝްވަރާ ދެއްވީ، ކީރިތި ރަސޫލާއަށް ވެސް ފެނިވަޑައިގަތް ގޮތަށް، ޤުރައިޝުންނާ ކުރިމަތިލުމަކަށް ދިއުމަށެވެ. ނަމަވެސް މިއެންމެންނަކީވެސް މުހާޖިރުންނަށް ވެފައި، އަންޞާރުންގެ ރައުޔު ހުރި ގޮތެއްވެސް ބައްލަވަން ކީރިތި ރަސޫލާ ބޭނުންފުޅުވާތީ، ޙަދީޘްކުރެއްވިއެވެ: "މީސްތަކުންނެވެ! ތިމަންކަލޭގެފާނަށް މިކަމުގައި މަޝްވަރާއެއް ދީބަލާށެވެ!" އިބްނު އިސްޙާޤު ވިދާޅުވެފައިވަނީ ''މީސްތަކުންނެވެ'' ގެ މާނައަކީ އަންޞާރުންނެވެ. އެހެނީ އޭގެ ތެރޭގައި ގިނައީ އަންޞާރުންނެވެ.

މިއިން އެނގެނީ، މުހާޖިރުންނާއި އަންޞާރުންގެ ގިނަ މީހުންގެ ތާއީދު އޮތްކަން ޔަޤީން ނުކުރައްވާ، ހަނގުރާމައަކަށް ވަދެވަޑައިގަންނަވަން، ކީރިތި ރަސޫލާ ބޭނުންފުޅު ނުވިކަމެވެ. ވަކިން ޚާއްޞަކޮށް މުސްލިމުންގެ ތެރޭގައި ގިނައީ އަންޞާރުންނަށް ވާތީ، އަންޞާރުންގެ ރައުޔު ހުރިގޮތެއް ބެއްލެވިއެވެ.

ދެން ހަނގުރާމައަށް ފަހު، މުސްލިމުންގެ އަތްދަށުގައި ތިބި މުޝްރިކުންގެ ތެރެއިން އަސީރުކުރެވުނު މީހުންނާ މެދު ކަންކުރާނެ ގޮތަކާ މެދު، އޭރު އަދި ވަޙީގެ ބަސްފުޅެއް ބާވައލައްވާފައި ނުވާތީ، ކީރތި ރަސޫލާ މަޝްވަރާކުރެއްވީ ޞަޙާބީންނާއެވެ. އަބޫބަކުރުގެފާނު މަޝްވަރާދެއްވީ، އެ އަސީރުންނަކީ ބޮޑުބޭބެއިންގެ ދަރިންނާ އެއް ދަރިކޮޅެއްގެ މީހުންނަށް ވާހިނދު، އެމީހުންގެ އަތުން ފިދުޔައެއް އަތުލައްވާފައި ދޫކޮށްލެވުމަށެވެ. ދެން ޢުމަރުގެފާނުގެ މަޝްވަރާއަކަށް އެދިވަޑައިގަތީމާ ޢުމަރުފެފާނު ވިދާޅުވީ، އަބޫބަކުރުގެފާނަށް ފެނިވަޑައިގަތް ގޮތް ފެނިވަޑައިނުގަންނަވާ ކަމަށާއި، އެއީ ކާފިރުންގެ ބޮޑެތި މީހުން ކަމަށާއި ވީމާ ފެނިވަޑައިގަންނަވަނީ އެމީހުން ޤަތުލުކޮށްލެއްވުމަށް ކަމަށެވެ. އެކަމަކު ކީރިތި ރަސޫލާ ބޮޑަށް ހިތްޕުޅާވީ އަބޫބަކުރުގެފާނަށް ފެނިވަޑައިގަތް ގޮތަށް ކަންކުރައްވާށެވެ.

ޢުމަރުގެފާނު މި ވާހަކަ ރިވާކުރައްވާފައިވާ ޙަދީޘްގެ ކުރީކޮޅުން، ފިދުޔަ ނެގުން އެއީ ހަމައެކަނި އަބޫބަކުރުގެފާނުގެ މަޝްވަރާއޭ ހީވިޔަސް، ޙަދީޘްގެ ފަހުބައިން އެނގޭގޮތުގައި އެއީ ގިނަ ޞަޙާބީންވެސް ތިއްބެވި ގޮތެވެ. ވީމާ ހަނގުރާމައިގެ އަސީރުންނާ މެދު ކަންތައްކުރައްވާނެ ގޮތެއް ކަނޑައެޅުއްވީ ގިނަ ޞަޙާބީންގެ މަޝްވަރާއަށެވެ. އެހެންވެ އެ ރައުޔު ކުށްވެރިކުރައްވައި ޤުރުއާން ބާވައިލެއްވި އިރު، ކުށްވެރިކުރައްވާފައިވަނީވެސް ޢާއްމުކޮށެވެ. {مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ ۚ تُرِيدُونَ عَرَضَ الدُّنْيَا وَاللَّـهُ يُرِيدُ الْآخِرَةَ ۗ وَاللَّـهُ عَزِيزٌ حَكِيمٌ ﴿ ٦٧﴾ لَّوْلَا كِتَابٌ مِّنَ اللَّـهِ سَبَقَ لَمَسَّكُمْ فِيمَا أَخَذْتُمْ عَذَابٌ عَظِيمٌ ﴿٦٨﴾ فَكُلُوا مِمَّا غَنِمْتُمْ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ} "(ހަނގުރާމައިގެ) ބިމުގައި (عدوّ ންގެ މެދުގައި) قتل ގިނަވެއްޖައުމަށް ދާނދެން (އެބަހީ: مسلم ން ގަދަވެ قتل ވެވޭ عدوّ ންގެ عدد ގިނަވެ، ހަނގުރާމައަށް ނުކުޅެދިއްޖައުމަށްދާނދެން) ހަނގުރާމައިގައި މީހުންހިފައި ހައްޔަރުކުރުމަކީ، އެއްވެސް ނަބިއްޔަކަށް އޮތްކަމެއްނޫނެވެ. ދުނިޔޭގެ މުދަލަށް ތިޔަބައިމީހުން އެދެމުއެވެ. اللَّه އިރާދަކުރައްވަނީ، آخرة އެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. * اللَّه ކަނޑައަޅުއްވައި ލިޔުއްވާފައިވާ حكم އެއް އިސްވެގޮސްފައިނުވާނަމަ، ތިޔަބައިމީހުން ހިފިތަކެއްޗާމެދު ތިޔަބައިމީހުންނަށް ބޮޑުވެގެންވާ عذاب އެއް އައިސް ޖެހިއްޖައީހެވެ. * ފަހެ، ތިޔަބައިމީހުންނަށް غنيمة ގެ ގޮތުން ލިބިފައިވާ ތަކެތި حلال ރަނގަޅު ތަކެތީގެ ގޮތުގައި ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. " (އަލްއަންފާލް: 67-69)

