އަންގާރަ20171107

އާކުރެވުނީ: 09:46:14

މާބަނޑު ދުވަސްވަރު - ބަނޑުގައި ރިހުން

maabadu bandugai rihunމާބަނޑު ދުވަސްވަރު ދޭތެރެ ދޭތެރެއިން ދަށްބަނޑުގައި ނުވަތަ ބަނޑުގައި ރިހުމަކީ ވަރަށް ތަބީޢީ، އަދި އާންމު ކަމެކެވެ. މާބަނޑު ދުވަސްވަރު ބައެއް ފަހަރު ބަނޑުގައި ރިހުމަކީ މާބޮޑު ކަމަކަށް ނުވިނަމަވެސް، އަނެއްބައިފަހަރު ބަނޑުގައި ރިހުމަކީ ނުރައްކަލެއް އުޅޭކަމުގެ ނިޝާނަކަށް ވެދާނެ އެވެ. ބަނޑުގައި ރިއްސުމަކީ ނުރައްކާތެރި، އަދި ނުރައްކާތެރި ނޫން ކަމެއްގެ ސަބަބުން ވެސް ކުރިމަތިވެދާނެ އެވެ. ބަނޑުގައި ރިއްސާ ސަބަބު، އަމިއްލައަށް ދެނެގަތުމަށް އުޅުމަކީ ރަގަޅު ކަމެއް ނޫނެވެ.

ބަނޑުގައި ރިހުމާއެކު، ކުރިމަތި ފަރާތުން ލޭފޭބުން، ކުރިމަތި ފަރާތުން އެއްޗެތި އައުން، ހުންއައުން، ކުޑަކަމުދާން އުދަނގޫވުން، އަނބުރައިގަތުން، މޭނުބައިކޮށް ހޮނޑުލެވުން، ތަދުނުފިލާ ގިނައިރުވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުން ބުއްދިވެރި އެވެ.

ބަލިވެއިނުމާއި ވިދެގެން ރަހިމުބޮޑުވަމުން އަންނައިރު ރަހިމު ހިފެހެއްޓުމަށްޓަކައި އޭގެ ވަށައިގެންލެވިފައިވާ އެއްސުން(Ligament)ތައް ދެމި،ވާންވެ،ބާރުވާގޮތް ވެއެވެ. މިކަމުގެ ސަބަބުން މައިމީހާއަށް ދަށްބަނޑުގައި ރިހުން އިހްސާސް ކުރެވެއެވެ. އާންމުގޮތެއްގައި ރިހުން ހުންނަނީ ބަނޑުގެ އެއްފަރާތެއްގައެވެ. ގިނަމީހުންނަށް މިމައްސަލަ ކުރިމަތިވަނީ 24-18ވަނަ ހަފްތާއާއި ދޭތެރޭގެ މުއްދަތެއްގައެވެ. ނަމަވެސް މާބަނޑުވުމަށްފަހު ކޮންމެ ދުވަސްވަރެއްގައި ބަނޑުގައި ރިހުމަކީ ވެދާނެ ކަމެކެވެ.

ސަބަބުތައް

މާބަނޑު ދުވަސްވަރު ބަނޑުގައި ރިހުން ދެގޮތަކަށް ބަހާލެވިދާނެ އެވެ. އެއީ އޭގެ ސަބަބުން ނުރައްކަލެއްނެތް ބަނޑުގެ ރިހުމާއި، އެއީ ނުރައްކަލެއްގެ ނިޝާނަކަށް ވެދާނެ ބަނޑުގައި ރިހުމެވެ.

