އަންގާރަ20171107

އާކުރެވުނީ: 09:46:14

Back ކަވާސާ ސިޔާސަތާއި ޤާނޫނު ސިޔާސަތާއި ޤާނޫނުގެ ބައިތައް ސިޔާސީ އިސްލާމީންނާއި ޢަލްމާނީންގެ ގާތުގައި ދީނާއި ސިޔާސަތުގެ ގުޅުން..

އިސްލާމީންނާއި ޢަލްމާނީންގެ ގާތުގައި ދީނާއި ސިޔާސަތުގެ ގުޅުން..

dheen siyaasa 2

 

ދީން، އަދި ސިޔާސަތު މި ދެ މަފްހޫމު އަހަރެމެންނަށް އެނގިއްޖެނަމަ، މިދޭތި އެކަތި އަނެކައްޗާއި އޮންނަ ގުޅުން އަހަރެމެންނަށް ދެނެގަނެވިދާނެއެވެ.

އެއީ، އެއިން އެކަތި އޮވެއްޖެނަމަ އަނެކަތި ނޯންނާނެ ފަދަ، އިދިކޮޅު އަދި މުޑިއަރާ ގުޅުމެއްހެއްޔެވެ؟ ނުވަތަ އެއީ، އެކަތި އަނެކައްޗާ ނުލާ ނުއުޅެވޭނެ، އެކަތި އަނެކައްޗާ ވަކިނުވާނެ ފަދަ، ގުޅި ލާމެހިފައިވާ ގުޅުމެއްހެއްޔެވެ؟

ނުވަތަ އެއީ، ދީނީގޮތުން ނުވަތަ މަޛްހަބީ ގޮތުން ނުވަތަ ނަސްލުގެ ގޮތުން ނުވަތަ ޤައުމީ ގޮތުން ތަފާތު ދެ މީހަކު އެކަކުއަނެކަކު ދެނެގަނެ ހަމަޖެހިގެން އުޅޭހެން، އައިޑިއޮލޮޖީ ތަފާތު ދެ ޤައުމެއް ސުލްޙަވެރިކަމާއެކު އެކުއެކީގައި އުޅެން އެނގޭހެން، އެކުއެކީ އުޅެވޭނެ އަދި އެކަތި އަނެކައްޗަށް އެނގިދެނިވެއުޅެވޭނެ ދެ އެއްޗެއްހެއްޔެވެ؟

ޢަލްމާނީން (ސެކިއުލަރިސްޓުން) ދެކޭގޮތް:

މޮޑަނިސްޓުންނާއި މާކްސިސްޓުންނާއި ސެކިއުލަރިސްޓުން، ދީނާއި ސިޔާސަތާ ދެމެދު އޮންނަނީ، އިދިކޮޅު އަދި މުޑިއަރާ ގުޅުމެއް ކަމުގައި ނޫނީ، ނުދެކެއެވެ. އެމީހުން ދެކޭގޮތުގައި ދީނަކީ ވަކިއެއްޗެކެވެ. ސިޔާސަތަކީ އެއާ ވާދަކުރާ ނުވަތަ އެއާ ދެކޮޅުވެރި އެއްޗެކެވެ. ވީމާ އެ ދޭތި ބައްދަލެއް ނުވާނެއެވެ. އެހެނީ ދޭތީގެ މަޞްދަރު، ޠަބީޢަތް، އަދި ލަނޑުދަނޑި ވެސް ތަފާތެވެ. ދީނަކީ ﷲ ގެ ހަޟްރަތުން އައި އެއްޗެކެވެ. ސިޔާސަތަކީ އިންސާނާގެ ކިބައިން އައި އެއްޗެކެވެ. ދީނަކީ ސާފުކަމާއި ސީދާކަމާއި ޠާހިރުކަމެވެ. ސިޔާސަތަކީ ހަޑިމުޑުދާރުކަމާއި، އޮޅުވާލުމާއި ކެހިވެރިކަމެވެ. ދީނުގެ ލަނޑުދަނޑިއަކީ އާޚިރަތެވެ. ސިޔާސަތުގެ ލަނޑުދަނޑިއަކީ ދުނިޔެއއެވެ. ވީމާ ޖެހޭނީ ދީން، ދީނުގެ އަހުލުވެރިންނަށް ދޫކޮށްފައި، އަދި ސިޔާސަތް ސިޔާސަތުގެ އަހުލުވެރިންނަށް ދޫކޮށްލާށެވެ.

އެމީހުން މި ނަތީޖާއަށް ވާސިލުވާން ބޭނުންކުރި، މި ހުރިހާ ފެށުންތަކަކީ ވެސް، އޭގެ ބަލިކަށިކަން އެއްކިބާގައި ބާއްވާފައި، ޤަބޫލުކުރެވޭނެ ފެށުންތަކެއްވެސް ނޫނެވެ. ސަބަބަކީ ސިޔާސަތުގެ ތެރޭގައި، މާތް ﷲ ގެ ޙަޟްރަތުން އަމުރުކުރެވިގެންވާ ކަންތައް ވެސް ވެއެވެ. އަދި ސިޔާސަތުގެ ތެރޭގައި ހުތުރު ނޫން، އަދި އޮޅުވާނުލާ، އަދި ސީދާކަން ހުންނަ، އޭގައި ކެހިވެރިކަމާއި މަކަރުވެރިކަން ނުހިމެނޭ، އަދި ކިއެއްތަ އަޚްލާޤީ ސީދާ މަގުގައި ޤާއިމުވެފައިވާ ސިޔާސަތުވެސް ހިމެނެއެވެ. އަދި ސިޔާސަތުގެ ތެރޭގައި އެއިން އާޚިރަތާއި، ﷲ ގެ ދަރުމައަށް އެދެވޭ ސިޔާސަތުވެސް ވެއެވެ.

މިޒަމާނުގައި އިސްލާމީ ދަޢްވަތުގެ ދިދަ އުފުއްލަވައި އިޞްލާޙުގެ މަގަށް ގޮވާލެއްވި، އަދި ހުރިހާ ދާޢިންނާއި މުޞްލިޙުންންވެސް ގޮވާލެއްވި، އިސްލާމްދީނުގެ ޝާމިލުކަމާއި، ދީނުގެ ހުރިހާ ކަމެއް އެއްކަން އަނެއްކަމާއި ގުޅި ފުރިހަމަވެފައިވާކަން، ކުރިން މި ދެންނެވި މީހުން ޤަބޫލެއް ނުކުރެއެވެ. އެމީހުން ބޭނުންވަނީ، އިސްލާމްދީނަކީ ޝަރީޢަތަކާ ނުލާ އޮތް ޢަޤީދާއެއްކަމަށް، އަދި މުޢާމަލާތަކާ ނުލާ އޮތް އަޅުކަމެއްކަމަށް، ދުނިޔެއެއް ނެތް ދީނެއްކަމަށް، ދައުލަތެއް ނެތް ދަޢްވަތެއް، އަދި ބާރެއް ނެތް ޙައްޤެއް ކަމަށް ވުމަށެވެ.

މި އެދުމުގެ މައްޗަށް އެމީހުން ވަނީ ފިކުރީ އަދި ޢަމަލީ ކަންތައްތަކެއް ރާވައި، އެއީ އެމީހުން އިސްލާމްދީނާ މެދު ދެކޭ އަސާސެއްކަމުގައި ހަދާފައެވެ. އޭގެ ތެރޭގައި:

1-     އިސްލާމީން (އިސްލާމިސްޓުން) ހިފަހައްޓައިގެން ތިބި، 'ޝާމިލު އިސްލާމްދީން' ގެ ވިސްނުމާ ދެކޮޅުހެދުނުން

2-     ސިޔާސަތުން ދީން ވަކިކުރުމާއި، އަދި ދީނުން ސިޔާސަތު ވަކިކުރުން. އަދި "ސިޔާސަތުގައި ދީނެއް ނޯވޭ..އަދި ދީނުގައި ސިޔާސަތެއް ނޯވޭ' އޭ ބުނާ ބުނުން ފެތުރުން.