އިބްނު ޢާޝޫރު ވިދާޅުވެފައިވަނީ ''تُرِيدُونَ" "ތިޔަބައިމީހުން އެދެމުއެވެ." މިބަސްފުޅު މުޚާޠަބުކުރައްވާފައިވަނީ، ފިދުޔަ ނަގަން މަޝްވަރާ ދެއްވި ޖަމާޢަތަށް ކަމަށާއި، އަދި އެކަލޭގެފާނު ނެންގެވީ ޖުމްހޫރު ޞަޙާބީންގެ ރައުޔުކަމަށް ވާހިނދު. އާޔަތުގައި އަޑުލެވިފައިވަނީ ކީރިތި ރަސޫލާއާ ނޫންކަންވެސް، މިއާޔަތުން އެނގޭކަމަށެވެ."

މި އާޔަތުގައި ޞަޙާބީބޭކަލުންގެ ޢަމަލު ކުށްވެރިކުރައްވާފައިވަނީ، ކޮންމެހެން އެބޭކަލުން ހިއްޕެވި ރައުޔުގެ ސަބަބަކުން ނޫނެވެ. އެކަމަކު އެއީ އެ ރައުޔުގެ ފަހަތުގައިވާ ބޭނުމެވެ. އެ ބޭނުމަކީ ދުންޔަވީ ފައިދާއެއް ހޯދުން ކަމުގައި ވާތީއެވެ.

ދޭއް: އުޙުދު ހަނގުރާމަ

ބަދުރު ހަނގުރާމައިގައި ޤުރައިޝުން ބަލިވުމާއި ވިދިގެން، މުސްލިމުންގެ ކިބައިން ބަދަލުހިފައި ގެއްލުނު ބާރު އަނބުރާ ހޯދަންވެގެން، އަލުން މުސްލިމުންނާ ހަނގުރާމަކުރަންވެގެން ގިނަ އަދަދެއްގެ ހަނގުރާމަވެރިންނާއި ފައިސާ ޖަމާކުރިއެވެ. ޤުރައިޝުން މުސްލިމުންނާ ހަނގުރާމަކުރަން އުޅޭކަން އެނގިވަޑައިގަތުމުން، ކީރިތި ރަސޫލާ ޞަހާބީންނާ މަޝްވަރާކުރައްވައި، އެކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ މަދީނާގައި ތިބެގެން ޤުރައިޝުންގެ ލަޝްކަރާ ކުރިމަތިލާން ކަން ހާމަކުރެއްވިއެވެ. ނަމަވެސް ވަރަށް ގިނަ ޞަޙާބީންނަށް މި ރައުޔު ޤަބޫލުނުކުރެއްވި، މަދީނާއިން ބޭރަށް ނުކުމެ މަދީނާއިން ބޭރުގައި ހަނގުރާމަކުރަން މަޝްވަރާދެއްވިއެވެ. ސަބަބަކީ މުސްލިމުންގެ ހިތްވަރުގަދަކަމާއި ޖޯޝާ ބޮޑަށް އެކަށީގެންވަނީ، ޢަދުއްވުންނާ ކުރިމަތިލާން ނުކުމެ ހަނގުރާމަކުރުމެވެ. އަދި މަދީނާއިން ނުނުކުތީ މުސްލިމުންގެ ފިނޑިކަމުން ކަމަށް، ޤުރައިޝުންނަށް ހީވެދާނެތީ، އެ ހީދުރުކުރުންވެސް މީގެ ސަބަބެއްކަމުގައި ވިއެވެ.

ކޮންމެއަކަސް މަދީނާއިން ނުކުމެ ހަނގުރާމަކުރުމަށް، ގިނަ ޞަޙާބީން ބާރުއެޅުއްވުމުގެ ނަތީޖާއަކަށްވީ، ކީރިތި ރަސޫލާ އެބޭކަލުންގެ ރައުޔަށް އިޖާބަދެއްވައި، މަދީނާއިން ނުކުމެވަޑައިގެންނެވުމުގެ ތައްޔާރީތައް ފެއްޓެވުމެވެ. އެކަމަކު މަދީނާއިން ނުކުތުމަށް ކީރިތި ރަސޫލާއަށް މަޖްބޫރުކުރެވުނީއޭ ހިތައި، ނަބިއްޔާއަށް ފެނިވަޑައިގެންފިއްޔާ މަދީނާގައި ހުންނަވައިގެން ހަނގުރާމަކުރެއްވުމުގެ އިޚްތިޔާރުދެއްވިއެވެ. ނަމަވެސް "ހަނގުރާމައިގެ ހެދުން ތުރުކުރައްވާފައި، ހަނގުރާމަނުކުރައްވާ ރުޖޫޢަވުމަކީ، ނަބީބޭކަލަކާ އެކަށީގެންވާ ކަމެއް ނޫނެވެ." މިހެން ޙަދީޘްކުރައްވާފައި، އެއްހާސް ޞަޙާބީންނާ އެކު، ކީރިތި ރަސޫލާ ހަނގުރާމައަށް ނުކުމެވަޑައިގަތެވެ.