މާބަނޑު ދުވަސްވަރު އާންމުކޮށް ބަނޑުގައި ރިހުން މެދުވެރިވާ ސަބަބުތައް

މާބަނޑު ދުވަސްވަރު ބަނޑުގައި ރިހުމަކީ އާންމު ކަމެކެވެ. އަދި ކޮންމެ ފަހަރަކު ބަނޑުގައި ރިއްސަނީ މާބޮޑު ނުރައްކަލެއް އުޅޭތީކީ ނޫނެވެ. އަދި މިފަދަ ރިހުމަކީ މާބޮޑު މައްސަލަތަކެއް ނުވަތަ ނުރައްކާތަކެއް ކުރިމަތިވާ ކަމެއް ނޫނެވެ. މާބަނޑު ދުވަސްވަރު ބަނޑުގައި ރިހުމަށް މެދުވެރިވާ، ނަމަވެސް އެއިން ނުރައްކަލެއްނެތް ސަބަބުތަކުގެ ތެރޭގައި:-

(ހ) - ރައުންޑް ލިގަމެންޓް އަށް ތަދުވުން :ރައުންޑު ލިގަމެންޓަކީ ރަހިމުގެ ދެފަރާތުން ފެށިގެން ކުރިމަތިފަރާތަށް (އުކުޅުވަޅަށް) ގޮސްފައި އިންނަ ފައިބަރުގަޑެއް ކަހަލަ އެއްޗެކެވެ. މިއީ ރަހިމުގެ ހިފަހައްޓައިދިނުމަށް ގުދުރަތީގޮތުން ލެވިފައިވާ އެއްސުމެކެވެ. މާބަނޑުވެ، ރަހިމު ބޮޑުވާ ވަރަކަށް މި ލިގަމެންޓަށް ދެމި، ވާންވާނެ އެވެ. މިއީ ތޫނު އެއްޗެއް ހަށިގަނޑަށް ކޮށްޕައިލީމާ ވާހަކަ ތޫނު ތަދެކެވެ. އާންމު ގޮތެއްގައި ތަދުވާނީ ބަނޑުގެ ދެފަރާތުގެ އަރިމަތިންނެވެ. ބައެއް ފަހަރު އެއްފަރާތުގެ އަރިމަތިން ވެސް ތަދުހުރުމަކީ ވެދާނެ ގޮތެކެވެ. މިތަދު ފެށިގެން އަންނަނީ ނުވަތަ ތަދުވާން ފަށަނީ ބަނޑަށް 4 މަހުން ފެށިގެންނެވެ. ނުވަތަ މާބަނޑުވުމަށްފަހު 2 ވަނަ 3 މަހުގެ ތެރޭގައެވެ. އެދުމަތީގައި ފުރޮޅިލެވޭގޮތަކުން، މަސައްކަތެއް ކޮށްލުން، ނުވަތަ ކެއްސާލާއިރު ވެސް މިތަދު އަރައިފާނެ އެވެ.

(ށ) - ބަނޑުގައި ގޭސް އުފެދުމާއި، ބަނޑުހަރުވުން : ބަނޑުގައި ގޭސް އުފެދެނީ މާބަނޑުވުމުން، ޕްރޯޖެސްޓަރޯން ހޯރމޯންގެ މިންވަރު އިތުރުވާތީ އެވެ. މިހޯރމޯން ދޫކުރުން އިތުރުވުމުން، ހަޖަމުކުރުން ލަސްވެ، ބޮޑުވަމުން އަންނަ ރަހިމުން މައިދާއާއި، ގޮހޮރަށް ފިއްތާތީ، ކާތަކެތި ހަޖަމުކުރާ ނިޒާމުގައި ދައުރުވުން ލަސްވެއެވެ. ނަތީޖާއެއްގެ ގޮތުން ބަނޑުހަރުވެ، ބަނޑަށް އުދަނގޫވާގޮތް (ބަނޑުގައި ރިހޭގޮތް) ވެއެވެ.

