އަންގާރަ20171107

އާކުރެވުނީ: 09:46:14

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޙައްޖު ވާޖިބުވުމުގައި އަންހެނާއަށް ޚާއްޞަ ޝަރުޠުތައް

ޙައްޖު ވާޖިބުވުމުގައި އަންހެނާއަށް ޚާއްޞަ ޝަރުޠުތައް

hajju-anhenunމުޤައްދިމާ:

މުސްލިމުންގެ މައްޗަށް މާތްﷲ ވާޖިބުކުރައްވާފައިވާ އަޅުކަމުގެ ބާވަތްތަކުގެ ތެރެއިން ޙައްޖަކީ މާތްކަން ބޮޑުވެގެންވާ އަޅުކަމެކެވެ. ޙައްޖަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްމެއެވެ. އަދި އެއީ ޢުމުރުން އެއްފަހަރުގައި ވުމުން ފުދޭކަމެއްވެސް މެއެވެ. ކޮންމެއަކަސް މިފަދަ މަތިވެރި އަޅުކަމެއް އަދާކުރުމުގެ ޝައުޤުވެރިކަން މުސްލިމެއްގެ ހިތުގައި ނެތުމަކީ ނުވާނެކަމެކެވެ. އަދި އެއީ އަންހެނެއްކަމުގައި ނުވަތަ ފިރިހެނެއްކަމުގައި ވިޔަސްމެއެވެ.

މިމަޒުމޫނުގައި ޙައްޖުވާ އަންހެނެއްގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުޠުތަކަށް ޚާއްޞަގޮތެއްގައި އަލިއަޅުވައިލަން ޖެހުނީ ސަބަބުތަކެއް ހުރެގެނެވެ. މިޝަރުޠުތަކަކީ ޚިޔާލުތަފާތުވުންތަކެއްހުރި ދަންނަބޭކަލުން އިހުއްސުރެ ބަޙުސްކުރައްވާފައިވާ މައްސަލަތަކެއްކަމުގައިވާތީއެވެ. އަދި މިކަމުގައި ދިވެހިންގެ މެދުގައިވެސް ޚިޔާލުތަފާތުވުންތަކެއް ހުރިތަންވެސް ފެންނާތީއެވެ.

އަޅުގަނޑު މިމަޒުމޫނުގައި މިމައުޟޫޢު ނިއުޅާލައިނީ އިސްލާމީ ޝަރީޢަތުގެ މައި ދެމަޞްދަރުކަމުގައިވާ ކީރިތި ޤުރުއާނާއި ސަލާމާއި ޞަލަވާތްލެއްވުނު ރަސޫލާގެ ސުންނަތުގެ އަލީގައެވެ. މިދެމަޞްދަރުން ޙުކުމަކާ ހަމައަށް ވާޞިލުވުމުގައި ދަންނަބޭކަލުންގެ ވާހަކަތަކަށާއި އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކަށް ރިޢާޔަތްކުރާނަމުއެވެ.

މިދިރާސާ އެކުލަވާލުމުގައި އަޞްލަކަށް ބަލާފައިވާނީ ކޮންމެ މަޛުހަބެއްގެވެސް ތުރާސީ ފޮތްތަކެވެ. އަދި ތަރުޖީޙު ދިނުމުގައި المفصل من أحكام المرأة و البيت މިފޮތް ބަލާފައިވާނެއެވެ. މިއީ މަލިކްފައިޞަލް އެވޯޑުވެސް ލިބިފައިވާ ޢިލްމީ ފޮތެކެވެ. ފޮތުގެ މުޞައްނިފަކީ ޑރ.ޢަބުދުލްކަރީމް ޒައިދާންއެވެ. މިއީ ޢިރާޤުގެ ބޭކަލެކެވެ. ކިޔަވާވިދާޅުވީ އަލް-އަޒުހަރު ޔުނިވަރސިޓީއިންނެވެ. ދެން ތަރުޖީޙު ދިނުމުގައި ބަލައިފާވާނީ نيل الأوطار للإمام الشوكاني އެވެ.

އަޅުގަނޑުގެ ދުޢާއަކީ މާތްﷲ އަޅުގަނޑުގެ މިމަސައްކަތުގައި ތައުފީޤުދެއްވައި، އެކަލާނގެ ރުހިވޮޑިގަންނަވާ މަގަށް މަގުދެއްކެވުމެވެ. އަދި މިމަސައްކަތުން ދިވެހިންނަށް ނަފާއެއް ދެއްވުމެވެ.

އަޅުގަނޑު މިބަޙުސްގައި ބަލައިލާނީ މައިގަނޑު ދެބައަކަށެވެ.

ފުރަތަމަ ބައި: އަންހެންމީހާއާއެކު ޙައްޖަށް ނުކުތުމަށް މަޙުރަމަކު ހުރުން

ދެވަނަ ބައި: ވަރިއެއްގެ ސަބަބުން ނުވަތަ ފިރި މަރުވުމުގެ ސަބަބުން ޢިއްދާގައި އިން އަންހެނެއްކަމުގައި ނުވުން.(1)

ފުރަތަމަ ބައި

ޙައްޖަށް ނުކުންނަން އެދޭ އަންހެންމީހާއާ އެކުގައި މަޙުރަމެއް ނުވަތަ ފިރިމީހާ ދަތުރުގައި ބައިވެރިވުން.

މިކަމުގައި ފިޤުހު ޢިލްމުވެރިންގެ ރައުޔަތައް:

މިޝަރުޠާ މެދުގައި ދަންނަބޭކަލުންގެ ޚިޔާލުފުޅުތައް ހުރީ އަންނަނިވި ބީދައިންނެވެ.