އުޙުދު ހަނގުރާމައިގެ މި މަޝްވަރާއާއި އެއިން ނުކުތް ނަތީޖާއާ ބެހޭގޮތުން މިޒަމާނުގައި ވަނީ ވަރަށް ގިނަ ބަހުސްކުރެވިފައެވެ. މި މަޝްވަރާއިން ދަލީލުކޮށްދެނީ، މަޝްވަރާއަކީ ލާޒިމުއެއްޗަކަށް ވުންހެއްޔެވެ؟ އަދި އަޣްލަބިއްޔަތަށް ތަބާވުން ލާޒިމުވުންހެއްޔެވެ؟ ނުވަތަ އޭގެ އިދިކޮޅުހެއްޔެވެ؟

އުޙުދުގެ މަޝްވަރާ ދެ ގޮތަކަށް ކިޔައި ދެގޮތަކަށް ފަހުމުކުރެވެއެވެ.

ފުރަތަމަ ގޮތަކީ، ޞަޙާބީންގެ ގިނަ ބޭކަލުންގެ ރައުޔަށް ކީރިތި ރަސޫލާ ތަބާވެވަޑައިގަނެ، އެކަލޭގެފާނުގެ އަމިއްލަފުޅު ރައުޔު ދޫކޮށްލެއްވިކަމަށާއި، އެކަން މަންސޫޚުވެސް ނުވާކަމަށާއި އަދި އެކަން ރަނގަޅު ނޫންކަމަށް، ވަޙީ ބާވައިނުލެއްވޭކަމަށް ބުނުމެވެ. ކިއެއްތަ، މި ހާދިސާއަށް ފަހު {وَشَاوِرْهُمْ فِي الْأَمْرِ } "އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورة ކުރައްވާށެވެ!"  މިއާޔަތް ބާވައިލެއްވިއޭ ވެސް، މި ރައުޔަށް ތާއިދުކުރައްވާ ޢިލްމުވެރިން ވިދާޅުވެއެވެ.

ދެވަނަ ގޮތަކީ މިހާދިސާއިން ލިބޭ ދަލީލު ތައުވީލުކޮށް، ވެރިމީހާގެ ރައުޔާ ޚިލާފު އަޣްލަބިއްޔަތަކަށް ތަބާވުމަކީ އެއީ ރަނގަޅު ގޮތެއް ނޫންކަމަށާއި، އަދި މި ހަނގުރާމައިގައި މުސްލިމުން ބަލިވުމަކީ، ވެރިމީހާ ބޭނުންވާ ރައުޔަކާ ޚިލާފުވާ މީހުންނަށް ޢިބްރަތަކާއި ފިލާވަޅެއްކަމަށް، ބުނުމެވެ. މި ދަލީލި މިގޮތަށް ތައުވީލުކުރާ ޢިލްމުވެރިން ވިދާޅުވަނީ، ޝޫރާއަކީ ލާޒިމު އެއްޗެއްކަމަށް ދެކި، އަދި އަޣްލަބިއްޔަތަށް ތަބާވާންޖެހޭނެކަމަށް ބުނެ، ވެރިމީހާއަށް މަޝްވަރާއިން ނުކުންނަ ނަތީޖާ ލާޒިމުކުރުމަކީ އެއީ ބޮޑު ގޯހެއްކަމަށެވެ.

ފަހުން މި ބުނި ތައުވީލުކުރާ މީހުން ދެކޭގޮތުގައި މަދީނާގައި ހުންނަވަން ކީރިތި ރަސޫލާ ފައިންޕުޅު ވިއްދެވި ކަމަށް ދެކުނަސް، ފައިންޕުޅު ވިއްދެވިކަމަށް ދަލީލެއް ނެތެވެ. ކަން ވީ ގޮތަކީ، އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަށްފަހު، އެހެން ގޮތަކަށް ތާއީދުކުރާ މީހުން ގިނައިން ތިބީމާ، އެކަލޭގެފާނުވެސް އެކޮޅަށް ބުރަވެވަޑައިގެން އެ ރައުޔު ޤަބޫލުފުޅުކުރެއްވީއެވެ.

ދެން އުޙުދު ހަނގުރާމައިގައި މުސްލިމުން ބަލިވީ، އަޣްލަބިއްޔަތަށް ފެންނަ ގޮތަށް އަމަލުކުރީމައޭވެސް ބުނެވޭނެ ޖާގައެއް ނެތެވެ. ކިއެއްތަ މިހެން ބުނުމަކީ އެއީ ކަނޑައެޅިގެން ދޮގެކެވެ. ސަބަބަކީ ހަނގުރާމައިން ބަލިވުމާ މަދީނާއިން ބޭރުގައި ހަނގުރާމަކުރުމާ އެއްވެސް ގުޅުމެއް ނެތެވެ. އެ ހަނގުރާމައިގައި ބައިވެރިވެވަޑައިގަތް އެއްވެސް ޞަޙާބީއަކުވެސް ފަހުންވެސް، ބަލިވި ސަބަބު އެކަމާ ނުގުޅުއްވައެވެ. އަދި ކުދިބޮޑު ހުރިހާ ކަމަކާ ގުޅިގެންވެސް މުސްލިމުންނަށް އިރުޝާދު ދެއްވާ އުނގަންނަވައިދެއްވާ، ކީރިތި ރަސޫލާވެސް، ހަނގުރާމައިން މުސްލިމުން ބަލިވީ އެކަލޭގެފާނަށް ފުރަތަމަ ފެނިވަޑައިގަތް ގޮތް މުސްލިމުން ޤަބޫލުނުކޮށް، މަދީނާއިން ބޭރުގައި ހަނގުރާމަކުރުމުންނޭ ޙަދީޘްނުކުރައްވައެވެ.