(ނ) - ރަހިމަށް ވާންވުމާއި ދޫވުމުގެ ސަބަބުންވާ ތަދު : ގާތްގަޑަކަށް ބަނޑަށް 4 މަސް ނުވަތ 5 ވަނަ މަހުން ފެށިގެން ރަހިމަށް ވާންވެ ދޫވާ ކަމުގެ އިހުސާސް ބައެއް ވަގުތު ކުރެވޭނެއެވެ. ބަނޑަށް 37 ހަފުތާ ވުމުގެ ކުރިން މިގޮތަށް ވާނީ އެކިފަހަރު އެކިވަރަށް އެކި ވަގުތު އެވެ. އަދި އާއްމިގޮތެއްގައި ބަނޑަށް ކޮންމެވެސް ވަރަކަށް އުދަގޫވިޔަސް ތަދު ވަރަށް ނުވާނެއެވެ. މިއިހުސާސާއި އެކު ދަށްބަނޑުގައި ރިއްސސާ ނަމަ އަވަހަށް ޑޮކުޓަރަށް ދާށެވެ. ފަހަރުގައި މިއީ ދުވަސް ނުފުރައި ވިހެއުމުގެ އަލާމާތަކަށް ވުމަކީ ވެދާނެ ކަމެކކެވެ. (ޑރ ފައިޞަލް- ކަވާސާ.ކޮމް)

މާބަނޑު ދުވަސްވަރު ބަނޑުގައި ރިހުމަށް މެދުވެރިވާ ނުރައްކާތެރި ބައެއް ސަބަބުތައް

މާބަނޑު ދުވަސްވަރު ބަނޑުގައި ރިހުމަށް މެދުވެރިވެދާނެ ނުރައްކާތެރި ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.

(ހ) - ރަހިމުން ބޭރުގައި ގަރުބަގަތުން : ރަހިމުން ބޭރުގައި ގަރުބަގަތުމަކީ ބަލިވެއިންނަ ކޮންމެ 50 އަންހެނުންގެ ތެރެއިން އެކަކަށް ކުރިމަތިވެދާނެ ހާލަތެކެވެ. މިކަން ކުރިމަތިވަނީ ރަހިމުން ބޭރުގެ ކޮންމެވެސް ހިސާބެއްގައި މުޑުވަށްވެފައިވާ ބިސް ހަރުލައި، ގަރުބަގަތުމުންނެވެ. އާންމު ގޮތެއްގައި އެގޮތުން ބިސް ގަރުބަގަންނަނީ، ބިސްދަތުރުކުރާ ހޮޅީގެ ތެރޭގައެވެ. މިހެން ދިމާވެއްޖެނަމަ މާބަނޑުވާތާ ކުރީކޮޅު (ފުރަތަމަ 3 މަހުގެ ތެރޭގައި) އުދަނގޫވާން ފަށާނެއެވެ. އެގޮތުން މާބަނޑުވާތާ 10-6 ހަފްތާއާއި ދޭތެރޭގައި، ވަރަށް ބޮޑަށް ބަނޑުގައި ރިއްސައި، ކުރިމަތި ފަރާތުން ލޭފައިބާނެ އެވެ.