ޝާފިޢީ ޢިލްމުވެރިންގެ ރައުޔަ:

ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި ތިންކަމެއްގެ ތެރެއިން ކަމެއް ފުރިހަމަވެއްޖެނަމަ، ޙައްޖު އަންހެނާގެ މައްޗަށް ވާޖިބުވާނެއެވެ. އެތިންކަމަކީ މަޙުރަމެއް ނުވަތަ ފިރިމީހާ ނުވަތަ އިތުބާރުކުރެވޭ އަންހެނުންގެ ޖަމާޢަތެކެވެ. މިއިން ކޮންމެ ބައެއް ނުވަތަ ކޮންމެ ފަރާތެއް ހުރި ކަމުގައިވިޔަސް އެބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނާގެ މައްޗަށް ޙައްޖު ވާޖިބުވާނެއެވެ. އެހެނީ އެބޭކަލުންގެ އަރިހުގައި އަންހެނެއްގެ ޙައްޖު ވާޖިބުވުމުގައި އެކަނބުލޭގެއަށް ޚާއްޞަވެގެންވާ ޝަރުޠަކީ އެކަނބުލޭގެ ނަފުސުގެ މައްޗަށް އަމާންކަން ލިބުމެވެ. މިއަމާންކަން ފިރިމީހާ ހުރުމުން ނުވަތަ މަޙުރަމަކު ހުރުމުން ނުވަތަ ޢަދުލުވެރިކަމުގެ ޞިފަތައް ލިބިފައިވާ އަންހެނުންގެ ޖަމާޢަތެއް އޮތުމުން ލިބޭނެއެވެ. އެހެންކަމުން އިތުބާރު ހިފޭ ޢަދުލުވެރި އެންމެ އަންހެނަކު ހުރުމަކުން އެބޭކަލުންގެ އަރިހުގައި ޙައްޖު ވާޖިބެއްނުވާނެއެވެ. އެހެންނަމަވެސް ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި އަންހެނާ ފަރުޟު ޙައްޖަށް އެކަނި ނުކުތުން ނުވަތަ އިތުބާރުކުރެވޭ އެންމެ އަންހެނަކާއެކީ ނުކުތުން ހުއްދަވެގެންވެއެވެ. އެހެންނަމަވެސް ސުންނަތް ޙައްޖުގައި ނުކުތުން އަންހެނަކަށް ހުއްދަވާނީ ފިރިމީހާ ނުވަތަ މަޙުރަމަކާ އެކީގައެވެ.(2)

މާލިކީ ޢިލްމުވެރިންގެ ރައުޔަ:

މާލިކީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި އަންހެނެއްގެ މައްޗަށް ޙައްޖު ވާޖިބުވާނީ އެކަނބުލޭގެއާއެކު ދަތުރުކުރާނެ މަޙުރަމަކު ނުވަތަ ފިރިމީހާ ހުރިނަމައެވެ. އަދި ފަރުޟު ޙައްޖުގައި މަޙުރަމުގެ ބަދަލުގައި އަމާންކަން ލިބިގެންވާކަން ޔަޤީން ޖަމާޢަތެއްގެ ބަޔަކާއެކު ދަތުރުކުރެވިދާނެއެވެ. އަދި އެފަދަ ޖަމާޢަތެއް ހަމައެކަނި އަންހެނުންގެ މައްޗަށް ނުވަތަ ހަމައެކަނި ފިރިހެނުންގެ މައްޗަށް ނުވަތަ އަންހެނުންނާއި ފިރިހެނުންގެ މައްޗަށް އެކުލެވިގެންވުމީ މައްސަލައެއްނޫނެވެ.(3)

ޡާހިރީ މަޛުހަބުގެ ޢިލްމުވެރިންގެ ރައުޔަ:

މިއީ އިމާމް އިބުނު ޙަޒުމުގެ ރައުޔައެވެ. މަޙުރަމެއް ނުވަތަ ފިރިއެއްނެތް އަންހެންމީހާ އެފަދަ ޙާލަތުގައި ޙައްޖުވާނީއެވެ. އޭނާގެ މައްޗަށް ބުރަކަމެއް ނުވަތަ ފާފައެއް އެކަމުގައި ނެތެވެ. އަދި އޭނާއަށް ފިރިއެއް ނުވަތަ މަޙުރަމެއް ލިބިފައިވާނަމަ، އެމީހެއްގެ މައްޗަށް އެކަނބުލޭގެއާއެކު ޙައްޖުވުން ވާޖިބުވާނެއެވެ. އަދި އެކަން ނުކުރިނަމަ، އެމީހަކީ މާތްﷲއަށް އުރެދިފައިވާ މީހެކެވެ. އަދި އެމަޙުރަމު ނުވަތަ ފިރިމީހާއާ ނުލައި ޙައްޖުވުން އަންހެންމީހާއަށް ހުއްދަވާނެއެވެ. އެހެނީ ފިރިމީހާއަށް ފަރުޟު ޙައްޖު އަދާކުރުން މަނާ ނުކުރެވޭނެއެވެ. އޭނާއަށް މަނާކުރެވޭނީ ސުންނަތް ޙައްޖު އަދާކުރުމެވެ.(4)

ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިންގެ ރައުޔަ:

ފިރިމީހާ ނުވަތަ މަޙުރަމެއް ލިބިފައިނެތް އަންހެނެއްގެ މައްޗަށް ޙައްޖު ވާޖިބެއްނުވާނެއެވެ. އެކަމުގައި އިމާމް އަޙުމަދުގެ އަރިހުން ނައްޞެއް ވާރިދުވެފައިވެއެވެ. އަބޫދާވޫދު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އިމާމް އަޙުމަދަށް ދެންނެވީމެވެ. ޙައްޖުވުމުގެ ކުޅަދާނަކަން ލިބިގެންވާ އަންހެނަކަށް މަޙުރަމެއްނެތްނަމަ ޙައްޖު ވާޖިބުވާނެތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ނޫނެކެވެ. އަދި އިމާމް އަޙުމަދު ކިބައިން މަޙުރަމެއް ލިބިފައިވުމަކީ ޙައްޖު އަދާކުރުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއްކަމަށާއި، އެއީ ޙައްޖު ވާޖިބުވުމުގެ ޝަރުޠެއްނޫން ކަމުގައި ވާރިދުވެފައިވެއެވެ. މިއީ މަޛުހަބުގެ ދެވަނަ ރައުޔައެވެ. މިރައުޔައިގެ މާނައަކީ މަޙުރަމެއްނެތް ޙާލުގައި ޙައްޖަށް ދިއުމުގެ ކުޅަދާނަކަން ލިބިފައިވާ އަންހެނާގެ މައްޗަށް އޮތީ ޙައްޖަށް ޚަރަދުވާ މިންވަރު ޞަދަޤާތްކުރުމެވެ. އެހެންނަމަވެސް ޙަންބަލީންގެ ގާތުގައި ޞައްހަވެގެންވާ ރައުޔައަކީ ފުރަތަމަ ރައުޔައެވެ. އެބޭކަލުންގެ ރައުޔަ ސާބިތުކުރެއްވުމަށް ވަރަށް ގިނަ ޙަދީސްތަކުން ދަލީލު ދައްކަވައެވެ.(5)