އުޙުދު ހަނގުރާމައިން މުސްލިމުން ބަލިވި ސަބަބު ސިޔަރަތު ފޮތްތަކާއި ޙަދީޘް ފޮތްތަކުގައި، އެ އޮތީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. އެ ސަބަބަކީ ކީރިތި ރަސޫލާ ދުނިއުކާ މީހުން ފަރުބަދައިގައި ތިބެން އަމުރުކުރައްވާފައި ވަނިކޮށް، އެމީހުން އެތަން ދޫކޮށް ފޭބުމެވެ. ހަނގުރާމަ ހިނގަމުންދާ ވަގުތު ތަބާވާންޖެހޭ އަމުރުތަކަށް ތަބާނުވެއްޖެނަމަ، ކޮންމެ ތަނެއްގައި ހަނގުރާމަ ކުރިއަސް ބަލިވެދާނެއެވެ. ވީމާ މަދީނާގެ އެތެރޭގައި ތިބެ ހަނގުރާމަކޮށްގެންވެސް ބަލިވެދާނެއެވެ.

ކޮންމެއަކަސް ޔަޤީންކަމާއެކު ބުނަން ކެރޭ ޙަޤީޤަތަކީ، މަދީނާއިން ބޭރުގައި ހަނގުރާމަކުރަން ނުކުތުމަށް ނިންމި ނިންމުމަކީ، އަވަސް ނަޞްރެއް މުސްލިމުންނަށް ފުރަތަމަކޮޅު ލިބިގެން ދިޔަ، ބުއްދިވެރި ނިންމުމެކެވެ. ނަމަވެސް ދުނިއުކަން ތިބި މީހުންނަށް ހެދުނު ގޯހަކުން، ލިބެން އޮތް ނަޞްރު ބައްޔަކަށް ބަދަލުވީއެވެ.

ތިނެއް: ޚަންދަޤު ހަނގުރާމަ

ޚަންދަޤު ހަނގުރާމައިގައި މުޝްރިކުންނާއި ޔަހޫދީންނާއި މުނާފިޤުން، މުސްލިމުންނާ ދެކޮޅަށް އެއްބައިވެ،، މުސްލިމުންގެ ކަންތައް ނިންމާލަން ރާވައި، މަދީނާ ހިސާރުކުރިއެވެ.  އަދި މި ހިސާރުގެ ސަބަބުން މުސްލިމުންނަށް ވަރަށް ވެސް ބޮޑު އުނދަގޫތަކާއި ދަތިތަކެއް ކުރިމަތިވިއެވެ. މި އާޔަތުން މިކަން ސިފަކުރެވެއެވެ: {إِذْ جَاءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ الْأَبْصَارُ وَبَلَغَتِ الْقُلُوبُ الْحَنَاجِرَ وَتَظُنُّونَ بِاللَّـهِ الظُّنُونَا *  هُنَالِكَ ابْتُلِيَ الْمُؤْمِنُونَ وَزُلْزِلُوا زِلْزَالًا شَدِيدًا} " ތިޔަބައިމީހުންގެ މަތިންނާއި، ތިރިން (އެބަހީ: نجد ކަރަވީ ފަރާތާއި مكة ވީފަރާތުން) އެއުރެން އައިހިނދެވެ. އަދި ލޯތައް ބޮޑުވެ (ކަންބޮޑުވުމުގެ ސަބަބުން) ލަގޮނޑިވަޅުތަކާ ހަމަޔަށް ހިތްތައް އައިހިނދެވެ. އަދި ތިޔަބައިމީހުން اللَّه އާމެދު ހީތައް ކުޅަހިނދެވެ. * އެވަގުތު مؤمن ން امتحان ކުރެއްވިއެވެ. އަދި ގަދަވެގެންވާ ގުޑުމަކުން އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ. (އެބަހީ: އެއުރެންގެ ސާބިތުކަން ގެއްލި، އެގޮތް މިގޮތް ވެގެންދިޔައެވެ.)  " (އަލްއަޙްޒާބް:10-11)

އުނދަގޫ މި ދަނޑިވަޅުގައި ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވިސްނާވަޑައިގަތީ މި ހިސާރު މުގުރާލެއްވޭނެ ނުވަތަ އޭގައި ލޯވަޅެއްނަމަވެސް އެޅުއްވޭނެ ގޮތެކެވެ. މިގޮތުން ހިސާރުކުރި މީހުންގެ ތެރެއިން މާ ބޮޑަށް އެކަން ކުރަން ބޭނުންވެފައި ނެތް، އަދި ސިލްސިލާގެ އެންމެ ބަލިކަށި 'ބޮޅަކަށް' އޮތީ ޣަޠްފާން ޤަބީލާގެ މީހުން ކަމުގައިވާތީ، އެމީހުންނާ ވާހަކަދައްކަވައި ހިސާރުން އެމީހުން ވަކިވެގަނެ މުސްލިމުންނާ ހުދުނައެއް ގާއިމުކުރެވޭނެ ގޮތެއް ހޯއްދެވިއެވެ. އެއީ އެ އަހަރު މަދީނާއިން ލިބޭ މޭވާއެއްގެ ތިންބައިކުޅަ އެއްބައި އެމީހުންނަށް ދެއްވާ މަތިންނެވެ. އެކަމަކު އިތުރު އެކަލޭގެފާނު މި އެއްބަސްވުން ތަންފީޒުކުރެއްވުން ބޭއްވެވީ، ޞަޙާބީންނާ، ވަކިން ޚާއްޞަކޮށް އަންޞާރީނާ މަޝްވަރާކުރައްވާފައި އެބޭކަލުންގެ އާނ ބަސް ލިބިވަޑައިގަތުމުގެ މައްޗަށެވެ. ޚާއްޞަކޮށް އަންޞާރީންނާ މަޝްވަރާކުރެއްވި ސަބަބަކީ، ޣަޠްފާނަށް ދެވޭ މޭވާއަކީ –ނުވަތަ އޭގެ ބޮޑު ބަޔަކީ- އެއީ މަދީނާގެ އަންޞާރީންގެ އެއްޗަކަށް ވާތީއެވެ. މި ހާދިސާގައި އެކަލޭގެފާނު ޙަދީޘްކުރެއްވީ: "ސަޢްދުންނާއި މަޝްވަރާކުރުމަށް ފަހުއެވެ." ސަޢްދުންނޭ އެ ޙަދީޘްކުރެއްވީ، ސަޢްދު ބިމް މުޢާޛާއި  ސަޢްދު ބިން ޢުބާދަތާއި ސަޢްދު ބިން މަސްޢޫދާއި ސަޢްދު ބިން ޚައިޘަމާ ގެ ވާހަކައެވެ.