3-     އިސްލާމީ ޝަރީޢަތަށް ޙުކުމްކުރުމަށް ގޮވާލާ ދީނީ ޢިލްމުވެރިންނަށް ފާޑުކިޔައި، އެއީ 'ސިޔާސީ އިސްލާމް' (ޕޮލިޓިކަލް އިސްލާމް) ކަމަށް ތުހުމަތުކުރުން.

4-     ދީނުގެ ނައްޞުތަކުގެ ޙަރުފީ މާނައިން ސިޔާސަތުގައި ކަސްތަޅު އެޅުވޭކަމަށާއި، އަދި ސިޔާސަތުގެ ތެރެއަށް ދީން ވަދެއްޖެނަމަ މަޞްލަޙަތަކަށް ބެލުމެއް ވެސް ނޯންނާނެކަމަށާއި، އަދ މިފަދަ ހަނި ވިސްނުމަކުން ވިސްނާ، ދުރު ނަޒަރެއް ނުހިންގާ ދީނީ ފިކުރުގެ ސަބަބުން، އުއްމަތުގެ ގިނަގުނަ މަޞްލަޙަތުތަކެއް ގެއްލިގެންދާނެކަމަށް ބުނުން.

5-     ޙަޔާތުގެ އެހެން ހުރިހާ ކަމެކޭ ވެސް އެއްފަދައިން، ސިޔާސަތަކީ އަބަދުވެސް ބަދަލުވެ ތަރައްޤީވަމުންދާ އެއްޗެއްކަމަށާއި، ނަމަވެސް ދީނަކީ އޮތްގޮތަށް އޮންނަ، ބަދަލެއްނުވާ، ގާވެފައި އޮންނަ އެއްޗެއްކަމަށާއި، އާކުރުމަކީ ބިދުޢައެއްކަމަށް ދީން ދެކޭކަމަށާއި، ވީމާ މި ދޭތި އެއްތަން ނުވާނެކަމަށް ބުނުން.

މި މައްސަލަތަކާ ބެހޭގޮތުން އިތުރަށް ތިރީގައި އަލިއަޅުވާލާނަމެވެ.

އިސްލާމްދީން ޝާމިލުދީނެކޭ ބުނާ ވިސްނުމާ ދެކޮޅުހެދުން

އިސްލާމީ މުޞްލިހުން ސިޔާސަތާއި ދީން އެއްކުރީ ކީއްވެހެއްޔެވެ؟

މޮޑަނިސްޓުންނާއި މާކްސިސްޓުންނާއި ސެކިއުލަރިސްޓުން އާއްމުގޮތެއްގައި އިންކާރުކޮށް ދެކޮޅުހަދާ، 'އިސްލާމްދީނަކީ ޝާމިލުދީނެއް' ކަމަށް ބުނާ ބުނުމަކީ، އެއީ އިސްލާމީ ޢިލްމުވެރިންނާއި ދީނުގެ މުޞްލިޙުން އިއްތިފާޤުވެފައިވާ މައްސަލައެއްކަން، މިޒަމާނުގެ ތެރެއިންވެސް ފެންނަން އެބަ އޮތެވެ.

މިޒަމާނުގެ އިސްލާމީ މުޞްލިޙުން، މުޙައްމަދު ބިން ޢަބްދުލް ވައްހާބު އާ ހަމައިން ފެށިގެން ގޮސް، ސޫދާނުގެ އަލްމަހުދީއާއި، ޚައިރުއްދީން އައްތޫނިސީއާއި، އައްސަނޫސީއާއި، އަލްއަމީރު ޢަބްދުލް ޤާދިރުއާއި، ޖަމާލުއްދީން އަލްއަފްޣާނީއާއި، ދެން ގޮސް އަލްކަވާކިބީއާއި، މުޙައްމަދު ޢަބްދުއާއި ޝަކީބް އަރްސަލާން އާއި، ރަޝީދު ރިޟާއާއި، މިޞްރުގައި ޙަސަނުލް ބައްނާއާއި، ޖަޒާއިރުގައި އިބްނު ބާދީސްއާއި، މަޣްރިބުގައި ޢިލާލް އަލްފާސީއާއި، ޕާކިސްތާނުގައި އަލްމައުދޫދީއާއި އަދި އެނޫންވެސް ބޭބޭކަލުން، މިއެންމެންވެސް ބަލައިގަތީ އިސްލާމްދީނަކީ ޢަޤީދާއާއި ޝަރީޢަތާއި، އަދި ދަޢްވަތާއި ދައުލަތާއި، އަދި ދީނާއި ސިޔާސަތް ހިމެނި ޝާމިލުވެގެންވާ ދީނެއްކަމަށެވެ. އަދި އެބޭކަލުން މިކަން ޤަބޫލުކުރައްވައި، މި ޤަބޫލުކުރެއްވުމުގެ ނަތީޖާއާއި އުނދަގޫތަކާ ކުރިމަތިލައްވާ، އެކަމުގެ ދަތިތަކާއި ދަތިކުރުންތައް ތަޙައްމަލުކުރެއްވިއެވެ. އެބޭކަލުން އެގޮތަށް އެކަންކުރެއްވީ ތިން ސަބަބަކަށްޓަކައެވެ. އެއީ:

1-  އިސްލާމްދީނުގައި އައިސްފައިވާ ކަންކަމުގެ ޝާމިލުކަން

އެކެއް:  މާތް ﷲ ޝަރުޢުކުރެއްވި އިސްލާމްދީނުގައި، ދިރިއުޅުމުގެ ދިމަދިމާގެ ތެރެއިން އެއްވެސް ދިމާއެއް، ދޫކޮށްލައްވާފައި ނެތެވެ. ކޮންމެ ދިމާއަކަށް ވެސް ކޮންމެ ކަމަކަށް ވެސް ޝަރީޢަތުގައިވަނީ އިރުޝާދުތަކާއި ޙުކުމްތަކެއް ކަނޑައަޅާފައެވެ. ވީމާ އިސްލާމްދީނުގެ ޠަބީޢަތަކީ، އެއީ މާއްދިއްޔަތާއި ރޫޙާނިއްޔަތު އަދި ފަރުދުންނާއި މުޖްތަމަޢު ފަދަ، ދިރިއުޅުމުގެ ހުރިހާ ދިމަދިމާލެއްވެސް ޝާމިލުވާ ޝަރީޢަތެއްކަމުގައި ވުމެވެ. މާތް ﷲ އެކަލާނގެ ރަސޫލާއާ މުޚާޠަބުކުރައްވާ އަންގަވާފައިވަނީ: {وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ } "އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި مسلم ންނަށް އޮތް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ. " (އައްނަޙްލު:89)

{يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ}  "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (" (އަލްބަޤަރާ:183) މިހެން ބުނާ ޤުރުއާނުގައި އަނެއްކޮޅުން ބުނެފައިވަނީ { يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى} " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. " (އަލްބަޤަރާ:178)

{كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالْأَقْرَبِينَ بِالْمَعْرُوفِ}"ތިޔަބައިމީހުންކުރެ މީހަކުގެ ގާތަށް މަރުއައިސް حاضر ވާހިނދު އެމީހާ މުދަލެއް ދޫކުރާނަމަ، (އެބަހީ: އެމީހާގެ މިލްކުގައި، މުދަލެއްހުރިނަމަ) ހެޔޮގޮތުގައި މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް وصية ކުރުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ." (އަލްބަޤަރާ:180)

މިހެން އޮތް ޤުރުއާނުގައި ދެން އޮތީ {كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ} "ހަނގުރާމަކުރުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. އެއީ، (އެކަމަކީ) ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއް ކަމުގައި ވަނިކޮށެވެ. އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. " (އަލްބަޤަރާ: 216)

މިހުރިހާ ކަމެއްވެސް ފަރުޟުކުރައްވަން ޤުރުއާނުގައި ބޭނުންކުރައްވާފައިވަނީ އެއް ޢިބާރާތެކެވެ. އެއީ {كُتِبَ عَلَيْكُمُ} އެވެ.