ރަހިމުން ބޭރުގައި ގަރުބަގަތުމަކީ ފަރުވާނުކޮށްފިނަމަ، (ބިސްދަތުރުކުރާ ހޮޅި ފަޅައިގެން ދިއުމުގެ ސަބަބުން) ފުރާނައަށް ގެއްލުންވެދާނެ ހާލަތެކެވެ. ދަށްބަނޑުގައި ރިހުން، ކުރިމަތި ފަރާތުން ލޭފޭބުން، މަސައްކަތެއްކޮށްލާއިރަށް ބަނޑުގައި ރިހުން ބޮޑުވުން، ކެއްސާއިރު، ނުވަތަ ބޮޑުކަމުދާއިރު ތަދުބޮޑުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. ކޮނޑުގައި ރިހުމާއެކު، މާގިނައިން ކުރިމަތިފަރާތުން ލޭފޭބުމާއެކު، އަނބުރައިގަނެއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ފުރުޞަތު ބޮޑުކުރާ ކަންތައްތަކުގެ ތެރޭގައި ކުރިން ރަހިމުން ބޭރުގައި ގަރުބަގަނެފައިވުން، ރަހިމުން ބޭރުގައި ރަހިމުގެ ބަތާނަފަށުގެ ސެލްތައް އުފެދުން، ނުވިހާ އޮޕަރޭޝަންކުރުން ( ބިސްދަތުރުކުރާ ހޮޅީގައި ގޮށްޖެހުން)، އަދި ދޭތެރެ ދުރުކުރުމަށް ރަހިމަށް އެތިކޮޅު ލެއްވުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) - މަހުން ބައެއް ރަހިމުން ވަކިވުން : މަހުން ބައެއް ރަހިމުން ވަކިވުމުގެ މާނައަކީ މަހުން ބައެއް ރަހިމުގެ އެތެރޭ ފާރާއި ވަކިވެ، ދުރުވުމެވެ. މަހުން ބައެއް ރަހިމާ ވަކިވުމަކީ ފުރާނައަށް ނުރައްކާވާނެ ހާލަތެކެވެ. މިހާލަތުގައި އާންމުކޮށް ދަރިފުޅު އުފަންވުމުގެ ކުރިން މަހުން ބައެއް ނުވަތަ މަސް ރަހިމާ ވަކިވާނެއެވެ. މަހުން ބައެއް ރަހިމުން ވަކިވުމުގެ އެއް އަލާމާތަކީ ނުފިލާ އެއްގޮތަކަށް ހުންނަ ތަދެއް ބަނޑުގައި ހުރުމެވެ. މީގެ އިތުރުން ކުއްލިއަކަށް ކުރިމަތިފަރާތުން ލޭފޭބުން، ނުވަތަ މާއަވަހަށް ފެންދުލި ފަޅައިގެންދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. ދަށްބަނޑުގައި ބީހިލުމާއެކު ރިހުން، ބުރަކަށީގައި ރިހުން، އަދި ލޭކުލައަކަށް ހުންނަ ހަޑިއެއްޗެހި ކުރިމަތިފަރާތުން އައުމަކީ ވެސް މަހުން ބައެއް ރަހިމުން ވަކިވެއްޖެނަމަ ފެނިދާނެ އަލާމާތްތަކެކެވެ.

(ނ) - ބައިގެންދިއުން : ބަލިވެ އިންނަ މީހުންގެ ތެރެއިން 20-15 އިންސައްތަ މީހުންނަށް ބައިގެންދިއުން ކުރިމަތިވެއެވެ. އާންމު ގޮތެއްގައި ބައިގެންދިއުން ކުރިމަތިވަނީ ފުރަތަމަ 3 މަހުގެ (13 ހަފްތާ) ތެރޭގައެވެ. ނަމަވެސް ފުރަތަމަ 20 ހަފްތާގެ ތެރޭގައި ދަރިފުޅު ބީވެގެންދިޔަ ނަމަވެސް، އެއީ ބައިގެންދިއުން ކަމުގައި ބެލެވޭނެ އެވެ. ބައިގެންދިއުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބުރަކަށީގައި ރިހުން، ބަނޑުގައި ރިހުން، ކުރިމަތިފަރާތުން މުށި-މަޑު ރަތްކުލައިގައި ހުންނަ ލޭފޭބުން، ނުވަތަ ކުރިމަތި ފަރާތުން ގަނޑުލޭކޮޅެއް ކަހަލަ އެއްޗެއް އައުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބައިގެންދާނަމަ ފުރަތަމަ ކުރިމަތި ފަރާތުން ލޭފައިބާނީ އެވެ. ބަނޑުގައި ރިއްސާނީ އޭގެ ފަހުންނެވެ. ކުރިމަތި ފަރާތުން ވަރަށް މަދުން ނޫނީ ވަރަށް ގިނައިން އައުމަކީ ވެދާނެ ގޮތެކެވެ. މާބޮޑަށް ބަނޑުގައި ރިހުމާއެކު، ކުރިމަތި ފަރާތުން މާގިނައިން ލޭފައިބާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