ޙަނަފީންގެ ރައުޔަ:

ހަނަފީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި އަންހެނާގެ މައްޗަށް ޙައްޖުވާޖިބުވާނީ މަޙުރަމެއްނުވަތަ ފިރިމީހާ ހުރެގެނެވެ. އެބޭކަލުންވެސް ޙަދީސްތައް ދަލީލުގެ ގޮތުގައި ދައްކަވައެވެ. އަދި އަންހެންމީހާ ފިރިމީހާ ނުވަތަ މަޙުރަމެއްނެތި ޙައްޖަށް ނުކުތުމުން، އެކަނބުލޭގެއަށް ގެއްލުން ކުރިމަތިވާކަމަށް ވިދާޅުވެއެވެ. އަދި ޝަރުޢީ ގޮތުން ގެއްލުން ދުރުކުރުން ލާޒިމްވެގެންވުމަކީ ދަލީލެއްކަމުގައި ނުވަތަ ޙުއްޖަތެއްކަމުގައި ދައްކަވައެވެ.(6)

މިވާހަކަތަކުގެ ނަތީޖާ:

މިމައްސަލައަކީ ދަންނަބޭކަލުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ހުރި މައްސަލައެކެވެ. އެހެންކަމުން ފަތުވާ ދެއްވުމުގައި ނުވަތަ ދީނުގެ ޙުކުމްތައް ބަޔާންކުރެއްވުމުގައި އަމާނާތްތެރިކަން ނިޔާކުރާ ހެޔޮ ރަނގަޅު ގޮތަކީ މިކަންކަން މިހިރި ގޮތަށް ބަޔާންކުރުމެވެ. އަދި އެންމެހާ ބޭކަލުންގެ ރައުޔަތައްވެސް ވިދާޅުވެދެއްވުމެވެ. މިއީ ޢިލްމުވެރިން ކަންކުރައްވާ ގޮތެވެ.

ދަލީލުތަކާއި އެދަލީލުތަކާމެދުކުރެވޭ ބަޙުސް

މިބައި ޖުމްލަގޮތެއްގައި މިނަކަލުކުރަނީ ދެފޮތަކުންނެވެ. އެއީ އިމާމް ޝައުކާނީގެ ނައިލުލް އައުޠާރާއި ޑރ.ޢަބަދުލްކަރީމް ޒައިދާންގެ المفصل فى أحكام المرأة و البيت އެވެ. މިދެފޮތަކީވެސް ޢިލްމީ ދެފޮތްކަމުގައި ޤަބޫލުކުރަމެވެ. އެހެންނަމަވެސް އެހެނިހެން ބައެއް ފޮތްތަކުން ބައެއް ނުކުތާތައް ނަގައިފައި ހުންނާނެއެވެ.

ފުރަތަމަ ދަލީލު: މިއީ އަންހެންމީހާއަށް އެކަނި ޙައްޖުވެވިދާނެކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންގެ ދަލީލެވެ. މިއީ އެހެންކަމުން ޡާހިރީ މަޛުހަބުގެ ޢިލްމުވެރިންގެ ޙުއްޖަތެވެ. އިމާމް ބުޚާރީ، عدي بن حاتمގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީސެއްގައި ކީރިތި ރަސޫލާ ޙަދީސްކުރެއްވިކަމަށް ވާރިދުވެފައިވެއެވެ. الظعينة سترتحل من الحيرة حتى تطوف بالكعبة މާނައީ: އަންހެނާ ޙީރާއިން ނުކުމެގެން ކަޢުބާގައި ޠަވާފުކުރަންދެން ދަތުރުކުރާނެއެވެ.

ހަމައެފަދައިން އެބޭކަލުން އަންހެނުންގެ ތެރެއިން ކުފުރުގެ ގޯތީ(ދާރުލް ކުފުރު)ގައި އަސީރުވެފައި ހުންނަ އަންހެނާއަށް، އެތަނަކުން ސަލާމްތްވުމަށްފަހު އިސްލާމް ކަމުގެ ގޯއްޗަށް ގިނިކަންޏާ ދަތުރުކުރުން ހުއްދަވެގެންވާވުމުގެ މައްޗަށް، ޙައްޖަށް އަންހެނާ ނުކުތުމުގެ ޙުކުމް ޤިޔާސްކުރައްވައެވެ.(7)

މިދަލީލުތަކުގެ ބަޙުސް:

ޢަދިއްޔުގެފާނުގެ ޙަދިސަކީ ޞަޙީޙުލް ބުޚާރީގައި އިމާމް ބުޚާރީ ނެރުއްވާފައިވާ ޙަދީސެކެވެ. މިޙަދީސް ހިމަނުއްވާފައިވަނީ ނަބީކަމުގެ ޢަލާމާތްތަކުގެ ބާބުގެ ދަށުގައެވެ. މިޙަދީސްގައި އައިސްފައިވެއެވެ. عدي بن حاتم ވިދާޅުވިއެވެ. ((بينا أنا عند رسول الله رسول الله إذ أتاه رجل فشكا إليه الفاقة. ثم أتاه اخر فشكا إليه قطع السبيل, فقال النبي صلى الله عليه و سلم: هل رأيت الحيرة؟ قال عدي: لم أرها و قد أنبئت عنها قال صلى الله عليه و سلم: فإن طالت بك حياة لترين الظعينة ترتحل من الحير حتى تطوف بالكعبة لا تخاف أحدا إلا الله قال عدي: فرأيت الظعينة ترتحل من الحيرة حتى تطوف بالكعبة لا تخاف إلا الله)) رواه البخاري މާނައީ: ތިމަންކަލޭގެފާނު ނަބިއްޔާގެ އަރިހުގައިވަނިކޮށް މީހަކު އެކަލޭގެފާނުގެ އަރިހަށް އައިސް ފަޤީރުކަމާމެދުގައި ޝަކުވާކޮށްފިއެވެ. އެހިނދު އެހެން މީހަކު އައިސް މަގު ފޭރުމުގެ ކަންތަކާމެދު ޝަކުވާ ދަންނަވައިފިއެވެ. އެހިނދު އެކަލޭގެފާނުގެ ޙަދީސްކުރެއްވިއެވެ. އޭ ޢަދިއްޔުއެވެ. ތިބާ ޙީރާ ދެކުނިންހެއްޔެވެ. އެހިނދު ޢަދިއްޔު ދެންނެވިއެވެ. ނޫނެކެވެ. އަޅުގަނޑެއް ނުދެކެމުއެވެ. އެހެންނަމަވެސް އެރަށުގެ ވާހަކަ އަޑުއަހަމުއެވެ. އެހިނދު ޙަދީސްކުރެއްވިއެވެ. މާތްﷲ ތިބާގެ ޢުމުރު ދިގުކުރައްވައި ދަމަހައްޓަވައިފިނަމަ، ޙީރާގެ ބިމުން ގިނިކަންޏާ، ނުކުމެގެން މާތްﷲ ފިޔަވައި އެހެން ފަރާތެއް ދެކެ ބިރުގަތުމެއްނެތި، އަންހެނާ ކަޢުބަތުﷲ ގެފުޅަށް އައިސް ޠަވާފުކުރާ ތަން ތިބާދެކެވަޑައިގަންނަވާނެއެވެ. ޢަދިއްޔުގެފާނުން ވިދާޅުވިއެވެ. އަދި އަންހެންމީހާ އެކަނި މައިއެކަނި ޙީރާއިން ނުކުމެގެން އައިސް ކަޢުބަތުﷲ ގެފުޅުގައި ޙައްޖުވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަންނެވީމުއެވެ.

އިސްވެދިޔަ ޙަދީސަކީ ޞައްޙަ ޙަދީސެކެވެ. އެހެންނަމަވެސް މައްސަލައަކީ މިކަމުގައި ވާރިދުވެފައިވާ ޞައްޙަ އެހެނިހެން ޙަދީސްތަކެއް މިޙަދީސްގެ ޢާންމު މަފުހޫމާ، ފުށު އަރާ ގޮތަކަށް ހުރީތީއެވެ. (މިފުށު އެރުމަކީ ޙަދީސްތަކުގެ ބޭރުފުށުން ފެންނަ ފުށުއެރުމެކެވެ. މިފަދަ ފުށުއެރުންތައް ދިރާސާކޮށް ޙައްލުކުރާނެ ގޮތްތަކުގެ ޢިލްމަކީ مختلف الأحاديث ގެ ޢިލްމެވެ.)

މިދަންނަވާ ޙަދީސްތަކަކީ ކޮބައިތޯއެވެ؟

ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލާ ޙަދީސްކުރެއްވިކަމަށް އެކަލޭގެފާނުގެ ކިބައިން އިބްނު ޢައްބާސް ރިވާކުރައްވާފައިވެއެވެ. "لا يخلون رجل بإمرأة إلا و معها ذو محرم و لا تسافر المرأة إلا و مع ذى محرم" فقام رجل فقال: إن إمرأتي خرجت حاجة و إنى اكتتبت فى غزوة كذا و كذا قال: فانطلق فحج مع إمرأتك" (8) މާނައީ: ފިރިހެނަކު އަންހެނަކާއެކު އެކަނބުލޭގެގެ މަޙަރަމެއް ނެތި އެކަހެރިނުވާހުށިކަމެވެ. އަދ އަންހެނަކު މަޙުރަމަކާނުލާ ދަތުރު ނުކުރާ ހުށިކަމެވެ. އެހިނދު މީހަކު ތެދުވި އެކަލޭގެފާނަށް ދަންނަވައިފިއެވެ. އަޅުގަނޑުގެ އަންހެނުންވަނީ، އަޅުގަނޑު އެވެނި މިވެނި ހަނގުރާމައެއްގައި ވަނިކޮށް، ޙައްޖުވުމަށް ނުކުމެއެވެ. އެހިނދު ރަސޫލާ ޙަދީސްކުރެއްވިއެވެ. ކަލޭ ނުކުންނާށެއެވެ. އަދި ކަލޭގެ އަނބިމީހާއާއެކު، ޙައްޖުވާށެވެ.

މިޙަދީސަކީވެސް ޞައްޙަ ޙަދީސެކެވެ. މިޙަދީސުގައި އެވަނީ އެއްވެސް ދަތުރެއްގައި މަޙުރަމެއްނެތި ދަތުރުކުރުން މަނާކަމުގައި ބަޔާންކުރައްވާފައެވެ.