ވީމާ މިހުރިހާ ކަމަކީވެސް، މާތް ﷲ މުއުމިނުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ ކަންކަމެވެ. ރޯދައަކީ އަޅުކަމެކެވެ. ޤިޞާޞަކީ ޖިނާއީ ޤާނޫނެކެވެ. ވަޞިއްޔަތަކީ އަޙްވާލުއް ޝަޚްޞިއްޔާގެ (ޢާއިލާއާބެހޭ ޤާނޫނުގެ) ތެރެއިންވާ ކަމެކެވެ. ހަނގުރާމައަކީ ބައިނަލް އަޤްވާމީ ގުޅުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިހުރިހާ ކަމަކީވެސް މުއުމިނުން ތަންފީޒުކުރަންޖެހޭ ޝަރުޢީ ތަކްލީފުތަކެއް، އަދި އެކަންކުރުމުން ﷲ އާ ކުއްތަންވެވޭ ކަމެކެވެ. ވީމާ ހުރިހާ ތަނެއްގައިވެސް {كُتِبَ عَلَيْكُمُ} އޮއްވާ، ރޯދައިގެ ފަރުޟުކަން ޤަބޫލުކޮށްފައި، ޤިޞާޞް އާއި ވަޞިއްޔަތާއި، ހަނގުރާމަކުރާމީހުންނާ ހަނގުރާމަކުރުން އެއީ ފަރުޟެއް ނޫންކަމަށް، މުސްލިމަކު ޤަބޫލުކުރުމަކީ ތަޞައްވަރުކުރެވޭ ކަމެއް ނޫނެވެ.

އިސްލާމީ ޝަރީޢަތަކީ މުކައްލަފުންގެ ހުރިހާ ޢަމަލުތަކެއްގެ މައްޗަށް ޙުކުމް ހިންގާ ޝަރީޢަތެކެވެ. ވީމާ މީހަކު ކުރާ ކަމެއް ވެސް އަދި ދިމާވާ ހާދިސާއެއްވެސް، އޭގައި ޝަރުޢީ ފަސް  ޙުކުމުން  -ވާޖިބު، މަންދޫބު، ޙަރާމް، މަކްރޫހަ، ހުއްދަ- ކުރެ ޙުކުމެއް ނެތިއެއް ނުދާނެކަން، މިދީނަށް ނިސްބަތްވާ ހުރިހާ މަޛްހަބުތަކެއްގެ ފިޤުހުވެރިންނާއި އުޞޫލުލް ފިޤުހުވެރިން ވަނީ ކަނޑައަޅާ ނިންމާފައެވެ.

އިސްލާމްދީނުގެ ޝާމިލުކަމަށް ޤުރުއާނާއި ސުންނަތުންވެސް ވަނީ ދަލީލު ލިބިފައެވެ. މިގޮތުން ކީރިތި ރަސޫލާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާ މުޚާޠަބުކުރައްވާ މާތް ﷲ ވަޙީކުރައްވަނީ: {وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ} "އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި مسلم ންނަށް އޮތް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ. " (އައްނަޙްލު:89)

އަދި މި ޤުރުއާނާ ބެހޭގޮތުން ވަޙީކުރައްވާފައިވަނީ: {مَا كَانَ حَدِيثًا يُفْتَرَىٰ وَلَـٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ} "އެ قرآن އަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާކަމެއް تفصيل ކޮށްދޭ، އަދި إيمان ވާ ބަޔަކަށް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައިވާ ފޮތެވެ. " (ޔޫސުފް:111)

ސާބިތުވެ ޔަޤީންވާ ކަމަކީ، މާތް ﷲ އާ އަހަރެމެންނާ ކުއްތަންވެވޭނެ ކަމެއް ވިއްޔާ، ކީރިތި ރަސޫލާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަން އަމުރުނުކުރައްވާ، އަދި އެކަލާނގެއާ އަހަރެމެންނާ ދުރުވާނެ ކަމެއްވިއްޔާ، އެކަމެއް ނަހީނުކުރައްވާ، ނެތްކަމެވެ. އިތުރު އެކަލޭގެފާނު ސުވަރުގެވަޑައިގަތީ، "ދުވާލެކޭ ރޭގަނޑެކޭ އެއްފަދަ އަލިކަން ގަދަ ސީދާ މަގެއް ދައްކަވާފައެވެ. އަބާއްޖެވެރިއެއް ނޫނީ އެމަގުން ކަސިޔާރުވެގެން ނުދެއެވެ."

ވީމާ އިސްލާމްދީނަކީ މުޅި ޙަޔާތުގެ ރިސާލަތެކެވެ. މުޅި އިންސާނާގެ ރިސާލަތެކެވެ. އަދި ހަމައެހެންމެ މުޅި ދުނިޔޭގެ ވެސް އަދި ހުރިހާ ޒަމާނެއްގެ ވެސް ރިސާލަތެވެ.

އިސްލާމީ ޝަރީޢަތުގެ ފޮތްތައް، މިބުނީ ތަފާތު މަޛްހަބުތަކަށް ލިޔެފައިވާ އިސްލާމީ ފިޤުހުގެ ފޮތްތައް، ކިޔައިފިމީހަކަށް ފެންނާނީ، މުޅި ޙަޔާތުގެ ހުރިހާ ދާއިރާތަކެއް އޭގައި ޝާމިލުވެފައިވާ ތަނެވެ. ޢިލްމުގައި ފުންނާބު އުސް ޢިލްމުވެރިން ކީއްކުރަން، ޢިލްމު އުނގެނެން ފައްޓާ ދަރިވަރަކަށް ވެސް، އޭގައި ޠަހާރަތާއި، ކައިވެންޏާއި ވަރިއާއި، މުޖްތަމަޢުގެ ފިޤުހާއި ދައުލަތުގެ ފިޤުހު  ވެސް ހިމެނިގެންވާކަން، ވަރަށް ސާފުކޮށް އެނގޭނެއެވެ.

2-  ޙުކުމްތައް ވަކިވަކިކުރުމާ އިސްލާމްދީން ދެކޮޅުހަދާ:

އިސްލާމްދީނުގެ ޙުކުމްތަކާއި އަމުރުތައް ވަކިވަކިކޮށް، އޭގެ ތެރެއިން ބައެއްގައި ހިފާފައި އަނެއްބައެއް ދޫކޮށްލުމަކީ، މިދީން ޤަބޫލުކުރާ ކަމެއް ނޫނެވެ.

ބަނީ އިސްރާއީލު މީހުން މި މަގުން ހިނގީމާ، ޤުރުއާނުގައި ވަނީ އެކަން ވަރަށް ބޮޑަށް އިންކާރުކުރައްވާފައެވެ. ބަނީ އިސްރާއީލުންނާ މޫޚާޠަބުކުރައްވައި މާތް ﷲ ވަޙީކުރައްވަނީ: {أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَاءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا ۖ وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَىٰ أَشَدِّ الْعَذَابِ ۗ وَمَا اللَّـهُ بِغَافِلٍ عَمَّا تَعْمَلُونَ } "ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން إيمان ވެ، އަނެއްބަޔަށް كافر ވަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެކަންތައްކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ حياة ގައި ދެރަކަމާއި ނިކަމެތިކަން ލިބުންކަމުގައި މެނުވީ ނުވެއެވެ. އަދި قيامة ދުވަހުން ގަދަފަދަ عذاب ގެ ތެރެޔަށް އެއުރެން ފޮނުއްވާހުށްޓެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ." (އަލްބަޤަރާ:85)

ހޮނިހިރު ދުވަހު މަސައްކަތް ނުކުރުން ފަދަ، ޔަހޫދީންގެ ޝަރީޢަތުގެ ބައެއް ކަންތައްތަކުގައި ދެމިތިބުން ޝަރުޠުކޮށްފައި އިސްލާމްދީނަށް ވަންނަން، ބައެއް ޔަހޫދީން ބޭނުންވިއެވެ. ނަމަވެސް، މުޅި އިސްލާމްދީނަށް ވަނުން ނޫން ގޮތެއް، ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޤަބޫލުފުޅެއް ނުކުރެއްވިއެވެ. މިކަމާމެދު މާތް ﷲ ވަޙީކުރައްވާފައިވަނީ: {يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً } "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން إسلام دين އަށް ކިޔަމަންވުމުގެ ތެރެޔަށް ވަންނާށެވެ! " (އަލްބަޤަރާ:208)

{وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ ۖ} "އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! " (އަލްމާއިދާ:49)

މިއާޔަތުގައި މާތް ﷲ އެކަލާނގެ ރަސޫލާއަށް އަމުރުފުޅު މިކުރައްވަނީ، އިސްލާމްދީނުގެ ބައެއް ޙުކުމްތަކުން، ޣައިރު މުސްލިމުން އެކަލޭގެފާނު އެއްކިބާކޮށްފާނެ ކަމަށް ރައްކާތެރިވެ ފަރުވާތެރިވެޑައިގަންނަވާށެވެ. އަދި މިއީ އެކަލޭގެފާނަށް ފަހަށް، އުއްމަތުގެ ކަންކަމާ ހަވާލުވެ ހުންނަ ކޮންމެ މީހަކަށް ވެސް މުޚާޠަބުކުރައްވާފައިވާ އަމުރުފުޅެކެވެ.