(ރ) - ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުން : މާބަނޑުވުމަކީ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމާއި، ގުރުދާއާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމަށް، އެކަށޭނަ ފަރުވާ ނުކޮށްފިނަމަ، ނުރައްކާތަކާ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމުން އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ކުޑަކަމުދާއިރު އުދަނގޫވުން، ތަދުވުން، ދިލަނެގުން، އަދި ދަށްބަނޑުގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ. ބުރަކަށީގެ ތިރިން އުނަގަނޑު މަތީގައި ރިހުން، ބަނޑުގެ ދެއަރިމަތިން އަރިކަށީގެ ތިރިއަށް ތަދުވުމާއެކު، ހުންއައިސް، މޭނުބައިކުރުމާއެކު، ދާހިއްލާނަމަ، އެއީ ގުރުދާއަށް ޖަރާސީމުގެ އަސަރު ފޯރީކަމުގައި ބެލެވިދާނެ އެވެ. މިއުދަނގޫތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަކީ ބުއްދިވެރި ކަމެކެވެ.

މަސާނާގައި ޖަރާސީމު އެޅުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާއިރު އުދަނގޫވުން، ތަދުވުން، ދިލަނެގުން، ދަށްބަނޑަށް އުދަނގޫވުމާއެކު، ދަށްބަނޑުގައި ރިހުން، އަވަސް އަވަހަށް ކުޑަކަމުދާންޖެހުން، ކުޑަކަމު ނަޖިސް ފުސްވުން، އަދި ކުޑަކަމުނަޖިހުން އާދަޔާ ޚިލާފަށް ނުބައިވަސް ދުވުން، ކުޑަކަމު ނަޖިހުގައި ލޭހުރުން، ފަދަ ކަންތައްތައް ހިމެނެއެވެ. މިއިން ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އެހެނީ މަސާނާގައި ޖަރާސީމު އެޅުމަށް ފަރުވާނުކޮށްފިނަމަ، ގުރުދާއަށް ޖަރާސީމުގެ އަސަރުކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ދުވަސްނުފުރާ ވިހެއުމަކީ ވެދާނެ ކަމެކެވެ.

ގުރުދާއަށް ޖަރާސީމުގެ އަސަރު ފޯރައި، ގުރުދާގެ ތެރޭގައި ޖަރާސީމު ހަރުލުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހީކަރުވައި، ތުރުތުރުއަޅާވަރަށް ހުންއައުން، ނުވަތަ ދާހިއްލުން، އުނަގަނޑުގައި ރިހުން، ބަނޑުގެ ދެފަރާތުން އަރިކަށީގެ ތިރިއަށް ތަދުވުން، ދަށްބަނޑުގައި ރިހުން، މޭނުބައިކުރުން، ހޮނޑުލެވުން، އަދި ކުޑަކަމު ނަޖިހުގައި ލޭހުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މިއިން އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

(ބ) - ބަލިވެއިނުން ވިހަވުން : ބަލިވެއިނުން ވިހަވުން ނިސްބަތްކުރެވެނީ މާބަނޑުވާތާ 20 ހަފްތާގެ ފަހުން ލޭގެ ޕްރެޝަރު މައްޗަށްދިއުމާއެކު، ކުޑަކަމު ނަޖިހުގައި ޕްރޮޓީން ހުންނަ މަތިވުމަށެވެ. މިއީ ހަމައެކަނި މާބަނޑު ދުވަސްވަރު ދިމާވާ ހާލަތެކެވެ. މިހާލަތު ކުރިމަތިވުމުން، ލޭހޮޅިތަކަށް ބަދަލުއައިސް، ފުރަމޭ، ގުރުދާ، ސިކުނޑި، އަދި ރަހިމުގައިވާ "ވާމަސް"އަށް އަސަރު ކުރެއެވެ. މިކަން ކުރިމަތިވުމުން ބަނޑުގެ ކަނާތް ފަރާތުން މަތީގައި އަރިކަށިތަކުގެ ތިރިން ތަދެއް ހުންނާނެ އެވެ. މީގެ އިތުރުން މޭނުބައިކުރުމާއި، ހޮނޑުލުން، މޫނާއި، ލޮލުގެ ބޮޑިއާއި، އަތްފައި ފޮއްސިވެ ދުޅަވުން، އަދި ބަނޑަށް ވާންވެ ތަދުވުމަކީ ބަލިވެއިނުން ވިހަވުމުން ފެނިދާނެ އަލާމާތްތަކެވެ. މީގެ އިތުރުން ބޮލުގައި ރިހުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ގުރުދާ އާއި، ފުރަމޭގެ ޓެސްޓުތަކުގެ ނަތީޖާއަށް ބަދަލުއައުމަކީ މިހާލަތުގައި ދިމާވެދާނެ ކަމެކެވެ. މިއިން އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަކަށް ދައްކަން ހަދާން ބަހައްޓާށެވެ.