މިދެޙަދީސްގެ މެދުގައި ޖަމްޢުކުރާނީ ކިހިނަކުންތޯއެވެ؟

ފުރަތަމަ ގޮތް: މިދެޙަދީސްގެ ތެރެއިން ފުރަތަމަ ޙަދީސްގައި އެއޮތީ ހަމައެކަނި މުސްތަޤުބަލުގައި ހިނގާނެ ކަމެއްގެ ވާހަކަ ބަޔާންކުރައްވާފައެވެ. އެއީ ހުއްދަވުމުގެ ޙުކުމް ބަޔާންކުރެއްވުމެއް ނޫނެވެ. މާނައަކީ ފުރަތަމަ ޙަދީސްގެ ދޭހައިގެ ތެރޭގައި ހުއްދަވުން ހިމެނިފައިނުވާކަމަށް ޤަބޫލުކުރުމެވެ. މިއީ އިމާމް ޝައުކާނީ މިކަމުގައި ދެކެވަޑައިގަންނަވާ ގޮތެވެ.(9)

މިޖަމްޢުކުރުމަށް ދެވިދާނެ ރައްދު:

ފުރަތަމަ ޙަދީސްގައި ޙުކުމެއް ބަޔާން ނުކުރެއްވިއެއްކަމަކު ހިނގާނެ ކަމުގައި ބަޔާންކުރެއްވި ކަންތައް ބަޔާންކުރައްވާފައިވަނީ ސަނާ ވިދާޅުވުމުގެ ޞީޣާއިންނެވެ. ނުވަތަ ހިނގާނެ ރަނގަޅުކަމެއް ބަޔާންކުރެއްވުމުގެ އުސްލޫބުންނެވެ. އެހެންކަމުން މިއުސްލޫބުން ހުއްދަނޫންކަމެއްގެ ވާހަކަ ބަޔާންކުރެއްވުން ކީރިތި ރަސޫލާގެ މައްޗަށް މުސްތަޙީލުވެގެންވެއެވެ.

ރައްދަށްދޭނެ ރައްދު:

އިސްވެބަޔާންވި ރައްދު ހުށަހެޅުއްވުމަށްފަހުގައި އިމާމް ޝައުކާނީ ވިދާޅުވެފައިވެއެވެ. ކޮންމެއަކަސް އެންމެ ރަނގަޅުވެގެންވަނީ ޖަމްޢުކުރުމަށް ހުށަހެޅިފައިވާ ފުރަތަމަ ގޮތަށް ޖަމްޢުކުރުމެވެ. އެއީ އެކި މަގުތަކުން އިސްފައިވާ ޙަދީސްތަކަކާ ޖަމްޢުކުރުމުގެ ގޮތުންނެވެ.

ދެވަނަ ގޮތް: ފުރަތަމަ ޙަދީސްގައި ރަސޫލާގެ އަރިހަށް މީހަކު އައިސް މަގު ނާމާންވުމާމެދު ޝަކުވާކުރެއެވެ. އެއީ މަގުފޭރުމާމެދު ކުރާ ޝަކުވާއެވެ. އެއިން އެގެނީ އެކަމަކީ އެކަލޭގެފާނުގެ ޒަމާނުގައި ގިނަވެފައިވާ ކަމެއްކަމެވެ. އަދި ހިނގާ ކަމެއްކަމެވެ. ދެން އެކަލޭގެފާނު ޚަބަރުކުރައްވަނީ އެކަންކަން މަދުވުމުގެ ސަބަބުން އަމާންކަން ލިބުމުން އަންހެނާ ޙީރާގެ ބިމުން ނުކުމެ ގިނިކަންޏާ ޙައްޖުވާނެ ވާހަކައެވެ. އެހެންކަމުން ދެވަނައަށް އައި ޙަދީސްގައި އަންހެނާ މަޙުރަމެއްނެތި ދަތުރުކުރުން މަނާކުރައްވަނީ އެކަލޭގެފާނުގެ ޒަމާނުގައި މަގުމަތީގެ އަމާންކަން ނެތުމުގެ ސަބަބުންނެވެ. އެއަމާންކަން ލިބުމުން އެކަނި ދަތުރުކުރުން ހުއްދަވާނެކަން ފުރަތަމަ ޙަދީސުން ދޭހަވެއެވެ. (މިއީ މިޒަމާނުގެ ބައެއް ޢިލްމުވެރިންގެ ވާހަކަފުޅުތަކުގެ ދޭހައެއް) (10)

މިގޮތަށް ދޭ ރައްދު: އަމާންކަން ލިބިގެންވާ ޙާލަތުގައި ޙައްޖަށް ނުކުމެވޭކަމުގައިވާނަމަ، އެކަނި ދަތުރަށް ނުކުތުން އަންހެނާގެ މައްޗަށް ނަހީކުރެވިފައިވާ ޙަދީސްތަކުގެ ތެރެއިން ޙަދީސެއްގައި އެކަން އިސްތިސްނާއެއްގެ ގޮތުގައި ވާރިދުވާންޖެހޭނެއެވެ. ޙަދީސެއްގެ ޢިއްލާ ނުވަތަ ސަބަބު ދެނެގަނެވޭނީ ޙަދީސްގެ ނައްޞުންނެވެ. އެހެންކަމުން އަމާންކަން ލިބިގެންވާ ޙާލަތެއްގައި އެކަނި ނުކުތުން ހުއްދަވާނެކަމަށް ބެލެވޭނެ އިޝާރާތެއް މި ޙަދީސްތަކުގެ ނައްޞުގައި ނެތެވެ. އަދި އެހެންނޫނަސް އެކަނި ދާ އަންހެނަކަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނާނީ ކޮން އަމާންކަމެއްތޯއެވެ؟ ލިބޭ ގޯނާއަކުން ޙިމާޔަތްކުރާނީ ކާކުތޯއެވެ؟ ދަތުރުގެ ބުރަތަކުގައި އެހީވާނީ ކާކުތޯއެވެ؟ އެހެންކަމުން އެކަނި ޙައްޖަށް ނުކުތުން މިޙަދީސްގެ އަލީގައި މަޤުޞަދަށް ބަލައިގެން ހުއްދަވާނެކަމަކަށް ނުފެނެއެވެ.

ނަތީޖާ: ދަލީލުތަކުގެ އަލީގައި އަޅުގަނޑަށް ޤަބޫލުކުރެވެނީ ގިނިކަންޏާ އަންހެނަކަށް ޙައްޖުވުން ހުއްދަވާނެ އެއްވެސް ދަލީލެއް އިމާމް އިބުނުޙަޒުމު މިނެންގެވި ދަލީލުގައި ނެތްކަމަށެވެ. އަދި މިއީ އިމާމް ޝައުކާނީއާއި ޑރ.ޢަބުދުލްކަރީމް ޒައިދާނުގެ ރައުޔަވެސްމެއެވެ.