ޙަޤީޤަތަކީ، އިސްލާމްދީނުގައިވާ ޢަޤީދާއާއި، ޝަރީޢަތާއި، އަޚްލާޤާއި، އަޅުކަންތަކާއި، މުޢާމަލާތްތަކާއި މިހުރިހާ ޙުކުމްތަކުގައި އެއްކޮށް ހިފައި ޢަމަލުކޮށްގެން މެނުވީ، ފުރިހަ މޭވާއެއް ނުލިބޭނެއެވެ. އެހެނީ ދީނުގައިވާ ޙުކުމްތަކަކީ އެއް ޙުކުމާއި އަނެއް ޙުކުމާ ގުޅިލާމެހިފައިވާ، އެކަތި އަނެކައްޗަށް ލާޒިމުވާ އެއްޗެކެވެ. ފައިދާހުރި ކާނާއާއި، ތަފާތު ބޭސްތަކާއި، ކަސްރަތާއި، ވަކި ކަހަލަ ޑައިޓެއް، ޑޮކްޓަރަކު ލިޔެދީފިއްޔާ، ޑޮކްޓަރު ބޭނުންވި ލަނޑުދަނޑި ހާސިލުވާނީ އެ ހުރިހާ ކަމެއް ތަންފީޒުވެ ފުރިހަމަވުމުންނެވެ. އެހެންވެ އެއިން އެއްބައި ނަމަވެސް ދޫކޮށްފިއްޔާ، މުޅި ނަތީޖާއަށް އަސަރު ފޯރާނެއެވެ.

3-  ޙަޔާތަކީ ވަކިވަކި ނުކުރެވޭނެ އެކައްޗެއް، އިންސާނާވެސް އެހެން.

ޙަޔާތަކީ ވަކިވަކި ކުރެވޭނެ އެކައްޗެއް ނޫނެވެ. އެއީ ބައިބައި ނުކުރެވޭނެ އެކައްޗެވެ. ވީމާ އިސްލާމްދީނުގެ ޙުކުމްތައް ހިނގާތަނަކީ، އަދި މަގު ދައްކައިދޭތަނަކީ، ޙަޔާތުގެ އެއްބައި -މިސާލަކަށް މިސްކިތްފަދަ- ތަންތަން އެކަނި ކަމުގައި ވެފައި، ޙަޔާތުގެ ދެންހުރި ދިމަދިމާ އެއީ ވަޟުޢީ ނިޒާމުތަކާއި އިންސާނީ ފިކުރުތަކާއި ބިމުގެ ފަލްސަފާތައް ހިނގާ އަދި މަގުދައްކައިދޭ ތަންތަން ކަމަށް ވެއްޖެނަމަ، ޙަޔާތް އިޞްލާޙެއް ނުވާނެއެވެ.

އިސްލާމްދީނަށް މިސްކިތް އޮވެފައި، މަދަރުސާއާއި ޔުނިވާސިޓީއާއި ކޯޓާއި ރޭޑިއޯއާއި ޓީވީއާއި ނޫހާއި ތިއޭޓަރާއި ސިނަމާއާއި ބާޒާރާއި މަގުމަތި -އެހެން ގޮތަކަށް ބުނާނަމަ މުޅި ޙަޔާތް- އެއީ ޢަލްމާނިއްޔަތަށް (ސެކިއުލަރިޒަމް އަށް) އޮންނަ އެއްޗަކަށް ވުމަކީ، ވެގެންވާނެ ގޮތެއް ނޫނެވެ.

ހަމައެހެން، އިންސާނާގެ ރޫޙާނީ ފަޅި އިސްލާޙުކުރުމަކީ ދީނަށް ޚާއްޞަކަމަށް ވެފައި، އޭނާގެ ބުއްދިއާއި އިޙްސާސްތަކާއި އަދި މުޅި މާއްދީ ފަޅިއަކީ ލާދީނީ ދައުލަތަށް ޚާއްޞަކަމަކަށް ވެއްޖެނަމަ، އިންސާނާގެ ކަންކަން ރަނގަޅެއް ނުކުރެވޭނެއެވެ.

ޔަޤީންވެ ކަށަވަރުވާ ޙަޤީޤަތަކީ، އިންސާނާއަކު ވެސް އަދި ޙަޔާތަކުވެސް ހުރިހާ ކަމެއް ވަކިވަކިވެފައި ނެތެވެ. އިންސާނާއަކީ ވެސް އަދި ޙަޔާތަކީ ވެސް އެކަތި އަނެކައްޗާ އެއްވެސް ގުޅުމެއް ނެތި ބައިބައިވެފައިވާ އެއްޗެއް ނޫނެވެ.

އިންސާނާ އިންސާނަކަށް ވަނީ އޭނާގެ ރޫޙާއި މާއްދާ، ބުއްދިއާއި ޝުޢޫރު، އަދި އެދުންތަކާއި ޟަމީރު އެކުވުމުންނެވެ. މިއިން އެއްވެސް އެއްޗެއް އެކަތި އަނެކައްޗާއި ވައްކެއް ނުކުރެވޭނެކަން، މިޒަމާނުގެ ޢިލްމީ ހޯދުންތަކުން ވަނީ ކަށަވަރުވެފައެވެ. ހަމަ މިބީދައިން ޙަޔާތަކީ ވެސް، އޭގެ ބައިތައް އެކަތި އަނެކައްޗާއި ވަކިކުރެވޭނެ އެއްޗެއް ނޫނެވެ.

ވީމާ އިންސާނާއަކީ ބައިބައިކުރެވޭނެ މީހެއް ނޫނެވެ. އަދި ޙަޔާތްވެސް ހަމަ އެފަދައެވެ.

ހުރިހާ ފަލްސަފާތަކާއި، ތާރީޚުގައި އަދި މިދުވަސްވަރުގައި ވެސް ފެނިފައިވާ ހުރިހާ އިންޤިލާބީ އައިޑިއޮލޮޖީތައް ވެސް، ޙަޔާތް ބައިބައިކުރަން ދެކޮޅު ހަދައެވެ. އެހެންވެ މި ނިޒާމުތައް ވެސް ޙަޔާތުގެ އެއްބަޔަށް އަސަރުފޯރުވާފައި އަނެއް ބަޔަށް އަސަރު ނުފޯރުވޭ ގޮތަށް އޮންނަން ޤަބޫލެއް ނޫނެވެ. މި ފަލްސަފާތަކާއި އައިޑިއޮލޮޖީތައް ވެސް ބޭނުންވަނީ، މުޅި ޙަޔާތަށް އަސަރުފޯރުވައި، އެ ފަލްސަފާ ނުވަތަ އައިޑިއޮލޮޖީއަކާ އެއްގޮތަށް ޙަޔާތުގެ ހުރިހާ ކަމެއް ގެންދާށެވެ. އަގުތަކާއި، އެނގުންތަކާއި، ވުޖޫދާއި، ﷲ އާއި، ކައުނާއި، އިންސާނާއާއި، ތާރީޚާ މެދު، އެމީހުން ދެކޭގޮތަށް ޤައުމު ގެންދާށެވެ.