(ކ) - ދުވަސްނުފުރާ ވިހެއުން : ދުވަސްނުފުރާ ވިހެއުން ކަމަށް ބަލަނީ ބަނޑަށް 37 ހަފްތާވުމުގެ ކުރިން ވިހެއުމަށެވެ. ބަނޑަށް 37 ހަފްތާވުމުގެ ކުރިން އަންނަނިވި އަލާމާތްތަކުން އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. •

ކުރިމަތި ފަރާތުން މާގިނައިން ދިޔާއެއްޗެހި ފޭބުން 

ކުރިމަތި ފަރާތުން ފައިބާ އެއްޗެހީގެ ސިފަ ބަދަލުވުން

 ކުރިމަތި ފަރާތުން ލޭފޭބުން

ބަނޑުގައި ރިހުން

ގަޑިއެއްގެ ތެރޭގައި 4 ފަހަރަށްވުރެ ގިނައިން ރަހިމުގެ ވާންވާކަމުގެ އިހުސާސްވުން

ދަށްބަނޑަށް ބާރުބޮޑުވެ ތަދުވުން

އުނަގަނޑުގައި ރިއްސުން

(އ) - އެހެން ބައެއް ސަބަބުތައް : ބަނޑުގައި ރިއްސަން މެދުވެރިވާ ތަފާތު ކަންކަމުގެ ސަބަބުން ވެސް މާބަނޑު ދުވަސްވަރު ވެސް ބަނޑުގައި ރިހުމަކީ ވެދާނެ ކަމެކެވެ. އެގޮތުން ބޭރަށްހިންގުން، އެޕެންޑިކްސް ދުޅަވުން، ފިތުގައި ހިލަ އުފެދުން، ގުރުދާގައި ހިލައުފެދުން، ޗިސްމޭ ދުޅަވުން، ފުރަމޭ ދުޅަވުން، ފިތުގެ ބަލިތައް، ގޮހޮރު ބެދުން، ރަހިމުގައި ފައިބްރޮއިޑް އުފެދުން، އަދި ކާތަކެއްޗަށް ވިހަވުން ފަދަ ކަންކަމަކީ ވެސް ބަނޑުގައި ރިހުން މެދުވެރިކޮށްފާނެ ކަންކަމެވެ.

ބަނޑުގައި ރިހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

ތިރީގައި މިބަޔާންކޮށްލަނީ މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

  • ބަނޑުގައި ރިއްސަން ފެށުމުން ހިނގާލުން، ނުވަތަ ކޮންމެވެސް ކަހަލަ ފަސޭހަ ހަރަކާތެއް (ކަސްރަތެއް) ކޮށްލުން
  • ބަނޑުގައި ރިއްސަށް ފެށުމުން ކުރިއަށް ލެބިލުން
  • ތާފަނާ ފެނުން ފެންވެރުން
  • ވީވަރަކުން އަރާމުކުރުން
  • ތަނެއްގައި އޮށޯވެ އޮންނައިރު އެއްގޮތަކަށް އަބަދު ނޯވެ، އޮންނަގޮތް ބަދަލުކުރުން
  • ގިނަގިނައިން ފައިދާހުރި ދިޔާތަކެތި ބުއިން
  • ބަނޑުގައި ރިހުން މެދުނުކެޑި ހުރިނަމަ ޑޮކްޓަރަކާއި މަޝްވަރާކުރުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.