ފުރަތަމަ ދަލީލުގެ ދެވަނަބައި:

ފުރަތަމަ ދަލީލުގެ ދެވަނަ ބަޔަކީ އަންހެނާ ކުފުރުގެ ގޯތިން ގިނިކަންޏާ އިސްލާމްކަމުގެ ގޯއްޗަށް ދަތުރުކުރުން ހުއްދަވެގެންވުމުގެ މައްޗަށް ޤިޔާސްކުރައްވައި، ޙައްޖުގައި އެކަނި ޙައްޖުވުން ހުއްދަވާނެކަމަށް ދަލީލުނަންގަވާ ނެންގެވުމެވެ.

މިދަލީލަށް ރައްދު ދިނުމުގެ ގޮތުން ބުނަން އޮތީ މިއީ ރަނގަޅު ޤިޔާސެއް ނޫންކަމުގައެވެ. ސަބަބަކީ ޤިޔާސްކުރެވުނު ދެކަމުގެ ދެމެދުގައި ޙަޤީޤީ ގުޅުމެއްނެތުމެވެ. ނުވަތަ އެދެޙުކުމަކީ އޭގެ ޒާތުގައި ތަފާތު ދެސަބަބަކަށްޓަކައި އައި ދެޙުކުމެއްކަމުގައިވުމެވެ. އެހެނީ އަސީރެއްގެ ގޮތުގައި ކުފުރުގެ ގޯތީގައި ހައްޔަރުވެފައިވާ އަންހެނާ މިނިވަންވުމާއެކު، އިސްލާމްކަމުގެ ގޯއްޗަށް، އެކަނި ނުވަތަ ގިނިކަންޏާ އައުން ހުއްދަވެގެންވަނީ އޭނާއަށް ކުފުރުގެ ގޯތީގައި ދެމިހުރެއްޖެނަމަ ލިބިދާނެ ގެއްލުމަކުން މިންޖުވުމުގެ ގޮތުންނެވެ. އެގޮތުން ކުފުރުގެ ގޯތީގައި ދެމިހުރުމުން ލިބިދާނެ ގެއްލުމުގެ ބަދަލުގައި، އޭނާއަށް އިޚުތިޔާރުކުރުން ލާޒިމުވެގެންވަނީ ދަތުރުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ގެއްލުމެވެ. މިއީ އިމާމް ނަވަވީއާއި إمام إبن قدامة المقدسيމިދަލީލަށް ދެއްވި ރައްދެވެ. އަދި މިއީ ޑރ.ޢަބަދުލްކަރީމް ޒައިދާނު އިޚުތިޔާރުކުރައްވާ ރައްދުވެސްމެއެވެ.(11)

އަދި ޙައްޖަކީ ލަސްކުރެވިދާނެކަމަށްތޯ ނުވަތަ އެއީ ވާޖިބުވުމާއެކު، އަދާކުރުން ލާޒިމުކަމެއްކަން ކަނޑައެޅުމުގައި ފިޤުހުވެރިންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އެހެންކަމުން ކޮންމެ ގޮތެއްގައިނަމަވެސް ޙައްޖުވުމަށް މަޙުރަމެއް ނުވަތަ ފިރިމީހާ ރުހިއްޖައުމަށްދާނދެން ޙައްޖު ފަސްކުރުން އަންހެނާގެ މައްޗަށް އިތުރުކަން ބޮޑުވެގެންވެއެވެ. މިއީ ޑރ.ޢަބްދުލްކަރީމް ޒައިދާންގެ ރައުޔައެވެ.(12)

އިތުބާރުކުރެވޭ އިތުރު އަންހެނަކު ހުރުމުން ޙައްޖު ވާޖިބުވާނެކަމަށް ވިދާޅުވާ ބޭފުޅުންގެ ދަލީލަކީ ކުރީގައި އިސްވެދިޔަ ޢަދިއްޔުގެފާނުގެ ޙަދީސާއި ބަޔާންކުރި ޤިޔާސްކަމުގައިވާނަމަ، އެދަލީލުތަކަށް ރައްދުދީ ނިމިއްޖެއެވެ. މީގެ އިތުރަށް ޙައްޖުގައި، މަޙުރަމަކު ނުވަތަ ފިރިމީހާ ދަތުރުގައި ބައިވެރިވުން ޝަރުޠުކުރެވިފައިވަނީ އަމާންކަން އަންހެންމީހާއަށް ލިބުމަށްޓަކައިކަމުގައިވާތީ، އެންމެ އަންހެނެއް އިތުރަށް ހުރުމުން އަމާންކަން ލިބޭނެކަމަށް ބުނަނީނަމަ، އެއީ މަޤުބޫލުވާހަކައެއްނޫނެވެ. އެހެނީ ބުއްދީގެ ހަމައިން ބަލާއިރު، އަދި ޢުރުފަށް ވިސްނާއިރު، ދެއަންހެނުންނަށް އެކަނި ދަތުރުކުރާނަމަ، ނަފްސުގެ މައްޗަށް ލިބެންޖެހޭ އަމާންކަން ލިބުމަށްވުރެ، ގާތްވެގެންވާ ގޮތަކީ އެއަމާންކަން ނުލިބުމެވެ.

ދެވަނަ ދަލީލު: މިއީވެސް ޡާހިރީ މަޛްހަބުގެ ޢިލްމުވެރިންގެ ދަލީލެކެވެ. އެބޭކަލުންގެ އަރިހުގައި އަންހެނާގެ މައްޗަށް ޙައްޖުވާޖިބުވުމަކަށް މަޙުރަމެއް ހުރުން ނުވަތަ ދަތުރުގައި ފިރިމީހާ ބައިވެރިވުން ޝަރުޠެއްކަމުގައި ނުވެއެވެ. އެބޭފުޅުންގެ ދެވަނަ ދަލީލަކީ މާތްﷲގެ އަންނަނިވި ވަޙީ ބަސްފުޅެވެ. އެކަލާނގެ ޙައްޖު ވާޖިބުވެގެންވުން ބަޔާންކުރައްވައި ވަޙީކުރައްވައެވެ. وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلا(97) އާލުޢިމްރާން. މާނައީ: މީސްތަކުންކުރެ އެކަމުގެ މައްޗަށް ކުޅަދާނަކަން ލިބިގެންވާ މީހާއަށް، މާތްﷲއަށްޓަކައި އެކަލާނގެ ގެކޮޅަށް ޙައްޖުވުން ވާޖިބުވެގެންވެއެވެ.