ކޮންމެއަކަސް މި ބޭބޭކަލުންނަށް، ޣަޠްފާނުގެ އެއްބަސްވުމުގެ ދެލިކޮޕީގެ ޚަބަރު ލިބިވަޑައިގަނެ، އަދި އެއީ ﷲ ބާވައިލެއްވި ވަޙީއެއް ނޫންކަމާއި އަދި ކޮންމެހެން ކީރިތި ރަސޫލާ އަމިއްލަފުޅަށް ބޭނުންފުޅުވެގެން ކުރައްވާ ކަމެއްވެސް ނޫންކަމާއި، އެކަމަކު އެއީ ހިސާރު މުގުރާލެއްވެން އެ ނުން ގޮތެއް ނެތިގެން ކުރައްވާ ކަމެއްކަން އެނގިވަޑައިގަތީމާ، އެކަމާ ދެކޮޅުހެއްދެވިއެވެ. މި އެންމެންގެ ފަރާތުން ސޢްދު ބިން މުޢާޛު ވިދާޅުވީ: "އޭ ﷲ ގެ ރަސޫލާއެވެ! އެމީހުންނާއި އަޅުގަނޑުމެންނަކީ ވެސް ކުރިން، މާތް ﷲ ނޭނގޭ އެކަލާނގެއާ ޝިރުކުކުރާ، އަދި އެކަލާނގެއަށް އަޅުކަމެއް ނުކޮށް ބުދަށް އަޅުކަންކުރާ ބައެކެވެ. އޭރު އަހަރެމެން އަތުގައި ހުރި އެއްޗެއް އެމީހުންނަށް ލިބެނީ ގަނެގެން ނުވަތަ ކުއްޔަށެވެ. ވީއިރު، މިހާރު މާތް ﷲ އަޅުގަނޑުމެންނަށް އިސްލާމްދީނުގެ ހިދާޔަތް ދެއްވާ، އިސްލާމްދީނުގެ މަތިވެރިކަން ދެއްވައި، އެ އެ ދީނާއި ކަލޭގެފާނުގެ ސަބަބުން އަޅުގަނޑުމެންނަށް ޢިއްޒަތް ލިބުމަށްފަހު، އަޅުގަނޑުމެންގެ މުދާ އެމީހުންނަށް އެހެން ދޭންވީތޯއެވެ!! ގަންދީ ބުނަމެވެ! ތިއީ އަހަރެމެން ބޭނުންވާ ކަމެއް ނޫނެވެ! އެމީހުންނަށް އަހަރެމެން ދޭނީ ކަނޑިއެވެ!" އެ ހިނދު ކީރިތި ރަސޫލާ، ޣަޠްފާނު ޤަބީލާގެ މީހުންނާ ހުދުނަ ޤާއިމުކުރެއްވުން ހުއްޓާލެއްވިއެވެ.

ކޮންމެއަކަސް މި ހާދިސާގައި އަހަރެމެންނަށް މިފެންނަނީ، ކީރިތި ރަސޫލާ އެ ހިސާރު ނައްތާލެއްވޭނެ ގޮތަކާމެދު ވިސްނާވަޑައިގަނެ ވަކި ގޮތަކަށް ރޭއްވެވުމަށްފަހު، ޣަޠްފާނު މީހުންނާ ވާހަކަދައްކަވައި އިބްތިދާއީ އެއްބަސްވުމަކަށް ވަޑައިގަންނަވާފައި، އެ ތަންފީޒުކުރެއްވުމުގެ ކުރިން ޞަޙާބީންގެ މަޝްވަރާއަކަށް، ހުށައެޅުއްވިކަމެވެ. އަދި މަދީނާގެ މުސްލިމުންގެ އަޣްލަބިއްޔަތު ތަމްސީލުކޮށްދޭން ތިބި، އެކަލޭގެފާނުގެ މުސްތަޝާރުން ދެއްވި މަޝްވަރާގައި ހިއްޕަވައި، ކުރިން އެކަލޭގެފާނަށް ފެނިވަޑައިގަތް ގޮތް ދޫކޮށްލެވިތަނެވެ.