މި ވިސްނުމުގެ ދިފާޢުގައި މަޝްހޫރު ޢަރަބި ކޮމިއުނިސްޓެއް ބުނެފައިވަނީ:

"ކޮމިއުނިޒަމަކީ ހަމައެކަނި އިޤްތިޞާދީ ނިޒާމެއްކަމަށް ވިސްނުމަކީ ގޯސް ވިސްނުމެކެވެ. ކޮމިއުނިޒަމަކީ ވަރަށް ގިނަ މައްސަލަތަކަކަށް އިޤްތިޞާދީ ހައްލު ހޯދައިދޭ ނިޒާމެކެވެ. ނަމަވެސް މި ހައްލުތަކަކީ ކޮމިއުނިޒަމްގެ ފަރާތްތަކުގެ ތެރެއިން އެންމެ ފަރާތެކެވެ. ވީމާ މި ފަރާތަށް ބިނާވެ ކޮމިއުނިޒަމް މާނަކުރުމަކީ ނުބައި، އަދި ތިލަ ވިސްނުމެކެވެ. އަދި އެހެން އެ ވިސްނާ މީހަކީ، ކޮމިއުނިޒަމް އޭގެ މައްޗަށް ބިނާވެފައިވާ އަސާސްތައް ނޭނގޭ، އަދި ކޮމިއުނިޒަމް ހާސިލުކުރަން ބޭނުންވާ ދުރުރާސްތާގެ ލަނޑުދަނޑިތައް ހޯދާނުބަލާ މީހެކެވެ."

"ފަހެ ކޮމިއުނިޒަމަކީ ދިރިއުޅުމުގެ މަޛްހަބެކެވެ. އެއީ އިޤްތިޞާދުގެ މަޛްހަބެއް ނޫނެވެ. އެއީ އިޤްތިޞާދަށާއި ސިޔާސަތަށާއި، ތަރުބިއްޔަތަށާއި ތަޢްލީމަށާއި މުޖްތަމަޢަށާއި ޞިއްޙަތަށާއި އަޚްލާޤަށާއި އަދަބަށާއި ޢިލްމަށާއި ތާރީޚަށް، އަދި ޙަޔާތުގެ ކުދިބޮޑު ކޮންމެ ކަމަކަށް އަސަރުފޯރުވާ މަޛްހަބެކެވެ."

"ވީމާ ކަލެއަކީ ކޮމިއުނިސްޓަކަށް ވުމަށްޓަކައި، އަހަރެން ދެންމެ މިބުނި ހުރިހާ ކަމެއްގައި ކޮމިއުނިސްޓު ވިސްނުމެއް ހުންނަންޖެހޭނެއެވެ. އަދި މިހުރިހާ ކަމެއް ހާސިލުކުރަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ."

ދެން އެއަށްފަހު މި ލިޔުންތެރިޔާ ބުނެފައިވަނީ، ޙަޔާތާ މެދު މިފަދަ ޝާމިލު ނަޒަރަކުން ބެލުމަކީ ހަމައެކަނި ކޮމިއުނިސްޓު ނަޒަރެއް ނޫންކަމަށާއި، އެކަމަކު އެއީ ސޯޝަލިސްޓު ހުރިހާ މަޛްހަބުތަކެއްގެ ވިސްނުންކަމަށެވެ.

ސޯޝަލިސްޓް މަޛްހަބުތަކުގައި މިފަދަ ޝާމިލު ގޮތަކަށް ޙަޔާތާ މެދު ދެކެނީ، އަދި ޙަޔާތުގެ ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދޭދޭން ޖެހޭ ސަބަބެއްކަމަށް އޭނާ ދެން ބުނަނީ: "ސަބަބަކީ ޙަޔާތަކީ ވެސް އެކައްޗެކެވެ... ޙަޔާތުގެ ޙަޤީޤަތްތައް ދެނެގަންނަން ފަސޭހައަކަށް، މި އިންސާނާ އެކިއެކި ބައިތަކަށް ޙަޔާތް ބެހީމާ، އެގޮތަށް އެ ބެހީ އޭނާ ކަން ވެސް ހަނދާންނެތި، ފެށުނީއްސުރެވެސް ޙަޔާތަކީ މިގޮތަށް ބައިބައިކުރެވިފައިވާ އެއްޗެކޭ އޭނާއަށް ހީވެއެވެ.

ވީމާ މުޖްތަމައާ އަދި ސިޔާސަތާ މުޅިން ވަކިން އޮންނަ އިޤްތިޞާދަކީ، އެއީ ޙަޔާތުގައި އޮންނަ އެއްޗެއް ނޫނެވެ. ޙަޔާތަކީ އެކަތި އަނެކައްޗާއި ގުޅިލާމެހިފައިވާ އެކަތިގަނޑެކެވެ. ނަމަވެސް އަހަރެމެންގެ ކޮށި ސިކުނޑިތަކަކީ ކޮންމެ އެއްޗެއްވެސް ދަސްކޮށް ތަހުލީލުކުރަން ފަސޭހައަކަށް އޭތި ބައިބައިކޮށްލާ ސިކުނުޑިއަކަށް ވާތީ،  އެކައްޗެއްގޮތުގައި ޙަޔާތަށް ބަލައިފިނަމަ ޙަޔާތަކީ ކޮން އެއްޗެއްކަން ފަހުމުނުވާނެތީ، އޭނާއަށް މަޖްބޫރުވީ ޙަޔާތް ވެސް އެކި ބައިބަޔަށް އެކި ކުލަތަކަށް، އެކިގުޅުންތަކަށް ބަހާލާށެވެ. މިގޮތުން ބައެއް އެއްޗެއްސަށް އިޤްތިޞާދު، ބައެއް އެއްޗެއްސަށް ސިޔާސަތު، ބައެއް އެއްޗެއްސަށް މުޖްތަމަޢު، އަޚްލާޤު، ދީން، އަދަބު، ސައިންސް..  މިހެން ގޮސް މި ސިލްސިލާގެ ނިމުމެއް އޮތްނަމަ އެ ހިސާބަކާ ޖެހެންދެން ނަން ދީ އުޅެއެވެ".

"ހަޔާތަކީ ކޯރެއްފަދަ އެއްޗެކެވެ. މުޅި އެ އެއްޗަކީ ގުޅިފައިވާ، ދެމެމުންދާ އެކައްޗެކެވެ. ... ބޮޑަސް އަދި ކުޑަޔަސް، އުއްމަތަކަށް އަދި އާއިލާއަކަސް، ސަރުކާރަކަސް އަދި ޕާޓީއަކަސް، ކޮންމެ މުޖްތަމަޢެއްގެ ޙަޔާތަކީވެސް މިފަދަ އެއްޗެކެވެ.

ވީމާ ކޮންމެ މުޖްތަމަޢެއްގައިވެސް، އެ މުޖްތަމަޢެއް ސިޔާސަތާ މެދު ދެކޭގޮތް އެއީ އިޤްތިޞާދާ މެދުވެސް ދެކޭގޮތެވެ. އަދި އިޤްތިޞާދީ ނިޒާމާ ބެހޭގޮތުން ދެކޭ ގޮތް އެއީ ސިޔާސީ މިނިވަންކަމާ މެދު ދެކޭ ގޮތެވެ. އަދި ޢުމްރާނީ ތަރައްޤީއާއި، އަޚްލާޤާއި ތަޢްލީމާއި އަދަބާއި ތާރީޚާ މެދު ވެސް ދެކޭނެ ގޮތެވެ."

