އާދީއްތަ20171217

އާކުރެވުނީ: 09:46:14

އުއްދަނޑި

uddhadi-1އުއްދަނޑި އަކީ ހަކުރު އުފައްދާ އަސާސީ މަޞްދަރެވެ. ފުރާ ފުރިހަމަވެފައިވާ އުއްދަނޑި ތޮށި ނައްޓައިގެން ކެއުމަށް ވެސް ބޭނުންކޮށް އުޅެއެވެ. އަދި ފަނިގިރައިގެން ވެސް ބޭނުންކުރެއެވެ. ދުނިޔޭގައި އެންމެ ގިނައިން އުއްދަނޑި ބޭނުންކޮށްގެން ހަކުރު އުފައްދާކަމަށް ރިކޯޑް ކުރެވިފައިވަނީ ބްރެޒިލް އެވެ.

ދިވެހި ނަން : އުއްދަނޑި
އިގިރޭސި ނަން : Sugar Cane
ޢިލްމީ ނަން : Saccharum Officianarum

އުއްދަނޑިން ލިބޭ ޞިއްޙީ ފައިދާތައް

• ހަކުރު ބަލި : އުއްދަނޑި އަކީ "ގްލައިސިމިކް އިންޑެކްސް"(Glycemic Index) ދަށް ކާނާގެ ބާވަތެކެވެ. ގްލައިސިމިކް އިންޑެކްސް ދަށް ކާނާގެ ބާވަތްތަކަކީ ހަކުރު ބަލީގެ މީހުންނަށް ފަސޭހައިން ބޭނުންކުރެވިދާނެ، އަދި ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ. ނަމަވެސް ބޮޑެތި މީހުންނަށް ދިމާވާ ހަކުރު ބަލީގެ ދެވަނަ ވައްތަރު ހުންނަ ކަމުގައިވާނަމަ، އުއްދަނޑި ކެއުމުގައި ވަކި ހުދޫދެއް އޮވެފައި ސަމާލުވުމަކީ މުހިއްމު ކަމެކެވެ.

- އުއްދަނޑި އަކީ ގްލައިސިމިކް އިންޑެކްސް ދަށް އެއްޗަކަށްވުމުން، އުއްދަނޑި ނުވަތަ އޭގެ ޖޫސް ބޭނުންކުރި ނަމަވެސް، ލޭގައި ހުންނަ ހަކުރުގެ މިންވަރަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އަދި ލޭގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ އެވެ. އަދި މިފަދަ ކާނާގެ ބާވަތްތަކީ އިންސިއުލިން އުފެއްދުން މަދުކޮށް، ލޭގައި ހަކުރުގެ މިންވަރު ހަމަހަމަކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ.

• ކެންސަރުން ރައްކާތެރިވުން : އުއްދަނޑި އަކީ ތަބީޢަތުގައި "އެލްކަލައިން"(Alkaline) އެއްޗަކަށްވުމުން ކެންސަރާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެހީތެރިވެދެއެވެ. ޚާއްޞަކޮށް އުރަމަތީގެ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރި ވުމުގައި އެހީތެރިކަން ފޯރުކޮށް ދެއެވެ.

- އެންޓި އޮކްސިޑެންޓް ކަމްޕައުންޑް ތައް : 2006 ވަނަ އަހަރު ބްރެޒިލްގެ ސައުޕޯލޯ ޔުނިވަސިޓީ އިން ހެދި ދިރާސާއެއް ބުނާގޮތުގައި، އުއްދަނޑި ޖޫހަކީ ފްލޭވޮނޮއިޑް ތަކާއި، ފީނޯލިކް ކަމްޕައުންޑްތަކުން މުއްސަދި އެއްޗެކެވެ. މި ދެވައްތަރަކީ ވެސް އެންޓި އޮކްސިޑެންޓްގެ ގޮތުގައި ހަރަކާތްތެރިވާ ފައިޓޯކެމިކަލް ތަކެވެ. އެންޓި އޮކްސިޑެންޓް ތަކަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ އަނިޔާ ކުޑަކޮށް، ކެންސަރާއި ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ.