ނަބީކަމުގެ މަޤާމާއި އޭގެ ޚާއްޞަކަން:

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މަޝްވަރާކުރެއްވުންތަކާއި ބެހޭގޮތުން ވާހަކަދައްކާއިރު، އަދި އެންމެ ގިނައިން މަޝްވަރާކުރައްވަނީ އެކަލޭގެފާނޭ އަހަރެމެން ބުނާއިރު، އަދި ޖުމްހޫރު ޞަޙާބީންގެ –ބައެއްފަހަރު އެންމެ ޞަޙާބީއެއްގެ- ރައުޔަށްޓަކައި އެކަލޭގެފާނުގެ އަމިއްލަފުޅު ރައުރު ދޫކޮށްލައްވައޭ ބުނާއިރު، އެކަލޭގެފާނުގެ މަޤާމްފުޅާއި ދަރަޖަފުޅާއި އަދި ސިފަފުޅުތާއި ޚާއްޞަކަމުގެ މަތިން، އަހަރެމެން ހަނދާންނައްތާލައިގެން ނުވާނެއެވެ. ކިއެއްތަ، ހަނދާންކުރަން ޖެހޭ ކަމަކީ، އަހަރެމެންނަށް ވުރެ މާތް މީހުންނާ މުޚާޠަބުކުރައްވާފައި މި އާޔަތުގައިވާ ވާހަކައެވެ. {وَاعْلَمُوا أَنَّ فِيكُمْ رَسُولَ اللَّـهِ ۚ لَوْ يُطِيعُكُمْ فِي كَثِيرٍ مِّنَ الْأَمْرِ لَعَنِتُّمْ} " އަދި ތިޔަބައިމީހުންގެ ތެރޭގައި اللَّه ގެ رسول އާ ހުންނެވިކަން ތިޔަބައިމީހުން ދަންނާށެވެ! ކަންތައްތަކުގެ ތެރެއިން ގިނަކަންތަކުގައި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔަމަންވެވަޑައިގަންނަވާނަމަ، ތިޔަބައިމީހުންނަށް ގެއްލުން ލިބިއްޖައީހެވެ. " (އަލްޙުޖްރާތު:7)

ބައެއް ފަހަރު ކީރިތި ރަސޫލާ އެއްވެސް މަޝްވަރާއެއް ނުކުރައްވާ، އެހެންމީކަށް ފެންނަ ގޮތަކަށް އިންތިޒާރުނުކުރައްވަނީ، އެއީ އެކަލޭގަފާނު ޢަމަލުފުޅުކުރައްވަންޖެހޭ އަސްލު ގޮތެވެ. އެހެނީ ހުރިހާ ކަމަކަށްވުރެ ކުރިން، އެކަލޭގެފާނަކީ ﷲގެ އަމުރުފުޅަށް ތަބާވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ އެކަލާނގެ ރަސޫލެކެވެ.

މަޝްވަރާއަށްވުރެ މާ މޮޅު، މަޝްވަރާއަށްވުރެ މާ މަތީގައިވާ އެއްޗެއް އެކަލޭގެފާނަށް ލިބިވަޑައިގަނެއެވެ. އެއީ ވަޙީއެވެ. އަދި އެކަލޭގެފާނަކީ ﷲ އަށް އުރެދުމުން މަޢްޞުމުވެގެންވާ، ނަބިއްޔެކެވެ. ހަވާނަފްސުން އެއްޗެއް ވިދާޅުނުވާ ފަދައި، ހަވާނަފްސަށް ކަމެއްވެސް ނުކުރައްވައެވެ. އަދި އަމިއްލަފުޅު ބޭނުމަކަށް ނުވަތަ އަމިއްލަފުޅު މަޞްލަހަތަކަށް ކަމެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނުގެ އަމިއްލަފުޅު މިޒާޖަށް ބޯލަންބަވައިގެން ވެސް ކަމެއް ނުކުރައްވައެވެ. ވީމާ އެކަލޭގެފާނު ވިސްނާވަޑައިގަންނަވަނީ ވެސް، އަދި ޢަމަލުކުރައްވަނީވެސް ވަރަށް ވެސް ނަޒާހަތްތެރިކޮށް ވަރަށްވެސް ސީދާކޮށް، އެތެރާއި ބޭރުވެސް ފެންނަން ގޮތަށެވެ.

ވީމާ މާތް ނަބިއްޔާ އެކަލޭގެފާނުގެ ޞަޙާބީންނާ މަޝްވަރާކުރެއްވިއަސް ނުވަތަ ނުކުރެއްވިއަސް، އަދި ޞަޙާބީން ބޭނުންފުޅުވި ގޮތަކާ ޚިލާފަށް ކަމެއް ކުރެއްވިއަސް، އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މިއިން ކޮންމެ ގޮތަކަށް ވެސް އެކަލޭގެފާނަށް ހެއްދެވިދާނެއެވެ. ނަމަވެސް އެކަލޭގެފާނަށް ފަހު، އެއީ ޚަލީފާއަކަށް ވިޔަސް ނުވަތަ އަމީރަކަށް ވިޔަސް ނުވަތަ ރަސްކަލަކަށް ވިޔަސް ނުވަތަ ރައީސަކަށް ވިޔަސް ނުވަތަ ޢިލްމުވެރިއަކަށް ވިޔަސް، އެހެން ނުހެދޭނެއެވެ...

ދެން އެކަލޭގެފާނު ގިނައިން މަޝްވަރާކުރައްވައި، އަދި ވަޙީ ބާވައިނުލެއްވޭ ކަންކަމުގައި އަމިއްލަފުޅު ރައުޔު ދޫކުރައްވައި ޞަޙާބީންނަށް ފެނިވަޑައިގަންނަވާ ގޮތެއްގައި ހިއްޕެވިތަން އަހަރެމެންނަށް ފެނުމުން ދޭހަވަނީ، އެހެން އަމީރުންނާއި ވެރިން އެފަދައިން މަޝްވަރާކުރުމާއި ތިމާއަށް ފެންނަ ގޮތް ދޫކޮށް ގިނަ މީހުންނަށް ފެންނަގޮތަކަށް ޢަމަލުކުރުން، އެތައް ގުނައަކަށް އައުލާވުމެވެ.