ކޮމިއުނިޒަމަކީ ޝާމިލު ސިފައެއް ހުރި އެއްޗެއްކަން ކަށަވަރުކޮށްދޭން، މިމޭރުމުން އެ ލިޔުންތެރިޔާ ވާހަކަދައްކަމުން ގޮސް  ބުނެފައިވަނީ: ".. މިމާނައަށް ބަލާއިރު، ކޮމިއުނިޒަމް މި ލަފްޒަކީ އެއީ ހަމައެކަނި ވަކި ކަހަލަ އިޤްތިޞާދީ ހާލަތެއް ދޭހަކޮށްދިނުމަށް ބުނާ ލަފްޒެއް ނޫނެވެ. އެކަމަކު އެއީ މުޅި ޙަޔާތާއި، ޙަޔާތުގެ ހުރިހާ ކަންކަން، ދޭހަކޮށްދިނުމަށް ބުނާ ލަފްޒެކެވެ." އ.ހ

އިންޤިލާބީ އައިޑިއޮލިޖީތަކުގެ ޠަބީޢަތަކީ މިހުރީއެވެ. ވީމާ ހަމައެކަނި އިސްލާމްދީނަށް -އޭގެ ޠަބީޢަތުގައިވެސް ޢަޤީދާއާއި ޝަރީޢަތާއި އަޚްލާޤާއި ޙަޟާރަތް ހިމެނޭ ޝާމިލު ރިސާލަތަކަށް ވާހިނދުވެސް-  މިދީނުގެ ރިސާލަތު އޮންނަންޖެހޭނީ ހަމައެކަނި މިސްކިތާއި ޝަރުޢީ ކޯޓުތަކުގައި ކަމަށް ބުނެވޭނީ ކިހިނެއްހެއްޔެވެ؟  (ނޯޓް: މިތަނުގައި ޝަރުޢީ ކޯޓޭ ބުނެފައިވަނީ ރާއްޖޭގައި ބޭނުންކުރާ އާއްމު މާނައަކު ނޫނެވެ. މިތަނުގައި ބުނެފައިވާ މާނައަކީ، އާއިލާއާ ބެހޭ މައްސަލަތަކުގައި ދެވޭ، އަދި ޝަރީޢަތާ އެއްގޮތަށް ހުކުމްކުރެވޭ، ފެމެލީ ކޯޓުގެ މާނައެވެ.)

މިދީނުގެ ރިސާލަތު އޮންނާނީ މިސްކިތާއި ޝަރުޢީ ކޯޓުތަކުގެ ހަތަރު ފާރު ތެރޭގައި ކަމަށް، މުސްލިމުން ރުހި އެއްބަސްވިޔަސް، ޝަރުޢީ ކޯޓުތަކުން ބޭނުންވާ ގޮތަށް ޙުކުމްކޮށް، މުސްލިމުން ބޭނުންވާ ދައުރު އެ މިސްކިތުން އަދާކޮށް، މުސްލިމުން ބޭނުންވާ މިސްރާބަށް މީސްތަކުން ގެންދިއުމުގެ މިނިވަންކަން، 'އެމީހުން' ދޭނެހެއްޔެވެ؟!

މިހެން މިބުނީ މުސްލިމް ވަރަށް ގިނަ ޤައުމުތަކުގައި، އިސްލާމީ ޝަރީޢަތުން ބާކީ އޮތް ތަންކޮޅު ކަމުގައިވާ، އާއިލާއާ ގުޅޭ ޙުކުމްތަކުގެ ތެރެއަށް ވެސް، ސެކިއުލާ ސަރުކާރުތަކުން ވަދެގަނެ، އެމީހުން ބޭނުންހާ ގޮތަކަށް އެ މޮޑެ ބައްޓަން ކުރާތަން އަހަރެމެން ދެކެފީމެވެ. ހަމައެހެންމެ، މިސްކިތްތަކަށް ވެސް، އިސްލާމްދީނުގެ ހައްޤު ބަސް ބުނުމުގެ މިނިވަންކަމެއް ނެތެވެ. މިސްކިތުންވެސް ބުނަންންޖެހެނީ ސަރުކާރު ބޭނުންވާ ވާހަކައެއެއް، ބޭނުންވާ މޭރުމަކުން، ބޭނުންވާ ރާގަކަށެވެ.

މަސީޙީންގެ އިންޖީލުގައި ''ޤައިޞަރަށް ޤައިސަރުގެ އެއްޗެހި އަދި ﷲ އަށް ﷲ ގެ އެއްޗެހި ދޫކޮށްލާށޭ" ބުނެފައި ވިޔަސް، ބާރާއި ފުރުސަތު ލިބުނީމާ، ޤައިޞަރަކަށް އެއްވެސް އެއްޗެއް ދުލެއް ނުކުރިއެވެ. ކުރިއާއި މިހާރުގެ ދީނީ އަދި ޢަލްމާނީ ވެސް ހުރިހާ ހަރަކާތްތަކެކޭ އެއްފަދައިން، މަސީޙީ ދީން ވެސް މަސައްކަތްކުރީ އެމީހުން އީމާންވާ ގޮތްތަކަކާ ދިމާއަށް ޙަޔާތުގެ ހުރިހާ ކަމެއްގެ މިސްރާބު ބަހައްޓާށެވެ.

ވީމާ، މުޅިން ވަކިވެފައިވާ ރޫޙަކާއި މާއްދާއެއްގެ ދެމެދުގައި އިންސާނާ ބަހާލަން ބޭނުން ނުވާ، ﷲ އާއި ޤައިޞަރު (ސީޒަރު) އާ ދެމެދު ޙަޔާތް ބަހާލަން ބޭނުންނުވާ، އެކަމަކު ޤައިޞަރާއި ޤައިޞަރުގެ ހުރިހާ އެއްޗެއްވެސް އެއްކައުވަންތަ ﷲ އަށް ޚާލިޞްކުރަން ބޭނުންވާ އިސްލާމްދީން، ޙަޔާތުގެ މައިދާނުން އިސްތިއުފާދީފައި ހަމައެކަނި މިސްކިތްތެރޭގައި އޮންނަން ރުހޭނީ ކިހިނެއްހެއްޔެވެ؟

{أَفَغَيْرَ اللَّـهِ أَبْتَغِي حَكَمًا وَهُوَ الَّذِي أَنزَلَ إِلَيْكُمُ الْكِتَابَ مُفَصَّلًا} " (ކަލޭގެފާނު ވިދާޅުވާށެވެ!) حكم ކުރާ މީހަކު ކަމުގައި اللَّه ނޫންފަރާތެއް އަހުރެން އެދޭނެހެއްޔެވެެ؟ އެކަލާނގެއީ، (حق އާއި باطل) تفصيل ކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. " (އަލްއަންޢާމް:114)

{أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ} "ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟ " (މާއިދާ:50)

ޢަލީ ޢަބްދުއްރާޒިޤުގެ ''އަލްއިސްލާމް ވަ އުޞޫލުލް ޙުކުމި" (އިސްލާމްދީނާއި ވެރިކަމުގެ އުސޫލުތައް)   މި ފޮތުގައި ވިދާޅުވެފައިވަނީ:

"ރަސޫލާއަށް އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް އޮތް ބާރަކީ ރޫޙީ ބާރެކެވެ. އެ ބާރު އުފެދެނީ، ހިތުން އީމާންވެ ތެދުކޮށް ޤަބޫލުކުރުމަށްފަހު، ގުނަވަންތައް އެ ދީނަށް ކިޔަމަންވުމުންނެވެ. ނަމަވެސް ވެރިއަކަށް އޭނާގެ ޤައުމުގެ މީހުންގެ މައްޗަށް އޮންނަ ބާރަކީ، މާއްދީ ބާރެކެވެ. އޭގައި ގުނަވަންތައް ކިޔަމަންވަނީ، ހިތާ އެއްވެސް ގުޅުމެއް ނެތިއެވެ.

ވީމާ ރަސޫލާއަށް ލިބިވަޑައިގެންފައި އޮތީ، ﷲ އަށް މަގުދައްކައި ހިދާޔަތްދިނުމުގެ ބާރެވެ. ވެރިމީހާއަށް ލިބޭ ބާރަކީ ހަޔާތުގެ އެކިއެކި މަޞްލަހަތު ރާވައި ހިންގައި، ބިން އާރާސްތުކުރުމަތް އޮތް ބާރެކެވެ. ރަސޫލާއަށް ލިބިވަޑައިގެންފައި އޮތީ، ދީނަށްޓަކައި އޮތް ބާރެކެވެ. ވެރިމީހާއަށް ލިބޭ ބާރަކީ ދުނިޔެއަށްޓަކައި އޮތް ބާރެކެވެ. އެއީ ދީނީ ޒަޢާމަތެކެވެ. މިއީ ސިޔާސީ ޒަޢާމަތެކެވެ... ފަހެ ދީނާއި ސިޔާސަތާ ދެމެދު ހުރީ ހާދަހާވާ ދުރުކަމެކެވެ."!!