• ހަށިގަނޑަށް ހަކަތައާއި ބާރު ފޯރުކޮށްދިނުން : އުއްދަނޑިން ހަށިގަނޑަށް ގުލްކޯޒު ފޯރުކޮށް ދެއެވެ. އަދި މިގުލްކޯޒު ހުންނަނީ ގްލައިކޯޖަން ގެ ގޮތުގައި މަސްތަކުގައި ރައްކާކުރެވިފައެވެ. ހަށިގަނޑަށް ހަކަތަ ބޭނުންވުމުން މަސްތަކުގައި ހުންނަ ހަކުރު އަންދައިގެން ހަށިގަނޑަށް ހަކަތަ އާއި ބާރު ފޯރުކޮށް ދެއެވެ. އެހެންކަމުން އުއްދަނޑިއަކީ ހަށިގަނޑަށް ހަކަތައާއި ބާރު ފޯރުކޮށްދޭ މަޞްދަރެއް ކަމުގައި ބެލެވެއެވެ. މީގެ އިތުރުން އުއްދަނޑީގައި ކާބޯހައިޑްރޭޓް ހުރެއެވެ. މިސަބަބުތަކާހުރެ ކުޅިވަރުތައް ކުޅުމާއި، ބުރަ މަސައްކަތުގައި އުޅޭމީހުން ހަށިގަނޑުގައި ވަރު ޖެއްސުމަށް އުއްދަނޑި ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. 100 ގުރާމްގެ އުއްދަނޑި ޖޫހުގައި 84 ކިލޯކެލޮރީ ހުރެއެވެ.

- ގިނައިރު ތަކެއް ވަންދެން ކަސްރަތުކުރުމުގައި ނުވަތަ އަވީގައި ނުވަތަ ހޫނުގެ ތެރޭގައި އުޅެންޖެހުމަކީ ވަރަށް ގިނަ ފަހަރު ހަށިގަނޑުން ފެންމަދުވާނެ ކަމެކެވެ. މިފަދަ ޙާލަތުގައި އުއްދަނޑި ޖޫސް ތައްޓެއް ބޯލުމުން، ހަށިގަނޑުން އުނިވެފައިވާ ފެނުގެ ބައި އަނބުރާ ހަށިގަނޑަށް ހޯދައިދޭނެ އެވެ.

- އެންމެ އުއްދަނޑި ފަނި ތައްޓަކުން ވެސް 21 ގްރާމްގެ ކާބޯހައިޑްރޭޓް ލިބެއެވެ. އެގޮތުން ހުންނަނީ ގުލްކޯޒު އަދި ފުރަކްޓޯޒު އެވެ. ޑައެޓްރީ ފައިބަރު އަދި ސްޓާރޗް އެއް ނުހުރެއެވެ.އެއްވެސް ވަރަކަށް ތެޔޮ ނުވަތަ ސަރުބީ އެއް ނުހުރެއެވެ.

• ކުޑަކަމުދާ ނިޒާމްގެ މައްސަލަތައް : އުއްދަނޑި އަކީ ކުޑަކަމުދާ ނިޒާމް ސާފުކޮށްދީ، ގުރުދާގެ މަސައްކަތް ހަރުދަނާކޮށް ރަގަޅުކޮށްދޭ އެއްޗެކެވެ. އެސިޑްގެ މިންވަރު މަތިވުމުން ކުރިމަތިވާ ކުޑަކަމުދިއުމުގެ މައްސަލައަށް ވެސް އުއްދަނޑި އަކީ ރަގަޅު އެއްޗެކެވެ. ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުމުން ކުޑަކަމުދާ އިރު ދިލަނަގައި ތަދުވާނަމަ، އުއްދަނޑި ޖޫސް ބޭނުންކުރުމުން ލުއިވެއެވެ. މީގެ އިތުރުން ކިހުނުވުން، ޕްރޮސްޓޭޓް ބޮޑުވާ ބަލި، މަސާނާ ދުޅަވުން، އަދި ގުރުދާ ދުޅަވުން ފަދަ ހާލަތްތަކުގައި ވެސް އުއްދަނޑި ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ. އުއްދަނޑި ޖޫހާއި، ލުނބޯ ޖޫހާއި، އިގުރު ޖޫސް އަދި ކުރުބާ ފަނި އެއްކޮށްގެން ބޭނުންކުރުން މޮޅު އިތުރުކަމަށް ބުނެވެއެވެ.