ޙައްޖު ވާޖިބުވެފައިވަނީ މިއާޔަތުގެ ނައްޞުންނެވެ. މިއާޔަތުގައި ބަޔާންވެގެންވާ ގޮތުން ޙައްޖު ވާޖިބުވާނީ ކުޅަދާނަކަން ލިބުމުންނެވެ. އެހެންކަމުން ކުޅަދާނަކަމުގެ ޝަރުޠުފުރިހަމަވުމުން އަންހެނާގެ މައްޗަށްވެސް ޙައްޖު ވާޖިބުވާނެއެވެ. އަދި މަޙުރަމެއްނެތި ނުވަތަ ފިރިމީހާއާ ނުލައި ދަތުރުކުރުން އަންހެނާއަށް ހުއްދަވެގެންނުވާނެކަމަށް ދޭހަވާ ގޮތަށް ވާރިދުވެފައިވާ ހުރިހާ ޙަދީސްތަކަކީ ޢާންމު ޙުކުމެއް ބަޔާންކުރާ ޙަދީސްތަކެކެވެ. އެޢާންމު ޙުކުމަކީ ގިނިކަންޏާ ދަތުރުކުރުން އަންހެނާއަށް ހުއްދަވެގެންނުވުމެވެ. މިއާޔަތުގައި އައިސްފައިވަނީ އިސްތިސްނާއީ ޙުކުމެކެވެ. އެއީ ގިނިކަންޏާ ޙައްޖުވުމަށް ދަތުރުކުރުން ހުއްދަވުމުގެ ޙުކުމެވެ. މިއީ އިމާމް އިބްނު ޙަޒުމު ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތުގައި ގެންނަވާ ދަލީލެކެވެ. (13)

މިދަލީލަށް ދޭ ރައްދު:

މަޙުރަމެއްނެތި ނުވަތަ ފިރިމީހާއާ ނުލައި ޙައްޖު ނުވެވޭނެކަމަށް ހުރި ޙަދީސްތަކާ މިއާޔަތާ ދެމެދުގައި އެއްވެސް ފުށުއެރުމެއްނެތެވެ. އެހެނީ އަންހެނާގެ ނިސްބަތުގައި ކުޅަދާނަކަން ލިބުމަކީ މަޙުރަމެއް ނުވަތަ ފިރިމީހާ ހުރުމެވެ. އެހެނީ ކީރިތި ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.) ގެ ކިބައިން އައިސްފައިވާ ޙަދީސްތަކުން ދަތުރުކުރާނެ ސަވާރީއެއް ލިބިފައިވުމުގެ އިތުރު ޙައްޖު ވާޖިބުވުމުގައި އަންހެނާގެ މައްޗަށް ދަތުރުގައި ބައިވެރިވާނެ މަޙުރަމެއް ނުވަތަ ފިރިމީހާ ހުރުން ލާޒިމުވެގެންވެއެވެ. މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫއުމާމާގެ އަރިހުން الإمام دارقطني ރިވާކުރައްވާފައިވާ މަރުފޫޢު(4) ޙަދީސެއްގައި އައިސްފައިވެއެވެ. "لاتسافر المرأة سفر ثلاثة أيام أو تحج إلا و معها زوجها" މާނައީ: ފިރިމީހާއާ ނުލާ، އަންހެނަކު ތިންދުވަހުގެ ދަތުރެއްކޮށްގެން ނުވަތަ ޙައްޖުވެގެންނުވާނެއެވެ. މިޙަދީސުގެ ޞަރީޙަ ނައްޞުން ދޭހަވާގޮތުގައި މަޙުރަމެއްނެތި ޙައްޖުވުންވެސް އަންހެނާގެ މައްޗަށްވަނީ ނަހީވެގެނެވެ.

މިއާޔަތުން އިމާމް އިބުނު ޙަޒުމު ނަންގަވާ ދަލީލަށް އިތުރަށް ބާރު ދެއްވުމުގެ ގޮތުން، އިސްވެ ދިޔަ ލިޔުމުގައި އަޅުގަނޑު ބަޔާންކުރި އިބްނު ޢައްބާސްގެ ޙަދީސް ބޭނުންކުރައްވައެވެ. އެޙަދީސަކީ: ކީރިތި ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށި) ޙަދީސްކުރެއްވިކަމަށް އިބްނު ޢައްބާސް ރިވާކުރައްވާފައިވެއެވެ. "لا يخلون رجل بإمرأة إلا و معها ذو محرم و لا تسافر المرأة إلا و مع ذى محرم" فقام رجل فقال: إن إمرأتي خرجت حاجة و إنى اكتتبت فى غزوة كذا و كذا قال: فانطلق فحج مع إمرأتك" (15) މާނައީ: ފިރިހެނަކު އަންހެނަކާއެކު އެކަނބުލޭގެގެ މަޙަރަމެއް ނެތި އެކަހެރިނުވާހުށިކަމެވެ. އަދ އަންހެނަކު މަޙުރަމަކާނުލާ ދަތުރު ނުކުރާ ހުށިކަމެވެ. އެހިނދު މީހަކު ތެދުވި އެކަލޭގެފާނަށް ދަންނަވައިފިއެވެ. އަޅުގަނޑުގެ އަންހެނުންވަނީ، އަޅުގަނޑު އެވެނި މިވެނި ހަނގުރާމައެއްގައި ވަނިކޮށް، ޙައްޖުވުމަށް ނުކުމެއެވެ. އެހިނދު ރަސޫލާ ޙަދީސްކުރެއްވިއެވެ. ކަލޭ ނުކުންނާށެއެވެ. އަދި ކަލޭގެ އަނބިމީހާއާއެކު، ޙައްޖުވާށެވެ.