މިވާހަކައަށް ރައްދުދެއްވައި، ޑރ. މުޙައްމަދު އަލްބަހީ ވިދާޅުވެފައިވަނީ: "ދީނާއި ސިޔާސަތާ އޮންނަ ގުޅުމާ މެދު ޢަލީ ޢަބްދުއް ރާޒިޤު ދެއްވާފައިވާ ޖަވާބަކީ، އިންސާނާ އާ ބެހޭގޮތުން، މެދުތެރޭ ޤަރުނުތަކުގައި ފެތުރިފައި އޮތް ފިކުރެއްގެ މައްޗަށް ބިނާވެ ދެއްވި ޖަވާބެކެވެ. ހުޅަނގުގެ މީހުން ފައްޅިއާއި ދައުލަތް ވަކިކުރި ދުވަސްވަރު، އެމީހުންގެ މެދުގައި އާއްމުވެފައިވާ ފިކުރަކީ، އިންސާނާއަކީ 'ދެވަންތަ' މީހެކެވެ. އޭނާގެ ހަށިގަޑާއި ރޫޙަކީ މުޅިން ވަކި ދޭއްޗެކެވެ. ރޫހާއި ހަށިގަނޑާ އެއްވެސް  ގުޅުމެއް ނުވެއެވެ. މެދުތެރޭ ޒަމާނުގައި މުސްލިމުންނާއި މަސީޙީންގެ އަތުގައިވެސް ހުރީ، ގްރީކު މީހުންގެ އަތުން ވާރުތަވި ފަލްސަފާ ކަމުން، ފަލްސަފީ މައްސަލަތަކުގައި ވިސްނުން ހުރީ ދާދި އެއްގޮތަކަށެވެ.

'ދެވަންތަ އިންސާނާ' ނުވަތަ އެއްވެސް ގުޅުމެއް ނެތް ތަފާތު ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ އިންސާނާއަކީ، މި ޒަމާނުގެ ތަޖުރިބާކުރެވޭ ނަފްސާނީ ޢިލްމުގެ ހޯދުންތަކުން ދައްކާގޮތުން ނަމަ، އެއީ ހަމަ ހުސް ނަޒަރީ ވާހަކައެކެވެ. 'ދެވަންތަ އިންސާނާ' މިއީ އިންސާނާއަކީ ކޮބައިކަން ބުނެދެވޭނެ ފަލްސަފާއެއް ނޫނެވެ. މިހާރުގެ ޢިލްމީ ހޯދުންތައް ދެކެނީ، އިންސާނާއަކީ 'އެއްވަންތަ އިންސާން' އެކެވެ. އޭނާގެ ޖިސްމާއި ނަފްސާއި އެއީ ގުޅުމެއް ނުވާ ވަކި ދޭއްޗެއް ނޫނެވެ. މިހެންވެ އިދިކޮޅު ދެ ޚާއްޞިއްޔަތެއްގެ ދެމެދުގައި ނުވަތަ އިދިކޮޅު ދެ ބާރެއްގެ ދެމެދުގައި އިންސާނާ ބަހާ ނުލެވޭނެއެވެ. މިހާރުގެ ޢިލްމުވެރިން ދެކެނީ، އިންސާނާގެ ތަފާތު ޑައިމެންޝަންތަކެއް ހުއްޓެއްކަމަކު، އޭނާގެ ނަފްސަކީ އެއް ޑައިމެންޝަން އަނެއް ޑައިމެންޝަނާއި ވަކިނުކުރެވޭނެ އެއް ނަފްސެވެ.

4-  ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ދައުލަތް މުހިއްމު:

މިއީ އެއްވެސް މީހަކު ދެބަސްވެގެން ނުވާނެ، ޢަމަލީ ސަބަބެކެވެ. ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ޙުކުމްތައް ތަންފީޒުކުރުމަށާއި، ޢިލްމު އުނގަންނައިދިނުމަށާއި، މުންކަރާތްތަކާއި ފަސާދައިން އުއްމަތް ރައްކާތެރިކުރުމަށްޓަކައި، ދައުލަތް ނުވަތަ ސިޔާސީ ވެރިކަމަކީ ކިހާ މުހިއްމު އެއްޗެއްކަން، ވަރަށް ކުރިންވެސް މީހުންނަށް ވަނީ އެނގިފައެވެ. މިހެންވެ މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާނުގެފާނު ވިދާޅުވެފައިވަނީ: "ޤުރުއާނުން ނުހުއްޓުވޭ ކަންކަން، ވެރިމީހާ މެދުވެރިކޮށް މާތް ﷲ ހުއްޓުވައެވެ."

ވަކިން ޚާއްޞަކޮށް މިޒަމާނަކީ، ތަޢްލީމާއި ކޯޓުތަކާއި ޘަޤާފަތާއި މީޑިއާއާއި މިސްކިތްތަކާއި އިޤްތިޞާދާއި މުޖްތަމަޢު ފަދަ، ޙަޔާތުގެ ހުރިހާ ލަގަންތަކެއް ވެސް ދައުލަތުގެ އަތުގައި އޮންނަ ޒަމާނެކެވެ. ވީމާ އިޞްލާޙަށް މަސައްކަތްކުރާ އެކަކަށް ވެސް އެ ލަގަންތަކުގައި ނުހިފައި، ސެކިއުލާ ފަރާތްތަކުގެ އަތްމައްޗަށް އެމީހުން ހަދާނެ ގޮތެއް ހަދަން، ލަގަންތައް ދޫކޮށްނުލުވެނޭއެވެ. އެހެން ނޫނީ، އިޞްލާޙު ކުރާ މީހުން ބިނާކުރާ ކޮންމެ އެއްޗެއް، ހަލާކުކޮށް ތަޅާލުމަކީ އަނެއް މީހުންނަށް ވާނީ ވަރަށް ފަސޭހަކަމަކަށެވެ. ބިނާކުރުމަށްވުރެ ގިނަފަހަރަށް ފަސޭހަވާނީ ހަލާކުކުރުމެވެ. މީހަކު އެތައް އަހަރަކުން އުސް އިމާރާތެއް ބިނާކުރީމާ، އެހެން މީހަކު އައިސް ޑައިނަމައިޓް ބޭނުންކޮށްގެން މަދު މިނިޓުކޮޅެއްގެ ތެރޭގައި ގާ ފުންޏަކަށް ހަދަންޏާ، ބިނާކުރުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟

ދައުލަތް ނުވަތަ ސަރުކާރުގެ އަތުގައި މިހާރު މި ހުންނަހާ ބާރުތަކާއި ނުފޫޒެއް ކުރީގައި ނުހުރެއެވެ. އެކަމަކު އެއީ، ބެޓްރާންޑް ރަސަލް ބުނެފައިވާ ފަދައިން، މިޒަމާނަށް ޚާއްޞަ ކަމެކެވެ.

އަހަރެންގެ ފޮތް 'ތާރީޚުނަލް މުފްތަރާ ޢަލައިހި' ގައި ބުނެފައި ވާނީ: " އަހަރެމެންގެ ދިގު އިސްލާމީ ތާރީޚުގައި ވެސް، ދައުލަތަށް ވެސް  އަދި ބޮޑު ޚަލީފާއަށް ވެސް، އުއްމަތުގެ އަދި މުޖްތަމަޢުގެ މާކަގިނަ ކަންތައްތަކެއްގެ ބާރެއް ނޯވެއެވެ. އޭރު ދައުލަތް އޮންނަނީ ހަމައެކަނި ވެރިރަށުގައި ނުވަތަ ބޮޑެތި ޝަހަރުތަކުގައެވެ. އުއްމަތުގެ އާއްމު ރައްޔިތުން އުޅެނީ، ވެރިކަން އޮންނަ ވާދީ ނޫން އެހެން ވާދީއެއްގައި، އިސްލާމްދީނުގެ ހިޔާވަހިކަމުގެ ދަށުގައި އެމީހުންގެ ދިރިއުޅުމާއިގެން މަޝްޣޫލުވެގެންނެވެ.  އަދި ގިނަފަހަރަށް އެ މުޖްތަމަޢުތަކުގެ ކަންކަން ހިންގަން ތިބެނީ ޢިލްމުވެރި މީހުންނެވެ.