• ހުންއައުން : ހުންއައުމުން ބޭނުންކުރަން ވަރަށް ރަގަޅު އެއްޗަކަށް އުއްދަނޑިވަނީ ވެފައެވެ. ހުންއައުމުން ވަރަށް ގިނަ ފަހަރު ހަށިގަނޑުން ގިނަ އަދަދެއްގެ ޕްރޮޓީން އުނިވެގެން ދެއެވެ. އުއްދަނޑި ޖޫސް ބޭނުންކުރުމުން އެގޮތުން އުނިވެފައިވާ ޕްރޮޓީންގެ ބައިތަކާއި، އަދި އެހެނިހެން ކާނާގެ ބައިތައް އަނބުރާ ހަށިގަނޑަށް ހޯދައިދެއެވެ.

• ކޯއެންޒައިމް –ކިޔޫ10 : ކޯއެންޒައިމް – ކިޔޫ10(Coenzyme Q-10) އަކީ، ހިތާއި، ފުރަމޭ، ޗިސްމޭ، އަދި ގުރުދާގެ މަސައްކަތްތަކަށް ބޭނުންތެރި އެންޒައިމެކެވެ. ބައެއް ގައުމުތަކުގައި ހިތުގެ މައްސަލަތަކަށް ފަރުވާކުރުމަށް ވެސް މި އެންޒައިމް ބޭނުން ކުރެއެވެ. މިއެންޒައިމް އުފައްދަނީ އުއްދަނޑި އާއި ބައެއްކަހަލަ "ޔީސްޓް"(yeast) ގެ ސްޓްރެއިންތައް "ފާމެންޓް"(Ferment) ކޮށްގެންނެވެ.

• ރީނދޫވުން : ރީނދޫވުމަކީ ހަށިގަނޑުގެ ދިޔަތަކުގެ ތެރޭގައި، "ބިލިރޫބިން"(Bilirubin) ކިޔާ މާއްދާއެއްގެ މިންވަރު މަތިވުމުން، ހަށިގަނޑުގެ ތެތްދުލި ފަށަލަތަކާއި، ހަންގަނޑުގެ ކުލަ މަޑު ރީނދޫ ކުލައަކަށް ބަދަލުވުމެވެ. މިއީ ފުރަމޭ އިން ކުޑަގޮހޮރަށް ބައިލް ގެންދާ މަގު ބެދުން، ނުވަތަ ފުރަމޭ ރަގަޅަށް މަސައްކަތް ނުކުރުމުން ދިމާވެދާނެ ކަމެކެވެ. ތާޒާ އުއްދަނޑި ޖޫސް ތައްޓެއް، ލުނބޮއެއް ނުވަތަ ދެލުނބޮއެއްގެ ހުތާއި އެއްކޮށްގެން ބޭނުންކުރުމުން ރީނދޫވުމުގެ އަސަރު ވަރަށް އަވަހަށް ފިލައިދާކަމުގައި ބުނެވެއެވެ.

• އެހެނިހެން ފައިދާތައް :

o ބެލެވިފައިވާ ގޮތުގައި އަރިދަފުސް ރޯގާ، ވައިރަލް ހުން، އަދި ކަރުތެރެ ހަލާކުވުން ފަދަ ޙާލަތްތަކުގައި އުއްދަނޑި ބޭނުންކުރުމުން ވަރަށް އަވަހަށް ރަގަޅުވެއެވެ.

o އުއްދަނޑި އަކީ ހަޖަމުކުރުން ރަގަޅުކޮށްދޭ އެއްޗެކެވެ. އުއްދަނޑީގައި ޕޮޓޭސިއަމް ގިނައިން ހުރުމަކީ އެކަމުގެ ސަބަބުން ބަނޑުސާފުވެ، ބޮޑުކަމުދިއުމަށް ފަސޭހަކޮށްދޭނެ ކަމެކެވެ.

o އުއްދަނޑި ޖޫހަކީ ދަތްފަނިކެއުމުން ދުރުކޮށް ރައްކާތެރިކޮށްދޭ އެއްޗެކެވެ.

o އުއްދަނޑި އަކީ މައިދާ، ގުރުދާ، ޖިންސީ ގުނަވަން، ހިތް، ލޯ، ސިކުނޑި ފަދަ ގުނަވަންތަކުގެ މަސައްކަތް ހަރުދަނާކޮށް ރަގަޅުކޮށްދޭ ކާނާގެ ބާވަތެކެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.