މިޙަދީސުން އިމާމް އިބުނު ޙަޒުމު ދަލީލު ނަންގަވާ ގޮތް:

ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) މިޙަދީސްގައި ނަހީކުރެއްވިކަންތައް ކަމުގައިވާ މަޙުރަމަކާ ނުލައި ދަތުރުކުރުމުގެ ކުށްވަނީ ހިނގާފައެވެ. އެއީ އަންހެނަކު ދަތުރަށް ފިރިމީހާއާ ނުލައި ނުކުތުމެވެ. އަދި މީހަކުވަނީ އެކަލޭގެފާނުގެ އެރިހުން އެކަމާމެދު ސުވާލުކުރައްވާފައެވެ. އެއީ ފިރިމީހާ ނުވަތަ މަޙުރަމެއް ނުލާ ހައްޖަށް ނުކުތް އަންހެނެއްގެ ވާހަކައެވެ. ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) އަމުރުކުރެއްވީ ފިރިމީހާ އަންހެންމީހާއާ އެކީ ޙައްޖަށް ނުކުތުމަށެވެ. އެއްވެސް ޙާލެއްގައި އަނބިމީހާ އަނބުރާ އައުމަށް ނުވަތަ ގެނައުމަކަށް އަމުރެއް ނުކުރައްވައެވެ. އަދި ޙައްޖުވުމަށް ނުކުތުމަށް ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) ކުރެއްވި އަމުރުފުޅުން އިމާމް އިބްނުޙަޒުމު ނަންގަވާ ޙުކުމަކީ ޙައްޖުވުމަށް އަނބިމީހާއާއެކު، ނުކުތުން ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާކަމުގެ ޙުކުމެވެ. (16)

މިޙަދީސުން އިމާމް އިބުނު ޙަޒުމު ޙުއްޖަތް ދައްކަވާ ދެއްކެވުމަށް ރައްދުދެއްވަމުން އިމާމް ޝައުކާނީ ވިދާޅުފައިވާ ވާހަކައިގެ ޚުލާޞާއަކީ އަންނަނިވި ވާހަކަ ކޮޅެވެ. މަޙުރަމަކު ނުވަތަ ފިރިމީހާ ޙައްޖުވާން ނުކުންނަ އަންހެނާއާއެކު، ދަތުރުގައި ބައިވެރިވުމަކީ ޝަރުޠެއްކަމުގައިނުވާނަމަ، ކީރިތި ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށި) ހަނގުރާމައެއްގައި ޖިހާދުގެ މައިދާނަށް ނުކުންނަން ތައްޔާރުވަމުން ދިޔަ މީހަކު، އެތަނުން ފޮނުވާލައްވާ، އަނބިމީހާއާއެކީ ޙައްޖުވުމަށް އަމުރު ނުކުރައްވާނެއެވެ. (17)

މިރައްދަށް ރައްދުދެވިދާނެ ގޮތެއް:

ޙައްޖުވުމަށް ފިރިމީހާއަށް އަމުރުކުރެއްވި ކުރެއްވުމުން ދޭހަވަނީ އަނބިމީހާ ބޭނުންވެއްޖެ ޙާލަތެއްގައި ފަރުޟު ޙައްޖުގައި އޭނާއާއެކު، ނުކުތުމަކީ ފިރިމީހާގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމުގައެވެ. އެއްވެސް ޙާލެއްގައި ފިރިމީހާ ނުވަތަ މަޙުރަމު ނެތުމުން ޙައްޖު ވާޖިބުނުވާނެކަމުގެ ދަލީލެއް އެއަމުރު ފުޅުން ނުލިބެއެވެ.

މިރައްދުގެ ރައްދު:

މަޙުރަމު ނުވަތަ ފިރިމީހާ ޙައްޖަށް ނުކުންނަ އަންހެނާއާއެކު، ހުރުމަކީ ފަރުޟެއްކަމުގައިނުވާނަމަ، ޖިހާދުގެ މައިދާން ދޫކޮށް އަންހެން މީހާއާއެކު، ޙައްޖުވުމަށް ކީރިތި ރަސޫލާ ( އެކަލޭގެފާނުގެ މައްޗަށް ސަލާމާއި ޞަލަވާތް ލައްވާށި) އަމުރުނުކުރައްވާނެއެވެ. އެހެންކަމުން އެއަމުރުފުޅުގެ ފިޤުހީ ދޭހައަކީ އަންހެނާއަށް ޙައްޖުގެ ދަތުރަށް ފިރިމީހާއާ ނުލައި ނުކުތުން ހުއްދަވެގެންނުވުމެވެ. އަދި އަންހެނާ ފަރުޟު ޙައްޖަކަށް ނުކުންނަނީނަމަ، އޭނާއާއެކު، ނުކުތުން ފިރިމީހާއަށް ކުޅަދާނަވެގެންވާނަމަ، އޭނާގެ މައްޗަށް ލާޒިމުވުމެވެ.

ނޯޓު: މިހައި ހިސާބުން އިމާމް އިބުނުޙަޒުމު (އެކަލޭގެފާނަށް މާތްﷲ ރަޙުމަތްލައްވާށި)ގެ ރައުޔައާއި އެރައުޔައިގެ ދަލީލުތައް ދިރާސާކޮށް ބަޙުސްކޮށް ނިމުނީއެވެ. ދެން އޮތީ ޙަންބަލީ މަޛުހަބާއި ޙަނަފީ މަޛުހަބުގެ ރައުޔައެވެ. މާތްﷲ އިރާދަކުރެއްވިއްޔާ އަވަސް މުސްތަޤުބަލެއްގައި އެރައުޔަތަކާއި އެރައުޔަތަކުގެ ދަލީލާއި އެދަލީލުގެ ބަޙުސް ތިޔަ ބޭފުޅުންނަށް ހުށަހަޅައިދޭނަމެވެ.

و بالله التوفيق و هو المستعان

(ނުނިމޭ)

______________________________

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.