ކީރިތި ރަސޫލާ އެއްވެސް މަޝްވަރާއެއް ނުކުރެއްވިޔަސް، ނުވަތަ މަޝްވަރާއަކީ އެކަލޭގެފާނަށް ލާޒިމުވާ އެއްޗެއްކަމުގައި ނުވިނަމަވެސް، އެހެން މީހަކަށް އެގޮތެއް ނެތެވެ. ސަބަބަކީ އެކަލޭގެފާނަށް ފަހު އަންނާނެ ނަބިއްޔެއް އަދި ކުށުން މަޢްޞޫމުވެގެންވާ މީހެއް ނުހުންނާނެއެވެ.

ވަރަށް މަދު ހާލަތްތަކުގައި، އެއްވެސް މީހެއްގެ ރައުޔަށް ބެއްލެވުމެއް ނެތި، ކީރިތި ރަސޫލާއަށް ފެނިވަޑައިގެންނެވި ގޮތަކަށް (ވަޙީން ލިބިވަޑައިގަތް ގޮތަކަށް) ޢަމަލުކުރައްވާފައިވެއެވެ.  މަޝްވަރާކުރުމުގެ އަހައްމިޔަތުކަން ކުޑަކޮށް، މަޝްވަރާގެ ނަތީޖާއަށް ޢަމަލުކުރުން ލާޒިމުނުވާކަން ދައްކަންވެގެން، ބައެއް މީހުން މިފަދަ ހާލަތްތަކުން ދަލީލު ދައްކަން އުޅެއެވެ. ނަމަވެސް ކީރިތި ރަސޫލާއަކީ ރަސޫލެއްކަމާއި، އެއީ މަޢްޞޫމުބޭކަލެއްކަމާއި، އަދި އެކަލޭގެފާނު ތަބާވެވަޑައިގަންނަވަންޖެހޭ ވަޙީ ލިބިވަޑައިގަންނަވާ ކަމާއި، މަޝްވަރާއަށް ވުރެ ވަޙީ ރަނގަޅުވާނެކަން، އަހަރެމެންނަށް އެނގުމުން، މިފަދަ މީހުން ދައްކާ ދަލީލަކީ ދަލީލެއް ނޫންކަން ހާމަވެއެވެ.

ހުދައިބިއްޔާ ސުލްހައިގައި، ޞަޙާބީން ދެކޮޅު ހެއްދެވުމާ އެކުވެސް، ކީރިތި ރަސޫލާ އެ ޞުލްޙައަށް އެއްބަސްވެވަޑައިގަތެވެ. ސަބަބަކީ އެ ސުލްޙައަކީ މާތް ﷲ ގެ ތަދުބީރުކުރެއްވުމާއި ވަޙީފުޅުގެ ދަށުން، ރަސޫލާ ކުރެއްވި ކަމެކެވެ.  މިކަމަށް ގިނަ ދަލީލުތަކުގެ ތެރެއިން އެއް ދަލީލަކީ، އެކަލޭގެފާނުގެ ޖަމަލުކޮޅު އެތަނުގައި މަޑުޖެއްސެވީމާ، މާތް ﷲ ގެ އަމުރުފުޅަށް ޖަމަލު މަޑުޖެއްސެވީކަމަށް ޙަދީޘްކުރެއްވުމެވެ.

އަނެއް ދަލީލަކީ އެ ޞުލްޙައަކީ މުސްލިމުންނަށް ލިބޭ ނިކަމެތި ކަމެއްކަމަށް ޢުމަރުގެފާނަށް ފެނިވަޑައިގެން، ކީރިތި ރަސޫލާ އަރިހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅަށް، އެކަލޭގެފާނު ދެއްވި ޖަވާބެވެ. "ދެން އަހަރެން ކީރިތި ރަސޫލާ އަރިހަށް ގޮސް ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނަކީ ﷲ ގެ ޙައްޤު ނަބިއްޔާ ނޫންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: އާނއެކެވެ! ދެން އަހަރެން ދެންނެވީމެވެ: އަޅުގަނޑުމެން ޙައްޤުގޮތުގައި ތިބެފައި ޢަދުއްވުން އެތިބީ ބާޠިލުގޮތުގައި ނޫންތޯއެވެ؟ އެހިނދު ރަސޫލާ ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނަކީ ﷲ ގެ ރަސޫލާއެވެ. ތިމަންކަލޭގެފާނަށް ނަޞްރުދެއްވަނީ އެކަލާނގެއެވެ. އަދި އެކަލާނގެ އަމުރުފުޅަކަށް ނުއުރެދޭނަމެވެ!"

ވީމާ މިއިން ވަރަށް ސާފުކޮށް ހާމަވާ އެއްޗަކީ، ހުދައިބިއްޔާ ޞުލްޙައަށް ކީރިތި ރަސޫލާ އެއްބަސްވެވަޑައިގަތީ، ﷲ ގެ އަމުރުފުޅު އެގޮތަށް ލިބިވަޑައިގަތުމުންނެވެ. އެކަލޭގެފާނު ތަންފީޒުކުރެއްވީ ލިބިވަޑައިގަތް ވަޙީއެވެ. އެހެންވެ ޞުލްޙަވާންވީ ތޯ ނުވަތަ ނޫންތޯ، މަޝްވަރާ ނުކުރެއްވީއެވެ.