މާނައަކީ، އޭރުގައި ތަޢްލީމުދިނުން އޮތީ ޢިލްމުވެރިންގެ އަތްމަތީގައެވެ. އެމީހުން ބޭނުންވާ ގޮތަކަށް، އިސްލްމާދީނާއި ބަހާއި އަދަބާއި ތާރީޚާއި އަދި މިނޫންވެސް ތަފާތު ފަންނުގެ ޢިލްމު އުނގަންނައިދެއެވެ. އަދި ޤަޟާއީ ނިޒާމުވެސް އޮތީ ޢިލްމުވެރިންގެ އަތުގައެވެ. އެމީހުންގެ އިޖްތިހާދަށް ފެންނަށް އެންމެ ރަނގަޅު ގޮތަކަށް، ދީނުގައި އޮންނަ ގޮތަށް، ޢާއްމުންނާއި ޚާއްޞުންގެ މައްޗަށް ވެސް ޝަރީޢަތުގެ ޙުކުމްތައް ކުރެއެވެ. އަދި ފަތުވާދިނުންވެސް އޮތީ ޢިލްމުވެރިންގެ އަތުގައެވެ. އަމިއްލަ އިޚްތިޔާރުގައި މީހުން ޢިލްމުވެރިންގެ ގާތަށް ގޮސް، ދީނާއި ދުނިޔޭގެ ކަންކަމާ ބެހޭގޮތުން ސުވާލުކޮށް ފަތުވާ އަހައެވެ. ޚައިރީ ވަޤުފުތައް ވެސް ހުރީ ޢިލްމުވެރިންގެ ބެލެހެއްޓުމުގެ ދަށުގައެވެ. ވަޤުފުން ލިބޭ އާމްދަނީއެއް، ވަޤުފުކުރިމީހުން ޝަރުޠުކުރިފަދައިން ދީނަށް ގޮވާލުމަށާއި ޢިލްމު އުނގަންނައިދިނުމަށްޓަކައި މިސްކިތްތަކާއި މަދަރުސާތަކަށް، ހޭދަކުރެއެވެ.

އަމީރުންނާއި ސުލްޠާނުން (ވެރިން)، ދީނުގެ ސީދާ މަގުން ކަސިޔާރުވީ ވަގުތުތަކުގައި، އިސްލާމީ އުއްމަތް އޮތީ އުއްމަތުގެ ދީނުގައި ހިފަހައްޓައިގެންނެވެ. ޚިލާފަތުގެ ހާރު ބުރިވީމާވެސް އުއްމަތުގެ ދީން އޮތީ ވަރުގަދަކޮށެވެ. ދައުލަތުގެ ތަންފީޒީ ބާރު ވަކިވަކިވެ ބަލިކަށިވެގެން ދިޔައިރުވެސް، އުއްމަތް އޮތީ، މަދަނީ އަދި އަހުލީ އަދި އިޖްތިމާޢީ މުއައްސަސާތަކުގެ ރައްކާތެރިކަމުގެ ދަށުގައެވެ. މިހާރު މިކިޔާ 'ސިވިލް ސޮސައިޓީ' އޮތީ އުއްމަތުގެ ދީނީ އަސްލާއި ވަރުގަދަ ގުޅުމަކުން ގުޅިފައެވެ. ސަރުކާރާއި ދައުލަތުގެ ވާތައް ބަލިކަށިވިޔަސް، މުޖްތަމަޢުގެ ވާތަށް ހުރީ ވަރުގަދަކޮށެވެ.

ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެއެވެ. މިއަދު މިވަނީ އުއްމަތުގެ ބާރު ދައުލަތަށް ބަދަލުވެ، ތަޢްލީމާއި މީޑިއާއާއި، ސަގާފަތާއި ސިއްޙަތާއި، ކޯޓުތަކާއި ދީނީކަންކަމާއި، ސަލާމަތީ އަދި ޢަސްކަރީ ކަންކަމާއި، އިޤްތިސާދީ ކަންކަމާއި މިހެން ގޮސް ހުރިހާކަމެއްގެ މައްޗަށް ބާރު ހިންގާ ފަރާތަކީ މިއަދު ދައުލަތެވެ.

ވީއިރު، އިޞްލާހަށް މަސައްކަތްކުރާ މުޞްލިހަކު ކުރާ މަސައްކަތާ އިދިކޮޅަށް، ދައުލަތުން ނުވަތަ ސަރުކާރުން ކަންކަން ކުރާނަމަ، އިސްލާހުވާނީ ކިހިނެއްހެއްޔެވެ؟ އޭނާ ދިރުވާއިރު ސަރުކާރުން މަރަންޏާ، އޭނާ އެއްކުރާއިރު ސަރުކާރުން ވިއްސިވިހާލިކުރަންޏާ، އޭނާ އިރުމައްޗަށް ދިޔައިއްޔާ ސަރުކާރުން ހުޅަނގަށް ދަންޏާ ދެން ކުރެވޭނެ އިސްލާހެއް ނޯންނާނެއެވެ.

ޅެންވެރިއަކުވެސް ބުނެފައި އޮންނަނީ: "ކަލޭ ބިނާކުރީމާ އަނެކަކު ހަލާކުކުރަންޏާ، އަޅާގެއެއް ފުރިހަމަވާނީ ކޮން އިރަކުހެއްޔެވެ؟"

އަދި އެ ހަލާކުކުރާ މީހަކީ، ބޮޑެތި ހައިމާކުތަކާއި ބޭނުންވަރަކަށް ފައިސާއާއި މީހުން ލިބިފައިވާ ސަރުކާރެއްނަމަ، ހާލަތަކީ ކޮބައިހެއްޔެވެ؟

އިސްލާހަށްޓަކައި މަސައްކަތްކުރެއްވި ޢިލްމުވެރިންނާއި އިސްލާމީ ހަރަކާތްތަކުގެ މުއައްސިސުން ސިޔާސީ މައިދާނަށް ވަދެވަޑައިގަންނަންޖެހުނު، އަދި {الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ} "އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائم ކޮށް، زكاة ދީ، ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّه އަށެވެ." (އަލްޙައްޖު:41)، މިއާޔަތުގައި މިވާ ކަން ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި އިސްލާމީ ދައުލަތެއް ޤާއިމުކޮށްގެން އިސްލާހީ މަސައްކަތްކުރައްވަންޖެހުނު، ސަބަބަކީ މިއީއެވެ.

މިއާޔަތުގައި މިވާފަދަ ދައުލަތެއް، އޭގެ ރުކުންތަކާއި ޝަރުޠުތައް ފުރިހަމަކޮށް ޤާއިމުކުރާނެ މީހަކު ހުރެއްޖެނަމަ، ދައުލަތުގެ ވެރިންނަށް ޢިލްމުވެރިން ތިބުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. ވީމާ މިހާރު އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ތިއްބެވި ރައީސުންނާއި ރަސްކަލުންނާއި އަމީރުން، އެކަން އަމިއްލައަށް ކުރައްވައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

ނަމަވެސް އެމީހުން އެކަމާ ދެކޮޅުހަދައިފިނަމަ ނުވަތަ ނުކުޅެދިއްޖެނަމަ –ކުރިމަތިން ފެންނަނީ އެހެންކަމަށް-، ދީނަށް ގޮވާލާ މީހުންނާއި އިޞްލާޙާއި ބަދަލަށް މަސައްކަތްކުރާ މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ، އެމީހުން އަމިއްލައަށް މިކަން ކުރުމެވެ. މިގޮތުން  މި ލަނޑުދަނޑި ހަޤީޤަތަކަށް ހަދަން، އެމީހުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތާއި މާއްދީ މެކޭނިޒަމާއި، އިޖްތިމާޢީ ތާއީދު ހޯދުމެވެ.

ނަމަވެސް މިއީ ހަމައެކަނި ހުސް އެދުންތަކަކުން އަދި ހުސް ވާހަކަތަކަކުން ހާސިލުވާނެ ކަމެއް ނޫނެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.