ކީރިތި ޤުރުއާނުގައި ވެސް މިކަން ބަޔާންވެފައި އެބައޮތެވެ: {وَهُوَ الَّذِي كَفَّ أَيْدِيَهُمْ عَنكُمْ وَأَيْدِيَكُمْ عَنْهُم بِبَطْنِ مَكَّةَ مِن بَعْدِ أَنْ أَظْفَرَكُمْ عَلَيْهِمْ ۚ وَكَانَ اللَّـهُ بِمَا تَعْمَلُونَ بَصِيرًا} " ތިޔަބައިމީހުންގެ ކިބައިން، އެއުރެންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވީ އެކަލާނގެއެވެ. އަދި مكة ގެ ތެރޭގައި، އެއުރެންގެ މައްޗަށް ތިޔަބައިމީހުން ބާރުވެރިކުރެއްވުމަށްފަހުގައި، އެއުރެންގެ ކިބައިން ތިޔަބައިމީހުންގެ އަތްތައް (އެބަހީ: ހަނގުރާމަކުރުން) ދުރުކުރެއްވީވެސް އެކަލާނގެއެވެ. ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. " (އަލްފަތުޙު: 24)

ޢިލްމުވެރިން ގިނަމީހުންގެ ކޮޅު ބުރަކުރެއްވުން:

ބައެއްމީހުން ހީކުރަނީ ގިނަމީހުންނަށް ނުވަތަ އަޣްލަބިއްޔަތަށް ބެލުމަކީ އެއީ ހުޅަނގުގެ ޑިމޮކްރަސީ ނިޒާމުގެ ތެރެއިން ނެގިފައިވާ ފިކުރެކެވެ. ވީމާ އެއީ އިސްލާމީ ފިކުރާއި ޝަރުޢި ޘަޤާފަތުގެ ތެރެއަށް ވަދެފައިވާ ބީރައްޓެހި އެއްޗެކެވެ. ހުޅަނގުގެ ޑިމޮކްރަސީ ޘަޤާފަތުން މި ފިކުރަށް ގޮވާލާ، އަދި އެއަށް ޢަމަލުކުރާ ކަމާމެދު އަހަރެން އިންކާރެއް ނުކުރާނަމެވެ. ނަމަވެސް ޙަޤީޤަތަކީ މިއީ އާ ފިކުރެއް ނޫނެވެ. އަދި ޝަރުޢީ ޘަޤާފަތުގެ ތެރެއަށް ވަދެފައިވާ ބީރައްޓެހި އެއްޗެއްވެސްނޫނެވެ. ކިއެއްތަ، އިސްލާމީ ފިކުރުގައިވެސް އޭގެ އަސްލެއް އެބައޮތެވެ. ގިނަ މީހުން ތިބޭކޮޅަށް ބުރަވެ ތަރްޖީޙުކުރުމަކީ އިސްލާމީ ފިޤުހުގައި އޮންނަ އުސޫލެކެވެ.  އެއީ މުސްލިމު ޢިލްމުވެރިން އޭގައި ހިފައި ޢަމަލުކުރާ އުސޫލެކެވެ. ސިޔާސީ މައިދާނުގައި ނޫނަސް، އެހެނިހެން ވަރަށް ގިނަ މައިދާންތަކުގައި މި އުސޫލުތަކަށް ޢަމަލުކުރެވިފައެވެ.

ޙަދީޘެއް ރިވާކުރާ މީހުން ގިނަވުމަކީ އެއީ އެ ޙަދީޘެއް ތަރުޖީޙުކުރުމުގައި ބެލޭކަމެކެވެ. ފިޤުހުވެރިންނާއި އޫޞޫލުލް ފިޤުހުވެރިންގެ މެދުގައި ވެސް، ފިޤުހީ އިޖްތިހާދެއްގައި ގިނަ މުޖްތަހިދުން ތިބޭ ކޮޅު އެއީ ބޮޑަށް ބުރަވެވޭ ކޮޅުކަމުގައި ބެލެވެއެވެ. ޤަޟާޢީ އިޖްތިހާދާއި ޤަޟާއީ ހެކިތަކުގައި ވެސް، ގިނަ މީހުން ތިބުމަކީ ރިޢާޔަތްކުރެވޭ ކަމެކެވެ. ޢަދުލުވެރިކަމުގައި އެއްވަރު ބަޔަކު ދޭ ހެކިބަހުގައި، ގިނަމީހުން ހެކިބަސްދޭ ކޮޅު މަދުމީހުންގެ ކޮޅަށްވުރެ އިސްކުރެވޭނެ ކަމަށްވެސް ޢިލްމުވެރިން ވިދާޅުވެފައި އެބަހުއްޓެވެ. ކިއެއްތަ، ފަތުވާއަށް އެހޭ އަދި ތަބާވާނެ ޢިލްމުވެރިއަކު އިޚްތިޔާރުކުރުމުގައިވެސް ބެލެނީ، ގިނަ މީހުން ތަބާވާ ޢިލްމުވެރިއަކަށެވެ. މިގޮތުން އަލްޤާޟީ އަބޫ ބަކުރު ބިން އަލްޢަރަބީ ވިދާޅުވެފައިވަނީ: "ޢާއްމުންގެ މީހަކަށް ކަމެއް ދިމާވެއްޖެނަމަ، އެ ދުވަސްވަރެއްގެ އެ ރަށެއްގެ ޢިލްމުވެރިއެއްގެ ގާތަށް ގޮސް، އެކަމަކާ ބެހޭގޮތުން ސުވާލުކުރުން ވާޖިބުވެގެންވެއެވެ. އަދި އޭނާ ޖެހޭނީ އެފަތުވާއަކަށް ޢަމަލުކުރާށެވެ. އަދި އެ ދުވަސްވަރެއްގައި ތިބި ޢިލްމުވެރިންނަކީ ކޮބައިތޯ އާއި އަދި އެންމެ ގިނަ މީހުންގާތުގައި މޮޅު ޢިލްމުވެރިއަކީ ކޮބައިތޯ ހޯދައި ބެލުމަކީ އެމީހަކު ކުރަންޖެހޭނެ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.